އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު (ނ.ޢ.ޢ.ވ) – ރަޙިމަހުﷲ – ގެ މި މުހިންމު މަޒުމޫނު އަޅުގަނޑުމެން ނަގައިފައިވަނީ “ފަތްތޫރަ” މަޖައްލާގެ 145 (އެޕުރީލު 1991) ވަނަ އަދަދުންނާއި 146 (އެޕުރީލު 1991) ވަނަ ޢަދަދުންނެވެ. _______________________________________ ލިޔުންތެރިކަމުގެ ތަފާތު ފަންނުތަކުގެ ތެރެއިން މުޖްތަމަޢުގެ މެދުގައި އެންމެ މަޤްބޫލުކަން ބޮޑު އެއް ފަންނަކީ ހަނދާންތައް ލިޔެ ހާމަކުރުމުގެ ފަންނެވެ. މިއީ އަޅުގަނޑުމެންގެ ދިވެހިބަހުގެ ލިޔުންތެރިކަމުގެ މައިދާނުންވެސް ހިސާބަކަށް ތަޢާރުފްވެފައިވާ ފަންނެކެވެ. ދިވެހި ދުނިޔެއަށް މިފަންނު ތަޢާރުފްވުމުގައި ސަބަބުވެރިވީ…

އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު (ނ.ޢ.ޢ.ވ) – ރަޙިމަހުﷲ – ގެ މި މުހިންމު މަޒުމޫނު އަޅުގަނޑުމެން ނަގައިފައިވަނީ “ފަތްތޫރަ” މަޖައްލާގެ 145 (އެޕުރީލު 1991) ވަނަ އަދަދުންނާއި 146 (އެޕުރީލު 1991) ވަނަ ޢަދަދުންނެވެ.

_______________________________________

ލިޔުންތެރިކަމުގެ ތަފާތު ފަންނުތަކުގެ ތެރެއިން މުޖްތަމަޢުގެ މެދުގައި އެންމެ މަޤްބޫލުކަން ބޮޑު އެއް ފަންނަކީ ހަނދާންތައް ލިޔެ ހާމަކުރުމުގެ ފަންނެވެ. މިއީ އަޅުގަނޑުމެންގެ ދިވެހިބަހުގެ ލިޔުންތެރިކަމުގެ މައިދާނުންވެސް ހިސާބަކަށް ތަޢާރުފްވެފައިވާ ފަންނެކެވެ. ދިވެހި ދުނިޔެއަށް މިފަންނު ތަޢާރުފްވުމުގައި ސަބަބުވެރިވީ ފަރާތްތަކެއްވެސް ފާހަގަކުރެވޭ ފަންނެއް މެއެވެ. ކޮންމެއަކަސް މިއަދު އެފަންނު ވަނީ އަލުން ދިރުވައި ތާޒާކުރަން ޖެހިފައެވެ. ތިމާގެ އަމިއްލަ ގަލަމުން ތިމާގެ ޙަޔާތާ ގުޅިފައިވާ އެކިއެކި ހަނދާންތައް ލިޔެ ހާމަކުރާ މީހުންނަކީ މިއަދު ވަރަށްވެސް މަދު ބައެކެވެ. އަޅުގަނޑަށް ވިސްނޭގޮތުގައި ދިވެހިބަހަށް އާރޯކަމާއި ތާޒާކަން ލިއްބައިދޭން އެދޭކަމުގައިވާ ނަމަ ހަނދާންތައް ލިޔެ ހާމަކުރުމުގެ ފަންނު ކުރިއެރުވުމަށް މަސައްކަތްކުރުމުގެ ބޭނުންތެރިކަން ކިތަންމެހާވެސް ބޮޑެވެ. އަމުދުން ހަނދާންތައް ލިޔެ ހާމަކުރުމުގެ ރޫޙެއް އަޅުގަނޑުމެންގެ ތެރޭގައި އުފެދިއްޖެ ނަމަ އެކަމުގެ ސަބަބުން ދިވެހި ތާރީޚުގެ ކިތަންމެ ސަފްޙާތަކަކަށް އަލިއެޅިގެންދާނެކަން ޔަޤީނެވެ.

ޝައްކެއްނެތެވެ. ޤައުމުތަކުގެ ތާރީޚަކީ ހަމަ އެކަނި އެޤައުމެއްގެ ވެރިކަމުގެ ފަރާތުން ނުވަތަ ވެރިކަމުގެ ދާއިރާގައި ހިމެނޭ ކޮންމެވެސް ފަރާތަކުން ލިޔެވޭނެ އެއްޗެއް ނޫނެވެ. މިހެން މިދެންނެވީ ވެރިކަމުގެ އެއްވެސް ނުފޫޒެއް ފޯރާފައިވާ ފަރާތަކުން ޤައުމުގެ ތާރީޚް ލިޔާކަމުގައިވާ ނަމަ ޒަމާން ނިޔާކުރާ ގޮތުން ހާމަކޮށްގެން ފަރުނުޖެހޭނެ ކަންތައްތަކެއް ހުންނާނެތީއެވެ. އަދި ހިނގައިދިޔަކަމެއްގެ އިންސާފު ސީދާމަގުން ލިޔުމަށް ދަތިވާ ފަދަ ގޮތްތަކެއްވެސް މެދުވެރިވުމަކީ ދުރުކަމެއް ނޫނެވެ. މިގޮތުން އެޤައުމެއްގެ ތާރީޚުގެ އަނދިރިއެޅިފައިވާ ފަރާތް ފާހަގަކޮށް ދައްކައި އަލި އަޅުވައިލެވޭނީ އަމިއްލަ ލިޔުންތެރީންނަށްކަން އެއީ އޮޅުމެއް އޮތް ކަމެއް ނޫނެވެ. މިއީ ދުނިޔޭގެ ލިޔުންތެރީންކުރެ ވަރަށް ގިނަ ބަޔަކު ޤަބޫލުކުރަމުން އަންނަ ޙަޤީޤަތެކެވެ.

O          O          O

އިސްމެދިޔަ ފޮޅުވަތްތަކުގައި ހާމަކޮށްފައިވާ ޚިޔާލުގެ މައްޗަށް ބުރަވެހުރެ ހަނދާންތައް ލިޔެ ހާމަކުރުމުގެ ފަންނުގައި ދުނިޔޭގެ ނަންހުރި ޝަޚްޞިއްޔަތެއްކޮށްފައިވާ މަސައްކަތެއް ކުރުގޮތަކަށް ހާމަކޮށްލަން ކަމަށެވެ. އެއީ ހަމައެކަނި މިދެންނެވި ފަންނުގެ މުހިންމު ކަމުގެ މައްޗަށް އައްޔެއް އަޅުވާލުމުގެ ގޮތުންނެވެ. ފަހަރެއްގައި ތާރީޚަށް ލޯބިކުރައްވާ ފަރާތްތަކުގެ ޝައުޤުވެރިކަން ކޮންމެވެސް މިންވަރަކަށް އަތުލައިގެންފާނެކަމަކަށްވެސް ވެދާނެތީއެވެ.

wp_20161101_07_19_14_pro-2މިޞްރުގައި ޒަމާނުއްސުރެ ހިނގަމުންއައި ރަސްކަމުގެ ބާރުތައް ފުނޑުފުނޑުކޮށްލައި ރައްޔިތުންގެ ވެރިކަމެއް އުފެދުނީ ގާތްގަނޑަކަށް މީގެ 38 އަހަރުކުރީންކަން ތިޔަބޭފުޅުން ދެނެވަޑައިގަންނަވާނޫއެވެ. އާދެ، ކިންގ ފާރޫޤުގެ ރަސްކަން އުވިދިޔައީ 1952 ވަނަ އަހަރު މިޞްރުގެ ސިފައިން ގެނައި ވަރުގަދަ އިންޤިލާބަކުންކަންވެސް ތިޔަ ބޭފުޅުންނަށް ވާނީ އެނގިވަޑައިގެންފައެވެ. އެވަރުގަދަ އިންޤިލާބު ގެނައުމުގައި ބައިވެރިވި މީހުންކުރެ ހަމައެކަނި އެދަނޑިވަޅުގައި ނަމަވެސް އިސްވެހުރި މީހަކީ ނުވަތަ ރައްޔިތުންގެ ކުރިމައްޗަށް ކެރިގެން ނުކުތް ޖެނެރަލަކީ ޖެނެރަލް މުޙަންމަދު ނަޖީބެވެ. މީނާއަކީ މިޞްރުގައި އުފެދުނު ފުރަތަމަ ޖުމްހޫރިއްޔަތުގެ ރައީސްކަންވެސް ދުނިޔެއަށް ވަނީ އެނގި ފާޅުވެފައެވެ. އެކަމަކު މިދެންނެވި ޖެނެރަލް މުޙަންމަދު ނަޖީބަށް ވެރިކަން ކުރެއްވުނީ ވަރަށް ކުޑަ ދުވަސްކޮޅަކުއެވެ. މިކަމުގެ ތަފްޞީލު އެކި ލިޔުންތެރީން ހާމަކޮށްފައިވަނީ އެކި ގޮތަށެވެ. މިކަމާ ގުޅޭ ގޮތުން އަޅުގަނޑުމެން ހަނދާންކޮށްލަން ޖެހޭ އަނެއް ނުކުތާއަކީ މިޞްރުގެ ރައީސްކަމުން ޖެނެރަލް މުޙަންމަދު ނަޖީބު ދުރުކުރުމަށްފަހު ވަރަށް އެކަށީގެންނުވާ ފަދަ އިހާނެތި ގޮތަކަށް އޭނާޔާ ދޭތެރޭގައި ކަންތައް ކުރެވުނު ކަމެވެ. އަޅުގަނޑު މިއިޝާރަތްކުރަނީ ފުލުހުންގެ ހަރުކަށި ބެލެހެއްޓުމުގެ ދަށުގައި 18 ވަރަކަށް އަހަރު ޖެނެރަލް މުޙަންމަދު ނަޖީބު ގޭގައި ބަންދުކޮށްފައި ބެހެއްޓި ވާހަކައަށެވެ. ކޮންމެއަކަސް މިއަދު އަޅުގަނޑުގެ އަތުގައި މިއޮތީ ނަޖީބުގެ އަމިއްލަ ދޫފުޅުން ވިދާޅުވެދެއްވި އޭނާގެ ހަނދާންތަކުގެ މައްޗަށް އެކުލެވިފައިވާ ފޮތެކެވެ. ފޮތުގެ ނަމަކީ “އަހަރެން މިޞްރުގެ ރައީސަށް ވީމެވެ.” މިދެންނެވި ފޮތުގެ މުޤައްދިމާ އޭނާ އެކުލަވާލައްވާފައި ވަނީ ވަރަށްވެސް އަސަރާއެކުގައެވެ. ޙަޤީޤަތަކީ ހަމައެކަނި އޭނާ އެ ހާމަކޮށްދެއްވަނީކަން ވަރަށް ފަސޭހައިން ޤަބޫލުކުރެވޭ ފަދަ ގޮތެއްގައެވެ. އެކަމަކު މިއީ އަޅުގަނޑު އިންސާފު ކުރަން ބޭނުން މައުޟޫޢެއް ނޫނެވެ.

O          O          O

ޖެނެރަލް މުޙަންމަދު ނަޖީބުގެ ހަނދާންތައް އޭނާ ހާމަކޮށްދެއްވާން ފަށްޓަވާފައިވަނީ އަންނަނިވި ޢިބާރާތުންނެވެ.

“އަހަރެންގެ ނިމުން މިހިރަގެން ކައިރިވަނީއެވެ. ދަތުރަށް ތައްޔާރުވުމުގެ ގޮތުން ފޮށިތަންމަތި ބަންނާން ޖެހެނީއެވެ. އަހަރެން މިހާރު މިވޭތު ކުރާ ދުވަސްތަކަކީ އުޑާއި ބިމާ ދެމެދުގައި އެލުވިގެންވާ އިންސާނަކު ވޭތުކުރާ ދުވަސްތަކެއް ފަދައެވެ. މިދުވަސްތަކަކީ ހަށިގަނޑުގެ ބާރު ކެނޑިގޮސް ފުރާނައިގެ ބާރު ގަދަވެގަންނަ ދުވަސްތަކެވެ. އަދި ފަނާވެދަނިވި މާއްދީ ބާރުތަކާ ދުރުހެލިވާ ދުވަސްތަކެވެ. ހަމައެހެންމެ ދުނިޔޭގެ ޢިއްޒަތާއި މުދާވެރިކަމާއި އަނބިދަރީންވެސް ހަނދާންނެތި ގޮސް ހަމައެކަނި ޙައްޤާއި ތެދުވެރިކަމާއި ޢަފޫކުރުމާއި ހެޔޮ ކަންތައްތައް މެނުވީ ހަނދާންނުހުންނަ ދުވަސްތަކެވެ.

އަހަރެން ނިދަނީވެސް އަދި އަހަރެން ފޮތްކިޔާ އުޅެނީވެސް ބަލީގެ އެނދުގައި އޮވެގެންނެވެ. އަހަރެންގެ މެހްމާނުންނާއި ތިމާގެ މީހުންނާ ވާހަކަ ދައްކާ އުޅެނީވެސް އެނދުގައި އޮވެގެންނެވެ. މިއެނދަކީ ނުވަތަ މިތަންމައްޗަކީ ދުނިޔެއިން އެންމެ ފަހުން އަހަންނަށް ބީހި އުޅެވޭނެ ތަންމައްޗެވެ. ނުވަތަ އެނދެވެ.

އަހަރެންގެ ޢުމުރުގެ ފަހު ދުވަސްތައް މި ހޭދަކުރަނީ މުސްކުޅިކަމާ އަދި ބަލިތަކާ އެކުގައެވެ. އަހަރެންގެ ހަށިގަނޑުވަނީ އަނަރޫފަވެފައެވެ. ކާހިތްވުމުގެ ބާރުވަނީ ގެއްލިފައެވެ. ލޮލަށް ފެނުމުގެ ބާރުވަނީ ފަނޑުވެފައެވެ. ހެލިފެލިވެ އުޅުމަކީ އަމުދުން ނެތް ކަމެކެވެ. އަހަރެންގެ ނިދި އަބަދުވެސް އަހަންނާ އަރާރުންވަނީއެވެ. އެންމެ ބޮޑަށް ގައިގޯޅިވެފައިވަނީ ވަރުބަލިކަމާއި ވޭންތަކެވެ. މިހުރިހާ ކަމެއް މިހެން ހުރުމާއެކުގައި ވޭތުވެދިޔަ ޙަޔާތުގެ ހަނދާންތައް ހިތުތެރޭގައި އާވަމުން އެބަ އާދެއެވެ. ކުދިކުދި ކަންތައްތަކާއި ބޮޑެތި ކަންތައްތައް ވެސް އަހަރެންގެ ހިތަށް ވެރިވެގެން ގޮސް އެބަ އުނދަގޫކުރެއެވެ.

އަހަންނަށް މިހާރު ނިދެނީ ވަރަށް ކުޑަ އިރުކޮޅަކުއެވެ. އަހަރެންގެ ހެނދުނުގެ ނާސްތާއަކީ ހަމައެކަނި ފެނުކެއްކި ކުކުޅުބިހެކެވެ. މެންދުރު އަހަންނަށް ބޭނުންވަނީ ފަނިތަށްޓެކެވެ. ރޭގަނޑުގެ ކެއުމަކީވެސް ކޮންމެވެސް ބާވަތެއްގެ ފަނި ތަށްޓެކެވެ. އަހަރެން ކާންޖެހޭ ބޭސްތަކުގެ ޢަދަދެއްވެސް ނެތެވެ. ތަފާތު ބާވަތްބާވަތުގެ ބޭސް އަހަންނަށް ޖެހެނީ ބޭނުންކުރާށެވެ. ބޭސްތަކުގެ ނަންތަކާ އެއިން ލިބޭނަމަ ލިބޭ ފައިދާއެއް ބަޔާންކުރާކަށް ނެތީމެވެ.

އަހަރެންގެ ދުވާލުގެ ވަގުތުތައް ދިގެވެ. ރޭގަނޑުގެ ވަގުތުތައް އެއަށްވުރެ މާދިގެވެ. ގިނަ ވަގުތު އަހަރެން ހޭދަކުރަނީ ކީރިތި ޤުރްއާން ކިޔެވުމުގައެވެ. ބައެއް ފަހަރަށް މީގެ ތިރީހަކަށް އަހަރު ކުރިއްސުރެ އަހަރެން ލިޔެ އެއްކޮށްފައިވާ ހަނދާންތައް ކިޔާ އުޅެމެވެ. އަދި އަނެއްބައި ފަހަރަށް ފަލަކުގެ ޢިލްމާބެހޭ ފޮތްތައްވެސް ކިޔާ އުޅެމެވެ.

މިޞްރުގެ ފުރަތަމަ ރައީސް ޖެނެރަލް މުޙަންމަދު ނަޖީބުގެ ހަނދާންތަކުގެ އަގުހުރި ޚަޒާނާ ހާމަކޮށްދެއްވަމުން އޭނާގެ ވާހަކަފުޅު ކުރިޔަށް ގެންދެވިއެވެ.

“އަހަރެންގެ ދިރިއުޅުމުގެ އެންމެފަހު ދުވަސްތައް ހޭދަކުރަމުންމިދާ ދިޔުމުގެ ތެރޭގައި ވަރަށް ގިނަ ރަޙްމަތްތެރީން އަހަންނަށް ގޮވާލަން އާދެއެވެ. ބަލީގެ ތަންމައްޗެއްގައި އޮވެގެން ނަމަވެސް ހިތްހެޔޮކަމާއެކު އެބައި މީހުންނަށް މަރްޙަބާ ކިޔުމީ އަހަރެންގެ އުފަލަކަށް ވެއެވެ. އަދި އެބައި މީހުން ޒިޔާރަތްކޮށް އުޅުމުގެ ސިއްރަކީ ކޮބައިތޯ އެބައިމީހުން ކުރެން ސުވާލުކޮށް ހަދަމެވެ. އޭގެ ތެރެއިން ގިނަމީހުން ޖަވާބުދެނީ ތާރީޚުގެ ޞަފްޙާތަކެއްގެ ގޮތުން ޝާއިޢުކުރުމަށް ޓަކައި އަހަރެންގެ ހަނދާންތައް އޮޅުން ފިލުވާން އެބައިމީހުން ބޭނުންވާ ކަމަށެވެ. އެންމެ ކުރީކޮޅުގައި އެކަމަށް އަހަރެން ޢުޒުރުވެރިވަމުން އައީ އަހަރެން ބުނަންވީ ހުރިހާ ވާހަކައެއް ވަރަށް ކުރިއްސުރެ ބުނަމުން އައިސްފައިވާ ކަން އެބައިމީހުންނަށް ހަނދާންކޮށްދެމުންނެވެ. އެކަމަކު އެބައިމީހުން އަހަރެންގެ ޢުޒުރު ޤަބޫލެއް ނުކުޅައެވެ. އަހަރެންގެ ދުލުން ކިޔާނުދެވިހުރި ކިތަންމެ ވާހަކައެއް އަހަރެންގެ ހިތާ ސިކުނޑީގައި ވަންހަނާވެގެން ވާނޭކަމަށް އެބައިމީހުން ދެކެއެވެ. އަދި އެހަނދާންތައް އެއީ އަހަރެންގެ އަމިއްލަ މިލްކެއް ނޫން ކަމަށާއި އަދި އެއީ ތާރީޚާއި އަންނަނިވި ޖީލުތަކުގެ މިލްކެއްކަމަށްވެސް ސާބިތުކަމާއެކު އެބައިމީހުން ބުނަމުން ގެންދިޔައެވެ. ކޮންމެއަކަސް މިކުޑަކުޑަ ދުވަސްކޮޅަކީ އެއްވެސް މީހެއްގެ ޟަމީރަށް ގެއްލުންދޭން އަހަރެން ބޭނުންވާ ދުވަސްކޮޅެއް ނޫނެވެ. މިހެންވެ، ރަޙްމަތްތެރީންގެ މިހުށަހެޅުމާމެދު އަމިއްލަޔަށް ފިކުރުކުރަމުން ވިސްނަމުން ގެންދިޔައީމެވެ.

އަހަރެންގެ ގަލަމުން ލިޔެފައިވާ އެކިއެކި ހަނދާންތަކުގެ ފަތްފުށްތައް ނިއުޅުވަމުން ގެންދާން ފަށައިގެންފީމެވެ. އަދި އަހަންނަށް ހާމަކުރެވިފައިވާ ސިއްރުތަކާއި ހަމަނުކުރެވިހުރި ސިއްރުތައް ހަނދާނަށް ގެނެވޭތޯ މަސައްކަތް ކުރަން ފެށީމެވެ. އެންމެ ފަހުން އަހަންނަށް ޖެހުނީ ރަޙްމަތްތެރީންގެ ހުށަހެޅުމާ އެއްބަސްވާށެވެ. ތެދެކެވެ. އަހަރެން ހާމަނުކުރާ ކިތަންމެ ސިއްރަކާއި ތަފްޞީލް ނުކުރާ ކިތަންމެ ޙަޤީޤަތެއް އަދިވެސް ވަނީ ފޮރުވިގެންނެވެ. އަހަރެންގެ ނިމުން ކައިރިވަމުން އަންނަ ހިނދު އެސިއްރުތައް ހާމަކޮށް ކަޝްފު ކުޅައުމީ އަހަރެންގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. މިވާހަކަތައް މިމޭރުމުން ހާމަކުރެވޭނޭ ދުވަހެއް އަންނާނޭ ކަމަކަށް އަހަންނަށް މީގެކުރީން ހީކުރެވިފައެއް ނެތެވެ. އަދި މިފޮތުގެ މުޤައްދިމާއަކީ އަހަންނަށް އިބާރާތްކުރެވޭނޭ އެއްޗެއްކަމަކަށް ފަހަރެއްގައިވެސް ވިސްނިފައެއް ނުވެއެވެ. އެއީ މިވަގުތާ ހަމަޔަށް ކީރިތިވަންތަ މާތް ﷲ އަހަރެންގެ ޢުމުރު ދަންމަވައި ދުނިޔޭގައި ލަހައްޓަވައިފާނޭކަމަށް އުންމީދުނުކުރެވޭތީއެވެ. މިވަގުތަކީ އހަރެންގެ ހަނދާންތަކުގެ މައްޗަށް އެކުލެވިގެންވާ މިފޮތް ޗާޕާ ހަމަޔަށް ދިޔުމުގެ ކުރީން ކިޔާލައި އެއްކޮޅުން އަނެއްކޮޅަށް މިފޮތާމެދު ޚިޔާލުކޮށްލެވޭ ވަގުތެވެ.

ހިތްހަމަޖެހުމާ ހަމަހިމޭންކަމާ އެކު މަރުވެ ދިޔުމަށް އަހަރެން މިހާރު މިވަނީ ތައްޔާރުވެގެންނެވެ. އަހަރެންގެ ކިބައިގައިވާ ހުރިހާ ހަނދާނެއް މިފޮތުގައި މިވަނީ ހާމަކޮށްފައެވެ. އެއްވެސް ކަމެއްގެ ހެކިބަސް އަހަރެން ވަންހަނާއެއް ނުކުރަމެވެ. ކިތަންމެ ކުޑަކަމެއްވިޔަސް އަދި ކިތަންމެ ބޮޑުކަމެއް ވިޔަސް ބަޔާންކޮށްފައި މިވަނީ ތެދުވެރިކަމާއެކުގައެވެ. ޝައްކެއް ނެތް ގޮތުގައި އަހަރެން ދުނިޔޭގައި ހޭދަކުރާ މުއްދަތަށްވުރެ ދިގު މުއްދަތަކަށް މިފޮތް ދުނިޔޭގައި އޮންނާނެ އެވެ. އަހަރެން މަރުވެ ދިޔުމަށްފަހު މިފޮތާ ބެހޭގޮތުން ވަރަށް ގިނަ ވާހަކަތަކެއް ދެކެވޭނޭކަންވެސް އަހަންނަށް ޔަޤީން ކުރެވެއެވެ. އަހަންނަށް އެނގޭހާވެސް އެއްޗަކީ މިފޮތުގައިވާ ހުރިހާ ޙާދިޘާއެއްވެސް އަހަރެން ބަޔާންކޮށްފައިވާނީ އެކަމެއް ހިނގާދިޔަ ގޮތަށް ކަމެވެ.

މާތްﷲގެ ކިބައިން މިނިކަމެތި އަޅާގެ ފާފަ ފުއްސެވުން އެދި ދުޢާކުރަމެވެ. އަދި މިއަޅާގެ ތައުބާ ޤަބުލުކުރެއްވުން އެދި އަޅުދާސްވަމެވެ.

                                                        މުޙަންމަދު ނަޖީބު”

O          O          O

އިސްވެދިޔަ ޢިބާރާތްތަކުގެ މައްޗަށް އެކުލެވިގެންވާ އަސަރު ހުރި މުޤައްދިމާއަށް ފަހު “އަހަރެން މިސުރުގެ ރައީސަކަށް ވީމެވެ”. މިނަމުގައި ލިޔެފައިވާ ފޮތަކީ މިޞްރުގެ މިޒަމާނުގެ ތާރީޚާ ގުޅޭ ވަރަށް ގިނަ ކަންތައްތަކެއްގެ މައްޗަށް އެކުލެވިފައިޥާ ފޮތެކެވެ. ޖެނެރަލް މުޙަންމަދު ނަޖީބުގެ އަމިއްލަފުޅު ޙަޔާތާބެހޭ މުހިންމު ކަންތައްތަކާއި ކިންގފާރޫޤުގެ ރަސްކަމުގައި ސިފައިންގެ ތެރޭގައި ހިނގި ބައެއް ޙާދިޘާތަކާއި 1948 ގައި ހިނގި ފަލަސްޠީނުގެ ހަނގުރާމައާއި މިޞުރުގެ ސިފައިން ނިކުމެ އެތާނގެ ރަސްކަން އުވާލައި ވެރިކަން ބަދަލުކޮށްލި ގޮތާއި ވެރިކަން ބަދަލުވުމަށް ފަހު ދެން ކަންތައްތައް ހިނގަމުން ދިޔަގޮތް ނަޖީބުވަނީ ބަޔާންކުރައްވާފައެވެ. އެމުހިންމު ތާރީޚީ ޙާދިޘާތަކުގެ މައްޗަށް ބަލާލުމަކީ މިއަދު އަޅުގަނޑު ނަގައިގެން މިއުޅޭ ޤަލަމުގެ ވާޖިބެއް ކަމަކަށް ނުދެކެވެ. ނަމަވެސް ޖެނެރަލް ނަޖީބު މިޞްރުގެ ރައީސްކަމުން ދުރުކޮށް ހައްޔަރު ކުރެވުނު ގޮތުގެ ވާހަކަ އޭނާ ބަޔާންކުރައްވާފައިވާ ގޮތް ކޮންމެވެސް ވަރަކަށް ހަމަކޮށްލެވޭތޯ ބަލާނަމެވެ.

(ނުނިމޭ)

___________________

ހަވާސާ ނޯޓެއް:

މިމަޒުމޫނުގެ އިތުރު ބައެއް ޝާޢިއުކުރެވިފައި ނުވާ ވާހަކަ ހިތާމަޔާއެކު ދަންނަވަމެވެ. ނަމަވެސް މި ބައި ވެސް މި ޝާއިއުކޮށްލީ ފެށުމުގައި ގެންނަވާފައިވާ ތައާރަފުން ވެސް  މުހިންމު ”މެސެޖެއް” ދެއްވާފައިވާތީއެވެ.

_____________________________

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment