ބިސްމި ސިއްރުން ކިއުމާމެދު އައިސްފައިހުރި ދަލީލުތައް: ބަޔާންވެދިޔަ ޙަދީޘުތަކާ ޚިލާފަށް بِسْمِ ކިޔަން ނުޖެހޭކަމަށް ނުވަތަ بِسْمِ ކިޔުން އޮންނަނީ ސިއްރުން ކަމަށްވެސް ސާބިތުވެދާނެ ޙަދީޘުތައް އައިސްފައި އެބަހުއްޓެވެ. އެހެންކަމުން އިމާމު އަބޫޙަނީފާއާއި މާލިކާއި އަޙްމަދާއި އަދި އެނޫން އެތަކެއް ޢިލްމުވެރިންގެ މަޛްހަބަކީ ބިސްމި ބާރަށް ނުކިޔެވުމަށެވެ. އިމާމު މާލިކުގެ މަޛްހަބަކީ ބިސްމިއަކީ އަލްޙަމްދުވެސް އަދި ނަމްލު ސޫރަތުގެ މެދުތެރޭގައި އޮންނަ އާޔަތް ފިޔަވައި އެހެން ސޫރަތެއްގެވެސް އާޔަތެއް ނޫންކަމަށާއި ނަމާދުގެތެރޭގައި  ބިސްމި ސިއްރުންވެސް ކިޔަވައިގެން ނުވާނެ…

ބިސްމި ސިއްރުން ކިއުމާމެދު އައިސްފައިހުރި ދަލީލުތައް:

ބަޔާންވެދިޔަ ޙަދީޘުތަކާ ޚިލާފަށް بِسْمِ ކިޔަން ނުޖެހޭކަމަށް ނުވަތަ بِسْمِ ކިޔުން އޮންނަނީ ސިއްރުން ކަމަށްވެސް ސާބިތުވެދާނެ ޙަދީޘުތައް އައިސްފައި އެބަހުއްޓެވެ. އެހެންކަމުން އިމާމު އަބޫޙަނީފާއާއި މާލިކާއި އަޙްމަދާއި އަދި އެނޫން އެތަކެއް ޢިލްމުވެރިންގެ މަޛްހަބަކީ ބިސްމި ބާރަށް ނުކިޔެވުމަށެވެ. އިމާމު މާލިކުގެ މަޛްހަބަކީ ބިސްމިއަކީ އަލްޙަމްދުވެސް އަދި ނަމްލު ސޫރަތުގެ މެދުތެރޭގައި އޮންނަ އާޔަތް ފިޔަވައި އެހެން ސޫރަތެއްގެވެސް އާޔަތެއް ނޫންކަމަށާއި ނަމާދުގެތެރޭގައި  ބިސްމި ސިއްރުންވެސް ކިޔަވައިގެން ނުވާނެ ކަމަށެވެ.

މިތާގައި އިމާމުމާލިކުގެ ބަސްފުޅަށް ބުރަވެވޭނެ އެއްވެސް ޞަރީޙަ ދަލީލެއް ނެތްކަމީ ވަރަށް ފާޅުކަން ބޮޑުކަމެކެވެ. އަދި އެހެން ބޭކަލުންގެ ބަސްފުޅަށް ބަލާއިރު ބިސްމި ސިއްރުން ކިޔުމާމެދު އެބޭކަލުން ގެންނަވާފައިހުރި ދަލީލުތަކާމެދު ފުންކޮށް ވިސްނާލުމުން ޙަޤީޤަތާ ހަމަޔަށް ވާޞިލުވެވޭނެއެވެ. އެދަލީލުތަކާއި މެދު އިންސާފުވެރި ނަޒަރަކުން ބަލާއިރު ބިސްމި ސިއްރުން ކިއުމާއި މެދު ޞަރީޙަ ކޮށް ދޭހަވާ އެންމެ ދެރިވާޔަތް މެނުވީ ނުވެއެވެ. ތިރީގައި އެރިވާޔަތްތައް ބަޔާންކޮށްލާނަމެވެ.

(1) އެއްރިވާޔަތަކީ މާތް ﷲ ރުއްސުންލެއްވި އިބްނު މުޣައްފަލްގެ ރިވާޔަތެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “سَمِعَنِي أَبِي وَأَنَا فِي الصَّلاَةِ أَقُولُ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ فَقَالَ لِي أَيْ بُنَيَّ مُحْدَثٌ إِيَّاكَ وَالْحَدَثَ قَالَ وَلَمْ أَرَ أَحَدًا مِنْ أَصْحَابِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ وَقَدْ صَلَّيْتُ مَعَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَمَعَ أَبِي بَكْرٍ وَمَعَ عُمَرَ وَمَعَ عُثْمَانَ فَلَمْ أَسْمَعْ أَحَدًا مِنْهُمْ يَقُولُهَا فَلاَ تَقُلْهَا إِذَا أَنْتَ صَلَّيْتَ فَقُلْ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ”([1])

(ޔަޢުނީ: އަހުރެން ނަމާދުގައި ބިސްމި ކިޔަނިކޮށް އަޑު އައްސަވާފައި ބައްޕަ ވިދާޅުވިއެވެ. ދަރިފުޅާއެވެ! ތިޔައީ އާކަމެކެވެ. ތިޔަ ޢަމަލު ދޫކޮށްލާށެވެ! މިހެނީ رَسُولُ اللَّهِ صلّى الله عليه وسلّم އަރިހުގައި ތިމަން ކަލޭގެފާނު ނަމާދުކުރެއްވީމެވެ. އަދި އަބޫބަކުރު، ޢުމަރު، ޢުޘްމާނު، މިތިން ބޭކަލުންގެ ފަހަތްޕުޅުގައިވެސް ނަމާދުކުރެއްވީމެވެ. އެއިން އެއްވެސް ބެއިކަލަކު ބިސްމި ވިދާޅުވި އަޑެއް ތިމަން ނައައްސަވަމެވެ. ވުމާއެކު ބިސްމި ނުކިޔާށެވެ! އަދި ނަމާދުގައި ކިޔަވާއިރު الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ މިހިސާބުން ކިޔަވަން ފަށާށެވެ.) އިމާމު ތިރްމިޛީ މިރިވާޔަތް ބަޔާން ކުރެއްވުމަށް ފަހު ވިދާޅުވެފައިވަނީ އެއީ ޙަސަނު ދަރަޖައިގެ ރިވާޔަތެއް ކަމުގައެވެ.  މިޙަދީޘާމެދު ބަޙުޘް ކުރައްވަމުން އިމާމުނަވަވީ އެކަލޭގެފާނުންގެ ފޮތް އަލްޚުލާޞާގައި ވިދާޅުވެފައިވެއެވެ.

ހަމަ އެހެންމެ އަލްމަޖްމޫޢުގައްޔާއި މުސްލިމުގެ ޝަރަޙައިގައިވެސް  ނަވަވީ ވިދާޅުވެފައި ވެއެވެ. “وَقَدْ ضَعُفَ الْحُفَّاظُ هَذَا الْحَدِيثَ وَأَنْكَرُوا عَلَى التِّرْمِذِى بِتَحْسِينِهِ، كَإِبْنِ خُزَيْمَةَ، وَابْنُ عَبْدِ الْبَرّ، وَالْخَطِيب” (ޔަޢުނީ: ޙަދީޘު ޢިލްމުގެ އެންމެހައި ޢިލްމުވެރިން ވަނީ މިޙަދީޘް ޟަޢީފުކަމަށް ވިދާޅުވެ، އިމާމު ތިރުމިޛީ މިޙަދީޘު ޙަސަން ކުރައްވާފައިވާތީ އެކަމާ އިންކާރު ކުރައްވާފައެވެ. އެބޭކަލުންގެ ތެރޭގައި އިމާމު އިބްނު ޚުޒައިމާ އާއި އިބްނު ޢަބުދުލްބައްރު އާއި އަލްޚަޠީބު ހިމެނިވަޑައިގަންނަވައެވެ.) އިމާމު ތިރުމިޛީއަށް ރައްދުދެއްވަމުން މިބެއިކަލުން ވިދާޅުވަނީ މިފަދައިންނެވެ. “إِنَّ مَدَارَهُ عَلَى ابْنِ عَبْدِ اللَّهِ بْنِ مُغَفَّلٍ وَهُوَ مَجْهُولٌ” (ޔަޢުނީ: ހަމަކަށަވަރުން މިރިވާޔަތް ބަރޯސާ ވެރިވެފައިވަނީ ޢަބްދު ﷲ އިބްނު މުޣައްފަލްގެ ދަރިކަލުންނަށް ކަމަށާއި އެއީ މަޖުހޫލު ރާވީއެއް ކަމަށެވެ.)

މީގެ އިތުރުން މިރިވާޔަތުގައި އަންނަ އެއްރާވީ ކަމުގައިވާ ސަޢުދު އިބްނު އިޔާސް އަލްޖުރައިރީ އަކީވެސް ފަހު ޢުމުރުފުޅުގައި ދަސްފުޅުވުން ބަލިކަށިވެފައިވާ ބޭކަލެއް ކަމުގައި މިފަންނުގެ ވަރަށްގިނަ އިމާމުން ވިދާޅުވެފައި ވެއެވެ. އޭގެތެރޭގައި އަބޫ ޙާތިމު އައްރާޒީއާއި އައްނަސާއީއާއި މުޙައްމަދު އިބްނު ސަޢުދުއާއި އަލްޢުޖަލީއާއި އިބްނު ޢަދީއާއި އެނޫންވެސް ބޭކަލުން ހިމެނި ވަޑައިގަންނަވައެވެ.

ދަންނަވަންތޯއެވެ! އިބްނު ޢަބްދު ﷲ އިބްނު މުޣައްފަލްގެ މިރިވާޔަތަކީ، މިސާލަކަށް ޙަސަނުގެ ދަރަޖައިގެ ރިވާޔަތެއް ކަމުގައި ބެލި ކަމުގައި ވިޔަސް އިސްވެ ބަޔާންވެދިޔަހައި ޞައްޙަ ރިވަޔަތްތަކާ އަޅާބަލާއިރު އެއްހަމަ ކުރެވޭނެ އެއްވެސް ގޮތެއްނެތެވެ. މިހެނީ މިރިވާޔަތުން ޞަރީޙަކޮށް އެގެނީ އެއްވެސް ޙާލަތެއްގައި ސިއްރުންވެސް بِسْمِ ކިޔައިގެން ނުވާނެކަމަށެވެ. އަދި  بِسْمِ އާއި سُورَةُ الْفَاتِحَة އާއި އެއްވެސް ގުޅުމެއް ނުވާކަމަށެވެ. މިއީ ކިހާބޮޑު އޮޅުމަކަށް ވާނެތޯއެވެ؟ އަދި ހަމަހެންމެ އެންމެ ބެއިކަލެއްގެ ބަސްފުޅަށް އިސްވެބަޔާންވެދިޔަ އެންމެހާ ރިވާޔަތްތައް ދޫކޮށްލުން މިއީ އެންމެ ޞައްހަކަން ބޮޑު ގޮތްކަމުގައިވެސް ނުވާނެކަން ކަށަވަރެވެ. އަދި އިޘްބާތާއި ނަފީ އަރާރުންވާގޮތް ދިމާވެއްޖެނަމަ އިޘްބާތަށް ތަރުޖީޙަ ދެއްވުމުގެ އުޞޫލު ކޮބައިތޯއެވެ؟ رَسُولُ اللَّهِ صلّى الله عليه وسلّم ގެ ސުންނަތަށް ޢަމަލުކުރުމަށްޓަކައި މިއާއިދިކޮޅަށް މިހާ ގިނަ ދަލީލުތައް ހުއްޓާ އެންމެ ޞައްޙަކަންބޮޑުގޮތަކީ ބިސްމި ސިއްރުން ކިއުން ކަމުގައި ޤަބޫލުކުރުމީ ސަލާމަތް ބުއްދިއާ ފުށުއަރާކަމެވެ. އަޅުގަނޑު ދަންނަވާނީ ނިކަން ޙައްޤަށް ލޯބިކުރައްވާށެވެ. އިންޞާފަށް ބުރަވެވަޑައިގަންނަވާށެވެ.

(2) އާދެ!  ޢަބްދު ﷲ އިބްނު މުޣައްފަލްގެ ރިވާޔަތް ފިޔަވައި ދެން ޞަރީޙަކޮށް بِسْمِ އާއި ބެހޭގޮތުން ބިސްމި ނުކިއުމަށް ދޭހަވާ ރިވާޔަތަކީ މާތް ﷲ ރުއްސުންލެއްވި އަނަސު ގެކިބައިން އައިސްފައިވާ ރިވާޔަތެވެ. އެކަލޭގެފާނުންގެ ކިބައިން ބިސްމީގެ މައްސަލާގައި އެތަކެއް ރިވާޔަތެއް ޞައްޙަ މަގުން އައިސްފައި އެބަހުއްެޓެވެ. މިރިވާޔަތްތަކުގެ ލަފުޒުތައް އައިސްފައިވަނީ ވަރަށް ތަފާތުކޮށެވެ. އެއްރިވާޔަތާ އަނެއްރިވާޔަތް ފުށުއަރާގޮތަށެވެ. ތިރީގައިވާ ތަފްޞީލަށް ވިސްނާލައްވާށެވެ.

(ހ) އެއް ރިވާޔަތުގައި އައިސްފައިވަނީ ނަމާދުގައި رَسُولُ اللَّهِ صلّى الله عليه وسلّم ކިޔަވާވިދާޅުވާން ފައްޓަވަނީ اَلْحَمْدُ لِلَّهِ އިންކަމަށެވެ. ރިވާޔަތުގައި އައިސްފައިވަނީ މިފަދައިންނެވެ. عَنْ أَنَسٍ قَالَ كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَأَبُو بَكْرٍ وَعُمَرُ وَعُثْمَانُ يَفْتَتِحُونَ الْقِرَاءَةَ بِالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ([2])  (މާނައީ: އަނަސްގެފާނުންގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. رَسُولُ اللَّهِ صلّى الله عليه وسلّم އާއި އަބޫބަކުރު، ޢުމަރު، ޢުޘްމާނު، މިބޭކަލުން ނަމާދުގެ ކިޔެވުން ފައްޓަވަނީ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ އިންނެވެ.)

އިމާމު ތިރުމިޛީ މިޙަދީޘު ރިވާކުރެއްވުމަށް ފަހު ވިދާޅުވެފައިވެއެވެ. މިއީ ކީރިތި ރަސޫލާގެ އަޞްޙާބުންނާއި ތާބިޢީންގެ ތެރެއިން ޢިލްމުވެރިންގެ މަޛްހަބެވެ. އެބޭކަލުން ދެކެވަޑައިގަންނަވަނީ ނަމާދުގެ ކިޔެވުން ފެއްޓުން އޮންނަނީ އަލްޙަމްދުންނެވެ. އެއަށްފަހު ތިރުމިޛީ ވިދާޅުވެފައި ވެއެވެ. އިމާމު ޝާފިޢީ ދެކެވަޑައިގަންނަވާ ގޮތުގައި އަލްޙަމްދުން ފެށުމުގެ މާނައަކީ ސޫރަތުލްފާތިޙާއިން ފެށުމުގެ ވާހަކައެވެ. އެހެނީ އަލްޙަމްދު މިލަފްޒަކީ އެސޫރަތުގެ އެއް ނަމެވެ. އެހެންކަމުން އަނަސްގެފާނުންގެ ކިބައިން ބައެއް ރިވާޔަތުގައި އައިސްފައިވަނީ އުއްމުލް ޤުރުއާނުން ފައްޓަވާ ކަމަށެވެ. އަދި ބައެއްރިވާޔަތުގައި އުއްމުލްކިތާބޭވެސް އައިސްފައި އެބަހުއްޓެވެ. އެހެންކަމުން މިރިވާޔަތުގައި މިއޮތް އަލްޙަމްދުން ފައްޓަވާ ބަސްފުޅުގެ މާނައަކީ އެކަލޭގެފާނު   ބިސްމި ވިދާޅުނުވާ ވާހަކައެއް ނޫން ކަމަށެވެ.

(ށ) މާތް ﷲ ރުއްސުންލެއްވި ޢާއިޝަތުގެފާނާއި އަބޫހުރައިރާއާއި އަނަސްގެފާނުންގެ ކިބައިން ރިވާވެގެން ވެެއެވެ. އެބޭކަލުން ވިދާޅުވިއެވެ. كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَفْتَتِحُ الْقِرَاءَةَ بِالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ ([3]) (މާނައީ: رَسُولُ اللَّهِ صلّى الله عليه وسلّم ނަމާދުގައި ކިޔަވަން ފައްޓަވަނީ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ އިންނެވެ.) މިތާގައި އަލްޙަމްދުން ފައްޓަވާކަމަށް އޮތް  އޮތުމުގެ މުރާދަކީ ސޫރަތުލްފާތިހާއިން ފައްޓަވާ ވާހަކަ ކަމުގައި މާތް ﷲ ރުއްސުންލެއްވި ޢާއިޝާގެ ކިބައިން ބަޔާންވެގެނހިގައްޖެއެވެ.([4])

(ނ) މިމައްސަލާގައި އަނަސްގެފާނުންގެ ކިބައިން އައިސްފައިހުރި ރިވާޔަތްތަކަށް ބަލާއިރު އެރިވާޔަތްތައް އައިސްފައިވަނީ އެއްރިވާޔަތް އަނެއްރިވާޔަތް ފުށުއަރާގޮތަށެވެ. ކުރީގައި ބަޔާންވެ ދިޔަ ރިވާޔަތާއި ޚިލާފަށް އެއްރިވާޔަތުގައި އެކަލޭގެފާނު ވިދާޅުވެފައިވެއެވެ.  صَلَّيْتُ مَعَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَأَبِي بَكْرٍ وَعُمَرَ وَعُثْمَانَ فَلَمْ أَسْمَعْ أَحَدًا مِنْهُمْ يَقْرَأُ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ([5]) (މާނައީ: رَسُولُ اللَّهِ صلّى الله عليه وسلّم އާއި އަބޫބަކުރު، ޢުމަރު، ޢުޘްމާނު، މިބޭކަލުންނާއެކު ތިމަންކަލޭގެފާނު ނަމާދު ކުރެއްވީމެވެ. އެއިން އެއްވެސް ބޭކަލަކު ބާރަށް ބިސްމި ވިދާޅުވިއަޑެއް ތިމަން ނައައްސަވަމެވެ.)

(ރ) އެހެންރިވާޔަތެއްގައި އައިސްފައިވެއެވެ. މުޢުތަމަރު އިބްނު ސުލައިމާންގެ ކިބައިން، އެކަލޭގެފާނު ސުލައިމާނުގެ ކިބައިން، އެކަލޭގެފާނު މާތް ﷲ ރުއްސުންލެއްވި އަނަސްެގެފާނުންގެ ކިބައިން ރިވާވެގެން ވެއެވެ. އަނަސްގެފާނު ވިދާޅުވިއެވެ. “كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَجْهَرُ بِالْقِرَاءَةِ بِبِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ” (މާނައީ: رَسُولُ اللَّهِ صلّى الله عليه وسلّم ކިޔަވާ ވިދާޅުވުމުގައި ބިސްމިﷲ ބާރަށް ވިދާޅުވަތެވެ.) މިރިވާޔަތް ރިވާކުރެއްވީ އިމާމު ދާރުޤުޠްނީއެވެ. އެކަލޭގެފާނުންގެ މުސްނަދުގައްޔާއި ސުނަނުގައެވެ. ދެން ދާރުޤުޠްނީ ވިދާޅުވެފައި ވެއެވެ. މިރިވާޔަތުގެ ސަނަދަކީ ޞާލިޙު، ސަނަދެކެވެ. މިރިވާޔަތުގައި މުޙައްމަދު އިބްނު އަބިއްސިއްރީ އަލްޢަސްޤަލާނީ ހިމެނެއެވެ. މުޙައްމަދު އަލްޢަސްޤަލާނީ ވިދާޅުވެފައި ވެއެވެ. صَلَّيْتُ خَلْفَ الْمُعْتَمَرِ بْنِ سُلَيْمَانَ مَالاَ أُحْصَى صَلاَةً الْمَغْرِبَ وَالصُّبْحَ فَكَانَ يَجْهَرُ بِبِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ قَبْلَ فَاتِحَةِ الْكِتَابِ وَبَعْدَهَا وَسَمِعْتُ الْمُعْتَمَرَ يَقُولُ مَا آلُوا أَنْ أَقْتَدِى بِصَلاَةِ أَبِي وَقَالَ أَبِى مَا آلُوا أَنْ أَقْتَدِى بِصَلاَةِ أَنَسِ بْنِ مَالِكٍ، َوقَالَ أَنَسٌ رَضِيَ اللَّهُ عَنْهُ مَا آلُوا أَنْ أَقْتَدِى بِصَلاَةِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ. قَالَ الدَّارُقُطْنِي إِسْنَادُهُ كُلُّهُمْ ثِقَاتٌ (މާނައީ: “މިރިވާޔަތުގައި މިވާ އަލްމުޢުތަމަރު އިބްނު ސުލައިމާންގެ ފަހަތްޕުޅުގައި ތިމަންނާއަށް ޢަދަދު ނުކުރެވޭހާ ގިނަ މިންވަރަށް މަޣުރިބު ނަމާދާއި ފަތިސް ނަމާދު ކުރެވުނެވެ. އެކަލޭގެފާނު އަލްޙަމްދުގެ ކުރިންނާއި އަލްޙަމްދުގެ ފަހުން ބިސްމި ބާރަށް ވިދާޅުވަތެވެ. އަދި މުޢުތަމަރު ވިދާޅުވި އަޑު ތިމަން އެހީމެވެ. ތިމަންގެ ބައްޕައަށް އިޤްތިދާވެ، ތިމަން ވަރަށް ގިނަ ނަމާދު ކުރީމެވެ. އަދި ބައްޕަ އަނަސްގެފާނަށް އިޤްތިދާވެ ވަރަށް ގިނަ ނަމާދު ކުރެއްވިއެވެ. އަދި އަނަސްގެފާނު ވިދާޅުވެފައި ވެއެވެ. رَسُولُ اللَّهِ صلّى الله عليه وسلّم އަށް އިޤްތިދާވެވަޑައިގެން ވަރަށް ގިނައިން ތިމަން ނަމާދު ކުރެއްވީމެވެ.” ދެން ދާރުޤުޠްނީ ވިދާޅުވެފައި ވެއެވެ. މިރިވާޔަތުގައި  ހުރިހާ ރާވީންނަކީ އިތުބާރުހިފޭ، ޘިޤާ ރާވީންނެވެ.)([6])

(ބ) އަދިވެސް އަނަސްގެފާނުންގެ ކިބައިން މާތް ﷲ ރަޙްމަތްލެއްވި ޝުރައިކު އިބްނު ޢަބްދު ﷲ ރިވާކުރަށްވާފައި ވެއެވެ. އަނަސްގެފާނު ވިދާޅުވިއެވެ. “سَمِعْتُ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَجْهَرُ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ “([7]) (މާނައީ: رَسُولُ اللَّهِ صلّى الله عليه وسلّم ބާރަށް ބިސްމި ވިދާޅުވާއަޑު ތިމަން އެއްސެވީމެވެ.)

(ޅ) އަދިވެސް އަނަސްގެފާނުންގެ ކިބައިން މާތް ﷲ ރަޙްމަތްލެއްވި ސަޢީދު އިބްނު ޒައިދު ރިވާކުރެއްވި ރިވާޔަތެއް މިފަދައިން އައިސްފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. سَأَلْتُ أَنَسًا ” أَكَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَسْتَفْتِحُ بِالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ أَوْ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ فَقَالَ إِنَّكَ لَتَسْأَلَنِي عَنْ شَيْءٍ مَا أَحْفَظُهُ وَمَا سَأَلَنِي عَنْهُ أَحَدٌ قَبْلَكَ” ([8]) (މާނައީ: ސަޢީދު ވިދާޅުވިއެވެ. އަނަސްގެފާނާ ތިމަން ސުވާލުކުރީމެވެ. رَسُولُ اللَّهِ صلّى الله عليه وسلّم ނަމާދުގައި ކިޔަވާ ވިދާޅުވަން ފައްޓަވަނީ އަލްޙަމްދުންތޯއެވެ؟ ނުވަތަ ބިސްމިންތޯއެވެ؟ އެހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭގެފާނު ތިޔަ ކުރެއްވި ސުވާލަކީ މީގެ ކުރީން މީހަކު ތިމަންކަލޭގެފާނާ ކުރި ސުވާލެއްނޫނެވެ. ޙަޤީޤަތުގައި ތިޔަ މައްސަލަ ވަނީ ތިމަންކަލޭގެފާނަށް ހަނދުމަނެތިފައެވެ.) އަދި ބައެއް ރިވާޔަތުގައި އަނަސްގެފާނު ވިދާޅުވެފައި ވަނީ “كَبِرْتُ وَنَسِيتُ” މިފަދައިންނެވެ. (ޔަޢުނީ: މިހާރު އަހުރެން މުސްކުޅި ވެފައެވެ. އަދި ތިޔަމައްސަލަ ހަދާން ނެތިފައެވެ.)

(3) ނަމާދުގައި ބިސްމި ސިއްރުން ކިއުމަށް ބުރަވެ ވަޑައިގަންނަވާ ބޭކަލުންގެ އަނެއް ދަލީލަކީ މާތް ﷲ ރުއްސުންލެއްވި ޢަބުދުﷲ އިބްނު މަސްޢޫދު ގެކިބައިން ރިވާވެގެންވާ މިރިވާޔަތެވެ. އޭގައި އެކަލޭގެފާނުން ވިދާޅުވެފައި ވެއެވެ. “مَا جَهَرَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِى صَلاَةٍ مَكْتُوبَةٍ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ وَلاَ أَبُو بَكْرٍ وَلاَ عُمَرُ رَضِيَ اللَّهُ عَنْهُمَا” ޔަޢުނީ: رَسُولُ اللَّهِ صلّى الله عليه وسلّم ވެސް، އަދި އަބޫބަކުރާއި ޢުމަރާއި ދެބޭކަލުންވެސް ފަރުޟު ނަމާދެއްގައި بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ ބާރަށް ވިދާޅުވެފާ ނުވެއެވެ.)

މިރިވަޔަތާއި ބެހޭގޮތުން އިމާމު އައްޒައިޢަލީ ވިދާޅުވިއެވެ. “هَذَا الْحَدِيثُ لاَ تَقُومُ بِهِ حُجَّةٌ فَإِنَّ مُحَمَّدَ بْنَ جَابِرٍ تَكَلَّمَ فِيهِ غَيْرُ وَاحِدٍ مِنَ الأَئِمَّةِ، وَإِبْرَاهِيمُ لَمْ يَلِقْ عَبْدَ اللَّهِ بْنَ مَسْعُودٍ، وَهُوَضَعِيفٌ، مُنْقَطِعٌ”([9]) (ޔަޢުނީ: ޒައިޢަލީ ވިދާޅުވަނީ، މިޙަދީޘަކީ ދީނުގެ ޙުއްޖަތް ޤާއިމު ކުރެވޭ ފެންވަރުގެ ޙަދީޘެއް ނޫންކަމަށެވެ. މިހެނީ މިޙަދީޘުގެ ސަނަދުގައި އޮތް މުޙައްމަދު އިބްނު ޖާބިރާއި ބެހޭގޮތުން އިމާމުވެރި ބޭކަލުންގެ ތެރެއިން ގިނަ ބެއިކަލުންވަނީ  ޖަރަޙަ ކުރައްވާ ވާހަކަ ދައްކަވާފައެވެ. އަދި އަނެއްކޮޅުން ބަލާއިރު، ޢަބްދު ﷲ އިބްނު މަސްޢޫދާއި އިބްރާހިމު އާއިވެސް ބައްދަލެއް ނުވެއެވެ. އެހެންކަމުން އެއީވެސް ޟަޢީފު ރާވީއެކެވެ. ހަމައެއާއެކު ރިވާޔަތްވަނީ މެދުކެނޑިގެންވެސް  ގޮސްފައެވެ.

(4)  މީގެ އިތުރުން މިމައްސަލައަށް ތާއީދު ހޯއްދެވުމުގެ ގޮތުން، ބިސްމި ސިއްރުން ކިއުމަށް ބުރަވެ ވަޑައިގަންނަވާ ބޭކަލުން މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ އަންނަނިވި ޙަދީޘު ގެންނަވާފައި ވެއެވެ. سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ قَالَ اللَّهُ تَعَالَى قَسَمْتُ الصَّلاَةَ بَيْنِي وَبَيْنَ عَبْدِي نِصْفَيْنِ وَلِعَبْدِي مَا سَأَلَ فَإِذَا قَالَ الْعَبْدُ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ قَالَ اللَّهُ تَعَالَى حَمِدَنِي عَبْدِي وَإِذَا قَالَ الرَّحْمَنِ الرَّحِيمِ قَالَ اللَّهُ تَعَالَى أَثْنَى عَلَيَّ عَبْدِي وَإِذَا قَالَ مَالِكِ يَوْمِ الدِّينِ قَالَ مَجَّدَنِي عَبْدِي وَقَالَ مَرَّةً فَوَّضَ إِلَيَّ عَبْدِي فَإِذَا قَالَ إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ قَالَ هَذَا بَيْنِي وَبَيْنَ عَبْدِي وَلِعَبْدِي مَا سَأَلَ فَإِذَا قَالَ اهْدِنَا الصِّرَاطَ الْمُسْتَقِيمَ صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلاَ الضَّالِّينَ قَالَ هَذَا لِعَبْدِي وَلِعَبْدِي مَا سَأَلَ([10]) މާނައީ: رَسُولُ اللَّهِ صلّى الله عليه وسلّم ޙަދީޘުކުރެއްވި އަޑު ތިމެން އެއްސެވީމެވެ. ޤުދުސިއްޔަ ޙަދީޘެއްގައި މާތް ﷲ ވަޙީކުރެއްވިއެވެ. އަހުރެންވަނީ އަހުރެންގެ އަޅާއާއި އަހަންނާދެމެދު ނަމާދު (އެބަހީ ސޫރަތުލްފާތިޙާ) ދެބަޔަަކަށް ބައްސަވާފައެވެ. އަހަރެންގެ އަޅާއަށް އޭނާ އެދޭކަމެއް ލިބުން ޙައްޤުވެގެން ވެއެވެ. ދަންނާށެވެ! އަޅާ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ ބުނާހިނދު ﷲ ވަޙީ ކުރަށްވާނެތެވެ. އަހުރެންގެ އަޅާ އަހަންނަށް ޙަމްދު ދަންނަވައިފިއެވެ. އަދި الرَّحْمَنِ الرَّحِيمِ ބުނުމުން ﷲ ވަޙީކުރަށްވާނެތެވެ. އަހުރެންގެ އަޅާ އަހަންނަށް ޘަނާ ދަންނަވައިފިއެވެ. އަދި އޭނާ مَالِكِ يَوْمِ الدِّينِ ކިޔުމުން ﷲ ވަޙީކުރަށްވާނެތެވެ. އޭނާ އަހަރެންގެ މަތިވެރިކަން ބަޔާންކޮށްފިއެވެ. ދެން އޭނާ إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ ކިއުމުން ﷲ ވަޙީކުރަށްވާނެތެވެ. މިއީ އަހަންނާ އަހުރެންގެ އަޅާއާ ދެމެދު އޮތް ބައެކެވެ. އަހުރެންގެ އަޅާ އެދުނުކަމެއް އޭނާއަށް ލިބުން ޙައްޤު ވެގެން ވެއެވެ. ދެން އޭނާ اهْدِنَا الصِّرَاطَ الْمُسْتَقِيمَ صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلاَ الضَّالِّينَ ކިއުމުން ﷲ ވަޙީކުރަށްވާނެތެވެ. މިއީ އަހުރެންގެ އަޅާއަށް އޮތް ޙިއްޞާއެވެ. އަދި އަހުރެންގެ އަޅާ އެދުނުކަމެއް އޭނާއަށް ލިބުން ޙައްޤުވެގެން ވެއެވެ.

(5) ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އަލްޙަމްދުގައި ބިސްމި ސިއްރުން ކިއުމަކީ މަދީނާގެ އިޖްމާޢުއިން ސާބިތުވާ މައްސަލައަކަށްވެފައި، އިޖްމާޢުއާ ޚިލާފު ވުމަކީ ދީނުގެ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ހުއްދަވެގެންވާ ކަމެއްނޫނެވެ.

ބިސްމިކިއުމުގައި ބޮޑަށް ބުރަވެވޭގޮތް:

ނަމާދުގައި ބިސްމި ސިއްރުން ކިއުމުގެ މައްސަލާގައި ބަޔާންވެދިޔަ ދަލީލުތަކަށް ބަލާއިރު އަންނަނިވި ނުކުތާތައް ސާބިތުވެއެވެ. އެއީ :

(1) ނަމާދުގައި رَسُولُ اللَّهِ صلّى الله عليه وسلّم ބައެއްފަހަރު ސިއްރުންވެސް ބިސްމި ވިދާޅުވެފައި އޭގައި ޝައްކެއްހުރިކަމެއްނޫނެވެ. އަދި މިއީ رَسُولُ اللَّهِ صلّى الله عليه وسلّم ގެ އަޞްޙާބުންނާއި ތާބިޢީންގެ ތެރެއިން އެތަކެއް ބޭކަލުން ޢަމަލު ކުރެއްވާފައިވާ ކަމެއްވެސް މެއެވެ.

(2)  ނަމާދުގައި رَسُولُ اللَّهِ صلّى الله عليه وسلّم ބިސްމި ސިއްރުން  ވިދާޅުވާފަދައިން ބާރަށްވެސް ވިދާޅުވުމަކީ ކުޑަވެސް ޝައްކެއްހުރި ކަމެއްނޫނެވެ . އަދި މިއީ ލޮބުވެތި އަޞްޙާބުބޭކަލުންނާއި، ތާބިޢީންގެ ތެރެއިން ގިނަބޭކަލުން ޢަމަލު ކުރައްވަމުން އައި ގޮތެވެ. އަދި ގިނަ މުޙައްދިޘުން ބުރަވެ ވަޑައިގަންނަވަނީ ބިސްމި ބާރަށް ކިއުމަށެވެ.

(3) ޙަދީޘުތަކަށް ބަލާއިރު، ބިސްމި ސިއްރުން ކިއުމަށް ހުރި ޙަދީޘްތަކަށްވުރެ ގިނައީ ބިސްމި ބާރަށް ކިއުމަށްހުރި ޙަދީޘްތަކެވެ. އަދި ދަލީލުގެ ގޮތުން ގަދައީވެސް ބާރަށް ބިސްމި ކިއުމެވެ. އަދި ސީދާ ޞަރީޙަކޮށް ބިސްމި ބާރަށް ކިއުމަށް އޮތީ ތިންޙަދީޘެވެ. އެތިންޙަދީޘްއަކީ ވެސް ދަންނަބޭކަލުން ޟަޢީފް ކުރައްވާ ޙަދީޘްތަކެވެ.

(4) މާތް ﷲ ރުއްސުންލެއްވި ޢާއިޝަތުގެފާނުންގެ ރިވާޔަތުން ކީރިތި  رَسُولُ اللَّهِ صلّى الله عليه وسلّم ބިސްމި ބާރަށް ވިދާޅު ނުވާކަމަކަށް ސާބިތުނުވެއެވެ. އެއީ އޭގައި އޮންނަނީ އަލްޙަމްދުން ނަމާދުގެ ކިޔެވުން ފަށްޓަވާ ކަމަށެވެ. އަދި  އޭގެ މާނައަކީ ފަހަރެއްގައިވެސް ބިސްމި ބާރަށް ވިދާޅުނުވާ ވާހަކައެއްނޫނެވެ. އަދިކިއެއްހެއްޔެވެ؟ އޭގެ މުރާދަކީ  އިތުރު އެކަލޭގެފާނު ނަމާދުގައި ކިޔަވާ ވިދާޅުވާން  ފަށްޓަވަނީ ސޫރަތުލްފާތިޙާއިން ކަމަށެވެ. މިވާހަކަ ވަރަށް ޞަރީޙަކޮށް އިމާމު ތިރުމިޛީ އިމާމު ޝާފިޢީގެ އަރިހުން ރިވާކުރަށްވާފައި ވެއެވެ.އަދި އިމާމު ތިރްމިޛީގެ މިބަސްފުޅުގެ ހެކި އަބޫހުރައިރާގެ އަރިހުން އައިސްފައިވާ އަންނަނަވި ޙަދީޘުން އެބަފެނެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ” الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ أُمُّ الْقُرْآنَ وَأُمُّ الْكِتَابِ وَالسَّبْعُ الْمَثَانِي([11]މާނައީ: ކީރިތި رَسُولُ اللَّهِ صلّى الله عليه وسلّم ޙަދީޘުކުރަށްވާފައި ވެއެވެ. الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ އަކީ أُمُّ الْقُرْآنَ އެވެ. وَأُمُّ الْكِتَابِ އެވެ. އަދި السَّبْعُ الْمَثَانِي އެވެ. އެބަހީ ، މިއިން ކޮންމެ ނަމަކުން ބުނެވުނު ކަމުގައިވިއަސް އޭގެ މުރާދައަކީ ސޫރަތުލް ފާތިޙާއެވެ. ([12])

(5)  ބިސްމި ސިއްރުންކިއުމަށް ދޭހަވާގޮތަށް އޮންނަ އަނެއް ޙަދީޘަކީ އިބްނު މަސްއޫދުގެ ރިވާޔަތެކެވެ. މިއީ ޢިލްމުވެރިން އެއްބަަސްވެ ވަޑައިގަންނަވާ ގޮތުގައި ޟަޢީފް ރިވާޔަތެކެވެ. ([13])

(6) ޢަބްދުﷲ އިބްނު މުޣައްފަލްގެ ރިވާޔަތަކީވެސް އެންމެހާ މުޙައްދިޘުން އެއްބަަސްވެ ވަޑައިގަންނަވާ ގޮތުގައި ޟަޢީފު ރިވާޔަތެކެވެ. އަދި ތިރުމިޛީ ވިދާޅުވެފައި ވަނީ މިއީ ޙަސަން ދަރަޖައިގެ ރިވާޔަތަކަށް ބެލިކަމުގައިވިއަސް ޢަބްދުﷲ އިބްނު މުޣައްފަލަކީވެސް ވަރަށްފަހުން އިސްލާމްވެ ވަޑައިގަތް ބޭކަލެއްކަމާއި  އަބޫހުރައިރާ ފަދައިން ދޮށީ ބޭކަލުން ނަމާދުގައި އަބަދުވެސް  ކީރިތި ރަސޫލާއާ އަރިސްކޮށް އުޅުއްވާކަމާއި ޢަބްދު ﷲ އިބްނު މުޣައްފަލް އިސްލާމްވެ ވަޑައިގަތީ ތުއްޕުޅުއިރުގައި ކަމަށްވެފައި، ކުޑަކުދިން ނަމާދަށް ތިބެނީ ފިރިހެނުންނަށްވުރެން ފަހަތުގައި ކަމަށްވާތީ އެކަން ޢަބްދުﷲ އަށްވުރެން ސާފުވެ ވަޑައިގަންނަވާނީ އަބޫހުރައިރާއަށް ކަމާމެދު ޝައްކެއްނެތެވެ. އަދި ކިޔަވަންފަށައިގަންނައިރު ދުރުގައި ހުންނަ މީހާއަށް އިވޭގޮތް ނުވުމަކީވެސް އެކަށީގެންވާ ކަމެކެވެ.

(7) ކުރީގައި ބަޔާންވެދިޔަ އަބޫހުރައިރާގެ ޤުދުސިއްޔަ ޙަދީޘު قَسَّمْتُ الصَّلاَةَ އަށް ބަލާއިރު، އެޙަދީޘާ ބެހޭގޮތުން އިމާމު ނަވަވީ އަލްމަޖްމޫޢުގައި ޢިލްމުވެރިންގެ އަރިހުން 8 ޖަވާބެއް ގެންނަވާފައި ވެއެވެ. އޭގެ ތެރެއިން އެއްޖަވާބަކީ އެޙަދީޘުގެ ބައެއް ރިވާޔަތުގައި ބިސްމީގެ ވާހަކަވެސް އައިސްފައި އޮންނަ ކަމަށެވެ.([14]) އަނެއްޖަވާބަކީ، މިތާގައި އަންގަވަނީ އަލްޙަމްދު ދެބަޔަކަށް ބެހިގެންވާ ވާހަކަ ކަމަށެވެ. ކޮންމެހެން އާޔަތްތައް ހަމައަށް ދެބައަކަށް ބެހޭ ވާހަކައެއް ނޫނެވެ. އަދި ބިސްމިނުލާ އޮންނައިރު އެގޮތަށް ދެބަޔަށް ހަމަހަމައަށް ބެހިފައެއް ނެތެވެ. އެހެންކަމުން ސޫރަތުގައި މިވަނީ ﷲއަށް ޛިކުރު ކުރުމާއި ﷲގެ ޙަޟުރަތުން އަޅާ އެދޭ އެދުމާއި މިދެބައެވެ. ދެން ބިސްމީގައި އޮންނަ ވާހަކަ ތިންވަނަ އާޔަތް، އާދެ! الرَّحْمَنِ الرَّحِيمِ ގައި އޮންނާތީވެ ޙަދީޘުގައި އެވާހަކަ ތަކްރާރު ނުކުރެއްވުމުގެ ގޮތުން ބިސްމި ދޫކުރެވިފައި އޮތީކަމަށެވެ. އަދި އެހެންނޫނަސް މިޙަދީޘްތަކުން ބިސްމި ބާރަށް ކިއުމަކަށްވެސް އަދި ސިއްރުން ކިއުމަކަށްވެސް ދަލީލެއް ފެންނާކަށްނެތެވެ. އަނެއް ޖަވާބަކީ މިޙަދީޘަކީ ބިސްމި ބާވައިލެއްވުމުގެ ކުރިން ވިދާޅުވި ޙަދީޘަކަށް ވުމީ އެކަށީގެންވާ ކަމެކެވެ.

(8) ދެން ހުރީ އަނަސްގެފާނުގެ ކިބައިން އައިސްފައިހުރި ރިވާޔަތްތަކެވެ. އެކަލޭގެފާނުންގެ އަރިހުން ބިސްމިއާމެދު ތަފާތުއެތަކެއް ރިވާޔަތްތައް އައިސްފައި އެބަހުއްޓެވެ. އެއް ރިވާޔަތުގައި ވަނީ ކީރިތި ރަސޫލާއާއި އަބޫބަކުރާއި ޢުމަރާއި ޢުޘްމާނާއި މިބޭކަލުން ނަމާދުގައި ކިޔަވަން ފައްޓަވަނީ އަލްޙަމްދުން ކަމަށެވެ. އަނެއް ރިވާޔަތުގައި އޮންނަނީ އެބޭކަލުން ބިސްމި ވިދާޅުނުވާ ކަމަށެވެ. އަނެއް ރިވާޔަތުގައި އޮންނަނީ އެކަލޭގެފާނު އެބޭކަލުންގެ އަރިހުން ބިސްމި ވިދާޅުވި އަޑެއް ނާއްސަވާ ކަމަށެވެ. އަނެއް ރިވާޔަތުގައި އޮންނަނީ އެބޭކަލުން ނަމާދުގައި ބިސްމި ބާރަށް ވިދާޅުވާ ކަމަށެވެ. އަނެއް ރިވާޔަތުގައި އޮންނަނީ އަނަސްގެފާނު މިމައްސަލަ ހަނދުމަފުޅު ނެތިއްޖެކަމަށެވެ.

އަނަސްގެފާނުގެ މިރިވާޔަތްތަކަށް ބެއްލެވުމަށްފަހު މައްސަލަ ތަޙްޤީޤު ކުރެއްވި ޢިލްމުވެރިން ވަނީ ބިސްމީގެ މައްސަލާގައި އަނަސްގެފާނުގެ ކިބައިން އައިސްފައިހުރި ހުރިހާ ރިވާޔަތެއް ޟަޢީފު ކުރަށްވާފައެވެ. އިމާމު ނަވަވީ ވިދާޅުވެފައި ވެއެވެ. މާތް ﷲ ރަޙްމަތްލެއްވި އިމާމު އިބްނު ޢަބްދުލް ބައްރު ވިދާޅުވެފައި ވެއެވެ. “أَنَّهُ لاَ يَجُوزُ لِلإِحْتِجَاجِ بِهِ لِتَلَوُّنِهِ وَاضْطِرَابِهِ وَاخْتِلاَفِ أَلْفَاظِهِ مَعَ تَغَايُرِ مَعَانِيهَا فَلاَ حُجَّةَ فِي شَيْءٍ مِنْهَا عِنْدِي لأَنَّهُ قَالَ مَرًّة كَانُوا يَفْتَتِحُونَ (بِالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ) وَمَرَّةً كَانُوا لاَيَجْهَرُونَ (بِسْمِ  اللَّهِ الرَّحْمَنِ الرَّحِيمِ) وَمَرَّةً كَانُوا لاَيَقْرَؤُنَهَا وَمَرَّةً لَمْ أَسْمَعْهُمْ يَقْرَؤُنَهَا وَمَرَّةً قَالَ وَقَدْ سُئِلَ عَنْ ذَلِكَ كَبِرْتُ وَنَسِيتُ فَحَاصِلُ هَذِهِ الطَّرِيقَةَ إِنَّمَا نَحْكُمُ بِتَعَارُضِ الرِّوَايَاتِ وَلاَ نَجْعَلُ بَعْضُهَا أَوْلَى مِنْ بَعْضٍ فَيَسْقُطُ الْجَمِيعُ”([15]) (ޔަޢުނީ: މިރިވާޔަތްތަކުގެ ބަސްތައް އެކަތި އަނެކައްޗާ ފުށުއަރާތީއާއި އެއަށް ޢަމަލުކުރުމީ އުނދަގޫ ކަމަކަށް ވާތީވެ، އެރިވާޔަތުން ޙުއްޖަތް ޤާއިމުކުރުން ހެޔޮނުވާނެއެވެ. އަދި އެރިވާޔަތްތައް ވަނީ އޭގެ މާނަތައް އަރައިރުންވެ އޭގައި ތަފާތު ކުލަޖެހި ރިވާޔަތްތަކުގައި ހަމަނުޖެހުން އުފެދިފައެވެ. އެހެންކަމުން ތިމަންކަލޭގެފާނުންގެ އަރިހުގައި އެއިން އެއްވެސް ރިވާޔަތަކުން ޙުއްޖަތް ޤާއިމު ނުކުރެވޭނެއެވެ. ބައްލަވާށެވެ! އަނަސްގެފާނު އެއްފަހަރު ވިދާޅުވެފައި ވަނީ އެބޭކަލުން الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ އިން ފަށްޓަވާ ކަމަށެވެ. އަނެއްފަހަރު ވިދާޅުވެފައި ވަނީ އެބޭކަލުން بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ އިން ފަށްޓަވާ ކަމަށެވެ. އަނެއްފަހަރު ވިދާޅުވެފައި ވަނީ އެބޭކަލުން بِسْمِ  اللَّهِ ވިދާޅުނުވާ ކަމަށެވެ. އަނެއްފަހަރު ވިދާޅުވެފައި ވަނީ އެބޭކަލުން بِسْمِ  اللَّهِ ވިދާޅުވި އަޑު އެކަލޭގެފާނު ނާއްސަވާ ކަމަށެވެ. އަނެއްފަހަރު ވިދާޅުވެފައި ވަނީ އެކަލޭގެފާނު އުމުރުފުޅު  ދޮށީވުމުގެ ސަބަބުން އެމައްސަލަ ހަނދުމަނެތި ވަޑައިގެންފި ކަމަށެވެ. އަނެއްކޮޅުން ބަލާއިރު އަނަސްގެފާނު ޢަމަލުފުޅަކީ ކޮބައިކަމަށް ބަލާއިރު އެކަލޭގެފާނު ބިސްމި ވިދާޅުވަނީ ބާރަށެވެ. މިއީ އަނަސްގެފާނުގެ ކިބައިން އައިސްފައިހުރި މިމައްސަލައާބެހޭ ދަލީލުތައް ދޫކޮށްލަން ޖެހުނު ސަބަބެވެ. މިގޮތަށް މިކަހަލަ މައްސަލައެއް އައުމުން އަހަރެމެން ޢަމަލުކުރަމުން ގެންދާ އުޞޫލަކީ، ރިވާޔަތްތައް އެކަތި އަނެކައްޗާ ފުށުއަރާތީވެ، އެއްރިވާޔަތުގެ މައްޗަށް އަނެއް ރިވާޔަތެއް އައުލާވާ ގޮތަކީ ކޮބައިތޯ ނުބަލައި، ހުރިހާ ރިވާޔަތްތައް ދޫކޮށްލަނީއެވެ.

ބިސްމި ނުކިއުމަކީ މަދީނާގެ އިޖްމާޢެއް ނޫނެވެ.

(9) ބިސްމި މަޑުން ކިއުމަކީ އަޞްޙާބު ބޭކަލުންނާއި ތާބިޢީންގެ ދުވަސްވަރުގައި މަދީނާގެ އިޖްމާޢަކަށް ވެފައިވާ ވާހަކައާ ބެހޭގޮތުން އިމާމު ޝާފިޢީ ވިދާޅުވެފައިވަނީ ތާބިޢީންނާއި ތަބުޢުއްތާބިޢީންގެ ޒަމާނުގެ ފަހުގެ ދުވަސްވަރެއްގައި އުމަވީންގެ ބައެއް ޚަލީފާއިންގެ ނުފޫޛުގައި މަދީނާގައި ބިސްމި ނުކިއުމާއި ހަރުއަޑުން ނުކިއުމުގެ އާދަ އޮތް ކަމުގައި ވެދާނެއެވެ.  އެއީ ޙަޤީގަތެއްކަމުގައި ބެލިކަމުގައިވިއަސް މާތް ﷲ ރުއްސުންލެއްވި މުޢާވިޔަތުގެފާނު ނަމާދު ކުރެއްވުމުގައި ބިސްމި ވިދާޅުނުވި މައްސަލައާއި އެކަލޭގެފާނާ އިދިކޮޅަށް އަޞްޙާބުންގެ ތެރެއިން މުހާޖިރުންނާއި އަންޞާރުން ތެދުވެވަޑައިގެން ފާޑުވިދާޅުވުމާ ގުޅިގެން އެކަލޭގެފާނުގެ ރައުޔު ބަދަލުކުރަށްވައި ބިސްމި ބާރަށް ވިދާޅުވި ވާހަކަ އެއީ މަޝްހޫރު ވާހަކައެކެވެ. އެހެންކަމުން އެއިން އެނގެނީ މަދީނާގައި އިޖްމާޢު އޮތީ ބިސްމި ނުކިއުމަކަށް ނޫންކަމާއި އިޖްމާޢު އޮތީ ބިސްމި ބާރަށް ކިއުމަށް ކަމެވެ.([16]) ކުރީގައި ބުނިފަދައިން އެއްދުވަސްވަރެއްގައި މަދީނާގެ ގިނަ މީހުންގެ ޢަމަލުއޮތީ ބިސްމި ބާރަށް ނުކިއުން ކަމަށްބެލިކަމުގައި ވިއަސް އަޞްޙާބު ބޭކަލުންގެ ދުވަސްވަރުންފެށިގެން މައްކާގެ މީހުންގެ އާދައަކަށް އޮތީ ބިސްމި ބާރަށް ކިއުމެވެ. ޞަޙާބީންނާއި ޠާބިޢީންގެ އިއްތިފާޤުންނެވެ.  މީގެ އިތުރުން، ބިސްމި މަޑުން ކިއުމަކީ މަދީނާގެ އިޖްމާޢެއް ނޫންކަމުގެ އަނެއް ހެއްކަކީ ކުރީގައި ބަޔާންވެ ދިޔަ ފަދައިން ބިސްމި ބާރަށް ކިއުއްވާ ބޭކަލުންގެ އެތަކެއް ޞަޙާބީންނާއި ތާބިޢީންނެއް މަދީނާގައި ތިއްބެވިއިރު މަދީނާގެ އިޖްމާޢަކީ ސިއްރުން ކިއުންކަމުގައި ބުނެވޭނެ ޖާގައެއް އެބައޮތްތޯއެވެ؟ ކުރީންވެސް ދެންނެވި ފަދައިން ބިސްމި ބާރަށް ވިދާޅުވާ ބޭކަލުންގެ ތެރޭގައި އެތަކެއް ޞަޙާބީންނެއް ތިއްބެވިކަމީ މަޝްހޫރު ކަމެކެވެ. އޭގެ ތެރޭގައި ޢަލީގެފާނާއި އިބްނު ޢައްބާސްއާއި އިބްނު ޢުމަރާއި އަބޫހުރައިރާއާއި އިބްނުއްޒުބައިރާއި އަނަސްއާއި އުއްމު ސަލަމާއާއި ޢާއިޝާއާއި އެނޫންވެސް ބޭކަލުން ހިމެނިވަޑައިގަންނަވައެވެ. އަދި އަބޫބަކުރާއި ޢުމަރާއި ޢުޘްމާނާއި މިބޭކަލުންވެސް ބާރަށް ވިދާޅުވާ ކަމުގައި އެތަކެއް ޞައްޙަ ރިވާޔަތެއް އައިސްފައި ހުރިކަމުގައި ނަވަވީ އިމާމު ވިދާޅުވެފައި ވެއެވެ. ހަމައެހެންމެ ތާބިޢިއްޔަ ބޭކަލުންގެ ތެރޭގައި ޠާވޫސާއި ޢަޠާއާއި މަކްޙޫލާއި ޢިކްރަމާއާއި މުޖާހިދާއި މިނޫނަސް އެތަކެއްބޭކަލުން އެބަތިއްބެވިއެވެ. އަދި މިއީ މުޙައްދިޘުންގެ ތެރެއިން ގިނަ މުޙައްދިޘުންގެ ރައުޔުވެސް މެއެވެ.

ބައްލަވާށެވެ! އަނަސްގެފާނުންގެ ރިވާޔަތް ފިޔަވައި بِسْمِ ނުކިއުމަށް، ނުވަތަ ބަސްމި ސިއްރުން ކިއުމަށް ޞަރީޙަ ބަހުން ދޭހަވާ އެއްވެސް ޞައްޙަ ރިވާޔަތެއް ޙަދީޘު ޢިލްމުގެ މުޅި ޒަޚީރާގައި އައިސްފައި ނެތް އިރު بِسْمِ ބާރަށް ނުކިއުން މިއީ އެންމެ ޞައްޙަ ގޮތްކަމުގައި ބުނެ އެގޮތް ފަތުރަން މަސައްކަތް ކުރުން މިއީ ސުންނަތް ދެކެ ލޯބިވާކަމަށް ދަޢުވަކުރާ ބަޔަކު ކުރުން ހެޔޮވާވަރުގެ ކަމެއްތޯއެވެ؟ އަދި بِسْمِ ބާރަށް ކިއުމުގެ ސުއްނަތުގެ މަތީގައި ބަޔަކުމިހުން ދެމިތިއްބައި އެންމެ ޞައްޙަ ކަންބޮޑުގޮތޭ ކިޔައިގެން އެމީހުންގެ ތެރޭގައި ދެބަސްވެރިވުން އުފައްދައި، ބައިބައިވެގެންދާނެ ޢަމަލުތައް ހިންގުމަކީ ބޮޑު ފިތުނައަކަށް ނުވާނެތޯއެވެ؟

ދަންނަވަންތޯއެވެ! މިމައްސަލައަކީ ޚައިރުލް ޤުރޫނުގައި ބަޙުޘްވެވި އެންމެ ޞައްހަކަން ބޮޑުގޮތް ހޯއްދަވައި، ގިނަ މުޙައްދިޘުން ވަކި ގޮތަކަށް ބުރަވެ ވަޑައިގެންފައިވާ މައްސަލައެކެވެ. މިއީ މިއަދު ފެނިގެންއުޅޭ އާމައްސަލައެއް ނޫނެވެ. މިމައްސަލައާއި ގުޅޭގޮތުން ޙަދީޘުގެ ފަތްފުށްތަކުގައި ދެން އައިސްފައިވާހާއި ރިވާޔަތްތަކަކީ ނަމާދަށް ފެށުމުގައި އެންމެ ފުރަތަމަ ފަށައިގަންނަން ޖެހެނީ ސޫރަތުލް ފާތިޙާއިންކަމާއި، އެއްވެސް ޙާލެއްގައި  رَسُولُ اللَّهِ صلّى الله عليه وسلّم އަލްހަމްދަށް ވުރެން ކުރީގައި އެހެން ސޫރަތަކުން ނަމާދު ފައްޓަވާފައި ނުވާކަން ހާމަކޮށްދޭ ރިވާޔަތްތަކެވެ. އާދެ! ﷲ ރުއްސުންލެއްވި ޢާއިޝަތުގެ ކިބައިން ރިވާވެގެންވެއެވެ. “إِنَّهُمْ كَانُوا يَفْتَتِحُونَ بِالْحَمْدُ لِلَّهِ” (ޔަޢުނީ: ހަމަކަށަވަރުން އެބެއިކަލުން އަލްޙަމްދުން ނަމާދު ފަށްޓަވަތެވެ.) ބައެއްރިވާޔަތް ތަކުގައި “اَلْحَمْدُ لِلًَّهِ” ގެބަދަލުގައި “أُمُّ الْقُرْآنِ” މިގޮތަށްވެސް އައިސްފައި ވެއެވެ.

ނިކަން ބައްލަވާށެވެ! الإِمَامُ التِّرْمِذِى އެކަލޭގެފާނުންގެ ޞަޙީޙުގައި ބާބު ޤާއިމު ކުރައްވާފައިވަނީ “ނަމާދުގައި ޤިރާއަތު الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ އިން ފެއްޓެވުމާއި” ބެހޭ ގޮތުންނެވެ. ދެން ރިވާޔަތާއި ބެހޭގޮތުން އެއީ ޙަސަނުގެ ދަރަޖައިގެ ޞައްޙަ ރިވާޔަތެއް ކަމުގައި ވިދާޅުވުމަށްފަހު، މިފަދައިން ވިދާޅުވެފައިވެއެވެ. “وَالْعَمَلُ عَلَى هَذَا عِنْدَ أَهْلِ الْعِلْمِ مِنْ أَصْحِاب النَّبِيِّ وَالتَّابِعِينَ وَمَنْ بَعْدَهُمْ كَانُوا يَفْتَتِحُونَ الصَّلاَةَ بِالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ” ( ޔަޢުނީ: رَسُولُ اللَّهِ صلّى الله عليه وسلّم ގެ އަޞްޙާބުންނާއި، ތާބިޢީންނާއި، އެއިގެ ފަހުގެ ޢިލްމުވެރީންގެ އަރިހުގައި ޢަމަލުވަމުންއައީ މިގޮތުގެ މަތީންނެވެ. އެބެއިކަލުން ނަމާދުގެ ޤިރާއަތް ފައްޓަވަނީ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ އިންނެވެ. ދެން އިމާމު ތިރްމިޛީ ގެންނަވާފައިވަނީ الإِمَامُ الشَّافِعِى عَلَيْهِ الرَّحْمَة އެޙަދީޘުގެ ޝަރަޙަ ކުރައްވާފައިވާގޮތެވެ. އެކަލޭގެފާނު ވިދާޅުވެފައި ވެެއެވެ. “قَالَ الشَّافِعِى: إِنَّمَا مَعْنَى هَذَا الْحَدِيثِ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَأَبَا بِكْرٍ وَعُمَرَ وَعُثْمَانَ كَانُوا يَفْتَتِحُونَ الْقِرَاءَةَ بِالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ، مَعْنَاهُ أَنَّهُمْ يَبْدَأُونَ بِقِرَاءَةِ فَاتِحَةِ الْكِتَابِ قَبْلَ السُّورَةِ، وَلَيْسَ مَعْنَاهُ أَنَّهُمْ كَانُوا لاَيَقْرَأُونَ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ” (މާނައީ: އައްޝާފިޢީ ވިދާޅުވިއެވެ.: ޝައްކެއްނެތި މިޙަދީޘުގެ މާނައަކީ رَسُولُ اللَّهِ صلّى الله عليه وسلّم އާއި އަބޫބަކުރު އާއި އުމަރު އާއި ޢުޘްމާނުއާއި މިބެއިކަލުން ނަމާދުގައި ކިޔަވާވިދާޅުވަން ފައްޓަވަނީ ސޫރަތަށްވުރެން ކުރިން ސޫރަތުލްފާތިޙާއިން ކަމަށެވެ. އެއިގެ މާނައަކީ އެބެއިކަލުން بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ ވިދާޅުނުވެކޭ ނޫނެވެ.) އިމާމު ޝާފިޢީގެ މިބަސްފުޅަށް ތާއީދުކުރާ އެހެން ރިވާޔަތެއްވެސް ސިއްތުނާ ޢާއިޝަތުގެފާނުންގެ ކިބައިން ރިވާވެގެން ވެއެވެ. “عَنْ عَائَشَةَ قَالَتْ كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَفْتَتِحُ الصَّلاَةَ بِالتَّكْبِيرِ وَالْقِرَاءَةَ بِالْحَمْدُ لِلَّهِ وَكَانَ يَخْتَتِمُ الصَّلاَةَ بِالتَّسْلِيمِ([17]) މާނައީ: ޢާއިޝަތުގެފާނު ވިދާޅުވިއެވެ. رَسُولُ اللَّهِ صلّى الله عليه وسلّم ނަމާދު ފަށްޓަވަނީ ތަކްބީރުންނެވެ. ކިޔެވުން ފަށްޓަވަނީ اَلْحَمْدُ އިންނެވެ. އަދި އެކަލޭގެފާނު ނަމާދު ނިންމަވަނީ ސަލާމުންނެވެ. މިޙަދީޘުގައި މިއޮތް ޢަމަލާބެހޭގޮތުން ވެސް ޙަދީޘު ކުރަށްވާފައި އެވަނީ އެކަމެއްގައި ވިދާޅުވާ އެއްޗެއްގެ ނަމުންނެވެ. އޭގައި ސޫރަތުލްފާތިޙާއަށް ވިދާޅުވެފައި ވަނީ اَلْحَمْدُ އެވެ.

މިއަށްފަހު ދެން އިމާމު ތިރްމިޛީ ވިދާޅުވެފައި ވެއެވެ. “وَكَانَ الشَّافِعِى يَرَى أَنْ يَبْدَأَ بِبِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ ، وَأَنْ يَجْهَرَ بِهَا إِذَا جَهَرَ بِالْقِرَاءَةِِ” (މާނައީ: ޝާފިޢީގެފާނު ދެކެވަޑައިގަންނަވަނީ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ އިންފެށުމަށާއި، ކިޔަވާއިރު އެއާޔަތްވެސް ބާރަށް ކިޔެވުމަށެވެ.)

ދަންނަވަންތޯއެވެ! ބައެއް ތާބިޢީން ގެކިބައިން بِسْمِ ބާރަށް ކިއުން ބިދުޢައެއް ކަމަށް އައިސްފައިވަނީ އެބެއިކަލުންގެ އިޖުތިހާދުންނެވެ. ކުރީގައި ބަޔާންވެދިޔަ ޢާޔަތުންނާއި އިސްވެދިޔަ ޙަދީޘުތަކުން بِسْمِ އަކީ اَلْحَمْدُ ގެއާޔަތެއްކަމާއި، އަދި ބިސްމި ކިޔަވަންވަނީ ބާރަށް ކަން ޘާބިތުވުމަށްފަހު މިއިޖްތިހާދުގެ އިތުބާރެއް ނޯންނާނެއެވެ. ފަހަރެއްގައިވެސް ޞައްޙަ ޙަދީޘަށް ޢަމަލުކުރުން މިއިޖުތިހާދާ ހުރެ ދޫކޮށް ނުލެވޭނެއެވެ. އަދި ހަމައެހެންމެ أعوذ ސިއްރުން ކިޔާ ކިޔެވުމަށް ޤިޔާސް ކުރުން ވެސް ރަގަޅުނުވާނެއެވެ.

އެންމެ އިންޞާފުވެރި ގޮތް:

މީގެ އިތުރުން ޙަދީޘްގެ ވަރަށް މަޤްބޫލު އުޞޫލެއްވެސް މިތާގައި ބަޔާންކޮށްލާނަމެވެ. އެއީ ކަމަކާމެދު އިސްބާތާއި ނަފީ (ނުވަތަ އެކަމެއް ސާބިތުވުމާއި ނުވުން) މިދެގޮތާ ގުޅޭގޮތުން ދެކޮޅަށް ދަލީލު ލިބެންހުރެފާ ތާރީޚީ ގޮތުން އިސްކަން ދެވޭނެގޮތެއްވެސް ފެންނަން ނެތުމުން ދެން އިސްކަންދޭންޖެހޭނީ އިސްބާތަށެވެ. ދޫކޮށްލަންޖެހެނީ ނަފީއެވެ. މިގޮތުން ބިސްމި ބާރަށް ކިއުމާއި ނުކިއުން ޙަދީޘުގެ އަލީގައި ފެންނާންއޮތްއިރުު އައުލާ އަދި އަފްޟަލު ދަރަޖަ ދޭންޖެހޭނެ ކަމަށް އުޞޫލުން މަގު ދައްކަނީވެސް ބިސްމި ބާރަށް ކިއުމަށެވެ. ސިއްރުން ކިއުމަކަށް ނޫނެވެ.

އާދެ!  ބަޔާންވެދިޔަ އެންމެހާ ގޮތްގޮތުން ބަލާއިރުވެސްް އެންމެ އިންޞާފުވެރި އެންމެ ޞައްޙަ ގޮތަކީ اَلْحَمْدُ ގެކުރީގައި بِسْمِ ބާރަށް ކިއުމެވެ. މިގޮތްމަތީގައި ބަޔަކު ތިއްބައި މިނޫން ގޮތެއް ޢާއްމުންގެ ތެރޭގައި ފަތުރަން މަސައްކަތް ކުރުމީ އިސްލާމީ ރިވެތި އުޞޫލު ދައްކައިދޭ ގޮތެއްނޫނެވެ. ޢިލްމީގޮތުން ތިމާ ބުރަވާ ކޮޅަކީ އިޚްތިލާފުވެވޭ ކަމެއްގެ ދެކޮޅުގެ ތެރެއިން ކޮންމެވެސް އެއްކޮޅަކަށްވުމީ ޠަބީޢީގޮތުން ވެދާނެ ކަމެކެވެ. ސަލަފުއް ޞާލިޙީންގެ ޢިލްމުވެރިން މިއަދާ ހަމައަށްވެސް މިބުނެވުނު ތިންގޮތް އިޚްތިޔާރު ކުރަށްވައިގެން، އެތިންގޮތުގައިވެސް ކޮންމެވެސް ޖަމާޢަތެއްގެ ބަޔަކު ތިއްބެވިކަމީ މިބުނެވުނު ބަހުގެ ހެއްކެކެވެ.

ނަމަވެސް ޢިލްމީގޮތުން ދަލީލުތަކަށް ބަލައިގެން ތިމާ އަމިއްލައަށް ވަކިގޮތެއް ކަނޑައަޅަން ނޭގޭ ބަޔަކު ނުވަތަ އިޖްތިހާދުގެ ދަރަޖައަށް ދެވިފައިނުވާ މީހަކު ޖެހޭނީ އިޖްތިހާދުގެ އެންމެ މަތީ ދަރަޖައަށް ގޮސްފައި ތިބި ޢިލްމުވެރިން، ޤުރުއާނާއި ސުއްނަތުގެ އަލީގައި ނެރުއްވާފައިވާ އުޞޫލުގެ ދަށުން ދެއްވާފައިވާ ފަތުވާތަކަށް ތަބާވާށެވެ. މިއާ ޚިލާފަށް އެފަދަ ފެންވަރެއް ނެތްބަޔަކު ތިމަތިމާމެން އަމިއްލައަށް، ހިތަށް އަރާހާ ގޮތަކަށް ޢަމަލުކޮށް، އެއްވެސް ޢިލްމެއްނެތި އަޑު އެހިހާ ގޮތަކަށް ފަތުވާދީ ހެދުމަކީ ތިމާމެން އަމިއްލައަށް ޖަހާލަތުގެ ތެރެއަށް ޣަރަޤުވެ، އަނެކުންނަށް ޖަހާލަތާ ދިމާއަށް ގެންދިއުމަށް ދަޢުވަތުދިނުން ނޫން އެހެން ކަމަކަށް ވެގެނެއް ނުދާނެއެވެ. މިފަދަ ކަންކަމުން މާތް ﷲ އަޅުގަނޑުމެން އެންމެން ސަލާމަތް ކުރަށްވާށިއެވެ!

___________________________________________

[1]  މިޙަދީޘު ރިވާކުރެއްވީ އިމާމު ތިރްމިޛީއާއި ނަސާއީއާއި އިބްނު މާޖާއެވެ. އަދި އިމާމު ޠަޙާވީއާއި ބައިހަޤީއެވެ. އިމާމު ތިރްމިޛީ ވިދާޅުވެފައިވަނީ މިއީ ޙަސަން ދަރަޖައިގެ ޙަދީޘެއް ކަމަށެވެ. ނަމަވެސް އެހެންހުރިހާ އިމާމުން ވިދާޅުވަނީ މިއީ ޟަޢީފު ޙަދީޘެއް ކަމަށެވެ.

[2]  މިޙަދީޘު ރިވާކުރެއްވީ އިމާމު ޝާފިޢީއާއި އަޙްމަދެވެ. އަދި އިމާމު ބުޚާރީއާއި ތިރްމިޛީއާއި ނަސާއީއާއި ދާރުޤުޠްނީއާއި ބައިހަޤީއާއި ނަވަވީއެވެ.

[3]  މިޙަދީޘު ރިވާކުރެއްވީ އިމާމު ޝާފިޢީއާއި އަޙްމަދެވެ. އަދި އިމާމު މުސްލިމާއި ތިރްމިޛީއާއި އިބްނުމާޖާއެވެ. މުސްލިމުގައި މިރިވާޔަތް އައިސްފައިވަނީ އަބޫހުރައިރާގެ އަރިހުންނެވެ. އެކަލޭގެފާނު ވިދާޅުވެފައި ވަނީ ” ދެވަނަ ރަކްޢަތަށް ތެދުވެ ވަޑައިގެން ފައްޓަވަނީ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ އިންނެވެ. ހުއްޓުމެއް ނުގެންނަވަތެވެ.” އެބަހީ ފުރަތަމަ ރަކްޢަތުގައި އޮންނަ ފަދައިން ދުޢާއުލް އިފްތިތާޙުފަދަ، ސިއްރުން ކިޔާއެއްޗެއް ދެވަނަ ރަކްޢަތުގައި ވިދާޅުވާން މަޑު ނުކުރަށްވާ ވާހަކައެވެ. އަދި ނަސާއީގައި ވާއިލް އިބްނު ޙުޖްރާއި އެނޫން ބެއިލުންގެ ކިބައިން ރިވާވެގެންވަނީ އުއްމުލްޤުރްއާން އެބަހީ ސޫރަތުލްފާތިޙާ، ވިދާޅުވާ ވާހަކައެވެ. އެހެންކަމުން އިމާމު ދާރުޤުޠްނީ ޞައްޙަ ސަނަދުން އަނަސްގެފާނުންގެ ކިބައިން ވަރަށް ސާފުކޮށް މިފަދައިން ރިވާކުރަށްވައެވެ. “كُنَّا نُصَلِّى خَلْفَ النَّبِيِّ صَلَّي اللهُ عَلَيْهِ وَسَلَّمَ وَأَبِي بَكْرٍ وَعُمَرَ وَعُثْمَانَ فَكَانُوا يَفْتَتِحُونَ بِأُمِّ الْقُرْآنَ فِيمَا يُجْهَرُ بِهِ ” މާނައީ: رَسُولُ اللَّهِ صلّى الله عليه وسلّم އާއި އަބޫބަކުރު، ޢުމަރު، ޢުޘްމާނު، މިބޭކަލުންގެ ފަހަތްޕުޅުގައި ތިމަންމެން ނަމާދު ކުރީމެވެ. އެބޭކަލުން ހަރުއަޑުން ވިދާޅުވާ އެއްޗެއް ފައްޓަވަނީ ސޫރަތުލްފާތިޙާއިންނެވެ.

[4] މިވާހަކަ ބަޔާންކުރަށްވާފައިވަނީ ނަވަވީއެވެ. އަދި ނަވަވީ ވިދާޅުވަނީ ޢާއިޝަތުގެފާނުންގެ މަޛްހަބަކީވެސް ބިސްމި ބާރަށް ވިދާޅުވުން ކަމަށެވެ. އެއީ އިބްނު ޢުމަރާއި އިބްނު ޢައްބާސާއި އަބޫހުރައިރާއާއި އިބްނުއްޒުބައިރުއާއި އެނޫންވެސް އަޞްޙާބު ބޭކަލުންގެ ރައުޔު އެކަމުގައި އޮތް ގޮތެވެ. އަދި މިވާހަކަ އިމާމު ތިރުމިޛީ އެކަލޭގެފާނުންގެ އަލްޖާމިޢުގެ 228 ވަނަ ޙަދީޘުގައި ބަޔާން ކުރަށްވާފައި ވެއެވެ.

[5] މިއީ މުސްލިމުގެ ރިވާޔަތެވެ. ނަސާއީގެ ރިވާޔަތުގައި އަންނަނީ އެކަލޭގެފާނު ބިސްމި ބާރަށް ވިދާޅުވާ އަޑެއް ނީވެއެވެ. މިހެންނެވެ.

[6] މިރިވާޔަތް އިމާމު ޙާކިމުވެސް އަލްމުސްތަދްރަކްގައި ރިވާކުރެއްވިއެވެ. وَقَالَ رُوَاةُ هَذَا الْحَدِيثِ عَنْ آخِرِهِمْ ثِقَاتٌ (މިޙަދީޘުގެ އެންމެހައި ރާވީންނަކީ އެންމެ ފަހަތާ ޖެހެންދެން އިތުބާރު ހިފޭ، ޘިޤާ ރާވީންނެވެ. (އަލްމަޖްމޫޢު: 353/3)

[7] މިރިވާޔަތް އިމާމު ޙާކިމެވެ. ދެން ޙާކިމު އަލްމުސްތަދްރަކްގައި ވިދާޅުވެފައި ވަނީ رُوَاتُهُ كُلُّهُمْ ثِقَاتٌ (މިޙަދީޘުގެ އެންމެހައި ރާވީންނަކީ އިތުބާރު ހިފޭ، ޘިޤާ ރާވީންނެވެ.) މިއެވެ. (އަލްމަޖްމޫޢު: 350/3)

[8] މިރިވާޔަތް ރިވާކުރެއްވީ އިމާމު އަޙްމަދާއި އިބްނު ޚުޒައިމާއާއި ދާރުޤުޠްނީއެވެ. ދާރުޤުޠްނީ އެކަލޭގެފާނުންގެ ސުނަނުގައި ވިދާޅުވެފައިވަނީ މިއީ ޞައްޙަ ސަނަދެއް ކަމަށެވެ. (އަލްމަޖްމޫޢު: 354/3)

[9] މިއީ ޟަޢީފު ރިވާޔަތެކެވެ. މިވާހަކަ އިމާމު ޒައިޢަލީގެ ކިބައިން އިމާމު ނަވަވީ ގެންނަވާފައި ވެއެވެ. އަދި އިމާމު އަޙްމަދާއި އެނޫން ބެއިކަލުންވެސް މިޙަދީޘު ޟަޢީފު ކުރަށްވާކަމުގައި ނަވަވީ ވިދާޅުވެފައި ވެއެވެ.

[10] ރިވާކުރެއްވީ އިމާމު އަޙްމަދާއި މުސްލިމެވެ.

[11] ރިވާކުރެއްވީ އިމާމު އަބޫދާއޫދެވެ. އަދި ނަވަވީ މިޙަދީޘު ޝަރަޙު މުސްލިމުގައިވެސް ގެންނަވާފައި ވެއެވެ. އަދި

[12] މިއީ ޟަޢީފު ރިވާޔަތެކެވެ. މިވާހަކަ ކުރިން ބަޔާންވެ ހިނގައްޖެއެވެ. އިމާމު ޒައިޢަލީގެ ކިބައިން އިމާމު ނަވަވީ މިޙަދީޘާބެހޭގޮތުން ގެންނަވާފައި ވެއެވެ. އަދި އިމާމު އަޙްމަދާއި އެނޫން ވަރަށްގިނަ ބެއިކަލުން މިޙަދީޘު ޟަޢީފު ކުރަށްވާކަމުގައި ނަވަވީ ވިދާޅުވިއެވެ.

[13]  މިޙަދީޘު ރިވާކުރެއްވީ އިމާމު ތިރްމިޛީއާއި ނަސާއީއާއި އިބްނު މާޖާއެވެ. އަދި އިމާމު ޠަޙާވީއާއި ބައިހަޤީއެވެ. އިމާމު ތިރްމިޛީ ވިދާޅުވެފައިވަނީ މިއީ ޙަސަން ދަރަޖައިގެ ޙަދީޘެއް ކަމަށެވެ. ނަމަވެސް އެހެންހުރިހާ އިމާމުން ވިދާޅުވަނީ މިއީ ޟަޢީފު ޙަދީޘެއް ކަމަށެވެ. (މިކަމާބެހޭ އިތުރު ތަފްޞީލު ޙަދީޘުގެ ފަހަތުގައި އައިސްފައިވާނެއެވެ.)

[14] މިރިވާޔަތް ރިވާކުރަށްވާފައިވަނީ އިމާމު ދާރުޤުޠްނީއާއި ބައިހަޤީއެވެ. ނަމަވެސް އެރިވާޔަތް ދާރުޤުޠްނީ ޟަޢީފުކުރަށްވާ ކަމުގައި ނަވަވީ ވިދާޅުވެފައި ވެއެވެ.

[15] މިވާހަކަ ބަޔާންކުރެއްވުމަށް ފަހު އިމާމު ނަވަވީ ވިދާޅުވެފައި ވަނީ އަނަސްގެފާނުގެ ރިވާޔަތްތައް ދޫކޮށްލެއްވި ފަދައިން އިމާމު އަޙްމަދާއި އެނޫންވެސް ބެއިކަލުން ރާފިޢު އިބްނު ޚުދައިޖާއި އިބްނު މަސްޢޫދާއި އެނޫންވެސް މިފަދަ ބޭކަލުންގެ މިކަހަލަ ރިވާޔާތްތައް ވަނީ ދޫކޮށް ލައްވާފައެވެ. މިމައްސަލައިގެ އިތުރު ތަފްޞީލު އިމާމު އަލްޚައްޠާބީ މަޢާލިމުއް ސުނަންގައި ބަޔާންކުރަށްވާފައި ވެއެވެ.

[16]  ނަވަވީ: އަލްމަޖްމޫޢު، ޝާފިޢީ: އަލްއުއްމު.

[17]  މިއީ އިމާމު އަޙްމަދާއި މުސްލިމާއި ތިރުމިޛީއާއި އަބޫދާއޫދާއި އިބްނު މާޖާ ރިވާކުރަށްވާފައި އޮތް ރިވާޔަތެކެވެ.

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment