ހުކުރު ދުވަހާއި ހުކުރު ނަމާދު: އިސްވެ ބަޔާންވެދިޔަ ފަދައިން މިޒަމާނަކީ އިސްލާމް ދީނާ އިދިކޮޅަށް ތަފާތު ގޮތްގޮތަށް ހަނގުރާމަ ކުރެވެމުންދާ ދުވަސްވަރެކެވެ.ފިކުރީ ހަނގުރާމަ އެންމެ ބާރަށް ހިނގަމުންދާ ދުވަސްވަރެވެ. ޙައްޤުގޮތް ބަލިކަށިވަމުން، ބާޠިލުގޮތްތައް ކުރިއަރަމުން، ރޭގަޑުގެ އަނދިރިކަން ދުނިޔެމައްޗަށް ފެތުރިދާހެން އެކި ބާވަތްބާވަތުގެ ފިތުނަތައް ހަލުވިކަމާއެ ފެތުރެމުންދާ ޒަމާނެވެ. އާދެ، ފަހު ޒަމާނެވެ. އެހެން ކަމުން މީގެ ތެރެއިން ލާފައި އިސްލާމް ދީނުގެ ނަމުގައިވެސް ކަންތައްތަކެއް ފެތުރިގެން ޙައްޤާ އިދިކޮޅަށް ބަސްކިޔަމުން، އެއަށް ގޮންޖަހަމުން އަޑުއަރަމުން ދާނެއެވެ.…

ހުކުރު ދުވަހާއި ހުކުރު ނަމާދު:

އިސްވެ ބަޔާންވެދިޔަ ފަދައިން މިޒަމާނަކީ އިސްލާމް ދީނާ އިދިކޮޅަށް ތަފާތު ގޮތްގޮތަށް ހަނގުރާމަ ކުރެވެމުންދާ ދުވަސްވަރެކެވެ.ފިކުރީ ހަނގުރާމަ އެންމެ ބާރަށް ހިނގަމުންދާ ދުވަސްވަރެވެ. ޙައްޤުގޮތް ބަލިކަށިވަމުން، ބާޠިލުގޮތްތައް ކުރިއަރަމުން، ރޭގަޑުގެ އަނދިރިކަން ދުނިޔެމައްޗަށް ފެތުރިދާހެން އެކި ބާވަތްބާވަތުގެ ފިތުނަތައް ހަލުވިކަމާއެ ފެތުރެމުންދާ ޒަމާނެވެ. އާދެ، ފަހު ޒަމާނެވެ. އެހެން ކަމުން މީގެ ތެރެއިން ލާފައި އިސްލާމް ދީނުގެ ނަމުގައިވެސް ކަންތައްތަކެއް ފެތުރިގެން ޙައްޤާ އިދިކޮޅަށް ބަސްކިޔަމުން، އެއަށް ގޮންޖަހަމުން އަޑުއަރަމުން ދާނެއެވެ. ދީނުގެ ތަފާތު ނަންނަމުގައިވެސް މިކަންކަން ފެތުރޭނެއެވެ. ދީނުގެ ޢަދުއްވުންތައް ދަނީ رَسُولُ اللَّهِ صلّى الله عليه وسلّم ގެ ސުންނަތް ނަގާލުމުގެ ނިޔަތުގައި ރެއާއިދުވާލު މިންނެތް މަސައްކަތް ކުރަމުންނެވެ. މީގެ ނަތީޖާއެއްގެ ގޮތުން ފިތުނަތައްދަނީ އިންތިހާއަށް ކުރިއަރަމުންނެވެ. ހަލުއިކަމާއެކު މުސްލިމުންގެ ތެރެއަށް ފޭދެމުންނެވެ. މިފަދަ ދަނޑިވަޅުގައި ކުރީންވެސް ބުނިފަދައިން ސަލަފުއްޞަލިޙީންގެ މަންހަޖުގައި  ހިފައިގެން އެއަށް ބަލައިގެން ދީނުގެ ކަންކަމުގައި ކުރިއަށް ދިއުމީ އެންމެ ބުއްދިވެރި ގޮތެވެ.

މިސާލަކަށް ހުކުރު ނަމާދުގެ ދެބަންގީގެ ވާހަކަ ނަގައިގެން އެއީވެސް ސުއްނަތާ ޚިލާފު ކަމެކޭ، ބިދުޢައެކޭ ކިޔައި އަޑު ފަތުރަމުންދާ މީހުން މިއަދު މަދެއްނޫނެވެ. ހުކުރު ނަމާދުގެ އިހު ސުއްނަތަކީ ބިދުޢައޭ ބުނެ، އެގޮތަށް ފަތުވާދީ ހަންފަތުރަމުންދާ ބަޔަކުވެސް އެބަ އުޅެއެވެ. އަދި ހުކުރު ނަމާދަކީ ވަޤުތު ކަޑައެޅިފައިވާ ނަމާދެއް ނޫންކަމުގައި ހެދުމަށް ވެސް ބަޔަކު މީހުން ކެނޑިނޭޅި މަސައްކަތް ކުރަމުން އެބަދެއެވެ. މިއީ ދީނުގެ ތެރެއަށް ފިތުނަތައް ވެއްދުމަށް ކުރެވޭ މަސައްކަތުން ބައެކޭ ނޫނީ ބުނެވޭކަށް ނެތެވެ.

މިގޮތަށް މިފިތުނަތައް ކުރިއަރަމުން ދާނަމަ ދީނުގެ ވަރަށް ގިނަ ކަންތައް ވަޅުޖެހި، ޙައްޤުގޮތް އޮޅި، ބައެއް ބީރައްޓެހި ކަންތައް ދީނުގައި ޖާގަ ހިފައިފާނެ ކަމުގެ ބިރު ހީވާން ފަށައިފިއެވެ. އެހެންކަމުން  މިއަދު  ފަތުވާ ދޭމީހުން ގިނަވެ ޢިލްމާއި ޖަހާލަތު އޮޅުންބޮޅުން އަރައި ޢިލްމުވެރިންނަކީ ކޮބައިތޯއާއި ޢާއްމުންނަކީ ކޮބައިތޯ ނޭގޭ ހިސާބަށް ކަންތައްހިގައްޖެއެވެ.

އެހެން ކަމުން ގިނަ ބައެއްގެ ޝަކުވާއަކީ ޙައްޤު ގޮތް އޮޅެމުންދާ ކަމުގެ ޝަކުވާއެެވެ. ހަދަންވާ ގޮތް ނޭގޭ ހިސާބަށް ކަންތައް ގޮސްފި ކަމުގެ ޝަކުވާއެވެ. ދިވެހި ރައްޔިތުން މިތިބީ މިކަންކަމުގައި އެންމެ ހެއު ގޮަތަކީ ކޮބައިތޯ ބަލަބަލައެވެ. އެކަމުގެ އުދާސްތައް ބޭރުކޮށްލަކޮށްލައެވެ. މާތް ﷲ އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމް ދީން ރައްކައުތެރި ކުރަށްވާށިއެވެ. އަދި ދީން ޙިމާޔަތް ކުރަށްވާށިއެވެ. އަޅުގަނޑުމެން އެކުވެރި ކުރަށްވާށިއެވެ. އަޅުގަނޑުމެންގެ ތެރެއިން ތަޢައްޞުބު ދުރު ކުރަށްވާށިއެވެ. އަޅުގަނޑުމެންނަކީ ސަލަފުއްޞަލިޙީންގެ އުޞޫލުތަކުގެ ދަށުން ހިނގަމުންދާ އެބޭކަލުންނަށް ތަބާވާ ބަޔަކު ކަމުގައި ލައްވާށިއެވެ. އާމީން!

ދަންނަވަންތޯއެވެ؟ ހުކުރުދުވަހަށް ޢަރަބިބަހުން ކިޔާ ނަމަކީ “اَلْجُمُعَة” އެވެ. މިނަން އެންމެ ފުރަތަމަ ކިއުއްވި ކަމަށްވަނީ ކަޢުބު އިބްނު ލުވައްޔުއެވެ. މިއީ رَسُولُ اللَّهِ صلّى الله عليه وسلّم ގެ ކާފަ ބޭކަލެކެވެ. ޖާހިލިއްޔަ ޒަމާނުގައި ޢަރަބީން ހުކުރު ދުވަހަށް ކިޔައިއުޅެނީ “الْعُرُوبَة” އެވެ. ބުނެވޭގޮތުގައި މީގެ މާނައަކީ ރަޙުމަތެވެ. އިސްލާމް ދީނުގެ ނަޒަރުގައި ހުކުރު ދުވަހަކީ ހަފްތާގެ ދުވަސްތަކުގެ ތެރެއިން އެންމެ މާތް ދުވަހެވެ.

މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެންވާ ހަދީޘެއްގައި ވެއެވެ. رَسُولُ اللَّهِ صلّى الله عليه وسلّم ޙަދީޘު ކުރެއްވިއެވެ. “خَيْرُ يَوْمٍ طَلَعَتْ عَلَيْهِ الشَّمْسُ يَوْمُ الْجُمُعَةِ فِيهِ خُلِقَ آدَمُ وَفِيهِ أُدْخِلَ الْجَنَّةَ وَفِيهِ أُخْرِجَ مِنْهَا وَلاَ تَقُومُ السَّاعَةُ إِلاَّ فِي يَوْمِ الْجُمُعَةِ”([1]) (ޔަޢުނީ: ދުވަސްތަކުގެ ތެރެއިން އެންމެ ހެޔޮ ދުވަހަކީ ހުކުރު ދުވަހެވެ. އާދަމު ޢަލައިހިއްސަލާމު އުފެއްދެވީ އެދުވަހުގައެވެ. އެކަލޭގެފާނު ސުވަރުގެ ލެއްވުނީވެސް އެދުވަހުއެވެ. ސުވަރުގެއިން އެކަލޭގެފާނު ނެރެލެއްވުނީ ވެސް ހަމަ އެދުވަހުއެވެ. އަދި ހަމައެހެންމެ ޤިޔާމަތް ޤާއިމު ވާނީވެސް ހުކުރު ދުވަހުއެވެ.) އަދިވެސް އަބޫހުރައިރާ ގެކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. رَسُولُ اللَّهِ صلّى الله عليه وسلّم ޙަދީޘު ކުރެއްވިއެވެ. “إِنَّ فِي الْجُمُعَةِ لَسَاعَةً لاَ يُوَافِقُهَا مُسْلِمٌ قَائِمٌ يُصَلِّي يَسْأَلُ اللَّهَ خَيْرًا إِلاَّ أَعْطَاهُ إِيَّاهُ”([2]) (ޔަޢުނީ: މާތް ﷲ ވަނީ ހުކުރުދުވަހު ޚާއްޞަ ސާޢަތެއް ލައްވާފައެވެ. މުސްލިމު އަޅަކު ހެޔޮކަމަކަށް އެދި ﷲ އަށް ދެންނަވަނިކޮށް އެވަގުތާއި ދިމާވެއްޖެނަމަ އެމީހާ އެއެދުނު ކަމެއް ﷲ އޭނާއަށް ފުއްދަވައި ދެއްވާނެއެވެ.)


ހުކުރަކީ މެންދުރު ނަމާދުގެ ބަދަލެވެ.

އާދެ! ހަފުތާގެ ހަތްދުވަހުގެ ތެރެއިން މުސްލިމުން ނަށްޓަކައި ދީނީ ގޮތުން ޚާއްޞަވެގެންވާ ދުވަހަކީ ހުކުރު ދުވަހެވެ. އެއީ ދުވަސްތަކުގެ ތެރެއިން އެންމެ މާތް ދުވަހަށްވާތީއެވެ. ދުވަހުގެ މާތްކަމާއި ހުރެ ﷲ ސުބްޙާނަހޫ ވަތަޢާލާ ހުކުރުދުވަހުގެ މެންދުރު ވަގުތު ކުރުމަށް ވާޖިބުވެފައިވާ ނަމާދު ވަކި ޚާއްޞަ ޝަރުޠު ތަކަކާއެކު ވަކި ޚާއްޞަ ގޮތަކަށް ކުރުމަށް މުސްލިމުންނަށް ވާޖިބު ކުރެއްވިއެވެ. އެއީވެސް މުސްލިމުންގެ ތެރެއިން ވަކި ޚާއްޞަ ޝަރުޠުތަކެއް ހަމަވާ ބައެއްގެ މައްޗަށް އެކަން ކަނޑައަޅުއްވާފައެވެ. ޙަޤީޤަތުގައި ހުކުރު ނަމާދަކީ ﷲ ފަރުޟު ކުރައްވާފައިވާ ފަސްނަމާދުގެ އިތުރުން ފަރުޟު ކުރައްވާފައިވާ އިތުރު ނަމާދެއް ނޫނެވެ. ފަރުޟު ކުރެވިގެން ވަނީ ހަމައެކަނި ފަސް ނަމާދެވެ. ﷲގެ ވަޙީބަސްފުޅުގައި ވަނީ މިފަދައިންނެވެ. إِنَّ الصَّلَاةَ كَانَتْ عَلَى الْمُؤْمِنِينَ كِتَابًا مَّوْقُوتًا ([3])” (ޔަޢުނީ: ހަމަކަށަވަރުން ނަމާދުވަނީ މުއުމިނުންގެ މައްޗަށް ވަޤުތު ކަނޑައެޅިގެންވާ ފަރުޟެއްކަމުގައި ވެއެވެ.) އާދެ، ހުކުރު ނަމާދަކީ އިސްލާމީ ޝިޢާރެކެވެ. ހުކުރު އަދާކުރަނީ ދުވަހުގެ ޝިޢާރެއްގެ ގޮތުގައެވެ. އަދި ހުކުރު ނަމާދަކީ މަތީގައި ބަޔާންވެދިޔަ ﷲގެ ވަޙީ ބަސްފުޅުގައި ހިމެނިގެންވާ ފަސްނަމާދުގެ ތެރެއިން ހުކުރު ދުވަހު ކުރުމަށް އޮންނަ މެންދުރު ވަގުތުގެ ނަމާދެވެ. މެންދުރު ނަމާދުގެ ބަދަލުގައެވެ. އެހެންކަމުން ހުކުރު ވާޖިބު ވުމަށް ކަނޑައެޅިގެންވާ ޝަރުޠުތައް ފުރިހަމަނުވާ ކޮންމެ މީހަކަށް އޮންނަނީ ހުކުރު ދުވަހުވެސް މެންދުރު ނަމާދު ކުރުމެވެ. ހަމައެއާއެކު އެޝަރުޠުތައް ފުރިހަމަވާ މީހުންކަމުގައި ވިއަސް، ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން، އިސްލާމީ ޝިޢާރަކަށް ވާގޮތަށް ހުކުރު ނަމާދު އަދާކުރެވެން ނެތް ޙާލަތުގައި އެފަދަ މީހުންނަށް ވެސް އޮންނަނީ މެންދުރު ނަމާދު ކުރުމެވެ. އަދި ހުކުރު ވާޖިބުވެފައިވާ މީހެއްގެ ކިބައިން ހުކުރު އެޅިއްޖެނަމަވެސް ނުވަތަ ހުކުރުގައި  ބައިވެރިވެ، ހުކުރުގެ ރަކްޢަތެއް ނުލިބޭ މީހާއަށްވެސް އޮންނަނީ މެންދުރު ނަމާދު ކުރުމެވެ.

ނިކަން ވިސްނާލަމާތޯއެވެ؟ رَسُولُ اللَّهِ صلّى الله عليه وسلّم ހިޖުރައަށް ވަޑައިގެންނެވުމުގެ ކުރީގައި އެކަލޭގެފާނު މައްކާގައި ހުކުރު ނަމާދު ނުކުރަށްވައެވެ. އަދި އެއްވެސް ތަނަކު މުސްލިމުން ހުކުރު ނުކުރެއެވެ. އެއީ އެކަމަށް ކަނޑއެޅިފައިވާ ޝަރުޠުތައް ހަމަނުވާތީއެވެ. ނުވަތަ އެއަދާކުރަން ކަނޑަ އެޅިފައިވާ ގޮތުގައި އިސްލާމީ ޝިޢާރަކަށް ވާގޮތަށް  އަދާކުރެވޭނެ ގޮތް ނެތަަތީއެވެ. رَسُولُ اللَّهِ صلّى الله عليه وسلّم އެންމެ ފުރަތަމަ ހުކުރު ނަމާދު ކުރެއްވީ މަދީނާއަށް ހިޖުރައަށް ވަޑައިގެންނެވި މަގުމަތީ ބަނޫ ސާލިމު އިބްނި ޢައުފުއޭ ކިއުނު އަވަށުގައެވެ. رَسُولُ اللَّهِ صلّى الله عليه وسلّم މަދީނާއަށް ހިޖުރަކުރެއްވި މަގުމަތީ އެންމެފުރަތަމަ މަޑުކުރެއްވެވީ ޤުބާގައެވެ. އެއީ ރަބީޢުލް އައްވަލުމަހުގެ ބާރަވީ ހޯމަދުވަހެވެ. ދެން ޤުބާގައި ހުކުރު ދުވަހާއި ހަމަޔަށް މަޑުކުރަށްވައި، ޤުބާގެ މިސްކިތްކޮޅު ބިނާ ކުރެއްވެވިއެވެ. އަދި މަދީނާއަށް ވަޑައިގަތުމަށްޓަކައި ހުކުރު ދުވަހު ޤުބާއިން ނިކުމެ ވަޑައިގެންނެވިއެވެ. އަދި ވަޑައިގަތް މަގުމަތީގައި ބަނޫ ސާލިމުގައި މަޑުކުރަށްވައި މެންދުރު ނަމާދު ވަގުތުވަނުމުން އެތާގައި رَسُولُ اللَّهِ صلّى الله عليه وسلّم ހުކުރު ކުރެއްވިއެވެ. އެއަވަށުގެ މީހުން އެމީހުންގެ މިސްކިތަކަށް ބަލައިގެން އުޅުނު ތަނުގައި رَسُولُ اللَّهِ صلّى الله عليه وسلّم ޚުޠުބާ ދެއްވަވައި ހުކުރުނަމާދު އަދާކުރެއްވިއެވެ. މިއީ އެންމެ ފުރަތަމަ މުސްލިމުން އަދާކުރި ހުކުރެވެ. އަދި رَسُولُ اللَّهِ صلّى الله عليه وسلّم ވެސް އެންމެ ފުރަތަމަ ކުރެއްވި ހުކުރެވެ. މިހުކުރުގައި ބަންގި ނުގޮވެއެވެ. އެއީ އެއިރު ބަންގި މަޝްރޫޢުވެފައި ނެތަތީއެވެ.

ދަންނަވަންތޯއެވެ! އިސްވެ ބަޔާންވެދިޔަ ފަދައިން ހުކުރު ދުވަހަކީ ހަފްތާގެ ހަތްދުވަހުގެ ތެރެއިން އެންމެ މާތް ދުވަހެވެ. މިއުންމަތަށްޓަކައި މާތް ﷲ ހުކުރު ދުވަސް ޚާއްޞަ ކުރައްވައި ދުވަހުގެ އެންމެ ފުރަތަމަ، ނަމާދު ޚާއްޞަ ގޮތަކަށް އަދާކުރުމަށް ކަނޑައަޅުއްވައި އެހެން ނަމާދުތަކާއި ޚިލާފަށް ހުކުރު ނަމާދަށްޓަކައި ޚާއްޞަ އިންތިޒާމު ތަކެއް ވަނީ ލައްވާފައެވެ. މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެންވެއެވެ. رَسُولُ اللَّهِ صلّى الله عليه وسلّم ޙަދިޘުކުރެއްވިއެވެ. “إِذَا كَانَ يَوْمُ الْجُمُعَةِ كَانَ عَلَى كُلِّ بَابٍ مِنْ أَبْوَابِ الْمَسْجِدِ مَلاَئِكَةٌ يَكْتُبُونَ اْلأَوَّلَ فَاْلأَوَّلَ فَإِذَا جَلَسَ اْلإِمَامُ طَوَوْا الصُّحُفَ وَجَاءُوا يَسْتَمِعُونَ الذِّكْرَ وَمَثَلُ الْمُهَجِّرِ كَمَثَلِ الَّذِي يُهْدِي الْبَدَنَةَ ثُمَّ كَالَّذِي يُهْدِي البَقَرَةَ ثُمَّ كَالَّذِي يُهْدِي الْكَبْشَ ثُمَّ كَالَّذِي يُهْدِي الدَّجَاجَةَ ثُمَّ كَالَّذِي يُهْدِي الْبَيْضَةَ”([4]) (ޔަޢުނީ: ހުކުރު ދުވަހެއް އަންނަހިނދު، ހުކުރު މިސްކިތުގެ ކޮންމެ ދޮރެއްގެ ދޮށުގައި މަލާއިކަތުން ތިއްބަވާނެތެވެ. އަދި މިސްކިތަށް އެންމެފުރަތަމަ އަންނަނީ ކާކުތޯއާއި ދެން އަންނަނީ ކާކުތޯއާއި މިގޮތަށް ގޮސް އަންނަ މީހުންގެ ތަރުތީބު އެބޭކަލުން ބައްލަވައި، އެމީސްމީހުންގެ ނަން ފަތުގައި ލިއުއްވާނެތެވެ. މިގޮތަށް ލިއުއްވަމުންގޮސް އިމާމާ މިންބަރުގައި އިށީނުމުން ދަފްތަރުތައް ބަންދުކުރެވޭނެތެވެ. އެއަށްފަހު އެބޭކަލުން ޚުޠުބާ އަޑުއެއްސެވުމުގައި މަޝްޣޫލު ވެވަޑައިގަންނަވާނެތެވެ. އެހެންކަމުން އެންމެފުރަތަމަ ހުކުރަށް އަންނަ މީހާ ﷲގެ މަގުގައި ޖަމަލެއް ޞަދަޤާތްކުރި މީހެއް ފަދައެވެ. އެއަށްފަހު އަންނަ މީހާ ގެރިއެއް ޞަދަޤާތްކުރި މީހެއް ފަދައެވެ. އެއަށްފަހު އަންނަ މީހާ ކަންބަޅި ބަކަރިއެއް ޞަދަޤާތްކުރި މީހެއް ފަދައެވެ. ދެން އަންނަ މީހާ ކުކުޅެއް ޞަދަޤާތްކުރި މީހެއްފަދައެވެ. ދެން އަންނަ މީހާ ކުކުޅު ބިހެއް ޞަދަޤާތްކުރި މީހެއްފަދައެވެ.) އަދިވެސް މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެންވެއެވެ. رَسُولُ اللَّهِ صلّى الله عليه وسلّم ޙަދިޘުކުރެއްވިއެވެ. “قَالَ مَنْ اغْتَسَلَ ثُمَّ أَتَى الْجُمُعَةَ فَصَلَّى مَا قُدِّرَ لَهُ ثُمَّ أَنْصَتَ حَتَّى يَفْرُغَ مِنْ خُطْبَتِهِ ثُمَّ يُصَلِّي مَعَهُ غُفِرَ لَهُ مَا بَيْنَهُ وَبَيْنَ الْجُمُعَةِ اْلأُخْرَى وَفَضْلُ ثَلاَثَةِ أَيَّامٍ”([5]) (މާނައީ: ޙަދަޘުން ހިނައިގަންނަފަދައިން ހިނައިގަނެ، ހުކުރަށް އައިސް، ދެން ތިމާއަށް ތައުފީޤު ދެއްވުނު މިންވަރަށް ސުއްނަތް ނަމާދުކޮށް، އިމާމާ ޚުޠުބާ ނިމެންދެން ޚުޠުބާ އަޑުއެހުމަށްޓަކައި ހަނުހުރެ، އިމާމާއާއިއެކު ހުކުރު ނަމާދު ކޮށްފި މީހާއަށް އެހުކުރާއި ދެން އަންނާން އޮތް ހުކުރާއި ދެމެދު (އެބަހީ އެދެ ހުކުރުގެ ދެމެދުގައި) އޭނާއަށް ކުރެވިފައި ހުރި ހުރިހާ ފާފަތަކެއް ފުއްސަވައި ދެއްވާނެތެވެ. ހަމައެއާއެކު އިތުރު ތިން ދުވަހުގެ ކުށްފާފަތައް ވެސް ފުއްސަވައި ދެއްވާނެތެވެ.) މިނޫންވެސް ވަރަށްގިނަ ޙަދީޘްތައް ހުކުރު ނަމާދުގެ މާތްކަމާއި ބެހޭގޮތުން ޞައްޙަ މަގުން އައިސްފައި އެބަހުއްޓެވެ. މާތް ﷲ އެބޭކަލުންނަށް ރުއްސުންލެއްވި އަޞްޙާބުންތައް މިކަމުގެ މަތިވެރިކަމާއި މާތްކަމާއި ހުރެ އެދަރަޖަ ޙާޞިލު ކުރެއްވުމުގެ ގޮތުން ހުކުރު ދުވަހު ފުރަތަމަ ސާޢަތުން ފެށިގެން ހުކުރު ނަމާދަށް މިސްކިތަށް ވަޑައިގަންނަވަތެވެ. އަދި ނަފިލް ނަމާދު ކުރެއްވުމާއި، ޤުރުއާން ކިޔަވައި ވިދާޅުވުމާއި، ޛިކުރު ކުރެއްވުމާއި، رَسُولُ اللَّهِ صلّى الله عليه وسلّم ގެމައްޗަށް ޞަލަވާތް ކިޔެވުމުގައި މަޝްޣޫލު ވެވަޑައިގަންނަވަތެވެ. މާތް ﷲގެ ވަޙީބަސްފުޅު فَاسْتَبِقُوا الْخَيْرَاتِ ([6]) (ޔަޢުނީ: ހެއުކަންތައް ކުރުމުގައި ވާދަވެރިވާށެވެ!) މިއާޔަތުގައި ވެސް އަންގަވާފައިވާ ނަޞީޙަތްޕުޅަށް ޢަމަލު ކުރެއްވުމުގެ ގޮތުންނެވެ.

ކަން މިހެން އޮތުމާއެކު ލޮބުވެތި އަޞްޙާބު ބޭކަލުން ހުކުރު ދުވަހު، ދުވާލު ކުރީކޮޅު މިސްކިތަށް ވަޑައިގަންނަވަތެވެ. ހުކުރު ދުވަހުގެ މާތްކަމާއި ނަޞީބު ލިބިގަތުމަށްޓަކައެވެ. އެކަމުގެ ބުރައުފުލުމުގައި ފުރިހަމައަށް ބައިވެރި ވަޑައިގަތުމަށްޓަކައެވެ. މާތް ﷲ ރުއްސުނެއްލެއްވި ޢާއިޝތުގެފާނާ މުޚާޠަބު ކުރަށްވައި رَسُولُ اللَّهِ صلّى الله عليه وسلّم ޙަދިޘުކުރެއްވިއެވެ. “أَجْرُكِ عَلَى قَدْرِ نَصِيبِكِ”([7]) (ޔަޢުނީ: ސަވާބު ހޯދުމުގެ ނިޔަތުގައި ވަރުބަލިކަން އުފުއްލެވި މިންވަރަކަށް ކަމަނާއަށް އަޖުރަ ލިބިވަޑައިގަންނަވާނެއެވެ.)

މާތް ﷲގެ ޙަޟުރަތުން އަޖުރު ލިބެނީ އަޅުކަމުގައި ކެތްކުރި ވަރަކަށާއި ބުރަ އުފުލި މިންވަރަކަށް ކަމުގައިވާތީ ކުރީންވެސް ބުނި ފަދައިން ކީރިތި ރަސޫލާގެ ލޮބުވެތި އަޞްޙާބުން އަޅުކަމުގައި ކެތްތެރިވެ ވަޑައިގެން ބުރަތައް އުފުއްލަވަތެވެ. މިގޮތުން ހުކުރު ދުވަހުގެ މަތިވެރި ޘަވާބާއި އުޖޫރަ ހޯއްދެވުމުގެ ގޮތުން رَسُولُ اللَّهِ صلّى الله عليه وسلّم ގެ ޙަދީޘުފުޅުތަކާ އެއްގޮތަށް ޢަމަލުކުރަށްވަތެވެ. ހުކުރު ދުވަހު ވީހާވެސް އަވަހަކަށް މިސްކިތަށް ވަޑައިގަންނަވަތެވެ. ނަމާދު ކުރެއްވުމާއި ޛިކުރު ކުރެއްވުމާއި ޤުރުއާން ކިޔަވާ ވިދާޅުވުމާއި ޞަލަވާތް ވިދާޅުވުމުގައި މަޝްޣޫލުވެ ވަޑައިގަންނަވަތެވެ. މިގޮތުން އެހެން ދުވަސްތަކުގައި އާދަކޮށް ކުރަށްވަމުން ގެންދަވާ ކަންތަކުގެ ޕްރޮގްރާމުތަކަށް ވެސް ބަދަލު ގެންނަވަތެވެ. މިސާލަކަށް އެބޭކަލުންގެ އާދަފުޅެއްގެ ގޮތުގައި އޮތް މެންދުރު ވަގުތު އަވަހާރަ ލެއްޕެވުމުގެ މައްސަލައެވެ.


ޤައިލޫލާ އޮތީ ހުކުރުގެ ފަހުންނެވެ.

މެންދުރު ކުޑަކޮށް ނިދާލުމަކީ ޢަރަބިންެގެ ޢާދައަކަށް ވީހިނދު އަޞްޙާބު ބޭކަލުން އަވަހާރަ ލައްޕަވާ އުޅުއްވަނީ މެންދުރު ކުރިންނެވެ.([8]) ނަމާދު ކުރަށްވަނީ އޭގެ ފަހުންނެވެ. ނަމަވެސް ހުކުރު ދުވަހު އަވަހާރަ ލައްޕަވަނީ ހުކުރު ކުރެއްވުމަށްފަހުގައެވެ. އެބަހީ އެބޭކަލުން ނިދުން ފަސްކޮށް ލައްވަނީއެވެ. އަދިހަމަ އެކަނި ހުކުރު ދުވަހައްޓަކައި އެބެއިކަލުންގެ އާދަފުޅުތައްވެސް ބަދަލުކޮށް ލެއްވެވިއެވެ. މާތް ﷲ ރުއްސުންލެއްވި ސަހުލު އިބްނު ސަޢުދުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “مَا كُنَّا نَقِيلُ وَلاَ نَتَغَدَّى إِلاَّ بَعْدَ الْجُمُعَةِ”([9]) (މާނައީ: ތިމަންމެން ހުކުރު ދުވަހު މެންދުރު ނިދުމާއި ކެއުން ބާއްވަނީ ހުކުރު ނަމާދަށް ފަހުއެވެ.)([10])

އާދެ، ހުކުރު ދުވަސް ނޫން ދުވަސް ދުވަހުގައި މެންދުރު ނަމާދުގެ ކުރީން ފަރީކުޅުއްވައި، ޤައިލޫލާ ކުރެއްވުން މިއީ އެބެއިކަލުންގެ އާދަފުޅެކެވެ. އެހެނަސް ހުކުރުދުވަހު ފަރިއްކުޅުއްވުމާއި، ޤައިލޫލާ ކުރެއްވުން އޮންނަނީ ނަމާދަށްވުރެން ފަހުންނެވެ.


ހުކުރު ނަމާދު އަވަސް ކުރުން:

އާދެ! رَسُولُ اللَّهِ صلّى الله عليه وسلّم ގެ މިތުރު އަޞްޙާބުންގެ ފަރާތުން މިކަމަށް އޮތް ލޯތްބަކާއި ފަރުވާތެރިކަމަކާހުރެ އެބޭކަލުން ހުކުރު ނަމާދު، އެނަމާދުގެ ވަޤުތުގެ ކުރީކޮޅުގައި އަދާކުރައްވަތެވެ. މުސްލިމުގައި ﷲރުއްސުންލެއްވި ސަލްމަތަބްނިލް އަކުވަޢު ގެކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނުން ވިދާޅުވިއެވެ. “كُنَّا نُجَمِّعُ مَعَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا زَالَتْ الشَّمْسُ ثُمَّ نَرْجِعُ نَتَتَبَّعُ الْفَيْءَ”([11]) (ޔަޢުނީ: ހުކުރު ދުވަހު އިރުމެދުން ފިލުމުން رَسُولُ اللَّهِ صلّى الله عليه وسلّم އަރިހުގައި ތިމަންމެން ހުކުރު ނަމާދު ކުރަމެވެ. ދެން ތިމަންމެން ހިޔަލަށް ވަންނަމުން ގެއަށް ދަމެވެ.) އަދި އަނެއް ރިވާޔަތެއްގައި މިފަދައިން އައިސްފައި ވެއެވެ. “وَمَا نَجِدُ لِلْحِيطَانِ فَيْئًا نَسْتَظِلُّ بِهِ”([12]) (ޔަޢުނީ: އެވަގުތު ފާރުތަކުގެ ދޮށުން ހިޔާ ލިބިގަންނާނެ ހިޔާކޮޅެއް ތިމަންމެންނަކަށް ނުފެނެއެވެ.) އަދިވެސް އެހެން ރިވާޔަތެއްގައި ﷲ ރުއްސުންލެއްވި އަނަސުގެފާނުންގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނުން ވިދާޅުވިއެވެ. “أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يُصَلِّي الْجُمُعَةَ حِينَ تَمِيلُ الشَّمْسُ”([13]) (ޔަޢުނީ: رَسُولُ اللَّهِ صلّى الله عليه وسلّم ހުކުރު ނަމާދު ކުރައްވަައި އުޅުއްވަނީ އިރުމެދުން ފިލުމުންނެވެ.)

މިޙަދީޘުތަކުން ދޭހަވާގޮތުގައި رَسُولُ اللَّهِ صلّى الله عليه وسلّم ޢާއްމު ގޮތެއްގައި ހުކުރު ނަމާދު ކުރަށްވަނީ އިރުމެދުން ފިލުމާއެކު ވަރަށް އަވަސްކޮށެވެ. އެއީ މެންދުރު ކުރީން އެބޭކަލުން ކުރަށްވާ މަސައްކަތްތަށް މެންދުރު ފަހަށް ފަސްކުރަށްވާތީއާއި ނަމާދުގެ ކުރީގައި ތަފާތު ހެއު ޢަމަލުތައް ގިނަ ކުރުމުގެ ގޮތުންނެވެ. މިގޮތަށް އަވަސް ކުރެއްވި ކަމުގައި ވިއަސް ނަމާދުގެ ވަގުތު ނުޖެހެނީސް ހުކުރު ކުރަށްވާފައި ނުވެއެވެ. މިކަން ބަޔާންވެދިޔަ ޙަދީޘުތަކުން ސާފުކޮށް އެބަ ދޭހަކޮށްދެއެވެ. އެހެންކަމުން އިމާމު އަބޫޙަނީފާއާއި މާލިކާއި ޝާފިޢީއާއި ޖުމްހޫރު ދަންނަބޭކަލުން ވިދާޅުވަނީ މެންދުރު ވުމުގެ ކުރިން ހުކުރު ކުރުންވެސް އަދި ހުކުރު ޚުޠުބާ ދިނުންެވެސް ހުއްދަ ނުވާނެ ކަމަށެވެ. އެއީ އެނަމާދުގެ ވަގުތު ކަނޑައެޅި ބަޔާންވެގެންވާތީއެވެ.


ވަގުތުގެ ކުރީކޮޅުގައި ހުކުރު ނަމާދު ކުރުމަކީ ކޮބާ؟

ވަގުތުގެ ކުރީކޮޅުގައި ހުކުރު ނަމާދު ކުރުމުގެ މާނައަކީ އެހެނިހެން ނަމާދުތައްވެސް ފަދައިން ކޮންމެ ނަމާދަކަށްވެސް ވަގުތުގެ ގޮތުގައި ކަނޑައެޅިފައިވާ ވަގުތެއްގެ ފުރަތަމަ ޙިއްޞާއަށް އޮންނަ ދަންފަޅީގައި ނަމާދުުކުރުން އައުލާވާފަދައިން މެންދުރު ނަމާދަށް ކަނޑައެޅިފައިވާ ވަގުތުގެ ފުރަތަމަބައިގެ ތެރޭގައި ހުކުރުކުރުމެވެ. މެދު ދަންފަޅި ޖެހުމުގެ ކުރިއެވެ. މިދަންފަޅީގެ ތެރެއިންވެސް ބޮޑަށް ރަނގަޅީ ސުއްނަތް ނަމާދު ކުރެވޭހާ މިންވަރު ދިނުމަށްފަހު އަވަހަށް ހުކުރަށް ފެށުމެވެ. އެހެންނަމަވެސް ހުކުރަކީ މެންދުރުގެ ބަދަލު ކަމުގައިވާތީ ޢަޞުރު ނަމާދުގެ ވަގުތު ވަނުމުގެ ކުރިން ހުކުރު ކުރެވިދާނެއެވެ. މިގޮތުން ވެސް ޟަރޫރީ ޙާލަތްތަކުގައި رَسُولُ اللَّهِ صلّى الله عليه وسلّم ހުކުރު ނަމާދު ފަސް ކުރަށްވާ ހައްދަވަތެވެ. އެއީ ހޫނު މޫސުމާއި އެފަދަ ޙާލަތްތަކެވެ. މާތް ﷲ ރުއްސުންލެއްވި އަނަސު އިބްނު މާލިކުގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނުން ވިދާޅުވިއެވެ. “كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا اشْتَدَّ الْبَرْدُ بَكَّرَ بِالصَّلاَةِ وَإِذَا اشْتَدَّ الْحَرُّ أَبْرَدَ بِالصَّلاَةِ يَعْنِي الْجُمُعَةَ”([14]) (ޔަޢުނީ: رَسُولُ اللَّهِ صلّى الله عليه وسلّم ފިނި ގަދަވާހިނދު ހުކުރު ނަމާދު އަވަސް ކުރަށްވަތެވެ. އަދި ހޫނު ގަދަވާހިނދު، ފިނިކުރަށްވާފައި ހުކުރު ނަމާދު ކުރަށްވަތެވެ.)

ބަޔާންވެދިޔަ ޞައްޙަ ޙަދީޘުތަކުން ކަނޑައެޅިގެން ޞަރީޙަކޮށް ސާބިތުވަނީ رَسُولُ اللَّهِ صلّى الله عليه وسلّم ހުކުރުނަމާދު ކުރެއްވެވީ އިރުމެދުން ފިލުމާއި ވިދިގެން ކަމަށެވެ. އަދި މެންދުރު ނަމާދުގައި ކަންތައް ކުރަށްވާ ފަދައިން ފިނި މޫސުމުގައި ހުކުރު ނަމާދު އަވަސްކޮށް ކުރަށްވާ ކަމަށާއި ހޫނު މޫސުމުގައި ހުކުރު ނަމާދު ވަގުތުގެ ފަހުކޮޅުގައި ކުރަށްވާ ކަމަށެވެ. ނަމަވެސް ޤައިލޫލާ ކުރެއްވުމާއި މެންދުރު ފަރިއްކުޅުއްވުމާއި މިފަދަ ކަންކަން މެންދުރުގެ ކުރިން ކުރެއްވި ކަމުގައިވިއަސް މިކަންކަން އެބޭކަލުންވަނީ ހުކުރު ދުވަހުގައި ހުކުރު ނަމާދުގެ ފަހަށް ލަސް ކުރަށްވާފައެވެ. އެއީ ވީހާވެސް  އަވަހަކަށް ހުކުރަށް ވަޑައިގަތުމުގެ ބޭނުންފުޅުގައެވެ.

ކަން މިހެން ހުރުމާއެކު މެންދުރު ވަގުތު ވަނުމުގެ ކުރިން ހުކުރު ކުރުމަކީ ހުއްދަވެގެންވާނޭ ކަމެއް ނޫނެވެ. އަދި ހުކުރު ޚުޠުބާއަކީ ހުކުރު ނަމާދުގެ ބައެއްގެ ގޮތުގައި ހިމެނޭ ކަމަކަށްވާތީވެ، ހުކުރު ޚުޠުބާވެސް އިރުމެދުން ފިލުމުގެ ކުރީން ހުއްދަވެެގެން ނުވާނެއެވެ. މިގޮތަށް ހުކުރު ނަމާދު އިރުމެދުން ފިލުމުގެ ކުރިން ކުރުމަށް އެއްވެސް ކަހަލަ ޞަރީޙަ ޙަދީޘެއް ސާބިތުވާކަށެއް ނެތެވެ.

ހަމައެއާއެކު ހުކުރު ގަޑި ޖެހޭއިރު ކޮންމެހެން ހުކުރު ކުރުމަކީވެސް ވާޖިބުވެގެންވާ ކަމެއް ނޫނެވެ. އެތަނެއްގެ ހޫނު ފިނި މިނާއި ޟަރޫރީ ޙާޖަތްތަކަށް ބަލާފައި، ވަގުތުގެ ކުރީކޮޅުގެ ދަންފަޅި ފާއިތު ނުވަނީސް ނަމާދު ކުރާނެ ގަޑި ހަމަޖެއްސުމަކީ ސުންނަތާ ފުށުއަރާ ކަމެއްނޫނެވެ. ހަމައެހެންމެ މެންދުރު ނަމާދުވެސް ޢަޞުރާ ހަމައަށް ފަސްކުރެވޭ ފަދައިން ހުކުރު ނަމާދުވެސް އެމިންވަރަށް ފަސް ކުރެވިދާނެއެވެ. ޝަރުޠަކީ ޚުޠުބާއާއި ހުކުރު ނަމާދު ކުރުމުގެ ވަގުތު ޢަޞުރު ވުމުގެ ކުރިން ލިބުމެވެ. ހަމަ އެހެންމެ ހުކުރު ނަމާދާއި ޢަޞުރު ނަމާދު މެންދުރު ވަގުތުގައި އިސްކޮށް ޖަމާކުރުން ހުއްދަވާ ފަދައިން ހުކުރު ނަމާދު ޢަޞުރު ނަމާދާއެކު، ޢަޞުރު ވަގުތުގައި ފަސްކޮށް ޖަމަޢު ކުރެވިދާނެއެވެ. މިއީ ދީނުގެ ޢިލްމުވެރިންގެ ތެރެއިން ޖުމްހޫރު ދަންނަބޭކަލުންގެ މަޛްބަހެވެ. މިހެންކަމުން އަލްއިމާމުއް ނަވަވީ ޝަރަޙުލް މުހައްޛަބުގައި މިފަދައިން ވިދާޅުވެފައި ވެއެވެ. “أَنَّ وَقْتَهَا وَقْتُ الظُّهُرِ،  وَلاَ يَجُوزُ قَبْلَهُ وَبِهِ قَالَ مَالِكُ وَأَبُو حَنِيفَةَ وَجُمُهُورُ الْعُلَمَاءِ مِنَ الصَّحَابَةِ وَالتَّابِعِينَ فَمَنْ بَعْدَهُمْ” (ޔަޢުނީ: ހުކުރު ނަމާދުގެ ވަޤުތަކީ މެންދުރު ނަމާދުގެ ވަޤުތެވެ. އެއަށްވުރެން ކުރީން ހުކުރު ކުރުން ހެއުނުވާހުއްޓެވެ. އަދި މިއީ މާލިކާއި އަބޫހަނީފާގެ ވެސް މަޛްހަބެވެ. އަދި އަޞްޙާބު ބެއިކަލުންނާއި ތާބިޢިއްޔަ ބެއިކަލުންނާއި އޭގެ ފަހުގެ ބެއިކަލުންގެ ތެރެއިން ޖުމުހޫރު ދަންނަބޭކަލުންގެ ރައުޔަކީވެސް މިއީއެވެ.)

ދަންނަވަންތޯއެވެ؟ އިސްވެ ބަޔާންވެ ގޮސްފައިވާ ފަދައިން ހުކުރު ދުވަހަކީ ހަފުތާގެ ހަތްދުވަހުގެ ތެރެއިން އެންމެމާތް ދުވަސް ކަމުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ ލައްވާފައެވެ. އަދި މިއުއްމަތަކީ އެންމެހެޔޮ އުންމަތް ކަމުގައި ވަނީ މިންވަރު ކުރަށްވާފައެވެ. ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވައިލެވޭ ވަގުތަކީ އިރުމެދުން ފިލައިދާ ވަގުތަށް ވާތީ، އެދުވަހުގެ މެންދުރު ކުރާ ނަމާދު އިސްލާމީ ޝިޢާރަކަށް ވާގޮތަށް، ޝަރުޠުތައް ހަމަވާ މުސްލިމުންތައް އެންމެން އެކުގައި ހުކުރު މިސްކިތަށް އެއްވެ އިމާމާމީހާ މިންބަރަށް އަރާ ދެޚުޠުބާ ދީ ، ދެރަކުޢަތް ނަމާދު ޖަމާޢަތުގައި ކުރެވޭގޮތަށް ލެއްވެވިއެވެ. މިހެންކަމުން ހުކުރުނަމާދު ރަށްބޭރުގައި، ނުވަތަ މީހުން ދިރިނުއުޅޭ ފަޅުރަށެއްގައި، ނުވަތަ ވަކީން ގެއެއްގައި ކުރުން ޞައްޙަނުވާނޭ ކަމެއްގެ ގޮތުގައި ވަނީ ލައްވާފައެވެ. އެހެންކަމުން އިރުމެދުން ފިލުމުގެ ކުރީން، މެންދުރު ނަމާދު ވަޤުތު ނުޖެހެނީސް ހުކުރު ނަމާދުކުރުން އޮތްކަމެއްނޫނެވެ. އަދި އެއީ އެއްވެސް ބަޔަކު ކޮށްއުޅުނު ކަމެއްވެސް ނޫނެވެ.

ކޮންމެއަކަސް މެންދުރު ނަމާދު ވަޤުތު ނުޖެހެނީސް ހުކުރު ނަމާދު ކޮށްފިނަމަ، އެނަމާދު ޞައްޙަ ވެދާނެކަމަށް އަލްއިމާމު އަޙުމަދުއާއި، އަލްއިމާމު އިސްހާޤު ވިދާޅުވެފައި ވެއެވެ. މިދެބޭކަލުން މިގޮތަށް ވިދާޅުވެފައި އޮތް ކަމުގައި ވިއަސް އެއީ ޖުމްހޫރު ދަންނަބޭކަލުންގެ ބަސްފުޅާ ޚިލާފު ބަސްފުޅެކެވެ. އަދި ޞައްޙަ ގޮތަކީވެސް އެއީއެއް ނޫނެވެ. ހަމައެއާއެކު ދަލީލުގެ ގޮތުން ބެލި ކަމުގައި ވިއަސް، އެބެއިކަލުންގެ މިބަސްފުޅު ޞައްހަކަމަށް ދޭހަވެދާފަދަ އެއްވެސް ޞަރީޙަ ޞައްޙަ ޙަދީޘެއް އެބޭކަލުން ދައްކަވާފައި ނުވެއެވެ.

މިގޮތުން އެބެއިކަލުން ގެންނެވި ދަލީލުތަކަށް އަޅުގަނޑުމެން ބަލައިލާއިރު، އެއް ދަލީލަކީ އަލް އިމާމު އަޙުމަދު ގެންނަވާފައިވާ މިރިވާޔަތެވެ. ޢަބުދުﷲ ބުނި ސީދާންގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “شَهِدتُّ الْجُمُعَةَ مَعَ أَبِى بَكْرٍ الصِّدِّيقَ رَضِيَ اللَّهُ عَنْهُ فَكَانَتْ صَلاَتُهُ وَخُطْبَتُهُ قَبْلَ نِصْفِ النَّهَارِ”([15]) (ޔަޢުނީ: ﷲ ރުއްސުންލެއްވި އަބޫބަކުރުއް ޞިއްދީޤު އަރިހުގައި ތިމަން ހުކުރު ނަމާދު ކުރީމެވެ. އެކަލޭގެފާނު ދެއްވި ޚުޠުބާއާއި ނަމާދުވީ އޮތީ ދުވާލުގެ ދެބައިން ދެވަނަ ބަޔަށް އެޅުމުގެ ކުރީގައެވެ.) މިރިވާޔަތަކީ ޟަޢީފު ރިވާޔަތެއް ކަމުގައި މުޙައްޤިޤުން ވިދާޅުވެފައި ވެއެވެ. މިރިވާޔަތާއި ބެހޭގޮތުން ފަތުޙުލް ބާރީގައި އަލްޙާފިޡު އިބްނު ޙަޖަރު ވިދާޅުވެފައި ވެއެވެ. “رِجَالُهُ ثِقَاتٌ إلاَّ  أَنَّ عَبْدَ اللَّهِ بْنَ سِيدَانَ فَإِنَّهُ تَابِعِيٌّ كَبِيرٌ إِلاَّ أَنَّهُ غَيْرُ مَعْرُوفِ الْعَدَالَةِ”([16]) (ޔަޢުނީ : ޢަބުދު ﷲ އިބްނު ސީދާން ފިޔަވައި މީގައި ތިއްބެވި ހުރިހާ ރާވީންނަކީ އިތުބާރު ހިފޭ ބެއިކަލުން ކަމުގައި ވިއަސް ޢަބްދު ﷲ އިބްނި ސީދާނަކީ ދޮށީ ޢުމުރުފުޅުގެ ތާބިޢިއްޔަ ބެއިކަލެކެވެ. އެކަލޭގެފާނުންގެ ޢަދާލަތު އެނގިފައި ނުވެއެވެ.) އެއަށްފަހު އިބްނު ޙަޖަރު ވިދާޅުވެފައި ވަނީ “އިމާމު ބުޚާރީ ވިދާޅުވާ ގޮތުގައި އިބްނު ސީދާންގެ ރިވާޔަތަށް ބަރޯސާ ނުކުރެވޭނެއެވެ. އެހެނީ އެއަށްވުރެން ޞައްޙަވެފައި ބާރުގަދަ ބޭކަލުންގެ ކިބައިން އެރިވާޔަތާ އިިދިކޮޅަށް ޞައްޙަ ރިވާޔަތްތައް އައިސްފައި ހުރީތީއެވެ.([17]) އަދި “އަލްޚުލާޞާ” ގައި އައްނަވަވީ ވިދާޅުވެފައި ވެއެވެ. “اتَِّفَقُوا عَلَى ضَعْفِ ابْنِ سِيدَانَ” (ޔަޢުނީ: މުޙައްދިޘުން އިބްނު ސީދާނަކީ ޟަޢީފު ބޭކަލެއްކަމުގައި އެއްބަސްވެ ވަޑައިގަންނަވައެވެ.)

އާދެ! ބަޔާންވެދިޔަ ދެދަލީލަކީ އިރުމެދުން ފިލުމުގެ ކުރީގައި ހުކުރު ނަމާދު ކުރެވިދާނެ ކަމަށް ފެންނާން ހުރި ދަލީލުތަކެވެ. މިދަލީލުތައް ފިޔަވައި އެއްވެސް ޞައްޙަ ޙަދީޘެއްވެސް އަދި އަޞްޙާބު ބޭކަލެއްގެ ޢަމަލުފުޅެއްވެސް ފެންނާކަށް ނެތެވެ. ﷲ ރުއްސުންލެއްވި އިބްނު މަސްޢޫދު ޟުޙާ ވަގުތުގައި ހުކުރު ކުރެއްވި ކަމަށް އަންނަ ރިވާޔަތަކީވެސް ހުރިހާ މުޙައްދިޘުން އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި ޟަޢީފު ރިވާޔަތެކެވެ. މިފަދަ ޟަޢީފު ރިވާޔަތްތަކަށް ބުރަވެ ތިބެ ޞައްޙަ ގޮތް ދޫކޮށްލައި، ޖުމްހޫރު ދަންނަބޭކަލުންގެ ރައުޔާ އިދިކޮޅު ވުމަކީ އެންމެ ރައްކައުތެރި ގޮތް ނޫންކަމުގައި ދެކެމެވެ. އެހެންކަމުން އިމާމު ނަވަވީ ޝަރަޙުލް މުހައްޛަބު ގައި ވިދާޅުވެފައި ވެއެވެ. “وَعَمِلَ الْمُسْلِمِينَ قَاطِبَةً أَنَّهُمْ لاَيُصَلُّونَهَا إِلاَّ بَعْدَ الزَّوَالِ” (ޔަޢުނީ: މުސްލިމުންގެ ޢަމަލުތައް ހިގަމުން އައިސްފައިވާ ގޮތަކީ ހުކުރު ދުވަހު އިރުމެދުން ފިލުމަށްފަހު މެނުވީ އެމީހުން ހުކުރު ނަމާދު ނުކުރެއެވެ.) އަދި އިމާމު އައްތިރިމިޛީ ﷲ ރުއްސުންލެއްވި އަނަސުގެ ރިވާޔަތާއި ބެހޭގޮތުން އެއީ ޙަސަނުގެ ދަރަޖައިގެ ޞައްޙަ ރިވާޔަތެއް ކަމުގައި ވިދާޅުވުމަށްފަހު މިފަދައިން ވިދާޅުވެފައި ވެއެވެ. “وَهُوَ الَّذِى أَجْمَعَ عَلَيْهِ أَكْثَرُ أَهُلُ الْعِلْمِ أَنَّ وَقْتَ الْجُمُعَةِ إِذَا زَالَتْ الشَّمسُ كَوَقْتِ الظُّهُرِ” (ޔަޢުނީ: ގިނަ ޢިލްމުވެރީން އެއްބަސްވެ ވަޑައިގަންނަވާ ގޮތަކީ، ހުކުރު ނަމާދުގެ ވަގުތަކީ މެންދުރު ނަމާދުގެ ވަގުތު ފަދައިން އިރުމެދުން ފިލައި ދިއުމެވެ.) ހަމައެހެންމެ ތިރްމިޛިގެ ޝަރަޙަ “ތުޙުފަތުލް އަޙްވަޒީ” ގައި ޢައްލާމާ މުބާރަކުޕޫރީ މިފަދައިން ބަޔާން ކުރައްވާފައި ވެއެވެ. “وَالظَّاهِرُ الْمَعْمُولُ عَلَيْهِ هُوَ مَا ذَهَبَ إِلَيْهِ الْجُمُهُورُ مِنْ أَنَّهُ لاَيَجُوزُ الْجُمُعَةُ إِلاَّ بَعْدَ زَوَالِ الشَّمْسِ وَأَمَا مَا ذَهَبَ إِلَيْهِ بَعْضُهُمْ مِنَ أَنَّهَا يَجُوزُ قَبْلَ الزَّوَالِ فَلَيْسَ فِيْهِ حَدِيثٌ صَحِيْحٌ صَرِيْحٌ” (މާނައީ: ދީނުގެ ޖުމްހޫރު ދަންނަބޭކަލުންގެ މަޛްހަބަކީ އިރުމެދުން ފިލައި ދިއުމަށްފަހު މެނުވީ ހުކުރު ނަމާދު ޞައްޙަ ނުވާނޭކަމަށެވެ. އަދި މިއީ މުސްލިމުން ޢަމަލުކުރަމުން އައި ގޮތްވެސް މެއެވެ. ނަމަވެސް ބައެއް މީހުން ދެކޭ ގޮތުގައި އިރުމެދުން ފިލުމުގެ ކުރިންވެސް ހުކުރު ކުރެވިދާނެއެވެ. މިއަށް ހެކިދޭނެ ޞައްޙަ ޞަރީޙު އެއްވެސް ޙަދީޘެއް އައިސްފައި ނުވެއެވެ.)

___________________________________

[1] ރިވާކުރެއްވީ އިމާމު އަޙްމަދާއި މުސްލިމާއި ތިރްމިޛީއާއި ނަސާއީއެވެ.

[2] ރިވާކުރެއްވީ އިމާމު މާލިކާއި އަޙްމަދުގެ އިތުރުން މަޝްހޫރު ހައިމާނުންނެވެ.

[3] ސޫރަތުއްނިސާ (103)

[4] ރިވާކުރެއްވީ އިމާމު މާލިކާއި އަޙްމަދުގެ އިތުރުން މަޝްހޫރު ހައިމާނުންނެވެ.

[5] ރިވާކުރެއްވީ އިމާމު އަޙްމަދުގެ އިތުރުން މަޝްހޫރު ހައިމާނުންގެ ތެރެއިން އިމާމު ބުޚާރީ ފިޔަވައި އަނެއް ފަސް އިމާމުންނެވެ.

[6] ސޫރަތުލްމާއިދާ (48)

[7] ރިވާކުރެއްވީ އަބޫދާއޫދާއި ތަފްސީރުއްނައިސާބޫރީއެވެ. (އަލްމައުސޫޢަތުއްޝާމިލާ)

[8] ޢަރަބި ބަހުގައި މިވަގުތު ނިދާ ނިދުމަށް ކިޔައި އުޅެނީ ޤައިލޫލާއެވެ. ޤައިލޫލާއަކީ މެންދުރު ވަގުތު އަރާމު ކޮށްލުމުގެ ގޮތުން ކުޑަކޮށް ނިދާލުމެވެ.

[9] ރިވާކުރެއްވީ އިމާމު ބުޚާރީއާއި މުސްލިމާއި ތިރުމިޛީއާއި އިބްނު މާޖާއެވެ.

[10] މިބަސްފުޅުގެ މުރާދަކީ އެބޭކަލުން އަވަހާރަ ލައްޕަވާ ގަޑިޔާއި ފަރީކުޅުއްވާ ގަޑިއަށް ވުރެން ކުރިއަށް ހުކުރު ނަމާދު އަވަސްކޮށް މެންދުރު ވުމުގެ ކުރިން ހުކުރު ކުރަށްވާ ވާހަކައެއް ނޫނެވެ. އޭގެ މުރާދަކީ ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްދުވަހު އަވަހާރަ ލެއްވުމަށްފަހު މެންދުރު ކުރައްވާ ކަމުގައިވިއަސް ހުކުރު ދުވަހު ފަރީކުޅުއްވައި، އަވަހާރަ ލައްޕަވަނީ ހުކުރު ކުރެއްވުމަށް ފަހުކަމެވެ. އާދެ، ފަރީކުޅުއްވުމާއި އަވަހާރަލެއްޕެވުން ލަސްކޮށްލައްވަނީ ކަމެވެ. އެއީ ހުކުރުގެ ކުރިން ކުރުމަށް އޮންނަ އަޅުކަންތަކަށް ޖާގަ ދެއްވުމުގެ ގޮތުންނެވެ.

[11] ރިވާކުރެއްވީ އިމާމު މުސްލިމެވެ.

[12] ރިވާކުރެއްވީ އިމާމު ޝާފިޢީއާއި އަޙްމަދެވެ. އަދި އެންމެ ޞައްޙަ ހަފޮތުގެ އިމާމުންނެވެ.

[13] ރިވާކުރެއްވީ އިމާމު ޝާފިޢީއާއި އަޙްމަދެވެ. އަދި އިމާމު ބުޚާރީއާއި ތިރްމިޛީއާއި އަބޫދާއޫދެވެ.

[14] ރިވާކުރެއްވީ އިމާމު ޝާފިޢީއެވެ. އަދި އިމާމު ބުޚާރީއާއި ނަސާއީއެވެ.

[15] ރިވާކުރެއްވީ އިމާމު އަޙްމަދެވެ. (މުސްނަދު އަޙްމަދް)

[16] މިވާހަކަ ބަޔާންވެގެންވަނީ ބުޚާރީގެ ބާބު” ” މިބާބުގެ ދަށުން އިބްނު ޙަޖަރު ގެންނެވި ޝަރަޙައިގައެވެ.

[17] ދެން އިމާމު ބުޚާރީގެ އަރިހުން އިބްނު ޙަޖަރު މިފަދައިން ނަގުލު ކުރަށްވާފައި ވެއެވެ. “އިބްނު ސީދާންގެ ރިވާޔަތަށް ބަރޯސާ ނުކުރެވޭއިރު އަނެއްކޮޅުން އެއާ ޚިލާފަށް އެއަށްވުރެން މާގަދަ ފަދަ ޞައްޙަ ރިވާޔަތްތައް އައިސްފައި އެބަހުއްޓެެވެ. ސުވައިދު އިބްނު ޣަފްލާގެ ކިބައިން އިބްނު އަބި ޝައިބާ ކުރަށްވާ ރިވާޔަތުގައި ވަނީ މިފަދައިންނެވެ. أَنَّهُ صَلَّى مَعَ أَبِي بَكْرٍ وَعُمَرَ حِينَ زَالَتْ الشَّمْسُ (މާނައީ: އެކަލޭގެފާނު އަބޫބަކުރާއި ޢުމަރާއި މިދެބޭކަލުންނާއެކު ހުކުރު ނަމާދު ކުރަށްވަނީ އިރުމެދުން ފިލުމަށް ފަހުގައެވެ.) މިޙަދީޘުގެ ސަނަދު ގަދަފަދަ އެވެ. ދެން އިބްނު ޙަޖަރު ވިދާޅުވެފައި ވެއެވެ. މުއައްޠާގައި އަބޫ ޢާމިރުގެ އަރިހުން ރިވާވެގެންވަނީ “ހުކުރު ދުވަހު ޢުމަރުގެފާނު ހުކުރަށް ވަޑައިގަންނަވަނީ މިސްކިތުގެ ހުޅަނގު ފާރަށް ހިޔާ އަންނަން ފެށުމުންނެވެ.” ދެން އިބްނު ޙަޖަރު ވިދާޅުވެފައިވަނީ މިއީ ޞައްޙަ ސަނަދެކެވެ. އަދި މިރިވާޔަތުން ވަރަށް ސާފުކޮށް އެނގި ސާބިތުވާ ކަމަކީ ޢުމުރުގެފާނު ހުކުރަށް ގެއިން ނިކުމެ ވަޑައިގަންނަވަނީ އިރުމެދުން ފިލުމަށް ފަހުގައި ކަމެވެ. އަދި އިބްނު އަބީ ޝައިބާގައި އިބްނު ޢައްބާސްގެ އަރިހުން ރިވާވެގެންވަނީ އިބްނު ޢައްބާސް މިފަދައިން ވިދާޅުވިކަމަށެވެ. ” أَنَّهُ  صَلَّى خَلْفَ عَلِيٍّ الْجُمُعَةَ بَعْدَمَا زَالَتْ الشَّمْسُ ” إِسْنَادُهُ صَحِيحٌ  (ޔަޢޫނީ: ޢަލީގެފާނުންގެ ފަހަތްޕުޅުގައި އެކަލޭގެފާނު ހުކުރު ކުރެއްވުއެވެ. އަދި އެއީ އިރުމެދު ޖެހުމަށް ފަހުއެވެ.) އިބްނު ހަޖަރު ވިދާޅުވެފައި ވަނީ މިއީ ޞައްޙަ ސަނަދެއް ކަމަށެވެ. އަދިވެސް އިބްނު އަބީ ޝައިބާގެ އެހެން ރިވާޔަތެއްގައި އަބޫ ރަޒީންގެ ކިބައިން މިފަދައިން ރިވާވެގެން ވެއެވެ. ” كُنَّا نُصَلِّي مَعَ عَلِيّ الْجُمُعَةَ فَأَحْيَانًا نَجِدُ فَيْئًا وَأَحْيَانًا لاَ نَجِدُ ” (ޔަޢޫނީ: ތިމަންމެން ޢަލީގެފާނާއެކު ހުކުރު ނަމާދު ކުރަމެވެ. ބައެއް ފަހަރު ހިޔާ ފެންނަން ހުރެއެވެ. އަނެއްބައި ފަހަރު ހިޔާ ފެންނަން ނުހުރެވެ.) އިބްނު ޙަޖަރު މިރިވާޔަތް ރިވާކުރެއްވުމަށް ފަހު ވިދާޅުވެފައި ވަނީ މިއިން ދޭހަވަނީ ބައެއް ފަހަރު އިރުމެދުން ފިލުމާއެކު ފަށްޓަވާ ކަމަށާއި އަނެއްބައި ފަހަރު ލަސްކުރަށްވާފައިވެސް ކުރަށްވާ ކަމަށެވެ. ކޮންމެއަކަސް މިނޫނަސް މިކަމަށް ހެކިދޭ ވަރަށް ގިނަ ރިވާޔަތްތައް އިބްނު ހަޖަރާއި ނަވަވީ ބަޔާން ކުރަށްވާފައި ވެއެވެ. އެހެން ކަމުން އިރުމެދުން ފިލުމުގެ ކުރިން ހުކުރު ކުރުމީ ހުއްދަވެގެންވާ ކަމެއްނޫނެވެ. ހަމައެއާއެކު އިރުމެދުން ފިލުމަށްފަހު ލަސްކުރުމީވެސް ކަމާބެހޭ ފަރާތްތަކުގެ އިޚްތިޔާރުގައި އޮތް ކަމެކެވެ. މިކަން ކުރީގައި ބަޔާންވެދިޔަ ކީރިތި ރަސޫލާގެ ޢަމަލުފުޅުންނާއި ޢަލީގެފާނުންގެ ޢަމަލުފުޅުންވެސް ސާބިތުވެއެވެ.

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment