000ހަތަރުވަނަ އާޔަތުގައި މުއުމިނުންގެ އިތުރު ސިފަތައް ބަޔާން ކުރެވިފައި ވެއެވެ. والذين يؤمنون بما أنزل إليك وما أنزل من قبلك وبالآخرة هم يوقنون، އަދި އެމީހުންނަކީ ކަލޭގެ ފާނުގެ މައްޗަށް ބާވާލެއްވުނު އެއްޗަކަށާއި އަދި ކަލޭގެފާނުގެ ކުރިން ބާވާލެއްވުނު އެއްޗެއްސަށްވެސް އީމާންވާ މީހުންނެވެ، އަދި އެމީހުން، އާޚިރަތް ދުވަސް އަންނާނޭ ކަމާއި މެދު ޔަގީން ކުރެއެވެ، މިއާޔަތުގަ އެވެ. މިއާޔަތުގައި ފުރަތަމައަށް ބަޔާން ކުރެވިފައިވަނީ މުއުމިނުންނަކީ މާތްﷲ ބާވާލެއްވި ފޮތްތަކަށް އީމާންވާ މީހުން…
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

ހަތަރުވަނަ އާޔަތުގައި މުއުމިނުންގެ އިތުރު ސިފަތައް ބަޔާން ކުރެވިފައި ވެއެވެ. والذين يؤمنون بما أنزل إليك وما أنزل من قبلك وبالآخرة هم يوقنون، އަދި އެމީހުންނަކީ ކަލޭގެ ފާނުގެ މައްޗަށް ބާވާލެއްވުނު އެއްޗަކަށާއި އަދި ކަލޭގެފާނުގެ ކުރިން ބާވާލެއްވުނު އެއްޗެއްސަށްވެސް އީމާންވާ މީހުންނެވެ، އަދި އެމީހުން، އާޚިރަތް ދުވަސް އަންނާނޭ ކަމާއި މެދު ޔަގީން ކުރެއެވެ، މިއާޔަތުގަ އެވެ.

މިއާޔަތުގައި ފުރަތަމައަށް ބަޔާން ކުރެވިފައިވަނީ މުއުމިނުންނަކީ މާތްﷲ ބާވާލެއްވި ފޮތްތަކަށް އީމާންވާ މީހުން ކަމެވެ. މިގޮތުން، އެންމެ ފުރަތަމަ، އެމީހުން، ސަލާމާއި ސަލަވާތް ލެއްވި ކީރިތި ރަސޫލާ، މުހައްމަދުގެފާނުގެ މައްޗަށް ބާވާލެއްވުނު ފޮތް ކަމުގައިވާ ކީރިތި ޤުރްއާނަށް އީމާން ވެއެވެ. މީގެ މާނައަކީ، އެފޮތަކީ މާތްﷲ ބާވާލެއްވި ފޮތެއްކަން ހިތުގެ އަޑިން ގަބޫލު ކުރުމެވެ. އަދި އެފޮތުގައިވާ ވާހަކަތައް އެއީ ތެދު ވާހަކަތަކެއް ކަމުގައިވެސް ގަބޫލު ކުރުމެވެ. އަދި މިގަބޫލު ކުރުން މުއުމިނުންގެ ކިބައިން ފެނިގެން ދެއެވެ. އެމީހުނަކީ، އެފޮތުގައި އެންގަވާފައިވާ ގޮތުގެ މަތީން، އެމީހުންގެ އަމަލުތައް، ބެހެއްޓުމަށްޓަކައި މަސައްކަތް ކުރާ ބައެކެވެ.

މިއަށްފަހު، ދެން އޮތީ އެމީހުންނަކީ މުހައްމަދުގެފާނުގެ ކުރީގެ ނަބީބޭކަލުންގެ މައްޗަށް ބާވާލެއްވުނު ފޮތްތަކަށްވެސް އީމާންވާ ބައެއް ކަމުގަ އެވެ. ސަލާމްލެއްވި އިބްރާހީމުގެ ފާނަށް ދެއްވުނު ސުހުފުތަކަށާއި – ފަތްފުށްތަކަށާއި -، ސަލާމްލެއްވި މޫސާގެފާނުގެ މައްޗަށް ބާވާލެއްވުނު ތައުރާތަށާއި ސަލާމްލެއްވި ދާއޫދުގެފާނުގެ މައްޗަށް ބާވާލެއްވުނު ޒަބޫރަށާއި އަދި ސަލާމްލެއްވި އީސާގެފާނުގެ މައްޗަށް ބާވާލެއްވުނު އިންޖީލަށްވެސް ‘އީމާންވާ’ މީހުންނެވެ. މިފޮތްތަކަށް އީމާންވުމުގެ މާނައަކީ، އެފޮތްތަކަކީވެސް އިލާހީ ފޮތްތަކެއް ކަމުގައި ޤަބޫލު ކުރުމެވެ. ކީރިތި ޤުރްއާން ފަދައިން، އެފޮތްތަކުގެ އަސްލުވެސް ބާވާލެއްވީ މާތްﷲކަން ޤަބޫލު ކުރުމެވެ. މިއަދު، އަޅުގަނޑުމެންގެ އަތުގައި މިއިން އެއްވެސް ފޮތެއްގެ އަސްލެއް ނެތެވެ. އެހެންވެ، މިފޮތްތަކުގައިވާ ތަފްސީލީ ވާހަކަތަކަށް އީމާންވުން އެމީހުންގެ މައްޗަކަށް ލާޒިމުވެގެން ނުވެއެވެ. އެފޮތްތަކުގެ ތަފްސީލީ ވާހަކަތަކަށް ބަލައިލާއިރު، އޭގައި ހިމެނޭ، ކީރިތި ޤުރްއާނާއި ތައާރުޟުނުވާ، އާދެ، ފުށުނާރާ، ވާހަކަތައް، މުއުމިނުން ގަބޫލުކުރެ އެވެ.

އިލާހީ ފޮތްތަކަށް އީމާންވުން ރަމްޒުކޮށް ދެނީ، އިލާހީ ހިދާޔަތަކީ، މަގުދެއްކުމަކީ، ކީރިތި ޤުރްއާނާ ހިސާބުން ފެށުނު ކަމެއް ނޫންކަމެވެ. ދުނިޔޭގައި އިންސާނުން ދިރިއުޅެން ފެށީއްސުރެން ވެސް، މާތްﷲ މީސްތަކުންނަށް ހިދާޔަތު ދައްކަވަމުން ގެންދެވި ކަމެވެ. އިންސާނީ ތާރީޚުގައި މީސްތަކުންގެ އަޚުލާގީ ހާލަތު އޮތް ގޮތުގެ މައްޗަށް ބަލައި، އެފަދަ ހިދާޔަތަކަށް ބޭނުންވެފައި ވި ވަގުތު ވަގުތު ތަކުގަ އެވެ. މީގެ މިސާލުތައް ކީރިތި ޤުރްއާނުގެ އެކިއެކި ސޫރަތްތަކުގައި ބަޔާން ކުރެވިފައި ވެއެވެ. މީގެ ތަފްސީލު އެއާޔަތް ތަކުގެ ތަފްސީރު ލިޔެވޭއިރު، އިރާދަކުރެއްވިއްޔާ، ގެނެސް ދެވޭނެ އެވެ.

މުއުމިނުންނަކީ އިލާހީ ފޮތްތަކަށް އީމާންވާ ބައެއްކަން ބަޔާންކޮށް ދިނުމަށް ފަހު، ދެން އޮތީ އެމީހުންނަކީ އާޚިރަތް ދުވަހަށް އީމާންވާ ބައެއް ކަމުގައެވެ. އާޚިރަތް ދުވަސް އަންނާނޭ ކަމާއި މެދު ކުޑަވެސް ޝައްކުކަމެއް ނެތި ކަށަވަރުކޮށް، ޔަގީންކޮށް ހިތުގެ އަޑިން އެކަން ގަބޫލު ކުރާބައެއް ކަމުގަ އެވެ. މީގެ މާނައަކީ، އެމީހުން ޔަގީން ކުރާގޮތުގައި، މާތްﷲ ފިޔަވައި، ކައުނާއި ކާއިނާތުތައް، ދުނިޔެއާއި ދުނިޔޭގައި ލެއްވިގެންވާ ހުރިހާ އެއްޗެއް ނެތިކުރައްވާނޭ ދުވަހެއް އަންނާނެއެވެ. ހުރިހާ މަޚްލޫގުނެއްމެ މަރުވެ، ނެތިގޮސް، އަޅުގަނޑުމެން މިދަންނަ ހަޔާތާއި ވުޖޫދަށް ނިމުން އައިސް މި ވުޖޫދު ނެތި ދާނޭ ދުވަހެއް އަންނާނެ އެވެ. އަދި އެއަށްފަހު، އާ ‘ދުނިޔެ’އެއް ‘އާ ވުޖޫދެއް’ އުފައްދަވައި، މީސްތަކުން، އަލުން، ދިރުއްވާނެ އެވެ. ދެން، މީސްތަކުން، މާތްﷲގެ ހަޟްރަތުގައި މަހްޝަރުކޮށް، އެއްކުރެވި، ހާޒިރު ކުރެވޭނެ އެވެ. އަދި އެއަށްފަހު، ދުނިޔޭގައި އެމީހުންގެ އަމަލުތައް ހުރި ނެތް ގޮތުގެ މައްޗަށް ބިނާކޮށް، ހިސާބު ބެއްލެވޭނޭ ކަމެވެ. ދެން، އެމީހުންނަށް ހައްގުވާ ޖަޒާއެއް ދެވޭނޭކަމެވެ. ސުވަރުގެވަންތަ ވެރިންނަށް ސުވަރުގޭގެ ނިއުމަތެވެ. ނަރަކަ ހައްގުވާ މީހުންނަށް ނަރަކައިގެ އަޒާބެވެ. މުއުމިނުންނަކީ މިކަންކަން، ހިތުގައި އެއްވެސް ޝައްކަކާއި ނުލައި، ކަށަވަރުކޮށް ގަބޫލު ކުރާ ބައެކެވެ.

އާޚިރަތް ދުވަހުގެ ވާހަކަ ކީރިތި ޤުރްއާނުގެ އެކިއެކި ސޫރަތްތަކުގައި އައިސްފައިވެއެވެ. ޚާއްސަ ގޮތެއްގައި މައްކީ ސޫރަތްތަކުގަ އެވެ. ކީރިތި ޤުރްއާނުގައި އާޚިރަތުގެ ވާހަކަ ގިނަގިނައިން އައިސްފައިވަނީ، އެއީ، އިންސާނާގެ އަޚުލާގާއި ސުލޫކަށް ހެޔޮބަދަލެއް ގެނުވައިދޭ ބާރަކަށް ވާތީއެވެ. މިކަން އަލްމާޢޫނު ސޫރަތުން ފެނިގެން ދެއެވެ. މައްކާގެ މުޝްރިކުންނަށް ނިސްބަތްކޮށް، އެމީހުން އާޚިރަތް ދުވަސް ގަބޫލު ކުރަން ބޭނުން ނުވާ ސަބަބު، މިސޫރަތުގައި ބަޔާން ކުރެވިފައިވާ ބަޔާން ކުރުމުންނެވެ. أرأيت الذي يكذب بالدين، فذلك الذي يدع اليتيم ولا يحض على طعام المسكين. “ކަލޭގެފާނު، އެބަހީ، މުހައްމަދުގެ ފާނު، ޖަޒާ ދިނުމުގެ ދުވަސް (އެބަހީ، އާޚިރަތް ދުވަސް) އަންނާނޭކަމާމެދު އިންކާރު ކުރާމީހާގެ (ވާހަކަ) ދެނެވަޑައިގެން ހުންނެ ވީމު ތޯއެވެ؟  އޭނާ އަކީ، ފަހެ، ޔަތީމު ކުދީންނަށް (އަޅާނުލާ) ދުރަށްލާ މީހާއެވެ. އަދި ނިކަމެތިންނަށް އަޅާލުމާއި، ކާއެއްޗެއް ފޯރުކޮށްލަ ދިނުމަށް (އެހެންމީހުންނަށް ވެސް) ބާރު ނާޅާމީހާއެވެ.” މިއާޔަތުން ދޭހަވަނީ އާޚިރަތް ދުވަސް އަންނާނޭކަމާއި މެދު އިންކާރު ކުރަނީ، ބުއްދީގެ ހަމަތަކުން ބަލައި، އެއީ މުސްތަހީލު ކަމަކަށް ދެކިގެން ނޫން ކަމެވެ. ނަމަވެސް، އާޚިރަތް ދުވަހާ ދޭތެރޭ ފިކުރުކޮށް، އެދުވަސް އަންނާނޭކަން ގަބޫލުކޮށް ބަލައިގެންފިނަމަ، ތިމާގެ އަމިއްލަ އަޚުލާގާއި ސުލޫކަށް ބަދަލު ގެންނަން ޖެހޭނެ ތީއެވެ. ތިމާގެ ދަހިވެތިކަމާއި އަމިއްލައެދުން، ތިމާގެ އަނާނިއްޔަތުކަމާއި މަށަށްމަށަށްކަން، ހައްދުފަހަނަ އަޅާ ދިޔަނުދީ، ވަކި ހުދޫދެއްގެ، މިންގަނޑެއްގެ، ތެރޭގައި ބަހައްޓަން ޖެހޭނެ ތީއެވެ. ތިމާގެ އިޖުތިމާއި މަސްއޫލިއްޔަތެއް ވާކަމާއި، އެކަން ނިޔާކުރާގޮތުން، އެހެން މީހުންނަށް ވެސް، ތިމާ ކެރިކުޅަދާނަ ވީވަރަކުން، އަޅާލަން ޖެހޭކަން ގަބޫލު ކުރަން ޖެހޭތީއެވެ.

ކީރީތި ޤުރްއާނުގައި، އާޚިރަތް ދުވަހަކީ ކޮންމެހެން އަންނަން ޖެހޭނޭ އަދި އޮތުން ޒަރޫރީ ދުވަހެއްކަމުގައި ވެސް، ބަޔާން ކުރެވިފައި ވެއެވެ. އެބަޔާންކޮށް ދިނުމުގެ ޚުލާސާ މިތަނުގައި ލިޔެލާނަމެވެ. އާޚިރަތް ދުވަހަކީ ކޮންމެހެން އަންނަން ޖެހޭ ދުވަހެއްކަމުގައި ބަޔާންކޮށްދިނުމުގެގޮތުން ތިން ސަބަބެއް ކީރިތި ޤުރްއާނުގައި ހުށަހަޅާލެވިފައި ވެއެވެ. އެންމެ ފުރަތަމަ، އާޚިރަތް ދުވަހެއް ނެތްނަމަ، ރަނގަޅާއި ނުރަނގަޅު، ހެވާއި ނުބައި، މިފަދަ އަގުތަކަކީ މާނައެއް ހުރި އެއްޗިއްސަކަށް ނުވާކަން ފާހަގަކޮށް ދީފައި ވެއެވެ. އާދެ، މިކަމަށް އިޝާރަތްކޮށް، އައްޞާއްފާތު ސޫރަތުގެ 21ވަނަ އާޔަތުގައި އާޚިރަތް ދުވަހަކީ، ރަނގަޅާއި ނުރަނގަޅާއި ދެމެދު ފައިސަލާ ކުރުމުގެ ދުވަސް ކަމުގައި ސިފަކުރެވިފައި ވެއެވެ. “މިއަދަކީ (އާޚިރަތް ދުވަހަކީ) ފައިސަލާކޮށް ނިޔާ އިއްވުމުގެ ދުވަހެވެ” ރަނގަޅު ގޮތަކީ ކޮބައި ކަމާއި ނުރަނގަޅު ގޮތަކީ ކޮބައިކަން ވަކިކޮށް، ކަނޑައަޅައި، އެމީހެއްގެ ހައްގު ޖަޒާ ނޫނީ ސަޒާ، އެމީހަކަށް ދެވޭ ދުވަހެވެ.  ދުނިޔޭގައި، ތެދުވެރިކަމާއި އަމާނާތްތެރިކަން މަތީގައި، އަދި ހެޔޮ އަމަލު ކުރުމުގައި، އޭނާގެ ހަޔާތް ވޭތުކޮށްލާ ހެޔޮލަފާ ސޯލިހު މީހާއާއި، ވައްކަމާއި ފޭރުމާއި މީހުން މެރުން ފަދަ ބޮޑެތި ކުށްތައް ކުރުމުގައި، އޭނާގެ ހަޔާތް ވޭތުކޮށްލާ މުޖުރިމާއި ތަފާތެއް ނެތެވެ. މަރުވެ ދިޔުމުން ދެމީހުންގެ ކަންތައްތައް ވެސް ނިމުނީއެވެ. ކީރިތި ޤުރްއާނުގައި ބަޔާން ކުރަނީ މިއީ ބުއްދި ގަބޫލު ކުރާކަމެއް ނޫންކަމެވެ.

ދެވަނަ ސަބަބަކަށް ބަޔާން ކުރެވިފައިވަނީ އާޚިރަތް ދުވަހެއް ނެތް ނަމަ، ހަމަހަމަ ކަމާއި އަދާލަތު ގެއްލި އެތައް ބަޔެއްގެ ހައްގުތައް ގެއްލިގެން ދިޔުމެވެ. ކީރިތި ޤުރްއާނުގެ ސަބައު ސޫރަތުގެ 25 ވަނަ އާޔަތާއި އަދި 26 ވަނަ އާޔަތް ބައްލަވާލައްވާށެވެ. “ކަލޭގެފާނު (މުހައްމަދުގެފާނު، މައްކާގެ މުޝްރިކުންނާއި މުޚާތަބުކޮށް ވިދާޅުވާށެވެ!) ތިމަންބައިމީހުން ކުރި ކުށަކާ މެދު ކަލޭމެން މަސްއޫލުވާކަށް ނުޖެހޭނެއެވެ. އަދި ކަލޭމެން އަމަލު ކުރަމުންގެންދާ ގޮތާއި ބެހޭ ގޮތުން ތިމަންބައިމީހުން މަސްއޫލުވާކަށް ނުޖެހޭނެއެވެ. ކަލޭގެފާނު (އަދިވެސް، އެމީހުންނަށް) ވިދާޅުވާށެވެ. ތިމަންމެންގެ ސާހިބު ވަންތަ ރަސްކަލާނގެ ތިމަންމެން ހުރިހާ އެންމެން އެއްކުރައްވައި އެއްތަން ކުރައްވާ ނެތެވެ. ދެން، އެއަށްފަހު، ތިމަންމެންގެ މެދުގައި ހައްގާއި އެއްގޮތަށް (ނިޔާ އިއްވަވައި) ހުކުމް ކުރައްވާނެތެވެ. އެކަލާނގެއީ އެންމެ އަދުލުވެރިގޮތުގައި ހުކުމް ކުރައްވާ އަދި ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ އެވެ.” އާދެ، މި ދެ އާޔަތުން ދޭހަވަނީ ކޮންމެ މީހަކުވެސް، ދުނިޔޭގައި، އެމީހަކު ކުރިކަމަކާ މެދު ސުވާލު ކުރެވޭނޭ ކަމެވެ. އޭނާގެ އަމަލުތަކާއި މެދު މަސްއޫލުވާން ޖެހޭނޭ ކަމެވެ.

ދުނިޔޭގައި ހިނގާ އެކި އެކި ޖަރީމާތަކަށް ނިކަން ނަޒަރު ހިންގާ ލައްވައި ވިސްނާލަ ބައްލަވާށެވެ. ބައެއް މީސްމީހުން، ދުނިޔޭގައި ގަތުލް އާއްމު ފަދަ ބޮޑެތި ބޮޑެތި ޖަރީމާތައް ހިންގައެވެ. މިސާލަކަށް ހިޓްލަރު، ސްޓާލިން އަދި ޕޮލްޕޮޓް ފަދަ މީސްމީހުންނެވެ. އަދި ބައެއް މީހުން، އެމީހުންގެ މުޅި ހަޔާތް، މީހުން މެރުމުގައި އެބަ ހޭދަކޮށްލަ އެވެ. މިސާލަކަށް ޖަނަވާރުގެ ނަމުން މަޝްހޫރު ވެފައިވާ ކޮލަމްބިޔާގެ ލުއީސް ގަރަވީތޯ، ރަޝިޔާގެ އަންޑްރެއި ޗިކަޓިލްކޯ އެމެރިކާގެ ޓެޑް ބަންޑީ، ޗައިނާގެ ޔޭން ޒިންގްހައި އިންޑޮނީޝިޔާގެ އަހުމަދު ސުރާޖީ އަދި މި ގޮތުން، އެމެރިކާގެ ރިޗާޑް ކުކްކިލިންސްކީ ފަދަ ގާތިލުންނެވެ. މީގެ ތެރެއިން ބައެއް މީހުން ސަތޭކައަށް ވުރެ ގިނަ މީހުން މެރިއެވެ. މިސާލަކަށް، ރިޗާޑް ކުކްކިލިންސްކީ، 1986ގައި، އޭނާ ހައްޔަރު ކުރެވުމަށް ދާންދެން، އޭނާގެ ރަސްމީ މަސައްކަތަކީ މީހުން މެރުން ކަމުގައި ބަލައި، އޭނާގެ އަމިއްލަ އިއުތިރާފުން އެނގޭ ގޮތުގައި، ސަތޭކައަށް ވުރެ ގިނަ މީހުން މަރާފައި ވެއެވެ. (މީނާގެ ހަޔާތުގެ ވާހަކަ ‘ދަ އައިސް މޭން’ މިފޮތުގައި ބަޔާން ކުރެވިފައި ވެއެވެ. އަދި އޭނާއާއި ކުރެވުނު ބައެއް ބަސްދީގަތުން ޓީވީގެ ޒަރިއްޔާއިން ދެއްކުނެވެ. އަދި މި ބަސްދީގަތުމުގެ ރެކޯޑު ކުރުންތައް ޔޫޓިއުބުން މިއަދުވެސް ފެންނަން އެބައޮތެވެ. ‘ދަ އައިސް މޭން ޓޭޕްސް’ ބައްލަވާލައްވާށެވެ.)

މިފަދަ މީހުން، އެއްވެސް ކަމަކާ ނުލައި މީހުން މެރި އެވެ. ތަފާތު އުމުރުގެ މީހުންނެވެ. މިފަދަ ބައެއް މީހުންނަކީ އެމީހުން ކުރި ކުށްތަކާ އެއްވަރުގެ އަދަބު ދުނިޔެމަތީގައި ލިބުނު ބައެކޭ ނުބުނެވޭނެ އެވެ. އެތައް ސަތޭކަ މީހުން މެރި މީހަކު، ވިއްސަކަށް އަހަރު ޖަލުގައި ހޭދަކޮށްލުން އެއީ އަދުލު އިންސާފު ކަމުގައި ބެލެވިދާނެތޯ އެވެ؟ އަދި، މީގެ އިތުރުން، އެފަދަ މީސްމީހުންގެ އަތުން މަރުވެ ދިޔަ މީހުންގެ ހައްގު ކޮބައިތޯއެވެ؟ އެމީހުންގެ މައިންބަފައިންނާއި އަނބިދަރީންނާއި ގާތްތިމާގެ މީހުންނާއި ރައްޓެހިންނާއި ވަކިވާން ޖެހުމާއި، އެމީހުންނަށް ދުނިޔޭގައި ލިބެންއޮތް ހައްގުތައް ކޮބައިތޯއެވެ؟ އާޚިރަތް ދުވަސް ނެތްނަމަ، ރިޗާރޑް ކުކްކިލިންސްކީ ފަދަ ގާތިލުން އެމީހުންގެ ޖަރީމާތަކަށް މަސްއޫލުވާންޖެހި، އެޖަރީމާތަކުގެ ހަގީގީ ޒިންމާ އުފުލާކަށް ނުޖެހޭނެ އެވެ. އަދި، އެމީހުންގެ އަނިޔާ ލިބުނު މީހުންގެ ހައްގުތައް ހޯދޭނޭ ގޮތެއްވެސް ނޯންނާނެއެވެ. އެހެން ވެއްޖެނަމަ، ދުނިޔެވީ ހަޔާތް ވެގެން ދާނީ އެމީހަކު ހިތުހުރި ގޮތަކަށް ކަންތައްތައް ކުރަން އޮތް ތަނަކަށެވެ. ތިމާގެ އަމިއްލަ ފައިދާއަށްޓަކައި، ދުނިޔަވީ ގާނޫނަށް ފިލެއް އޮތް ހިނދެއްގައި، ކޮންމެފަދަ ޖަރީމާއެއްވެސް ކުރަން ޖެހެލުންވާންވީ ސަބަބެއް ނެތެވެ. މިއީ ކީރިތި ޤުރްއާން ދެކޭ ގޮތުގައި ބުއްދި ގަބޫލު ކުރާ ކަމެއްނޫނެވެ.

ތިންވަނަ ސަބަބަކީ ދުނިޔޭގައި އެކަންކަމުގެ ހަގީގަތް ދެނެގަންނަށް ބޭނުންވާ އެތައް އެތައް ކަމެއް ވެއެވެ. ކީރިތި ޤުރްއާނުގައި ގެނެސް ދެވިފައިވާ އެއް މިސާލު ލިޔެލާނަމެވެ. މީސްތަކުން، ސަލާމް ލެއްވި އީސާގެފާނުގެ ހަގީގަތާއި ބެހޭގޮތުން ތަފާތު ވާހަކަ ދައްކައެވެ. އެއްބަޔަކު ދެކެނީ އީސާގެފާނަކީ އިލާހެއް ކަމެވެ. އެމީހުންގެ އިލާހީ ތަސައްވުރުގައި މާތްﷲއީ ތިންކައުވަންތަ ކަލެކެވެ. އެމީހުން ދެކޭގޮތުގައި އެކަލާނގެ ޒާތުފުޅުގައި ތިންބައި ހިމެނެ އެވެ. މީގެ ތެރެއިން އެއްބައަކީ އީސާގެފާނެވެ. އެމީހުން ދެކޭ ގޮތުގައި މިބައި މާތްﷲގެ ޒާތުފުޅުން ފިސާލުވެ، ވަކިވެ، މަރިޔަމްގެފާނު މެދުވެރިކޮށް، އިންސާނީ ސިފަ ލިބިގެން ދުނިޔެއަށް އުފަންވީއެވެ. އަނެއްބަޔަކު ދެކެނީ އެއީ މަރިޔަމްގެފާނާއި ކޮންމެވެސް މީހަކަށް، ކައިވެނީގެ ބޭރުން ލިބިވަޑައިގެއް އާދަމީ ދަރިކަލެއްގެ ގޮތުގައެވެ. ކީރިތި ޤުރްއާނުގައި ބަޔާން ކުރެވިފައިވަނީ އީސާގެފާނުގެ މިސާލަކީ އާދަމްގެފާނުގެ މިސާލެވެ. މައިކަނބަލަކާއި ބަފައިކަލަކާއި ނުލައި އާދަމްގެފާނު ހެއްދެވުނު ފަދައިން، ބަފައިކަލަކާއި ނުލައި އީސާގެފާނު ހެއްދެވުނީ އެވެ. މިއީ ކަމުގެ ހަގީގަތްކަން، އާޚިރަތް ދުވަހުން އެނގޭނޭކަން، ކީރިތި ޤުރްއާނުގައި ބަޔާން ކުރެވިފައިވެ އެވެ.

އަދި މީގެ އިތުރުން ވެސް، އަޅުގަނޑުމެން އެކަންކަމުގެ ޖަވާބު ލިބިގަންނަން ބޭނުންވާ އެތައްކަމެއް ވެއެވެ. އަޅުގަނޑުމެންގެ ތެރެއިން ގެއްލޭ މީހުންނާއި، މަރާލެވި، އެމީހުންގެ ގާތިލަކީ ނުވަތަ ގާތިލުންނަކީ ކޮބައިކަން ނޭނގޭ މީހުންނެވެ. އަޅުގަނޑުމެންގެ ތެރޭގައި ބައެއްކަހަލަ ކަންތައް ތައް ހިނގާ ގޮތުގެ ސިއްރެވެ. މިސާލަކަށް، އެއްބަޔަކު ދުނިޔެއަށް އުފަންވަނީ ސަމައްތަރު ހެޔޮހާލު، ފުރިހަމަ ގޮތުގައެވެ. އަނެއް ބަޔަކު، ނުކުޅެދޭ ހާލުގައެވެ. އެއްބަޔަކަށް ފުރިހަމަ ސިއްހަތަކާއި ދުޅަހެޔޮކަން ލިބިފައި ވެއެވެ. އަނެއް ބަޔަކު ދުނިޔޭގައި އުޅެން ޖެހެނީ ބަލިހާލުގަ އެވެ. އެއްބަޔަކު ދުނިޔޭގައި ތަނަވަސްކަންމަތީ އުޅެއެވެ. އަނެއްބަޔަކު އުޅެން ޖެހެނީ ފަގީރުކަންމަތީ ދަތި ހާލުގައެވެ. އެއްބައި މީހުން ދުނިޔޭގައި ދިގު އުމުރެއް ވޭތު ކުރެއެވެ. އަނެއް ބަޔަކު ދުނިޔޭގައި އުޅެނީ ކުޑަ ދުވަސް ކޮޅަކު ނުވަތަ މަދު އަހަރުކޮޅަކު އެވެ. މިހެން ކަންތައްތައް ވުމަކީ ތަބީއީ ކަމެކޭ ބުނެ ނިންމާލެވިދާނެ ބާވައެވެ؟ މިކަމުގައިވެސް ސިއްރެއް ވާނޭ ކަމާއި، މިކަމުގެ ހަގީގަތް އެނގޭނޭ ދުވަހެއް އޮންނަން ޖެހޭނޭ ކަމަށް ފެނެއެވެ. ކަހަފު ސޫރަތުގައި މިފަދަކަންކަމުގެ ސިއްރެއްވާނޭކަމާއި، އަދި ފަހުން އެކަންކަން އެނގޭނޭކަމަށް އިޝާރަތް ކުރެވިފައި ވެއެވެ. މީގެ ތަފްސީލު މިވާހަކަތަކާއި ގުޅޭ އާޔަތްތަކާއި އެކު، އިރާދަ ކުރެއްވިއްޔާ ގެނެސް ދެވޭނެއެވެ. މިކަންކަމަށް އިޝާރަތް ކުރެވި، ޙައްޖު ސޫރަތުގެ 17 ވަނަ އާޔަތުގައި ބަޔާން ކުރެވިފައި ވެއެވެ. “ހަމަ ކަށަވަރުން، އީމާން ވި މީހުންނާއި (އެބަހީ، މުސްލިމުންނާއި) ޔަހޫދީންނާއި ސާބިއީންނާއި ނަސާރާއިންނާއި މަޖޫސީންނާއި މުޝްރިކުން، މިއެންމެންގެ މެދުގައި، ޤިޔާމަތް ދުވަހުން، ފައިސަލާ ކުރައްވައި، (އެމީހުންގެ މެދުގައި ޚިޔާލުތަފާތުވީ މައްސަލަތަކާއި ބެހޭ ގޮތުން ރަގަޅުގޮތަކީ ކޮބައިކަން)  މާތްﷲ ނިޔާ ކަނޑައަޅުއްވާ ނެތެވެ. ހަމަކަށަވަރުން، ހުރިހާ ކަމަކަށް، މާތްﷲ ހެކިވެ ވޮޑިގެން ވެއެވެ.”

އާދެ، މިދެންނެވި ސަބަބުތަކަށް ޓަކައި، އާޚިރަތް ދުވަހަކީ ކޮންމެހެންވެސް އަންނަން ޖެހޭނޭ ދުވަހެއްކަން، ކީރިތި ޤުރްއާނުގައި ބަޔާން ކުރެވިފައި ވެއެވެ. މީސްތަކުން ހެޔޮމަގަށް އެޅުވުމަށް ބާރު އެޅުވުމުގެ ގޮތުންނެވެ. އަޅުގަނޑުމެންގެ ވުޖޫދު ގުޅިފައިވަނީ ހަމައެކަނި ދުނިޔެއާއި އަދި ދުނިޔަވީ ހަޔާތާއި ނޫންކަމާއި، އާޚިރަތް ދުވަހަކާއި އަދި އުޚްރަވީ ހަޔާތެއް ވާކަމާއި، އިންސާނާގެ ދުނިޔެވީ އަމަލުތަކާމެދު އެދުވަހުން މަސްއޫލުވާން ޖެހޭނޭކަން ހިތުގެ އަޑިން ގަބޫލު ކުރެވިއްޖެނަމަ، އޭނާގެ އުޅުން އިސްލާހު ކުރުމަށް ބާރު އަޅައި އެހީވެދޭނެތީ އެވެ. މިސަބަބަށްޓަކައި، ކީރިތި ޤުރްއާނުގެ ސޫރަތްތަކުގައި އާޚިރަތުގެ ވާހަކަތައް ގެނެސް، އެދުވަސް ލޮލަށް ފެންނަ ކަހަލަ ގޮތަކަށް ސިފަކޮށްދީ ބަޔާން ކުރެވިފައިވެއެވެ. ތަޤުވާވެރި މުއުމިނުންނަކީ މިކަން، އާޚިރަތްދުވަސް އަންނާނޭކަން، ހިތުގެ އަޑިން ގަބޫލުކޮށް، ކަށަވަރު ކުރާ ބައެއް ކަމުގައި، އަޅުގަނޑުމެން އަލްބަޤަރާ ސޫރަތުގެ އެއާޔަތުގެ މާނައާއި މެދު ވިސްނަމުން ދާ މި އާޔަތުގައި ބަޔާން ކުރެވިފައި ވެއެވެ. އާދެ، وبالآخرة هم يوقنون، އާޚިރަތް ދުވަސް (އަންނާނޭކަމާއި މެދު) ތަޤުވާވެރި މުއުމިނުން ކަށަވަރުކޮށް ޔަޤީން ކުރެއެވެ.

ތަޤުވާވެރި މުއުމިނުންގެ މުހިއްމު ބައެއް ސިފަތައް ބަޔާންކޮށް ދިނުމަށްފަހު، މިބައި ނިންމާލެވިފައިވަނީ، އެމީހުންނަށް، އިލާހީ ހިތްވަރާއި ބިޝާރާ ދެމުންނެވެ. ދުނިޔަވީ ހަޔާތް އެމީހުން ވޭތު ކުރަމުން ގެންދަނީ ރަގަޅުގޮތުގައި ކަމާއި އަދި އާޚިރަތް ދުވަހުން އެމީހުންނަށް ކާމިޔާބު ލިބޭނޭކަން ބަޔާން ކުރަމުންނެވެ. أولئك على هدى من ربهم وألئك هم المفلحون، ‘އެމީހުންގެ ސާހިބުވަންތަ ރަސްކަލާނގެ ދެއްކެވި ތެދު މަގުގައި ތިބި ބަޔަކީ އެމީހުންނެވެ. އަދި ކާމިޔާބީ ލިބޭނޭ މީހުންނަކީ ވެސް ހަމަ އެމީހުންނެވެ’. މިއާޔަތުގެ ހިޔަލުގައި ހިނދުކޮޅެއް ހޭދަކޮށްލަމާތޯ އެވެ.

أولئك ‘އެއީ’ މިލަފްޒަކީ އަރަބި ބަހުގައި ގިނަ ބަޔަކަށް އިޝާރަތް ކުރުމަށް ބޭނުންކުރެވޭ ނަމެކެވެ. މިއާޔަތުގައި މިލަފްޒުން އިޝާރަތް ކުރަނީ ދެވަނަ އާޔަތުގައި ނަންގަނެވިފައިވާ، އަދި ދެން އޮތް ދެއާޔަތުގައި އެމީހުންގެ ސިފަތައް ބަޔާންކޮށް ދެވިފައިވާ، ތަޤުވާވެރި މުއުމިނުންނަށެވެ. މިއާޔަތުގައި ބަޔާން ކުރެވިފައި ވަނީ އެމީހުންތިބީ މާތްﷲގެ ހިދާޔަތުގެ މަގުގައި ކަމެވެ. އާދެ، އެމީހުން ތިބީ އެކަލާނގެ ދެއްކެވި ތެދުމަގުގައި ފައިތަލަ ސާބިތުކޮށްގެން ކަމެވެ. އެހެނީ، ވަކިކަހަލަ ސިފަތަކެއް ލިބިފައި ވުމެވެ. ދެވަނަ އާޔަތާއި ތިންވަނަ އާޔަތުގައި ބަޔާން ކުރެވިފައިވާ ސިފަތަކެވެ. ޣައިބަށް އީމާންވުމާއި ނަމާދު ޤާއިމު ކުރުމާއި، ލިބިފައިވާ ރިޒްގަކުން އެހެންމީހުންނަށް ހޭދަކުރުމާއި، ކީރިތި ޤުރްއާނަށާއި އަދި އެފޮތުގެ ކުރީންވެސް ބާވާލެއްވުނު ފޮތްތަކަށް އީމާންވުމާއި، އާޚިރަތް ދުވަހަށް އީމާންވުން، މިސިފަތަކެވެ. މިކަމުން، އާދެ، އެމީހުން އެތިބީ ތެދުމަގުގައިކަން ކަނޑައަޅާލެވި ފާހަގަކޮށް ދެވިފައި ވުމުން، ޝައްކެއްނެތް ގޮތުގައި، އެމަގުގައި ތިބުމަށް ހިތްވަރާއި ބާރު ލިބިގެން ދެއެވެ.

މިއާޔަތުގައި މިނަންގެނުވުނު އިލާހީ ހިތްވަރު ދިނުމުގެ އިތުރުން، ތަޤުވާވެރި މުއުމިނުންނަށް ބިޝާރާއެއް ވެސް ދެވިފައިވެ އެވެ. އާދެ، އެމީހުންނަކީ ‘ފަލާހު’، ކާމިޔާބު، ލިބިގެންވާ މީހުންނެވެ. ދުނިޔަވީ ހަޔާތުގެ ވަރުގަދަ އިމްތިހާނުން ފާސްވެ، އާޚިރަތް ދުވަހުން، އިނާމު ލިބޭނޭ މީހުންނަކީ އެމީހުންނެވެ. އާޚިރަތް ދުވަހު، ދިންނެވުން ލިބުމުގެ އެވެ. ނަރަކައިގެ ވޭނާއި އަޒާބުން މިންޖުވެ، ސަވާބައި ދަރުމަ ލިބޭނޭ މީހުންނަކީ އެމީހުންނަށް ވީތީއެވެ. އެމީހުންގެ ދުނިޔަވީ ހަޔާތް ހެޔޮގޮތުގައި ވޭތުކޮށްލުމުގެ ނަތީޖާއެވެ. އެހެންވެ، އާޚިރަތް ދުވަހު، އެމީހުން، ބިރުގަނެ، ޖެހިލުންވާންވީ ކަމެއް ނެތެވެ. މާތްﷲގެ ރުހުމާއި އަދި، އެކަލާނގެ ސަވާބާއި ނިއުމަތް، އައްތީނު ސޫރަތުގައި ބަޔާން ކުރެވިފައިވާ ފަދައިން (فلهم أجر غير ممنون) މެދުކެނޑުމެއް ނެތި އެމީހުންނަށް ލިބޭނޭ ތީއެވެ.

އާދެ، މިހިސާބުން އަލްބަޤަރާ ސޫރަތުގެ ފުރަތަމަ ބައިގައި ހިމެނޭ ފަސްއާޔަތުގެ ތަފްސީރު ނިމުނީއެވެ. ނިންމާލުމުގެ ގޮތުން، މިބައިގެ ކުރު ޚުލާސާއެއްގެ މައްޗަށް އަދި އެއްފަހަރު ބަލައިލަމާތޯއެވެ. މިބައި ފެށުނީ ވަކިކުރެވިފައިވާ އަކުރަތަކުގެ ތެރެއިން ތިން އަކުރަކުންނެވެ. އަލިފް ލާމް މީމް، މިތިން އަކުރުންނެވެ. އެއަށްފަހު، ކީރިތި ޤުރްއާނުގެ މައުޟޫއަކީ އިލާހީ ހިދާޔަތުގެ މަގު ބަޔާން ކޮށް ދިނުންކަން ކަނޑައަޅާ ލެވުނެވެ. އަދި، މިކަމުން ފައިދާ ކުރާނީ ތަޤުވާވެރި މުއިނުންނަށް ކަމުގައި ބަޔާން ކުރެވުނެވެ. ދެން، މިފަދަ މުއުމިނުންގެ ބައެއް ސިފަތައް ބަޔާންކޮށް ދީފައި ވެއެވެ. އޭގެ ތެރޭގައި، ޣައިބަށް، އީމާން ވުމާއި، ނަމާދު ގާއިމު ކުރުމާއި އެހެން މީހުންނަށް، ވީވަރަކުން، އެހީތެރިވުމާއި، ކީރިތި ޤުރްއާނަށާއި އަދި އެހެން އިލާހީ ފޮތްތައްވެސް މާތްﷲ ބާވާލެއްވި ކަމަށް އީމާންވުމާއި އާޚިރަތް ދުވަހަށް އީމާންވުން ހިމެނެއެވެ.

މިބައިގައި، އިސްލާމް ދީނުގެ އަގީދާ އާއި ބެހޭ ބައެއް މުހިއްމު އަސާސުތައް ބަޔާން ކުރެވި ނުވަތަ އެކަމަށް އިޝާރަތް ކުރެވިފައި ވެއެވެ. އެންމެ ފުރަތަމަ މާތްﷲއަށާއި މަލާއިކަތް ބޭކަލުންނަށް އީމާންވުމެވެ. މިކަން، ޣައިބަށް އީމާން ވުމުގެ ތެރޭގައި ހިމެނެ އެވެ. ދެން ފޮތްތަކަށް އީމާން ވުމެވެ. މިކަމުގެ ތެރޭގައި ރަސޫލުބޭކަލުންނަށް އީމާންވުން ހިމެނެއެވެ. ތިންވަނައަށް، އާޚިރަތް ދުވަހަށް އީމާންވުމެވެ. އީމާން ކަމުގެ ބައެއް އަސާސީ ކަންތައްތަކުގެ އިތުރުން، މިބައިގައި އިސްލާމް ދީނުގެ ދީނީ ބައެއް ރުކުންތައް ވެސް ބަޔާން ކުރެވިފައި ވެއެވެ. ނަމާދު ކުރުމާއި ޒަކާތް ދިނުމެވެ.

About the author
1 Comment
  1. ޙަސަން ލަޠިފް މޫސާ

    ما شاء الله! ވަރަށް ފުރިހަމައެވެ. ބައެއް އިމްލާ ކުށްތައް ރަނގަޅުކޮށްލައްވާށެވެ!

    (0)(0)
Leave Comment