އަޙްމަދު ޝަފީޤު މިބައި ނަގައިފައި ވަނީ “ފަތްތޫރަ” މަޖައްލާގެ 148 (ޖުލައި 1991) ވަނަ ޢަދަދުންނެވެ.  (22 އޮކްޓޫބަރުގައި ޝާޢިއު ކުރި ބަޔާ ގުޅޭ) 1970މ.ވަނަ އަހަރަށް އެޅިގެން، އެ ދިހައެއްގެ އެކިއަހަރު ކަޑައްތުކުރަމުން އައިއިރު، އޭގެ ދޮޅަހަކަށް އަހަރު ކުރީއްސުރެ ޢާންމުންގެ ޚިޔާލަށް އަންނަން ފަށާފައިވާ ބަދަލެއް، ތަންކޮޅެއް ފާޅު ގޮތެއްގައި ފެންނަން ފަށައިފިއެވެ. މިހެން ވާން ޖެހުމުގެ މައިގަނޑު ކަންކަމުގެ ތެރޭގައި އޭގެ ތިރީހަކަށް އަހަރު ކުރީއްސުރެން ފެށިގެން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ފެތުރެމުންދިޔަ…

އަޙްމަދު ޝަފީޤު

މިބައި ނަގައިފައި ވަނީ “ފަތްތޫރަ” މަޖައްލާގެ 148 (ޖުލައި 1991) ވަނަ ޢަދަދުންނެވެ.

 (22 އޮކްޓޫބަރުގައި ޝާޢިއު ކުރި ބަޔާ ގުޅޭ)

1970މ.ވަނަ އަހަރަށް އެޅިގެން، އެ ދިހައެއްގެ އެކިއަހަރު ކަޑައްތުކުރަމުން އައިއިރު، އޭގެ ދޮޅަހަކަށް އަހަރު ކުރީއްސުރެ ޢާންމުންގެ ޚިޔާލަށް އަންނަން ފަށާފައިވާ ބަދަލެއް، ތަންކޮޅެއް ފާޅު ގޮތެއްގައި ފެންނަން ފަށައިފިއެވެ. މިހެން ވާން ޖެހުމުގެ މައިގަނޑު ކަންކަމުގެ ތެރޭގައި އޭގެ ތިރީހަކަށް އަހަރު ކުރީއްސުރެން ފެށިގެން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ފެތުރެމުންދިޔަ ތަޢުލީމުން ޒުވާނުންނަށް ރަނގަޅު ހޭލުމެއް ލިބެން ފެށުން، ފައިސާގެ ތަނަވަސްކަން ފެތުރެމުން ދާން ފެށުން، ދުނިޔެއާއި ގުޅިފައިވާ މުވާޞަލާތީ ގުޅުން ފެތުރެމުން ދިޔުން އަދި ބޭރު ދުނިޔޭގެ ތެރަށް ޢާންމުންނަށް ނުކުމެވޭނެ ގޮތް މެދުވެރިވުން ހިމެނެއެވެ. މިއިން އެއްވެސް ކަމަކީ، ދެން އަނބުރާ ފަހަތަށް ކޮއްޕާލެވޭނެ ކަމަކަށް ނުވާނެ އެވެ. އެހެނީ، މިކަންކަން މިހެންވުމަށް މެދުވެރިކުރީ ޒަމާނާއި، ޙާލާއި މަކާނެވެ. އެހެންކަމުން ވަގުތުޖެހުމުން ބިހުގެ ތޮށިގަނޑު ފަޅާލާފައި ފިޔޮއް ނުކުމެގެން ދުނިޔޭގެ ވަޔަށް ނޭވައިލާންފެށިއެވެ. ތިމާގެ އަމިއްލަ އެދުމަށާއި ބޭނުމަށް ހުޅުވާލެވޭ ކޮންމެ ދޮރަކުން އަނެކުންވެސް ނުކުމެ މަގު ހޯދަނީއެވެ.

އާދެ، މިދަނޑިވަޅު ދިމާވެގެން އައި ދެރަ ކަންތައްތަކެއްވެސް ވެއެވެ. “ބުނާ މީހުން ނޫނެކޭ ބުނަމުން”، ގިނަ ޒުވާނުން ހިނގައިގަތީ ޔޫރަޕްގެ ތަހުޒީބުގެ ޒީނަތުގެ ބާޒާރާ ދިމާއަށެވެ. އެހެންކަމުން ދިރިއުޅުމުގެ ފެންވަރަށް ވުރެން ޚަރަދު މައްޗަށް ދާގޮތް ދިމާވާން ފެށީއެވެ. މިކަން އެކިއެކި ޤާނޫނު އުފައްދައިގެން މިންވަރު ހަމަ ކުރެވޭތޯ ބެލެވެއެވެ. އިސްރާފުގެ މަގުން ދިވެހިންގެ ޒުވާން ޖީލު ނެއްޓުވޭތޯ ނަސޭހަތްތެރިވާ އެކިއެކި ފަރާތްވެސް ހުއްޓެވެ. މިދަނޑިވަޅު މިނިވަންކަމުގެ މާނަ އޮޅެމުންދާ ކަމަށްވާތީ، އެކަން އޭގެ ޙައްދުގައި އޮބެހެއްޓުމަށް ރަސްމީ ބާރު އެޅެންވެސް ފެށިއެވެ. ތަނުގައި ތިބި ޢިލްމުވެރި ވިސްނުންތެރިން ދެކެމުން އައި ގޮތުގައި ކުރީގެ ޖީލާއި ފަހުން އުފެދެމުން މިދާ ޖީލުގެ ދިވެހިން، ކަންކަމާ މެދު ވިސްނަމުންދާ ގޮތް ތަފާތުވާކަމަށް ވެއްޖެއެވެ. ދިވެހި މަސްވެރި ޒުވާނުން މަސްވެރިކަމަށް ކަންނެތްވުމާއި، ޢާންމު ދިރިއުޅުމުގައި ރަށްފުށުގައި ކުރަމުން އައި އެތައް މަސައްކަތެއް ދަށަށް ދިޔުމާއި، އަދި އެދިރިއުޅުމުގައި އުފައްދާ ތަކެތީގެ އަގު މައްޗަށް ދާން ފެށުންވެސް ދަތި މައްސަލަތަކެއް ކަމަށް ވިއެވެ. މިދަނޑިވަޅުގައި ބައެއް ވިސްނުންތެރިން ބުނަނީ، ދިވެހިން މިވަގުތު ތިބީ ދިރިއުޅުން މުޅިން އެހެން ގޮތަކަށް ބަދަލުވުމެއްގެ އިންޤިލާބެއްގެ ތެރޭގައި ކަމަށެވެ.

ކުރިމަތިވި މިދުވަސްވަރަށް އެޅުނުއިރު ދިމާވެފައިވާ ޤައުމީ އިޤްތިޞާދުގެ ވަރަށް ބޮޑު އެހެން މައްސަލައެއްވެސް އޮތެވެ. އެއީ ބޭރުވެހިން ދިވެހި މަސްކަނޑުތަކަށް ވަދެ މަސްވެރިކަމަށް ދަތިއަރައިގަތުމެވެ. މިކަމަށްޓަކައި ބައިނަލް އަޤްވާމީ ދުނިޔޭގައި އަޅުގަނޑުމެންގެ އިލްތިމާސްތައް ހިންގައި އެންމެ ފަހުން ޔޫ.އެން. ގައި އަޅުގަނޑުމެން ޝަކުވާކޮށް ދިވެހިރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދެއް ކަނޑައެޅުވީމުއެވެ. އަދި އޭގެ ދުވަސްކޮޅެއް ކުރިން ސިޔާސީ ސަރަޙައްދެއްވެސް ވަނީ ކަނޑައަޅުވާފައެވެ.

އަޅުގަނޑު ދެކޭ ގޮތުގައި ދުނިޔޭގެ މިޒަމާނުގެ ފިކުރީ ހަނގުރާމައިގައި ދިވެހިންނަށް ބައިވެރިވެވޭން ފެށީ މިދެންނެވި ދުވަސްވަރަށް އެޅިގެން އައިއިރުއެވެ. ބައިނަލް އަޤްވާމީ ކަންކަމާއި އެނޫންވެސް މިހާރުގެ ދުނިޔޭގެ މަސްރަޙުތަކުގައި ބައިވެރިވާން ފެށުމުންނެވެ.

ޝައްކެއް ނެތެވެ. ދިވެހީންގެ މަސްކަނޑުތަކުގައި ބޭރުގެ އުނދަގޫތައް ވަރަށް ވެސް ހިނގައިގަތެވެ. ބޭރުވެހީން ފަހާލުމަށް، ދިވެހިމަސްވެރީން މެދުނުކެނޑި ކުރަމުން ދިޔަ މި ޝަކުވާގެ އަޑު ސަރުކާރުން އައްސަވައި، މަސްކަނޑު ބެލެހެއްޓޭނެ ގޮތެއް ހޯއްދަވަން ފެއްޓެވިއެވެ. މިގޮތުން ސިފައިން މަސްކަނޑުތައް ޕެޓްރޯލްކޮށް ބަލަހައްޓަން ފެށިއެވެ. އަދި ހަމަ އެދަނޑިވަޅުގެ ތެރޭގައި (1972މ. ވަނަ އަހަރު) ޖަޕާނުގެ “މަރުބޭނީ” ކުންފުންޏާއި ދިވެހި ސަރުކާރާ ދެމެދު ކުރެވުނު އެގްރީމެންޓެއްގެ މަތިން އެމީހުންގެ މަސްބޯޓު (މަދަރޝިޕް) ދިވެހިންގެ ބަނދަރުތަކަށް އައިސް ރޯމަސް ގަނެ ބޭރުކުރުމުގެ ވިޔަފާރި ފަށައިގަނެވުނެވެ. އަދި ހަމަ މިދުވަސްވަރުގެ ތެރޭގައި، އިންޑިޔާ ސަރުކާރާ ދިވެހި ސަރުކާރާ ގުޅިގެން، އަލަށް ރޯމަސްތައްޔާރުކުރާ ކާރުޚާނާއެއް ފާދިއްޕޮޅު ފެލިވަރުގައި ހިންގަން، ޢިމާރާތްކުރުމުގެ މަސައްކަތް ފެށުނެވެ. އެއީ 1975މ. ވަނަ އަހަރުއެވެ. ކޮންމެއަކަސް، ފަހުން މިފެކްޓަރީގެ މަސައްކަތް، އަނެއްކާވެސް ޖަޕާނު ސަރުކާރާ ގުޅައިގެން ކުރިޔަށް ގެންގޮސް ނިންމައި އެދެވޭ ގޮތުގެ މަތީން ފެކްޓަރީ ހިނގައިގަތެވެ.

އާދެ، 1970 އިން ގުނެމުންދިޔަ އަހަރުތަކުގެ ތެރޭގައި ސިޔާސީ އަދި އިޤްތިޞާދީ އެހެންކަމެއްވެސް ދިމާވިއެވެ. އެއީ ސިރީލަންކާގައި ހިނގަމުންދިޔަ މަހުގެ ވިޔަފާރިއަށް ދަތިއަރަން ފެށުމާއެކު އެންމެ ފަހުން 1978 މ. ގައި ލަންކާއަށް ދިވެހިމަސް ގަތުން އެވަގުތަށް މުޅިން ހުއްޓާލުމެވެ. އަލުން މިކަން ހިނގައިގަތީ 1979މ. ގެ ތެރޭގައެވެ. އެވޭލާއިން މިވޭލާއަށް ބަލާބެލުމެއްގައި ލަންކާއަށް ބޭނުންވާ ކަނޑުމަހުން %33 ހިމެނިގެން ދަނީ ދިވެހިކަނޑުމަހުންނެވެ. ކޮންމެއަކަސް މިކަން އަލުން ހަމަޖެހިގެން ދިޔުމާ ވަރަށް ގާތުގައި “މޯލްޑިވްސް ފިޝަރީޒް ކޯޕަރޭޝަން” އުފެދުނެވެ. މިއީ ވަރަށްވެސް ހަރުދަނާ ފިޔަވަޅަކަށްވިއެވެ. ކުރިއަރަމުންދާ ޒަމާނާ ގުޅޭ އިތުރު ކުރިއެރުން ލިބެން ފެށި ކަމެއްމެއެވެ.

މަސްވެރިކަން ކުރިއަރުވަން އެޅުނު އައު ފިޔަވަޅުތަކުގެތެރޭ ހިމެނޭ އެއްކަމެއްގެ ގޮތުން ބޭރުގެ ބޯޓުފަހަރަށް ބަނދަރަށް ރޯމަސް ވިއްކަން ފެށުން ހިމެނުނީ މަސްވެރިންގެ އަތްމައްޗަށް ހުރަހެއްނެތި، ކުރިމަސައްކަތުގެ އަގު، ނަގުދުން ލިބެން ފެށުމަށެވެ. މިކަން ފެށިގެން ހިނގައިގަތުމުގެ ތެރޭގައި ކުއްލި އެހެން ދަތިކަމެއް ދިމާވިއެވެ. އެއީ ހިކިމަހާއި ރިހާކުރާއި ކުނޑިމަހާއި، ކަށިކުނޑި އުފެއްދުން މުޅިންހެން ހުލިވެގެންދާން ފެށީއެވެ. އަދި އެހެން ދަތި މައްސަލައެއްވެސް ކުރިމަތިވިއެވެ.

ބޭރުވެހިން އެމީހުން ނުދެކޭ ދިވެހި ކަނޑުފަޅުތަކަށް އަލަށް ވަދެވުމުން ތަނުގެ ޤުދްރަތީ މުއްސަނދިކަމަށްވެސް ގެއްލުން ލިބެންފެށީއެވެ. އެމީހުންގެ ރޯމަހު ވިޔަފާރިއަށް ފުރަތަމަ ހުޅުވާލެވުނު ބަނދަރަކީ ފާދިއްޕޮޅެވެ. ޖޯގްރަފީ ގޮތުންނާއި އިޤްތިޞާދީ ގޮތުންވެސް ޚާއްޞަ ސަރަހައްދެކެވެ. މިއަތޮޅުތެރޭންނާއި އަވަށްޓެރި އަތޮޅުތަކަށް ލިބެންފެށި ގެއްލުމަކީ، ކަހަނބާއި، ވެލަޔާއި، ބޮއްޔާ އަދި އެންދެރި ފަދަ އެއްޗެހި ނުސީދާގޮތުގައި “ރޯމަހުގެތެރޭގައި” ބޭރުވާން ފެށީއެވެ. މިކަން ހަމަޔަކަށް އެޅުނީ ކަސްޓަމްސްގެ ގޮތްޕެއް ފާދިއްޕޮޅުގައި ހުޅުވައިގެންނެވެ. އަދި ދުވަސްކޮޅެއް ފަހުން ހިކިކަނޑުމަހާއި، ފަރުމަހާއި، އިއްސާއި، ހުއިފިލަނޑައާއި، ބޮލީގެ ވައްތަރުތަކާއި، މިނޫންވެސް ކަނޑުގައި އުފެދޭ ތަކެއްޗާއި އެތަކެތިން އުފައްދާ އެކިއެކި އެއްޗެހި ވިޔަފާރީގެ ގޮތުން ހުއްދަ ނުވަތަ ލައިސަންސް ލިބޭ ފަރާތްތަކުން ބޭރުކުރެވޭ (އެކްސްޕޯޓް ކުރެވޭ) ގަވާއިދެއް ހަމަޖެހުނެވެ. މިގޮތަށް ހަމަޖެހުމުން، ކަނޑުމަހުން އުފައްދާ ކުރިން ދެންނެވި ބާވަތްތައް އުފެދޭން ފެށުނެވެ.

އާދެ، ފެލިވަރުގައި ޢިމާރާތްކުރެވުނު “ޓޫނާ ކޭނިންގް ފެކްޓަރީ” ހުޅުވާލެވިގެން 1978 މ.ގައި ފުރަތަމަ ޝިޕްމެންޓް އެކްސްޕޯޓްކުރިއެވެ. ފަހުން މިތަނަކީ، 1977މ.ވަނަ އަހަރުގެ ތެރޭގައި ޖަޕާނުގެ “ނިޕޯން ސުވިޒާން ކައިޝޭ ލިމިޓެޑް” އާ ގުޅުއްވައިގެން ދިވެހި ސަރުކާރުން ބިނާކުރެއްވި ތަނެކެވެ. ދިވެހިރާއްޖޭގައި އުފެއްދި ފުރަތަމަ “ދަޅުމަސް ބަންދުކުރާ ކާރުޚާނާ” އެވެ.

އިޤްތިޞާދީ ދަނޑުގައި 1972މ. ވަނަ އަހަރާ ހަމަޔަށް އާދެވުނު ތަނާ،ޓޫރިޒަމް ފެށިއްޖެއެވެ. ފުރަތަމަ ރިސޯޓަކީ، އަމިއްލަ ފަރާތަކުން އުދެއްފި ވިހަމަނާފުށި (ފަހުގެ ނަމުން ނަމަ ކުރުނބާ ވިލެޖް) އެވެ. ތަޖުރިބާ ނެތި ފެށުނު ކަމަކަށް ވުމާއެކު ފުރަތަމަ ކޮޅުގައި މައްސަލަތަކެއް ކުރިމަތިވިއެވެ. ނަމަވެސް ހައެއްކަ އަހަރުގެ ތެރޭގައި މިކަމަކީ، އެންމެ ބޮޑަށް މަންފާލިބޭ، އަދި އެމެރިކަން ޑޮލަރާއި، އެނޫންވެސް ބޭރުގެ ފައިސާއިން މުއްސަނދިކަން ލިބެމުންދާ ކަންތައް ކަމަށް ވިއެވެ. ޓޫރިޒަމް އުފެދުމުގައި އެކަމުގެ ޒޯން ސަރަޙައްދު ކުރެވިގެން ދިޔައިރު ވަރަށް ގިނަ ރަށް ރިސޯޓްގެ ގޮތުގައި ހިމެނިއްޖެ އެވެ. ގިނަ ތަންތަނަކީ، ދުނިޔޭގެ ދޭދޭ މުއްސަނދިންނާއި ޙިއްޞާކުރެވިގެން ފެށުނު ތަންތަނަށް ވިއެވެ. މިކަން ތަރައްޤީކުރުމުގައި ހޮޓެލާއި، ގެސްޓްހައުސްތައް ވެސް އުފެދޭން ފެށުނެވެ. އަދި މިކަމުން އިންވެސްޓް މަތިވާން ފެށި، ދިވެހި ފައިސާގެ އަގު އަރައި ދުނިޔޭގެ ފެންވަރުން މުއްސަނދިން ދިވެހިރާއްޖޭގައި އުފެދޭން ފެށިއެވެ.

އާދެ، ޤައުމީ އިޤްތިޞާދުގެ ކުރިއެރުމުގެ މި ހަރުފަތް މައްޗަށް އެރުނުއިރު، އާމްދަނީގެ މައިގަނޑު އެކިބައިތައް ހަމަޖެހިފައިވާ ގޮތާއި، ތަފާސް ހިސާބުން ފެންނަ ބައެއް ނަތީޖާ، އަޅުގަނޑުގެ ވާހަކައިގެ މިހާތަނުން އަނެއްކާވެސް ހާމަކޮށްލަން ބޭނުމެވެ.

ތަފާސް ހިސާބުން ދިވެހިންގެ ބޯ ހިމެނި، މީސްތަކުންގެ ޢަދަދު ދެލައްކައަށް ވުރެ މައްޗަށް ހިނގައްޖެއެވެ.

ޤައުމީ އާމްދަނީގެ މައިގަނޑު ބައިތައް، އެއް އުޞޫލަކުން ބަލަނީ ނަމަ އެއީ އުފެއްދުމާއި ވިޔަފާރި، ޓޫރިޒަމާއި މަސްވެރިކަން އަދި ދަނޑުވެރިކަމެވެ. އަދި މީގެ އިތުރުން ޓެކްސްއާއި، ޓެކްސްއާ ނުލައި ލިބޭ ބޭރުގެ އެހީއެވެ. ލިބޭ ބައިތަކުން ބޮލަކަށް ތިންސަތޭކައާއި ހަތަރުސަތޭކައާ ދެމެދުގެ ޢަދަދަކަށް ޖެހެއެވެ. ސަރުކާރުގެ ތަފާސް ހިސާބުތަކުން މުޅިން ސާފު ބަޔާން ލިބޭނެއެވެ. ވީމާ، ޤައުމީ އާމްދަނީ އާއި ޚަރަދު ބިލިޔަނުން ހިސާބުކުރަމުން ދާން ފެށިއެވެ.

އާދެ، ޤައުމީ އިޤްތިޞާދު ކުރިއެރުވުމުގެ ދަނޑުގެ މިހާތަނަށް ބަލާލުމުން ވިސްނުމުގެ ހޯދުންތަކުގެ ތެރޭން އަނެއްކާވެސް އެވޭލާއިން 19 ވަނަ ޤަރުނުގެ ތެރެއަށް ބަލާލަން ބޭނުމެވެ. އެ ޒަމާނުން އަޅުގަނޑު ލިބިގަންނަނީ އަޅުގަނޑުމެން އެންމެން ދަންނަ މިސްޓަރ އެޗް.ސީ.ޕ.ބެލްގެ ލިޔުއްވުމަކުން ލިބޭ ތަފާސް ހިސާބެއްގެ ޚުލާޞާ ބަޔާނެވެ.

އެޗް.ސީ.ޕީ.ބެލް ލިޔުއްވި އެވެ. 1860 މ. ވަނަ އަހަރުން 1890މ. ވަނަ އަހަރާ ހަމަޔަށް ދިވެހިރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓަށް ބަލާއިރު އިމްޕޯޓުގެ އަގު ތިން ގުނައަށް ވުރެ މައްޗަށް ދެއެވެ. ދެން ވިދިގެން އައި 10އަހަރުގެ ތެރޭގައި 3/1 2 ގުނައަށް މައްޗަށް ގޮސްފައި ވެއެވެ. އަދި އެދުވަސްވަރުން ވޭތުކުރި 19އަހަރުގެ ތެރޭގައި ލިބުނު 38،000 ޕައުންޑުގެ ކުރިއެރުމަކާ  215،906 ޕައުންޑަށް އަރާފައި ވެއެވެ. އެކްސްޕޯޓްގެ އަގު 1860މ.ން ފެށިގެން ވިހި އަހަރުގެ ތެރޭގައި ހަތް ގުނައަށް މައްޗަށް އަރާފައިވެއެވެ. ދެން ވިދިގެން އައި 10 އަހަރުގެ ތެރޭގައި ހަލުއިކަމާއެކު ކުރިއެރުން އިތުރުވިއެވެ. އެއީ 5،101 ޕައުންޑުން 38،743 ޕައުންޑަށް ދެން 67،416 ޕައުންޑަށެވެ. ދެން އެއަށް ފަހުން އެނގެން ނެތް ސަބަބުތަކާއެކު އެކްސްޕޯޓް ވަރަށް ދަށަށް ދިޔައެވެ. އެއީ 1900މ. ވަނަ އަހަރުގެތެރޭ 10،046 ޕައުންޑާ ހަމަޔަށް ދަށަށް ފޭބުމެވެ. މީގެ ފަހުން އަނެއްކާ ވެސް މަޑުމަޑުން ދާން ފެށީ އެއްބާރުމިނެއްގައި މައްޗަށެވެ.

ދިވެހިންގެ އިޤްތިޞާދީ ތާރީޚުގެ އެވޭލާގެ ތެރޭން މިދަންނަވައިދިޔަ މަޢުލޫމާތުކޮޅު ވަރަށް ކުރު ގޮތަކަށް ބަޔާންކޮށްލުމަށް ފަހު، އަނެއްކާވެސް އަޅުގަނޑުމެން މިތިބަ ޒަމާނުގެ ތެރެއަށް ވަންނަމެވެ. ރާއްޖޭގެބޭރާއި އެތެރޭގެ ގުޅުންތަކުން ވިޔަފާރިއަށް ކުރިއެރުން ލިބެން ފެށުމުން، އަމިއްލަ ފެކްޓަރީތަކާއި، އަމިއްލަ ވިޔަފާރިވެރިން މާލެއާއި ރާއްޖެތެރޭގައި ގިނަވަމުންދެއެވެ. ޖޯގްރަފީ ގޮތުން ދިވެހިރާއްޖޭގެ ކުޑަކަމާއި ބެހެވިގެން ކަނޑުތެރަށް ފެތުރިފައިވާ ރަށްތަކުގެ ކުދިކަމާއި، އެތަންތާނގައި ދިރިއުޅޭ މީސްކޮޅުގެ މަދުކަމުން ޟަރޫރީގޮތުން އުފެއްދުމާއި ވިޔަފާރި އަބަދުވެސް އެއްދަރަޖައަކަށް އޮންނަންޖެހޭ ކަންކަންވެސް ހުރެއެވެ. އެއީ ވިޔަފާރިއަށް އެއްބާވަތެއް ގެންގުޅޭ މީހަކަށް، އަމުދުން ރާއްޖެތެރޭގެ ރަށްރަށުގައި ކުރިއަރައިގަނެވޭކަށް ނޯވެއެވެ. ފޭރާން ވިއްކަން ގަސްދުކުރާ މީހާގެ ފިހާރައިގައި ކާޑުގެ ސާމާނާއި، ބޭހާއި މިހެންގޮސް ލައިގެންކާނެ އެއްޗެއްސަށް ދަންދެން ހުންނަން ޖެހެއެވެ. މަދު މީސްކޮޅަކަށްޓަކައެވެ. އަދި ހަމަ އެހެންމެ ކިތަންމެ އެއްޗެއް އުފެއްދުމުގައިވެސް އެތަކެތީގެ އުފެއްދުންތެރީން މިދެންނެވި އުޞޫލަށް ބަލަންޖެހެއެވެ. ފައިދާހުރީ އެކްސްޕޯޓްކުރެވޭ މުދާ އުފެއްދުމުގައެވެ. އެކަމަކު އެފަދަ މުދަލުގެ ތެރޭގައި މެޝިނަރީ ސިސްޓަމުން އުފައްދަންވެއްޖެ ކިތަންމެ އެއްޗެއް، އަތްފައިގެ މަސައްކަތުން އުފައްދަން ޖެހޭތީ އެއީވެސް މުސްތަޤުބަލުގައި ގޮތެއް ހޯދަންޖެހޭ ކަމަކަށް ވެއްޖެއެވެ.

                           (ނުނިމޭ)

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment