000މިއަދަކީ މުޅި ދުނިޔެއަށް މަޝްހޫރު އުރުދޫ އަދި ފާރިސީ ޅެންވެރިއެއް ކަމުގައިވާ ޢައްލާމާ މުޙައްމަދު އިޤްބާލު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތްތާ 137 އަހަރު ފުރުނު ދުވަހެވެ. އޭނާ އުފަންވެވަޑައިގަތީ 9 ނޮވެމްބަރު 1877 ގައެވެ. އިޤްބާލަކީ ހަމައެކަނި ޅެންވެރިއަކީއެއް ނޫނެވެ. އޭނާއަކީ ފަލްސަފާވެރިއެކެވެ. ސިޔާސަތުދާނެކެވެ. މުދައްރިސެކެވެ. ޤާނޫނީ ވަކީލެކެވެ. އިންޑިއާ އާއި ޕާކިސްތާނު ދެ ގައުމަކަށް ނުވެ އޮތް ދުވަސްވަރު، އެ ދުވަސްވަރުގެ އިނގިރޭސި އިންޑިއާގައި ޕާކިސްތާނު އުފައްދާން ފެށުނު ޙަރަކާތުގެ އެންމެ އިސް ބޭފުޅުންގެ ތެރޭގައި…
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

މިއަދަކީ މުޅި ދުނިޔެއަށް މަޝްހޫރު އުރުދޫ އަދި ފާރިސީ ޅެންވެރިއެއް ކަމުގައިވާ ޢައްލާމާ މުޙައްމަދު އިޤްބާލު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތްތާ 137 އަހަރު ފުރުނު ދުވަހެވެ. އޭނާ އުފަންވެވަޑައިގަތީ 9 ނޮވެމްބަރު 1877 ގައެވެ.

އިޤްބާލަކީ ހަމައެކަނި ޅެންވެރިއަކީއެއް ނޫނެވެ. އޭނާއަކީ ފަލްސަފާވެރިއެކެވެ. ސިޔާސަތުދާނެކެވެ. މުދައްރިސެކެވެ. ޤާނޫނީ ވަކީލެކެވެ. އިންޑިއާ އާއި ޕާކިސްތާނު ދެ ގައުމަކަށް ނުވެ އޮތް ދުވަސްވަރު، އެ ދުވަސްވަރުގެ އިނގިރޭސި އިންޑިއާގައި ޕާކިސްތާނު އުފައްދާން ފެށުނު ޙަރަކާތުގެ އެންމެ އިސް ބޭފުޅުންގެ ތެރޭގައި އޭނާ ހިމެނިވަޑައިގަތެވެ. މިހާރުވެސް ޕާކިސްތާނުގައި އިޤްބާލު ބަލަމުން ގެންދަނީ ޕާކިސްތާނުގެ ރޫޙީ ބަފައެއްގެ ގޮތުގައެވެ. އޭނާއަކީ އުރުދޫ އަދަބިއްޔާތުގެ އެންމެ އިސް ތަނބުތަކުގެ ތެރެއިން އެއް ތަނބެވެ. އުރުދޫ ބަހުންނާއި ފާރިސީ ބަހުން އިޤްބާލު ކުރައްވައިފައި ހުރި އަދަބީ މަސައްކަތްތައް ބެލެވެނީ އުރުދޫ އަދަބިއްޔާތުގެ މުތްތަކެއް ކަމުގައެވެ.

އިޤްބާލު އެންމެ ބޮޑަށް މަޝްހޫރު ވެވަޑައިގެންފައި ވަނީ ޅެންވެރިއެއްގެ ގޮތުގައެވެ. އެކަމަކު އޭނާއަކީ މި ޒަމާނުގެ އެންމެ ވަރުގަދަ އިސްލާމީ ފަލްސަފާވެރި މުފައްކިރު ކަމަށް ވަނީ ބެލެވިފައެވެ. އޭނާ ލިޔުއްވި އެންމެ ފުރަތަމަ ޅެން ފޮތަކީ އަސްރާރެ ޚުދީއެވެ. މި ފޮތް ނުކުމެފައި ވަނީ 1915 ވަނަ އަހަރު ފާރިސީ ބަހުންނެވެ. އުރުދޫ ބަހުން ހެއްދެވި ޅެންތައް އެކުލެވޭ އެންމެ މަޝްހޫރު ޅެން ފޮތަކީ ބާންގެ ދަރާ އެވެ. މީގެ އިތުރަށް ބާލެ ޖިބްރީލާއި ޒަރްބެ ކަލީމްވެސް ވަނީ ވަރަށް ބޮޑަށް މަޝްހޫރު ވެފައެވެ.

“ޝިކްވާ” ގެ ނަމުގައި އިޤްބާލް ލިޔުއްވި ދިގު ޅެމުގެ ސަބަބުން އޭނާއަކީ ކާފަރެއް ކަމަށް ޕާކިސްތާނުގެ ދަންނަބޭކަލުން ކަނޑައެޅިއެވެ. އަދި އޭނާޔާ ދެކޮޅަށް މުޒާހަރާތަކެއްވެސް ކުރިއެވެ. ޝިކްވާގައި ވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އިޤްބާލު ހުށަހަޅުއްވާފައިވާ ޝަކުވާ ތަކެކެވެ. މުސްލިމުން ﷲ ގެ ނަންފުޅު މަތިވެރި ކުރުމަށްޓަކައި އެތައް ބުރައެއް އުފުލި ނަަމަވެސް، ދުނިޔޭގައި އެންމެ ނިކަމެތި ހާލުގައި ދިރިއުޅޭ ބަޔަކީ މުސްލިމުން ކަމުގައި ވާތީ، ﷲ ގެ އިންސާފެއް ނެތް ކަމަށް ކުރައްވައިފައިވާ ޝަކުވާއެވެ. މި ޅެން ހެއްދެވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި “ޖަވާބެ ޝިކުވާ” ގެ ނަމުގައި އަނެއްކާވެސް ޅެމެއް ހެއްދެވިއެވެ. ޖަވާބެ ޝިކުވާގައި ވަނީ ކުރިން ހެއްދެވި ޝަކުވާގެ ޅެމަށް ދެއްވައިފައިވާ ޖަވާބެވެ. އެ ޅެން ބިނާ ކުރައްވައިފައިވަނީ އިންސާނެއްގެ ޝަކުވާއަށް ﷲ ދެއްވާ ޖަވާބެއްގެ ގޮތުގައެވެ. މުސްލިމުންގެ ނިކަމެތި ކަމާއި، ބަލިކަށި ކަމުގެ ހަގީގީ ސަބަބަކީ އެ މީހުންގެ ޣާފިލުކަމާއި، ވިޔާނުދާކަން ކަމުގައި ބަޔާން ކުރައްވައި ހެއްދެވި ޅެމަކީ ޢިލްމުވެރިކަމާއި، ފަލްސަފާވެރިކަމާއި، ޅެންވެރިކަމުގެ ރީތި ނަމޫނާއެކެވެ.

ކިންގް ޖޯޖް 5 ގެ ރަސްކަމުގައި، 1922 ވަނަ އަހަރު އިނގިރޭސި ވިލާތުން ވަނީ ޢައްލާމާ އިޤްބާލަށް ނައިޓްހޫޑް ގެ ޝަރަފު އަރުވައިފައެވެ. މި ލަގަބާއެކު އޭނާގެ ނަމުގެ ކުރިއަށް “ސަރ” ވަނީ އިތުރު ކޮށްފައެވެ. އިނގިރޭސި ވިލާތުގައި ފަލްސަފާއާއި ޤާނޫނު ކިޔަވައި ވިދާޅުވާން އުޅުއްވި ދުވަސްވަރު ލަންޑަނުގައި އޮތް “އޯލް އިންޑިއާ މުސްލިމް ލީގް” ޕާޓީގެ މެންބަރަކަށް އިޤްބާލް ވެވަޑައިގަތެވެ. އޭގެ ފަހުން 1930 ވަނަ އަހަރުގެ ޑިސެންބަރު މަހު ޕާޓީން ބޭއްވި ބައްދަލު ވުމުގައި އިޤްބާލު ކުރެއްވި ތަގުރީރު ވެގެން ދިޔައީ “އިލާހްއާބާދު ތަގުރީރު” ގެ ނަމުގައި މަޝްހޫރު ވެގެން ދިޔަ ތަގުރީރަށެވެ. އިންޑިއާގެ ހުޅަނގު އުތުރުގެ ރަށްތައް ހިމެނޭ ގޮތަށް ވަކި އިސްލާމީ ގައުމެއް އުފެއްދުމުގެ ޚިޔާލު އޭނާ ފައުޅު ކުރެއްވީ މި ތަގުރީރުގައެވެ.

ދެކުނު އޭޝިއާގައި އުރުދޫ ބަހުން ވާހަކަ ދައްކާ މީހުންގެ ތެރޭގައި ޢައްލާމާ އިޤްބާލަށް ވަރަށް ގިނަ ލަގަަބުތައް ދީފައި ވެއެވެ. އޭގެ ތެރޭގައި “ޝާޢިރޭ މަޝްރިޤް” (އިރުމަތީގެ ޅެންވެރިޔާ) އާއި، “މުފައްކިރޭ ޕާކިސްތާން” (ޕާކިސްތާނުގެ މުފައްކިރު) އާއި، “މުޞައްވިރޭ ޕާކިސްތާން” (ޕާކިސްތާނުގެ ކުރެހުންތެރިޔާ) އާއި “ޙަކީމުލްއުއްމަތު” (އުއްމަތުގެ ހިކުމަތްތެރިޔާ) ފަދަ އެތައް ލަގަބެއް ހިމެނެވެ. އޭނާ އަވަހާރަވީ ދުވަހަކީ ޕާކިސްތާނުގައި ރަސްމީ ބަންދު ދުވަހެކެވެ. އެ ދުވަސް ފާހަގަ ކުރަނީ “ޔަވްމެ ވިލާދަތެ މުޙައްމަދު އިޤްބާލް” ގެ ނަމުގައެވެ. ނުވަތަ އިގުބާލުގެ ދުވަހުގެ ނަމުގައެވެ. އިންޑިއާގައި އިޤްބާލުގެ ނަން ފާހަގަ ކުރަމުން ގެންދަނީ ގައުމީ ލަވަ، “ސާރޭ ޖަހާނސެ އައްޗާ ހިންދުސްތާން ހަމާރަ ހަމާރާ…” ހެއްދެވި ޅެންވެރިޔާގެ ގޮތުގައެވެ.

އިޤްބާލް ޕީއެޗްޑީ ނެންގެވީ ޖަރުމަނުގެ ޔުނިވަރސިޓީ އޮފް މިއުނިކުންނެވެ.

އޭނާ އަވަހާރަވީ ގޮތް ނޭނގޭ ގޮތަކަށް ކަރުފުޅުތެރެއަށް ޖެހިވަޑައިގަތް އާލާސްކަންފުޅެއްގައެވެ. އާލާސްކަންްފުޅު ޖެހިވަޑައިގަތީ 1933 ވަނަ އަހަރުގެ ތެރޭގައެވެ. އަވަހާރަވީ ލާހޯރްގައި، 21 އޭޕްރީލް 1938 ގައެވެ.

About the author
Leave Comment