އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު، ނ.ޢ.ޢ.ވ. (ރަޙިމަހުﷲ) ގެ މި ލިޔުން ނަކަލުކޮށްފައި މިވަނީ، ދުވަހުނޫސް “ވިޔަފާރި މިއަދު” ގެ 26 ޖުލައި 1967 (ބުދަ) ދުވަހުގެ އަދަދުންނެވެ. ____________________________ “ނައިޖީރިޔާ، މަރުވެއްޖެއެވެ…. އަހަރެމެންނަކީ ބިއާފުރަނުންނެވެ” މިވަރުގަދަ ގޮވާލުމުގެ އަޑުތައް އިރުމަތީ ނައިޖީރިޔާގެ ވެރިކަން ކުރާ ރަށް އިނޫގޫއަށް ވެރިވެގެންދިޔައީ، އެއްދުވަހެއްގެ އިރުއަރައިގެން އައިވަގުތުއެވެ. އާދެ، އެދުވަހަކީ، ނައިޖީރިޔާގެ ބާރުހުރި މިނިވަން ޢިމާރާތުގައި، ޒަމާނުއްސުރެ ލަމުންއައި ރެނދުތައް ކަނޑަކަނޑައިގެން ގޮސް އެ ޢިމާރާތަށް ގެއްލުން ލިބުނު ދުވަހެވެ.…

އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު، ނ.ޢ.ޢ.ވ. (ރަޙިމަހުﷲ) ގެ މި ލިޔުން ނަކަލުކޮށްފައި މިވަނީ، ދުވަހުނޫސް “ވިޔަފާރި މިއަދު” ގެ 26 ޖުލައި 1967 (ބުދަ) ދުވަހުގެ އަދަދުންނެވެ.
____________________________

“ނައިޖީރިޔާ، މަރުވެއްޖެއެވެ…. އަހަރެމެންނަކީ ބިއާފުރަނުންނެވެ” މިވަރުގަދަ ގޮވާލުމުގެ އަޑުތައް އިރުމަތީ ނައިޖީރިޔާގެ ވެރިކަން ކުރާ ރަށް އިނޫގޫއަށް ވެރިވެގެންދިޔައީ، އެއްދުވަހެއްގެ އިރުއަރައިގެން އައިވަގުތުއެވެ. އާދެ، އެދުވަހަކީ، ނައިޖީރިޔާގެ ބާރުހުރި މިނިވަން ޢިމާރާތުގައި، ޒަމާނުއްސުރެ ލަމުންއައި ރެނދުތައް ކަނޑަކަނޑައިގެން ގޮސް އެ ޢިމާރާތަށް ގެއްލުން ލިބުނު ދުވަހެވެ. އިރުމަތީ ނައިޖީރިޔާގައި “ބިއާފުރާ”ގެ ނަމުން ނަން ލިބިގެންވާ ވެރިކަމެއް އުފެއްދި ދުވަހެވެ.

ނައިޖީރިޔާއަކީ، އެފްރިކާގައި އޮތް އެންމެބޮޑު ދައުލަތެވެ. ނައިޖީރިޔާގައި މުޅިއެކު، 57 މިލިޔަން މީހުން ދިރިއުޅެއެވެ. އޭގެތެރެއިން، އިރުމަތީ ނައިޖީރިޔާގައި އުޅެނީ 10 މިލިޔަން މީހުންނެވެ. ނައިޖީރިޔާއަށް މިނިވަންކަން ލިބުނުތާ 5 އަހަރުވީފަހުން، އެތާނގެ ފެޑަރަލް ސަރުކާރުގެ ބޮޑުވަޒީރު އަދި ނައިޖީރިޔާގެ މިނިވަންކަމުގެ ބަޠަލު ސަރ އަބޫބަކުރު ތަފާވާ ބަލޭވާ އަވަހާރަކޮށްލައި ވަރަށް ނުލަފާ އަދި ވަޙުޝީ އިންޤިލާބެއް އިރުމަތީ ނައިޖީރިޔާގެ ސިފައިން ގެނައެވެ. މިއިންޤިލާބުގެ ވެރިޔަކަށް ހުންނެވީ ޖެނެރަލް އިރޯންސީއެވެ. މިއިންޤިލާބުގެތެރޭގައި ހުޅަނގު ނައިޖީރިޔާ ބޮޑުވަޒީރު ސަރ އަޙްމަދޫ ބެއްލޫ (އަލްޙާއްޖަ) ވެސް އަވަހާރަކޮށްލިއެވެ. އަދި އެއްވެސް ކުށެއްނެތް އެތައްހާސް ބަޔަކު މަރައި ބޮޑެތި ރަށްރަށުގައި ހުޅުޖަހައި، ތަންތަން ލޫޓުމާރުކޮށް ހެދިއެވެ. މިކަމުގައި އިސްނަގައިގެން އުޅުނީ، އިރުމަތީ ނައިޖީރިޔާގެ މީހުންނެވެ.

ދެން އަނެއްކާވެސް މާގިނަ ދުވަސްތަކެއް ނުވަނީސް ނައިޖީރިޔާގައި 2 ވަނަ އިންޤިލާބެއް ގެނެވިއްޖެއެވެ. މިފަހަރުގެ އިންޤިލާބު ގެނައީ އުތުރު ނައިޖީރިޔާގެ ސިފައިންނެވެ. މިއިންޤިލާބުގެ ވެރިޔަކީ ކާނަލް ގޯވަންއެވެ. އެއީ ޢުމުރުން 32 އަހަރުވީ ސިފައިންގެ އޮފިސަރެކެވެ. އޭނާގެ ފުރިހަމަ ނަމަކީ ލެފްޓިނެންޓް ކާނަލް އަކޫބޫ ގޯވަންއެވެ. މިހާރު އޭނާގެ މިލިޓަރީ ދަރަޖަ، މޭޖަރ ޖެނެރަލްއެއްގެ މަޤާމަށް ވަނީ އުފުލިފައެވެ. އޭނާގެ ވެރިކަމުގެ ދަށުގައި 105000 ސިފައިންގެ ލަޝްކަރެއް އެބައޮތެވެ.

އިރުމަތީ ނައިޖީރިޔާގެ ވެރިޔާ ލެފްޓިނަންޓް ކާނަލް އޮޖޫކޫއަކީ މިލިޔަނަރއެއްގެ ދަރިއެކެވެ. އޭނާއަކީ އޮކްސްފޯރޑް ޔުނިވަރސިޓީގެ ގްރެޖްއޭޓްއެކެވެ. ސިފައިންގެ ތަރުބިޔަތު ލިބިފައިވާ އޮފިސަރެކެވެ. އުމުރުން 33 އަހަރުގެ ޒުވާނެކެވެ. ބިއާފުރާގެ ދައުލަތުގެ ވެރިއެއްކަމުގައިވެވަޑައިގަތްއިރު، އޭނާ ހުންނެވީ އިރުމަތީ ނައިޖީރިޔާގެ ރީޖަނަލް ގަވަރނަރއަކަށެވެ. އޭނާގެ އައުވެރިކަން އިޢުލާނު ކުރެއްވީ އެއްރެއެއްގެ މެންދަމުންއަލިވެ 3 ޖެހިއިރުއެވެ. އެމުހިންމު ރަސްމިއްޔާތުގެ އެންމެ ޚާއްސަ އައިޓަމްއަކީ ޝެމްޕޭން ޕާރޓީއެކެވެ. އާދެ، ރާބުއިމާއި އުފާފާޅުކުރުމުގެ މަޖާ ޕާރޓީއެކެވެ.

ނައިޖީރިޔާއަކީ ޤަބީލާތަކުގެ އަރާރުމާއި ހަސަދަވެރިކަން ވަރަށްބޮޑު ތަނެކެވެ. އެތާނގައިވާ އެންމެބޮޑެތި ޤަބީލާތަކަކީ، އުތުރު ނައިޖީރިޔާގައި އިސްލާމުންގެ “ހައުސާ” އެވެ. އަދި “ފުލާނީ” އެވެ. ހުޅަނގު ނައިޖީރިޔާގައި “ޔޮރޫބާ” އެވެ. އިރުމަތީ ނައިޖީރިޔާގައި “އިބޯ” އެވެ. ލެފްޓިނަންޓް ކާނަލް އޮޖޫކޫއަކީ އިބޯއިންގެ މީހެކެވެ. އޭނާގެ ވެރިކަމުގެ ދަށުގައި މިހާރު 7000 ސިފައިންނާއި ސިވިލިއަނުންގެ ވަރަށްބޮޑު ލަޝްކަރެއް އެބައޮތެވެ.

______________________________

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment