(16 އޮކްޓޫބަރ 2016 ގައި ޝާއިޢު ކުރެވުނު ބަޔާ ގުޅޭ) މިބައި ނަގައިފައިވަނީ “ފަތްތޫރަ” މަޖައްލާގެ 152 (ނޮވެމްބަރު 1991) ވަނަ ޢަދަދުންނާއި  154 (ޖަނަވަރީ 1992) ވަނަ ޢަދަދުންނެވެ.   _____________________________________________________________________ އަޅުގަނޑުމެންގެ އަޚުން ކަމުގައިވާ މަލިކުމީހުންގެ ތެރޭގައިވެސް ކުދީން ޚިތާނުކުރުމަކީ ވަރަށް ކުލަގަދަ ގޮތެއްގައި ފާހަގަކުރެވޭ ކަމެކެވެ. އަޅުގަނޑުމެންގެ ރާއްޖެއެކޭ އެއްގޮތަށެވެ. ހަޔާތުގެ ކޮންމެ މައިދާނަކަށް ބެލިކަމުގައިވިޔަސް ދިރިއުޅުމުގެ ކޮންމެ ކަމަކަށް ނަޒަރު ހިންގި ކަމުގައި ވިޔަސް ހާމަވެގެންދާ ޙަޤީޤަތަކީ އަޅުގަނޑުމެންނާއި މަލިކުމީހުންނަކީ އެއްބަޔަކަށް…

(16 އޮކްޓޫބަރ 2016 ގައި ޝާއިޢު ކުރެވުނު ބަޔާ ގުޅޭ)

މިބައި ނަގައިފައިވަނީ “ފަތްތޫރަ” މަޖައްލާގެ 152 (ނޮވެމްބަރު 1991) ވަނަ ޢަދަދުންނާއި  154 (ޖަނަވަރީ 1992) ވަނަ ޢަދަދުންނެވެ.  

_____________________________________________________________________

އަޅުގަނޑުމެންގެ އަޚުން ކަމުގައިވާ މަލިކުމީހުންގެ ތެރޭގައިވެސް ކުދީން ޚިތާނުކުރުމަކީ ވަރަށް ކުލަގަދަ ގޮތެއްގައި ފާހަގަކުރެވޭ ކަމެކެވެ. އަޅުގަނޑުމެންގެ ރާއްޖެއެކޭ އެއްގޮތަށެވެ. ހަޔާތުގެ ކޮންމެ މައިދާނަކަށް ބެލިކަމުގައިވިޔަސް ދިރިއުޅުމުގެ ކޮންމެ ކަމަކަށް ނަޒަރު ހިންގި ކަމުގައި ވިޔަސް ހާމަވެގެންދާ ޙަޤީޤަތަކީ އަޅުގަނޑުމެންނާއި މަލިކުމީހުންނަކީ އެއްބަޔަކަށް ކާފަ މާމަ ކިޔާ ބައެއް ކަމެވެ. އެއް ޘަޤާފަތެއް ހިއްސާކުރާ ބައެއް ކަމެވެ. އެއް މާޒީއެއް ވޭތިކޮށްފައިވާ ބައެއް ކަމެވެ.

މަލިކު މީހުން ޚިތާނުކުރުމަށް ކިޔަނީ ކިތާނު ކުރުމެވެ. އަޅުގަނޑުމެން ކިޔާހެން ގޭ ބޭންދުމޭ އެމީހުންވެސް ކިޔައެވެ. ނަމަވެސް އެމީހުން އެބަސް ބޭނުންކުރަނީ މާލޭ ބަހާ ހިސާބަކަށް ތަފާތުކޮށެވެ. އެމީހުން ކިޔަނީ ބޭންޖުމެވެ. މިއީ ރާއްޖޭގެ ތިލަދުންމަތީމީހުން ވެސް ކިޔާ ގޮތެވެ.

ދިވެހިރާއްޖޭގެ އިހުގެ އާދަކާދަ އޮންނަ ފަދައިން މަލިކުގައިވެސް ކުއްޖަކު ނަކަތްގެލައްވަން ވެއްޖެނަމަ އެންމެ ފުރަތަމަ ބައްދަލުކުރަނީ އެކަމުގެ އެދުރަކާއެވެ.

ޚިތާނުކުރާ މީހާއަށް އަޅުގަނޑުމެން އިހުގައި ކިޔައިއުޅުނީ އެދުރުމީހާ އެވެ. މަލިކުގައި ކިޔައި އުޅެނީ އެދުރުބޭބެއެވެ. މަލިކުގައި ކުދިން ނަކަތްގެ ލައްވަނީ އެކުއްޖާގެ ބައްޕަ ނުވަތަ ގާތްތިމާގެ މީހަކު ބޯޓުދަތުރުކުރަން ގޮސްފައި އަންނަ ދުވަސްވަރާ ދިމާކޮށެވެ. ރާއްޖެތެރޭގައިވެސް އިހުގައި އެކަން ކޮށް އުޅުނީ މާލެދަތުރު ނުވަތަ އޮޅުދޫ ދަތުރުކުރާ އޮޑިފަހަރު ރަށަށް އަންނަ ދުވަސްވަރާ ދިމާކޮށެވެ. މިއީ އަތްމަތި ތަނަވަސް ދުވަސްވަރެއްގައި އެކަން ކުރުމަށް ހަދާ ގޮތެކެވެ.

ކުއްޖަކު ނަކަތްގެލެއްވުމަށް ޓަކައި ދުވަހާއި ވަގުތު (އިރުވަރު) ކަނޑައަޅަނީ އެދުރުމީހާއެވެ. ދުވަހާއި ވަގުތުކަނޑައެޅުމަށް ފަހު ރާއްޖޭގައިވެސް މަލިކުގައިވެސް އޮންނަނީ އެކަމަށް ގޭތެރެ ތައްޔާރު ކުރުމެވެ. ގޭތެރެ (ޚާއްޞަކޮށް ބޭރުގެ، މަލިކުގައި ގޭދޮރުބުރި) ޒީނަތްތެރިކުރުމާއި ފެންޑާއާއި ދޮރުމަތި ޒީނަތްތެރިކުރުމެވެ. ނަކަތްގެލައްވާ ކުދިން އިހުގައި ރާއްޖޭގައި ވެސް ބައިތިއްބަނީ ބޭރުގޭ ކުޑައަށީގައެވެ. ގިނަކުދިންތައް އެކުގައި ނަކަތްގެ ލައްވާނަމަ ބައިތިއްބަނީ ބޮޑުއަށީގައެވެ. އެހެންކަމުން އަށްޓާ ދިމާގައި ޚާއްޞަގޮތެއްގައި ސަނދުވާ ދަމައި ޒީނަތްތެރި ކުރެއެވެ.

މަލިކުގައިވެސް މިކަންތައް ހިނގަނީ މިބީދައިންނެވެ. މަލިކުގައި ކުއްޖާ ނަކަތްގެލައްވާ ދުވަސް ކައިރިވީމާ ގާތްތިމާގެ މީހުންނަށްވެސް އެކަން އަންގައެވެ. ނަކަތްގެލައްވާ ދުވަހު ކުއްޖާގެ ގާތްތިމާގެ މީހުންނާއި އެދުރުމީހާ ގެ ގޭގެމީހުން އެކަމުގެ އިޙްތިފާލުގައި ބައިވެރިވެއެވެ. ނަކަތްގެލައްވާ ދުވަހު ބައިގަޑިއެއްހާއިރު ކުއްޖާ ބޮޑުވަޅުގައި (ބޮޑެތި ވެޔޮފާޑުގެ ވަޅެއް) ބާއްވައެވެ. އަޅުގަނޑުމެންގެ ރާއްޖޭގައި ވެސް ނަކަތްގެލައްވާ ދުވަހު ކުދިން މޫދަށް ގެންދިއުމަކީ ބައެއް އަތޮޅުގައި އޮތް އާދައެކެވެ.

މަލިކުގައިވެސް ޚިތާނުކޮށް ނިމިގެން ކުދިން ބައިތިއްބަނީ ރާއްޖޭގައިވެސް ބައިތިއްބާ ގޮތަށެވެ. އިހުގައި އަޅުގަނޑުމެންގެ ތެރޭގައި ކުދީންނަށް ފަންކާކޮށްދޭ ގޮތަށް މިހާރުވެސް މަލިކުގައި ފަންކާކޮށް ދެއެވެ.

ނަކަތްގެ ލައްވައިގެން އުޅޭއިރު ރާއްޖޭގައިވެސް ބާއްވާ ގޮތަށް މަލިކުގައި ވެސް ކުޅިވަރު ބާއްވައެވެ. ރާއްޖޭގައި އިހުގައި އެންމެ މޮޅަށް އޮންނަނީ، ބޮޑުބެރުޖެހުމާއި، ވާހަކަކިޔުމާއި، ބަނޑިޔާ ޖެހުމެވެ. މަލިކުގައިވެސް ނަކަތްގެލައްވައިގެން އުޅޭއިރު ވަރަށް ބޮޑަށް “ސަމާ” (ކުޅިވަރު) އޮވެއެވެ.

މަލިކުގައި އެންމެ ޚާއްޞަ ކުޅިވަރަކަށް އޮންނަނީ މާލިހެދުމެވެ. (މަލިކު ބަހުރުވައިގައި ބޭހެދުން) ބޭހެދުމަކީ  ވަކިމީހަކު “ވިޔަނުވާ ގޮތަށް” (ނޭނގޭ ގޮތަށް) އެކި ވައްތަރުގެ ހެދުން އަޅައި މޫނުމަތި އަޅައިގެން ނުވަތަ މޫނު ފޮރުވައިގެން އައުމެވެ.  މާއްޔަށް ރާއްޖޭގެ ބައެއް އަތޮޅުތަކުގައި “ބޭ” މިހެން ކިޔައި އުޅެއެވެ. އަޅުގަނޑުމެންގެ ރަށުގައި (ޏ.ފުވައްމުލައް) ކިޔައި އުޅެނީ “ބެއިގަނޑޮ” މިހެންނެވެ.

ރާއްޖޭގައި ވެސް ބޮޑުބެރު ޖެހުން ފަދަ ކުޅިވަރު އޮންނަ ރޭރޭ މާލި ހެދުން ހިސާބަކަށް އޮވެއެވެ. ޚާއްޞަކޮށް ކުޅުދުއްފުށީ މީހުންގެ މާލިހެދުމަކީ ފާހަގަކޮށްލެވޭ ކަމެކެވެ.

މަލިކުގައި ފަސް ހަ ވައްތަރަކަށް މާލިހެދެއެވެ. އެއީ، “ބަނޑުބޭ” އާއި “ދެލިބޭ” އާއި “ހަކުރުބޭ” އާއި “ފަންބޭ” އާއި “ވަށައިދެމިބޭ” އާއި “ރީތިބޭ” އެވެ.

މިހުރިހާ ބޭތައް، މަލިކުގައި ބައިންދައިގެން އުޅޭ ގޭގެއަށް ޒިޔާރަތްކުރެއެވެ. މީގެ ތެރެއިން އެންމެ ނުރައްކާތެރި ބޭ އަކީ ދެލިބޭ އާއި ހަކުރުބޭ އެވެ. ދެލިބޭ އާއި ހަކުރުބޭ އައިސް މީހުންގެ ގައިގައި ދެލި ނުވަތަ ހަކުރު އުނގުޅަނީއެވެ. އެހެންކަމާއެކު ބޭ އަންނަ ޚަބަރުލިބޭ އިރަށް އެގެއެއްގައި ތިބޭ އެންމެން ފިލާ ރައްކާވެދެއެވެ.

ދެލިބޭ ހުންނަނީ ހަރުވާޅުބުރިއެއް ލައިފައި މުޅި ގައިގައި ދެލި އުނގުޅާފައެވެ. އަނގައިގައި ފަޅޮލު ދަތްޕިލައެއް ޖަހައިފައެވެ. ހަކުރުބޭ ހުންނަނީ ހަކުރު އުނގުޅާފަ އެވެ. ބަނޑުބެ މުޅި ހަށިގަނޑުގައި ގޮދަޑިއެއް އޮޅައި ރޯނުފަދަ އެއްޗަކުން ބަނދެފައެވެ. ބަނޑުބޭ ކުރާ ކަމަކީ މީހުންގެ ގައިގައި ބަނޑުން ޖަހައި ވައްޓަނީއެވެ. ވަށައި ދެމިބޭއަކީ ވަރަށް ރަނގަޅު ބެއެކެވެ. ވަށައިދެމިއެއްގެ ތެރެއަށް ހައެއްކަ މީހުން ނުވަތަ ތިން ހަތަރު މީހުން ވަދެގެން އައިސް ބެރުޖަހައި ރައިވަރުކިޔަނީ އެވެ. އަޅުގަނޑުގެ އެކުވެރި ޢަބްދުﷲ ޞާދިޤް ބުނުއްވާ ގޮތުގައި އެބޭކަލުން ޚިތާނުކުރި ދުވަސްވަރު މުލަކަތޮޅުގައިވެސް ޚިތާނުކޮށްގެން އުޅޭ ގޭގެއަށް މީހުން ނޭނގޭ ގޮތަށް ހެދުން އަޅައިގެން އައިސް ލަވަކިޔައި ތަމްސީލުކުޅެ ހަދާ “ބޭތައް” އުޅެއެވެ.

އަޅުގަނޑުމެންގެ ތެރޭގައިވެސް އިހުގައި ބޮޑުމާލޫދު ކިޔުމުގެ ކަންތައް އޮންނަ ބީދައިން މަލިކުގައިވެސް ބޮޑުމާލޫދު ކިޔުން އޮތެވެ. މަލިކުގައި ޚަރަދުކުރަނީ ރަށުމީހުންގެ ފަރާތުންނެވެ. ދިވެހިރާއްޖޭގައި ވެސް އެކަން އޮންނަ ގޮތަށެވެ.

ރާއްޖޭގައި އޮންނަ ފަދައިން ނަކަތްގެލައްވައިގެން އުޅޭއިރު އެގެއެއްގައި އަބަދު ކެއުމާއި ސައި އޮންނަނީ ދައުރުވޭވެ އެވެ. ގާތްތިމާގެ މީހުންނާއި ރަހްމަތްތެރިންގެ ފަރާތުން ތަފާތު ބާވަތްބާވަތުގެ ހެދިކާގެ ބާވަތްތައް ހުންނަނީ އައިސްއައިހެވެ.

އަޅުގަނޑުމެންގެ ތެރޭގައިވެސް އޮންނަ ފަދައިން މަލިކުގައިވެސް ނަކަތްގެލައްވާކުދިން ފެންއަޅާ ދުވަހަކީ ވަރަށް ޚާއްޞަ ދުވަހެކެވެ. އެދުވަހު ބަކަރި ނުވަތަ ކުކުޅު ކަތިލައިފައި ވަރުގަދަޔަށް ކައްކައެވެ. ފެންއަޅާ ދުވަހަށް މަލިކުމީހުން ކިޔަނީ “ބޭރަށް ނެއްލާ ދުވަސް” އެވެ.

މަލިކުގައި ޢާންމު ގޮތެއްގައި ފެންއެޅުން އޮންނަނީ ނަކަތްގެލައްވާތާ ހަތްވަނަޔަށްވާ ދުވަހުއެވެ.

މަލިކުގެ މުސްކުޅިން މަޢުލޫމާތު ދޭ ގޮތުގައި ދިވެހިރަސްގެފާނު (ދިވެހި ސަރުކާރު) މަލިކުގައި ދެކުނުކޮޅުގެ ބަންޑާރަގަނޑު ދެއްވައިފައި ވަނީ މަލިކުގެ ނުވަ ބޮޑުމީހުންނަށެވެ. މާލޫދު ކިޔުމަށް ޚަރަދުކުރުން ޝަރުޠުކޮށެވެ.

މިއީ ރާއްޖޭގައި އިހުގައި އޮތް ކަމެކެވެ. އާދެ، ބައެއް އަމިއްލަ މީހުންވެސް އެމީހުންގެ ހިންނަފަދަ ތަންތަން ކޮންމެ ރަބީޢުލް އައްވަލުމަހަކު މާލޫދުގަނޑެއް ކިޔުމުގެ މައްޗަށް ވަގުފުކޮށް އޭގެ ތައުލިޔަ މޫލަވެރިކަން ވަކިބަޔަކާ ހަވާލުކޮށްފައި އެބަހުއްޓެވެ. އެވަގުފު ކުރާ ހިންނައެއް ނުވަތަ ރުއްގަސްފަދަ ތަކެތި ބޭނުންކުރަނީ ރަށެއްގެ މުޅި ރައްޔިތުން ކަމުގައިވާނަމަ އެމާލޫދުގަނޑެއް ކިޔާނީ އެރަށެއްގެ މުޅި ރައްޔިތުން ގުޅިގެންނެވެ.

އިހުގައި މަލިކުގައި ބޮޑުމާލޫދު ކިޔައި އުޅުނީ ކާލީކޯޓަށާއި، ކޮއްޗެއަށްދާ އޮޑިފަހަރާއި، ނާގަބާރި، ގާލީ (ސްރީލަންކާގެ) އަށާއި، ބަންގާޅަށާއި، ބަރުމާއަށާ މިތަންތަނަށް ދާ އޮޑިފަހަރު ރަށަށްއައިސް ނިމުމުން އޮޑިފަހަރު އެހެލުމަށް ފަހުގައެވެ. އަޅުގަނޑު ހަނދާން ހުންނަވަރުވީ ފަހުން އަޅުގަނޑުގެ ރަށުގައިވެސް ބޮޑުމާލޫދު ކިޔަނީ ކޮޅުނބު އޮޑިފަހަރު ރަށަށް އައުމުން އޮޑިފަހަރު އެހެލައި ނިންމާފަ އެވެ. އަޅުގަނޑު ދެކޭ ގޮތުގައި މަލިކުގައިވެސް މުލަކުގައިވެސް އޮޑިފަހަރު ރަށަށް އައުމާ މާލޫދު ގުޅުވަނީ އެދުވަސްވަރު ރަށަށް ލިބިފައި އޮންނާނެ ތިޔާގިކަމަށްޓަކައެވެ. ރާއްޖެތެރޭގެ ރަށްރަށުގައި ގިނައިން ބޮޑުމާލޫދު ކިޔައިއުޅުނީ ރަނގަޅު މަސްވެރިކަމެއް ނިމޭ ދުވަސްވަރަކާ މޫސުން ރަނގަޅު ދުވަސްވަރަކަށް ބަލާފައެވެ. މަޤްޞަދަކީ ކުރިންވެސް ދެންނެވި މަޤްޞަދެވެ.

އާދެ، އެކަމަށް ފަހި ދުވަސްވަރެއްގައި މާލޫދުކިޔުމެވެ.

މަލިކުމީހުންވެސް ބޮޑުމާލޫދު ކިޔައިއުޅުނީ ރާއްޖޭގެ އެހެނިހެން ރަށްރަށުގެ މީހުންވެސް ފަދައިން ރަށްމެދުގައި ހަރުގެ އަޅައިގެންނެވެ. ރާއްޖެތެރޭގެ ގިނަ އަތޮޅުތަކުގައި ބޮޑުމާލޫދު ކިޔަނީ ކައިރީ ރަށްރަށަށް ދައުވަތުދީގެންނެވެ. ނަމަވެސް އެކަހެރި ރަށްރަށުގައި މާލޫދުކިޔަނީ ރަށްދެބަޔަށް ބައިކޮށް ދެބައިން ދެމާލޫދު ކިޔާގޮތަށެވެ. ފުވައްމުލަކުގައި މާލޫދު ކިޔަނީ މިގޮތަށް “ދެއަރި” އަށް ރަށް ބައިކޮށްގެންނެވެ. މަލިކުގައިވެސް އޮންނަނީ މިގޮތަށެވެ. މަލިކުގައި މާލޫދަށް ރަށް ދެބަޔަށް ބަހަނީ ޝޭޑިވަޅު އަވަށުން ފެށިގެންނެވެ. ފުރަތަމަ މާލޫދު ފަށަނީ ފަލައްސޭރި ކޮޅުންނެވެ. އެމާލޫދު ހުއްޓުމަށް ފަހު އައުމަގުކޮޅުގެ މާލޫދެވެ.

މަލިކުގައި އިހުގައި މާލޫދު ހަރުގެ އަޅައި އުޅުނީ ރަށްމެދުގައި ޝޭޑިވަޅު ރާތީބު މިސްކިތް ކައިރީގައެވެ. މާލޫދުހަރުގޭގެ ނަކަތް މުޑި ޖަހައިއުޅުނީ އެރަށުގައި ބޮޑުތަކުރުފާނު ވަޅުލެއްވިކަމަށް ބުނާ ގަލެއްގެ މަތީގައެވެ. އެގަލަކީ ދިވެހިރާއްޖޭގެ ރަށެއްކަމުގެ ރަމްޒެއްގެ ގޮތުން ބޮޑުތަކުރުފާނު ވަޅުލެއްވި ގަލެއް ކަމަށް އެރަށު މީހުން ބުނެއެވެ.

ހަރުގެ އަޅާ ނިމުމަށް ފަހު ވަށައިގެން ފޮތިދަމައި ކަށިމަލާއި، އުނިމަލާއި، އަދި މިނޫންވެސް މީރުވަސްދުވާ މާމެލާމެލި ގެންގޮސްގެން ޒީނަތްތެރި ކުރެއެވެ.

ރާއްޖޭގައިވެސް މިގޮތަށް މާލޫދު ހަރުގެއަށް މާމެލާމެލި ގެންގޮސް ޒީނަތްތެރިކޮށް ހެދިއެވެ. ރާއްޖޭގައި މާލޫދުހަރުގެއަށް މާމެލާމެލި ގެންގޮސް ޒީނަތްތެރި ކުރުން ހުއްޓާލީ އަލްޤާޟީ ހަސަންތާޖުއްދީނުގެ ފަނޑިޔާރުކަމުގައި އެމަނިކުފާނު އެކަން މަނާކުރެއްވުމާ ވިދިގެންނެވެ.

މަލިކުމީހުން މާލޫދުހަރުގެ ޑެކަރޭޓްކުރުމަށް މާބިންނަނީ ރަށުގެ ބަންޑާރަގަނޑުންނެވެ. މާބިންނަން ބަނޑާރަގަނޑަށް ދަނީވެސް ރަށުމީހުން އެކުވެގެން ރައިވަރު (މަލިކުބަހުރުވައިގައި ތައިވަރު) ކިޔަމުން ވަރަށް މަޖަލުގައެވެ.

މާލޫދަށް ކައްކާއިރު ހަރުގެއަށް ފޮނުވާ ކޭން ކައްކަނީ ބޮޑުން، މާލިމީން، އޮޑިވެރީން ފަދަ މީސްމީހުންގެ ގޭގެއިންނެވެ. މިއީ ރާއްޖޭގައިވެސް މިކަން އޮތްގޮތެވެ. މާލޫދު ފަށަނީ މަޣުރިބު ނަމާދުގެ ފަހަށެވެ. މާލޫދު ފަށާއިރު ކީރިތި މަހާރަދުންނަށާއި، މަލިކުގެ ބާންޑޯރު މަނިކުފާނަށް ނަސްރު ދެއްވުމަށާއި، ފަޅޯ (މޭވާ)، މަސް، ކާށި، ބޮލި ގިނަކުރުމަށް ކުރެވޭ ދުޢާގެ މައްޗަށް އެކުލެވޭ “ގޮވެލިގަނޑެއް” ކިޔައި އުޅުނެވެ. މި “ގޮވެލިގަނޑު” ގައި ފަހަކަށް އައިސް މަލިކު ކަންނަންނޫރުގެ ދަށަށް ދިޔަ ފަހުން ތާނިޔާ ކިޔަމުން އައީ “ކަންނަންނޫރު ކިލެގެފާނު” ނުވަތަ ޢަލީރާޖާއަށެވެ.

މާލޫދު ފެށުމަށް ފަހު ބޮޑުން ހަރުގެއިން ދިޔައިމާ ދެން އޮންނަނީ މާލޫދު ބުނުމާއި ޅެން ކިޔުމެވެ. ޅެންކިޔަނީ “ޅެންވެރީން” ނެވެ. މާލޫދުކިޔާމީހުންނަށް ރޭގަނޑު ބާރަޖެހީމާ “ދަންބަތް” އޮވެއެވެ. ހެނދުނު ކެއުމަކަށް އޮންނަނީ ކިރުފޮޅިޔާއި ފިޔައެވެ. މާލޫދު ހުއްޓަނީ ހަވީރުއެވެ. މާލޫދު ހުއްޓާ އިރަށް އޮންނަނީ ބޮނޑިބަތް ކޭމެކެވެ.

މާލޫދު ހަރުގޭގައި މާލޫދުކިޔުމުގެ ކަންތައް ހިނގަމުންދާއިރު އަވަށުތެރޭގައިވެސް ވަރަށް ކުޅިސަމާ އޮވެއެވެ. ހެނދުނު 10:00 ން ފެށިގެން އަސުރަށް ގޮވަންދެން ބެރުޖެހުމާއި “ތައިވަރު” (ރައިވަރު) ކިޔުން އޮވެއެވެ. ތިރީގައި މިވަނީ މާލޫދު ކިޔާއިރު ރަށުތެރޭގައި ކިޔާ ރައިވަރުގެ ބައެއް ރައިވަރެވެ.

“ކޭ ތެދެ ރިވެތިކޮޅެއް ނައު

ގޭ ވަގުތު އޮސްފުހޭ ރަތްމީ

ގޭ ގޮނޑުވީ މިތުރަށް މީ”

“ރަށްމެދު ބަނދަރުކޮޅަށް ނައު

ތައްސަތަރި ނުމެދަމައިކު ހަމާ

ލަންބަރުކާ ކޮޅަކު ހަމާ”

“ފަރުވާވެ ކޮޅު އައީ ނައު

ތަރުހަގޮށްދުވެ އައީ ފައިބާ

ދަރު މިތުރު ގަހާ ފައިބާ”

ކޮންމެއަކަސް ރާއްޖެއެކޭ އެއްފަދައިން މަލިކުގައިވެސް މިހާރު ބޮޑު މާލޫދު ކިޔުމެއް ނެތެވެ. ހޭލުންތެރިކަމުގެ އޮއިވަރާއެކު އެކަންވަނީ އެރަށުންވެސް ފައިބައިގެންގޮސްފައެވެ.

ރާއްޖޭގައި އިހު ޒަމާނުގައި ރޯދިބަރަކާތަށް ރަށަށް ފަންޑިތަހަދާއިރު ރަށުގެ ދިހަމޮހުން އޮންނަ ފަދައިން މަލިކުގައިވެސް އިހުގައި ރަށުގެ ދިހަމޮހުން އޮތެވެ. މަލިކުގައި އެކަން ކޮށްއުޅުނީ މާމިސްކިތު މުދިމެއްގެ ބެލުމުގެ ދަށުން ރަށުގެ އާރުކާޓީއާއި ހުރިހަ ކެޔޮޅުންނާއި “އަލީ” މިނަންކިޔާ ހަތް މީހެކެވެ.

މިކަންކުރާއިރު ރާއްޖެއެކޭ އެއްގޮތަށް ދުންމުޖުރާ ހިފައިގެން ރަށުގެ ކަނޑައެޅޭ ދިހަމައްޗަކުން ފައިބައިގެން ޤުރްއާން ކިޔަވަމުން ތަކުބީރު ކިޔަމުން ރަށްވަށައި ހިނގަނީ އެވެ. ބައެއް ދިހަމަތީ ކާށިޖަހައި، ހޭމަސް ފިރުއްކައި އެއަށް ފެންޖަހައި ހަދައެވެ. ރާއްޖޭގެ މީހުން ދިހަ މޮހާއިރު ހަދާގޮތަށް ފެންފުޅަފިން ގޮނޑުދޮށަށް އެއްގަމަށް ވެލިއުކައިވެސް ހަދައެވެ.

މަލިކުގައި ދިހަމޮހަން ފަށައި އުޅެނީ ފުންހިލޮޅުގެ އުތުރުފަރާތު އަތިރިމަތީ މިހާރު ރުވާގެ ހުންނަ ހިސާބުންނެވެ. ދިހަމޮހާ ތަންތަނަކީ:


  1. ފުންހިލޯޅުމަގު ދިހަމަތި
  2. ރަށްބުރިވިތަން
  3. ފުންހިލޯޅު މަގު ފައްޓަރު ފަރާތު މުރަނބު
  4. ތޭވަރުމަގު ފުއްޓަރު
  5. ކަލޭގެފާނު ގާތު ފުއްޓަރު
  6. ކަލޭގެފާނު ގާތު އަތިރި
  7. ތޭވަރާތު މަގު އަތިރި
  8. ރަށްމެދުމަގު އަތިރި މިއެވެ.

   މިއިން ކޮންމެ ތާކު ޤުރްއާން ކިޔަވައި، ބަންގިގޮވައި، ތަކުބީރުކިޔައި، ހަތް އަލީ ލައްވައި ކާށިޖައްސައި، ހޭމަސް ފިރުއްކައި އެއަށް ފެންޖަހައި، ކިޔަވައި ދުންބުރުވައި، ފާތިހާ ކިޔަވައި ހަދާނެއެވެ.

މަލިކުގައި ދިހަމޮހަން ފަށަނީ ޢިޝާނަމާދު ވަގުތާ ދިމާވާ ގޮތަށެވެ. ދިހަމޮހާއިރު ޖަހާނެ ކާށި އަޅަން އިހުގައި ވަކި ރުކެއް ޚާއްޞަކޮށްފައި ހުރެއެވެ. މަލިކުގައި ދިހަމޮހަނީ ހުޅަނގުމޫސުން ނިމޭ ދުވަސްވަރުގެ ކޮންމެވެސް ހެޔޮ ރެއަކާ ދިމާކޮށެވެ.

                         (ނުނިމޭ)

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment