000  ވާހަކަ ފަށާހިތްވަނީ، މިއަދު ފެނުނު މަންޒަރަކާ ގުޅުވާލައިގެންނެވެ. ހެނދުނުގެ ވަގުތެވެ. ފަތިހަށް ފޭބި ފިނކަން އިރުގެ ހޫނާއި އުދާހުން ނެތިކުރަމުން ދިޔަ ވަގުތު، މާލޭގެ މަގުތަކުން ފެންނަމުން ދިޔަ އެންމެ ފާހަގަކޮށްލެވޭ މަންޒަރަކީ، މަދަރުސާތަކަށް ކުދީން ދާ މަންޒަރާއި ގެންދާ މަންޒަރެވެ. ހިނގާފައި ދާ ކުދީންނާއި ހިންގާފައި ގެންދާ ކުދިންނެވެ. ސައިކަލުތަކުގައްޔާއި ކާރުތަކުގައި ގެންދާ ކުދީންނެވެ. ބޮޑެތި ކުދީންނާއި ތުއްތު ކުދީންނެވެ. އޭގެތެރެއިން ކުއްޖެކެވެ. މަތީ ސާނަވީއަށް ކިޔަވަމުން ގެންދާ، ޒުވާން ފުރައިގެ އަންހެން ކުއްޖެކެވެ.…
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

 

ވާހަކަ ފަށާހިތްވަނީ، މިއަދު ފެނުނު މަންޒަރަކާ ގުޅުވާލައިގެންނެވެ. ހެނދުނުގެ ވަގުތެވެ. ފަތިހަށް ފޭބި ފިނކަން އިރުގެ ހޫނާއި އުދާހުން ނެތިކުރަމުން ދިޔަ ވަގުތު، މާލޭގެ މަގުތަކުން ފެންނަމުން ދިޔަ އެންމެ ފާހަގަކޮށްލެވޭ މަންޒަރަކީ، މަދަރުސާތަކަށް ކުދީން ދާ މަންޒަރާއި ގެންދާ މަންޒަރެވެ. ހިނގާފައި ދާ ކުދީންނާއި ހިންގާފައި ގެންދާ ކުދިންނެވެ. ސައިކަލުތަކުގައްޔާއި ކާރުތަކުގައި ގެންދާ ކުދީންނެވެ. ބޮޑެތި ކުދީންނާއި ތުއްތު ކުދީންނެވެ. އޭގެތެރެއިން ކުއްޖެކެވެ. މަތީ ސާނަވީއަށް ކިޔަވަމުން ގެންދާ، ޒުވާން ފުރައިގެ އަންހެން ކުއްޖެކެވެ. އިނީ ވެސް ޒުވާން ފިރިހެން ކުއްޖެއްގެ ސައިކަލު ފަހަތުގައެވެ. ބޭބެއެއް ނުވަތަ ޅިޔަނަކަށް ވެސް ވެދާނެއެވެ. އެ މަންޖެ އިނީ މައިލޯ ޕެކެޓެއް ބޯށެވެ. ސައިކަލު އާދައިގެ ދުވެއްޔެއްގައި ކުރިއަށް ދެއެވެ.

އަޅުގަނޑު ދުއްވަމުން އައީ އެ ކުއްޖާ އިން ސައިކަލުގެ ފަހަތުންނެވެ. އާދެވުނީ ތަންކޮޅަކަށެވެ. މައިލޯ ޕެކެޓު ތުނބުން ނައްޓާލައިފިއެވެ. އެތެރޭގައި އެތިފޮދެއް ނެތްކަން ޔަޤީންކޮށްލުމުގެ ގޮތުން ހަލުވާލައިފިއެވެ. އަނހަ! ނިކަން ބަލައިބަލާށެވެ. އެހެރަ އެއްލައިލީއެވެ. މަގުމައްޗަށެވެ. ޕާކިންޒޯނު ތެރެއަށެވެ. ފުރަތަމަ ގޮސް ޖެހުނީ އެތަނުގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައެވެ. ވެއްޓުނީ އޭގެފަހުގައެވެ.

ހިތަށްއެރިއެވެ. އަޅައިގެން އިން ޔުނިފޯމުގެ އަގަކީ ކޮބައިބާވައެވެ؟ އޯ ލެެވެލް ނިންމާފައި ރަނގަޅު ނަތީޖާއަކާއެކު އޭ ލެވެލް ކިޔަވަމުން ގެންދާއިރު، އެނގުނީ،  ދަސްވީ ކޮން އެއްޗެއްބާވައެވެ؟ ދަސްވި އެއްޗެއްގެ ބޭނުން ނުހިފޭ ނަމަ، ކިޔަވައިގެން ހުރި ކުއްޖެކޭ ޖާހިލެކޭ ތަފާތެއް ނެތެވެ. ޔަޤީންވާ ކަމަކީ މި ކުދިން ވެސް ތިބޭނީ މި ފަދަ ފިލާވަޅުތައް ކިޔަވާފައި ކަމެވެ. މަގުމައްޗަށް ކުނިއެޅުމަކީ ދީނީ ގޮތުން ކޮން ކަހަލަ ކަމެއްކަން، އިސްލާމް މާއްދާއިން ވާނީ ދަސްކޮށްފައެވެ. އެހެންނަމަވެސް އަމަލީ ގޮތުން އެ ސިފަ ނުފެންނަ ނަމަ، ކިޔެވުމުގެ ބޭނުމެއް ނެތެވެ.

ކުނި މެނޭޖުކުރުމާބެހޭ ޤަވާޢިދުގައި ކުޅިއެޅުން މަނާ ތަންތަން ވަނީ ވަރަށް ސާފުކޮށް ބަޔާންކޮށްފައެވެ. އޭގެތެރޭގައި ރަށްރަށުގެ މަގުތައް ހިމެނެއެވެ. އަދި އެއްވެސް ފަރާތަކުން އެރަށެއްގައި ކުނި އަޅަން ޚާއްޞަކޮށްފައިވާ ތަނަކަށް، ނޫނީ ތަންފީޒީ އިދާރާއަކުން ހުއްދަ ދީފައިވާ ތަނަކަށް މެނުވީ ކުނިއެޅުން ވަނީ މަނާކޮށްފައެވެ. މި ޤަވާޢިދާ ޚިލާފުވާ ފަރާތްތައް، ޚިލާފުވާ މިންވަރެއްގެ މައްޗަށް ބަލައި، ތަފާތު އެކި އަދަދުތަކުން ޖޫރިމަނާކުރަން ވެސް ޤަވާޢިދުގައި ކަނޑައަޅާފައި އޮވެއެވެ.

ޤަވާޢިދު އޮތީ އެކުލަވައިލެވި، 5 އޯގަސްޓު 2013 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި “ކުނި މެނޭޖުކުރުމާބެހޭ ޤަވާޢިދު”ގެ ނަމުގައި ގެޒެޓުކޮށްފައެވެ. އެހެންނަމަވެސް އެ ޤަވާޢިދު އެކުލަވައިލުމަކުން، ގެޒެޓް ކުރުމަކުން، މާލޭގެ މަގުތަކަށް އައީ ކޮން ބަދަލެއްބާވައެވެ؟ މަގުތަކުން ފެންނަ ކުނީގެ މިންވަރަށް، އެދެވޭ ބަދަލެއް އަތުވެއްޖެ ބާވައެވެ؟ މަގުމައްޗަށް ކުނިއަޅާ މީހުންގެ ގިންތިއަށް ފެންވަރަށް އުމުރަށް އަދި ނަސްލަށް ބަދަލެއް އަތުވެއްޖެބާވައެވެ؟

މާލޭގެ މަގުތަކުގައި ފުނިފުންޏަށް ހުންނަ ކުނިތައް މިއަދުވެސް ފެންނަނީ މަދެއްކޮށެއް ނޫނެވެ. ބޮޑެތި ފޮށިފޮށްޓަށް ކޮތަޅު ކޮތަޅަށް އަޅާފައެވެ. މިއިން އެއްޗަކަށް ނާޅައި ވަޔަށް ފަޔަށް ދޫކޮށްލާފައެވެ. ތަފާތު ބާވަތްތަކުގެ ކުންޏެވެ. ފުޅިފުޅިއައި ދަޅުދަޅެވެ. އެކި ބާވަތްތަކުގެ ހުސް ޕެކެޓުތަކެވެ. ހުސްކޮށްފައި ހުންނަ ސިގިރެޓް ފޮށްޓާއި ސްޕާރީ ކަރުދާސްތަކެވެ. ހަމަ އަޅުގަނޑުމެންގެ ތެރެއިން ކުދީންނާއި މީހުންގެ ޢަމަލުތަކުގެ ނަތީޖާއެވެ.

ކޮއްކޯއެވެ! މައިލޯއަކީ ކިތަންމެ އަނގައަށް މީރު އެއްޗެއް ކަމަށް ވިޔަސް، ބޮއި އެއްލައިލާފައި އޮންނަ ޕެކެޓުގައި ހުންނަ މައިލޯފޮދު އެހެން ހުރެ، އޭގައި ބެކްޓީރިއާ އުފެދޭނެއެވެ. ހިނގާ މީހާގެ ފައިދަށުވާ ގޮތަކުން އޭގައި ބާކީ ހުންނަ އެތިފޮދު ގަޔަށް ދުނިޖަހައިފާނެއެވެ. ބެކްޓީރިއާގެ ނުރައްކާތެރި އަސަރު ހަށިގަނޑަށް ފޯރަފާނެއެވެ. ގޯހެއް ހިނގާނީ ބުނެފައެއް ނޫނެވެ. އެހެންކަމުން ކިޔަވައިގެން ތިބޭ ތަންދޮރު ދަންނަ ކުދީން ތިޔަ ފަދަ ކަންކަން ނުކުރާށެވެ! ނާތަހުޒީބު ސިފަތަކަށް އިސްކަންނުދޭށެވެ! ތިޔަ ކުދީން ކުރަންވީ ކަމަކީ، އެ ފަދަ ކަންކަން ކުރާ މީހުންނަށް ވިސްނައިދޭންވީއެވެ.

އާއެކެވެ! ކަމަކީ ވިސްނަން ޖެހޭ، ވިސްނައިދޭންޖެހޭ ކަމެކެވެ. ކުންޏަކީ ރައްކާތެރި އެއްޗެއް ނޫނެވެ. މާލެ ކަހަލަ ފުރިފައި އޮތް ރަށެއްގައި، ނުރައްކާތެރި ކުނިބުނީގެ ތެރޭގައި ދިރުއުޅެން ޖެހުމަކީ، އެ ތަނެއްގައި ދިރިއުޅޭ މީހުންގެ ސިއްޙަތަށް ބޮޑެތި ނުރައްކާތައް ހުށަހޮޅިގެންފާނޭ ކަމެކެވެ. މި މައްސަލަ މީނާއަށް ދިމާވެފައި މި ވަނީ، މިވެނިތަނެއްގައި ހުރި، މިވެނި ކުނިގަނޑަކުންނޭ ބުނާކަށް ނޭނގޭނެއެވެ. އެހެންނަމަވެސް އެނގޭ ކަމަކީ، މަގުތައްމަތީގައި ކުނިފުނިތައް ގިނަވި ވަރަކަށް އެތަނެއްގެ ޢާންމު ޞިއްޙަތަށް ނުރައްކާތައް ކުރިމަތިވަމުން އަންނާނޭކަމެވެ. މިއީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

ކޮންމެ މީހަކު ކޮންމެ އެއްޗެއް ކިޔަސް، މިއީ ފަޚުރުވެރި ޤައުމެކެވެ. މިއީ، އަޅުގަނޑުމެން ފަޚުރުވެރިވާން އޮތް ޤައުމެވެ. މި ޤައުމުގެ ރީތިކަމާއި ސާފުތާހިރު ކަމަށް ކުރާ ކޮންމެ ތަޢުރީފަކީ، އަޅުގަނޑުމެންނަށް ލިބޭ ރީތި ނަމެކެވެ. ފަޚުރެކެވެ. އެހެންނަމަވެސް ކުންޏަކީ ފަޚުރެއް ނޫނެވެ.

About the author
1 Comment
Leave Comment