އެންމެ ފަހުން، ބަލާލެވުނީ އަލްބަޤަރާ ސޫރަތުގެ ފުރަތަމަ ބައިގެ ފުރަތަމަ އާޔަތުގެ މައްޗަށެވެ. ވަކިކުރެވިފައިވާ އަކުރުތަކުގެ މައްޗަށެވެ. ދެން މިބައިގައި ހިމެނޭ އަނެއް ހަތަރު އާޔަތް، އާދެ، ދެވަނަ އާޔަތުން ފެށިގެން ފަސްވަނަ އާޔާތުގެ ނިޔަލަށް، ބަލައިލާން ފަށަމާތޯއެވެ. ދެވަނަ އާޔަތުގައިވަނީ ” ذلك الكتاب لا ريب فيه هدى للمتقين”، މިފޮތަކީ، އެއްވެސް ޝައްކެއްނެތް ގޮތުގައި، ތަޤުވާވެރިންނަށް އޮތް މަގުދެއްކުމެކެވެ، މިހެންނެވެ. މިއާޔަތުގައި ހިމެނޭ މުހިއްމު ލަފްޒުތަކުގެ މާނައިގެ މައްޗަށް ބަލައިލަމާ ތޯއެވެ. މިއާޔަތް…

އެންމެ ފަހުން، ބަލާލެވުނީ އަލްބަޤަރާ ސޫރަތުގެ ފުރަތަމަ ބައިގެ ފުރަތަމަ އާޔަތުގެ މައްޗަށެވެ. ވަކިކުރެވިފައިވާ އަކުރުތަކުގެ މައްޗަށެވެ. ދެން މިބައިގައި ހިމެނޭ އަނެއް ހަތަރު އާޔަތް، އާދެ، ދެވަނަ އާޔަތުން ފެށިގެން ފަސްވަނަ އާޔާތުގެ ނިޔަލަށް، ބަލައިލާން ފަށަމާތޯއެވެ.

ދެވަނަ އާޔަތުގައިވަނީ ” ذلك الكتاب لا ريب فيه هدى للمتقين”، މިފޮތަކީ، އެއްވެސް ޝައްކެއްނެތް ގޮތުގައި، ތަޤުވާވެރިންނަށް އޮތް މަގުދެއްކުމެކެވެ، މިހެންނެވެ. މިއާޔަތުގައި ހިމެނޭ މުހިއްމު ލަފްޒުތަކުގެ މާނައިގެ މައްޗަށް ބަލައިލަމާ ތޯއެވެ.

މިއާޔަތް ފެށިފައިވަނީ ذلك މިލަފްޒުންނެވެ. މާނައަކީ ‘އެއީ’ އެވެ. އަރަބިބަހުގައި، މިލަފްޒު ބޭނުން ކުރެވެނީ ދުރުގައިވާ އެއްޗަކަށް އިޝާރަތް ކުރުމަށެވެ. الكتاب ގެ ލަފްޒީ މާނައަކީ ލިޔެވިފައިވާ ލިޔުމެވެ. ފޮތެއް، ސިޓީއެއް، ލިޔެވިފައިވާ ޚިތާބެއް ފަދަ ކޮންމެ އެއްޗަކީ ‘ކިތާބެ’ކެވެ. މިއާޔަތުގައިވާ ‘އަލްކިތާބު’، ‘ފޮތް’ މިއިން އިޝާރަތް ކުރެވެނީ ކީރިތި ޤުރްއާނަށެވެ. އެފޮތުގައި ބަޔާން ކުރެވިފައިވާ ވާހަކަތަކަށެވެ. ކީރިތި ޤުރްއާން، މިފޮތް، ‘ކައިރީގައި’ އޮވެމެ، އެފޮތަށް ދުރުގައި އޮތް އެއްޗެއް ފަދައިން އިޝާރަތް ކުރެވިފައިވަނީ ފޮތުގެ ޤަދާސަތާއި ޢަޠަމަތްތެރިކަން، އާދެ، ފޮތުގެ މާތްކަމާއި މަތިވެރިކަން، ބަޔާންކުރުމުގެ ގޮތުންނެވެ. މިމާނައަށް ރިއާޔަތްކޮށް، ذلك الكتاب އަށް ބަލައިލުމުން، މިއިބާރާތުން ދޭހަވާ މާނައަކީ ‘މި މާތް މަތިވެރި ފޮތަކީ …’، މިއެވެ. އާދެ، ކީރިތި ޤުރްއާނަކީ މުސްލިމުން އިންތިހާ ދަރަޖައަށް ގަދަރު ކޮށް މާތްކޮށް ހިތާ ފޮތެކެވެ. އެފޮތުގައި ވަނީ، މުސްލިމުން ގަބޫލުކުރާގޮތުގައި، މާތްﷲގެ ކަލާމްފުޅެވެ.

