މުޙައްމަދު އިސްމާޢީލު ފުޅު  މއ. މާފުނަ
 
 މޭވަޔަކީ، އިންސާނުން ދަންނަ ކާނާގެ ބައިތަކުގެތެރޭގައި އެންމެ ކުރިންވެސް ހިމެނޭ ބައެކެވެ. އޭގެ ފައިދާއާއި ބެހޭގޮތުން ވަރަށް ކުރިއްސުރެ އިންސާނުންގެ މެދުގައި އައީ ވާހަކަދެކެވެމުންނެވެ. އަދި ކުރީގެ ވަރަށް ގިނަ ލިއުންތަކުގައިވެސް މޭވާގެ ވާހަކަ ލިޔެފައި ހުއްޓާ ފެނެއެވެ. މާތް ﷲ ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވާ ގޮތުގައި ކަދުރާއި، މޭބިސްކަދުރާއި، ވައްތީންޏާއި، ޒައިތޫންޏާއި، އަދި އަންނާރުފަދަ މޭވާތަކަކީ އެކަލާނގެ އިންސާނާއަށް ދެއްވި ސުވަރުގޭގެ ކާނާއެވެ.
 އެވޭލާ ޒަމާނުގެ މީހުން ޤަބޫލުކުރަމުން އައިގޮތުގައި މޭވަޔަކީ އޭގައި ޖާދުވީ ބާރުތަކެއް އެކުލެވިފައިވާ ކާނާއެކެވެ. ނުވަތަ އެއީ އިލާހީ ކަންތައްތަކެއް އޭގައި އެކުލެވިފައިވާ ކަނާއެކެވެ. އެހެންކަމުން އެވޭލާޒަމާނުގެ މީހުން މޭވަޔަށް ޚާއްޞަ ޤަދަރެއް ދީއުޅުނެވެ. އަޅުކަންކުރާ ފައްޅިތަކާއި، އެނޫންވެސް ދީނީ މުހިންމު ތަންތަނާއި، ޙުރުމަތްވެގެންވާ އުޅަނދުފަހަރާއި، އަޅުކަމުގައި އުޅޭ ފާދިރީންނާ އެނޫން މީހުން އަޅާހެދުމާއި، އެކިކަހަލަ މުނާސަބަތުތަކާއި، ޒީނަތްތެރިކުރުމުގެ ކަންކަމުގައި، މޭވާގެ ބައްޓަންތައް ކުރަހާ އޭގެ ބޭނުންކުރަމުން ގެންގޮސްފައި ވެއެވެ.

 ތާޒާމޭވަޔާއި، ހިއްކާފައި ހުންނަ މޭވަޔަކީ އިންސާނުން ބޭނުންކުރާ ޤުދުރަތީ ކާނާގެ މައިގަނޑު ބައިތަކެވެ. މިބާވަތުގެ ކާނާގައި ހަށިގަނޑަށް ބޭނުންވާ ކާނާގެ ބާވަތްތައް އޭގެ ރަނގަޅު މިންގަނޑެއްގައި އެކުލެވިފައި ހުރެއެވެ. އެގެތެރޭގައި ހަށިގަނޑަށް ކޮންމެހެން ބޭނުންވާ ވިޓަމިންސް އާއި މިނެރަލްސް އާއި އަދި އެންޒައިމްގެ ބައިތައް ހިމެނެއެވެ. މިކަމުގެ ސަބަބުން ހަޖަމްކުރަން ފަސޭހަވެ ލެއަށް ތާޒާކަން ގެނެސްދެއެވެ. ޤުދުރަތީ މިފަދަ ކާނާ ބޭނުންކުރާނަމަ  އަބަދުވެސް ދުޅަހެޔޮކަންމަތީ ހުރުމަށް މަގުފަހިވެއެވެ. އަދި އަޅުގަނޑުމެން ތައްޔާރުކުރާ އެކިބާވަތުގެ  ކާނާ ބޭނުންކުރުމުން ހަށިގަނޑަށް ކުރިމަތިވާ ތަފާތު އުނދަގޫތައް ފިލުވައިލާ އެކަންކަން ޙައްލުކުރުމުގައިވެސް މޭވަޔަކީ ބޭނުންކުރަން ވަރަށް ފައިދާހުރި ކާނާއެކެވެ. އެހެންކަމުން ތާޒާ މޭވަޔާއި، އަދި ހިއްކާފައި ހުންނަ މޭވަޔަކީ ހަމައެކަނި ފޮނިރަހަދޭ މީރު ކާނާއެކޭ ބުނެ ނިންމާލެވޭކަށް ނެތެވެ. ޝައްކެއްނެތެވެ! މޭވަޔަކީ މީރު ކާނާއެއްގެ އިތުރުން ބަލިބައްޔަށް  ފަރުވާކުރުމުގައިވެސް މުހިންމު އެއްޗެކެވެ. 

