000ފަތިސް ނަމާދުގެ ޤުނޫތު: ކުރީންވެސް ދެންނެވި ފަދައިން ސުންނަތަކީ رَسُولُ اللَّهِ صلّى الله عليه وسلّم ގެ ޢަމަލުފުޅާއި، ޙަދިޘުކުރެއްވެވި ބަސްފުޅާއި، އަދި رَسُولُ اللَّهِ صلّى الله عليه وسلّم ގެ އަރިހުގައި ކަމެއް ހިނގައިގެން އެކަމެއް މަނާ ނުކުރެއްވި ކަންތަކާއި މިތިން ބައެވެ. މިހެންކަމުން މިތިން ގޮތުންކުރެ ގޮތަކުން ޘާބިތުވެފައިވާ ކަމެއް އެޘާބިތުވެފައިވާ ގޮތަށް، އަދި އެޘާބިތުވެފައިވާ މިނަށް އަދާކުރުމަށް ބިދުޢައެކޭ ބުނުން ހެއުނުވާނެއެވެ. މިގޮތުން ބަލާއިރު ފަތިސް ނަމާދުގެ ފަހު ރަކުޢަތުގެ…
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

ފަތިސް ނަމާދުގެ ޤުނޫތު:

ކުރީންވެސް ދެންނެވި ފަދައިން ސުންނަތަކީ رَسُولُ اللَّهِ صلّى الله عليه وسلّم ގެ ޢަމަލުފުޅާއި، ޙަދިޘުކުރެއްވެވި ބަސްފުޅާއި، އަދި رَسُولُ اللَّهِ صلّى الله عليه وسلّم ގެ އަރިހުގައި ކަމެއް ހިނގައިގެން އެކަމެއް މަނާ ނުކުރެއްވި ކަންތަކާއި މިތިން ބައެވެ. މިހެންކަމުން މިތިން ގޮތުންކުރެ ގޮތަކުން ޘާބިތުވެފައިވާ ކަމެއް އެޘާބިތުވެފައިވާ ގޮތަށް، އަދި އެޘާބިތުވެފައިވާ މިނަށް އަދާކުރުމަށް ބިދުޢައެކޭ ބުނުން ހެއުނުވާނެއެވެ. މިގޮތުން ބަލާއިރު ފަތިސް ނަމާދުގެ ފަހު ރަކުޢަތުގެ އިޢުތިދާލުގައި ޤުނޫތު ކިއުން މިއަށް ބިދުޢައޭ ބުނެވޭނެ ޖާގައެއް ދީނުގައި ނޯންނާނެއެވެ. މިހެނި ފަތިސް ނަމާދުގެ ފަހު ރަކުޢަތުގެ އިޢުތިދާލުގައި ޤުނޫތު ކިއުންވަނީ ވަރަށް ފުރިހަމަޔަށް ސުންނަތުން ފެންނާށެވެ. މިކަމާމެދު ޢިލްމުވެރިންގެ ރައުޔު ތަފާތުވެފައި އޮތުމަކީ އެކަމެއް ބިދުޢައާ ހަމައަށް ދިއުމެއް ނޫނެވެ. މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެން އައިސްފައިވާ ރިވާޔަތަށް ބައްލަވާލައްވާށެވެ. “أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَنَتَ بَعْدَ الرُّكُوعِ فِى صَلاَتِهِ شَهْرًا يَدْعُوا لِفُلاَنِ بْنِ فُلاَنٍ ثُّمَّ تَرَكَ الدُّعَاءَ لَهُمْ”([1]) (ޔަޢުނީ: ހަމަކަށަވަރުން رَسُولُ اللَّهِ صلّى الله عليه وسلّم އެރަސޫލާގެ ނަމާދުގައި ރުކޫޢަށްފަހު އެއްމަސްދުވަހު ޤުނޫތު ކިއުއްވިއެވެ. މިވެނި އެވެނި މީހުންނަށްޓަކައި ދުޢާ ކުރެއްވިއެވެ. ދެން އެމީހުންނަށް އެކުރެއްވި ދުޢާ ހުއްޓާލެއްވިއެވެ.) މިރިވާޔަތުގައި އެވަނީ رَسُولُ اللَّهِ صلّى الله عليه وسلّم ނަމާދުގެ (ފަހުރަކުޢަތުގެ) ރުކޫޢަށްފަހު ޤުނޫތު ކިއުއްވެވިކަމަށެވެ. رَسُولُ اللَّهِ صلّى الله عليه وسلّم ކުރެއްވެވިކަން ޘާބިތުވެއްޖެ އެއްވެސް ކަމަކަށް އެކުރެއްވެވިގޮތާއި ޚިލާފު ނުވާހާ ހިނދަކު ބިދުޢައެކޭ ނުބުނެވޭނެއެވެ. އަދި މިރިވާޔަތުގައި رَسُولُ اللَّهِ صلّى الله عليه وسلّم ޤުނޫތު ކިއުއްވުން ދޫކޮށްލެއްވެވި ކަމަކަށް ކަނޑައެޅިގެން އައިސްފައި ނުވެއެވެ. ބަޔާންވެގެން އެވަނީ ޢަރަބި ޤަބީލާއެއްގެ ބަޔަކު ކުރި ނުބައި ޢަމަލެއްގެ ސަބަބުން އެބަޔެއްގެ މައްޗަށް އިތުރު އެކަލޭގެފާނު މަސްދުވަސް ވަންދެން ޤުނޫތުގައި ބަދު ދުޢާކުރެއްވި ކަމަށާއި އެގޮތަށް އެމީހުންގެ މައްޗަށް ދުޢާކުރެއްވުން އެއްމަސްފަހުން ހުއްޓާލެއްވި ކަމަށެވެ. މީގައިއެވާ “ދެން ދުޢާކުރެއްވުން ދޫކޮށް ލެއްވެވިއެވެ.” އެޙަދީޘްގައި ސާފުކޮށް ވިދާޅުވެފައިއެވަނީ އެމީހުންެގެ މައްޗަށް ކުރެއްވީ ބަދު ދުޢާ ކަމަށާއި ދޫކުރެއްވީވެސް އެދުޢާ ކަމަށެވެ. ފަހަރެއްގައިވެސް ޤުނޫތު ދޫކުރެއްވި ވާހަކައެއް ބަޔާން ކުރައްވާފައެއްނެތެވެ. މިޙަދީޘްގެ އިތުރު ތަފުޞީލު އެހެން ރިވާޔަތްތަކުގައި އައިސްފައި އެބަވެއެވެ. މާތް ﷲ ރުއްސުންލެއްވި އަނަސުގެ ކިބައިން ރިވާވެގެންވާ އެހެން ރިވާޔަތެއްގައި އައިސްފައި ވެއެވެ. އޭގައި ﷲރުއްސުންލެއްވި އަނަސު ވިދާޅުވެފައި ވެއެވެ. “أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَنَتَ بَعْدَ الرُّكُوعِ فِى صَلاَتِهِ شَهْرًا يَدْعُوا لِفُلاَنِ بْنِ فُلاَنٍ ثُّمَّ تَرَكَهُ ، فَأَمَّا فِى الصُّبْحِ فَلَمْ يَزَلْ يَقْنُتُ حَتَّى فَارَقَ الدُّنْيَا([2])” (ޔަޢުނީ: ހަމަކަށަވަރުން رَسُولُ اللَّهِ صلّى الله عليه وسلّم އެކަލޭގެފާނުންގެ ނަމާދުގައި ރުކޫޢުގެ ފަހުން ޤުނޫތު ކިއުއްވައި، އެއްމަސް ދުވަސް ވަންދެން މިވެނި އެވެނި ބައެއްގެ މައްޗަށް ދުޢާ ކުރެއްވިއެވެ. ދެން އެއަށްފަހު ދޫކޮށްލެއްވެވިއެވެ. ނަމަވެސް އެކަލޭގެފާނު ދުނިޔެ ދޫކުރަށްވަންދެން ފަތިސް ނަމާދުގައި ޤުނޫތު ކިއުއްވުންމަތީ ދެމިހުންނެވިއެވެ.)


ޤުނޫތުކިއުމަކީ ބިދުޢައެއްތޯއެވެ؟

މީގެ އިތުރަށް އަލްޢަވާމު އިބްނު ޙަމްޒާގެ ކިބައިން އަލްބައިހަޤީ ރިވާކުރަށްވާފައި ވެއެވެ. “سَأَلْتُ أَبَا عُثْمَانَ عَنِ القُنُوتِ فِى الصُّبْحِ ؟ قَالَ: بَعْدَ الرُّكُوعِ . قُلْتُ: عَمَّنْ؟  قَالَ: عَنْ أَبِى بَكْرٍ وَعُمَرَ وَعُثْمَانَ”([3]) (ޔަޢުނީ: އަހުރެން އަބޫޢުޘްމާނު އަރިޔަހުން ފަތިސް ނަމާދުގައި ޤުނޫތު ކިއުމާއި ބެހޭގޮތުން ސުވާލު ކުރީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރުކޫއަށް ފަހުގައެވެ. އަހުރެން ދެންނެވީމެވެ. ކޮންބައެއްގެ ކިބައިންތޯއެވެ؟ އެކަލޭގެފާނުން ވިދާޅުވިއެވެ. ﷲ ރުއްސުންލެއްވެވި އަބޫބަކުރާއި، އުމަރާއި ޢުޘްމާނާއި މިބޭކަލުންގެ ކިބައިންނެވެ.)

އަދިވެސް އިމާމު އަލްބައިހަޤީ ތަފާތުސަނަދުން ޢަބުދު ﷲ އިބްނު މަޢުޤިލު އައްތާބިޢީ ގެކިބައިން އަންނަވި ޙަދީޘް ޙަދިޘެއް ރިވާކުރައްވާފައި ވެއެވެ. “قَنَتَ عَلِيٌّ رَضِيَ اللَّهُ عَنْهُ فِى الْفَجْرِ” (ޔަޢުނީ ﷲ ރުއްސުންލެއްވި ޢަލީގެފާނު ފަތިސް ނަމާދުގައި ޤުނޫތު ކިއުއްވިއެވެ) މިރިވާޔަތް ބަޔާން ކުރެއްވުމަށްފަހު އަލްބައިހަޤީ ވިދާޅުވެފައި ވެއެވެ. “هَذَا عَنْ عَلِيٍّ صَحِيحٌ مَشْهُورٌ” (ޔަޢުނީ: މިއީ ﷲ ރުއްސުންލެއްވި ޢަލީގެފާނުގެ ކިބައިން ޢަމަލުވަނީ  ޞައްޙަވެގެންވާ މަޝްހޫރު  ޢަމަލެއް ކަމުގައެވެ.)

އަދި މީގެއިތުރުން އިމާމު މުސްލިމާއި އައްތިރްމިޛީ އާއި އަބޫދާވޫދު ﷲ ރުއްސުންލެއްވި ބައްރާއުބްނި ޢާޒިބުގެ ކިބައިން ރިވާވެގެންވާ ހަދީޘު ރިވާކުރައްވާފައި ވެއެވެ. “عَنْ الْبَرَاءِ بْنِ عَازِبٍ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يَقْنُتُ فِي صَلاَةِ الصُّبْحِ وَالْمَغْرِبِ” (ޔަޢުނީ: ހަމަކަށަވަރުން رَسُولُ اللَّهِ صلّى الله عليه وسلّم ފަތިސް ނަމާދާއި މަޣުރިބު ނަމާދުގައި ޤުނޫތު ކިއުއްވަތެވެ.) މިރިވާޔަތް ބަޔާން ކުރެއްވުމަށްފަހު އަލްއިމާމުއް ތިރިމިޛީ ވިދާޅުވެފައިވެއެވެ. “حَدِيثُ الْبَرَاءِ حَدِيثٌ حَسَنٌ صَحِيحٌ” (ޔަޢުނީ: ﷲ ރުއްސުންލެއްވި ބަރާ އިބްނު ޢާޒިބު ގެކިބައިން ރިވާވެގެންވާ ޙަދީޘަކީ ޙަސަނު ދަރަޖައިގެ ޞައްޙަ ޙަދީޘެކެވެ.) އަދި އަބޫދާއޫދުގެ ރިވާޔަތަށް ބަލާއިރު އޭގައި ރިވާވެގެންވަނީ “وَالْمَغْرِبِ” މިލަފުޡާއި ނުލައެވެ. މިހެންކަމުން މިރިވާޔަތް ﷲ ރުއްސުންލެއްވި އަނަސްގެ ރިވާޔަތާއި މުޅީން އެއްގޮތް އެބަ ވެއެވެ. އަދި ކަނޑައެޅިގެން މިޙަދީޘުތަކުން ފަތިސްނަމާދުގެ ފަހު ރަކުޢަތުގެ ރުކޫޢަތްފަހު އިޢުތިދާލުގައި ޤުނޫތުކިއުމީ ބިދުޢައޭ ބުނަމުންދާ މީހުންގެ ބަހަކީ ބާޠިލް ވާހަކަައެއްކަމާއި އެންމެޞައްޙަ ކަންބޮޑު ގޮތަކީ ފަތިސް ނަމާދުގައި ޤުނޫތު ކިއުންކަން އެބަ ޘާބިތުވެއެވެ.


ޤުނޫތު ކިއުމާމެދު ދަންނަބޭކަލުންގެ ރައުޔު:

ދެން ނިކަން ފަތިސް ނަމާދުގައި ޤުނޫތު ކިއުމުގެ މައްސަލާގައި ޚައިރުލްޤުރޫނުގައި އަޞްޙާބު ބޭކަލުންނާއި ތާބިޢިއްޔަ ބޭކަލުންނާއި، ތަބުޢުއް ތާބިޢިއްޔަ ބޭކަލުން ތިއްބެވިގޮތާމެދު ބަލާލަމާ ހިންގަވާށެވެ! ޖާމިޢުއް ތިރިމިޛީގެ ޝަރަޙަ ތުޙުފަތުލް އަޙްވަޛީގައި ޢައްލާމާ މުބާރަކުޕޫރީ ބަޔާން ކުރައްވާފައި ވެއެވެ. އިމާމު ޒައިނުއްދީން އަލްޙާޒިމީ އެކަލޭގެފާނުންގެ “ކިތާބުލް އިޢުތިބާރު” ގައި ލިއުއްވާފައި ވެއެވެ. “ކޮންމެވެސް ސަބަބަކާއި ލައިގެން މެނުވީ ފަރުޟު ފަސް ނަމާދުގެ ތެރެއިން ހަތަރު ނަމާދުގައި ޤުނޫތު ކިއުމެއް ނޯންނަ ކަމާމެދު ދީނުގެ ހުރިހާ ޢިލްމުވެރީން އެއްބަސްވެ ވަޑައިގަންނަވައެވެ. އެއީ މެދުރުނަމާދާއި، ޢަޞްރުނަމާދާއި، މަޣުރިބުނަމާދާއި، ޢިޝާނަމާދެވެ. އަދި ފަތިސް ނަމާދުގައި ޤުނޫތު ކިއުމާމެދު ޢިލްމުވެރިން ރައުޔު ވަނީ ތަފާތުވެފައެވެ. އަދި  އަޞްޙާބު ބޭކަލުންނާއި، ތާބިޢިއްޔަ ބޭކަލުންނާއި، އެކިދުވަސްވަރުގެ ބޮޑެތި ޢިލްމުވެރިންނާއި މިބޭބޭކަލުންގެ ތެރެއިން ގިނަބޭކަލުން ދެކެވަޑައިގަންނަވަނީ ފަތިސްނަމާދުގެ ޤުނޫތު ކިޔުން އޮންނަ ކަމަށެވެ. ތިމަންމެންނަށް ރިވާޔަތްތަކުން އެނގޭ ގޮތުގައި ފަތިސް ނަމާދުގައި ޤުނޫތު ކިއުން ސާބިތުވާކަމަށް ދެކެވަޑައިގަންނަވާ ބެއިކަލުންނަކީ އަޞްޙާބު ބޭކަލުންގެ ތެރެއިން ހަތަރު ޚަލީފާއިން ކަމުގައިވާ، ﷲ ރުއްސުންލެއްވި އަބޫ ބަކުރާއި  ޢުމަރާއި  ޢުޘްމާނާއި  ޢަލީއެވެ. އޭގެއިތުރުން ޢައްމާރާއި އުބައްޔު އިބްނު ކަޢުބާއި އަބޫ މޫސަލްއަޝްޢަރީއާއި ޢަބްދުއްރަޙްމާނު އުބައްޔު އިބްނު ބަކްރާއި އަބޫހުރައިރާއާއި އަލްބަރާ އިބްނު ޢާޒިބާއި އަނަސް އިބްނު މާލިކާއި އަބޫޙަލީމަތާއި މުޢާޛް އިބްނުލްޙާރިޘާއި ޚުފާފު އިބްނު އީމާ އިބްނު ރަޙްޟާއާއި އުހްބާނު އިބްނު ޞަފިއްޔުއާއި ސަހްލު އިބްނު ސަޢުދު އައްސާޢިދީއާއި ޢަރްފަޖާ އިބްނު ޝުރައިޙް އަލްއަޝަޖަޢީއާއި މުޢާވިޔާ އިބްނު އަބީ ސުފްޔާނާއި ޢާއިޝާ ޞިއްދީޤާއި މިބޭކަލުންނެވެ. އަދި މުޚްޟަރަމީންގެ ތެރެއިން އަބޫ ރަޖާ އަލްޢަޠާރިދީއާއި ސުވައިދު އިބްނު ޣަފަލާއާއި އަބޫ ޢުޘްމާން އައްނަހްދީއާއި އަބޫ ރާފިޢު އައްޞާއިއެވެ. އަދި ތާބިޢިއްޔަ ބޭކަލުންގެ ތެރެއިން ސަޢީދު އިބްނުލް މުސައްޔިބާއި އަލްޙަސަން އިބްނުލް ޙަސަނާއި މުޙައްމަދު އިބްނު ސީރީނާއި އަބާން އިބްނު ޢުޘްމާނާޢި ޤަތާދާއާއި ޠާއޫސާއި ޢުބައިދު އިބްނު އުމައިރާއި އައްރަބީޢު އިބްނު ޚައިޘަމާއި އައްޔޫބުއް ސިޚިސްތާނީއާއި ޢުބައިދުއް ސަލްމާނީއާއި ޢުރްވާ އިބްނުއް ޒުބައިރާއި ޒިޔާދު އިބްނު ޢުޘްމާނާއި ޢަބްދުއްރަޙްމާން އިބްނު އަބީލައިލާއާއި ޢުމަރު އިބްނު ޢަބްދުލްޢަޒީޒާއި ޙުމައިދު އައްޠަވީލާއި މިބޭކަލުންނެވެ. އަދި ފިޤުހުވެރި އިމާމުންގެ ތެރެއިން އަބޫ އިސްޙާޤާއި އަބޫ ބަކްރު އިބްނު މުޙައްމަދާއި އަލްޙަކަމް އިބްނު ޢުތައިބަތާއި ޙައްމާދާއި މާލިކާއި ޙިޖާޒުކަރައިގެ އަހްލުވެރިންނާއި އައުޒާޢީއާއި ޝާމުކަރައިގެ އަހުލުވެރިންގެ ތެރެއިން ގިނަ ޢިލްމުވެރިން ހިމެނިވަޑައިގަންނަވައެވެ. އަދި އައްޝާފިޢީއާއި އެކަލޭގެފާނުންގެ މަޛްހަބުގެ ދަންނަބޭކަލުންވެސް ހިމެނިވަޑައިގަންނަވަނީ މިބޭކަލުންގެ ތެރޭގައެވެ. އިމާމު ޘައުރީގެ އަރިހުން ދެރައުޔު އައިސްފައި ވެއެވެ. އަދިވެސް ވަރަށް ގިނަ ޢިލްމުވެރިން މިރައުޔަށް ތާއީދު ކުރަށްވައެވެ.”([4])

އަދިވެސް އައްލާމާ މުބާރަކް ޕޫރީ ވިދާޅުވެފައިވެއެވެ. ހަމައެއާއެކު މިރައުޔާ އިދިކޮޅަށްވެސް ވަރަށް ގިނަ ބޭކަލުން ފަތުވާ ދެއްވައެވެ. އެބޭކަލުން ފަތިސް ނަމާދުގައި ޤުނޫތު ކިއުމާ އިދިކޮޅު ހައްދަވައެވެ. އަދި ޤުނޫތު ކިއުމަކީ މަންސޫޚު ކަމެއް ކަމުގައިވެސް މަދު ބޭކަލުން ކޮޅެއް ދެކެވަޑައި ގަންނަވައެވެ.”

އިމާމުވެރި ބެއިކަލުންގެ ތެރެއިން ފަތިސް ނަމާދުގެ ފަހު ރަކުޢަތުގެ އިޢުތިދާލުގައި ޤުނޫތު ކިއުމެއް ނޯންނަ ކަމަށް ދެކެވަޑައިގަންނަވާ ބޭކަލުންނަކީ އިމާމު އަބޫ ޙަނީފާއާއި އިމާމު އަޙުމަދާއި މިދެބެއިކަލުންނަށް ތަބާވެ ވަޑައިގަންނަވާ އިމާމުވެރި ބޭކަލުންނާއި އެދެމަޛްހަބުގެ ޢިލްމުވެރީންނާއި މީސްތަކުންނެވެ.

މިބަޔާންވެދިޔަ މަޢުލޫމާތުގެ އަލީގައި ނިކަން އިންސާފުގެ ސިކުނޑިއަކުން ވިސްނާލަމާތޯއެވެ؟

ސަލަފުއްޞަލިޙީންގެ ތެރެއިން އެންމެއަރާތިއްބެވި ބެއިކަލުންނާއި ހަތަރު ޚަލީފާއިން އިޚްތިޔާރު ކުރެއްވި ގޮތަކީ ބިދުޢަ ކަމުގައި ބެލެވި، އެންމެ އައުލާ ގޮތަކީ މަދު ބޭކަލުންކޮޅެއް ތިއްބެވި ގޮތްކަމުގައި ދެކޭނަމަ އެކަމުގައި އިންސާފެއް އެބައޮތްތޯއެވެ؟ އެހެންނާ رَسُولُ اللَّهِ صلّى الله عليه وسلّم ގެ ޙަދީޘްގައި އައިސްފައި ވަނީ މިފަދައިންނެވެ. “عَلَيْكُمْ بِسُنَّتِي وَسُنَّةِ الْخُلَفَاءِ الرَّاشِدِينَ الْمَهْدِيِّينَ عَضُّوا عَلَيْهَا بِالنَّوَاجِذِ”([5]) (ޔަޢުނީ: ތިޔަބައިމީހުން އަހުރެންގެ ސުއްނަތުގައި ހިފަހައްޓާށެވެ. އެއަށްފަހު ތެދުމަގު ލިބިވަޑައިގެން ތިއްބެވި “އަލްޚުލަފާއުއް ރާޝިދޫން” އިޚްތިޔާރު ކުރެއްވި ގޮތުގައި ވަރުގަދައަށް ހިފަހައިގެން ތިބޭށެވެ.)

ދަންނަވަންތޯއެވެ؟ رَسُولُ اللَّهِ صلّى الله عليه وسلّم ކަމެއް ކުރެއްވެވިކަން ޘާބިތުވެއްޖެ ކޮންމެ ކަމެއް ވާނީ ސުއްނަތަކަށެވެ. އަދި އެރަސޫލާގެ ޢާއްމު ޢާދަފުޅާ ޚިލާފު ނުވާހާ ހިނދަކު އެންމެ ފަހަރަކު ކުރަށްވާ ކަމަކީވެސް މިއުއްމަތަށްޓަކައި އޮތް ސުންނަތް ވެގެންވާ ކަމެކެވެ.ރިވެތި ނަމޫނާގެ ތެރެއިން ހިމެނޭކަމެކެމެކެވެ. މިއާ ޚިލާފަށްެ رَسُولُ اللَّهِ صلّى الله عليه وسلّم އެކަމެއް ކުރެއްވިކަން ސާބިތުވެފައިވާ ކަމެއް ނުކޮށް ދޫކޮށްލުމަކީ ސުއްނަތެއް ނޫނެވެ.([6]) އަދި رَسُولُ اللَّهِ صلّى الله عليه وسلّم އެކަމެއް ކުރެއްވިކަން ސާބިތުވެފައިވައި އޮތް ކަމެއް ކުރުމީ ފަހަރެއްގައިވެސް ބިދުޢައަކަށްނުވާނެއެވެ. މިގޮތުން ފަތިސްނަމާދުގެ ފަހުރަކުޢަތުގެ އިޢުތިދާލުގައި ޤުނޫތު ކިއުމީ ބިދުޢަ އެކޭ ނުބުނެވޭނެއެވެ. ޚައިރުލް ޤުރޫނުގައި ﷲ ރުއްސުންލެއްވި އަޞްޙާބު ބޭކަލުންނާއި އެބެއިކަލުންނަށް ﷲ ރުއްސުންލެއްވި ތާބިޢިއްޔަ ބެއިކަލުންނާއި ތަބުޢުއް ތާބިޢިއްޔަ ބެއިކަލުންނާއި އެއިގެ ފަހުން މިއުންމަތުގެ އިމާމުވެރި ބެއިކަލުންނާއި ބޮޑެތި މުޙައްދިޘުންނާއި މުފައްސިރުންނާއި ފިޤުހުވެރި އިމާމުންގެ ތެރޭގައި ހަމައެކަކުވެސް ނަފްސު ޤުނޫތު ކިއުމީ ބިދުޢައެކޭ ވިދާޅުވެފައި ނުވެއެވެ. އަދި މިވެނިކަމެއް އައުކަމެކޭ އެއިން ބޭކަލަކު ވިދާޅުވެފައި އޮތްނަމަވެސް އެބޭކަލުން އެވާހަކަ އެވިދާޅުވަނީއަކީ ހުތުރު ބިދުޢައިގެ ވާހަކައެއްނޫނެވެ. އެކުރެވޭގޮތަކީ އައުގޮތެއްކަން ހާމަކުރެއްވުމުގެ ވާހަކައެވެ. މިސާލަކަށް މާތް ﷲ ރުއްސުންލެއްވި ޢުމަރު އިބްނުލް ޚައްޠާބު ތަރާވީޙު ނަމާދު ޖަމާޢަތުގައި ކުރެއްވުމަށް މީސްތަކުންނަށް އަމުރު ކުރެއްވުމަށްފަހު ފަހުން އެކަން އެކަން ވަމުންދާ ގޮތް ބައްލަވާ އެއީ ހާދަރީތި އާކަމެކޭ ވިދާޅުވިއެވެ. މިފަދައިން ފަތިސްނަމާދުގެ ޤުނޫތާއި ވިތުރީގެ ޤުނޫތު ދާއިމަށް ކިއުން ޢާދަކުރުމީ އެގޮތަށް ކުރެވުނު ކަމެކޭ، މާތް ﷲ ރުއްސުންލެއްވި ޢަބްދު ﷲ އިބްނު ޢުމަރުގެ އަރިހުން ބައެއް ރިވާޔަތްތަކުގައި ފެންނާން އެބަހުއްޓެވެ. ހަމަ މިފަދައިން رَسُولُ اللَّهِ صلّى الله عليه وسلّم ގެ އަރިހުން ކުޑަމު ދިއުމުގައި ސާބިތުވަނީ އިށީނދެ އިނުންކަމާއި ދުވަހަކުވެސް ކޮށްލަށް ހުންނަވައިގެން އިތުރުއެކަލޭގެފާނު ކުޑަކަމުވަޑައިނުގަންނަވާ ކަމާއި އެގޮތަށް ބުނާމީހަކު އެހަދަނީ ދޮގުކަމުގައި އާއިޝަތުގެފާނުވަނީ ވިދާޅުވިއެވެ. އެހެން އެކަމަނާ ވިދާޅުވި ކަމުގައިވިއަސް އިތުރު އެކަލޭގެފާނު އެއްފަހަރެއްގައި ކޮށްޅަށް ހުންނަވައިގެން ކުޑަ ޙާޖަތަށް ވަޑައިގެންކަމީ ސައްޙަ ޙަދީޘުން ފެންނާން އޮތްކަމެކެވެ.

މިއާޚިލާފަށް މިއަދު އަޅުގަޑުމެންގެ ތެރޭގައި ފަތިސްނަމާދުގެ ފަހުރަކުޢަތުގެ އިޢުތިދާލުގައި ޤުނޫތު ކިއުމަކީ ބިދުޢައެކޭ ބުނާ މީހުންދަނީ އެއްދުވަހުން އަނެއްދުވަހަށް  ގިނަވަމުންނެވެ. އަދި ޤުނޫތު ކިއުމާ ބޮޑެތި ފާފަތަކާވެސް އެފަދަ މީހުން އެއްފަދަ ކުރަމުން އެބަދެއެވެ. މިއީ ޖަހާލަތުން ފުރިގެންވާ ވާހަކަތަކެވެ. ޢިލްމެއް ޙިލްމެއްނެތި ދެކެެވޭ ވާހަކަތަކެވެ. ދީނުގެ ކަންކަމުގައި ފަތުވާ ދޭންޖެހޭނީ ފިޤުހުގެ ޢިލްމުގައި އެފެންވަރަށް ގޮސްފައިތިބި މީހުންނެވެ. ނޫންނަމަ ދީނަކީ ކުޅޭކުޅޭ އެއްޗަކަށް ބަދަލުވެގެން ހިނގައިދާނެއެވެ. އަދި ވަކިން ޚާއްޞަކޮށް މިދުވަސްވަރަކީ ޙައްޤު ފޮރުވައި ބާޠިލް މަތިކުރަމުން އިސްލާމީ ދީނުގެ އެކިއެކި ކަންކަމަށް ގޮންޖަހަމުން ދާދުވަސްވަރަކަށް ވާއިރު، މިފަދަ ފިތުނަތަށް އުފެދި ދީނުގެ ނަމުގައި މިފަދަ ފަތުވާތައް ނެރެން ފެށުމުން، އޭގެ ސަބަބުން ދީނުގެ ޢަދުއްވުންގެ ހިތްވަރު ގަދަވެ އެމީހުންނަށް ބައިޢަތު ހިފާ މީހުން ގިނަވެެގެން ދާނެ ސަބަބަކަށް މިފަދަ ކަންކަން ވެގެންދާނެއެވެ. ދީނުގެ ޙައްޤާއި ބާޠިލް އޮޅިގެންދާނެއެވެ. ހަމައެއާއެކު މުސްލިމުން އުޞޫލެއްގެ ގޮތުން ޢަމަލު ކުރަމުން، ދެކެމުން އައިގޮތް ކަމުގައިވާ އައްސަލަފުއްޞާލިޙުންނަށް ތަބާވުމުގެ އުޞޫލުވެސް ނެތިގެންދާނެއެވެ. ޤުރުއާނާއި ސުއްނަތަށް ޢަމަލު ކުރުމުގައި ޢިލްމުވެރިން ބައްލަވަމުން އައި މިންގަނޑުވެސް ފުނޑުފުނޑުވެގެން ހިނގައިދާނެއެެވެ. ޙަޤީޤަތުގައި މިއީ ވަރަށް ބޮޑު ނުރައްކާތެރި ކަމެކެވެ.

ދަންނާށެވެ! ޤުނޫތުގެ މައްސަލާގައި ފަތިސްނަމާދުގެ ފަހު ރަކުޢަތުގެ އިޢުތިދާލުގައި ޤުނޫތު ކިއުމަށްވުރެން ނުކިއުން ރަގަޅުކަމުގައި ދެކެވަޑައިގެންނެވި އަޞްހާބުންނާއި، ތާބިޢީންނާއި، އަދި ތަބުޢުއް ތާބިޢީންނާއި އިމާމުވެރި ބެއިކަލުން މަދުކަމުގައި ކުރީގައި އަޅުގަނޑު ޢިލްމުވެރިންގެ ބަސްފުޅުތަކުން ހާމަކޮށްފީމެވެ. އެހެނަސް މިކޮޅުގެ ބޭކަލުން މަދުކަމުގައި ވިއަސް އެއީވެސް ގޯސް ގޮތެކޭ ނުދަންނަވަމެވެ. ނަމަވެސް އެބެއިކަލުން ޢަމަލުފުޅު ކުރެއްވެވި ޙަދީޘާމެދު ޢިލްމީ ނަޒަރަކުން ބަލާލުމަކީ އެންމެ ރަނގަޅުކަމެއްކަމުގައި ދެކެމެވެ.

އަލްއިމާމުއް ތިރްމިޛީ ޤުނޫތު ނުކިޔައި ދޫކޮށްފުމާއި ބެހޭގޮތުން ބާބު ޤާއިމު ކުރެއްވުމަށްފަހު ގެންނަވާފައިވަނީ އަބޫމާލިކުލް އަޝްޖަޢީގެ އަންނަވި މިރިވާޔަތެވެ. އާދެ! ސަޢުދު އިބްނު ޠާރިޤު އިބްނި އަޝްޔަމުގެ ރިވާޔަތެވެ. ސަޢުދު ވިދާޅުވެފައި ވެއެވެ. ތިމަން ކަލޭގެފާނު ތިމަން ކަލޭގެފާނުގެ ބައްޕަގެ އަރިހުން ސުވާލުކޮށް އެހިމެވެ. ” يَا أَبَةِ إِنَّكَ قَدْ صَلَّيْتَ خَلْفَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَأَبِي بَكْرٍ وَعُمَرَ وَعُثْمَانَ وَعَلِيِّ بْنِ أَبِي طَالِبٍ هَا هُنَا بِالْكُوفَةِ نَحْوًا مِنْ خَمْسِ سِنِينَ أَكَانُوا يَقْنُتُونَ قَالَ أَيْ بُنَيَّ مُحْدَثٌ”([7]) (ޔަޢުނީ: އޭބައްޕާފުޅާއެވެ! ބައްޕާފުޅު رَسُولُ اللَّهِ صلّى الله عليه وسلّم އާއި އަބުބަކުރާއި ޢުމަރާއި ޢުޘްމާނުގެ ފަހަތްޕުޅުގައި އަދި މިރަށް ކޫފާގައި ޢަލީގެފާނުންގެ ފަހަތްޕުޅުގައި ހަތަރު އަހަރު ނަމާދު ކުރެއްވީމުއެވެ. އެބޭކަލުން ޤުނޫތު ކިއުއްވަމުންގެންދެވިިތޯއެވެ؟ ބައްޕާފުޅު ވިދާޅުވިއެވެ. ދަރިފުޅާއެވެ! ތިޔައީ އައުގޮތެކެވެ.)

މިރިވާޔަތް ރިވާކުރެއްވުމަށްފަހު އިމާމު ތިރްމިޛީ ވިދާޅުވެފައި ވެއެވެ. “މިޙަދީޘަކީ ޙަސަނުގެ ދަރަޖައިގެ ޞައްހަ ޙަދީޘެކެވެ. އަދި ވިދާޅުވިއެވެ. ދީނުގެ ގިނަ ޢިލްމުވެރީން ޢަމަލުވަނީ މިގޮތަށެވެ. އެއަށްފަހު ތިރްމިޛީ ވިދާޅުވެފައި ވެއެވެ. އިމާމު ސުފިޔާނުއް ޘައުރީ ފަތިސް ނަމާދުގައި ޤުނޫތު ކިޔައިފި ނަމަ ރަގަޅުކަމަށާއި، ނުކިއުނަސް އެންމެ ރަގަޅުކަމުގައި ވިދާޅުވެއެވެ. އަދި އެކަލޭގެފާނު ބޮޑަށް ބުރަވަނީ ނުކިއުމަށް ކަމުގައި ވެއެވެ. އިމާމު ޢަބުދު ﷲ އިބްނު މުބާރަކު ބުރަވެ ވަޑައިގަންނަވަނީ ފަތިސް ނަމާދުގައި ޤުނޫތު ނުކިއުމަށެވެ.”

ދަންނަވަންތޯއެވެ؟ ފަތިސްނަމާދުގައި ޤުނޫތު ކިއުމަށް ވުރެން ނުކިއުން ރަނގަޅުކަމުގައި ދެކިވަޑައިގަންނަވާ ބެއިކަލުންގެ އެންމެ ހަރުދަނާ ދަލިލަކީ ކުރީގައި ބަޔާންވެދިޔަ ޙަދީޘެވެ. މިހަދީޘުގައި މިިއޮތް ބަސް، “مُحْدَثٌ” މިބަހުގެ މާނައަކީ އައުގޮތެކެވެ. މިބަހާމެދު ފުންކޮށް ވިސްނައި، ބަލާލަމާތޯއެވެ؟ ޢައްލާމާ ޝައުކާނީ ނައިލުލް އައުޠާރުގައި ވިދާޅުވެފައި ވެއެވެ. “إِنَّهُ لاَ نِزَاعَ فِى وُقُوعِ الْقُنُوتِ فِى الصُّبْحِ ، وَأَنَّهُ لاَ نِزَاعَ فِى وُقُوعِ الْقُنُوتِ مِنْهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، إِنَّمَا النِّزَاعُ فِى اِسْتِمْرَارِ مَشْرُوعِيَّتِهِ” (ޔަޢުނީ: ފަތިސްނަމާދުގައި ޤުނޫތު ކިއުން ސާބިތު ވެގެންވުމާ މެދަކު ޢިލްމުވެރިންގެ މެދުގައި ދެބަސްވުމެއް ނުވެއެވެ. އަދި رَسُولُ اللَّهِ صلّى الله عليه وسلّم ގެ އަރިހުން ޤުނޫތު ސާބިތުވާ ކަމާއި މެދުވެސް ދެބަސްވުމެއް ނުވެއެވެ. ނަމަވެސް ޢިލްމުވެރިންގެ މެދުގައި އިޚްތިލާފު ވެފައިވަނީ ފަތިސްނަމާދުގައި ދާއިމަށް ޤުނޫތު ކިއުމާ މެދުގައެވެ.)

ޢައްލާމާ ޝައުކާނީގެ މިބަސްފުޅުން އެނގި ބަޔާންވާ ގޮތުގައި “مُحْدَثٌ” (އައު ގޮތެކެވެ.) މިބަސް ނިސްބަތް ވެފައިމިއޮތީ  ފަހަރެއްގައިވެސް ފަތިސް ނަމާދުގައި ޤުނޫތު ކިއުން އާކަމަކަށް ދެކެވަޑައިގަތުމަކަށް ނޫނެވެ. ދާއިމަށް ފަތިސްނަމާދުގައި ޤުނޫތު ކިއުމާމެދު އަބޫމާލިކު ހިތްޕުޅު ހަމަޖެހިވަޑައިނުގަންނަވަނީއެވެ. އަދި  ފަތިސް ނަމާދުގައި ޤުނޫތު ކިއުންވަނީ ކަޑައެޅިގެން ސާބިތު ވެގެންނެވެ.އަދިވެސްތަކުރާރުކޮށް ދަންނަވާލާނަމެވެ.  ބިދުޢައަކީ ކަނޑައެޅިގެން رَسُولُ اللَّهِ صلّى الله عليه وسلّم ގެ ސުންނަތުން ޘާބިތުވެފައިނުވާ ކަމެއް ދީނުގައި އަލަށް އުފައްދައިގެން އެކަމެއް ކޮށްއުޅުމެވެ. ނުވަތަ ކަމެއް ސުންނަތުން ޘާބިތުވެގެންވާ ގޮތާއި ޚިލާފަށް ކުރަމުން ދިއުމެވެ. މިގޮތުން ބަލާއިރު ސަޢުދު އިބްނު ޠާރިޤުގެ މިޙަދީޘުގައި “مُحْدَثٌ” އޮތް ބަހުގެ މުރާދު ހާމަވާން އަންނަނީ ސަޢުދުގެފާނު ސުވާލުކުރެއްވި މަޤުޞަދު ސާފުވެ އެނގިގެންނެވެ. ސުވާލުގައި އަންނަނީ “أَفَكَانُوا يَقْنُتُونَ” (ޔަޢުނީ: އެބޭކަލުން ޤުނޫތު ކިއުއްވައި އުޅުއްވިތޯއެވެ؟)

ދަންނަވަންތޯއެވެ؟ ޤުނޫތު މިލަފިޡު ޤުރުއާނާއި ޙަދީޘުގައި ވަރަށް ގިނަ ތަންތާގައި ވާރިދުވެގެން އައިސްފައި އެބަހުއްޓެވެ. އެއީ ތަފާތު މާނާގައެވެ. އާދެ! ޤުނޫތުގެ މާނަތަކަކީ، އަޅުކަމާއި ޚުޝޫޢުވެރިވުމާއި ނަމާދު ކުރުމާއި ކޮށްޅަށް ހުރުމާއި ދުޢާކުރުމާއި ހަނު ހުރުމާއި މިފަދަ އެތަކެއް މާނަތަކެވެ. އިމާމު އިބްނުލް އަންބާރީ ވިދާޅުވެފައިވެއެވެ. “އަލްޤުނޫތު” މިބަހުގައި ވަނީ ހަތަރު މާނައެކެވެ. އެއީ ނަމާދާއި ދިގުކޮށް ޤިޔާމު ކުރުމާއި ކިޔަމަން ތެރިކަމާއި ކޮޅަށް ހުރުމާއި ހަނުހުރުމާއި މިހަތަރު މާނައެވެ. ކޮންމެއަކަސް ސަޢުދުބްނި ޠާރިޤު ރިވާޔަތުގައި ޤުނޫތު މިލަފުޒު އައިސްފައިވާ ކަމަށް އައްތިރިމިޒީ އާއި އެހެނިހެން މުޙައްދިޘުން ދެކެވަޑައިގަންނަވަނީ މިތާނގައި ޤުނޫތުގެމާނައަކީ ދުޢާކަމުގައެވެ. އަދި އިބްނުމާޖާގެ ރިވާޔަތުގައި އައިސްފައިވަނީ ފަތިސްނަމާދު އިޢުތިދާލުގައި ކޮށްޅަށް ހުރެ ދުޢާކުރުމުގެ ވާހަކައެވެ. އެހެންކަމުން “أَفَكَانُوا يَقْنُتُونَ” މިބައިހުގެމާނައަކީ އެބޭކަލުން ފަތިސްނަމާދުގައި ޢާއްމުކޮށް ޤުނޫތު ކިއުއްވައި އުޅުއްވިތޯއެވެ؟ ނުވަތަ ދުޢާކުރައްވާ އުޅުއްވިތޯއެވެ؟ މިއެވެ. ދެން މިތާގައި ވިސްނާލަންޖެހޭ އަނެއްކަމަކީ އަޞްޙާބު ބެއިކަލެއްގެ އަރިއަހުން ތާބިޢިއްޔަ ބެއިކަލަކު މިގޮތަށް ސުވާލު ދެންނެވި ދެންނެވުން މިއީ އެމާތް ދުވަސްވަރު އެކަން ހިގަމުން އަންނަ ކަމުގެ ވަރަށްބޮޑު ހެއްކެކެވެ. އަދި މިޙަދީޘުގައި ވަކި މިވެނި ނަމާދެކޭ ނެތްކަމުގައި ވިއަސް އެއްރިވާޔަތުގައި ފަތިސް ނަމާދުގެ ނަންވެސް އޮވެފައި، އަދި އެއީ ފަތިސްނަމާދާއި ބެހޭގޮތުން ވެވުނު ސުވާލެއް ކަމުގައި މުހައްދިޘުން ދެކެވަޑައިގަތް ގަތުމުން ދޭހަކޮށްދެނީ ދޭހަކޮށްދެނީ އެޒަމާނުގައި އާދެ، ޞަޙާބީންނާއި ތާބިޢީންގެ ކުރިފުޅުމަތީގައި ފަތިސް ނަމާދުގައި ޤުނޫތުކިއުމުގެ އާދަ އޮވެފައި ބައެއް ބޭފުޅުން ފަތިސް ނަމާދުގައި ޤުނޫތު ނުކިއުއްވާތީ އެކަން އޮޅުން ފިލުވުމުގެ ގޮތުން ސަޢުދުގެފާނު ކުރެއްވި ސުވާލެއް ކަމަށެވެ. ކުރުކޮށް ބުނާނަމަ ބުނެވޭނީ، ސަޢުދުއިބްނުރިވާޔަތުން ް ސާބިތުވާ ފުރަތަމަ މައްސަލައަކީ އަޞްޙާބު ބޭކަލުންނާއި ތާބިޢިއްޔަ ބޭކަލުންގެ ދުވަސްވަރުގައި ފަތިސް ނަމާދުގައި އާދަކޮށް ޤުނޫތު ކިޔަމުންދާ ކަމެވެ. ދެން ސާބިތުވާ އަނެއް ކަމަކީ ފަތިސް ނަމާދުގައި ޤުނޫތު އަބަދަށް ކިޔާ ކިއުމަކީ އެބޭކަލުންގެ މެދުގައި ރައުޔު ތަފާތު ވެފައި އޮތް މައްސަލައެއް ކަމެވެ.


އަޞްޙާބު ބޭކަލުން ބިދުޢައިގެ ލަފުޒު ބޭނުން ކުރެއްވިގޮތް:

ދަންނަވަންތޯއެވެ؟ ޚައިރުލް ޤުރޫނުގައި ޢަޞްޙާބު ބެއިކަލަކަށް އެނގި ވަޑައިގެންފައި އޮތް ގޮތަކާއި ޚިލާފަށް އަނެއް ބެއިކަލަކު ކަމެއް ކުރެއްވުމީ އޭގެ އަޞްލާ އިންކާރު ކުރެއްވުމެއް ނޫނެވެ. އެކަން ކުރެވޭ ގޮތާ އެބޭކަލަކު ހިއްޕުޅު ހަމަޖެހިވަޑައިނުގަތުމެވެ. މިގޮތުން އެކަމާ ހިތްޕުޅުހަމަނުޖެހޭނަމަ އެގޮތަށް ” މުޙްދަޘް” ނުވަތަ “ބިދުޢަ” މިލަފްޒު ބޭނުންކުރައްވާފައި އެބަހުއްޓެވެ. މިކަހަލަ ވަރަށް ގިނަ މައްސަލަތަކަށް ޢަބްދުﷲ އިބްނު ޢުމަރު ބިދުޢައޭ ވިދާޅުވެފައި އެބަހުއްޓެވެ. މިސާލަކަށް ހުރިހާ ޤުނޫތަކަށް އެކަލޭގެފާނު ވިދާޅުވަނީ ބިދުޢަ ކަމުގައެވެ. ދާއިމަށް އެކަން ކުރުން އޮންނާތީއެވެ. މިހެންކަމުން ކުރީގައި ބަޔާންވެދިޔަ ޙަދީޘުގައި ސަޢުދުބްނި ޠާރިޤުގެ ބައްޕަގެ އަރިހުންސުވާލު ކުރެއްވުމުގެ މަޤްޞަދަކީ އެއްބަޔަކު ފަތިސް ނަމަދުގައި ޤުނޫތުކިޔަމުންދާތަނާއި އަނެއްބަޔަކު ޤުނޫތު ނުކިޔާތަން އެކަލޭގެފާނަށް ވެނިވަޑައިގަންނަވާތީ މިގޮތަށް ޤުނޫތުކިޔުމަށް އާދަކުރުމީ ކޮންކަހަލަ ކަމެއްތޯ އެއްސެވުމުގެ މަޤްޞަދު ނޫނީ މިތާގައި  ބެލެވޭކަށް ނެތެވެ. އެގޮތަކީ رَسُولُ اللَّهِ صلّى الله عليه وسلّم އެންމެ ފަހަރަކުވެސް ކަމެއް ކުރައްވައިފިކަން ސާބިތު ވުމަކީ އެކަމެއް އެކުރެއްވެވި ގޮތަށް ދާއިމަށް ކުރުމަށް މުސްލިމުންނަށް ސުއްނަތެއް ކަމުގައި ވާކަމަށް ޢިލްމުވެރިންގެ ތެރެއިން ވަރަށް މަދުބޭކަލަކު ނޫނީ އެންމެން ވިދާޅުވެއެވެ. އަދި އެކަމަކީ ބިދުޢައެކޭ ނުވަތަ އަލަށް އުފައްދައިލެވުނު ކަމެކޭ ބުނެވޭކަށް ނޯންނާނެއެވެ. މިހެނީ އެންމެ ފަހަރަކު ނުވަތަ ދެފަހަރަކު ކީރިތި ރަސޫލާގެ އަރިހުން ކަމެއް ކުރެއްވިކަން ޘާބިތުވުމުން އިސްލާމީ އުންމަތުގައި އެކަން ދާއިމަށް ކުރުމީ ސުންނަތެއް ކަމުގައި ޤަބޫލުކޮށް އެފަދަ އެތައްކަމެއް މުސްލިމުން ކުރަމުންދާ ކަމާއި އެންމެހައި މުޙައްދިޘުން މިގޮތް ޤަބޫލުކުރައްވާކަމީ އެއްވެސް ޝައްކެއްއޮތްކަމެއްނޫނެވެ. މިސާލަކަށް ރަމަޟާން މަހުގެ ރޭތަކުގައި ނަފިލު ނަމާދު ޖަމާޢަތުގައި ކުރުމީ ގަދަސުންނަތެއް ކަމުގައި މުޅި އުއްމަތް އިއްތިފާޤުވެއެވެ. އެހެނެއް ކަމަކު رَسُولُ اللَّهِ صلّى الله عليه وسلّم ގެ ޢަމަލުފުޅުން މިކަން ސާބިތު ވެފައިވަނީ އެއްފަހަރު ނުވަތަ ދެފަހަރެވެ. ވީއިރު ސަޢުދު އިބްނު ޠާރިޤުގެ ސުވާލަކީ ފަތިސް ނަމާދުގައި ދާއިމަށް ޤުނޫތު ކިއުމާއި ބެހޭގޮތުން ކުރެވުނު ސުވަލެއް ކަމާމެދަކު ޝައްކެއްނެތެވެ.

ދެންއޮތީ رَسُولُ اللَّهِ صلّى الله عليه وسلّم ކުރެއްވިކަން ސާބިތު ވެފައިވާ ކަމެއް އެކުރެއްވެވި ގޮތާއި ޚިލާފުވުމުން އެއަށް ބިދުޢައެކޭ ނުވަތަ އަލަށް އުފައްދާލެވުނު ގޮތެކޭ ބުނެވިދާނެތޯއެެވެ! މިގޮތަށް ވިދާޅުވުމަކީ ވަރަށް ގިނަ އަޞްހާބު ބޭކަލުންގެ މެދުގައި އާދަވެފައި އޮތް ގޮތެކެވެ. އެބޭކަލުން އެވިދާޅުވަނީ މަގުފުރެދިފައިވާ ބިދުޢައިގެ ވާހަކައެއް ނޫނެވެ.  އެއީ އެބޭކަލުން އެއާމެދު އެގޮތަށް ކުރުމަށް ބުރަވެވަޑައި ނުގަންނަވާ ވާހަކައެވެ. ބައްލަވާށެވެ. ﷲ ރަޙުމަތް ލެއްވި ބިޝްރު އިބްނު ޙަރުބުގެ ކިބައިން ﷲ ރުއްސުންލެއްވި އިބްނު ޢުމަރާއި ބެހޭގޮތުން އަލްއިމާމުލް ބައިހަޤީ ރިވާ ކުރަށްވާފައި ވެއެވެ. އޭގައި ބިޝްރު އިބްނު ޙަރްބު ވިދާޅުވިއެވެ. ﷲ ރުއްސުންލެއްވި އިބްނު ޢުމަރު ވިދާޅުވަނިކޮށް ތިމަން އަޑުއެއްސެވީމެވެ. “أَرَأَيْتَ قِيَامَهُمْ عِنْدَ فَرَاغِ الْقَارِئِ مِنَ السُّورَةِ هَذَا الْقُنُوتَ إِنَّهَا لَبِدْعَةٌ” (ޔަޢުނީ: މީސްތަކުން ނަމާދު ކުރަމަށް ޤުރުއާން ކިޔަވަން ތިބެފައި، ސޫރަތް ކިޔަވައި ނިމިގެން ކޮޅަށް ތިބޭތަން ކަލެއަށް އެބަ ފެނޭ ނޫންހެއްޔެވެ؟ ހަނދާންކުރާށެވެ! މިގޮތަށް ޤުނޫތަށް ހުރުމީ ކަޑައެޅިގެން ބިދުޢައެކެވެ.)([8]) މިރިވާޔަތް ބަޔާން ކުރެއްވުމަށްފަހު އިމާމު އަލްބައިހަޤީ ވިދާޅުވެފައި ވެއެވެ. “بِشْرُ بْنُ حَرْبِ النُّدَبِى ضَعِيفٌ ، وَإِنْ صَحَّتْ رِوَايَتُهُ عَنِ ابْنِ عُمَرَ فَفِيهَا دَلاَلَةٌ عَلَى أَنَّهُ أَنْكَرَ الْقُنُوتَ قَبْلَ الرُّكُوعِ دَوَامًا”([9]) (ޔަޢުނީ: ބިޝްރަކީ ޟަޢީފު ރާވީއެކެވެ. އަދި އިބްނު ޢުމަރުގެ މިރިވާޔަތް ބިޝްރުގެ ކިބައިން ޞައްޙަ ކަމަށް ބެލިކަމުގައިވިއަސް އެއިން ދޭހަވަނީ ރުކޫޢުގެ ކުރީގައި ދާއިމަށް ޤުނޫތުކިއުމަށް އިބްނު ޢުމަރު ދެކޮޅު ހައްދަވާ ކަމެވެ.)

ނިކަން ބައްލަވާށެވެ. ލޮބުވެތި އަޞްޙާބު ބޭކަލުންގެ ތެރޭގައި އެބެއިކަލަކަށް ފެނިވަޑައިގެންފައި ވާގޮތާއި ޚިލާފަށް އެހެން ބޭކަލެއްގެ ކިބައިން ޢަމަލެއް ފެނިވަޑައިގެންފިނަމަ އެއަށް ނިސްބަތްކޮށް ލަފްޒު ބިދުޢަ ވިދާޅުވެފައިވާކަން ތާރީޚުން ކޮންމެވެސް ވަރަކަށް ފެންނާން އެބަހުއްޓެވެ. އެހެންކަމަށް ވީއިރު ސަޢުދު އިބްނު ޠާރިޤުގެ ރިވާޔަތުގައިވެސް ކަން ހިނގާފައި އޮތީ މިގޮތަށެވެ. މިހެންކަމުން ފަތިސްނަމާދުގެ ފަހުރަކުޢަތުގެ އިޢުތިދާލުގައި ޤުނޫތު ކިއުމީ ސުންނަތެކެވެ.އެއަށްފަހަރެއްގައިވެސް ބިދުޢައެކޭ ނުބުނެވޭނެއެވެ. މިއީ ކަނޑައެޅިގެން ވަރަށް ބޮޑު ގޯހެކެވެ. ޙައްޤު ފޮރުވާލުމެވެ. އަދި މިއީ އިސްލާމީ ތާރީޚު އޮޅުވާލުން ކަމުގައި ނޫނީ ނުވެ ނުދާނެއެވެ.


ހެއުގޮތުގައި ޢިލްމުވެރިންގެ ބަސްފުޅުތައް ބޭނުންކުރުން:  

ދަންނަވަންތޯއެވެ! ފަތިސްނަމާދުގެ ޤުނޫތާއި ބެހޭގޮތުން މުހައްދިޘުންނާއި ފިޤުހުވެރީން ބަޙުޘްކުރެއްވުމުގެ މާކުރީގައި ޞަޙާބީންނާއި ތާބިޢީންނާއި ތަބުޢުއްތާބިޢީން ވަނީ މިއަށް ބަޙުސު ކުރަށްވާ ކޮންމެ ބޭކަލަކުވެސް އެބޭކަލެއްގެ ރައުޔު ހާމަ ކުރަށްވާފައެވެ. ވަކިން ޚާއްޞަކޮށް ޚައިރުލް ޤުރޫނުގައި ތާބިޢިއްޔަ ބެކަލުން ނާއި ތަބުޢުއް ތާބިޢިއްޔަ ބެއިކަލުންގެ ތެރޭގައި ހުންނަވައިގެން، ހަދީޘުތަކުގެ ޝަރަޙަ ކުރައްވައި، އަލްއިމާމުއް ޝާފިޢީވަނީ ފަތިސް ނަމާދުގައި ޤުނޫތު ކިއުމީ ސުންނަތެއް ކަމުގައި ވިދާޅުވެ، އެކަން ސާބިތު ކުރަށްވާފައެވެ. އެއިގެފަހުން މިފަދަ ކަންކަމަށް އުންމަތުގައި ޢަމަލު ކުރެއްވުމުން ދިޔަގޮތުގެ ތަފުޞީލު ވަނީ ބިސްމި ބާރަށް ކިއުމާއި ބެހޭ ބައިގައި ބަޔާންވެ ގޮސްފައެވެ.

މިގޮތުން އެންމެޞައްހަ އަދި އެންމެޙައްޤު ގޮތް ހޯދަން އުޅޭބަޔަކަށް އަލްއިމަމުއް ޝާފިޢީ މިމައްސަލަ ޝަރަހަ ކުރަށްވާފައި އޮތްގޮތް ފުދޭނެ ކަމަށް ހީކުރަމެވެ. އަޅުގަނޑުމެން ބަލަންވީ އަޅުކަން ކުރުމުގައި ސަލަފުއްޞަލިޙީންގެ ގޮތުގައި ހިފައި، އެއާ އެއްގޮތަށް އަޅުގަނޑުމެންގެ ޢަމަލުތައް ސީދާވެވޭތޯ އެވެ. އެބޭކަލުންގެ ތެރެއިން ގިނަ ބޭކަލުން ކީރިތި ރަސޫލާގެ ސުއްނަތް ޝަރަޙަ ކުރަށްވާފައިވަނީ ކިހިނަކުންތޯ ބަލައި ދިރާސާކޮށް، އެއާއެއްގޮތަށް އަޅުގަނޑުމެންގެ ޢަމަލު ސީދާކުރުމެވެ. ފިތުނަވެރިކަން އުފެދޭނެ ކޮންމެ ކަމަކުން ދުރުވެގަތުމެވެ. މިގޮތުން އޮތް އެންމެ ތެދުވެރި ގޮތަކީ ޤުނޫތު ކިއުމާއި ނުކިއުމަށް ޙަދީޘުގެ އަލީގައި ދަންނަބޭކަލުންގެ އަރިހުން ރައުޔުތައް އައިސްފައި ހުރި އިރު އެއިން އެއްވެސް ގޮތަކަށް ތަޢައްޞުބު ވުމެއްނެތި އެހުރިހާ ގޮތްތަކަށް އިޙްތިރާމު ކުރުމާއެކު ތިމާ ބުރަވާ ގޮތެއް ޤަބޫލުކޮށް އެއަަށް ޢަމަލު ކުރުމުންދިއުމެވެ. ކޮންމެ ކޮޅަކަށް ޢަމަލުކުރުމަކީވެސް އައްސަފުއްޞާލިޙުންގެ ގޮތެއްކަން ދެނެތިބެ އެއަށް މަރުޙަބާ ކިޔައި އެފަދަ ބަޔަކާއެކު ތަބާވެގެން ނަމާދު ކުރުމެވެ. ދީނުގެ މައްސަލަތަކަށް ފަތުވާ ދިނުމުގައި ﷲއަށް ބިރުވެތިވެއުޅުމެވެ. މަޞްލަހަތު ގެއްލިދާނޭހެން ދެބަސްވެރި ނުވުމެވެ. ފިތުނައިގެ ހުޅުގަނޑު ރޯނުކޮށް، އެއިން ދުރުހެލި ވުމެވެ. ވަކީންޚައްޞަކޮށް ޙައްޤު ބަލިކަށިިވަމުން ނެތެމުން، ބާޠިލު ގަދަވަމުން ކުރިއަރަމުންދާ، ފިތުނައިގެ މިފަދަ ދުވަސްވަރު ދީން ރައްކައުތެރިކޮށް ދީން ދަމަހައްޓައި ދިންފެތުރުމަށް އިސްކަން ދިނުމެވެ. މަޒުހަބުތަކުގެ ނަމުގައި ފިތުނައިގެ ތެރެއަށް ޢާއްމުން ޣަރަޤު ނުކުރުމެވެ. އިމާމުވެރި ބޭކަލުންގެ އަރިހުން މަޒުހަބުތައް އުފެދިފައި ވަނީ މިމަޤުޞަދުގައެއް ނޫނެވެ. ވަރަށް މާތް މަޤްޞަދެއްގައެވެ. އާދެ! ދީނަށްޓަކައެވެ. ދީން ރައްކައުތެރި ކުރުމަށްޓަކައެވެ. ދީނުގެ ޙިމާޔަތަށް ޓަކައެވެ.

އަޅުގަނޑު ދެކޭ ގޮތުގައި އަލްއިމާމުއް ޝާފިޢީ ޤުނޫތުގެ މައްސަލާގައި ޙަދީޘުތައް ޝަރަޙަކޮށް ދެއްވައި، ބުރަވެ ވަޑައިގެންފައިވަނީ ޤުނޫތާއި ބެހިގެން އައިސްފައި ހުރި ހުރިހާ ހަދީޘުތަކަށް ޢަމަލުކުރެވޭ ގޮތަށެވެ. މިއީ ޙަދީޘު ޢިލްމުވެރީންގެ މެދުގައި ދެބަސްވެރިވުމެއްނުވާ އުޞޫލެއްގެ ދަށުންނެވެ. އެއީ މާނަކުރުމުގައި ފުށުއަރާކަމަށް ހީވާ ހުރިހާ ޙަދީޘުތައް އެކަތި އަނެކައްޗާ އެއްގޮތް ކުރެވި، ތަޠުބީޤު ކުރެވޭތޯ ބެލުމެވެ. މިއުޞޫލުން ބަލާއިރު މިގޮތަކީ ދެކޮޅުގެ ޙަދީޘުތައްވެސް ފުށުނާރާގޮތެވެ. އަދި މިއީ އެންމެ އިތުރުކަން ބޮޑު ގޮތެވެ. ފަތިސް ނަމާދުގެ ފަހުރަކުޢަތުގެ އިޢްތިދާލުގައި ދާއިމަށް ޤުނޫތު ކިއުމީ ސުންނަތެއްކަމާއި  އަދި އިސްލާމީ އުންމަތަށް ނުވަތަ އިސްލާމީ ޖަމާޢަތަކަށް ބޮޑުކަމެއް ދިމާވުމުން ފަރުޟު ފަސް ނަމާދުންކުރެ ކޮންމެ ނަމާދެއްގައ ޤުނޫތުކިއުން މިއީވެސް ސުންނަތެއްކަމާއި ދަލީލުގެގޮތުންް  ޘާބިތު ވެގެންވާ އެންމެ އައުލާ ގޮތަކީ މިގޮތް ކަމެވެ.([10])


ދީނުގައި ފަތިސްނަމާދަށް އިސްކަންދެވުނު ސަބަބު:

ދަންނަވަންތޯއެވެ؟ ފަރުޟު ފަސްނަމާދުގެ ތެރެއިން ޤުނޫތު ކިއުމަށް ފަތިސް ނަމާދު ޚާއްޞަ ކުރެވި، އެނަމާދަށް ޚާއްޞަ މަޤާމެއް އިސްލާމް ދީނުގައި ދެވިފައިވާ ސަބަބަކީ ކޮބައިތޯވެސް ބަލާލަން އެބަޖެހެއެވެ. މާތް ﷲ ކީރިތި ޤުރުއާނުގައި ފަތިސް ވަޤުތު ޚާއްޞަކުރައްވައި، އެނަމާދުގެ ވަޤުތު ގަންދެއްވައި ވަޙީކުރައްވާފައި ވެއެވެ. އަދި ކީރިތި ޤުރުއާނުގައި އެނަމުން  ސޫރަތަކަށް ނަން ދެއްވާފައި ވެއެވެ. ހަމައެއާއެކު ފަތިސް ވަޤުތަކީ ދުވާލާއި ރޭގަޑާއި ދެމެދު ވަކި ވުމަށް އަންނަ ވަޤުތު ކަމުގައި ލައްވައި، އެވަޤުތުގައި ކުރެވޭ ނަމާދުގެ ނަމަކަށް ފަޖުރު ޤުރުއާނޭ ނަންދެއްވިއެވެ. މިގޮތަށް ޤުރުއާނުގައި ފަތިސްނަމާދުގެ ނަމަކަށް ފަޖުރު ޤުރުއާނޭ ނަންދެއްވާފައި އޮންނަ އޮތުމަކީވެސް ފަތިސް ނަމާދު އެހެނިހެން ނަމާދުތަކުގެ މައްޗަށް އިސްކަން ލިބިގެންވާ ކަމުގެ ވަރަށް ބޮޑު ހެއްކެކެވެ. ހަމައެހެންމެ ނަމާދުގައި رَسُولُ اللَّهِ صلّى الله عليه وسلّم ކިޔަވާ ވިދާޅުވުމުގައި އެނެއް ހަތަރު ނަމާދަށްވުރެން ފަތިސް ނަމާދުގައި ކިޔެވުން ދިގުކުރަށް އެކަން ސުއްނަތެއްގެ ގޮތުގައި ކަނޑަައަޅުއްވާފައިވާ ކަމީވެސް އެނަމާދުގެ ޤަދަރު އުފުލިގެންވާ ކަމުގެ ދަލީލެކެވެ. އަދި ހަމައެއާކު  ފަތިސް ނަމާދުގައި ދުވާލުގެ މަލާއިކަތުންނާއި، ރޭގަޑުގެ މަލާއިކަތުން ޖަމާވެ ވަޑައިގަންނަވާ ކަމަށް އޮންނަ އޮތުމަކީވެސް ފަތިސް ނަމާދަށް ލިބިގެންދާ އިތުރު ޤަދަރެކެވެ. ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެންވެއެވެ. رَسُولُ اللَّهِ صلّى الله عليه وسلّم ޙަދިޘުފުޅުކުރެއްވިއެވެ. “يَتَعَاقَبُونَ فِيكُمْ مَلاَئِكَةٌ بِاللَّيْلِ وَمَلاَئِكَةٌ بِالنَّهَارِ وَيَجْتَمِعُونَ فِي صَلاَةِ الْفَجْرِ وَصَلاَةِ الْعَصْرِ”([11]) (ޔަޢުނީ: ރޭގަޑުގެ މަލާއިކަތުންނާއި ދުވާލުގެ މަލާއިކަތުން ތިޔަބައިމީހުންގެ ޢަމަލުތަކަށް ފާރަވެރިވެ ބަލަހައްޓަވަމުން ގެންދަވާނެއެވެ. އަދި  ތިޔަބައި މީހުންގެ ކަންތަކުގައި ހެކިވެރިވެ ވަޑައިގަތުމަށް އެހުރިހާ މަލާއިކަތުން ފަތިސް ނަމާދާއި ޢަޞުރު ނަމާދުގެ ޖަމާޢަތަށް ވަޑައިގަންނަވާނެއެވެ.) މިޙަދީޘު ބަޔާންކުރެއްވުމަށް ފަހު އަބޫހުރައިރާ ވިދާޅުވެފައި ވެއެވެ. ﷲރުއްސުންލެއްވި އަބޫހުރައިރާ ވިދާޅުވިއެވެ. ކަލޭމެން ބޭނުންނަމަ އަންނަނިވި އާޔަތް ކިޔަވާށެވެ. “إِنَّ قُرْآنَ الْفَجْرِ كَانَ مَشْهُودًا”([12]) (ޔަޢުނީ: ހަމަކަށަވަރުން ފަތިސް ނަމާދަކީ ހެކިވެރިވާ ނަމާދެކެވެ.)

___________________________________

[1] މިޙަދީޘު އިމާމު ބުޚާރީއާއި މުސްލިމާއި އެނޫންވެސް އެތަކެއް މުޙައްދިޘުން ރިވާކުރަށްވާފައި ވެއެވެ.

[2] މިއީ ޞައްޙަ ޙަދީޘެކެވެ. މިޙަދީޘު ރިވާކުރެއްވީ އަލްއިމާމު އައްޝާފިޢީއާއި އަޙުމަދާއި އިބްނު އަބީ ޝައިބާއާއި، އައްޠަޙާވީއާއި، ޢަބުދުއްރައްޒާޤުއާއި، އަލްބަޣަވީއާއި، އިބްނު ޖައުޒީއާއި، އައްދާރުޤުޠުނީއާއި، އަލްޙާކިމާއި، އަލްބައިހަޤީއެވެ. އިމާމު ޙާކިމު ވިދާޅުވަނީ މިއީ ޞައްޙަ ޙަދީޘެއް ކަމަށެވެ. އަދި މިޙަދީޘުގެ ރާވީންގެ ތެރޭގެ ހިމެނޭ އަބޫޖަޢުފަރު އައްރާޒީއާ ބެހޭގޮތުން ބައެއް ޢިލްމުވެރިން ވާހަކަދައްކަވާފައި އޮތް ކަމުގައި ވިއަސް އެތަކެއް ބޭކަލުން އެއީ އިތުބާރު ހުރި ޘިޤާއެއް ކަމުގައި ވިދާޅުވެފައި ވެއެވެ. އިމާމު ސާޖީ ވިދާޅުވެފައިވަނީ “އެކަލޭގެފާނަކީ ޘިޤާއެއް ކަމުގައި އެތަކެއް ބޭކަލުން ވިދާޅުވެފައި ވެއެވެ.” އަދި ނަވަވީ ވެސް ވިދާޅުވަނީ މިރިވާޔަތް ޞައްޙަ ކަމުގައެވެ. (ތުޙްފަތުލްއަޙްވަޛީ)

[3] މިރިވާޔަތް ބަޔާން ކުރެއްވުމަށްފަހު އިމާމު އަލްބައިހަޤީ ވިދާޅުވެފައި ވެއެވެ. “اِسْنَادُهُ حَسَنٌ ” (މާނައީ: މިރިވާޔަތުގެ ސަނަދުވަނީ ޙަސަނުގެ ދަރަޖައިގައެވެ.)

[4] މިވާހަކަ އިމާމު ނަވަވީ އަލްމަޖްމޫޢުގައި މިފަދައިން ލިއުއްވާފައި ވެއެވެ. އަދި ޢައްލާމާ މުބާރަކްޕޫރީވެސް ތުޙްފަތުލްއަޙްވަޛީގައި، ނަވަވީގެ ކިބައިން ނަގުލު ކުރަށްވާފައި ވެއެވެ. އެއީ: الْقُنُوتُ فِي الصُّبْحِ مَذْهَبُنَا وَبِهِ قَالَ أَكْثَرُ السَّلَفِ وَمَنْ بَعْدَهُمْ وَقَدْ عَرَفْت مُتَمَسَّكَاتِهِمْ وَمَا فِيهَا މާނައީ: ފަތިސް ނަމާދުގައި ޤުނޫތު ކިއުމަކީ އަހަރެމެންގެ މަޛްހަބުގައި އޮންނަ ގޮތުގައި ސުއްނަތެކެވެ. ސަލަފުގެ ގިނަ ދަންނަބޭކަލުންނާ އޭގެ ފަހުގެ ބޭކަލުންގެ މަޛްހަބަކީވެސް މިއީއެވެ. އެބޭކަލުންނާ ބެހޭގޮތުން މީގެ ކުރިން ވަނީ ބަޔާން ކުރެވިފައެވެ. އަދިވެސް މުބާރަކްޕޫރީ ވިދާޅުވެފައި ވެއެވެ. ހަތަރު ޚަލީފާއިންގެ ކިބައިން ޤުނޫތު ނިކިއުއްވާކަމަށްވެސް އައިސްފައި އެބަވެއެވެ. ތިރްމިޛީވެސް ޤަނުލު ކުރަށްވާފައި ވަނީ އެގޮތަށެވެ. މިވާހަކަ ބަޔާން ކުރެއްވުމަށްފަހު އިމާމު ބަޣުދާދީގެ ބަސްފުޅު ގެންނަވާފައިވެއެވެ. އެކަލޭގެފާނު ވިދާޅުވެފައި ވަނީ އެބޭކަލުންގެ ފަރާތުން އެއޮތްވާހަކަ ދެގޮތަށްވެސް އައިސްފައި ވަނީ ޞައްޙަ މަގުންނެވެ. އެހެންކަމުން އުޞޫލުގައި އޮންނަނީ ކަމެއް ސާބިތުވުމާއި ނުވުން ހަމަހަމަ ވެއްޖެނަމަ ސާބުތުވުމަށް އިސްކަން ދިނުމަށެވެ. ވުމާއެކު ބެލެވޭނީ އެބޭކަލުންގެ ކިބައިން ޤުނޫތު ކިއުއްވުން ސާބުވާ ކަމަށެވެ.

[5] ރިވާކުރެއްވީ އިމާމު ތިރްމިޛީއާއި އިބްނު މާޖާއާއި އަޙްމަދެވެ. 

[6] މީގެ މާނައަކީ، رَسُولُ اللَّهِ صلّى الله عليه وسلّم ކަމެއް ބައެއްފަހަރު ކުރަށްވާފައި އަނެއްބައި ފަހަރު ނުކުރަށްވާ ކަމަށް ސާބިތުވާއިރު، އޭގައި ސުއްނަތްވަނީ އެކަން ކުރުމެވެ. އެކަން ނުކުރުމެއް ނޫނެވެ. ސަބަބަކީ އެކަން ކުރެއްވި ކަމަށް ސާބިތުވާތީއެވެ. އެހެންކަމުން އެކަލޭގެފާނު މަދުފަހަރެއްގައިވެސް ކަމެއް ކުރަށްވައިފިނަމަ އެކަން ވެގެންދާނީ އުއްމަތަށް ސުއްނަތެއްގެ ގޮތުގައެވެ. މިސާލަކަށް ކަންކަމުގައި ސާބިތުވެފައިވާ ބައެއް ދުޢާއެވެ.

[7] (ހ) މިރިވާޔަތް އިމާމު އަބޫދާއޫދާއި އިބްނު މާޖާވެސް ރިވާކުރެއްވިއެވެ. ޙާފިޒު އިބްނު ޙަޖަރު “އައްތަލްޚީޞު” ގައި ވިދާޅުވެފައި ވަނީ މިއީ ޙަސަން ދަރަޖައިގެ ޙަދީޘެއް ކަމަށެވެ. (ޢައްލާމާ މުބާރަކްޕޫރީ)

(ށ) މިޙަދީޘުގެ ލަފުޒަށް ބަލާއިރު އިބްނު މާޖާގައި ކަނޑައެޅިގެން ފަތިސް ނަމާދުގައި ޤުނޫތު ކިއުއްވާ އުޅުއްވިތޯ ސުވާލުގައި އައިސްފައި އެބަވެއެވެ. ނަމަވެސް ތިރްމިޛީގައި އޮތީ ޤުނޫތު ކިއުއްވިތޯއެވެ؟ އިބްނު މާޖާގެ ރިވާޔަތުގައި އަންނަނީ فَكَانُوا يَقْنُتُونَ فِي الْفَجْرِ މިހެންނެވެ. މާނައީ: ފަހެ އެބޭކަލުން ފަތިސް ނަމާދުގައި ޤުނޫތު ކިއުއްވައި އުޅުއްވިތޯއެވެ؟

[8] ތަފާތު ޙަދީޘުގައި އަންނަ ގޮތުގައި ޤުނޫތު ކިއުން ދެތަނެއްގައި އެބަ އާދެއެވެ. އެއްތަނަކީ ރުކޫޢަށް ދިއުމުގެ ކުރިންނެވެ. އަނެއް ތަނަކީ ރުކޫޢަށް ދިއުމަށް ފަހު އިޢުތިދާލުގައެވެ. ޢިލްމުވެރިންގެ ތެރެއިން ބައެއް ބޭކަލުން ބުރަވެ ވަޑައިގަންނަވަނީ ރުކޫޢުގެ ކުރިން ޤުނޫތަށް ހުރުމަށެވެ. އަނެއް ބައި ބޭކަލުން ބުރަވެ ވަޑައިގަންނަވަނީ ރުކޫޢަށް ފަހުގައި ޤުނޫތަށް ހުރުމަށެވެ. އިބްނު ޢުމަރުގެ މިބަސްފުޅުގެ މުރާދަކީ ޤުނޫތު ކިއުން ގޯސްވާ ވާހަކައެއް ނޫނެވެ. އެކަލޭގެފާނު މިތާގައި ރުކޫޢުގެ ކުރިން ޤުނޫތަށް ހުރުމާ އިންކާރު ކުރަށްވަނީއެވެ. އަދި ބުރަވެ ވަޑައިގަންނަވަނީ އިޢުތިދާލުގައި ޤުނޫތަށް ހުރުމަށް އޮންނަ ބަސްފުޅަށެވެ.

[9] އަލްބައިހަޤީ (ސުނަނުލްބައިހަޤީ އަލްކުބްރާ، ޙަދީޘު: 2976) އަލްޙާޒިމީ (އަލްއިޢުތިބާރް) 

[10] މިތާގައި ބައެއް ބޭފުޅުން އޮޅުވާ ލައްވާ ކަމެއް އެބަ އޮވެއެވެ. އެބޭފުޅުންގެ ދަޢުވާއަކީ رَسُولُ اللَّهِ صلّى الله عليه وسلّم ފަތިސް ނަމާދުގައި ތާއަބަދު މުޅި ޙަޔާތްޕުޅުގައި ޤުނޫތު ކިއުއްވާފައި ނުވާއިރު އެގޮތަށް މުޅި ޙަޔާތުގައި ޤުނޫތު ކިއުން ހެއުވާނީ ކިހިނަކުން ތޯއެވެ؟ މީގެ ޖަވާބުގައި ބުނެވޭނީ رَسُولُ اللَّهِ صلّى الله عليه وسلّم ގެ އަރިހުން ކަމެއް އެންމެ ފަހަރަކު ކުރެއްވި ކަމަށްވެސް ސާބިތުވުމުން އެކަން އުއްމަތަށް ސުއްނަތަކަށް ވުމަށް ފުދުނީއެވެ. މިއީ ކުރީގައި ބުނެވުނު ފަދައިން ދީނުގެ އުޞޫލެވެ. އެހެންކަމަށް ވާނަމަ ކީރިތި ރަސޫލާ އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި ބައެއް ފަހަރު ޤުނޫތު ކިއުއްވައި އަނެއްބައިފަހަރު ނިކުއްވާ ކަމުގައިވާނަމަވެސް އޭގެ މާނައަކީ ކިއުމާއި ނުކިއުނުން ސުއްނަތްވާ ވާހަކައެއް ނޫނެވެ. އޭގެ މާނައަކީ ކިއުން ސުއްނަތް ވެފައި އެކަން ނުކޮށް ދޫކޮށްލުން ހުއްދަވާ ވާހަކައެވެ. އެހެންކަމަށް ވާނަމަ ބޮޑަށް ބުރަވެވޭން އޮތީ އައުލާގޮތަކީ ފަތިސްނަމާދުގައި ޤުނޫތު ކިއުން ކަމަށާއި ޤުނޫތަށް ނުހުރެ ދޫކޮށްލުމީ ހުއްދަ ކަމެއް ކަމަށެވެ.

[11] ރިވާކުރެއްވީ އިމާމު މާލިކާއި އަޙްމަދާއި ބުޚާރީއާއި މުސްލިމާއި ނަސާއީއެވެ.

[12] ސޫރަތުލް އިސްރާ: (78)

______________________________

About the author
Leave Comment