އަޙްމަދު ޝަފީޤު (9 އޮކްޓޯބަރުގައި ޝާއިޢުކުރެވެނު  ބަޔާ ގުޅޭ) މިބައި ނަގައިފައި ވަނީ “ފަތްތޫރަ” މަޖައްލާގެ 147 (ޖޫން 1991) ވަނަ ޢަދަދާއި 148(ޖުލައި 1991) ވަނަ ޢަދަދުންނެވެ. __________________________ އަޅުގަނޑު ދަންނަވާދިޔަ، ޤައުމީ ކުންފުނި އުފެދުމުގެ ވިއްސަކަށް އަހަރުކުރިން، މާލެ އާއި ރާއްޖެތެރޭގައި ބައެއް ކުންފުނި އުފެދުނެވެ. “އައްޝަރިކަތުލް މަޙަލްދީބިއްޔާ” އަކީ، ޚާއްޞުންނާއި ޢާންމުން ބައިވެރިވުމަށް އުފެއްދި ޚާއްޞަ ވިޔަފާރި ޖަމާޢަތެކެވެ. މި ދެންނެވި ކޮންމެ ކުންފުންޏެއް ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ނާކާމިޔާބު ވެގެން…

އަޙްމަދު ޝަފީޤު

(9 އޮކްޓޯބަރުގައި ޝާއިޢުކުރެވެނު  ބަޔާ ގުޅޭ)

މިބައި ނަގައިފައި ވަނީ “ފަތްތޫރަ” މަޖައްލާގެ 147 (ޖޫން 1991) ވަނަ ޢަދަދާއި 148(ޖުލައި 1991) ވަނަ ޢަދަދުންނެވެ.

__________________________

އަޅުގަނޑު ދަންނަވާދިޔަ، ޤައުމީ ކުންފުނި އުފެދުމުގެ ވިއްސަކަށް އަހަރުކުރިން، މާލެ އާއި ރާއްޖެތެރޭގައި ބައެއް ކުންފުނި އުފެދުނެވެ. “އައްޝަރިކަތުލް މަޙަލްދީބިއްޔާ” އަކީ، ޚާއްޞުންނާއި ޢާންމުން ބައިވެރިވުމަށް އުފެއްދި ޚާއްޞަ ވިޔަފާރި ޖަމާޢަތެކެވެ. މި ދެންނެވި ކޮންމެ ކުންފުންޏެއް ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ނާކާމިޔާބު ވެގެން ނިމިދިޔައެވެ.

ވިހިވަނަ ޤަރުނަށް އެޅިގެން، 1940އާ ހަމައިން، އަޅުގަނޑުމެންގެ ވިޔަފާރީގެ ގުޅުން އޮތީ އިންޑިޔާއަށާއި އޮޅުދޫކަރަ އަށެވެ. އަހަރެއްގެ ތެރޭގައި ދަތުރެއް ދެދަތުރެއް، އިންޑިޔާއަށް ކުރެވެއެވެ. ސަރުކާރުގެ ދެނަވެއްގައި ސަރުކާރުގެ ކޮފްރާއާއި، ކާށި ހިފައިގެން އިންޑިޔާއަށް ދެއެވެ. ރާއްޖެތެރޭގެ ބައެއް އަތޮޅުގެ އޮޑިފަހަރުގައި އަމިއްލަ ގޮތުންވެސް މިދަތުރު ވަރަށް ފަހަކާޖެހެންދެން ކުރިއެވެ.

1947 ވަނަ އަހަރާޖެހެންދެން ސިޔާސީ ގޮތުން އިންޑިޔާއާއި އޮޅުދޫކަރައަކީ، އަދި 1948ގެ އެޕްރީލާ ހަމަޔަށް ދިވެހިރާއްޖެ އަކީ، އިނގިރޭސީންގެ އަތްދަށުގައިވާ ތަންތަނެވެ. ދެވަނަ ބޮޑުހަނގުރާމައިގެ ބިރުވެރި ދަތިދުވަސްތައް ހިނގާދިޔައިރު، ދިވެހިރާއްޖޭގެ ބޭރު ބާޒާރަކީ ހަމައެކަނި “ކޮޅުނބު” ކަމަށް ވެފައި ވެއެވެ. އެދުވަސްތަކުގައިވެސް އަދި އޭގެކުރިންވެސް، ދިވެހިރާއްޖެއަށް އިޤްތިޞާދީ ގޮތުން ލިބިފައިވާ އެންމެ ބޮޑު މިނިވަންކަމަކީ، ދިވެހިން ބޭރު ބަޔަކަށް ދަރާފައިނެތްކަމެވެ. އަބަދުވެސް އޮތީ އަރަނީގެ ލިސްޓުގައެވެ.

ތިރީގައި އަޅުގަނޑު މިބަޔާންކުރާ ޓޭބަލްތަކުން، މިދެންނެވި ޙަޤީޤަތް ފާޅުކޮށް އެނގިގެންދާނެއެވެ.

ދިވެހިރާއްޖެ އިން ސިލޯނަށް ކުރެވުނު އެކްސްޕޯޓް(1941 އިން 1945އަށް)

wp_20161022_13_10_38_pro-2

wp_20161022_13_10_01_pro-2

މަތީގައި ދައްކާފައިވާ ޓޭބަލްގައިވާ ފަސްއަހަރުގެ ތަފާސް ހިސާބަށް ބެލިއިރު ރާއްޖޭގައި ތިބީ، މަސައްކަތްކޮށް އުޅެވޭ ފުރާވަރުގެ ސާޅީސް އެތައްހާސް މީހުންނެވެ. ފަންސާސް ހާހެއް ހަމައެއް ނުވެއެވެ.

އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ދިވެހިރާއްޖޭގެ އިޤްތިޞާދީ ކަންކަމާއި އުފެއްދުންތެރިކަން ކުރިއަރުވަން ދުނިޔޭގެ އެކިއެކި ތަންތަނުން ފަންނާނީ މާހިރުން ގެންނަންފެށީ ނުވަތަ އަންނަންފެށީ ފުރަތަމަ 1951 ވަނަ އަހަރު ތެރޭގައެވެ. މިގޮތުން ގެންވުނު މީހުން ކިބައިން އަޅުގަނޑުމެން މަޢުލޫމާތު ލިބިގަތީ ރާއްޖޭގެ ހުސްބިންތަކުގައި ދަނޑުވެރކަން އާލާކުރުމުގެ ގޮތުންނެވެ.

ދަނޑުވެރިކަމުން ކާބޯތަކެއްޗާއި އާމްދަނީ އިތުރުކުރުމަށް ފަށައިގަތުމަށް ކޮންމެ އަތޮޅެއްގައި އެކަމަށް ޖަމްޢިއްޔާއެއް އުފައްދައި، އެކަންކަމުގެ މަޢުލޫމާތު އެކިއެކި ޚާޢްޞަ މީހުންނަށް ހޯދައިދީ އަދި އެކަމަށް ފޮތްލިޔެ ޗާޕްކޮށް ޝާއިޢުކުރެވުނެވެ. އެންމެ ބޮޑު ބާރެއް އެޅުނީ ދިވެހިރުއް އިންދާ ހައްދާނޭ ހަމަތަކުގެ މައްޗަށެވެ. މިކަމުގެ އެއްކަމަކަށް ކަނޑާ ކޮންމެ ރުކަކަށް ފަސްރުއް އިންދުމަށް ޤާނޫނީ ގޮތުން ހަމަޖެހުނެވެ. ބައެއް ފަޅުރަށްރަށާއި، މީހުން އުޅޭ އެކިއެކި ރަށްރަށުގައި މިއާ ގަވާއިދުން ރުއް އިންދާ ހެއްދުނެވެ. އެދެވޭ ގޮތަށް ޢަމަލު ކުރެވުނު ތަންތަނުން ރަނގަޅު ނަތީޖާ ފެނުނެވެ.

ރާއްޖެތެރޭގެ ރަށްރަށުގެ ހުސްބިމުގައި ހައްދާ ރުއްގަހަކީ އެރަށެއްގެ ރައްޔިތުންގެ ނުވަތަ ސަރުކާރުގެ ތަކެތިކަމުގައި ހެދުމަށާއި، ގެދޮރާއި ގޯތި، އިންވަކިކޮށްގެން ސަރަޙައްދު ކަނޑައެޅުނެވެ. އަދި މީސްމީހުންގެ މައްޗަށް އެއިން ކޮންމެ

ގޯއްޗެއް ރަޖިސްޓަރީކޮށް އެތަނެއްގައި އެބައެއްގެ އަމިއްލަ ރުއްގަސްހެއްދުމަށް ނިމުނެވެ. ނަމަވެސް ޟަރޫރީ އެތައް ސަބަބަކަށް ޓކައި މިކަން އެދުވަސްވަރަކު ފުރިހަމަޔަކަށް ނުހިންގުނެވެ. ކުރެވުނު މަސައްކަތުން ތަޖްރިބާކުރެވުނީ، އަދި އެކްސްޕާޓުންގެ އެންމެފަހުގެ ލަފާ ލިބުނީ، ދިވެހިން އާމްދަނީ ހޯދުމަށް އެންމެ ތަނަވަސް މަގެއް ހޯދޭނީ ދިވެހިރާއްޖޭގެ ކަނޑުފަޅުން ހޯދިދާނެ މަންފާއެއް ހޯދަން އުޅެގެން ކަމަށެވެ. މިކަމަށް ފުރަތަމަ ފިޔަވަޅެއްގެ ގޮތުން މިރޮނގުން އުނގެނުމެއް ލިބޭތޯ އުޅުމަށް ހަމަޖެހުނެވެ.

ދިވެހިންގެ ޤައުމީ އިޤްތިޞާދު ކުރިއަރުވާނެ އައުމަގުތަކެއް ހޯދުމަށް މިދެންނެވި ދުވަސްވަރު ކުރެވުނު ކަންކަމުގެ ތެރޭގައި “ޝިޕިންގލައިން” އެއް އުފެއްދުމުގެ ޚިޔާލު ދެވަނަފަހަރަށް ދިވެހި ޒުވާން ބައެއް ޚާއްޞުން ކުރަން ފެށިއެވެ.

އާގުބޯޓުފަހަރު ދުއްވުމުގެ ޚިޔާލަކީ، 1932މ.ވަނައަހަރު ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީ ފާސްވުމާ ގުޅިގެން

ވެސް ނުކުތް ޚިޔާލެކެވެ. ރައްޔިތުންގެ މަޖްލިސަށް އެންމެ ފުރަތަމަ ހުށަހެޅުނު ބިލްތަކުގެ ތެރޭގައި “އާގުބޯޓެއް ނުހޯއްދަވައި ތިއްބެވުން ހެޔޮނުވާނެ” ކަމަށް ފެނިގެންނެވެ. ބިލްފާސްވި ނަމަވެސް ޢަމަލީ ސިފައެއް ނައިސް ނިމިދިޔައެވެ. އަދި ހަމަ އޭރު، “އެމް.ވީ. ފަތުޙުއްސަލާމް” ގެ ނަމުގައި 1929މ. ގެ ތެރޭގައި ޕާނަދުރާގައި ބަނދެ ބާލައިފައިވާ 200 ޓަނުގެ އިސްޓީމް ބޯޓެއް އޮތެވެ. މިއީ ރިޔަލުގެ ބޭނުންވެސް ކޮންމެވެސް ވަރަކަށް ކުރެވިދާނެ ގޮތަކަށް ނަވެއްގެ ސިފަޔަށް އޮތް ބޯޓެކެވެ. ސަރުކާރުގެ މިބޯޓަށް “މޮޓަރުބޯޓް” އަދި “ގަރުބައިގެ މޮޓަރު” މި ގޮތްގޮތަށް ނަންކިޔައި އުޅުނޫއެވެ.

އާގުބޯޓް ފަހަރު ދުއްވުން ކުރިޔަށްވުރެން ހަރުދަނާކޮށް އަލުން އުފެދި ޢަމަލީ ސިފައައެވެ. ޤައުމީ ކުންފުނި އުފެދިގެން އޭގެ ގޮތްޕެއް، އެމް.އެން.ޓީ.ސީ ގެ ނަމުގައި ސިލޯނުގައި ހިންގަން ފެށުމާ ގުޅިގެންނެވެ. ފުރަތަމަ އާގުބޯޓަކީ “އެސް.އެސް.

މޯލްޑިވްސް އިސްޓާރ” ގެ ނަމުގައި ހިންގަންފެށި ބޯޓެވެ. ހަމަ މިދުވަސްވަރު “ގިލްއަމީން ކޮންޕެނީ” ގަ ނަމުގައި ވެސް

“ދިވެހި ބިދޭސީ” ކުންފުންޏެއް އުފެދި ވަގުތާއި ޙާލަތު ދިމާވި ގޮތުން ކުޑަދުވަސްކޮޅެއްގެ ތެރޭގައި އުވިދިޔައެވެ.

އާދެ، ވަގުތާއި ޙަލަތު ތަންނުދޭތީ އޭރުގެ އަޅުގަނޑުމެންގެ މަސައްކަތް ނާކާމިޔާބުވީއެވެ. މިދަނޑިވަޅުގައި ފިޠުރަތުގެ ޤާނޫނެއް ހަނދާންކޮށްލުން ބޭނުމެވެ. ޝައްކެއް ނެތެވެ! “ވަހާ ދުވާ ރަހަލާ މީރު” މޭވާޔާއި މާމެލާމެލީގެ ބަގީޗާއެއް އުފެދިގެންދަނީ ހިކިފަސް ސަހަރާއަކަށް ޖަހާލާ ދެތިން ފެންތިއްކަކުން ނޫނެވެ. ރަޙްމަތުގެ ވާރޭން ބިންގަނޑު ރަނގަޅަށް ތެމިލުމުންނެވެ. ދިވެހިންގެ ޤައުމީ އިޤްތިޞާދީ ބިމަށް އެކަށޭނަ ދިރުން ލިބެން ފެށީ ބަދަލުވަމުންދާ ޒަމާނާ ގުޅޭ ތަޢުލީމް ދިވެހިދަރިންނަށް ލިބުން ޢާންމުވާން ފެށުމުންނެވެ. އަދި ބައިނަލް އަޤްވާމީ ބިންތަކަށް ދިވެހިންގެ ކުޅުންތެރި ޒުވާނުންނަށް ނިކުމެވޭން ފެށުމުން މެއެވެ. މިމޫސުން އައުމުން ދިވެހިންގެ އެއްގަމާއި ކަނޑަށް، ބަލާލެވުނު ހިނދު ކަނޑުން ލިބެން ހުރި މަންފާތައް ހޯދަން އުޅުމަށްވުރެ މޮޅު ގޮތެއް ނެތް ކަމަށް ޔަޤީން ކުރެވުނެވެ. މިޚިޔާލުތައް ފެތުރިގަތް ވަގުތު އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ފޮނުއްވި މަސްވެރިކަމުގެ ޚާއްޞަ މާހިރު މިސްޓަރ ކޯލް، 1960 ހާތާނގައި މާލެ ވަޑައިގެން ރާއްޖެތެރޭގެ ބައެއް އަތޮޅުތައް ސާރވޭކުރެއްވިއެވެ. ފާދިއްޕޮޅުގައި ކުރެއްވި މަސައްކަތްތަކުގައި އެވަގުތު ހުރި އަތޮޅުވެރިޔާގެ ގޮތުން އަޅުގަނޑަށްވެސް ބައިވެރިވެވުނެވެ.

އަޅުގަނޑަށް ލިބިފައިވާ މަޢުލޫމާތު ކުށްކަމަށް ނުވާނަމަ، މިސްޓަރ ކޯލްގެ ހޯއްދެވުންތަކުގެ މައްޗަށް ވަރަށް ތަފްޞީލް ރިޕޯޓެއް ހުށަހެޅުއްވިއެވެ. އޭގައިވާ މުހިންމު ގިނަ ކަންކަމަށް ތަންކޮޅެއް ފަހުންނަމަވެސް ޢަމަލީ ސިފައެއް އައިސް

އެކަންކަން ކާމިޔާބުވިއެވެ.

މަސްވެރިކަމުގެ މާހިރެއްގެ ގޮތުން ދިވެހިރާއްޖެއަށް ގެނެވުނު އެންމެ ޚާއްޞަ ބޭކަލެއްކަމަށް އަޅުގަނޑު ދެކެނީ، މިސްޓަރ ކޯލްގެ ފަހުން ހަމަ އެދުވަސްވަރުތެރޭ ގެނެވުނު މިސްޓަރ ސަތޯއެވެ. ޖަޕާނުގެ މިޢިލްމުވެރިޔާގެ ހޯއްދެވުންތަކުން އެކަށޭނަ ރަނގަޅު މަގު އަޅުގަނޑުމެންނަށް ފެނުނެވެ. އަދި އޭނާ ހޯއްދެވި ފައިދާވެސް ކުޑައެއް ނޫން ކަމަށް އަޅުގަނޑު ދެކެމެވެ. ކޮންމެވެސް ވަރަކަށް ދިވެހި ޒުވާނުންކޮޅަކަށް ބޭރު ތާކުން ފުރަތަމަޔަށް މަސްވެރިކަމުގެ ތަމްރީނު ލިބުނީ އެދުވަސްވަރުއެވެ. އަދި ބޭރުން ފުރަތަމަ ގެނެވުނު މަސްބޯޓް “މުލެޓް” 1963މ. ގައި ޖަޕާނުން މާލެ ގެނެވި، އަލަށް ތަމްރީނު ލިބުނު ދިވެހި މަސްވެރިން 1964މ.އިން ފެށިގެން ލޭނު މަސްވެރިކަން ކުރަން ފެށުނެވެ.

ދިވެހިންގެ ފުރަތަމަ މަސްބޯޓް “މުލެޓް” އަކީ، ލޭނު މަސްވެރިކަމާއި، ދޮށީމަސްވެރިކަން ކުރެވިދާ ފަދަ ގޮތަކަށް އޮތް ބޯޓެކެވެ. މިބޯޓް ރާއްޖެތެރޭގައާއި މަސްކަނޑުގައި ދުއްވުމަށްޓަކައި ކަމަށް ހޭނުމުގެ ގޮތުން މަޖީދިއްޔާ ސްކޫލުން ދަރިވަރުންކޮޅަކާއި، ސިފައިންގެތެރޭންނާއި މާލޭތެރޭން މީހުންހޮވައި އެ ބޯޓަށް ލެވުނެވެ. މިސްޓަރ ސަތޯގެ އަތްޕުޅު ދަށުން ދިވެހިންގެ ވެރިޔަކަށް އުޅުއްވީ، އަލްފާޞިލް މައިޒާން ޢުމަރުމަނިކެވެ. އަދި އޭނާއަކީ، އެބޯޓްގެ ރޭޑިއޯ ޓެލެފޯން

އޮޕަރޭޓަރެވެ. މީނާއަކީ، މިރާއްޖޭގެ ފުރަތަމަ ވެލްޑިންގ މަސައްކަތްފެށި ދިވެހިދަރިޔާއެވެ.

މިބޯޓް ހިންގަންފެށިތާ ގިނަ ދުވަސްތަކެއް ނުވަނީސް(1966 ވަނަ އަހަރުހާ ތާނގައި) މަސްބޯޓް ދުއްވުމުގައި ބޭނުންވާ އެނގުންތަކެއް އުނގެނެމުގެ ކޯހަކަށް ދިވެހިދަރިޔަކު ޖަޕާނަށް ފޮނުވުނެވެ. ދިވެހިސަރުކާރުގެ ހުށަހެޅުއްވުމަކަށެވެ. އުންމީދާއެކު، މި އައު މަގަށް އަޅުގަނޑުމެން ކުރިމަތިލީ ނަމަވެސް ބޯޓު ހިންގައިގެން ލިބެމުންދިޔަ އެއްޗަކާ ޚަރަދާ ނުވެގެން އެމަސައްކަތް ހުއްޓާލާން ޖެހުނެވެ. އަދި ހަމަ އެދަނޑިވަޅު ކުރީން ދަންނަވާފައިވާ މިސްޓަރ ކޯލްގެ މަޝްރޫޢުގެ ތެރޭން ޓާއޮސް މޮޑެލްގެ ކުޑަ ތިންބޯޓު ބޭރުން ރާއްޖެއަށް ގެނެވި، ރާއްޖެތެރޭން، ކަމަށް އެކަށީގެންވާ ދެތިން ބޭކަލަކަށް ދިގު މުއްދަތަކަށް އަގުހަމަކުރާ ގޮތަކަށް ޙަވާލުކޮށްގެންވެސް މަސްވެރިކަމުން އެކަނި ފައިދާ ނުހޯދިގެން ނާކާމިޔާބުވީއެވެ.

އަހަރުތަކުގެ ޤާފިލާޔާއެކު ދިވެހިންގެ ޤައުމީ އިޤްތިޞާދު އޭގެ ނާރެހުގެ ވަށައިގެން އެނބުރެމުން ސެނބުރެމުން އައުމުގައި

ކުރިމަތިވި އެންމެ މުހިންމު އެއް ވަގުތަކީ “އާރ.އޭ.އެފް.ގެ ބޭސް” އެއް ދެވަނަ ފަހަރަށް އައްޑުއަތޮޅުގައި ބިނާކޮށް ހިންގި ދައުރެވެ. އެއީ 1965މ. ވަނަ އަހަރުން 1976 ވނަ އަހަރުގެ މާޗްގެ ނިޔަލަށެވެ. އެދުވަސްތަކުން ދިވެހިންގް އިޤްތިޞާދަށް ވަރަށް ވެސް ބޮޑު އަސަރުތަކެއް ކުރިކަން ކަށަވަރެވެ. އެއްކަމަކީ، ސްޓާލިނ ޕައުންޑް އަޅުގަނޑުމެންގެ ތެރޭގައި ފެތުރޭން ފެށުމެވެ. ނުކިޔަވައި ތިބެގެންވެސް ދުނިޔޭގެ އެންމެ ތަހުޒީބާ މިލިގެން ވިޔަފާރީގެ ސިއްރުތަކެއް އެނގި، އޭގެ ބޭނުން ކުރާނޭ ގޮތް އެނގެމުން ދިޔައެވެ. ދިވެހިންގެ އުފެއްދުމާއި، މަސައްކަތާއި، ޚިދްމަތުން ބޭރުގެ “ހަރުފައިސާ” އަކުން އަގު ލިބޭން ފެށުނެވެ. ފުރަތަމަކޮޅުގައި އެމަންފާ ޙަވާލުކޮށްފައި އޮތީ ދިވެހި ސަރުކާރާއެވެ. ފަހުން ސީދާގޮތުގައި އައްޑު އަތޮޅުގެ އަފްރާދުންނަށާއި. އެމީހުންގެ އަތްމަތިން އެނޫން މީހުންނަށް ލިބޭން ފެށިއެވެ. މިކަންކަމުގެ ނަތީޖާއެއްގެ ގޮތުން މަޑުމަޑުން ނަމަވެސް ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު މަތިވާން ފެށިއެވެ. މަޝްހޫރު “އައްޑޫ މައްސަލަ” ނިމިގެން ދިޔުމާއެކު ފުރަމާލޭގެ ބާޒާރަށްވެސް މުއްސަނދިކަން ލިބޭން ފެށީއެވެ.

އައްޑުއަތޮޅުގައި އިނގިރޭސިންތިބިހާ ދުވަހު އެތަނުން ލިބެމުންދިޔަ ކުއްޔާއި، އިނގިރޭސީން އެތަން ދޫކޮށްލި ދުވަހުން ފެށިގެން ލިބޭ މަންފާއާއި، ހުރި މުދަލާއި، އިމާރާތްތަކަކީ ޤައުމީ މިލްކިއްޔާތު ކަމަށް ވެގެން ދިޔައެވެ. އަޅުގަނޑު ވިސްނާއިރު، ސަތޭކަ އެތައް މިލިޔަން ޕައުންޑްގެ އަގު ގައުމުގެ ސަރަޙައްދުގެ ތެރޭގައި ހިމެނިގެން ވާނެއެވެ. ގަމުގައި އިނގިރޭސިން ހެދި އެއަރޕޯޓާއި ހުޅުލޭގައި އެމީހުން ހެދި ދަގަނޑުފިލާ އެޅި ރަންވޭއަކީ، މިހާރު އަޅުގަނޑުމެންގެ އިތުރު މަސައްކަތުން ދުނިޔެއަށް ހުޅުވައިދީފައިވާ އަޅުގަނޑުމެންގެ ޤައުމީ އިޤްތިޞާދުގެ ޚާއްޞަ މައިދާންތަކެވެ.

އައްޑު އަތޮޅުގައި “ވިޔަފާރި” ހިނގަމުން ދިޔައިރު ކުރިން ދަންނަވައިދިޔަ، އަޅުގަނޑުމެން ފުރަތަމަ އުފެއްދި ޤައުމީ ކުންފުނީގެ އިތުރަށް ވިޔަފާރީގެ ވަރަށް ބޮޑު ދެތިން ކުންފުންޏަކާއި، ބައެއް ޚާއްޞަ އަމިއްލަ ކުންފުނި އުފެދުނެވެ. ހަމަ އެހެންމެ ޤައުމީ ކުންފުނި ފަށައިގަތް ދުވަސްވަރު “މ.ރ.ޖަމްޢިއްޔާ” (މިނި ރަނގަޅުކުރާ ޖަމްއިއްޔާ) ގައި ޑޭރީ ފާމެއްވެސް އަލަށް ހިނގަން ފެށުނެވެ. ބޮޑެތި ކުންފުނީގެ ތެރޭގައި މައިޓްކުންފުނި (މޯލްޑިވިއަން އިނޑްސްޓްރިއަލް ޓްރޭޑް އެސްޓެބްލިޝްމެންޓް) އާއި “އޯކިޑް” ކުންފުނީގެ ނަމުގައި ހިނގާ ކުންފުންޏަކާއި “ސިނަމާކުންފުނި” މި ނަމުގައި ފެށި ކުންފުންޏެއް ވެއެވެ. ފަހުން ބައެއް އަމިއްލަ ކުދި އެތައް ކުންފުންޏަކާއެކު މިހުރިހައި ތަނެއް އުވުނެވެ. “ގައުމީ ކުންފުނި”

ހިންގާން ފެށު ދުވަސްވަރު “އަތޮޅު މާލިއްޔަތު” ގެ ނަމުގައި ގިނަ އަތޮޅުގައި ވިޔަފާރި ހިންގަން ފެށިއެވެ. ފަހުން “އެޓޮލް ޓްރޭޑިންގ ސެންޓަރ” ގެ ނަމުން ދައުލަތުގެ އެހީއާއެކު، މަތީ ކެޕިޓަލަކުން މިވިޔަފާރި އައުކުރެވުނެވެ.

އާދެ، ނާކާމިޔާބުގެ ތެރޭން ކާމިޔާބީއަކަށް މެދުކެނޑި އުއްމީދުކުރަމުން އައި ޝިޕިނގ ލައިނެއް އުފެދުން ދިވެހިން ދުށީ ބޭރުގެ އެހީއާއެކުގައެވެ. “މޯލްޑިވްސް އިންވެސްޓްމަންޓް(ލަންޑަން) ލިމިޓެޑް” ރަޖިސްޓަރީވީއެވެ. މިތަނުގެ ފުރަތަމަ ބޯޓަކީ

އެމް.ވީ.މޮންޑާރާ(ފަހުން މޯލްޑިވް މެރިނަރ) އެވެ. ދިވެހި ދިދައިގައި ފުރަތަމަ ދަތުރުކުރި “ޝިޕިންގ ލައިން” ގެ ބޯޓަކީ

1966 ގައި ދަތުރަށް ފެށި “ދިއްފުށިމާދު” އެވެ. މުޅިން އަމިއްލަ ތިރީސް އެތައް ބޯޓަކާއި އެކިވަރުން ޙިއްޞާކުރެވިގެން

ދުއްވި އެތައް ބޯޓަކާއެކު، ފަންސާސް އެތައް ބޯޓެއް ދިވެހި ޝިޕިނގ ލައިންގައި ހިމެނިގެން ދިޔަ ދުވަސްވަރު ދިޔައެވެ. އެތެރެވަރީގައި (ނިސްބަތުން) އެންމެ ގިނައީ ދިވެހިންގެ ބޯޓުފަހަރު ކަމަށް ވެގެން ދިޔައެވެ. ދިވެހިންގެ އިޤްތިޞާދީ ތާރީޚުންވެސް ދައްކާގޮތުގައި، ތެދުވެރިކަމާއެކު ސާބިތުވެ ތިބުމަކީ ގިނަ ދިވެހިންގެ ކިބައިގައި ކޮންމެހެން ހުންނަންވެއްޖެ ސިފައެއް ކަމަށް ފެނެއެވެ.

ދިވެހިންގެ ދިރިއުޅުމުގެ މައިގަނޑު މަސައްކަތަކީ، އަދި އާމްދަނީގެ ބޮޑު ބަޔަކީ ، އެހާރާއި މިހާރު(ޔަޤީންކުރެވޭ ގޮތުގައި) ފަހުންވެސް ކަނޑުމަސްވެރިކަމެވެ. މިއީ އަޅުގަނޑުމެންގެ އުފެދުމާވެސް ގުޅިފައިވާ ކަމެކެވެ. އެހެން ކަމުން “ބޯދާ ގޮތްތައް ސީދާކުރަމުންނޭ ދާމަގު ބޯދީ ބަލަމުން” ކުރިއަރަމުންދާ ޒަމާނާ ގުޅޭ ގޮތަކަށް ދިވެހިންގެ “މަހަށް ދިޔުން” ބަދަލުކުރަން މަޖުބޫރު ވެއްޖެއެވެ. އެހެނީ، ދިވެހިންގެ ހިކިމަހުގެ ބޭރުގެ ބާޒާރަކީ ހަމަ އެކަނި ސްރީލަންކާ ކަމަށް ހަމަޖެހިގެން ވާންނެތް ދުވެސް އަތުވެއްޖެއެވެ. ދިވެހިމަހާ އެއްގޮތަށް އަދި އެއަށްވުރެ ވެސް ޞިއްޙީގޮތުން ރައްކާތެރިކޮށް ހުންނާނޭ ގޮތަށް، ސްރީލަންކާ އާއި އެނޫންވެސް ތަންތަނުގައި ހިކިމަސް ތައްޔާރުވެދާނޭ ކަމުގެ ބިރުވެރި ޚަބަރު ދިވެހިންނަށް ލިބެން ފެށީއެވެ.

ދިވެހި ސަރުކާރުން އެދަނޑިވަޅު، އަނެއްކާވެސް އައުމަގުތަކެއް ހޯއްދެވުމަށް މަސައްކަތް ފެޢްޓެވިއެވެ. ބޭރުގެ ޢިލްމުގެ މާހިރުން ދެއްވައިފައިވާ ލަފާގެވެސް މަތީން، ހުޅުލޭގައި “ބޯޓްޔާޑް” ގެ ނަމުގައި ހަރުގެ އަޅައިގެން އައު މޮޑެލަކަށް

މަސްދޯނިފަހަރު ތައްޔާރުކުރަން ފެށުނެވެ. ރާއްޖެތެރޭގެ ބައެއް ރަށްރަށުގައި، މަސް ކައްކާ ހިއްކާ ތައްޔާރުކުރާނޭ އައު ރަނގަޅު ގޮތްތަކެއް ރޭވޭތޯވެސް ބެލުނެވެ. ބޯޓްޔާޑުގައި އެފަހަރު ތައްޔާރު ކުރެވުނު މަސް އުޅަނދުތަކަކީ، ދޮށީގެ މަސްވެރިކަމަށް ފަސޭހަ އުޅަނދުފަހަރަށް ނުވެގެން ބޭނުން ކެނޑުނީއެވެ. އެކަމަކު މެދުނުކެނޑި ތަދުބީރާއެކު ކުރެވެމުން ދިޔަ މަސައްކަތުން އެންމެ ފަހުން 1974މ. ގައި ކާމިޔާބު ނަތީޖާ ލިބުނެވެ. ދިވެހި މަސްދޯނިފަހަރުގެ ސިފަޔަށް ބޭރާއި އެތެރޭގެ މަސައްކަތް ހިންގައިގެން އިންޖީނާއި ރިޔަލުގެ ބޭނުން ކުރެވޭ ގޮތަށް ބަނދެވުނު މަސްދޯނި ފަހަރުން ކާމިޔާބު ވީއެވެ.

                          (ނުނިމޭ)

                ——————————————————–

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment