000ގާތް މީހަކު، ކުރީ ދުވަހަކު ސައިކަލްގެ ފަހަތުގައި އިނދެފައި ބުނެލިއެވެ. މިހާރު މި އުޅޭ ގިނަ އަންހެން ކުދީންގެ އަސްލު ކުލައެއް ނޭނގޭނެ ދޯއެވެ. ތި ބުނީ ކީކޭހޭ އެހުމުން ބުނީ، މި ބުނީ ކޮށްފައި އެ ތިބޭ މޭކަޕްގެ ވާހަކައެވެ. އޭނާގެ އެ ވާހަކައަށް ތާއީދުކުރެވުނެވެ. ސަބަބެއް އޮވެގެންނެވެ. ގާތް އަންހެން މިތުރެކެވެ. ޢާންމުކޮށް ފެންނާނީ އޮފީސް މާޙައުލުންނެވެ. މޫނުމަތި ވަރަށް ރީތިވެފައި އޮމާނެވެ. ރީތި ދޮންކުލައެއް ވެސް ހުރެއެވެ. އެހެންކަމުން އޭނާގެ ތަސްވީރު އަޅުގަނޑުގެ…
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

ގާތް މީހަކު، ކުރީ ދުވަހަކު ސައިކަލްގެ ފަހަތުގައި އިނދެފައި ބުނެލިއެވެ. މިހާރު މި އުޅޭ ގިނަ އަންހެން ކުދީންގެ އަސްލު ކުލައެއް ނޭނގޭނެ ދޯއެވެ. ތި ބުނީ ކީކޭހޭ އެހުމުން ބުނީ، މި ބުނީ ކޮށްފައި އެ ތިބޭ މޭކަޕްގެ ވާހަކައެވެ. އޭނާގެ އެ ވާހަކައަށް ތާއީދުކުރެވުނެވެ. ސަބަބެއް އޮވެގެންނެވެ.

ގާތް އަންހެން މިތުރެކެވެ. ޢާންމުކޮށް ފެންނާނީ އޮފީސް މާޙައުލުންނެވެ. މޫނުމަތި ވަރަށް ރީތިވެފައި އޮމާނެވެ. ރީތި ދޮންކުލައެއް ވެސް ހުރެއެވެ. އެހެންކަމުން އޭނާގެ ތަސްވީރު އަޅުގަނޑުގެ ސިކުނޑީގައި ކުރެހިފައި އޮންނަނީ ހިތްގައިމު ސިފައަކަށެވެ. މިހެން އުޅެނިކޮށް، އެއް ދުވަހަކު އެ މަންޖެ މި ފެންނަނީ، ކުޅިވަރުގެ ބިމަކުންނެވެ. އޮފީސް މުބާރާތެއްގެ ތެރެއިންނެވެ. މީހާ ފެނުމާއެކު ސިހުނެވެ. ހުރީ މޭކަޕް ނުކޮށެވެ. އެއްކަލަ ދޮންކުލައެއް، އެ އޮމާންކަމެއް، އެ ނަލަކަމެއް ނެތެވެ. ފެނުނީ މުޅިން ތަފާތު މޫނެކެވެ. ސައިކަލުގެ ފަހަތުގައި އިން އެކުވެރިޔާގެ ވާހަކައާ އެއްބަސް ވެވުނީ އެހެންވީމައެވެ.

ހިތަށް އަރައެވެ. އެ ވަރަށް ފައުންޑޭޝަން ހާކައި، ތުންފަތުގައި ގަދަހެން ހީވާހައި ކުލަ ޖެއްސުމަކީ ހަމަ މޮޅު ކަމަކީ ބާވައެވެ؟ ދެއްކުންތެރިކަމާއި އަސްލު އޮޅުވާލުން ނޫން ކަމަކަށް އެ ކަން ވެދާނެބާވައެވެ؟ ދާދިފަހުން ނޫހުގައި އޮތް ޚަބަރެއް ކިޔާފައި ވެސް ހިތަށް އެރިއެވެ. މިހިރީ ތިޔަ ބުނާ މޭކަޕްގައި ހުރި ނުރައްކާތެރިކަމެވެ. ކައިވެނިކޮށްގެން އުޅުނު ދެމަފިރިންނެވެ. ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދުވަސްތަކުގައި ވެސް، އަދި ކައިވެނި ކުރިތާ 14 ދުވަސްވީއިރު ވެސް، ފިރިހެން މީހާއަށް އަންހެންމީހާ މޭކަޕް ނުކޮށް ހުއްޓައެއް ނުފެނެއެވެ. އެހެންކަމުން ފެންނަނީ، ރީތި އޮމާން ނަލަ މޫނެއްގެ ވެރިއެކެވެ. ކައިވެންޏަށް 14 ދުވަސްވީ ފަހުން ދެ މަފިރިން އެކުގައި މޫދަށް ދިޔައެވެ. މޫދުގައި އުޅެނިކޮށް، އަނބިމީހާގެ މޫނުމަތީގައި ބޭރުން ލެވިފައިހުރި ދެއްކުންތެރިކަމުގެ ތޮށި ފިލައި، އަސްލު ސިފަ ފިރިމީހާއަށް ފެނިއްޖެއެވެ. އެއީ ކާކުކަން ދެނެގަންނަން ވެސް ފުރަތަމަ ފިރިމީހާއަށް ދަތިވިއެވެ. މޫނުމަތީގެ ސިފަ ހުތުރުކަމުންނެވެ. އޭނާއަށް ނިންމުނީ އޭނާގެ އަނބި މީހާ އޭނާއަށް މަކަރުހެދީ ކަމަށެވެ. ވަގުތުން ވަރިކޮށްލީއެވެ.

މިފަދަ އެތައް ހާދިސާއެއް ހިނގާފައި ހުރެދާނެއެވެ. މިފަދަ ކަންކަމުން އެނގި ހާމަވަނީ، މޭކަޕް ކުރުމަކީ މޫނުމަތީގައި ލެވޭ ވަގުތީ ތޮށްޓެއްކަމެވެ. އެކަމުން ލިބެނީ ވަގުތީ ހިތްހަމަޖެހުމެއް ކަމެވެ. ފުރިހަމަ މޭކަޕެއް ކޮށްލުމުން ބަލައިލަން ވަރަށް ރީތި ވެދާނެއެވެ. އެހެންނަމަވެސް ފެންނަ ކޮންމެ މީހަކަށް ވެސް އެއީ އަސްލު ކުލަ ނޫންކަން، އަސްލު ސިފަ ނޫންނަކަން އެނގޭނެއެވެ. އެހެންކަމަށްވާނަމަ އެކަމުން ލިބޭ ޙަޤީޤީ ހިތްހަމަޖެހުމަކީ ކޮބައިބާވައެވެ؟ ބޮލުގައި ފަތް ނެތް މީހަކު ވިގެއް (އިސްތަށިގަނޑެއް) ޖަހައިއގެން ނިކުމެއްޖެ ނަމަ، އެކަމަށް އާޑަކިޔާ މީހުން ވަރަށް ގިނަވާނެއެވެ. އެކަމަކު މި ދެ ކަމުގައި ތަފާތެއް އެބަ އޮތްތޯއެވެ.

މޭކަޕްކުރުމަކީ ގިނަ އަންހެން ކުދީންގެ ދުވަހު ތާވަލުގައި އެންމެ ބޮޑު ޚާއްޞަކަމެއް ދެވިފައިވާ އެއް ކަމެވެ. އަނެއްކޮޅުން އެތައް ވަގުތެއް އެކަމަށް ހޭދަކުރާ ކަމެއް ވެސް މެއެވެ. އެހެންނަމަވެސް ފަހުގެ ދިރާސާތަކުން ދައްކަނީ މޭކަޕް ކުރުމަށްވުރެ ނުކުރުން ރަނގަޅު ކަމަށެވެ. މޭކަޕް ނުކުރާ ކުދީންގެ ހަންގަނޑު، މޭކަޕްކުރާ ކުދީންގެ ހަންގަނޑަށް ވުރެ ދުޅަހެޔޮވެފައި، ހަމުގެ ބަލިތަކަށް މަގުފަހިވާލެއް ކުޑަކަމަށެވެ. މިކަމުގައި އެތައް ސަބަބެއް ހުރެއެވެ. އޭގެތެރޭގައި ތިމާއާ ނުގުޅޭ ތަކެތި ބޭނުންކުރެވުމާއި، ހަންގަނޑަށް ފުރިހަމަ “ރެސްޓު” ނުދެވުން ހިމެނެއެވެ. މޭކަޕް ނުފިލުވައި ނިދުމަކީ ވެސް ބޮޑެތި މައްސަލަތަކާ ކުރިމަތިވާކަމެކެވެ.

ލޯ ކައިރީގައި ހުންނަ ހަމަކީ ވަރަށް ނާޒުކު ހަމެކެވެ. އެކަން އެންމެން ވެސް ޤަބޫލުކުރެއެވެ. އެހެންކަމުން މޭކަޕްކޮށްގެން އުޅެފައި، އެ ނުފިލުވައި ނިދައިފި ނަމަ، ލޮލުގެ ތިރީކައިރީގައިވާ ސަރަޙައްދަށް ބެކްޓީރިއާގެ އަސަރުކޮށް، އެ ސަރަޙައްދު އިންފެކްޓުވުމަކީ އެކަށީގެންވާ ކަމެކެވެ. މީގެ އިތުރުން މޫނުމަތީގެ ހަންގަނޑު ހިކުމާއި ހަންގަނޑުގައި ރޫޖެހުމާއި މޫނުގައި ހުންނަ ލޯވަޅުތައް ބެދުމާއި މޫނު ކަޅުވުން ފަދަ ކަންކަން ދިމާވުމަކީ، މޭކަޕް ނުފިލުވައި ނިދާ ކުދީންނަށް ހުރި ނުރައްކާތެރި ކަންކަމެވެ.

މޭކަޕަކީ ވަގުތީ ހިތްހަމަޖެހުމެކެވެ. ހަޤީޤަތަކީ މޭކަޕާ ނުލައި ވެސް ރީތިކޮށް ހުރެވިދާނެއެވެ. ޖެހޭނީ ކުޑަ ހިތްވަރެއް ކޮށްލާށެވެ. ފުރަތަމަ ކުރަންވީ ކަމަކީ، ހެނދުނު ހޭލައިގެންނާއި ރޭގަނޑު ނިދުމުގެ ކުރީން ރީތިކޮށް މޫނު ދޮވެ ސާފުކޮށްލުމެވެ. މިކަމުގެ ސަބަބުން މޫނުގައި ހުންނަ އޭ ސީ އެން އީ ނައްތާލެވެއެވެ. މޫނު ދޮވުމަށް ޓަކައި ތިމާއާ ގުޅޭ ރަނގަޅު “ކްލީންޒާއެއް” ބޭނުންކުރުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ. މޫނުގައި އުނގުޅުމުން ދިލަނަގާ ފަދަ އެއްޗެއް ބޭނުން ކުރުމުގެ ބަދަލުގައި، އެއްވެސް ކަހަލަ އުނދަގުލެއް އިޙުސާސް ނުކުރެވޭ، ފަސޭހަ އެއްޗަކަށް ބަދަލުކޮށްލާށެވެ. މޫނު ދޮވުމަށްފަހު ރަނގަޅު މޮއިސްޗަރައިޒާއެއް މޫނުގައި އުނގުޅުމަކީވެސް މުހިއްމު ކަމެކެވެ. އަދި ހަމަ އެހެންމެ މަސްކަރާގެ ބަދަލުގައި ވެސެލީން، ލިޕްބާމުގެ ބަދަލުގައި ކާށިތެޔޮ ބޭނުންކުރެވިދާނެއެވެ.

މި ކަންކަން ކުރަމުން ގެންދާއިރު، ޙަޤީޤީ ރީތިކަމާއި ނަލަކަން ތިމާގެ މޫނަށާއި ހަންގަނޑަށް ގެނައުމަށް ޓަކައި، ކޮންމެ ދުވަހަކު ސިއްޙަތަށް ފައިދާހުރި ކާނާ، ޤަވާޢިދުން ކާންފެށުން ވަރަށް މުހިންމެވެ. ހަމަށް ފައިދާކުރާނެ މޭވާއާއި ތަރުކާރީ ދެނެގަނެ، ކޮންމެ ދުވަހަކު ބޭނުންކުރަން ފަށާށެވެ. މޭކަޕްކުރަން ބޭނުންކުރާ އަގުބޮޑު އާލާތްތަކަށްކުރާ ޚަރަދު، ފައިދާހުރި ކާނާއަށް ހޭދަކޮށްލާށެވެ. އެކަމުން ލިބޭ ފައިދާ އެތައް ގުނައަކަށް އިތުރުވެގެންދާނެއެވެ. އަނެއްކޮޅުން ކައިވެންޏަށްފަހު ފިރިމީހައާއެކު މޫދަށް އެރިލަން، ފެންވަރާލަން، ވާރޭގެ ޕަރީއަކަށްވެ، ތެމިލައިގެން ހުންނާކަށް ޖެހިލުންވާކަށް ނުޖެހޭނެއެވެ. ޙަޤީޤީ ހިތްހަމަޖެހުމަކީ މިއީތާއެވެ.

________________________

About the author
Leave Comment