“މިރޭ އެންމެބޮޑަށް އުފާފާޅުކުރައްވާނީ މަނިކުފާނު، ދިވެހި ތަޢުލީމުގެ ޒަމާނީ ކުރެހުންތެރިޔާ، މިރޭގެ ޙަޤީޤީ ފާތިޙަކީ މަނިކުފާނު ދިވެހި ތަރައްޤީގެ ޢަމަލީ ފާޑުވެރިޔާ” މުޅި ޖަލްސާގެ ކަޅިތައް އޭނާއާއި ދިމާއަށް ހުއްޓުވާލި ޢިބާރާތްތަކެކެވެ. އަޑުގެވެރިޔަކީ ޢަބްދުއްރަޝީދު ޙުސައިނެވެ. މަދްރަސަތުލް މަޖީދިއްޔާގެ ދިވެހި ޖަމްޢިއްޔާ، އެކުވެރީންގެ ގުޅުމުގެ މުޙައްރިރެވެ. ވާހަކަދައްކަމުން ގެންދިޔައީ އެކުވެރީންގެ ގުޅުމުގެ ފަރާތުން ދިވެހި ކެޑޭޓުންނަށް މަރުޙަބާ ކިޔުމުގެ ގޮތުން ބޭއްވުނު ޖަލްސާގައެވެ. މިޖަލްސާ އޮތީ މިދިޔަ ބުދަ ވިލޭރޭ މަދްރަސަތުލް މަޖީދިއްޔާގެ ގޯތިތެރޭގައެވެ. ލައުޑް ސްޕީކަރުގެ…

“މިރޭ އެންމެބޮޑަށް އުފާފާޅުކުރައްވާނީ މަނިކުފާނު، ދިވެހި ތަޢުލީމުގެ ޒަމާނީ ކުރެހުންތެރިޔާ، މިރޭގެ ޙަޤީޤީ ފާތިޙަކީ މަނިކުފާނު ދިވެހި ތަރައްޤީގެ ޢަމަލީ ފާޑުވެރިޔާ” މުޅި ޖަލްސާގެ ކަޅިތައް އޭނާއާއި ދިމާއަށް ހުއްޓުވާލި ޢިބާރާތްތަކެކެވެ. އަޑުގެވެރިޔަކީ ޢަބްދުއްރަޝީދު ޙުސައިނެވެ. މަދްރަސަތުލް މަޖީދިއްޔާގެ ދިވެހި ޖަމްޢިއްޔާ، އެކުވެރީންގެ ގުޅުމުގެ މުޙައްރިރެވެ. ވާހަކަދައްކަމުން ގެންދިޔައީ އެކުވެރީންގެ ގުޅުމުގެ ފަރާތުން ދިވެހި ކެޑޭޓުންނަށް މަރުޙަބާ ކިޔުމުގެ ގޮތުން ބޭއްވުނު ޖަލްސާގައެވެ.

މިޖަލްސާ އޮތީ މިދިޔަ ބުދަ ވިލޭރޭ މަދްރަސަތުލް މަޖީދިއްޔާގެ ގޯތިތެރޭގައެވެ. ލައުޑް ސްޕީކަރުގެ ޒަރީޢާއިން މާލޭގެ ހެންވޭރުކޮޅުގެ މީހުން އެރޭ އަހަމުން ގެންދިޔަ ހިތްފަސޭހަ ދިވެހި ލަވަތައް އެއީ މިޖަލްސާގެ ލަވަތަކެވެ.


“މިރޭ އެންމެބޮޑަށް އުފާފާޅުކުރައްވާނީ މަނިކުފާނު، ދިވެހި ތަޢުލީމުގެ ޒަމާނީ ކުރެހުންތެރިޔާ، މިރޭގެ ޙަޤީޤީ ފާތިޙަކީ މަނިކުފާނު ދިވެހި ތަރައްޤީގެ ޢަމަލީ ފާޑުވެރިޔާ”  

– ޢަބްދުއްރަޝީދު ޙުސައިން

މަދްރަސަތުލް މަޖީދިއްޔާގެ ނާޒިރު ރޭގެ ޖަލްސާ ތަޢާރަފުކޮށްދެއްވުމަށްފަހު ދެންތެދުވެވަޑައިގަތީ ޖަލްސާގެ ޢިއްޒަތެރި މެހުމާނު ޞާޙިބުއް ސަޢާދާ އަލްއުސްތާޛު އިބްރާހީމް ޝިހާބެވެ. ބަލާޣަތްތެރި ޢިބާރާތްތަކުން ކެޑެޓް ކުދިން މިފަހަރު ސިލޯނުގައި ހޯދި ކާމިޔާބީއަށްޓަކައި މުބާރިކުބާދީ އަދާކުރެއްވިއެވެ. އަދި އެކުދީންގެ ކާމިޔާބުގެ ސިއްރުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި އެމަނިކުފާނުގެ ވާހަކަފުޅުގައި، ކިޔަމަންތެރިކަމުގެ މައްޗަށާއި ދިފާޢު މިލަފުޒުގައި އެކުލެވިފައިވާ ފުން މަޢުނައިގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. ވާހަކަފުޅު ނިންމަވާލެއްވީ، މިޒަމާނުގެ ގޮތަށް ދިވެހި ތަޢުލީމު އަނބުރާލެއްވި ޒަޢީމު ޞާޙިބުއް ދައުލާ ސުމުއްވުލް އަމީރު އިބްރާހީމް ރަންނަބަނޑޭރި ކިލެގެފާނު ނ.ޣ.ޢ.ވ.ގެ އަރިހަށް ޝުކުރުގެ އަތްތިލަބަޑިއަކަށް ގޮވާލައްވަމުންނެވެ.

ދެން ތެދުވެންނެވީ އަލްފާޟިލް މުޙައްމަދު ޒާހިރު ނަޞީރެވެ. ވާހަކަދެއްކެވީ އިނގިރޭސި ބަހުންނެވެ. މަޖީދީ ކެޑެޓުން މިއަހަރު ހޯދި ލާމަސީލު ކާމިޔާބީއަކީ ދިވެހި ކޮންމެ ހިތެއް ފަޚުރުވެރިވާފަދަ ކާމިޔާބީއެއްކަމަށް އޭނާ ބުނުއްވިއެވެ. ކެޑެޓު ކުދިންގެ ފަރާތުން ވާހަކަދެއްކީ ސާޖަންޓް މައިޒާން އާދަމް މަނިކެވެ. އޭނާ ބުންޏެވެ. ” އަޅުގަނޑުމެންނަށް ޤަބޫލުކުރެވުނު ގޮތުގައި މިއީ އާދައިގެ ސިލޯނު ދަތުރެއް ނޫނެވެ. އަދި އާދައިގެ ކޭމްޕްއެއްވެސް ނޫނެވެ. މާލޭގެ ބަނދަރުން މާލޭގެ ބަނދަރަށް އަޅުގަނޑުމެން މުވާޠިނުންނަށް ލިބެމުންދިޔައީ އެންމެ ބޭނުން ތަމްރީނުތަކެވެ. ފުރަތަމަ ބަޔަކީ ދީނީ ބައެވެ. އެބައި ވަރަށް ފުރިހަމަ ގޮތެއްގައި ލިބުނީ ސޯސަންވިލާއިންނެވެ. ދެންއައީ ޤައުމީ ޖިހާދެވެ. އެއީ ދިޔަތަލާވާގެ ފިނި ޖައްވުންނެވެ. އާދޭހެވެ! އަޅުގަނޑުމެން އުޅެފައި މިއައީ އަދި ތަމްރީނު ލިބިގެން މިއައީ ދީނީ އަދި މިލިޓަރީ ކޭމްޕަކުންނެވެ.

ކޭމްޕުގެ ކޮންމެ ފިނި ދުވަހެއް އަޅުގަނޑުމެން ފަށަނީ ފަތިހު 3.30 ގައެވެ. ހުރިހާ ކުދިންތެދުވެ އެކުއްޖެއްގެ އެނދު ތަންމަތި އެޅުމަށްފަހު އެނދުތައް ސީދަލަކަށް ނަނެއް ދަމައިގެން ތެދުކޮށް އަދިހަމަ މިފަދައިން އެނދުގެ ފައިލާކޮޅުގައި ބާއްވާފައިވާ ތުވާލި އޭގެމަތީގައި ބަހައްޓާފައިވާ ބަތްކާތަށި އޭގެ ދެފަރާތުގައި ބޭއްވިފައިވާ އުލާއި ސަމުސާ ދެ އެނދެއް ތަފާތު ނުވާގޮތަށް އަތުރައިލުމަށްފަހު ހަޓްސާފުކޮށް ތަޅުންގަނޑު ޕޮލިސްކުރުމަށްފަހު ފަތިސް ނަމާދު ކޮށްގެން 6.00 ގައި، ހެނދުނުގެ ފިނިކަން ހަށިގަނޑުން ފިލުވައިލުމަށްޓަކާ، އަދި އަންނަން އޮތް ޓްރޭނިންގތަކަށް ހަށިގަނޑު ހޭނުމަށްޓަކާ ޕީ.ޓީ.ކުރުމަށް ނުކުންނަނީ ޕީ.ޓީ. ކިޓްގައެވެ. ބައިގަޑިއިރުގެ ޕީ.ޓީ.އަށްފަހު އާމަރީއަށް ގޮސް ރައިފަލު ނަގައިގެން ހަޓަށް އައިސް ޔުނިފޯމުއަޅައި ބުރެކްފާސްޓުކޮށްގެން 7.30 އަށް މާސްޓަރޕެރޭޑަށް ޕެރޭޑް ސްކައަރގައި ފޯލިން ކުރަނީއެވެ. މާސްޓަރ ޕެރޭޑްގައި އޮންނަނީ ކަމްޕެނީތައް އިންސްޕެކްޓް ކުރުމެވެ. މިއަށްފަހު ދުވަހުގެ ޓްރޭނިންގ ފެށުނީއެވެ. ފުރަތަމަ ރައިފަލްއާއި ލައިޓްމެޝިންގަން ރޫޅާ ރާވަން އަދި އެކިއެކި ބޭނުންކުރަން ދަސްކޮށްދިނުން އޮވެއެވެ. 10.30 ގެ ސަޔަށްފަހު ކެޑެޓްޑްރިލް ޓްރޭނިންގ ފެށެއެވެ. މިކަން 1.15 ވަންދެން ދެމިއޮވެއެވެ. މިހުރިހާ ޓްރޭނިންގއެއް ދެމުން ގެންދަނީ ސިލޯނުގެ ސިފައިންގެ ތެރެއިން މިކަމަށް ޚާއްޞަ ކުރެވިފައިވާ އިންސްޓްރަކްޓަރުންނެވެ. މެންދުރު ޓްރޭނިންގ ނިންމާފައި ރައިފަލް ދެއްކުމަށްފަހު ހަޓަށް އައިސް މެންދުރުގެ ކެއުމަށް ތައްޔާރުވެގެން މެސްއަށް (ކެއުމަށް ތައްޔާރުކުރެވިފައިވާ ހަޓް) ކެއުމަށްޓަކާ ދަނީއެވެ. ގިނަދުވަހުގެ މެންދުރުފަސް ހުސްކަމުގައި ވިޔަސް އަޅުގަނޑުމެންގެ ހަޓްގެ އެތެރެއާއި، ބޭރު ސާފުކޮށް ތަޅުގަނޑު ދޮވެ ޕޮލިސްކޮށް އަދި ބޫޓާއި ކަމަރު، ޕޮލިސްކޮށް އޮފުއެރުވުމުގައި މިވަގުތުތައް ހޭދަކޮށްލަމެވެ. ހަމަމިފަދައިން އަޅުގަނޑުމެންނަށް ހުސްވަގުތެއް ލިބިއްޖެ ހިނދެއްގައި އަޅުގަނޑުމެންގެ ނަމާދުތައް ކުރުމަށް، އަވަސްވަމެވެ. މިގޮތުގައި ރޭގަނޑުގެ ނިދުމާއި ޖެހެންދެން އެކުވެރިކަމާއި ފޯރީގައި ހުރިހާ ކުދިން މަސައްކަތް ކުރަނީއެވެ. އެއްބައި ދުވަސްދުވަހު މެންދުރުފަހުގެ ވަގުތުތަކުގައި ޕްލެޓޫން އެޓޭކް ފަޔަރރިންގ ޕްރެކްޓިސް ލެކްޗަރސް އަޑުއެހުން އޮވެއެވެ. ބައެއް ރޭރޭ ބައިސްކޯފް ޝޯވ އޮވެއެވެ. ދުވަހުގެ މަސައްކަތް ނިމެނީ ރޭގަނޑު 10.15 ގައެވެ.

ޖަލްސާގެ އައިޓަމްތަކުގެތެރޭގައި ބޮޑުބެރުޖެހުމުގެ ތަމްސީލެއްވެސް ކެޑެޓް ކުދިން ދެއްކިއެވެ. އެއީ އެކުދިން ސިލޯނުގައި ކުޅުނު ތަމްސީލެކެވެ.


“ދިވެހި ކެޑެޓުން ސިލޯނު ކޭމްޕްގައި ހޯދި ކާމިޔާބީގެ ފަހަތުގައިވާ ސިއްރަކީ، މެދުކެނޑުމެއްނެތި ކުރަމުން ގެންދިޔަ ހިންމަތްތެރި މަސައްކަތާއި، އެއްވަނައަށް އައުމަށް އެކުދިންގެ ހިތުގައި ކަނޑައެޅި ގަދަފަދަ ޢަޒުމެވެ.”

– އަމަަރަސޭނާ

ޖަލްސާއަށްފަހުގައި ލެފްޓިނަންޓް އަމަރުސޭނާއާއި، އަޅުގަނޑުމެން ސުވާލުކޮށްލީމާ، އޭނާ ބުނުއްވިއެވެ. “ކެޑެޓް މަސައްކަތް އަޅުގަނޑު ފެށީއްސުރެން އަޅުގަނޑުގެ މަޤްޞަދެއްކަމުގައި ހަދާފައި އޮތީ ސޮކެވްޑް ޑްރިލްއިން 1 ވަނަ ހޯދުމެވެ. އެއީ ކޭމްޕްގެ އެންމެ ޚާއްޞަ މުބާރާތެވެ. މިއަހަރު އަޅުގަނޑުމެންނަށް ލިބުނީ، މުބާރާތުގެ ތަށި އެކަންޏެއް ނޫނެވެ. އެހެން އެތައް ކަންތައްތަކަކުންވެސް 1 ވަނަ ލިބުނެވެ.”

“ދިވެހި ކެޑެޓުން ސިލޯނު ކޭމްޕްގައި ހޯދި ކާމިޔާބީގެ ފަހަތުގައިވާ ސިއްރަކީ، މެދުކެނޑުމެއްނެތި ކުރަމުން ގެންދިޔަ ހިންމަތްތެރި މަސައްކަތާއި، އެއްވަނައަށް އައުމަށް އެކުދިންގެ ހިތުގައި ކަނޑައެޅި ގަދަފަދަ ޢަޒުމެވެ.”

ސާޖެންޓްގެއާއި ކެޑެޓް އެހެންކުދީންގެ ފަސްޖެހުމެއްނެތް ކިޔަމަންތެރިކަމާއި އެއްބާރުލުން އެއީ އަޅުގަނޑުމެންގެ އަހަރީ ކެޑެޓް ކޭމްޕްގައި ލިބުނު ކާމިޔާބީގެ މައިގަނޑު ސިއްރެވެ. އަޅުގަނޑުމެންގެ ޢިއްޒަތްތެރި ބޮޑުވަޒީރު، މިސްޓަރ އިބްރާހީމް ނާޞިރަށާއި އޭނާގެ ހީވާގި ނާއިބު ޢިއްޒަތްތެރި މިނިސްޓަރ އިބްރާހީމް ރަޝީދު އަދި ސިލޯނުގައި ހުންނަވާ ދިވެހި އެމްބެސެޑަރ ހިޒްއެކްސަލަންސީ ޙިލްމީ ދީދީ، ސޯސަންވިލާގެ ކުދީންގެ ތަޢުލީމާއި ޙަވާލުވެވަޑައިގެން ހުންނަވާ މިސްޓަރ އިބްރާހީމް ޙިލްމީ ދީދީ މަދްރަސަތުލް މަޖީދިއްޔާގެ ނާޒިރު މިސްޓަރ ޖޭ.ވީ. ހިލް، ހެޑްމާސްޓަރ މިސްޓަރ ޢުމަރު ޒާހިރު އަދި ވުޒާރަތުލް މަޢާރިފްގެ މުވައްޒަފުންނަށް އެހުރިހާ ފަރާތްތަކުން އަޅުގަނޑަށާއި ކެޑެޓުންނަށް ދެއްވި މަތިވެރި އެހީތަކަށްޓަކައި، އަޅުގަނޑު އިޚްލާޞްތެރިކަމާއިއެކު ޝުކުރު ދަންނަވަމެވެ.

ބުދަވިލޭރޭ ކެޑެޓް ކުދިންނަށް މަރުޙަބާ ކިޔުމުގެ ގޮތުން އެކުވެރިންގެ ގުޅުމުގެ ފަރާތުން ބޭއްވި ޕާރޓީ ވަރަށް ވެސް ފުރިހަމައެވެ.

______________________

ދުވަހުނޫސް “ވިޔަފާރި މިއަދު” ގެ 17 މެއި 1968 (ހުކުރު) ދުވަހުގެ އަދަދުން ނަކަލުކޮށްފައި.

_____________________________________________________

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment