000މިބައިގައި އަޅުގަނޑު ލިޔަން ގަސްދުކޮށްފައި އޮތީ ދެވަނަ ބޮޑު ހަނގުރާމައިގައި، ޖަރުމަނު ވިލާތް، އެއްކޮށްހެން ހަލާކުވެ ދިޔުމަށްފަހު، އަލުން، އެގައުމު ބިނާކުރި ގޮތުގެ ވާހަކައެވެ. ޖަރުމަނުވިލާތުގެ ރަށްތަކާއި އަދި ތަހުތީ  ބިނާވެސް، މުޅީންހެން، ފުނޑުފުނޑުވެ، އަދި ގައުމުގެ ސިޔާދަތާއި މިނިވަންކަންވެސް ގެއްލިގެން ދިޔުމަށްފަހު، ދިހަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި އަލުން ބިނާކުރިގޮތުގެ ވާހަކައެވެ. އަދި، މިކަމުން ލިބިގަނެވިދާނޭ ފިލާވަޅުގެ ވާހަކަވެސް މެއެވެ. ނަމަވެސް، ކުރިން ހުށަހަޅާލެވުނު، ‘ޖަރުމަނުވިލާތުގެ ވާހަކައިގެ’ ފުރަތަމަ ބަޔާއި ގުޅިގެން، ކިޔުންތެރިއަކު ކުރެއްވި، ވަރަށް…
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

މިބައިގައި އަޅުގަނޑު ލިޔަން ގަސްދުކޮށްފައި އޮތީ ދެވަނަ ބޮޑު ހަނގުރާމައިގައި، ޖަރުމަނު ވިލާތް، އެއްކޮށްހެން ހަލާކުވެ ދިޔުމަށްފަހު، އަލުން، އެގައުމު ބިނާކުރި ގޮތުގެ ވާހަކައެވެ. ޖަރުމަނުވިލާތުގެ ރަށްތަކާއި އަދި ތަހުތީ  ބިނާވެސް، މުޅީންހެން، ފުނޑުފުނޑުވެ، އަދި ގައުމުގެ ސިޔާދަތާއި މިނިވަންކަންވެސް ގެއްލިގެން ދިޔުމަށްފަހު، ދިހަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި އަލުން ބިނާކުރިގޮތުގެ ވާހަކައެވެ. އަދި، މިކަމުން ލިބިގަނެވިދާނޭ ފިލާވަޅުގެ ވާހަކަވެސް މެއެވެ. ނަމަވެސް، ކުރިން ހުށަހަޅާލެވުނު، ‘ޖަރުމަނުވިލާތުގެ ވާހަކައިގެ’ ފުރަތަމަ ބަޔާއި ގުޅިގެން، ކިޔުންތެރިއަކު ކުރެއްވި، ވަރަށް މުނާސިބު ސުއާލަކާއި ވިދިގެން، އެސުއާލަށް ޖަވާބެއް ދެވޭތޯ މަސައްކަތްކޮށްލަން ހިތަށްއަރި، އިތުރު ބައެއް ހިމަނާލަން ގަސްދުކޮށް މިބައި ލިޔަން ނިންމީއެވެ.

ކިޔުންތެރިޔާ ސުއާލު ކުރެއްވީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު، ޖަރުމަނުވިލާތައް ދޭން ޖެހުނު ބަދަލާ ބެހޭ ގޮތުންނެވެ. އެހެން ގައުމުތަކަށްވީ ގެއްލުން، ޖަރުމަނު ވިލާތުން ދޭން ޖެހުނީ ކީއްވެގެން ކަމާއި އެވެ. އެހެންވެ، މިމައްސަލަ، އާދެ، ހަނގުރާމައިގެ ބަދަލު ދިނުމުގެ މައްސަލަ، މިބައިގައި، ގެނެސް ދޭން ނިންމީ އެވެ. ދެން، އެއަށްފަހު، ތިންވަނަ ބައިގައި ޖަރުމަނުވިލާތް ބިނާކުރެވުނު ވާހަކައާއި އަދި އެއިން ލިބިގެނިވިދާނޭ ފިލާވަޅުތަކުގެ މައްޗަށް، އިރާދަކުރެއްވިއްޔާ، ބަލާލާނީއެވެ.



ހަނގުރާމައިގެ ގެއްލުމުގެ ބަދަލު (ވޯ ރިޕަރޭޝަންސް)

ހަނގުރާމައިގެ ގެއްލުމުގެ ބަދަލަކީ ހަނގުރާމައެއް ނިމުމުން އެހަނގުރާމައިގެ ލިބުނު ގެއްލުމުގެ ބަދަލުގައި ފައިސާއާއި މުދަލުންނާއި އަދި މަސައްކަތުން ދެވޭ ބަދަލެކެވެ. އާއްމުގޮތެއްގައި މި ބަދަލު ދޭން ޖެހެނީ ހަނގުރާމައިގައި ބަލިވާ ފަރާތަށެވެ. މިޒާމާނުގައި މީގެ އެންމެ ސާފު މިސާލެއް ފެނިގެން ދަނީ ފުރަތަމަ ބޮޑުހަނގުރާމައާއި އަދި ދެވަނަބޮޑު ހަނގުރާމަ ނިމުމާއި ވިދިގެން، އެހަނގުރާމަތަކުގައި ބަލިވި ފަރާތްތަކުން، ކާމިޔާބު ހޯދި ފަރާތްތަކަށް ދޭން ޖެހުނު ބަދަލެވެ. ހަނގުރާމައިގެ ލިބޭ ‘ގެއްލުމު’ގެ ތެރޭގައި ތަފާތު ކަންތައް ހިމެނެއެވެ. މާއްދީ ގެއްލުން ތަކެވެ. ތަންތަނާއި ރަށްރަށަށް ލިބޭ ގެއްލުމެވެ. ފައިސާއާއި މުދަލުގެ ގެއްލުމެވެ. މަޖްބޫރު ކުރުވައިގެން މަސައްކަތްކުރުމުގެ ގެއްލުމެވެ. މިކަންކަމަށް ބަދަލު ދޭން ޖެހެއެވެ. ކުރިންވެސް ނަންގަނެވުނުހެން، މިކަންކަމުގެ ބަދަލު ދެވެނީ ފައިސާއާއި މުދަލުންނެވެ. އަދި، ބަދަލު ދޭން ޖެހޭ ގައުމުގެ މީހުންލައްވާ މަސައްކަތް ކުރުވައިގެންވެސް މެއެވެ.


ހަނގުރާމައިގައި ލިބުނު ގެއްލުމަށް ޖަރުމަނުވިލާތުން ބަދަލު ދޭން ޖެހުން

ހަނގުރާމައެއްގައި ލިބޭ ގެއްލުމުގެ ބަދަލު ދިނުން ކަނޑަ އަޅާ ފަރާތަކީ އަބަދުވެސް އެހަނގުރާމައިގައި ކާމިޔާބު ލިބޭފަރާތެވެ. މިހެން ވާން ޖެހޭ ސަބަބު އޮޅިފައެއް ނޯވެއެވެ. ބާރާއި އިޚްތިޔާރު އޮތް ފަރާތަކަށް ހަނގުރާމައިގައި ކާމިޔާބު ލިބޭފަރާތް ވުމެވެ. އެހެންވެ، ބަލިވާ ފަރާތް، ނުވަތަ ފަރާތްތައް، އަބަދުވެސް އޮންނަނީ ކާމިޔާބުވާ ފަރާތުން، އެފަރާތަށް ނުވަތަ ފަރާތްތަކަށް، ކުރާ ރަހުމެއްގެ ދަށުގައެވެ. އެދޭ ހެވެއްގެ ދަށުގައެވެ. ކާމިޔާބީ ލިބުނުފަރާތް، ބަލިވި ފަރާތާ ދޭތެރޭ ކޮންމެ ގޮތަކަށް ކަންތައް ކުރިނަމަވެސް، އެކަމާ، އިންކާރު ކުރުމުގެ އިޚްތިޔާރެއް، ބާރެއް، ނޫނީ ހިތްވަރާ ކެރުމެއްވެސް، ބަލިވި ފަރާތަކަށް ލިބިގެންނެއް ނުވެއެވެ. ހަނގުރާމައިގެ ނަތީޖާ ނިކުތުމުން، ގިނަފަހަރު، ރަނގަޅު ނުރަނގަޅަކަށް ބެލުމެއް ނެތި، ކަންތައްތައް ނިންމަނީ، ކާމިޔާބުވާ ފަރާތް ބޭނުންވާ ގޮތަށެވެ. އެނިންމާ ގޮތަކީ އަދުލު އިންސާފު ކަމުގައި ބެލެވިގެންނެވެ.

މިއުސޫލުގެ މަތިން ބަލައި، ޖަރުމަނުވިލާތުން، އެހެން ގައުމު ތަކަށް ލިބުނު ގެއްލުމުގެ ބަދަލު ދޭން ޖެހުނީ ކީއްވެތޯ ސުއާލުކޮށް ފިނަމަ، ކުރު ޖަވާބަކީ، ހަނގުރާމައިގައި ޖަރުމަނުވިލާތް ބަލިވުމެވެ. އަދި، އެމީހުން ކަންތައް ކުރަންވީގޮތް ނިންމީ ކާމިޔާބު ލިބުނު ފަރާތުން ކަމަށް ވާތީއެވެ. އާދެ، އެކަން ނިންމީ އިއްތިހާދީ ބާރުތަކުން، އިނގިރޭސިންނާއި ފަރަންސޭސީންނާއި ސޯވިއެޓުންނާއި އަދި އެމެރިކާނުން ކަމަށްވާތީ އެވެ.

އިއްތިހާދީ ބާރުތަކުން ހަނގުރާމައިގެ ގެއްލުމުގެ ބަދަލު ދިނުން ޖަރުމަނުވިލާތައް މަޖްބޫރު ކުރުވުން އެއީ މުޅިން ތަބުރީރު (ޖަސްޓިފައި) ނުކުރެވޭނޭ ކަމެއްވެސް ނޫނެވެ. އެހެނީ، ދެވަނަ ބޮޑު ހަނގުރާމަ ފެށީ ޖަރުމަނުވިލާތުން ކަމަށް ވާތީއެވެ. ފުރަތަ ބޮޑުހަނގުރާމަ ނިމި، ޖަރުމަނުވިލާތާއި ވެވެނު ވާރސޭ އެއްބަސް ވުމާ، ޖަރުމަނުވިލާތުން ޚިލާފުވަމުންގޮސް، އެންމެފަހުން، 1939ގައި، ހިޓްލަރު ޕޯލަންޑަށް ހަމަލާ ދީ، އެގައުމު އިހުތިލާލު ކުރުމާ ވިދިގެންނެވެ. އެހެން ގައުމުތަކުން ޖަރުމަނުވިލާތާއި ހަނގުރާމަ ކުރަން ޖެހުނީ، ހިޓްލަރުގެ، މި އަމަލުގެ ސަބަބުންނެވެ. އެހެންވެ، އިއްތިހާދީންގެ، ހުއްޖަތަކީ، އެމީހުންގެ ފަރާތުން ދެވުނު ހަމަލާތަކާއި އަދި އެކަމުގެ ސަބަބުން ވީ ގެއްލުންތަކަކީ ޖަރުމަނުވިލާތުން މެދުވެރިކުރުވި ކަންތައްތަކެއް ކަމުގައެވެ. އެހެންވެ، އިއްތިހާދީން ދުށްގޮތުގައި، ހުރިހާ ގެއްލުމެއްގެ ޒިންމާވެސް އުފުލަން ޖެހޭނީ ޖަރުމަނުވިލާތުންނެވެ.

މީގެ މާނައަކީ، އިއްތީހާދީ ބާރުތަކުން، ދެވަނަ ބޮޑުހަނގުރާމައިގައި، ހަނގުރާމައިގެ ގަވާއިދުތަކާއި ޚިލާފު އަމަލުތައް ނުހިންގަނީކީ ނޫނެވެ. އިއްތިހާދީންވެސް، އެފަދަ އަމަލުތައް ހިންގިއެވެ. މަދަނީ އަމާޒުތަކަށް ގަސްދުގައި ހަމަލާދިނުން އެއީ މިކަމުގެ ސާފު ހެއްކެކެވެ. އެހެންނަމަވެސް އިއްތިހާދީން، އޭގެ ބަދަލު ދޭކަށް ނުޖެހެއެވެ. ސަބަބަކީ ތޯއެވެ. އިއްތިހާދީންނަށް ހަނގުރާމައިގައި ކާމިޔާބު ލިބުމެވެ. އަދި، އެމީހުން ބޭނުންވާގޮތަކަށް ކަންތައް ކުރުމުގެ ބާރާއި އިޚްތިޔާރު އެމީހުންގެ އަތްމަތީ އޮތުމެވެ.

މިކަމުން ވަރަށް މުހިއްމު ފިލާވަޅެއް ލިބެއެވެ. ގައުމުތަކުގެ ދެމެދުގައި އޮންނަ ދޭދޭ ގުޅުން، ގިނަފަހަރަށް، ބިނާ ވެފައި އޮންނަނީ އަދުލުވެރިކަމާއި އިންސާފުގެ މައްޗަށް ބިނާވެގެން ނޫންކަމެވެ. ނޫނީ އަޚްލާގިއްޔާތުގެ ހަމަތަކުގެ މައްޗަށް ބިނާވެގެން ވެސް ނޫންކަމެވެ. އެކަން ބިނާވެފައި އޮންނީ މަސްލަހަތުގެ މައްޗަށްކަމެވެ. އެހެންވެ، ދޭދޭ ގައުމުތަކުގެ ގުޅުންތައް ތަންޒީމުކުރާ ބައިނަލްއަގުވާމީ ގާނޫނު ތަކަކީ، ބާރު ގަދަ ގައުމުތަކުގެ އަތްމަތީ އޮންނަ އަސާގަނޑެއް ކަހަލަ އެއްޗެކެވެ. ބާރުގަދަ ގައުމެއްގެ މަސްލަހަތަށް ބުރޫއަރާ، އެފަދަގައުމަކަށް ގެއްލުމެއް ލިބިދާނެހެން ހީވާ ދަނޑިވަޅު ދަނޑިވަޅުގައި އެއަސާގަނޑުގައި ހިފަހައްޓައި ކޮޅަށް ތެދުވެއެވެ. އަދި، ހައްގަކައި ލައިގެންވިޔަސް އަދި ނުލައިވިޔަސް، ބަލިކަށި ގައުމަކުން އެއްޗެއް ހޯދައިގަންނަށް ބޭނުންވެއްޖެނަމަ، އެއަސާގަނޑު މަޅައި ތަޅައިގެންވެސް އެއެއްޗެއް ހޯދައެވެ. މީގެ ވަރަށް ގިނާ މިސާލުތައް، މިޒަމާނުގެ ތާރީޚުންވެސް ފެންނަން އެބައޮތެވެ. އެކުވެރި ދައުލަތްތަކުގެ ޖަމުއިއްޔާގެ ބައެއް ނިންމުންތަކުން މީގެ މިސާލުތައް ފެނިގެން ދެއެވެ. ބާރުގަދަ ގައުމުތައް، އެގައުމުގެ މަސްލަހަތު ދިފާއުކުރުމަށް ގަރާރުތައް ފާސްކޮށް ހަދައެވެ. އަދި، ބަލިކަށި ގައުމަކުން، އެމީހުންގެ ހައްގު ހޯދަން އުޅޭވަގުތުތަކުގައި، މިކަމަކީ ބާރުގަދަގައުމެއްގެ މަސްލަހަތާ ތައާރުޒުވެ، ފުށުއަރާކަމެއް ނަމަ، އެފަދަ ބާރުގަދަ ގައުމު ތަކުން ވީޓޯ ކުރާކުރުމުންވެސް މީގެ މިސާލުތައް ފެނެއެވެ. މީގެ އިތުރު ތަފްސީލު، ‘ތާރީޚުން ފިލާވަޅެއްގެ’ އެހެން ސިލްސިލާއަކުން، ފެނުމުގެ އެކަށޭނަކަށް އޮތްވާހަކަ ނަންގަންނަމުން، ދެވަނަ ބޮޑުހަނގުރާމައިގައި ލިބުނު ގެއްލުމުގެ ބަދަލު ދިނުމުގެ ވާހަކައަށް އެނބުރި ދަމާތޯއެވެ. 


ދެވަނަ ބޮޑުހަނގުރާމައިގެ ގެއްލުމުގެ ބަދަލު ދޭން ޖެހުނު ގައުމުތަކާއި އެބަދަލު ލިބުނު ގައުމުތައް

ދެވަނަ ބޮޑުހަނގުރާމައިގައި ލިބުނު ގެއްލުމުގެ ބަދަލު ދޭން ޖެހުނީ މުޅިންވެސް ބަލިވި މިހުވަރި ބާރު ތަކުގެ (އެކްސިސް ޕަވާރސް) ދަށުގައިވި ގައުމުތަކަށެވެ. (މިއިން އިސްތިސްނާކުރެވެނީ އެމެރިކާއެވެ. މީގެ ތަފްސީލު ތިރީގައިވާނެއެވެ.) މިގޮތުން ބޮޑު ބައެއް ދޭން ޖެހުނީ ޖަރުމަނުވިލާތަށާއި ޖަޕާނަށެވެ. މީގެ ތަފްސީލު ކުރުކޮށް ތިރީގައި ލިޔެލާނަމެވެ.


ޖަރުމަނުވިލާތް

ދެވަނަ ބޮޑު ހަނގުރާމައިގައި ލިބުނު ގެއްލުންތަކުގެ އެންމެ ބޮޑު ބަދަލު ދޭން ޖެހުނީ ޖަރުމަނު ވިލާތަށެވެ. އެންމެ ފުރަތަމަ ޖަރުމަނުވިލާތުން 320 ބިލިޔަން އެމެރިކާ ޑޮލަރު ދައްކަން ޖެހޭނެ ކަމަށް ނިންމުނެވެ. ނަމަވެސް 1952ގައި ޖަރުމަނުގެ ޚާރިޖީ ދަރަންޏާ ބެހޭ ގޮތުން ލަންޑަންގައި ބޭއްވުނު ޖަލްސާގައި މިއަދަދު، 10.3 ބިލިޔަނަށް ތިރި ކުރެވުނެވެ. މިއަދަދުގައި، ދެވަނަ ބޮޑުހަނގުރާމައިގެ ކުރިން، ޖަރުމަނު ވިލާތުން އެހެން ގައުމުތަކަށް ދައްކަން އޮތް 7.3 ބިލިޔަން އެމެރިކާ ޑޮލަރުގެ ދަރަނިވެސް ހިމެނެއެވެ.

މީގެ އިތުރުން، ކުރީބައިގައި ނަންގަނެވުނު ފަދައިން، ޖަރުމަނުވިލާތް ބައިބައިކުރެވި، ހަތިޔާރުތައް އަތުލެވުނެވެ. އަދި، ޖަރުމަނުގެ ފެކްޓަރީ ތައް ރޫޅައި އިއްތިހާދީންގެ އަތްދަށަށް ގެނެވުނެވެ. މީގެ ގިނަ ފެކްޓަރީތަކެއް އިއްތިހާދީން އެމީހުން ބޭނުން ގޮތެއް ހެދުމަށް ލިބިފައި އޮތެވެ. މިސާލަކަށް، ސޯވިއެޓުން، ޖަރުމަނުގެ ފެކްޓަރީތައް ރޫޅާއިގެން އެމީހުންގެ ގައުމަށް ގެންދިޔައެވެ. އަދި، ޖަރުމަނު ވިލާތުގެ ފިކުރީ މުދަލުގެ ހައްގުތައް އެމީހުންގެ އަތުން ނިގުޅައިގަނެވި، އިއްތިހާދީންގެ ކުންފުނިތަކަށް ދެވުނެވެ. މިތަނުގައި ފިކުރީ މުދަލޭ ބުނެ އިޝާރަތް ކުރެވެނީ ޖަރުމަނު ވިލާތުގެ އީޖާދުތަކަށާއި އުފެއްދުންތަކަށެވެ. މިއެއްޗެތި އުފެއްދުމުގެ ހައްގު ލިބިފައި އޮތީ ޖަރުމަނުގެ ކުންފުނިތަކަށެވެ. ނަމަވެސް، މިހައްގު ނިގުޅައި ގަނެވި އިއްތިހާދީންގެ ކުންފުނިތަކަށް ދެވުނީއެވެ. އަދި، ޖަރުމަނުގެ އިލްމުވެރިންނާއި އެކިދާއިރާތަކުގެ ހުނަރުވެރީން، އިއްތިހާދީންގެ ފެކްޓަރީތަކާއި ކުންފުނިތަކުގައި މަސައްކަތް ކުރަންވެސް ޖެއްސުނެވެ.

ދެންމެ މިދެންނެވި ފައިސާއާއި މުދަލުގެ ބަދަލު ލިބުނު ގައުމުތަކުގެ ތެރޭގައި ހިމެނެނީ، ކުރިންވެސް ނަންގަނެވުނު ފަދައިން، އިއްތިހާދީނެވެ. އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ސޯވިއެޓުންނާއި އެމެރިކާނުންނެވެ. އަދި މީގެ އިތުރުން ޔޫނާނުވެސް ހިމެނެއެވެ.

އަދި، މިފައިސާއާއި މުދަލުގެ އަދަދުގެ އިތުރުން، 1953ގައި، ޔޫރަޕުގެ ޔަހޫދީންނާއި ދެކޮޅަށް، ހިޓުލަރުގެ ނާޒީ ސިޔާސަތުގެ ދަށުން ހިންގުނު ލާއިންސާނީ ޖަރީމާތަކުގެ ބަދަލުގައި 1.5 ބިލިޔަން ޑޮލަރު، އިޒްރޭލަށް، ދައްކަން ވެސް، ޖަރުމަނުވިލާތުން  އެއްބަސް ވިއެވެ. މިކަމާއި އިޒްރޭލުގެ ސަރުކާރާއި ޖަރުމަނުވިލާތުގެ ސަރުކާރުން އެއްބަސް ވުމަކަށް އައެވެ. ނަމަވެސް، އިޒްރޭލުގެ ބައެއް ސިޔާސީ ލީޑަރުން މިކަމާ ދެކޮޅު ހެއްދެވިއެވެ. އަދި، ފަހުން، 1977ގައި އިޒްރޭލުގެ ބޮޑުވަޒީރަކަށް ވެވަޑައިގެންނެވި، މެނާޚިމް ބޭގިން އިސްވެ ހުންނަވައި، އޭރުގެ ޖަރުމަނުވިލާތުގެ ޗާންސަލަރު ޖޯސެފް ކޮންރޭޑް އެޑިނާއު އަވަހާރަކޮށްލުމުގެ ގަސްދުގައި ބޮމެއް ޕޯސްޓުގެ ޒަރިއްޔާއިން އިޒްރޭލުގެ ބަޔަކު ފޮނުވިއެވެ. މިބޮން، 1952ގެ މާޗު މަހުގެ 27ވަނަ ދުވަހު މިޔުނިޚްގެ ސިފައިންގެ މަރުކަޒެއްގައި ގޮވައި، ޖަރުމަނުވިލާތުގެ ސިފައިންގެ ބޭކަލަކު އަވަހާރަ ވިއެވެ. އަދި އެއާ ވިދިގެން ކުރެވުނު ތަހުގީގުގައި މިކަން ކުރި މީހުންގެ އިސްމީހަކަށް ހުންނެވީ ބޭގިންކަން ވެސް އެނގުނެވެ.

މިކަމުގައި ވެސް ތާރީޚުގެ ފިލާވަޅެއް ފާހަގަ ކޮށްލެވެ އެވެ. ތަހުގީގުގައި، މިބޮން ގޮއްވާލީ ބޭގިން އިސްވެ ހުންނަވައިގެންކަމަށް އެނގުނު ކަމުގައި ވިޔަސް، އެކަމުގެ ޝަރީއަތެއް އޭނާގެ މައްޗަކަށް ނުހިންގެ އެވެ. އާދެ، ކުށަކީ ކިތަންމެ ބޮޑު ކުށެއް ކަމުގައި ވިޔަސް، ކުށް ކުރާފަރާތަކީ ބާރުވެރި ނުފޫޒުގަދަ ފަރާތަކަށް ވާނަމަ، ނުވަތަ އެފަދަ ފަރާތަކާ ގުޅިފައިވާނަމަ، ވަރަށް ގިނަ ފަހަރު، އެކަމާ އަޅާ ނުލައި ދޫކޮށްލެ ވެއެވެ.

އާދެ، ކޮންމެ އަކަސް، މަތީގައި ބަޔާން ކުރެވި ދިޔައީ، ދެވަނަ ބޮޑު ހަނގުރާމައިގައި ލިބުނު ގެއްލުމުގެ ބަދަލުގައި، ޖަރުމަނު ވިލާތުން ދައްކަން ޖެހުނު ބަދަލުގެ ވާހަކަ އެވެ. މި ހުރިހާ ބަދަލެއް ދީ، އަދި ޖަރުމަނުވިލާތް އަލުން ބިނާކުރިގޮތުގެ ވާހަކަ ތިންވަނަ ބައިގައި އިރާދަކުރެއްވިއްޔާ ގެނެސް ދެވޭނެއެވެ. ދެން، މިބައިގައި، ކުރުގޮތަކަށް ނަމަވެސް، ހުށަހަޅާލަން ގަސްދުކުރަނީ ޖަރުމަނުވިލާތުގެ އިތުރުން، ދެވަނަ ބޮޑުހަނގުރާމައިގައި ލިބުނު ގެއްލުންތަކުގެ ބަދަލު ދޭންޖެހުނު އެހެން ގައުމު ތަކުގެ ވާހަކަ އެވެ.


ބަދަލު ދޭން ޖެހުނު އެހެން ގައުމުތައް

ޖަރުމަނުވިލާތުގެ އިތުރުން، ދެވަނަ ބޮޑުހަނގުރާމައިގައި އެގައުމާ ބައިވެރިވި އެހެން ގައުމުތަކުން ވެސް ބަދަލު ދޭން ޖެހުނެވެ. މިގޮތުން ދެވަނަ ބޮޑުހަނގުރާމައިގައި ލިބުނު ގެއްލުންތަކުގެ ބަދަލު، ޖަޕާނުން ދޭން ޖެހުނެވެ. މިކަމާ ގުޅޭގޮތުން 1951 ވަނަ އަހަރު، ސެންސްފްރެންސިސްކޯ، ސުލްހައިގެ މުއާހަދާއެއްގައި ޖަޕާނުން ސޮއި ކުރިއެވެ. މިއެއްބަސްވުމުގައިވާ ގޮތުން، 550 މިލޔަން ޔޫ.އެސް. ޑޮލަރު އެމެރިކާއަށް، 39 މިލޔަން ޔޫ.އެސް ޑޮލަރު ވިއެޓްނާމަށް، އަދި އަސީރުން ބެލެހެއްޓުމުގެ ޚަރަދުގެ ބަދަލުގައި، 6.7 މިލިޔަން ޑޮލަރު، ރެޑް ކްރޮސް އަށް، ދައްކަން، ޖަޕާނުން އެއްބަސް ވިއެވެ. އަދި، މީގެ އިތުރުން، ޖަޕާނާއި ބައެއް އެހެނިހެން ދައުލަތްތަކާ ދެމެދުވެސް ސުލްހައިގެ އެއްބަސްވުންތަކެއް އެއްބަސްވެ، ހަނގުރާމައިގައި ލިބުނު ގެއްލުމުގެ ބަދަލު، އެގައުމުތަކަށް ދޭންވެސް، ޖަޕާނުން ނިންމިއެވެ. މިގޮތުން، ބަރުމާއަށް 20މިލިޔަން ޔޫ.އެސް ޑޮލަރު، ރިޕަބްލިކް އޮފް ކޮރެޔާއަށް 300 މިލިޔަން ޔޫ.އެސް. ޑޮލަރު، އިންޑޮނީސިއާއަށް 208 މިލިޔަން ޔޫ.އެސް ޑޮލަރު، މެލޭޝިއާއަށް 2.95 ބިލިޔަން ޖަޕާނުގެ ޔެން، ތައިލެންޑަށް 5.4 ބިލިޔަން ޖަޕާނުގެ ޔެން ދައްކަން، ޖަޕާނުން އެއްބަސްވިއެވެ. އަދި މީގެ އިތުރުން މައިކޮރޯނީސިއާ އަށާއި، ލާއޯސް އަށާއި، ކެމްބޯޑިއާއަށާއި މޮންގޯލިއާ އަށާއި އިސްޕޭނަށާއި ޕޯޗުގަލް އަށާއި ސުވިޓްޒަލޭންޑުއަށާއި ސުވީޑެން އަށާއި ޑެންމާރކު އަށް 5.5 މިލިޔަން އާއި 10 މިލިޔަން ޔޫ.އެސް. ޑޮލަރާއި ދެމެދުގެ އަދަދެއް، ދައްކަން އެއްބަސްވިއެވެ. އަދި 1952ވަނަ އަހަރާއި 1977 ވަނަ އަހަރާ ދެމެދު މިއަދަދުތައް ޖަޕާނުން ދައްކައި ނިންމިއެވެ. ޗައިނާއިންނާއި ސޯވިއެޓް ޔޫނިއަން އިން ޖަޕާނުން އެގައުމުތަކަށް ދޭންޖެހޭ ބަދަލު ދިނުން މާފު ކުރިއެވެ.

ޖަޕާނުން، ދެވަނަބޮޑު ހަނގުރާމައިގެ ބަދަލު ދިނުމުގެ ވާހަކަ ދައްކާއިރު، ލިޔެލަންޖެހޭ ވާހަކައެއް އެބައޮތެވެ. އެއީ، ހަނގުރާމައިގެ ދުވަސްވަރު، ރާއްޖޭގެ އޮޑިޔަކަށް، ޖަޕާނުގެ ކަނޑުމަތީ ސިފައިން ދިން ހަމަލާއަކާއި ވިދިގެން ލިބުނު ބޮޑުގެއްލުމާއި އަދި އޭގެ ބަދަލުގެ ވާހަކައެވެ. ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު ރާއްޖޭގެ ބައެއް ކަނޑު ދަތުރުފަތުރު ކުރާ އުޅަނދުތަކަށް، ޖަޕާނުގެ ކަނޑުމަތީ ސިފައިން ހަމަލާދީ، ފައްތާލިއެވެ. މިގޮތުން ފައްތާލެވުނު އޮޑިތަކުގެ ތެރޭގައި އައްޑުއަތޮޅުގެ އޮޑިއެއްކަމަށްވާ ޔާހުންބަރާސް ހިމެނެއެވެ.  ޖަޕާނުގެ ސިފައިން ޔާހުންބަރާހަށް ހަމަލާދީ، އެއޮޑި ފައްތާލައި، އޭގައި ދަތުރުކުރަމުން ދިޔަ، 37 ދިވެހިން ޝަހީދުކޮށްލި އެވެ. އަދި އެއޮޑިން، ދެބޭކަލަކު ހައްޔަރުކޮށްގެން ސިންގަޕޫރަށްވެސް ގެންދިޔައެވެ. އަދި އެތާ ޖަލެއްގައި ބަންދުކޮށް، އެދެބޭކަލުންނަށް، އަނިޔާ ކުރިއެވެ. ހަނގުރާމަ ނިމުމުން، މި އަނިޔާވެރި އަމަލުގެ ބަދަލު، ޖަޕާނުން، ދިނެވެ.

ޔާހުންބަރާހުގެ ވާހަކަ، އަލްމަރްހޫމު ސައިކުރާ އިބުރާހީމް ނައީމު ލިޔުއްވައި، ހަތްދިހައިގެ އަހަރު ތަކުގެ ތެރޭގައި، އޭރުގެ ދުވަހު ނޫސް ‘މޫންލައިޓް’ގައި، ‘ސިންގަޕޫރު މަނިކުފާނު ސިންގަޕޫރު ޖަލުގައި’، މިސުރުޚީގެ ދަށުގައި ޝާއިއު ކުރެއްވި އެވެ. އަދި، އަޑު އިވޭގޮތުގައި، ޔާހުންބަރާސް ފައްތާލެވި އެއޮޑީގައި ޝަހީދުކޮށްލެވުނު 37 ދަތުރުވެރިންނަށާއި އަދި ޖަލަށްލެވި އަނިޔާކުރެވި، އަދި އެއަށްފަހު ސަލާމަތް ކުރެވުނު ދެ ބޭކަލުންނަށް، ދިނުމަށްޓަކައި، 3227672 ސިލޯނު ރުފިޔާ، ދިވެހި ސަރުކާރާއި ހަވާލު ކުރެވުނެވެ. މިފައިސާއާއި، ދިވެހި ސަރުކާރުގެ ފަރާތުން، ހަވާލުވެ ވަޑައިގަތީ އަލްއަމީރު މުހައްމަދު އަމީން ދީދީކަމަށް ވެއެވެ. މިފައިސާ ހޯދަން، އޭގެ ބައެއް ހައްގުވެރީން ވަރަށް މަސައްކަތްކުރިކަމަށްވެސް ވެއެވެ. ނަމަވެސް، މި ފައިސާއިން، އެއްވެސް އެއްޗެއް، އޭގެ އެއްވެސް ހައްގުވެރިއަކަށް ލިބުނުކަމަކަށް ނުއެވެ. މިކަމާ ބެހޭ އިތުރު މައުލޫމާތު ހޯދައި، މިކަން އިތުރަށް ތަހުގީގު ކުރުން، އަޅުގަނޑު ހިތުން، މުހިއްމެވެ. ހައްގުވެރި ފަރާތްތަކަށް އެމީހުންގެ ހައްގު ލިބިދިނުމަށްޓަކަ އެވެ. އަދި، ތާރީޚުން ފިލާވަޅު ލިބިގަނެ، މިފަދަ، ޚިޔާނަތްތެރި، އަދި ބޭއިންސާފީ އަމަލުތައް ތަކުރާރުވެ ނުދިޔުމަށްޓަކައި ވެސް މެއެވެ.

މިދެންނެވި ގައުމު ތަކުގެ އިތުރުން، އިޓަލީއިން 360 މިލިޔަން ޔޫ.އެސް. ޑޮލަރު ދައްކަން ޖެހުނެވެ.  ޔޫގޮސްލޭވިއަށާއި ސޯވިއެޓް ޔުނިއަންއަށާއި، އިތިއޯޕިއާ އަށެވެ. އަދި ފިންލަންޑު އިން 300 މިލިޔަން ޔޫ.އެސް ޑޮލަރު، ސޯވިއެޓް ޔުނިއަން އަށް ދައްކަން، ޖެހުނެވެ. އަދި ހަންގެރީއިން، 300 މިލިޔަން ޔޫ.އެސް ޑޮލަރު ދައްކަން ޖެހުނެވެ. ސޯވިއެޓް ޔުނިއަން އަށާއި ޗެކޮސްލެވޭކިޔާ އަށާއި ޔޫގޮސްލޭވިޔާ އަށެވެ. އަދި ރޫމޭނިޔާއިން 300 މިލިޔަން ޔޫ.އެސް. ޑޮލަރު، ސޯވިއެޓް ޔުނިއަންއަށް ދައްކަން ޖެހުނެވެ. އަދި ބަލްގޭރިއާއިން، 70 މިލިޔަން ޔޫ.އެސް. ޑޮލަރު، ޔޫނާނަށާއި ޔޫގޮސްލޭވިޔާއަށް، ދައްކަން ޖެހުނެވެ.

އިއްތިހާދީންގެ ތެރެއިން ދެވަނަ ބޮޑުހަނގުރާމައިގެ ގެއްލުމުގެ ބަދަލު ދިނީ ހަމައެކަނި އެމެރިކާއިންނެވެ. އެމެރިކާއިން އެބަދަލު ދިނީ ދެވަނަބޮޑު ހަނގުރާމައިގެ ދުވަސްވަރު އެމެރިކާގައި ބަންދުކުރެވެނު ޖަޕާނު ދަރުކޮޅުގެ އެމެރިކާގެ ރައްޔިތުންނަށެވެ. މިގޮތުން ބަންދުކުރެވުނު މީހުންގެ ތެރެއިން 1988ގައި ދުނިޔޭގަތިބި ކޮންމެ މީހަކަށް 20،000 ޔޫ.އެސް. ޑޮލަރު ދޭން، 1988ގައި އެމެރިކާގެ ރައީސްކަށް ހުންނެވި ރޮނަލްޑް ރޭގަން ނިންމެވިއެވެ.

އާދެ، މަތީގައި ހުށަހަޅާލެވުނީ ދެވަނަ ބޮޑު ހަނގުރާމައިގައި ލިބުނު ގެއްލުމުގެ ބަދަލު ދޭން ޖެހުނު ގައުމުތަކާއި، އެބަދަލު ދޭން ޖެހުނު ސަބަބާއި އެބަދަލުގެ އަންދާޒީ ހިސާބަކާއި އަދި އެ ބަދަލު ލިބުނު ގައުމު ތަކުގެ ވާހަކައެވެ. ކުރިންވެސް ނަންގަނެވި ދިޔަފަދައިން، ‘ތާރީޚުން ފިލާވަޅެއް’ މިސިލްސިލާގެ ފުރަތަމަ ބައިގައި ބަލާލަން ގަސްދުކުރެވިފައި އޮތީ ‘ޖަރުމަނުގެ ވާހަކަ’އިގެ މައްޗަށެވެ. އެބައިގައި ގެނެސްދޭން ގަސްދުކުރެވިފައި އޮތީ ދެވަނަ ބޮޑު ހަނގުރާމައިގައި ލިބުނު ބޮޑު ގެއްލުމަށްފަހު އެމީހުންގެ ގައުމު ބިނާ ކުރުމުގެ ވާހަކައެވެ. އަދި މިކަމުން ލިބެން އޮތް ފިލާވަޅުގެ ވާހަކައެވެ. ދެން ގެނެސް ދެވޭ ބައިގައި މިކަމުގެ މައްޗަށް އަލިއަޅުވާލުމުގެ އުއްމީދުގައި މި ބައި ނިންމާލަމެވެ.

_______________________________

About the author
2 Comments
  1. އައިންތު

    ޖަރުމަނު ވިލާތުގެ ވާހަކައިގެ ފުރަތަމަ ބައިގައި އަޅުގަނޑުގެ އޮޅުން ފިލުވަން ބޭނުންވި ސުވާލުގެ ޖަވާބު ވަރަށް ތަފްޞީލްކޮށް ދެއްވެވިކަމަށްޓަކައި ޑޮކްޓަރ ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަށް ވަރަށް ބޮޑަށް ޝުކުރުދަންނަވަން. އަދި ޑޮކްޓަރ ތިކުރައްވާ މަސައްތަޕުޅަށް އިތުރު ކާމިޔާބީއަށް އެދެމެވެ.

    (0)(0)
  2. އެނޮނީމަސް

    ޔާހުންބަރާގެe ބަދަލުގެއަދަދު3 ލައްކަ ޑޮލަރކަމަށްq ވަރަށްގިނަގޮތްގޮތުންއެނގިފައިވޭ

    (1)(0)
Leave Comment