ވީމާ ކާނާގެ އިތުރުން ތަފާތު ބަލިބައްޔަށް  މޭވާއިން  ލިބިދޭ  ފަރުވާއާއި މެދު ބަލާލަމާ ހިނގާށެވެ. މިގޮތުން ފުރަތަމ ދޮންކޭލުގެ ވާހަކަ ދައްކަލުން އެންމެ ރަނގަޅެއްނޫންހެއްޔެވެ.  އެއީ އަޅުނޑުމެން ދިވެހީންގެތެރޭގައި ވަރަށް އާއްމު މޭވަޔަކަށްވާތީއެވެ. އެހެން ބަޔެއް މޭވަޔާ ބެހޭގޮތުންވެސް ފަހުންލިޔެވޭތޯ ބަލާނީއެވެ. 

ދޮންކޭލުގެ ވާހަކަ ދައްކަންފަށައިގަތުމުގެ ކުރިން ބުނެލާނެ މުހިންމު އެހެން ވާހަކައެއްވެސް އެބައޮތެވެ. އެއީ ދަނޑުވެރީންގެ ކެތްތެރިކަމަށް މިއަދު އައިސްފައިވާ އިންގިލާބުގެ ވާހަކައެވެ. މުޑުވައް އުކާތަނުން ގަސްފަޅަންޖެހެއެވެ. ގަސް ރުވާތަނުން ގަސްބޮޑުވެ ފޯދޭން ޖެހެއެވެ. ފޯދޭތާ މަދު ދުވަސްކޮޅެއްގެތެރޭގައި މޭވާ ލިބެންޖެހެއެވެ. މޭވާ އަތަށްއަރާއިރު އޮންނަންޖެހެނީ ދޮންވެ ފައްކާވެފައެވެ. ޤަބޫލުކުރިޔަސް ނުކުރިޔަސް މިއީ މިއަދު ކަންހުރިގޮތެވެ. ދަނޑުވެރީންގެ މިމަޤްޞަދު ފުރިހަމަކުރުމަށްޓަކާ ތަފާތު ބާވަތްތަކުގެ ކެމިކަލްތައް މިއަދު މިވަނީ ބާޒާރަށް ނެރެފައެވެ. ދަނޑުވެރީން ދަނީ އޭގެ ބޭނުން ކުރަމުންނެވެ. ނަތީޖާއެއްގެގޮތުން ދަނޑުގޮވާންކޮށްގެން މިހާރު މިލިބޭ ގޮވަމާއި މޭވާގެ ތާސީރަށް ބޮޑެތި ބަދަލުތަކެއް އައުމަކީ ދުރުކަމެއް ނޫނެވެ. މިސާލެއްގެގޮތުން ދަންނަވާނަމަ ދޮންނުވެ ހުންނަ ފަތްކެޔޮގަނޑަށް ޖަހާލާ ސްޕްރޭއަކުން ނުވަތަ ދަޅިގަނޑަށް ޖަހާލާ އެންމެ އިންޖެކްޝަނަކުން ދެތިން ހަތަރު ގަޑީއިރުގެތެރޭގައި އެކެޔޮގަނޑު ދޮންވެ ފައްކާވެގެންދެއެވެ.  މިދެންނެވީ ސިހުރު ހާހޫރައެއްގެ ވާހަކައެއް ނޫނެވެ. މިއީ ހަމަ ޙަޤީޤީ ވާހަކައެކެވެ. އެހެންވީއިރު މިއީ ސީރިއަސްކޮށް ބަލަންޖެހޭ މައްސަލައެއް ނޫންހެއްޔެވެ.

ދޮންކެޔޮ
ދޮންކޭލަކީ ފަތްކެޔޮ ދޮންވުމުން ފަތްކޭލަށް ކިޔާނަމެކެވެ. އެއީ މީރު މޭވަޔެކެވެ. ނަމަވެސް ދޮންވެފައްކާ ނުވާއިރު ފަތްކެޔޮ ހިމެނެނީ ތަރުކާރީގެ ތެރޭގައެވެ. ގަސްގަހާ ގެހީގެ ޢިލްމުވެރީން ފަތްކޭލަށް ދީފައިވާ ނަމަކީ މުސާ ޕަރަޑިސިއަކަލް Musa paradisiacal އެވެ.

 ދޮންކޭލަކީ ދުނިޔޭގައި އެންމެ ދުވަސްވީ، އަދި އެންމެ ގިނަ މީހުން ދަންނަ މޭވައެވެ. އަޅުގަނޑުމެންގެ ރާއްޖޭގައިވެސް ހުރިހާ ރަށެއްގައި ހެދޭ އެންމެ އާއްމު މޭވަކީ ދޮންކޭލެވެ. ދޮންކޭލަކީ، ކާން އޮންނަ ބައި ބޮޑު އެތެރޭގައި އޮށެއް ނޯންނަ، ކޮންމެ މީހަކަށްވެސް ގަނެވޭފަދަ އަގުހެޔޮ އަދި ކޮންމެ މޫސުމެއްގައިވެސް ލިބެން ހުންނަ މޭވައެކެވެ. ދޮންކެޔޮވަކުގެ ބޭރުގައި ލެވިފައިވާ ބޯ ތޮށީގެ ސަބަބުން އެތެރޭގައި ކެއުމަށް ޚާއްޞަކުރެވިފައިވާ ބައި ހަޑިވާގޮތެއް ނުވެއެވެ. އަދި ޖަރާސީމަށްވެސް އެހިސާބަށް ދަތުރު ނުކުރެވޭގޮތަށް ވަނީ ރައްކާތެރި ކުރެވިފައެވެ.

 ތަފާތު ސައިޒުގައި ތަފާތު ނަންނަމުގައި ފަތްކެޔޮ ނުވަތަ ދޮންކެޔޮ ހުރެއެވެ. އޭގެތެރެއިން ރާއްޖޭގައި ހެދޭ ފަތްކޭލުގެ ބާވަތްތަކުގެ ތެރޭގައި ބޮންތިރަތްކެޔޮ، މާޅޮސްކެޔޮ، ފުސްކެޔޮ، އޮށިކެޔޮ، ސަންފާކެޔޮ، ހިމެނެއެވެ.  އާއްމުގޮތެއްގައި ފަތްކޭލުގެ ބޭރު ތޮށި ފުރަތަމަ ހުންނަނީ ފެހިކުލައިގައެވެ. ނަމަވެސް ފަތްކެޔޮ ދޮންވެ ފައްކާ ވުމުން ކެޔޮވަކުގެ ބޭރުގެ ކުލަޔަށް ބަދަލު އާދެއެވެ. މިގޮތުން ކެޔޮވަކުގެ ބޭރުގެ ކުލަ ދޮންކުލައަށާއި ރަތްކުލައަށް ބަދަލުވާއިރު ބަޔެއް ކެޔޮ ދޮންވެ ފައްކާވެގެންދާއިރުވެސް ފެހިކުލައިގައި ހުރެއެވެ.


ދުނިޔޭގެ ކަންކޮޅުތަކަށް ފަތްކެޔޮ ބެހިގެންދިޔަގޮތް
 ގިނަމީހުންގެ ލިޔުއްވުންތަކަށް ބަލާއިރު ފަތްކެޔޮ ނުވަތަ ދޮންކެޔޮ ފުރަތަމަ ފެނިފައިވަނީ އިންޑިޔާ އާއި މެލޭއިންނެވެ. މަޑަގަސްކަރަޔަށް ފަތްކެޔޮ ފުރަތަމަ ގެންދިޔައީ މީލާދީން 5 ވަނަ އަހަރު މެލޭގެ ސިފައިންނެވެ. އެފްރިކާގެ ޤައުމުތަކަށް ފަތްކެޔޮ ބެހިގެންދިޔައީ އީސްޓް ކޯސްޓް އިންނެވެ. ހުޅަނގުގެ ޤައުމުތަކަށް ފަތްކެޔޮ ތަޢާރަފްވީ އޭގެ ފަހުންނެވެ.

ދޮންކޭލުގައި ހިމެނޭ ކާނާގެ މިންވަރު
 ކާނާގެތެރޭގައި ހިމެނޭ ގިނަ މާއްދާތައް ދޮންކޭލުގައި  އެކުލެވިގެން ވެއެވެ. ދޮންކޭލަކީ ހަކަތަ އުފެއްދުމުގައި ދެވަނައެއް ނެތްފަދަ މޭވާއެކެވެ. އަދި ޕްރޮޓީންސް އާއި ވިޓަމިންސް އާއި މިނެރަލްސްވެސް ގިނަ އަދަދަކަށް ދޮންކޭލުގައި އެކުލެވިފައި ވެއެވެ. އޭގެއިތުރުން ދޮންކޭލަކީ އެހެން މޭވައިތަކާ އަޅާބަލައިރު ފެނުގެ މާއްދާ މަދު މޭވާއެކެވެ. އެކަމުގެސަބަބުން ދޮންކެޔޮ ކެއުމުން ހަށިގަނޑުގައި ކެލޮރީ އުފައްދައިދޭ މިންވަރު އިތުރުވެއެވެ. އާދައިގެ ބޮޑުމިނުގެ ދޮންކެޔޮވަކެއް ކައިފިނަމަ 100 ކެލޮރީ އުފައްދައިދެއެވެ.


100 ގްރާމް ދޮންކޭލުގައި އެކުލެވިފައިވާ ކާނާގެ ބާވަތްތަކާއި މިންވަރު
  
ކާނާގެ މިންވަރު  މިނެރަލްސްގެ ބައިތަކާއި ވިޓަމިންސް
—————————————————————
ތެތްކަން      %70.1 ކެލްސިއަމް    17 މިލްގްރާމް
ޕްރޮޓިންސް    %1.2 ފޮސްފަރަސް   36    “
ފެޓް        %0.3 އަޔަން       0.9   “
މިނެރަލްސް    %0.8 ވިޓަމިން ސީ.    40 އައި. ޔޫ.*
ފައިބަރ      %0.4 މަދު މިންވަރަކަށް ވިޓަމިން ބީ. ހިމެނެއެވެ.
ކަބޯހައިޑްރޭޓްސް %27،2
ޖުމްލަ       %100

ދޮންކޭލަކީ ހަކުރުގެ މާއްދާ ވަރަށްގިނައިން އެކުލެވިފައިވާ  މޭވާއަކަށްވާތީ މިއީ ހަކުރުބަލީގެ މީހުން ވިސްނައިލަން ޖެހޭނެ މުހިންމު ނުގުތާއެކެވެ. ކަންމިހެންހުރިނަމަވެސް އެންމެ އަވަހަށް ހަކަތަ ލިބިދޭ، އެންމެ އަވަހަށް ވަރުބަލިކަން ފިލުވައިދޭ، އެންމެ ޚާއްޞަ މޭޔަކީ  ދޮންކޭލެވެ. ކިރާ އެއްކޮށްގެން ދޮންކެޔޮ ކައިފިނަމަ އެއީ ރަނގަޅު ކޮއްތަކަށް ފުދެއެވެ. އަދި ދޮންކޭލުގައި އެކަށީގެންވާ މިންވަރަކަށް ޕްރޮޓީންސް ވެސް އެކުލެވިފައިވާތީ އެކަމުގެ ސަބަބުން ހަށިގަނޑަށް ކޮންމެހެން ބޭނުންވާ 3 ބާވަތުގެ އެމިނޯ އެސިޑް ދޮންކެޔޮ ކެއުމުން ލިބިދެއެވެ.


ދޮންކޭލުން ލިބިދޭ ކާނާގެ ފައިދާ އާއި ބަލިބަލީގެ ފަރުވާ
 ދޮންކޭލަކީ، ހަށިގަނޑުގެ ޒުވާންކަން ހިފެހެއްޓުމަށްޓަކާ ވަރަށް ކުރިއްސުރެ އިންޑިޔާގައި ބޭނުންކުރަމުން އަންނަ ރަނގަޅު މޭވާއެކެވެ. އަދި ހަޖަމްކުރުމަށާއި ހަށިގަނޑުގެ ތާޒާކަން ހިފެހެއްޓުމަށްޓަކާ ދޮންކޭލަކީ ރަނގަޅު މޭވާއެއްކަމުގައި ވަނީ ބެލެވިފައެވެ. ދޮންކޭލުގެ ސަބަބުން ހަށިގަނޑުގެ ތާޒާކަން ހިފަހައްޓައިދެނީ އޭގައިވާ ހަކުރުގެ ސަބަބުންނެވެ. އަދި ހަށިގަނޑު ބޮޑުކުރުމަށާއި، ހަށިގަނޑުގައިވާ ޓިޝޫތަކަށް ދިރުން ގެނެސްދިނުމަށް ބޭނުންވާ ކެލްސިއަމް އާއި، ފޮސްފަރަސް އާއި، އަދި ނައިޓްރިޖަންގެ މާއްދާތައް ހަށިގަނޑުގައި ހިފަހައްޓައިދިނުމުގައިވެސް ދޮންކޭލަކީ ވަރަށް މުހިންމު ދައުރެއް އަދާކޮށްދޭ މޭވާއެކެވެ.

 ތިރީގައި މިބަޔާންކުރަނީ ބައެއް ބަލިބައްޔަށް ދޮންކޭލުން ލިބިދޭ ފަރުވާ އެވެ.

ގޮހޮރުގެ އެކިއެކި އުނދަގޫތައް
 ދޮންކޭލަކީ މަޑު، ދިރުވައިލަން ފަސޭހަ، އަދި ފަސޭހަކަމާއެކު ހަޖަމްކުރެވޭ އަދި ޚާއްޞަކޮށް ގޮހޮރުގެ އުންދަގުތައް ޙައްލުކުރުމަށްޓަކާ ބޭނުންކުރަން ރަނގަޅު މޭވާއެކެވެ. ގޮހޮރުގެ އުނދަގޫތައް ޙައްލުކުރުމަށް ދޮންކޭލުގެ އެހީތެރިކަން ލިބެނީ ދޮންކޭލުގައި ހިމެނޭ ބައެއް ކެމިކަލް މާއްދާތަކުގެ ސަބަބުންނެވެ. ޚާއްޞަކޮށް ދޮންކެޔޮ ކެއުމުން ލިބިދޭ ވިޓަމިން ޔޫ. އަކީ ގޮހޮރުގައި ފާރު އުފެދުމަށް ހުރަސްއަޅާ މާއްދާއެކެވެ. އަދި ގޮހޮރުގައި ފާރު ނުވަތަ އަލްސަރ އުފެދިފައިވާ މީހުން ފައްކާވެފައިވާ ދޮންކެޔޮ ކެއުމުން އެކަމުގެ އިތުރު އުނދަގޫތަކާ ކުރިމަތިލާންނުޖެހި ގޮހޮރުތެރޭގައި އުފެދޭ އެސިޑް ނުވަތަ ހުތުގެބައި އޭގެ އިދިކޮޅަށް ބަދަލުކޮށްލައެވެ. ހަމައެފަދައިން ބަނޑުގައި ނުވަތަ ގޮހޮރުގައި ފާރު އުފެދުން ދުރުކޮށްދީ އެސިޑްގެ ނިސްބަތް މަދުކޮށްދެއެވެ. އަދި ބޮޑުގޮހޮރުގެ ފަށަލަތަކަށް ހަމަޖެހުމާއި ލުއިކަން ގެނެސްދެއެވެ.

ބަނޑުހިކުމާއި ބޭރަށްހިންގުން
 ދޮންކޭލަކީ ބަނޑުހިކުމާއި، ބޭރަށްހިންގުމާއި، މި 2 ކަންތަކަށްވެސް ރަނގަޅު ފަރުވާއެކެވެ. ބޮޑުގޮހޮރުގެ މަސައްކަތްތަކަށް އެހީވެދީ، ބަނޑުހިކުނަނުދިނުމަށްޓަކާ ވަރަށްގިނަ ފެން  ބޮޑުގޮހޮރުގެ ތެރެއަށް ފޭދިގެންދިއުމަށް ދޮންކެޔޮ އެހީވެދެއެވެ. މިކަން މިގޮތަށް ދިމާވަނީ ދޮންކޭލުގައި ހިމެނޭ ޕެކްޓިން ކިޔާ މާއްދާއެއްގެ ސަބަބުންނެވެ. މިމާއްދާގެ ސަބަބުން ގޮހޮރުގައިވާ ޖަރާސީމުގެ ނުރައްކާތެރިކަން އޭގެ އިދިކޮޅަށް ބަދަލުކޮށްލައެވެ. ގޮހޮރުގެ ހަރަކާތްތަކަށް ބައެއް ބަދަލުގެނައުމުގެ ބާރުވެސް މިމާއްދާއަށް ލިބިގެންވެއެވެ.

ލޭލޮނދީގެ ބޭރަށްހިނގުން ނުވަތަ ޑީސެންޓްރީ
 ލޭ ލޮނދީގެ ބޭރަށްހިންގުން ޖެހިފައިވާނަމަ ދޮންކެޔޮ ޗިސްކޮށް ކުޑަ ލޮނުކޮޅަކާ އެއްކުރުމަށްފަހު ކާންދިނުމަކީ މިބައްޔަށް ރަނގަޅު ފަރުވާއެކެވެ. އަދި ދޮންކޭލާއެކު ހެލެބެލި ޗިސްކޮށް އޭގެތެރެއަށް ކުޑަ ލޮނުކޮޅެއް އަޅާ އެއްކޮށްލުމަށްފަހު ކާންދިނުމަކީވެސް މިބައްޔަށް ވަރަށް ރަނގަޅު ފަރުވާއެކެވެ. ހަމައެފަދައިން  ދޮންވެ ފައްކާވެފައިވާ ދޮންކެޔޮ، ކްރީމް ގޮތަށް ޗިސްކުރުމަށްފަހު ލޭލޮނދީގެ ބޭރަށްހިންގުންޖެހިފައިވާ ކުދީންނަށް ކާންދިނުމަކީ ވަރަށް ކާމިޔަބު ފަރުވާއެއްކަމަށް ތަޖުރިބަކާރުން ބުނެފައިވެއެވެ.

ރާއްޖެބަލި ނުވަތަ އާރތްރައިޓިސް
 ދޮންކެޔޮ ކާންދިނުމަކީ ރާއްޖެބައްޔަށާއި ހުޅުތަކުގެ ދުޅަޔަށް ވަރަށްރަނގަޅު ފަރުވާއެކެވެ. މިފަދަ ބަލިމީހަކަށް ފަރުވާދޭނަމަ ދުވާލަކު އަށެއް ނޫނީ ނުވަވަރަކަށް ވައް ދޮންކެޔޮ އެހެންއެއްޗެއް އެއާ އެއްނުކޮށް ދެތިން ހަތަރު ދުވަސްވަންދެން މެދުކަނޑާނުލާ ކާންދިނުމުން މިބައްޔަށް ރަނގަޅު ޝިފާއަކަށް ވެއެވެ.

ލޭމަދުވުން ނުވަތަ އެނީމިޔާ
 ދޮންކޭލުގައި އެކުލެވިފައިވާ ދަގަނޑުގެބައި ވަރަށް ގިނައެވެ. އެހެންކަމުން ލޭމަދުވެފައިވާ މީހުންނަށް ދޮންކެޔޮ ކާންދިނުމަކީ ލޭގައި ހިމަގްލޮބިން  އިތުރުކޮށްދީ ލޭ މުއްސަދިކޮށްދޭނެ ކަމެކެވެ


ނުގުޅޭ ކާނާ ބޭނުންކުރުމުން ދިމާވާ މައްސަލަތައް

ނުގުޅޭ ކާނާ ކެއުމުން ދިމާވާ މައްސަލަތަކާ ގުޅިގެން ހަމުގައި ބިހި ނެގުމާއި، ފިއްނެގުމާއި، ހަޖަމް ގޯސްވުމާއި، ނޭވައި ހިއްލުމާއި، މިފަދަ ކަންކަން ހައްލުކުރުމަށްޓަކާ ދޮންކެޔޮ ކާންދިނުމަކީ އެކަންކަން ޙައްލުކުރުމަށްލިބޭނެ ރަނގަޅު ފުރްޞަތެކެވެ. ޕްރޮޓީންސްގެ މާއްދާތައް ގިނައިން އެކުލެވިފައިވާ މޭވައިތަކުން ލިބިދޭ އެމިނޯ އެސިޑް ގެ ސަބަބުން އެލާޖިކް ވުމަށް ނުވަތަ ހަށިގަނޑާ ނުގުޅޭ މައްސަލަތައް ދިމާވުމަށް މަގު ފަހިކޮށްދޭއިރު ދޮންކެޔޮ ބޭނުންކުރާނަމަ އޭގައި އެލުކެވިފައިވާ އެމިނޯއެސިޑުގެ ސަބަބުން މިފަދަ މައްސަލަތައް ކުރިމަތިވުން ދުރުވާނެއެވެ. ނަމަވެސް އިންސާނާގެ ހަށިގަނޑު އުފެދުމުގައި އެކަކުއަނެކަކާ ތަފާތު ގޮތްތަކެއް ހުރުމަކީ އެކަށީގެންވާކަމެއްކަން ފަހަރެއްގައިވެސް ހަނދާންނައްތައިލައިގެން  ނުވާނެއެވެ.
 

ކިޑްނީގެ އެކިއެކި ބަލިބަލި

ދޮންކޭލަކީ ކިޑްނީގެ ބަލިތަކަށް ވަރަށް މުހިންމު ފަރުވާއެކެވެ.  މިކަން މިގޮތަށް ދިމާވަނީ ދޮންކޭލުގައި އެކުލެވޭ ޕްރޮޓީންގެ މާއްދާ އާއި ލޮނުގެ މާއްދާއަށްވުރެ ކާބޯހައިޑްރޭޓް މާއްދާ ގިނައިން ހުރުމުގެ ސަބަބުންނެވެ.

ލޭގައި އުފެދޭ ވިހަ މާއްދާތައް ނައްތައިލުމުގައިވެސް ދޮންކެޔޮ މުހިންމު ދައުރެއް އަދާކޮށްދެއެވެ. އަދި ކިޑްނީ ސާފުކޮށްދީ ކިޑްނީގެ މަސައްކަތްތައް ބަރާބަރަށް އަދާކުރުމުގައި ވަރަށް ބޮޑަށް އެހީވެދެއެވެ.  މިދެންނެވި ކަންކަމުގައި ފަރުވާގެގޮތުގައި ދޮންކެޔޮ ދޭނަމަ ދުވަލަކު 8 ނުވަތަ 9 ވައްކެޔޮ ތިންހަތަރު ދުވަހު ކާންދެވިދާނެއެވެ. އަދި މިކަމުގެ ސަބަބުން ކިޑްނީއަށް ދިމާވާ ނެފްރައިޓިސް ފަދަ ބަލިތަކުން ދުރުކޮށްދެއެވެ.

ހަނދާންބަހައްޓަންޖެހޭ މުހިންމު ކަމަކީ ކިޑްނީ މަސައްކަތް ނުކުރާނަމަ އެފަދަ މީހުން ދޮންކެޔޮ ބޭނުކުރުން އެއްގޮތަކަށްވެސް ރަނގަޅެއް ނުވާނެއެވެ. އެގޮތަކީ ދޮންކޭލުގައި ހިމެނޭ ޕޮޓޭޝިއަމް ގެ މާއްދާއަކީ އޭގެސަބަބުން ކިޑްނީއަށް އިތުރުގެއްލުންތައް ލިބޭނެ  މާއްދާއެކެވެ.
 

 ކުޑަކަމުދިއުމުގެ ނިޒާމަށް ޖެހޭ އެކިއެކި ބަލިބަލި

ދޮންކޭލުން ލިބޭ ފައިދާ އާއި، އަދި ހަމައެހެންމެ ދޮންކެޔޮ ބޭނުންކުރުމުން ދިމާވާ އެކިއެކި މައްސަލަތަކާ ގުޅޭގޮތުން ލިޔަމުން ދާއިރު ދޮންކެޔޮ ނުވަތަ ފަތްކެޔޮ ގަހުގެ ގަސްގަނޑުން ލިބޭ ފައިދާއާއި ގުޅޭގޮތުންވެސް ލިޔެލުން އެއީ މުހިއްމުކަމެއްކަމުގައި ނޫނީ ނުވާނެއެވެ. މިގޮތުން ބަލާއިރު ފަތްކެޔޮގަހުގެ ކެޔޮދަޅީގެ ދިޔައަކީ ކިޑްނީ މަސައްކަތްތަކަށް އިތުރު ފުރިހަމެއް ގެނެސްދީ އެކިއެކި ބަލިބަލީގެސަބަބުން ފުރަމޭ (ލިވަރަށް) އަށް ދިމާވާ އުނދަގޫތަކާއި، ޖެހޭ ބަލިބައްޔަށް ހައްލު ހޯދައިދިނުމަށް އެހީވެދޭ އެއްޗެކެވެ. އަދި ހަމައެހެންމެ ކިޑްނީ އާއި  ގޯލްބްލޭޑަރ ގައި އުފެދޭ ހިލަ ނައްތާލުމަށް ނުވަތަ ބޭރުކޮށްލުމަށްވެސް ކެޔޮދަޅީގެ ދިޔަ ވަރަށް ރަނގަޅެވެ. ކެޔޮދަޅީގެ ދިޔަ ބޭނުންކުރަން އެންމެރަނގަޅީ ބަރަބޯ ޖޫހާއި އެއްކޮއްގެންނެވެ.


ހަށިގަނޑުގެ ބަރުދަން އިތުރުވުން ނުވަތަ މާބޮޑަށް ފަލަވުން
 ހަށިގަނޑު މާބޮޑަށް ފަލަވާމީހުން ނުވަތ އާދަޔާއި ޚިލާފަށް ބަރުދަން އިތުރުވާ މީހުން ހަށިގަނޑު ލުއިކުރުމަށްޓަކާ ވަރަށްގިނަ ގޮތްގޮތަށް މަސައްކަތްކޮށް ހަދައެވެ. މީގެތެރެއިން ފާހަގަކޮށްލެވޭ އެއްކަމަކީ ޑައިޓްކޮންޓްރޯލް ކުރުމެވެ. މިކަމަށްޓަކާ ތަފާތު ބާވަތްބާވަތުގެ މެނޫތައް ލިޔެ އެފަދަ މެނޫތަކާ އެއްގޮތަށް ކެއުމުގެކަންތައް ބައްޓަންކޮށް ހަދާތީ ފެނެއެވެ. މިގޮތުންބަލާއިރު  ދޮންކޭލަކީ އޭގައި އެއްވެސް މިންވަރަކަށް ކްލޮސްޓރޯލުގެ މާއްދާ އެކުލެވިފައި ނުވާ މޭވަޔަކަށްވާތީ ދުވާލެއްގެމައްޗަށް 6 ވައް ކެޔޮ، ސަރުބީ ނެތި ތައްޔާރުކޮށްފައި ހުންނަ 4 ތަށީގެ ކިރާ އެއްކޮށްގެން 15 ދުވަސްވަންދެން ބޭނުންކުކުމަކީ ހަށިގަނޑުގެ ބަރުދަން އިތުރުނުވެ ހިފެހެއްޓިދާނެ ކެއުމެކެވެ. ނަމަވެސް ހަކުރުބަލީގެ މީހުންނަށް ދޮންކެޔޮ އެއީ ރަނގަޅު ކާނާއެއް ނޫންކަން ހަނދާންނައްތައިނުލާށެވެ.
  

މަސްވަރުކަންތަކާ ގުޅިގެން ދިމާވާ އެކިއެކި އުނދަގޫ

 ދޮންކެޔޮ ފެނުކައްކާ ހިއްކުމަށްފަހު ރަނގަޅަށް މުގުރާ ކުޑިޔަށް ހަދާލުމަށްފަހު އެ ކުނޑި، ހުތްކިރު ނުވަތަ ކާޑާ އެއްކޮށްގެން ކެއުމަކީ  މައްސަރުކަންތަކާއި ގުޅިގެން ދިމާވާ ބަނޑުގެ ގަދަ ރިހުމަށާއި ގިނައިން ލޭއައުމާއި އަދި މިނޫންވެސް މަސްވަރުކަންތަކާ ގުޅިގެން ދިމާވާ އެހެން އުނދަގޫތަކަށް ރަނގަޅު ފަރުވާއެކެވެ. މިކަން މިގޮތަށް ދިމާވުމުގެ މައިގަނޑު ސަބަބަކީ ދޮންކެޔޮ ކުނޑިޔަކީ ހަށިގަނޑުގައި ޕްރޮޖެސްޓްރޯން ހޯމޯން އިތުރުކޮށްދިނުމަށް އެހީތެރިވެދޭ ކާނާއަކަށް ވާތީއެވެ. ޕްރެޖެސްޓްރޯން ހޯމޯން ހަށިގަނޑުގައި އިތުރުވުމަކީ މަސަވަރުކަންތަކާއި ގުޅިގެން ލޭއައުން މަދުކޮށްދޭ ކަމެކެވެ.


އަލިފާނުން ނުވަތަ ކެމިކަލުން ފިހިފައިވާ ތަންތަނާއި ފާރުގަނޑުގަނޑު
 ފާރުގަނޑުގަނޑާއި، ފިހިފައިވާ ތަންތާންގައި ރަނގަޅަށް ޗިސްކޮށް ދޮންކެޔޮ އަޅާ ބެންޑޭޖްކުރުމަކީ ފިހިފައިވާ ތަންތަނުގެ ދިލަޔާއި ތަދު ވަގުތުން ކެނޑި ވަރަށް އަވަހަށް ފަސޭހަވާ ފަރުވާއެކެވެ. އަދި ދުޅަވެރަތްވެފައިވާ ތަންތަނާއި ފެންފޮޅު ފަދަ ތަންތާންގައި ދޮންކިޔޮ ގަހުގެ ޅަފަތް ފުނޑާ އެތަންތާ އެޅުމަކީވެސް ވަރަށްއަވަހަށް ރަނގަޅުވާ ފަރުވާއެކެވެ.

ދޮންކެޔޮ ބޭނުންކުރެވިދާނެ ބައެއްގޮތްތައް
• ހެނދުނު ބޭނުންކުރާ މޭވާޔެއްގެ ގޮތުގައިވެސް އަދި ކޮންމެ ކެއުމެއްގެފަހުގައި ބޭނުންކުރާ ފޮނި ކާއެއްޗެއްގެ ގޮތުގައިވެސް ދޮންކެޔޮ ރޮލާ ނުވަތަ ނުކައްކާ ބޭނުންކުރެވިދާނެއެވެ.

•  އެކިއެކި މޭވާޔާއި ތަރުކާރީއާއެކު ތައްޔާރުކުރާ ސެލެޑްގެ ތެރޭގައިވެސް ދޮންކެޔޮ ބޭނުންކުރެވިދާނެއެވެ.

• ހަރުވެފައިވާ ފަތްކޭލުން ބަނާނާޗިޕްސް ހެދިދާނެއެވެ.

• ފަތްކޭލުން ތައްޔާރުކުރާ ފުށުގައި، ގޮދަންފުށަށްވުރެ ތިންގުނަ ގިނައިން މިނެލްސް ހުރެއެވެ.

• ފަތްކޭލުން ތައްޔާރުކުރާ ފުށް އެހެން ބާވަތުގެ ގޮވާމުން ތައްޔާރުކުރާ ފުށަށްވުރެ ހަޖަމްކުރަން ފަސޭހައެވެ. އެހެންކަމުން ފަތްކޭލުގެ ފުށަކީ ކުޑަކުދީންނަށް ކާންދިނުމަށް ވަރަށް ރަނގަޅު ކާނާއެކެވެ.

ދޮންކެޔޮ ބޭނުންކުރުމުގައި ބަލަންޖެހޭނެ ބައެއް ކަންތައްތައް
1- ދޮންކޭލަކީ މޭޒުމަތީގެ މޭވައެކެވެ. ދޮންކެޔޮ ކާން ރަނގަޅީ ރަނގަޅަށް ދޮންވުމުންނެވެ. އެހެންނޫނީ ހަޖަމްކުރުމުގައި ބައެއްފަހަރު އުނދަގޫވާވެއެވެ.

2- ދޮންނުވާ ފަތްކެޔޮވަކެއްގެ 20 – 25 ޕަސެންޓް ހުންނަނީ ސްޓާރޗް ނުވަތަ ތެރެސްގޮތަށް ތަތްކޮންނެވެ. ނަމަވެސް ކެޔޮވައް ދޮންވެ ފައްކާވުމުން ސްޓާރޗްގެ ބައި މުޅިންހެން ހަކުރަށް ބަދަލުވެގެން ދެއެވެ.

3- ކެޔޮވައް ދޮންވުން ލަސްކުރުމަށްޓަކާ ކިތަންމެ ދަށް ޓެމްޕްރެޗަރެއްގައިވެސް އައިސްއަލަމާރީގައި ނުބަހައްޓާށެވެ.

4- ދޮންކޭލަކީ ވަރަށްގިނައިން ޕޮޓޭސިއަމް އެކުލެވިފައިވާ މޭވާޔެކެވެ. ވީމާ ކިޑްނީ ފޭލިވެފައިވާ ނުވަތަ ކިޑްނީ މަސައްކަތްނުކުރާ އެއްވެސް މީހަކު ދޮންކެޔޮ ކެއުން ރަނގަޅެއްނޫނެވެ. ކިޑްނީ ފޭލިވާ މީހުންނަށް ދޭ އެންމެފަހުގެ ފަރުވާއަކީ ޑައިލެސިސް ހެދުމެވެ.

       ———————–

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.