ريب ގެ މާނައަކީ ޝައްކާއި ކުށްހީތަކެވެ. ޝައްކަކީ ހިތުގައި ކަމެއްގެ ތެދުކަން ނުވަތަ އެކަމަކީ ހަގީގަތެއްކަން ޔަގީނުގެ ދަރަޖައަށް ގަބޫލުކުރުމަށް ހުރަސް އަޅާ ހުރަސްތަކެވެ. لا ريب فيه (އޭގައި ޝައްކެއް ނެތެވެ) މި އިބާރަތް މާނަކުރުމުގައި މިއިބާރާތުގައިވާ އަކުރާއި ބަދަލުނަން، ‘فيه’، ‘އޭގައި’ – ކީރިތި ޤުރްއާނުގައި – އާޔަތުގެ ދެބަޔަކާއި ގުޅުވާލެވިދާނެ އެވެ. އެއް ގޮތަކީ، ‘އޭގައި ޝައްކުނެތުން’ އާޔަތުގެ ފުރަތަމަ ބަޔާ، އާދެ، ‘ފޮތާއި’ ގުޅުވާލުމެވެ. އޭރުން ދޭހަވާ މާނައަކީ، ‘އެފޮތުގައި، އެބަހީ، ކީރިތި ޤުރްއާނުގައި އެއްވެސް ޝައްކެއްނެތެވެ، މިމާނައެވެ. އާދެ، ކީރިތި ޤުރްއާނުގައި އެއާމެދު އެއްވެސް ޝައްކެއް އުފުދޭ ވާހަކައެއް، ބަޔާނެއް ނެތެވެ.  އެފޮތުގައި އައިސްފައިވަނީ ތެދު ހަގީގަތެވެ. ހަގީގަތާ ޚިލާފު އެއްވެސް ދޮގު، ބާތިލު ވާހަކައެއް އެފޮތުގައި ނުވެއެވެ. އެހެނީ އެފޮތަކީ، އެއްވެސް ޝައްކެއްނެތްގޮތުގައި މާތްﷲ ބާވާލެއްވި ފޮތަކަށް ވާތީއެވެ.  ދެވަނަ ގޮތަކީ މިކަން – ޝައްކެއްނެތްކަން -، ޖުމްލައިގެ ނިމުމާއި – هدى للمتقين (ތަޤުވާވެރިންނަށް އޮތް މަގު ދެއްކުމެކެވެ) ގުޅުވާލުމެވެ. މިގުޅުވާލުމުގެ މައްޗަށް ބިނާކޮށް لا ريب فيه މާނަ ކުރާއިރު ބުނެވޭނީ އެއްވެސް ޝައްކެއްނެތް ގޮތުގައި މިފޮތަކީ، ކީރިތ ޤުރްއާނަކީ ތަޤުވާވެރިންނަށް އޮތް މަގުދެއްކުމެއް ކަމުގައެވެ. އެހެނީ، އެމަގު ދައްކަވާ ފަރާތަކީ މާތްﷲ ކަމަށްވާތީ އެވެ. އެކަލާނގެ ބާވާލެއްވި، ތެދު ހަގީގަތް ބަޔާންކުރެވިފައިވާ ފޮތް، އާދެ، ކީރިތި ޤުރްއާން މެދުވެރި ކޮށެވެ.

هدى ގެ މާނައަކީ ‘މަގުދެއްކުން’ މިއެވެ. އާދެ، ތެދުމަގު ނުވަތަ ހެޔޮގޮތް ބުނެ ބަޔާން ކޮށްދީ، އެމަގަށް، މަގުދެއްކުމެވެ. ތިމާގެ އަމިއްލަ ހަޔާތް ވޭތުކޮށްލާނޭ ހެޔޮ މަގަށާއި އަދި ތިމާގެ މުޖުތަމުއުގެ ކަންތައްތައް ހެޔޮގޮތުގައި ރާވައި ހިންގާނޭ މަގަށެވެ. (މީގެ ކުރީގެ ބައެއްގައި މިތެދުމަގާއި ބެހޭ ޚުލާސާއެއް ގެނެސް ދެވުނެވެ. އިތުރު ތަފްސީލު ލިބިގަތުމަށް އެބައި ބައްލަވާ ލައްވާށެވެ.)

المتقينގެ މާނައަކީ ‘ތަޤުވާވެރިން’ މިއެވެ. މިލަފްޒުގެ މަސްދަރަކީ، އަސްލަކީ، وقاية، ‘ރައްކާތެރިކަން’، މިއެވެ. އެހެންވެ ތަޤުވާވެރިޔަކީ، ރައްކާތެރިކަން ހޯދާ މީހާއެވެ. އާދެ، ‘އަލްމުއްތަޤީން’ (ތަޤުވާވެރިން) ނަކީ އެމީހުންގެ ނަފްސުތައް ގެއްލި ހަލާކުވެ ދިޔުމުން ރައްކާތެރިކަން ހޯދާ މީހުންނެވެ. މިކަން ފެށެނީ މާތްﷲއަށް އީމާންވުމުންނެވެ. އަދި އެއަށްފަހު، މިއީމާންކަން ނިޔާކުރާ ގޮތުގެ މަތިން ތިމާގެ އަމަލުތައް ބެހެއްޓިގެންނެވެ. މާތްﷲގެ އަމުރުފުޅުތަކަށް ބޯލަނބައި ކިޔަމަންތެރިވެ އަދި އެކަލާނގެ ނަހީ ކުރެއްވި ކަންތައްތަކުން ދުރުހެލި ވެވިގެންނެވެ. އާދެ، ތަޤުވާވެރިންނަކީ މާތްﷲއަށް އީމާންވެ، އެކަލާނގެ އަމުރުފުޅުތަކަށް ބޯލަނބައި ކިޔަމަންތެރިވެ އަދި އެކަލާނގެ ނަހީ ކުރެއްވި ކަންތައްތަކުން ދުރު ހެލިވާ މީހުންނެވެ. ކުރުގޮތަކަށް ދަންނަވަނީ ނަމަ، ނުބައި ކަންތައް ކުރުމުން ދުރުހެލިވެ، ހެޔޮކަންތައްތައް ކުރުންމަތީ ދެމި ތިބުމަށް މަސައްކަތްކުރާ މީހުންނެވެ.

ބައެއްފަހަރު ‘އަލްމުއްތަޤީން’ ނުވަތަ ‘ތަޤުވާވެރިން’ މިލަފްޒުގެ މާނައިގައި ﷲއަށް ބިރުވެތިވާމީހުންނޭ ލިޔެވެ އެވެ. އެއީ ތަޤްވާގެ މަފްހޫމުގައި ހިމެނޭ މާނައިގެ މުހިއްމު އެއް އުންސުރަށް، ބާރުލެވިގެންނެވެ. މާތްﷲގެ ކޯފާއަށް ބިރުވެތިވެ، އެކަލާނގެ ނަހީ ކުރެއްވި ކަންތައްތަކަށް އަރައިގަތުމުން ދުރުހެލިވުމުގެ މާނައަށް ބާރު ލެވިގެންނެވެ. ތަޤްވާގެ މަފްހޫމުގައި ހިމެނޭ މިމާނަ އާއި އަދި މަތީގައި ބަޔާން ކުރެވިދިޔަ އެހެން މާނަތައްވެސް – އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންވެ، އެކަންކަން އަދާކުރުން – ހިމަނާލުމުގެ ގޮތުން، އަލްމުއްތަޤީން ގެ މާނައިގައި އެމީހުންނަކީ މާތްﷲ ހަނދުމަކުރުން މަތީގައި ދެމިތިބޭ މީހުންނޭ ލިޔެވެއެވެ. ސަބަބަކީ އެހަނދުމަ ކުރުން މަތީ ދެމިތިބުން، މާތްﷲއަށް އުރެދުމުން ދުރުކުރުވައި އަދި އެކަލާނގެ އަމުރުފުޅުތައް އަދާ ކުރުމަށް އެހީވެދޭނެތީއެވެ. އާދެ، ތަޤުވާވެރިންނަކީ މާތްﷲއަށް އީމާންވެ، އެކަލާނގެ ހަނދުމަކުރުމުން އެމީހުންގެ ނަފްސުތައް ހޭލައްވާލައިގެން ތިބޭ މީހުންނެވެ. އަދި މިހަނދުމަކުރުން މަތީ ދެމިތިބުން ނިޔާކުރާ ގޮތުން، އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވެ އަދި އެކަލާނގެ ނަހީ ކުރެއްވިކަންތައްތަކަށް އަރައިނުގަނެ ދެމިތިބުމަށް ގަދައަޅާ މަސައްކަތްކުރާ މީހުންނެވެ.

ދެންމެ މިބަޔާން ކުރެވުނު ލަފުޒުތަކުގެ މާނައިގެ އަލީގައި “ذلك الكتاب لا ريب فيه هدى للمتقين”، މިއާޔަތުގެ މާނައިގެ މައްޗަށް އަދި އެއްފަހަރު ބަލާލަމާތޯއެވެ. އާދެ، މިމާތް ފޮތަކީ، އެއްވެސް ޝައްކެއްނެތް ގޮތުގައި، ތަޤުވާވެރިންނަށް، މާތްﷲ ހަނދުމަ ކުރުންމަތީ ދެމިތިބޭ މީހުންނަށް، އެމީހުންގެ ދުނިޔަވީ ހަޔާތް، ހެޔޮގޮތުގައި، ވޭތުކޮށްލާނީ ކިހިނެއްކަން ބަޔާންކޮށް، އެމަގަށް، މަގުދެއްކިފައިވާ ފޮތެކެވެ.

މިއާޔަތުން މުހިއްމު ދެކަމެއް ފާހަގަ ކުރެވެއެވެ. ފުރަތަމަ ކަމަކީ ކީރިތި ޤުރްއާނުގެ މައުޟޫއަކީ ހިދާޔަތުގެ ވާހަކަ ކަމެވެ. ކަނޑައަޅާލެވޭ ވަކި އަޚުލާގީ މިންތަކެއްގެ މައްޗަށް ބިނާކޮށް، ތިމާގެ އަމިއްލަ ހަޔާތް ވޭތުކޮށްލާނީ ކިހިނެއްކަމާއި އަދި، ހަމަހަމަ ކަމާއި އަދުލު އިންސާފުގެ އަގުތަކުގެ މައްޗަށް ބިނާކޮށް، ތިމާގެ މުޖުތަމައުގެ ކަންތައްތައް ރާވައި ހިންގާނީ ކިހިނެއްކަން ބަޔާން ކޮށްދިނުމުގެ ވާހަކައެވެ.

ޝައްކެއްނެތް ގޮތުގައި، ކީރިތި ޤުރްއާނުގައި ތަފާތު މައުޟޫއުތަކާ ބެހޭ ވާހަކަތައް އައިސްފައިވެއެވެ. އަޤީދާއާއި ބެހޭވާހަކަ ތަކެވެ. އަޅުކަމުގެ ރަސްމުގެ ތަކުގެ ވާހަކަތަކެވެ. މާޒީވެ ގޮސްފައިވާ އުއްމަތްތަކާއި އަދި އެމީހުންނާ ބެހޭ ތާރީޚީ ބައެއް ވާހަކަތެކެވެ. އަދި، މިޒަމާނުގެ ބައެއް އިލްމީ ހޯދުންތަކާއި އިއްތިފާގުވާ އިލްމީ ބައެއް ހަގީގަތްތަކާއި ގުޅުވާ ލެވިދާނޭ ފަދަ ވާހަކަތައް ވެސް މެއެވެ. ނަމަވެސް، މީގެ މާނައަކީ ކީރިތި ޤުރްއާނަކީ އުލޫހިއްޔާތުގެ (ތިއޯލޮޖީގެ) ފޮތަކަށް ވުމެއް ނޫނެވެ. ނުވަތަ ތާރީޚީ ނުވަތަ ސައިންސްއާއި ބެހޭ ފޮތަކަށް ވުމެއް ވެސް ނޫނެވެ. މިފަދަ މައުޟޫއުތައް ވެސް ކީރިތި ޤުރްއާނުގައި އައިސްފައިވަނީ، ކީރިތި ޤުރްއާނުގެ މައިގަނޑު މައުޟޫއުގެ ޚިދުމަތުގައެވެ. މައިގަނޑު މައުޟޫއަށް އެހީވެދީ، އެކަމަށް ބާރު ދިނުމުގެ މަގުސަދު ގައެވެ. ތެދުމަގުގައި ތިބުމަށް، އެހީވެދީ، އެމަގުގައި ފައިތިލަ ސާބިތުކޮށްގެން ކުރިއަށް ދިއުމަށް ހިތްވަރުދިނުމުގެ ގޮތުންނެވެ. ނުބައި ނުރަގަޅު ކަންތައްތަކާއި ދުރުވެ، ހެޔޮކަންތައްތައް ކޮށް، އަޚުލާގީގޮތުން މީހާ ރަގަޅު މީހަކަށް ވުމަށް އެހީވެދިނުމުގެ ބޭނުމުގައެވެ. އެހެންވެ، ކީރިތި ޤުރްއާނަކީ، އެއްމެ ފުރަތަމައިން ވެސް އަދި އެއްމެ ފަހުންވެސް، ހިދާޔަތުގެ ފޮތެކެވެ.

މިއާޔަތުން ފާހަގަކޮށްލެވޭ ދެވަނަ ކަމަކީ، މަތީގައި ބަޔާން ކުރެވިދިޔަ ފަދައިން، ކީރިތި ޤުރްއާނުގެ ހިދާޔަތުގެ މަގު ބަޔާން ކުރެވިފައިވަނީ ތަޤުވާވެރިންނަށް ޓަކައިކަމެވެ. އާދެ، މާތްﷲއަށް އީމާންވާ، މިއީމާންކަމުގެ ނޫރުން، އެމީހުންގެ ހިތްތައް އަލިކުރެވި ފައިވާ މީހުންނަށް ޓަކައިކަމެވެ. އެހެނީ، ހެޔޮގޮތުގައި އެމީހުންގެ ހަޔާތުގެ ކަންތައްތައް ބަހައްޓާނީ ކިހިނެއްކަން ދެނެގަތުމުގެ އިލާހީ އިރުޝާދު އެދޭނީ މިމީހުން ކަމަށް ވާތީއެވެ. އާދެ، ކީރިތި ޤުރްއާނުގައި ބަޔާން ކުރެވިފައިވާ ތެދުމަގުގެ ވާހަކަތަކުން ފައިދާ ލިބިގަނެވޭނޭ ބަޔަކީ މާތްﷲއަށް އީމާންވާ އަދި، އެކަލާނގެ އެންގެވި މަގު ގައި ހިނގަން ބޭނުންވާ މީހުންނަށެވެ. ތަޤުވާވެރި މުއުމިނުންނަށެވެ.

މިއާއި އެކު ފާހަގަކޮށްލަން ޖެހެނީ ތަޤުވާވެރިކަމަކީ މުއުމިނާގެ އަމަލުތަކާއި ގުޅިފައިވާ ކަމެއްކަމެވެ. އިއުތިގާދީ ކަމެއް ނޫންކަމެވެ. އެހެންވެ، އެއީ އެއްފަހަރާ ހާސިލުކޮށް، ފުރިހަމަ ކޮށްލެވިދާނޭ ކަމެއް ނޫނެވެ. ތަޤުވާވެރިކަމުގެ ފުރަތަމަ ހަރުފަތަކީ މާތްﷲއަށް އީމާންވުމެވެ. ދެން، މުއުމިނާގެ އަމަލުތައް ބަހައްޓާ ގޮތެއްގެ މަތީން އޭނާގެ ތަޤުވާވެރިކަން އިތުރުވެ ދެއެވެ. ނަހީ ކުރެވިގެންވާ ކަންތައްތަކުން ދުރުވެ، އަމަރު ކުރެވިގެންވާ ކަންތައްތަކާއި ހެޔޮއަމަލުތައް ކުރަމުން ދިޔަދިޔަހެން، އޭނާގެ، ތަޤުވާވެރިކަން އިތުރުވެ ދެއެވެ. އަދި ތަޤުވާވެރިކަމުގެ ސިޑީގެ ހަރުފަތްތަކުން މައްޗަށް އަރައި ކުރިއަށް ދެވެއެވެ. އެހެންވެ، މުއުމިނާގެ އެއްމެ މުހިއްމު ފަރްދީ މަސްއޫލިއްޔަތަކަށް ވާންޖެހޭނީ އޭނާގެ އަމިއްލަ ނަފްސު ހެޔޮ މަގަށް އަޅުވައި، އިސްލާހު ކުރުމުގެ މަސައްކަތަށް އިސްކަން ދިނުމެވެ. އޭނާގެ އަމިއްލަ ނަފްސު އިސްލާހުކުރުމުގައި މަޝްޣޫލުވެ، އަވަދިނެތި އުޅުމެވެ. އޭނާގެ ތަޤުވާވެރިކަން އިތުރުވެ ދިޔުމަށްޓަކަ އެވެ.

ކީރިތި ޤުރްއާނުގެ މައުޟޫއަކީ ހިދާޔަތުގެ ވާހަކަ ކަމާއި އަދި މިވާހަކަ ބަޔާން ކުރެވެނީ ތަޤުވާވެރި މުއުމިނުންނަށް ޓަކައިކަން ކަނޑައަޅާލުމަށް ފަހު، ދެން އޮތް ތިން އާޔަތުގައި އެމީހުންގެ، ބައެއް މުހިއްމު ސިފަތައް ބަޔާން ކުރެވިފައިވެއެވެ. މިގޮތުން ދެންއޮތް އާޔަތުގައި ވަނީ الذين يؤمنون بالغيب ويقيمون الصلاة ومما رزقناهم ينفقون، ‘އެމީހުން ޣައިބަށް އީމާންވެ، ނަމާދު ޤާއިމުކޮށް އަދި ތިމަން ރަސްކަލާނގެ އެމީހުންނަށް ދެއްވި އެއްޗަކުން ހޭދަކުރެއެވެ’، މިހެންނެވެ. މިއާޔަތުގައި މުއުމިނުންގެ ތިންސިފަ ބަޔާން ކުރެވިފައި ވެއެވެ. ‘ޣައިބަށް އީމާންވުމާއި’ ‘ނަމާދު ޤާއިމު ކުރުމާއި’ އަދި ‘އެހެން މީހުންގެ މައްޗަށް ހޭދަކުރުން’ މިތިންސިފައެވެ. މިތިން ސިފައިގެ މައްޗަށް އިތުރަށް ބަލައިލަމާ ތޯއެވެ.

ފާހަގަ ކުރެއްވޭނޭ ފަދައިން، މިއާޔާތުގައި، ތަޤުވާވެރި މުއުމިނުންގެ އެއްމެ ފުރަތަމަ ސިފަޔަކަށް، ބަޔާން ކުރެވިފައިވަނީ އެމީހުންނަކީ ‘ޣައިބަށް’ އީމާންވާ ބައެއް ކަމުގައެވެ. ‘ޣައިބު’، މި ލަފްޒުން، އިޝާރަތްކުރެވެނީ، ހިއްސުތަކުގެ ޒަރިއްޔާއިން، އިންސާނާގެ ހިތަށް، އެއެއްޗެއްގެ ނުވަތަ އެކަމެއްގެ ވާގިއު (ރިއަލިޓީ ނުވަތަ އެއްޗެއް ނުވަތަ ކަމެއްގެ ހަގީގަތް އޮންނަ ގޮތް) އިދުރާކު ނުކުރެވޭ (ދެނިނުގަނެވޭ) އެއްޗިއްސާއި ކަންކަމެވެ. މިސާލަކަށް މާތްﷲގެ ޒާތުފުޅުގެ ވާގިއުއެވެ. މަލާއިކަތް ބޭކަލުންނާއި ޖިންނީންގެ ވާގިއުއެވެ. އާޚިރަތް ދުވަހާއި އެދުވަހާއި ގުޅިފައިވާ އަލުން ދިރުއްވުމާއ، މަޙްޝަރު ކުރެއްވުމާއި ހިސާބު ބެއްލެވުމާއި، ސުވަރުގެ އާއި ނަރަކައާއި މިކަންކަމުގެ ވާގިއު އެވެ. މިދެންނެވި އެއްޗިއްސާއި ކަންކަމުގެ ހަގީގަތް އޮންނަގޮތް، އެއީ އިންސާނީ ހިތަށް ނަގައި ގަނެވޭ ކަންކަމެއް ނޫނެވެ. މިކަމުގެ ސަބަބު ދެނެގަތުމަށްޓަކައި އިންސާނުންނަށް އެއްޗެހި ވިސްނެނީ ކިހިނެއްކަން ބަލައިލާން ޖެހެއެވެ.

އިންސާނާގެ ހިތަށް އެއްޗެއްގެ ހަގީގަތް ވިސްނި ފަހުމުވުން ބިނާވެފައި އޮންނަނީ، ކުރީން، އެއެއްޗެއްގެ ހަގީގަތް، އޭނާއަށް ފެނި ނުވަތަ ތަޖުރިބާކުރެވި، އޭގެ ތަސައްވުރު ހިތުގައި ހަރުކޮށްލެވިފައި ވުމުގެ މައްޗަށް ބިނާކޮށެވެ. މިސާލަކަށް، ‘ފޮތެކޭ’ ބުނުމުން އޭގެ މަފްހޫމު ނުވަތަ މާނަ ވިސްނެނީ ފޮތުގެ ހަގީގަތަކީ ކޮބައިކަން ކުރިން އެނގިފައި އަދި އޭގެ ތަސައްވުރު، އޭގެ ސިފަ، ހިތަށްނެގި، ހިތުގައި ހަރުކޮށްލެވިފައި ވާތީއެވެ. މީގެ އިތުރުން، އިންސާނާގެ ހިތަށް، ފަސޭހައިން ނަގައިގަނެ، އޭގެ ހަގީގަތް ދެނެގަނެވެނީ، އޭނާގެ އަމިއްލަ ވެށި ކަމުގައިވާ ތަބީއީދުނިޔެއާއި (ފިޒިކަލް ވާރލްޑްއާއި)  ގުޅިފައިވާ ހިއްސީ (ކޮންކޮރީޓް) މަފްހޫމުތަކެވެ. ގަސްގަހާގެހި، މާމެލަމެލި، ޖަނަވާރާއި ދޫނިސޫފި ފަދަ މަފްހޫމުތަކެވެ. މިފަދަ މަފްހޫމުތަކަކީ އިންސާނާގެ ހިއްސުތަކުގެ ޒަރިއްޔާއިން އޭގެ ހަގީގަތް ދެނެގަނެވި، އަދިއެހެންވެ، އޭނާގެ ހިތަށް އެއެއްޗެތީގެ ވާގިއު، ނަގައިގަނެވޭ އެއްޗިއްސެވެ. މިސާލަކަށް، ބަލިޖައްސާ އެކިއެކި ޖަރާސީމު ތަކުގެ ވާޤިއު، އަޅުގަނޑުމެންނަށް، ދެނެގަނެ ވެއެވެ. އެޖަރާސީމު ތައް އުފެދޭގޮތާއި، ބަލިޖައްސާގޮތާއި، އަދި އެއިން ދިފާއުވެވޭނޭ ގޮތްވެސް، އެޖަރާސީމުތައް މުލާހަޒާކޮށް، އިލްމީ ތަޖުރިބާތަކުގެ އަލީގައި، ދެނެގަނެ ވެއެވެ. އެހެނީ އެޖަރާސީމުތަކަކީ އަޅުގަނޑުމެންގެ ތަބީއީ ދުނިޔޭގެ ދާއިރާގެ ތެރޭގައި ހިމެނޭ، އަޅުގަނޑުމެންގެ ހިއްސުތަކުގެ ޒަރިއްޔާއިން އޭގެ ވާގިއު ދެނެގަނެވޭ އެއްޗަކަށް ވާތީއެވެ.

ނަމަވެސް ތަބީއީ ދުނިޔެއިން ބޭރުގައިވާ މާވަރާއީ ދުނިޔެއާއި (މެޓަފިޒިކަލް ވާރލްޑްއާއި) ގުޅިފައިވާ މައުނަވީ (އެބްސްޓްރެކްޓް) މަފްހޫމުތަކުގެ ވާގިއު ދެނެގަތުމަކީ އިންސާނާގެ ސިކުޑިއަށް ކުޅަދާނެވެގެންވާ ކަމެއްނޫނެވެ. ކުރިންވެސް ނަންގަނެވުނު ފަދައިން މާތްﷲ، މަލާއިކަތުން، ސުވަރުގެ، ނަރަކަ، މިލަފުޒުތަކުން އިޝާރަތްކުރެވޭ ވާގިއުގެ ހަގީގީ ތަސައްވުރު، އިންސާނީ ހިތަށްގެނެސް ގަތުމަށް އިންސާނާގެ ސިކުނޑި ކުޅެދިގެން ނުވެއެވެ. ސަބަބަކީ މިއީ އިންސާނާގެ ތަޖުރިބާއިން ބޭރުގައިވާ ކަންކަމަށްވާތީއެވެ. އޭނާއަށް، މާތް ﷲ ނުވަތަ މަލާއިކަތްބޭކަލުން، ފެނިފައެއްނުވެ އެވެ. އަދި ސުވަރުގެ އާއި ނަރަކަ ފެނި ތަޖުރިބާ ކުރެވިފައެއް ނެތެވެ. މިނަންގަތް ފަދަ އެއްޗިއްސާއި ކަންކަމަކީ އަޅުގނޑުމެންގެ ތަބީއީ ދުނިޔޭގެ ކަންކތައްތައް ފަދައިން ހޯދައި އޭގެ ހަގީގަތް އޮންނަގޮތް ދެނެގަނެވޭނޭ އެއްޗިއްސާއި ކަންކަމެއް ނޫނެވެ. މާތްﷲ ވޮޑިގެންވުމާއި، އުޚްރަވީ ހަޔާތާއި ގުޅޭ ސުވަރުގެ އާއި ނަރަކަ އަކީ، ޖަރާސީމު ފަދަ ތަބީއީ ދުނިޔޭގެ ކަންތައްތައް ފަދައިން، ބަލައި، މުލާހަޒާ ކުރެވޭ އެއްޗިއްސާއި ކަންކަމެއް ނޫނެވެ. އެހެންވެ، މިފަދަ އެއްޗިއްސާއި ކަންކަމީ، އިލްމީ ތަޖުރިބާގެ އަލީ ގައި ސާބިތު ކޮށް ދެވޭނޭ ނޫނީ އޭގެ އަލީގައި އެއީ ބާތިލު ކަންތައްތަކެއް ކަމުގައި ކަނޑައަޅާލެވޭނޭ ކަންކަމެއްވެސް ނޫނެވެ. އެހެނީ، މިފަދަކަންކަމީ އިލްމީ ތަޖްރިބާތަކުގެ ދާއިރާ ކަމުގައިވާ ތަބީއީ ދުނިޔެއިން ބޭރުގައި ހިމެނޭ މާވަރާއީ ދުނިޔެ (މެޓަފިޒިކަލް ވާރލްޑް) އާއި ގުޅޭކަންކަމަށް ވާތީއެވެ. އާދެ، ‘ޣައިބު’ މިލަފްޒުން އިޝާރަތް ކުރަނީ މާވަރާއީ ދުނިޔޭގައި ހިމެނޭ މިދެންނެވި ފަދަ އެއްޗިއްސާއި ކަންކަމުގެ ވާގިއު ތަކަށެވެ.

އަޅުގަނޑުމެން އިންސާނުންގެ ވާގިއު ގުޅިފައިވަނީ ހަމައެކަނި ތަބީއީ ދުނިޔެއާއި ނޫންކަމާއި އަދި އަޅުގަނޑުމެންގެ ހިއްސުތަކުގެ ޒަރިއްޔާއިން ދެނެގަނެވޭނޭ ކަންތައްތަކާއި ނޫންކަމާއި، އަދި އަޅުގަނޑުމެންގެ ވާގިއު ފުރިހަމަވަނީ އެކަމުގައި މާވަރާއީ ދުނިޔެއާ ގުޅޭ ކަންތައްތަކެއްވެސް ހިމެނިގެންކަން، ހިތުގެ އަޑިން ގަބޫލު ކުރެވިގެން މެނުވީ އިންސާނާއަކަށް، މާތްﷲ ވޮޑިގެންވާ ކަމާއި އަދި ހަޔާތުގެ ހަގީގީ މާނައެއް އޮތްކަން ދެނެއެއް ނުގަނެ ވެއެވެ. މުއުމިނުންގެ ސިފަތަކުގެ ތެރޭގައި ޣައިބަށް އީމާންވުން ހިމަނާލެވިފައި ވުމުން ދޭހަވަނީ، ކީރިތި ޤުރްއާނުގައި ހުށަހަޅާލެވިފައިވާ އިލާހީ ތެދުމަގުގެ ފައިދާ ލިބިގަތުމަށްޓަކައި މިއީ މުހިއްމު ސިފައެއް ކަމެވެ. މިސިފަ ލިބިގެން ނުވާ މީހުންނަކަށް، ކީރިތި ޤުރްއާނުގައި ހުށަހަޅާލެވޭ އިލާހީ ހިދާޔަތުން ކުރާނޭ ފައިދާއެއް ނެތްކަމެވެ.

ތަޤުވާވެރިން ނުވަތަ މުއުމިނުންގެ ދެވަނަ ސިފަޔަކަށް ބަޔާންކުރެވިފައިވަނީ “ويقيمون الصلاة” މިފަދައިންނެވެ. އެމީހުންނަކީ ނަމާދު ޤާއިމު ކުރާބައެއްކަމުގައެވެ. الصلاة، ނަމާދުން މިތަނުގައި އިޝާރަތް ކުރެވެނީ، މުސްލިމުންގެ އެއްމެ އިސް ދީނީ ޝިޢާރު ކަމުގައިވާ ފަރުޟުފަސް ނަމާދަށެވެ. ނަމާދު ޤާއިމު ކުރުމަކީ، ފަރްޟު ފަސްނަމާދު ދާއިމީ ސިފައެއްގައި ކުރުމަށެވެ. ކޮންމެ ދުވަހަކުމެ، ނަމާދު ކުރުމަށް ކަނޑައެޅިފައިވަ ވަގުތުތަކުގައި، ނަމާދު ކުރަން އަންގަވާފައިވާ ސިފައިގައި ނަމާދު ކުރުމަށެވެ. އެއީ، ނަމާދުގެ ސޫރަ، ނަމާދުގެ ހަރަކާތްތަކާއި ކިޔުންތައް، އެކަން އޮންނަ ގޮތުގައި ފުރިހަމަ ކުރުމެވެ. ނަމާދުގެ ޤިޔާމު އާއި، ރުކޫޢު އާއި، އިއުތިދާލު އާއި، ސަޖިދަ އާއި، ދެސަޖިދަމެދު އިނުމާއި، ފުރަތަމަ އައްތަހިޔާތާއި ފަހު އައްތަހިއްޔާތުއާއި، ސަލާމް ދިނުމާއި އަދި މި މަގާމުތަކުގައި ކިޔަން ޖެހޭ ދުއާތަކާއި ތަސްބީހަތައް، އެކަންކަން ކުރަން އޮންނަގޮތަށް ކުރުމެވެ. މީގެ އިތުރުން، ނަމާދުން ގަސްދުކުރެވޭ މަގުސަދު ހާސިލު ކުރުމަށް މަސައްކަތް ކުރުމެވެ. ނަމާދަކީ، ހަމަ އެކަނި އޭގެ ޒާތަށްޓަކައި ކުރެވޭ ކަމަކަށް ނުހެދުމެވެ. ކީރތި ޤުރްއާނުގައި ބަޔާންކުރެވިފައިވާ ފަދައިން، ނަމާދުގެ މައިގަނޑު މަގުސަދަކީ، ނަމާދު މެދުވެރިކޮށް މާތްﷲ މަތިން ހަނދުމަކޮށް، ތިމާ ހެޔަލަފާ މީހަކަށް ވުމަށްޓަކައި މަސައްކަތް ކުރުމެވެ. އާދެ، ނަމާދު ޤާއިމު ކުރުމަކީ މިއެވެ. ތަޤުވާވެރި މުއުމިނުންނަކީ މިފަދައިން ނަމާދު ކުރުން މަތީ ދެމި ތިބޭ ބައެކެވެ.

ތަޤުވާވެރިންގެ ތިންވަނަ ސިފައަކަށް ބަޔާންކުރެވިފައިވަނީ މިފަދައިންނެވެ. “ومما رزقناهم ينفقون” “އެމީހުންނަކީ، ތިމަން ރަސްކަލާނގެ އެމީހުންނަށް ދެއްވި ރިޒްޤުން، ހޭދަކުރާ މީހުންނެވެ.” ރިޒުޤުގެ ލަފްޒީ މާނައަކީ އިންސާނާ ދިރިދެމި ހުރުމަށް ބޭނުންވާ އެއްޗިއްސެވެ.  ކެއުމާއި ބުއިމުށް ބޭނުންކުރާ އެއްޗިއްސެވެ. މިއެއްޗެހި ހޯދުމަށް ބޭނުންވާ ފައިސާއާއި މުދަލެވެ. އަދި، އެމުދަލާއި ފައިސާ ހޯދުމަށް ކުރަން ޖެހޭ މަސައްކަތެވެ. އަދި އެމަސައްކަތް ކުރުމަށް ބޭނުންވާ ކުޅެދުމާއި ހުނަރެވެ. މިހުރިހާ ކަމެއްވެސް ރިޒުގުގެ މަފްހޫމުގެ ތެރޭގައި ހިމެނެއެވެ. މުއުމިނުންގެ ސިފަތަކުގެ ތެރޭގައި މާތްﷲ އެމީހުންނަށް ދެއްވި ރިޒުގުން އެހެންމީހުންގެ ފައިދާއަށްޓަކައި ހޭދަކުރުން ހިމެނެއެވެ. އޭގެ މާނައަކީ އެމީހުންނަށް ލިބިފައިވާ މުދަލުންނާއި ފައިސާއިން އެހެން މީހުންނަށްޓަކައި ހޭދަ ކުރުމުވެ. އަދި، އެމީހުންނަށް ލިބިފައިވާ ކުޅެދުމަކާއި ހުނަރެއް ބޭނުން ކޮށްގެން އެހެންމީހުންނަށް އެހީތެރިވެ ޚިދުމަތްކޮށް ދިނުމެވެ. މިސާލަކަށް، ހިލޭ ސާބަހަށް، މަސައްކަތެއް ކޮށްލަދިނުން ނުވަތަ ޚިދުމަތެއް ފޯރުކޮށްލަ ދިނުން ނުވަތަ އެއްޗެއް އުނގަންނައިލަ ދިނުން، މިއީ ވެސް އެމީހަކަށް ލިބިފައިވި ރިޒްޤުން ހޭދަކުރުމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އާދެ، މުއުމިނުންގެ ސިފަތަކުގެ ތެރޭގައި، އެމީހުންގެ މުދަލުންނާއި ފައިސާއިން، އަދި އެމީހުންނަށް ލިބިފައިވާ ކުޅެދުމަކާއި ހުނަރު ބޭނުންކޮށްގެން، އެހެން މީހުންނަށް އެހީތެރިވެ ޚިދުމަތްކޮށް ދިނުން ހިމެނެއެވެ.

_______________________

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment