މިއީ ދިރިހުރި ނުވަތަ މަރުވެފައިވާ މީހަކަށް ނިސްބަތްކޮށް ލިޔެފައިވާ ލިޔުމެއް ނޫނެވެ. މިފަދަ އެއްވެސް ފަރާތަކާ އެއްވެސް ގޮތަކުން ދިމާވާގޮތެއް ނުވަތަ ގާތްކުރާ ގޮތެއް ހުރި ނަމަ އެއީ އިއްތިފާގެކެވެ. “ކައްކާ” ރާއިދަކީ މަޝްހޫރު ކައްކާ އެކެވެ. ރާއްޖޭގެ ރިސޯޓެއްގެ ބޮޑުކައްކާގެ ގޮތުން އިރުމައްޗާއި ހުޅަނގުގެ މުބާރާތްތަކުގައި ބައިވެރިވެ ކެއްކުމުގެ ރޮނގުން ވަނަވަނަ ހޯދައިފައިވާ މީހެކެވެ. މިހާރު ދެން މިރޮނގުން އޭނާ ހޯދާނޭ އިތުރު “ތައްޓެއް” ނުވަތަ “ތޮތްޕެއް” ނެތެވެ. މެދުއުމުރަށް އަރަމުންދާއިރު އޭނާއަށް މުހިންމުވީ އަނބިދަރީން…

މިއީ ދިރިހުރި ނުވަތަ މަރުވެފައިވާ މީހަކަށް ނިސްބަތްކޮށް ލިޔެފައިވާ ލިޔުމެއް ނޫނެވެ. މިފަދަ އެއްވެސް ފަރާތަކާ އެއްވެސް ގޮތަކުން ދިމާވާގޮތެއް ނުވަތަ ގާތްކުރާ ގޮތެއް ހުރި ނަމަ އެއީ އިއްތިފާގެކެވެ.

“ކައްކާ” ރާއިދަކީ މަޝްހޫރު ކައްކާ އެކެވެ. ރާއްޖޭގެ ރިސޯޓެއްގެ ބޮޑުކައްކާގެ ގޮތުން އިރުމައްޗާއި ހުޅަނގުގެ މުބާރާތްތަކުގައި ބައިވެރިވެ ކެއްކުމުގެ ރޮނގުން ވަނަވަނަ ހޯދައިފައިވާ މީހެކެވެ. މިހާރު ދެން މިރޮނގުން އޭނާ ހޯދާނޭ އިތުރު “ތައްޓެއް” ނުވަތަ “ތޮތްޕެއް” ނެތެވެ. މެދުއުމުރަށް އަރަމުންދާއިރު އޭނާއަށް މުހިންމުވީ އަނބިދަރީން ކައިރީގައި ރަށުގައި ހުރުމެވެ. އަނބިދަރީންނާ އެކު ވީހާވެސް ގިނަ ވަގުތު ހޭދަކުރުމެވެ. އާއިލާވެސް ބޭނުންވަނީ މިގޮތެވެ. ނަމަވެސް މީގެ މާނަޔަކީ ކެއްކުމާ ދުރުގައި ހުރުމެއް ނޫނެވެ. ކެއްކުމާ ދުރުގައި ހުރުމީ އޭނާއަށް ކުރެވޭނެ ކަމެއް ވެސް ނޫނެވެ. އެއަށްވުރެ އޭނާ ކަމަށް ހުރި ލޯބި ބޮޑެވެ. އެހެންކަމުން ވަރަށް ބޮޑު ޚަރަދެއްކޮށްގެން އޭނާ މާލޭގައި ވަރަށް މަތީ ފެންވަރުގެ ރެސްޓޯރެންޓެއް ހަދައިފިއެވެ. ނަމަކީ “ރަތް ފިނިފެންމާ” އެވެ. މިތަން އިނގިރޭސީންނަށް ވިއްކަނީ މީގެ އިނގިރޭސި ނަމުގައެވެ. ފަރަންސޭސީންނަށް ފަރަންސޭސި ނަމުގައެވެ. ސިނައިންނަށް މިތަން އެހައި ކަމުދަނީ ތަނުގެ ކެއުންތައް ފިޔައި ރަތް ބޭނުންކޮށްގެން ތަން ފަރުމާކުރެވިފައި ހުރި ގޮތް ވެސް އެމީހުންނަށް ރީތިވެފައި ކަމުދާތީއެވެ. ރަތް އެއީ އެމީހުންގެ ގައުމީ ކުލަ ކަމުގައިވާތީ އެވެ. ބަރަކާތްތެރިކަމާއި ބާއްޖަވެރިކަން ފެށިގެން އަންނަނީ ރަތުން ކަމަށް ބެލެވޭތީމެ އެވެ.

ރާއިދަށް ލިބިފައިވާ ނަމާއެކު “ރަތްފިނިފެންމާ” ވައިގައި ހިފައި ހިނގައިގަތީ ހުޅުވުނުތާ މަހެއްހައި ދުވަހުގެ ތެރޭގައެވެ. ކާތަނަކަށް މަލެއްގެ ނަންކިޔާތީ ބައެއް މީހުން ހަޖޫ ޖަހައި ހެދިމެ އެވެ. “ކާތަނަކަށް މީހަކު މަލެއްގެ ނަން ކިޔާނެ ހެއްޔެވެ؟”

ރާއިދުގެ ޖަވާބު ސާފެވެ. “ރާއްޖޭގެ ބައެއް ބޮޑުން ކަނޑުމަތީ ދުއްވި ލާންޗުކޮޅުތަކަށް މަސްމަހާމެހީގެ ބަދަލުގައި މާމެލާމެލީގެ ނަން ކިޔައިގެން އުޅުން އެއީ ކަލޭމެންނަށް އައިބުކަމަކަށް ނުވިއެވެ. އަހަރެން ފަދަ މަލަށް ލޯބިހުރި މީހަކު މަލެއްގެ ނަމުން ތަނަކަށް ނަން ކިއުން މައްސަލައަކަށް މިވީ ކީއްވެގެން ހެއްޔެވެ؟ ކަން ކާމިޔާބު ނަމަ ނަން އެއޮތީ ރަނގަޅަށް ނޫން ހެއްޔެވެ؟” މިޖަވާބުން ދޫތައް ބަންދުވެއްޖެއެވެ.

“ރަތްފިނިފެންމާ” ރެސްޓޯރެންޓުން ހަމައެކަނި ކާލުމުގެ ބޭނުމުގައި، އަށް ނުވަ ގަޑިއިރުގެ ފުލައިޓަކަށް ފަހު، ރާއްޖެ އަށް ފަތުރުވެރީން އަންނަން ފަށައިފިއެވެ. މިބައިގައި އެންމެ ގިނައީ ފަރަންސޭސީންނެވެ. އެމީހުންނަކީ އެމީހުން ގައުމުގައި ވެސް އެކިއެކި މަޝްހޫރު ކައްކާއިން ހިންގާ ރެސްޓޯރެންޓުތަކުން ކާލުމުގެ އެދުމުގައި ރޭލުގެ ނުވަތަ ކާރުގެ ނުވަތަ މަތިންދާ ބޯޓުގެ ދިގު ދަތުރެއްކުރުން އެއީ އުފަލެއް ކަމަށް ދެކޭ ބައެއް ކަމަށް ބުނާތީ އަހަމެވެ. ކެއުމާ ހެދި ގައުމުގެ މީހުން މިވަރަށް ބޫތުކެއުމީ ނަޕޯލިޔަން ވަރަށް ބޮޑަށް ނަފުރަތު ކުރެއްވި ކަމެއްކަމަށް ވެއެވެ. ނަމަވެސް ގައުމުގައި އަށަގެންފައި އޮތް މިފަދަ އާދައެއް ބަދަލުކޮށްލެއްވުން، ވޯޓަރލޫގެ ހަނގުރާމައިން ބަލިވެވަޑައިގެން ސެންޓު ހެލީނާ ޖަޒީރާއަށް އަރުވާލުމާ ހަމަޔަށް “ވިލާތުގެ ޝެހެންޝާހުގެ” ގޮތުގައި މަޝްހޫރު ވެގެން ދިޔަ މިފަދަ ޒައީމަކަށް ވެސް އޮތީ ނުކުޅެދިވަޑައިގެންފައެވެ. ނަޕޯލިޔަންގެ ހިތާމަވެރި ނިމުމުން ފިލާވަޅު ހޯދައިގެން ކަމަށް ވެސް ވެދާނެއެވެ. މީރު ކެއުންތަކަށް ލޯބިކުރުން އެއީ ގައުމީ އަންހެންދުޅާ ސިފައެއް ކަމަކަށް މިޒަމާނުގެ ޒައީމުންނެއް ނުދެކެއެވެ. އަދި އެއީ ވެރިން ބެހެން ޖެހޭ ޒާތުގެ ކަމެއް ކަމަކަށް ވެސް ނުދެކެއެވެ.

“ރަތްފިނިފެންމާ” ހިންގުން ފިޔަވައި ރާއިދަކީ ޓީވީންވެސް “ކާހިތް” ކިޔާ ވަރަށް މަގުބޫލު ކެއްކުމުގެ ޕުރޮގްރާމެއް ގެނެސްދޭ މީހެކެވެ. ޕުރޮގްރާމް އަންނަ ގަޑީގައި ގޭގޭގެ އަންހެނުން ތިބޭނީ އެހެންކަންތައްތައް ހުއްޓާލާފައި ކަންފަތް ކޮޅަށްޖަހައި ޓީވީގައި ލޯޖަހައިގެންނެވެ. ފޮތާއި ގަލަމާ ހިފައިގެން “ރިސިޕީ” ލިޔަން ތައްޔާރުވެގެންނެވެ.

މި ޕުރޮގުރާމްގެ ސަބަބުން ދުނިޔޭގެ ކަންކޮޅުތަކުގައި ހެދޭ އެކިއެކި މީރު ކާއެއްޗެއްސަށް ދިވެހިން ލޯބިޖެހިއްޖެއެވެ. އަދި މީހުން ޢާންމުކޮށް އަޑުނާހާ ގައުމުތަކުގެ ސަގާފަތާއި އެގައުމުތަކުގައި ހަދާ މީރު ކާއެއްޗެހި ވެސް ދަސްވަމުން ދެއެވެ. މިގޮތުން މިރޭގެ ޕުރޮގްރާމްގައި އޮތީ މޮންގޯލިޔާއެވެ. “ރިސިޕީ” އަކީ އެތާނގެ މަޝްހޫރު ކެއުމެއް ކަމުގައިވާ “ކޮރުކޯގު”އެވެ. ހިނިމޫނުވެ ހުރި ރާއިދު ވާހަކައައިގެން ކުރިޔަށް ދިޔައެވެ.

“މިއީ ވަރަށް މީރު ކާއެއްޗެކެވެ. “ކޮރުކޯގު” މިބަހާ އެންމެ ގާތްކުރާ ލަފުޒީ މާނައަކީ “ސަރަފޯސް ޖެހި ކިރު ތަވައެއްގައި ކަންބަޅިމަސް” މި ބަހެވެ.

“ރިސިޕީ ހަމަ ވަރަށް ވެސް ސާދާއެވެ. ތަވާގެ ތެރޭގައި، ރޯ ގެރިކިރު ނުވަތަ ބަކަރިކިރުގެ ތެރޭގައި، އަތްޖައްސާލަން ކެރޭ ނުކެރޭ ވަރަށް ހޫނުކޮށްފައި ހުރި ގާފޮތިތަކެއް އަތުރުއްވާށެވެ. މި ގާފޮތިތަކުގެ މަތީގައި ކައްޓާ އެކު ހުރި ކަންބަޅި މަސްކޮޅުތައް ބަހައްޓަވާށެވެ. ހަވާދުލީ މަސްކޮޅުތަކެވެ. މަސްކޮޅުތައް މަތީގައި އަނެއްކާވެސް ހޫނުކުރި ގާފޮތިތަކުގެ ފަށަލައެކެވެ. މިގާފޮތިތަކުގެ މަތީގައި ހަވާދުލީ މަހާއި ކޮށާފައި ހުރި ތަރުކާރީ ބަހައްޓަވާށެވެ. މީގެ މަތިން އަނެއްކާވެސް ހޫނުކޮށްފައި ހުރި ގާފޮތިތަކުގެ ފަށަލައެއް ދުއްވާލައްވާށެވެ. ދެން ތަވާގެ ތެރެއަށް ފެންފޮދެއް އަޅުއްވާށެވެ. އެއަށް ފަހު ސަރަފޯސް ޖައްސަވައި މަޑު ގިންޏެއް ގައި ކައްކަވާށެވެ. ތަވައިން މާބޮޑަށް އާވި ބޭރުވާ ގޮތް ވެގެން ނުވާނެއެވެ. ރަނގަޅަށް ކެކޭ އިރު “ކޮރުކޯގު” އެހެރީ ތައްޔާރުވެފައެވެ. ހައްދަވަން ފަސޭހަ ފަރިއްކުޅުއްވަން މީރު ކެއުމެކެވެ.

ދުވަހަކީ ރޯދަމަހުގެ ދުވަހަކަށް ވުމާއެކު ފައިސާއަކީ މައްސަލައަކަށް ނުވެއެވެ. ޖީބުތައް ހުރީ ހުޅުވިފައެވެ. “ކާހިތް” އޮތީ އިންތިހާގައެވެ. ވަރަށް ގިނަ ގޭގޭގައި މިއަދު “ކޮރުކޯގު” ހެދުން އޮތެވެ.

ރޯދަވީއްލިތާ މާގިނަ އިރެއް ނުވެއެވެ. ރާއިދަށް ފޯނުކޯލުތައް ލިބެން ފެށީ ބަޑިތަކުރު ވިހޭރޭ އަލަފަތް އައިހެންނެވެ. ފޯނެކޭ ވިޔަރިއަރައގެން އުޅޭ ބަލި ކުއްޖެކޭ މާބޮޑު ތަފާތެއް ނެތެވެ. ކުރުނެތި ކިޔަނީ އެކައްޗެކެވެ.

“މިއަދު ތިޔަ ކިޔައިދެއްވީ ކޮން ކަހަލަ ‘ރިސިޕީ’ އެއް ތޯއެވެ. އަޅުގަނޑުމެން ގޭގައި ހެދި “ކޮރުކޯގު” ވެފައި އޮތީ ކޮށިއަރުވާލާ ކަހަލަ “ކޯގަ” ކަށެވެ. ހޫނުކުރާނޭ ގާފޮތިތަކެއް އަހަރެމެން ހޮވީ ލޮނުޒިޔާރަތްކޮޅުގެ އަކިރިގަނޑުންނެވެ. “ކޯގު” ތައްޔާރުކުރިއިރު ދަށުން އަންދާ ގިންޏާއި މަތިޖެހި ތަވާގެ ތެރޭގައި ބަންދުވެފައި ހުރި އާވީގެ ބާރުގައި ގާފޮތިތައް ހުރީ އުވަޔަށް ނުވާ ނަމަ ކުނޑިކުނޑިވެފައެވެ. “ކޯގު” ކައި ނިމުނު އިރު އުވައިގެ ސަބަބުން އަނގަ ކެނޑިއްޖެއެވެ. ކުނޑިގަލުގެ ސަބަބުން ދަތްކޮޅު ހިނގައްޖެއެވެ.” މީ ދަންނަ ރައްޓެއްސެއްގެ ޝަކުވާއެވެ. ނުދަންނަ މީހުންގެ ޝަކުވާތައް މިއަށްވުރެވެސް ދިގުވެފައި ރުޅިވެރިއެވެ. މީގެ ތެރޭގައި ވަޒީރުބޭފުޅުންނަށާއި އެމްބެސެޑަރުންނަށް ‘ކޯގުން’ ރޯދަވީއްލުމެއް އެރުވި ބޭފުޅަކުވެސް ހިމެނިވަޑައިގަތެވެ.

ފޯނުން ކެނޑިނޭޅި ޝަކުވާތައް އޮހެން ފެށުމުން ރާއިދު ހިތުގައި ޖެހުނެވެ. މިރޭ ދެން ރަނގަޅުވާނީ ފޯނު ނިވާލައިގެން އުޅުނިއްޔާއެވެ. އެހެން ނޫނީ ލޮލު ފިޔައެއް ޖަހާލާނެ ދަނޑިވަޅެއް ނުދޭނެއެވެ. ޝަކުވާތައް ކުރާ މީހުންނަށް ދޭން އޮތީ އެއް ޖަވާބެކެވެ. އެޖަވާބު އެކިމީހުންނަށް ވަކިވަކިން ދިނުމަށް ވުރެ ލުއިވާނީ އެންމެންނަށް އެއްފަހަރުން ދިނުމެވެ. ޓީވީގެ ޒަރިއްޔާއިން މާދަމާގެ ކައްކާ ޕުރޮގްރާމުން ދެވިދާނެއެވެ. ނަމަވެސް އެއިގެ ކުރީގައި އަލުންބަލުން ފޮތްފޮތް ބަލައި “ކޮރުކޯގު” ހަދާގޮތް މުޠާލިޢާކޮށްލިއެވެ. އެއްފަހަރަކު ރާއިދަށް ސިންގަޕޫރުން ތައާރަފުވެފައިވާ މޮންގޯލިޔާ ބޭކަލަކާ ވެސް ފޯނުން ގުޅައި މަޝްވަރާ ކޮށްލިމެ އެވެ. މީގެ ސަބަބުން ކުރިން ސާފުވެފައި ނެތް ބައެއް ކަންތައްތައް ސާފުވެ ޝައްކުތައް މުޅިން ފިލައިގެން ހިނގައްޖެއެވެ. އާނއެކެވެ. ފޮތެއް އެދުރެއް ނުވާނެއެވެ!

އަނެއް ދުވަހުގެ ޓީވީ ޕުރޮގްރާމްގައި ރާއިދު ބުންޏެވެ.

“މޮންގޯލިޔާ އަކީ މިއަދު އަރަބީންގެ ބިންތަކަށް ތެލުގެ މުއްސަނދިކަން ލިބިފައިވާ ބީދައިން މައުދަންތަކުގެ މުއްސަނދިކަން ލިބިފައިވާ ބިމެކެވެ. އަރަބި ސަހަރާގެ ބަދަވީންނެކޭ އެއްފަދައިން މޮންގޯލިޔާ މީހުންނަކީ ވެސް ގެރިބަކަރި ކަންބަޅި ހުއިހެއްޕުމަށް އެއްތަނުން އަނެއް ތަނަށް ހިޖުރަކޮށް އުޅުނު ބައެކެވެ. ޖަމަލަކީ އެމީހުންގެ ސަވާރީއެވެ. ވެރިރަށް ތޮއްޖެހި މިދިރިއުޅުން މިއަދު ވަރަށް ބޮޑަށް ބަދަލުވެފައިވީ ނަމަވެސް މިހާރުވެސް މިތާނގެ އަސްލު ރަށްފުށުގެ ދިރިއުޅުމަކީ މިއީއެވެ. ކިރާއި އެއްގަމު މަހުގެ ބާވަތްތައް މިއީ މިބައިމީހުންގެ މައިގަނޑު ކެއުމެވެ.

“ކޮރުކޯގަ”ކީ މިބައިމީހުންގެ ގައުމީ ކެއުމޭ ވެސް ބުނެވިދާނެއެވެ. ދިވެހި އަންހެނުން ގަރުނަގައިގެން މީރުކޮށް ގަރުދިޔަ ކައްކަން ދަންނަހެން މޮންގޯލިޔާ ކޮންމެ އަންހެނަކު ވެސް “ކޮރުކޯގު” ކައްކަން ދަންނާނެއެވެ. މިކަމަށް އެމީހުން ބޭނުން ކުރާ ފޮތި ގަލަކީ މިބައްރުން، ބަލައިލި ކޮންމެ ދިމާއަކުން ވެސް، ލިބެން ހުންނަ ހިލަ ގަލެވެ. މިއީ ގިނީގެ ހޫނަކުން، އާވީގެ ބާރުން ފުނޑުފުނޑުވާ ޒާތުގެ ގަލެއް ނޫނެވެ. އެއަށް ވުރެ މާހަރު ގަލެކެވެ. މިއާ ޚިލާފަށް ލޮނުޒިޔާރަތްކޮޅުން ނުވަތަ ރާއްޖޭގެ އެހެންވެސް ގޮނޑުދޮށްތަކުން ނެގޭ ގަލަކީ ރާއްޖޭގެ ފަރުތަކުގައި ހެދި މަރުވާ މަށް ‘އުވަގަލެ’ވެ. އުވަދަވާތަން ދެކެފައިވާ ކޮންމެ މީހަކުވެސް ދަންނާނޭ ފަދައިން މިގަލަކީ ހޫނަށް ފުނޑުފުނޑުވެ ‘ފުށަށް’ވާ އެއްޗެކެވެ. މިއީ “ކޮރުކޯގު” ހަދަން އެކަށީގެންވާ ވަރަށް ވުރެ މާމަޑު އެއްޗެކެވެ. މިހެން ކަމުން “ކޮރުކޯގު” ހައްދަވާ ނަމަ ފޮތިގާ ގެންނަވާނީ މޮންގޯލިޔާ އިންނެވެ.”

-ނިމުނީ-

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment