000އަލްމަރްޙޫމް ޢަބްދުއްރަޙީމު ޢަބްދުލް މަޖީދު (ރަޙިމަހުﷲ) އަލްމަރްޙޫމް ޢަބްދުއްރަޙީމު ޢަބްދުލް މަޖީދު، ތަފާތު މައުޟޫއުތައް ދިރާސާ ކުރައްވައި ތަފާތު މައުޟޫއުތަކުގެ މައްޗަށް ލިއުއްވި އެވެ. މިމައުޟޫއުތަކުގެ ތެރޭގައި ކީރިތި ޤުރްއާނާއި އިސްލާމް ދީނާއި ބެހޭ ދިރާސާތުތައް ހިމެނެއެވެ. އަދި ކީރިތި ޤުރްއާނާއި ތަފްސިރު ގިނައިން ކިޔުއްވައި މުތާލިއާ ކުރެއްވިއެވެ. މީގެ ތެރޭގައި، މުޙައްމަދު ޢަބްދުހޫގެ ތަފްސީރު އަލްމާނާރާއި ސައްޔިދު އަބޫ އަލްއަޢުލާ އަލްމައުދޫދީގެ ތަފްހީމު އާއި ސައްޔިދު ޤުޠުބްގެ ޡިލާލު ހިމެނެއެވެ. އަދި އަލްމައުދޫދީގެ ތަފްހީމުގެ މައްޗަށް…
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

އަލްމަރްޙޫމް ޢަބްދުއްރަޙީމު ޢަބްދުލް މަޖީދު (ރަޙިމަހުﷲ)

އަލްމަރްޙޫމް ޢަބްދުއްރަޙީމު ޢަބްދުލް މަޖީދު، ތަފާތު މައުޟޫއުތައް ދިރާސާ ކުރައްވައި ތަފާތު މައުޟޫއުތަކުގެ މައްޗަށް ލިއުއްވި އެވެ. މިމައުޟޫއުތަކުގެ ތެރޭގައި ކީރިތި ޤުރްއާނާއި އިސްލާމް ދީނާއި ބެހޭ ދިރާސާތުތައް ހިމެނެއެވެ. އަދި ކީރިތި ޤުރްއާނާއި ތަފްސިރު ގިނައިން ކިޔުއްވައި މުތާލިއާ ކުރެއްވިއެވެ. މީގެ ތެރޭގައި، މުޙައްމަދު ޢަބްދުހޫގެ ތަފްސީރު އަލްމާނާރާއި ސައްޔިދު އަބޫ އަލްއަޢުލާ އަލްމައުދޫދީގެ ތަފްހީމު އާއި ސައްޔިދު ޤުޠުބްގެ ޡިލާލު ހިމެނެއެވެ. އަދި އަލްމައުދޫދީގެ ތަފްހީމުގެ މައްޗަށް ބިނާކޮށް ދިވެހި ތަފްސީރެއް ލިޔުއްވުމަށް ގަސްދު ކުރައްވައި ބައެއް ކުރު ސޫރަތްތައް ތަރުޖަމާ ކުރައްވަން ފެށްޓެވި އެވެ. ތިރީގައި މިވަނީ އެއިގެ ތެރެއިން ކުރު ސޫރަތެއްގެ ތަރުޖަމާއަކާއި ކުރު ޝަރަޙަ އެކެވެ.

بسم الله الرحمن الرحيم

ألهاكم التكاثر          ކަލޭމެން ޣާފިލުކޮށްލާފައިވަނީ (މުދަލާއި ފައިސާ، ދުނިޔަވީ ހަޔާތުގެ ޒީނަތްތެރިކަންތައްތައް، އެކަކު އަނެކަކަށްވުރެ) ގިނަކުރަން އުޅުމެވެ.

حتى زرتم المقابر       ނޫނެކެވެ. ދާދި އަވަހަށް ކަލޭމެންނަށް (ހަގީގަތތުގައި ކަން ހުރިގޮތް) އެނގޭނެއެވެ.

كلا سوف تعلمون       އަދި ނޫނެކެވެ. (ހަގީގަތުގައި ކަން ހުރިގޮތާއި، މުދަލާއި ފައިސާއާއި ދުނިޔޭގެ ޒީނަތްތެރިކަމުގެ ސާމާނު އެއްކޮށް ޖަމަޢަކޮށް އެއަށްޓަކާ ފަޚުރުވެރިވެ އުޅޭ ދިރިއުޅުން ޚިޔާރުކުރުމުގެ ނަތީޖާ ލަހެއްނުވެ ކަލޭމެންނަށް އެނގޭނެއެވެ.

ثم كلا سوف تعلمون     އަދި ނޫނެކެވެ. (ހަގީގަތުގައި ކަންހުރިގޮތާއި، މުދަލާއި ފައިސާއާއި ދުނިޔޭގެ ޒީނަތްތެރިކަމުގެ ސާމާނު އެއްކޮށް ޖަމަޢަކޮށް، އެއަށްޓަކާ ފަޚްރުވެރިވެ އުޅޭ ދިރިއުޅުން ޚިޔާރު ކުރުމުގެ ނަތީޖާ) ލަހެއް ނުވެ އެނގޭނެއެވެ.

كلا لو تعلمون علم اليقين  (ޚިޔާރުކޮށްގެން އުޅެންވީ “ތަކާޘުރު”ގެ، މުދަލާއި ފައިސާ، ދުނިޔަވީ ހަޔާތުގެ ޒީނަތްތެރިކަންތައްތައް، އެކަކު އަނެކަކަށްވުރެ ގިނަކުރުމުގެ، ދިރިއުޅުމެއް) ނޫނެވެ. ޔަގީން ކުރެވޭ، (އެއާމެދު އެއްވެސް ޝައްކެއް ނުކުރެވޭ)، އެނގުން ކަލޭމެންނަށް އެނގޭނަމަ، (އެގޮތަކަށް ނޫޅުނީހެވެ).

لترون الجحيم         (ޔަގީން އެވެ.) ކަލޭމެންނަށް ނަރަކަ ފެންނާނެއެވެ.

ثم لترونها عين اليقين    އަދި ހަމަ ޔަގީނެވެ. ޝައްކު ނުކުރެވޭގޮތަށް، ޔަގީންކަމުގެ ލޮލުން، ކަލޭމެންނަށް އެނަރަކަ ފެންނާނެއެވެ.

ثم لتسئلن يومئذ عن الجحيم ދެން، އެދުވަހުން (ދުނިޔޭގައި ކަލޭމެންނަށް ދެއްވި) ނިއުމަތްތަކާ މެދު ސުވާލު ކުރެވޭނެއެވެ.

ޖުމުލަ މާނަ

މުދަލާއި ފައިސާ، ބާރާއި ނުފޫޛު އަދި ދުނިޔަވީ ހަޔާތުގެ ޒީނަތްތެރި ކަންތަކާއި އެއްޗެތި ކަމަށް، ކީރިތި ޤުރްއާނުގައި ކަނޑައަޅުއްވާފައިވާ ކަންކަމާއި އެއްޗެތި، ހޯދައި އެއްކޮށް، ގިނަކޮށް، ޖަމަޢަކޮށް، އެތަކެއްޗާއި ކަންކަމުގެ ގިނަކަމަށްޓަކާ، މީސްތަކުންގެ މައްޗަށް، ނުވަތަ އެއްބަޔަކު އަނެއްބަޔަކަށާއި އެކަކު އަނެކެއްގެ މައްޗަށް ފަޚްރުވެރިވެ އުޅުން، ދުނިޔަވީ ހަޔާތާއި ވަކިވެ މަރުވެ ދިޔުމަށްފަހު ކުރިމަތިވާނެ ކަންތައްތަކާ އާޚިރަތް ދުވަހު ކުރިމަތިވާން ހުރި ކަންތައްތަކުން، ކަލޭމެން ވަނީ، މުޅީން ޣާފިލުކޮށްލާފަ އެވެ. އަދި މިޣާފިލުކަމުގައި ކަލޭމެން ދެމި ތިބެނީ، ކަލޭމެން މަރުވެގެން ޤަބުރުތަކަށް ދާންޖެހެން ދެންނެވެ. މިގޮތަށް ކަލޭމެން ދިރި އުޅެމުން ދަނީ، މިގޮތަށް ދުނިޔަވީ ހަޔާތު ވޭތުކޮށްލުމުގެ ނަތީޖާ ނޭނގޭތީއެވެ. މަރުވުމަށްފަހު، ކުރިމަތިވާން ހުރި ކަންތައްތައް ޔަގީންކަމާއެކު ގަބޫލު ނުކުރެވޭތީ އެވެ. ދުނިޔޭގައި ލިބޭ ހިއްސީ ބައެއް އުފައުތައް، ލޮލަށް ފެންނަ ރީތި މަންޒަރުތަކާއި، ކަންފަތަށް އިވޭ ހިތްގައިމު އަޑުތަކާއި، ދުލުން އިހުސާސުކުރެވޭ މީރު ރަހަތަކާ، ޖިންސީ ލައްޒަތުގެ އަރާމުތައް ހޯދައި ލިބިގަތުމަކީ، ދުނިޔޭގެ ހަޔާތުގައިއޮތް އެންމެ މޮޅު ކަންތައް ކަމަށް ދެކޭތީއެވެ. މިއުފާތައް ލިބިގަތުމަށްޓަކާ، މުދަލާއި ފައިސާ، ބާރާއި ނުފޫޒު ހޯދައި، ވީހާ ގިނައިން އެއްކޮށް އުޅުމަކީ، ހަޔާތުގެ މަގުސަދުކަމަށް ހެދިފައިވާތީ އެވެ. ނަމަވެސް، ހަގީގަތުގައި ކަންހުރީ ކަލޭމެންނަށް ފެންނަ ގޮތަކަށް ނޫނެވެ. ކަލޭމެންނަށް، ލަހެއް ނުވެ، އެކަން އެނގޭނެ އެވެ. އަދި ހަގީގަތުގައި ކަންހުރީ ކަލޭމެން ތިޔަ ހީކުރާގޮތަށް ނޫންކަން، ކަލޭމެންނަށް، ޔަގީން ކުރެވޭގޮތަށް، އެނގޭނަމަ، ތިޔަގޮތަކަށް ނޫޅުނީހެވެ. ޔަގީނެވެ. ކަލޭމެންނަށް ފެންނާނެއެވެ. އަދި ޔަގީން ކުރެވޭ ގޮތެއްގައި، ލޮލަށް އެނަރަކަ ފެންނާނެއެވެ. އަދި މިކަންތައްތައް ފެންނަ ދުވަހު، ﷲ ސުބްޙާނަހޫ ވަތަޢާލާ، ދުނިޔޭގައި ކަލޭމެންނަށް ދެއްވި، ނިޢުމަތްތަކުގެ ބޭނުން ހިފިގޮތާ މެދު ސުވާލު ކުރެވޭނެއެވެ.

________________________

ނޯޓު: މި ލިޔުމުގެ ފެށުމުގައިވާ  ފޮޓޯގައިވާ އަތުލިޔުމަކީ، އަލްފާޟިލް ޢަބްދުއްރަޙީމް ޢަބްދުލްމަޖީދުގެ އަތުލިޔުއްވުމެވެ.

About the author
2 Comments
  1. މަނިކެ

    ވަރަށް ރީތި އަތު ލިޔުމެއް. އަދި ސޫރަތުގެ ޖުމްލަ މާނަ ވަރަށް ސާފު. މިލިޔުންތައް ކިޔައި މީގެން ޢިބްރަތް ޙާޞިލްކޮށް އާޚިރަތާމެދު ވިސްނުމަށްޓަކާ ލިޔުންތެރިޔާ ކުރައްވާފައިވާ މަސައްކަތް ފަހުންވެސް ގެނެސްދެއްވި ކަމަށްޓަކައި ޝުކުރު ދަންނަވަން

    (1)(0)
  2. ކަރާނީ

    ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު (ރަޙިމަހުﷲ) އަކީ އަޅުގަނޑުގެ ވެސް ޢަރަބި ލިޔުމުގެ މުދައްރިސެކެވެ. އަދި އަޅުގަނޑަކީ އޭނާއާ އެކު މަސައްކަތްކުރުމުގެ ފުރުޞަތު ވެސް ލިބިފައިވާ މީހަކީމެވެ. ޢަބްދުއްރަޙީމަކީ ޢަރަބި ލިޔުމުގެ ތަފާތު ވައްތަރުތަކަށް ވަރަށް ކުރިއަރާފައި ހުންނެވި ބޭފުޅެކެވެ. އޭނާގެ އަޅުގަނޑު ދުށް ޢަރަބި ލިޔުން ވެސް ތާނަ ލިޔުން ވެސް، މިތާނގައި މި ފެންނަ ލިޔުމަށްވުރެ މާ ފުރިހަމަވެފައި މާ ރީއްޗެވެ!

    (0)(0)
Leave Comment