ޖަޒާ ލިބުންވަނީ ކުރެވޭ ޢަމަލުގެ މައްޗަށް ބިނާވެގެންނެވެ. ﷲގެ ޙަޟުރަތުން އަޅާއަށް ޖަޒާ ދެއްވަނީ އޭނާ ކުރާ ޢަމަލެއްގެ ގިނަ މަދު މިންވަރަކަށެވެ. އަދި އެކަމުގައި އޭނާގެ ކިބައިގައި އޮތް އިޚްލާޞްތެރި ކަމެއްގެ މަޗަށް ބިނާކޮށެވެ. ދެން ނިކަން ނަމާދު ވަޤުތު ވަނުމުން رَسُولُ اللَّهِ صلّى الله عليه وسلّم ޢަމަލުފުޅު ކުރައްވައި އުންމަތަށް އިރުޝާދު ދެއްވާފައިވާ އިރުޝާދުތަކަށް ބަލާލަމާ ހިންގަވާށެވެ. ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙީ ކުރަށްވާފައި ވެއެވެ.  وَأَن لَّيْسَ لِلْإِنسَانِ…


ޖަޒާ ލިބުންވަނީ ކުރެވޭ ޢަމަލުގެ މައްޗަށް ބިނާވެގެންނެވެ.

ﷲގެ ޙަޟުރަތުން އަޅާއަށް ޖަޒާ ދެއްވަނީ އޭނާ ކުރާ ޢަމަލެއްގެ ގިނަ މަދު މިންވަރަކަށެވެ. އަދި އެކަމުގައި އޭނާގެ ކިބައިގައި އޮތް އިޚްލާޞްތެރި ކަމެއްގެ މަޗަށް ބިނާކޮށެވެ. ދެން ނިކަން ނަމާދު ވަޤުތު ވަނުމުން رَسُولُ اللَّهِ صلّى الله عليه وسلّم ޢަމަލުފުޅު ކުރައްވައި އުންމަތަށް އިރުޝާދު ދެއްވާފައިވާ އިރުޝާދުތަކަށް ބަލާލަމާ ހިންގަވާށެވެ. ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙީ ކުރަށްވާފައި ވެއެވެ.  وَأَن لَّيْسَ لِلْإِنسَانِ إِلَّا مَا سَعَىٰ  ([1]) (ޔަޢުނީ: އިންސާނާއަށް އޭނާ ކުރިކަމެއްގެ ޖަޒާނޫނީ ނުވެއެވެ.) މިއީ އިއާމެދު ކުޑަވެސް އޮޅުމެއް ދެބަސްވެރިވުމެއް ނުވާ އަސްލެވެ. މީހާ ނުކުރާ ކަމަކަށް އޭނާއަށް ޖަޒާ ނުލިބޭނެއެވެ. އަދި އިސްވެ ބަޔާންވެ ގޮސްފައިވާ ފަދައިން ޢަމަލީ މައިދާނުގައި މީހާ ވަރުބަލިކަން ތަޙައްމުލު ކުރާ މިންވަރަކީވެސް ޖަޒާ ދެއްވުމުގައި އޭނާއަށް އޭގެ މަދު ގިނަމިން ޙިއްޞާކުރާ ކަމެކެވެ. މިއީވެސް ކަނޑައެޅިގެން އެއާމެދު ކުޑަވެސް ޝައްކެއް ނުވަތަ ދެބަސްވުމެއް ނެތް ޙަޤީޤަތެކެވެ.


ސުއްނަތަކީ ހަމައެކަނި ކީރިތި ރަސޫލާގެ ޢަމަލުފުޅެއް ނޫނެވެ.

އަނެއް ކަމަކީ ސުއްނަތަކީ ކޮބައިތޯ ބަލައިލާއިރު، ޙަދީޘު ޢިލްމުގެ ދަންނަބޭކަލުން ސުއްނަތުގެ ތަޢުރީފުގައި ވިދާޅުވެފައި ވަނީ އެއީ رَسُولُ اللَّهِ صلّى الله عليه وسلّم ގެ ޢަމަލުފުޅަކުން ނުވަތަ ބަސްފުޅަކުން ސާބިތުވާ ކޮންމެ ކަމެކެވެ. ހަމައެހެންމެ އެކަލޭގެފާނުންގެ ކުރިފުޅުމަތީގައި އަޞްޙާބު ބޭކަލަަކު ކަމެއް ކުރަށްވައި، އެކަމާމެދު رَسُولُ اللَّهِ صلّى الله عليه وسلّم އިންކާރު ކުރެއްވުމުގެ ގޮތުން ބަސްފުޅެއް ވިދާޅުވެފައިނުވާ ކޮންމެ ކަމެކެވެ.  މީގެއިތުރުން އެކަލޭގެފާނަށްފަހު ހަތަރު ޚަލީފާއިންގެ ތެރެއިން އެބޭކަލެއްގެ ފަރާތުން ސާބިތުވެފައިވާ ޢަމަލަކީވެސް ސުއްނަތެއް ކަމުގައިވެސް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. އެހެންކަމުން މިއިން މަގަކުން ކަމެއް ސާބިތުވެއްޖެނަމަ އެކަމަކީ ދީނުގައި ސުއްނަތެކެެވެ. ނުވަތަ ރަސޫލު ސުއްނަތެކެވެ. މުސްލިމަކަށް ހުރެ މީހަކު އެކަމެއް ކުރުމުން އެމީހާއަށް އެކަމުގެ ސަވާބާއި ދަރުމަ ﷲގެ ޙަޟުރަތުން ލިބޭނެއެެވެ.


ހުކުރު ނަމާދުގެ އިސްފަހުގެ ސުއްނަތް:

ހުކުރު ދުވަހުގެ މެންދުރު ކުރީގެ ވަގުތު ހެޔޮ ޢަމަލުތަކަށް ޚާއްޞަވެފައިވާ ވުމަކީވެސް އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ ޙަޤީޤަތެކެވެ. ހުކުރުގެ ކުރިން ސުއްނަތް ނަމާދު ކުރުމީ ކީރިތި ރަސޫލާގެ އަރިހުން ސާބިތުވާ ކަމެކެވެ. މިކަމުގެ ދަލީލުތައް ވަރަށް ސާފުކޮށް މީގެ ކުރިން ބަޔާންވެ ހިނގައްޖެއެވެ. އެހެންކަމުން ބަޔާންވެދިޔަ ތިންވާހަކަ އަޅުގަނޑުމެންގެ ސިކުނޑީގައި ބަހައްޓައިގެން ހުކުރުގެ ސުއްނަތް ނަމާދާމެދު ވާހަކަ ދައްކަމާތޯއެވެ؟

މިހާރަކަށް އައިސް ދީނުގެ ޢިލްމެއްނެތް، ބައެއް މީހުން ދެކޭގޮތުގައި ސުއްނަތަކަށް ވަނީ ހަމައެކަނި رَسُولُ اللَّهِ صلّى الله عليه وسلّم ކަމެއް ކުރެއްވުމުން އެކަމެކެވެ. އެކަލޭގެފާނު ނުކުރަށްވާ ކަންތަކަކީ ސުއްނަތުގެ ތެރޭގައި ނުހިމެނޭ ކަންތަކެވެ. ކިތަންމެ ވަރަކަށް އެކަލޭގެފާނުންގެ ބަސްފުޅުން ކަމެއް ސާބިތުވާން އޮތަސް، އެކަލޭގެފާނުންގެ ޢަމަލުފުޅުން އެކަން ސާބިތުނުވާހާ ހިނދަކު މިބައިމީހުން ދެކޭގޮތުގައި އެއީ ސުއްނަތަކަށް ނުވާނެއެވެ. މިއީ ދީނުގެ އެއްވެސް ޢިލްމުވެރިއަކު މިއަދާ ހަމައަށް ވިދާޅުވެފައިވާ ވާހަކައެއް ނޫނެވެ. އަދި މިއީއަކީ ދީނުގައި އެއްވެސް ޖާގައެއް ލިބިފައިއޮތް ވާހަކައެއްވެސް ނޫނެވެ. މިފަދަ ޖަހާލަތުގެ ވާހަކަތަކުން އިސްލާމް ދީނާއި، އަޅުގަނޑުމެން މުސްލިމުން ސަލާމަތް ކުރަށްވާށިއެވެ.

ކަންމިހެން ހުރުމާއެކު ބަޔާންވެދިޔަ ވާހަކަަތައް އަޅުގަނޑުމެންގެ ސިކުޑީގައި ބަހައްޓަވައިގެން ސުއްނަތް ނަމާދުތަކާއި ރަވާތިބު ސުއްނަތާ ބެހޭގޮތުން ވާހަކަ ދައްކާލަމާތޯއެވެ؟ މާތް ﷲ ރުއްސުންލެއްވި އުންމު ޙަބީބާގެ ކިބައިން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ. رَسُولُ اللَّهِ صلّى الله عليه وسلّم ޙާދީޘުކުރަށްވަނިކޮށް އަހުރެން އަޑުއެހީމެވެ. ” مَا مِنْ عَبْدٍ مُسْلِمٍ يُصَلِّي لِلَّهِ كُلَّ يَوْمٍ ثِنْتَيْ عَشْرَةَ رَكْعَةً تَطَوُّعًا غَيْرَ فَرِيضَةٍ إِلاَّ بَنَى اللَّهُ لَهُ بَيْتًا فِي الْجَنَّةِ”([2]) (ޔަޢުނީ: މުސްލިމު އަޅަކު ކޮންމެ ދުވަހަކު ދަރުމައަށް އެދި ފަރުޟު ނަމާދުގެ އިތުރުން ބާރަ ރަކުޢަތް ނަމާދު ކުރާނަމަ އޭނާއަށްޓަކައި ﷲގެ ޙަޟުރަތުން ސުވަރުގޭގައި ގަޑުވަރެއް ބިނާކުރެވޭނެއެވެ.) މިއީ ފަރުޟުނަމާދުގެ އިސްފަހުގައި ކުރެވޭ ރަވާތިބު ސުންނަތާއި ބެހޭގޮތުން އައިސްފައިވާ ހަދީޘެކެވެ.

މިޙަދީޘުގައި ބަޔާންވެގެން މިވަނީ ރަވާތިބު ސުންނަތް ކުރުމުން ﷲ ދެއްވަވާ ދަރުމައިގެ ވާހަކައެވެ. ކޮންމެ ދުވަހެއްގައި މިނަމާދު ކުރުމަށެވެ. ވަކިދުވަހެއް އިސްތިސްނާ ކުރަށްވާފައެއް މިޙަދީޘުގައި ނުވެއެވެ. ދެން ނިކަން ޢަމަލީގޮތުން އުންމަތަށް ނަމޫނާ ދެއްކަވާފައި އޮތްގޮތަށް ބަލައިލަމާ ހިންގަވާށެވެ.  މާތް ﷲ ރުއްސުންލެއްވި ޢާއިޝަތުގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. رَسُولُ اللَّهِ صلّى الله عليه وسلّم ސުންނަތް ނަމާދު ކުރައްވާ އުޅުއްވި ގޮތަކީ ކޮބައިތޯ މީހަކު އެކަމަނާއާ ސުވާލުކުރުމުން އެކަމަނާ ވިދާޅުވެފައި ވެއެވެ. “كَانَ يُصَلِّى فِى بَيْتَى قَبْلَ الظُّهُرِ أَرْبَعًا، ثُمَّ يَخْرُجُ فَيُصَلِّى بِالنَّاسِ ثُمَّ يَدْخُلُ فَيُصَلِّى رَكْعَتَيْنِ وَكَانَ يُصَلِّى بالنَّاسِ المَغْرِبَ ثُمَّ يَدْخُلُ فَيُصَلِّى رَكْعَتَيْنِ وَيُصَلِّى بالنَّاسِ العِشَاءَ وَيَدْخُلُ بَيْتِى فَيُصَلِّى رَكْعَتَيْنِ”([3]) (ޔަޢުނީ: އިތުރު އެކަލޭގެފާނު ތިމަން ކަމަނާގެ ގޭގައި މެންދުރު ނަމާދުގެ ކުރީ ހަތަރު ރަކުޢަތް ކުރަށްވަތެވެ. ދެން މިސްކިތަށް ވަޑައިގެން އިމާމުވެ މެންދުރު ނަމާދު ކުރަށްވަތެވެ. ދެން އެނބުރި ގެއަށް ވަޑައިގެން ދެރަކުޢަތް ކުރަށްވަތެއެވެ. އަދި މަޣުރިބަށް ވަޑައިގެން އިމާމުވެ މަޣުރިބު ނަމާދު ކުރަށްވަތެވެ. އެއަށްފަހު ގެއަށް ވަޑައިގެން ދެރަކުޢަތް ކުރައްވަތެވެ. ހަމައެހެންމެ ޢިޝާއަށް ވަޑައިގެން އިމާމުވެ ޢިޝާނަމާދު ކުރަށްވަތެވެ. ދެން ގެއަށް ވަޑައިގެން ދެރަކުޢަތް ކުރައްވަތެވެ.) މިރިވާޔަތުގައި ފަހުކޮޅުގައި އެކަމަނާ ވިދާޅުވެފައި ވެއެވެ. “وَكَانَ إذَا طَلَعَ الْفَجْرُ صَلَّى رَكْعَتَينِ”([4]) (ޔަޢުނީ: އަދި ފަޖުރު ލުމުން އިތުރު އެކަލޭގެފާނު ފަތިސް ނަމާދުގެ އިހު ސުއްނަތުގެ ދެރަކުޢަތް ކުރައްވަތެވެ.)

ކޮންމެއަކަސް ރަވާތިބު ސުންނަތް ކިޔަނީ ފަރުޟު ފަސް ނަމާދާ ގުޅިފައި ހުންނަ ސުއްނަތް ނަމާދުތަކަށެވެ. އެސުއްނަތްތައް ކުރުން އޮންނަނީ ފަރުޟު ނަމާދުގެ ވަގުތަށް އަމާޒު ކޮށްގެންނެވެ. ނަމާދުގެ އިހުގައްޔާއި ފަހުގައެވެ. މިއަށް ކިޔަނީ އިހު ސުއްނަތާއި ފަހު ސުއްނަތެވެ. އަދި ކީރިތި ރަސޫލާގެ ޢަމަލުފުޅަށް ބެލިކަމުގައި ވިއަސް ނަމާދުގެ ވަޤުތު ވަނުމާއެކު އެކަލޭގެފާނު އިހުސުންނަތް ކުރައްވާކަމާއި ފަރުޟު ނަމާދުން ނިމިވަޑައިގެން ފަހުސުއްނަތް ކުރަށްވާކަން ވަރަށް ސާފުކޮށް އެގެން އެބައޮތެވެ. މާތް ﷲ ރުއްސުންލެއްވި ޢަބްދުﷲ އިބްނު ޢުމަރުގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. حَفِظْتُ مِنَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَشْرَ رَكَعَاتٍ رَكْعَتَيْنِ قَبْلَ الظُّهْرِ وَرَكْعَتَيْنِ بَعْدَهَا وَرَكْعَتَيْنِ بَعْدَ الْمَغْرِبِ فِي بَيْتِهِ وَرَكْعَتَيْنِ بَعْدَ الْعِشَاءِ فِي بَيْتِهِ وَرَكْعَتَيْنِ قَبْلَ صَلاَةِ الصُّبْحِ([5]) (މާނައީ: رَسُولُ اللَّهِ صلّى الله عليه وسلّم ކުރަށްވަނިކޮށް އެކަލޭގެފާނުންގެ އަރިހުން ތިމަން ކަލޭގެފާނު ސުއްނަތް ދިހަ ރަކްޢަތެއް ދަސްފުޅު ކުރެއްވީމެވެ. އެއީ މެންދުރު ނަމާދުގެ ކުރީގައި ދެރަކުޢަތާއި އެނަމާދުގެ ފަހުގައި ދެރަކުޢަތާއި މަޣުރިބު ނަމާދުގެ ފަހުން އެކަލޭގެފާނުންގެ ގަނޑުވަރުގައި ދެރަކުޢަތާއި ޢިޝާ ނަމާދުގެ ފަހުން އެކަލޭގެފާނުންގެ ގަނޑުވަރުގައި ދެރަކުޢަތެވެ.)

 ކަންމިހެން ހުރުމާއެކު ރަވާތިބު ސުއްނަތަކީ ނަމާދުގެ ވަގުތާ ގުޅިފައިވާ ކަމެއްކަން އެބައެނގެއެވެ. ޚާއްޞަކޮށް މެންދުރު ނަމާދުގެ ވަގުތާއި ފަތިސް ނަމާދުގެ ވަގުތެވެ. رَسُولُ اللَّهِ صلّى الله عليه وسلّم އެދެނަމާދުގެ އިހުސުންނަތަށް ވަރަށް ބޮޑަށް ފަރުވާތެރިވެ ވަޑައިގަންނަވާކަން ޞައްޙަ ޙަދީޘުތަކުން އެނގި ބަޔާން ވެގެންވެއެވެ. މާތް ﷲ ރުއްސުންލެއްވި އުންމު ޙަބީބާގެ ކިބައިން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ. رَسُولُ اللَّهِ صلّى الله عليه وسلّم  އަރިހުން އަހުރެން އަޑުއެހީމެވެ. ” مَنْ حَافَظَ عَلَى أَرْبَعَ رَكْعَاتٍ قَبْلَ الظُّهُرِ وَأَرْبَعَ بَعْدَهَا حَرَّمَهُ اللَّهُ عَلَى النَّارِ”([6]) ( ޔަޢުނީ: މެންދުރުނަމާދުގެ ކުރީގައި ހަތަރު ރަކުޢަތާއި  އެނަމާދުގެ ފަހުގައި ހަތަރު ރަކުޢަތް ކުރުމުގައި ރައްކާތެރިވެ އުޅޭ މީހާއަށް ﷲ ވަނީ ނަރަކައިގެ އަލިފާން ޙަރާމް ކުރަށްވާފައެވެ.) އެހެންކަމުން އިތުރު އެކަލޭގެފާނު މިސުއްނަތަށް ރައްކައުތެރިވެ ވަޑާއިގަންނަވާ މިންވަރަކީ ޢުޛުރަކާ ލައިގެންވެސް އެކަލޭގެފާނަށް މިސުއްނަތް ނުކުރެވިއްޖެނަަމަ މެންދުރު ނަމާދުގެ ފަހުން އެސުއްނަތް ކުރަށްވަތެވެ. މިކަމަށް އިޝާރަތް ކުރަށްވަމުން ﷲ ރުއްސުންލެއްވި ސިއްތުނާ ޢާއިޝާތުގެ ކިބައިން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ. “أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ لاَ يَدَعُ أَرْبَعًا قَبْلَ الظُّهْرِ وَرَكْعَتَيْنِ قَبْلَ الْغَدَاةِ”([7]) (ޔަޢުނީ: رَسُولُ اللَّهِ صلّى الله عليه وسلّم މެންދުރު ނަމާދުގެ ކުރީގެ ހަތަރު ރަކުޢަތާއި ފަތިސް ނަމާދުގެ ކުރީގެ ދެރަކުޢަތް ނުކޮށް ދޫކޮށް ނުލައްވަތެވެ.) އަދިވެސް ސިއްތުނާ ޢާއިޝާތުގެ ކިބައިން ރިވާވެގެންވެއެވެ. “كَانَ النَّبِىُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا لَمْ يُصَلِّ أَرْبَعًا قَبْلَ الظُّهْرِ صَلَّى هُنَّ بَعْدَهَا”([8]) ( ޔަޢުނީ: رَسُولُ اللَّهِ صلّى الله عليه وسلّم ކިބައިން މެންދުރު ނަމާދުގެ ކުރީ ހަތަރު ރަކުޢަތް ދޫ ވެވިއްޖެނަމަ އެކަލޭގެފާނު މެންދުރު ނަމާދުގެ ފަހުގައި އެހަތަރު ރަކުޢަތް ކުރައްވަތެވެ.) އަދި ތިރިމިޛީގައި ﷲރުއްސުންލެއްވި ޢަބުދުﷲބްނި ސާއިބު ގެކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނުން ވިދާޅުވިއެވެ. ” أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يُصَلِّي أَرْبَعًا بَعْدَ أَنْ تَزُولَ الشَّمْسُ قَبْلَ الظُّهْرِ وَقَالَ إِنَّهَا سَاعَةٌ تُفْتَحُ فِيهَا أَبْوَابُ السَّمَاءِ وَأُحِبُّ أَنْ يَصْعَدَ لِي فِيهَا عَمَلٌ صَالِحٌ”([9]) (ޔަޢުނީ: އިރުމެދުން ފިލުމުން رَسُولُ اللَّهِ صلّى الله عليه وسلّم މެންދުރު ނަމާދުގެ އިހު ސުއްނަތުގެ ހަތަރު ރަކުޢަތް ކުރައްވަތެވެ. (މިއާއިމެދު) އިތުރު އެކަލޭގެފާނު ޙަދީޘު ކުރަށްވާފައި ވެއެވެ. މިއީ އުޑުގެ ދޮރުކޮޅުތައް ހުޅުވައިލެވޭ ވަޤުތެކެވެ. ތިމަންކަލޭގެފާނު އެދިވަޑައިގަންނަވަނީ ތިމަންކަލޭގެފާނުންގެ ހެޔޮ ޢަމަލުތައް އުފުއްލެވޭ ވަގުތަކީ މިވަގުތު ކަމުގައި ވުމަށެވެ.)

ނިކަން ވިސްނާލަމާތޯއެވެ؟ އެތަކެއް ޞައްޙަ ޙަދީޘެއް ވަރަށް ޞަރީޙަ ގޮތެއްގައި އައިސްފައި ވަނިކޮށް ހަފުތާގެ ހަތް ދުވަހުގެ ތެރެއިން އެންމެމާތްދުވަސް ކަމުގައި ކަނޑައެޅިގެން އިސްލާމް ދީނުގައި އަންގަވާފައިވާ ހުކުރު ދުވަހުގެ އިރުމެދުން ފިލައި ދިއުމުން رَسُولُ اللَّهِ صلّى الله عليه وسلّم މިސުންނަތް ނުކުރައްވައި ގަނޑުވަރުން ނިކުމެވަޑައިގެން މިންބަރަށް އަރައި ވަޑައިގަންނަވާކަމަށް ބުނާބުނުން އެއީ އެންމެޞައްޙަ އަދި އެންމެޙައްޤު ގޮތްކަމުގައި ވެދާނެތޯއެވެ؟ އަދި ﷲ ރުއްސުންލެއްވި އަޞްޙާބު ބޭކަލުން ހުކުރު ދުވަހުގެ އެންމެ ފުރަތަމަ ސާޢަތުން ފެށިގެން މަސްޖިދުއް ނަބަވީއަށް ވަޑައިގެން އިރުމެދު ފިލުމާއެކު މިސުންނަތް އަދާ ނުކުރައްވައި ތިއްބަވާކަމަށް ބުނާބުނުން އެއީ އެންމެޞައްހަ އަދި އެންމެޙައްޤު ގޮތްކަމުގައި ވެދާނެތޯއެވެ؟

ޙަޤީޤަތުގައި މިއީ ބޮޑު އޮޅުމެކެވެ. މިއޮޅުމުގެ ތެރޭގައި ތިއްބަވައިގެން ފަހަރެއްގައި ސުވާލެއް އުފެދިދާނެއެވެ. އެއީ ޙަސަނުގެ ދަރަޖައިގެ ޞައްޙަ ހަދިޘުތައް ހުކުރުގެ ފަހު ސުންނަތާއި ބެހޭގޮތުން އައިސްފައި ހުރިއިރު އެއްވެސް ޙަދީޘެއް ހުކުރުގެ އިހު ސުންނަތާއި ބެހޭގޮތުން އައިސްފައި ނުވާ ސަބަބާ ބެހޭގޮތުންނެވެ. މިބުނެވުނު ޙަދީޘުތަކަށް ބަލާއިރު އެއް ޙަދީޘަކީ ﷲ ރުއްސުންލެއްވި އިބްނި ޢުމަރުގެ ކިބައިން ރިވާވެގެންވާ ރިވާޔަތެވެ. އެކަލޭގެފާނުން رَسُولُ اللَّهِ صلّى الله عليه وسلّم ގެ ޢަމަލުފުޅު ނަޤުލުކުރައްވައި ރިވާކުރައްވާފައި ވެއެވެ. “إنَّهُ كَانَ يُصَلِّى بَعْدَ الْجُمُعَةِ رَكْعَتَيْنِ”([10]) (ޔަޢުނީ: رَسُولُ اللَّهِ صلّى الله عليه وسلّم ހުކުރު ނަމާދަށްފަހު ދެރަކުޢަތް ކުރައްވަތެވެ.) އަދިވެސް ﷲ ރުއްސުންލެއްވި އިބްނި ޢުމަރުގެ ކިބައިން ރިވާވެގެންވެއެވެ. “އިބްނި ޢުމަރު ހުކުރު ނަމާދު ކުރައްވައިގެން އެބުރި ގެއަށް ވަޑައިގެން ސުއްނަތް ދެރަކުޢަތް ކުރައްވަތެވެ. އަދި މިމައްސަލައާމެދު ޚުދު އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ. رَسُولُ اللَّهِ صلّى الله عليه وسلّم މިނަމާދު ކުރަށްވަނީ މިގޮތަށެވެ.” އަދިވެސް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. رَسُولُ اللَّهِ صلّى الله عليه وسلّم ޙަދީޘުކުރެއްވިއެވެ. “مَنْ كَانَ مِنْكُمْ مُصَلِّيًا بَعْدَ الْجُمْعَةِ فَالْيُصَلِّ أَرْبَعًا”([11]) (ޔަޢުނީ: ތިޔައިން މީހަކު ހުކުރު ނަމާދަށްފަހު ނަމާދުކުރާނަމަ ހަތަރު ރަކުޢަތް ކުރާށެވެ.) މިއީ މުޅީންވެސް ޙަސަނުގެ ދަރަޖައިގެ ޞައްޙަ ޙަދީޘުތަކެވެ. މިގޮތަށް އެއްވެސް ޙަދީޘެއް ހުކުރު ނަމާދުގެ އިހުސުންނަތާއި ބެހޭގޮތުން އައިސްފައި ނުވެއެވެ. މިހަދީޘުތަކަށް ބައްލަވައިގެން ބައެއް ބޭކަލުން ވިދާޅުވެފައި ވަނީ މިއިން ދޭހަވަނީ ހުކުރު ނަމާދުގެ އިހުސުންނަތެއް ނޯންނަ ކަމަށެވެ.

ހުކުރު ދުވަހުގެ މެންދުރު ނަމާދު އެދުވަހުގެ މާތްކަމާހުރެ އިސްލާމީ ޝިޢާރަކަށް ވާގޮތާމެދު ވިސްނާލަމާތޯއެވެ؟ މުސްލިމުންގެ ތެރެއިން ވަކި ޚާއްޞަ ބަޔަކު ވަކި ޚާއްޞަ ޝަރުޠު ތަކަކާއެކު އަދާކުރާކުރާ އަޅުކަމަށް ނުވަތަ ނަމާދަށް އެދުވަހުގެ ނަމުން އާދެ! “އަލްޖުމުޢާ” މިނަމުން ނަންދެވުނެވެ. ނަމަވެސް މިއައި ބަދަލާހުރެ މިނަމާދުގެ އިސްފަހުގެ ރަވާތިބު ސުންނަތަކަށް ކުޑަވެސް ބަދަލެއް އަންނާކަށް ނުޖެހެއެވެ. އަދި ބަދަލެއް ގެންނަނަމަ އޮތް ބަދަލަކީ އެސުއްނަތް އިތުރު ކުރުމެވެ. މަދު ކުރުމެއް ނޫނެވެ. އެހެން ކަމުން ލޮބުވެތި އަޞްޙާބުންގެ ތެރެއިން ބައެއް ބޭކަލުން ހުކުރު ކުރިން ވަރަށް ގިނައިން ނަފްލު ނަމާދު ކުރަށްވާކަމަށް ޞައްޙަ ރިވާޔަތްތަކުން ސާބިތުވާން އެބަހުއްޓެވެ. އަދި ހުކުރު ނަމާދުގެ ވަގުތަކީ މެންދުރު ވުމުގެ ކުރިންފެށިގެން ކަމަށް ބައެއް ބޭކަލުން ވިދާޅުވާއިރު، މިއީ ނެތް ސުއްނަތެކޭ ބުނެވޭނެ ޖާގައެއް އެފަދަ ބޭކަލަކަށް އަމުދުން ނޯންނާނެއެވެ. އިމާމު ބުޚާރީވެސް ހުކުރުގެ އިހު ސުއްނަތާއި ފަހު ސުއްނަތަށް ތާއީދު ކުރަށްވަމުން ބުޚާރީގައި އެކަމުގެ ސުރުޚީ ޖައްސަވަމުން ވިދާޅުވެފައި ވަނީ ” بَاب اَلصَّلاَة بَعْدَ اَلْجُمُعَة وَقَبْلهَا ” (މާނައީ: ހުކުރު ނަމާދުގެ އިސްފަހުގައި ކުރާ ސުއްނަތުގެ ބާބު)  މިފަދައިންނެވެ. އޭގައި އެކަލޭގެފާނު އެއްރިވާޔަތަކަށް ގެންނަވާފައިވަނީ ރަވާތިބު ސުއްނަތާ ބެހޭގޮތުން ކުރީގައި ބަޔާންވެދިޔަ އިބްނު ޢުމަރުގެ ރިވާޔަތެވެ. އޭގައި އިބްނު ޢުމަރު ވިދާޅުވެފައި ވެއެވެ. “أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يُصَلِّي قَبْلَ الظُّهْرِ رَكْعَتَيْنِ وَبَعْدَهَا رَكْعَتَيْنِ وَبَعْدَ الْمَغْرِبِ رَكْعَتَيْنِ فِي بَيْتِهِ وَبَعْدَ الْعِشَاءِ رَكْعَتَيْنِ وَكَانَ لاَ يُصَلِّي بَعْدَ الْجُمُعَةِ حَتَّى يَنْصَرِفَ فَيُصَلِّي رَكْعَتَيْنِ” ([12]) (މާނައީ: رَسُولُ اللَّهِ صلّى الله عليه وسلّم މެންދުރު ނަމާދުގެ ކުރިން ދެ ރަކްޢަތް، އެނަމާދުގެ ފަހުން ދެރަކްޢަތް، މަޣްރިބު ނަމާދުގެ ފަހުން ގަނޑުވަރުގައި ދެރަކްޢަތް، ޢިޝާ ނަމާދުގެ ފަހުން ދެރަކްޢަތް ކުރަށްވަތެވެ. އަދި ހުކުރު ނަމާދުގެ ފަހުނ ގަނޑުވަރަށް ވަޑައިގަތުމަށްފަހު މެނުވީ ސުއްނަތް ނުކުރައްވަތެވެ. އަދި   ކުރައްވަނީވެސް ދެރަކްޢަތެވެ.) އިމާމު އިބްނު ބައްޠާލް ވިދާޅުވެފައި ވެއެވެ. އިބްނު ޢުމަރުގެ މިރިވާޔަތުގެ އެކަލޭގެފާނު ބަސްފުޅު ތަކްރާރު ކުރަށްވާފައި، ހުކުރުގެ ފަހު ސުއްނަތުގެ ވާހަކަ ބަޔާން ކުރަށްވާފައި އެވަނީ ހުކުރުގެ ފަހު ސުއްނަތާއި މެންދު ނަމާދުގެ  ފަހު ސުއްނަތާއި ހުރި ތަފާތު ބަޔާން ކުރެއްވުމުގެ ގޮތުންނެވެ. އެއީ މެންދުރާ ޚިލާފަށް رَسُولُ اللَّهِ صلّى الله عليه وسلّم ހުކުރުގެ ފަހު ސުއްނަތް ގަނޑުވަރުގައި ކުރަށްވާކަން ބަޔާން ކުރެއްވުމުގެ ގޮތުންނެވެ. އަދި އެބަސްފުޅުން ވަރަށް ޞަރީޙަކޮށް رَسُولُ اللَّهِ صلّى الله عليه وسلّم ގަނޑުވަރުގައި ހުކުރުގެ އިހު ސުއްނަތް ކުރަށްވާކަން އެބަ އެނގެއެވެ. ހަމަ އެހެންމެ އިމާމު އިބްނުލް މުނީރު މިޙަދީޘުގެ ޝަރަޙަ ކުރަށްވަމުން “އަލްޙާޝިޔާ” ގައި މިފަދައިން ވިދާޅުވެފައި ވެއެވެ. މިއިން ދޭހަކޮށްދެނީ އަޞްލުގައި މެންދު ނަމާދާއި ހުކުރު ނަމާދުގެ ސުއްނަތްތައް އެއްގޮތް ކަމަށާއި އެއާ ޚިލާފަށް ދަލީލެއް ނެތްހާ ހިނދަކު ބަލަންޖެހޭނީ އެކަން އޮންނާނީ އެގޮތަށް ކަމަށެވެ. އަދި ހުކުރަކީ މެންދުރުގެ ބަދަލުކަން މިއީ އެންމެންނަށް ދަންނަ ޙަޤީޤަތެކެވެ. އަދި ހުކުރުގެ ފަހު ސުއްނަތުގެ މުހިއްމުކަން ބޮޑުކަމަށްވާތީ މިތާގައި އިމާމު ބުޚާރީވެސް އެސުއްނަތް އިސްކުރަށްވާފައި ވަނީއެވެ.

ދެން އިބްނު ޙަޖަރު މިޙަދީޘުގެ ޝަަރަޙަ ކުރަށްވަމުން ވިދާޅުވެފައި ވެއެވެ. ތިމަން ކަލޭގެފާނަށް ލަފާ ކުރެވޭ ގޮތުގައި އިމާމު ބުޚާރީ މިޙަދީޘު ގެންނަވުމަށް ފަހު އެއިން އިޝާރަތް ކުރަށްވަނީ މާތް ﷲ ރަޙްމަތްލެއްވި އިބްނު ޢުމަރުގެ އަރިހުން އިމާމު އަބޫދާއޫދާއި އެނޫންވެސް މުޙައްދިޘުން ގެންނަވާފައިވާ މިރިވާޔަތަށެވެ. މާތް ﷲ ރަޙްމަތްލެއްވި ނާފިޢު ވިދާޅުވެފައި ވެއެވެ. “كَانَ اِبْنُ عُمَرَ يُطِيلُ اَلصَّلاَة قَبْلَ اَلْجُمُعَة وَيُصَلِّي بَعْدَهَا رَكْعَتَيْنِ فِي بَيْتِهِ وَيُحَدِّثُ أَنَّ رَسُولَ اَللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يَفْعَلُ ذَلِكَ ” (މާނައީ: ހުކުރު ދުވަހު، ހުކުރު ކުރިން ޢަބްދު ﷲ އިބްނު ޢުމަރު ސުއްނަތް ނަމާދު ކުރެއްވުން ދިގު ކުރަށްވަތެވެ. އަދި ހުކުރުގެ ފަހުން ގޭގައި ދެރަކްޢަތް ކުރަށްވަތެވެ. އަދި ވިދާޅުވަތެވެ. رَسُولُ اللَّهِ صلّى الله عليه وسلّم ގެ ޢަމަލުފުޅު އޮންނަނީ މިގޮތަށެވެ.) އަދިވެސް އިބްނު ޙަޖަރު ވިދާޅުވެފައި ވެއެވެ. އިމާމު ނަވަވީވެސް “އަލްޚުލާޞާ” ގައި މިޙަދީޘުގެ  ޝަރަޙަ ކުރައްވަމުން ވަރަށް ސާފުކޮށް ހުކުރުގެ އިހު ސުއްނަތް ސާބިތުވާކަމަށް ވިދާޅުވެފައި ވެއެވެ. އެއީ ކީރިތި ރަސޫލާ އެގޮަތަށް ޢަމަލުކުރަށްވާ ވާހަކަ އޮތޮމުންނެވެ. އަދިވެސް އިބްނު ޙަޖަރު ވިދާޅުވެފައި ވެއެވެ. މިޙަދީޘުގައި “كَانَ يُطِيلُ اَلصَّلاَة قَبْلَ اَلْجُمُعَة” (އެކަލޭގެފާނު ހުކުރު ކުރީގެ ސުއްނަތް ދިގުކުރަށްވަތޭ) އޮތް ބަސްފުޅުން، ކަނޑައެޅިގެން އެއީ ހުކުރުގެ ވަގުތު ވަނުމަށްފަހުގައިކަން ވެސް އެބަ ސާބިތުވެއެވެ. އެއީ އިތުރު އެކަލޭގެފާނު ހުކުރު ކުރެއްވެވީ އިރުމެދު ޖެހުމުގެ ކުރީން ކަމަށް ސާބުތުވާނީ އެއްވެސް ޞަރީޙަ ޞައްޙަ ޙަދީޘެއް ނެތީމައެވެ.([13]) އަދިވެސް އިބްނު ޙަޖަރު ވިދާޅުވެފައި ވެއެވެ. ހުކުރުގެ ކުރިން ސުއްނަތް ކުރުމުގެ މަޝްރޫޢިއްޔަތު ސާބިތު ކުރުމުގައި އޮތް އެންމެ ވަރުގަދަ ދަލީލަކީ އިމާމު އިބްނު ޙިއްބާން ޞައްޙަ ކުރަށްވައި، އެކަލޭގެފާނު މާތް ﷲ ރުއްސުންލެއްވި ޢަބްދު ﷲ އިބްނުއްޒުބައިރުގެ ކިބައިން ރިވާކުރަށްވާފައިވާ ޙަދީޘާއި ޢަބްދު ﷲ އިބްނުލް މުޣައްފަލް ރިވާކުރަށްފައިވާ ޙަދީޘެކެވެ. ޢަބްދު ﷲ އިބްނުއް ޒުބައިރުގެ ރިވާޔަތުގައި رَسُولُ اللَّهِ صلّى الله عليه وسلّم ގެ އަރިހުން  މިފަދައިން ރިވާވެގެންވެއެވެ. “مَا مِنْ صَلاَةٍ مَفْرُوضَةٍ إِلاَّ وَبَيْنَ يَدَيْهَا رَكْعَتَانِ” (މާނައީ: އެއްވެސް ފަރުޟު ނަމާދެއްގެ ކުރީގައި ސުއްނަތުގެ  ގޮތުގައި ދެރަކްޢަތް ނަމާދު ކުރުން ނޯންނަ ފަރުޟެއް ނުވެއެވެ.) އަދި އިބުނުލްމުޣައްފަލްގެ ރިވާޔަތުގައި މިފަދައިން އައިސްފައި ވެއެވެ. “بَيْن كُلِّ أَذَانَيْنِ صَلاَةٌ”([14]) (މާނައީ: ކޮންމެ ބަންގިއަކާއި ޤަމަތެއްގެ ދެމެދުގައި ސުއްނަތް ނަމާދެއް ކުރުން ވެއެވެ.) މިޙަދީޘުގެ ބައެއް ރިވާޔަތުގައި އައިސްފައި ވަނީ އެކަލޭގެފާނު މިފަދައިން ތިން ފަހަރު ޙަދީޘު ކުރެއްވުމަށްފަހު ދެން ޙަދީޘު ކުރަށްވަނީ “ބޭނުން މީހަކަށެވެ.” އަދި އަނެއްބައި ރިވާޔަތުގައި އަންނަނީ “ފަރުޟު ނަމާދުގެ އިތުރުން” މިހެންނެވެ.([15])

ކޮންމެއަކަސް ބަޔާންވެދިޔަ ޙަދީޘުތައް ފިޔަވައިވެސް ހުކުރުގެ ކުރިން ހުކުރުގެ އިހު ސުއްނަތް رَسُولُ اللَّهِ صلّى الله عليه وسلّم ކުރަށްވާ ކަމުގެ އެތަކެއް ޙަދީޘެއް އައިސްފައި އެބަހުއްޓެވެ. އޭގެ ތެރެއިން ބަޔާންވެދިޔަ ޙަދީޘުތައް ފިޔަވައި ގިނަ ޙަދީޘުތަކަކީ ޟަޢީފު ޙަދީޘުތައް ކަމުގައިވާތީ މިބަޔާންވެދިޔަ ދަލީލުތަކުން މިކަން ސާބިތު ކުރުމަށް ފުދޭނެ ކަމަށް ހީކުރަމެވެ.

ކުރީންވެސް ބުނެވުނު ފަދައިން ޖުމްހޫރު ދަންނަބޭކަލުންގެ ރައުޔަކީ ހުކުރު ނަމާދުގެ ވަގުތަކީ އިރުމެދުން ފިލުމަށް ފަހުގައެވެ. އަދި މިރައުޔަށް ބުރަވާނަމަވެސް ޝައްކެއްނެތި ރަވާތިބު ސުއްނަތް އޮންނަނީ ނަމާދުގެ ވަގުތާ ގުޅިގެންނެވެ. އިހު ސުއްނަތަށް ބަލާއިރު އެސުންނަތުގެ ވަގުތަކީ ނަމާދު ވަގުތު ވަނުމުން ފެށިގެން ނަމާދަށް ފެށުމާއި ދެމެދު ވަގުތެެވެ. ނަމާދުގެ ފަހުންވެސް އިހު ސުއްނަތް ކުރެވިދާނެއެވެ. ނަމަވެސް އެއިރު އެސުއްނަތް ކުރެވޭނީ ޤަޟާކޮށެވެ.([16]) ފަހު ސުއްނަތަށް ބަލާއިރު، އެސުންނަތުގެ ވަގުތުފެށެނީ އެވަގުތެއްގެ ފަރުޟު ނަމާދުކޮށް ނިމުމުންނެވެ. އަދި އެނަމާދުގެ ވަގުތު ނިމެންދެން ފަހުސުންނަތުގެ ވަގުތު ދެމިގެންވެއެވެ.

ކަންމިހެން އޮތުމާއެކު މެންދުރު ނަމާދުގެ އިހުސުންނަތް އެއީ ހުކުރު ދުވަހު ހުކުރު ނަމަދުކުރާ ބަޔަކަށްޓަކައި ހުކުރުގެ އިހުސުންނަތެވެ. އެދުވަހު ހުކުރު ނަމާދުނުކޮށް މެންދުރު ނަމާދުކުރާ ބަޔަކަށްޓަކައި މެންދުރުނަމާދުގެ އިހުސުންނަތެވެ. ފަހުސުންނަތްވެސް އޮތީ މިގޮތުގެ މަތިންނެވެ. ނަމަވެސް ކީރިތި ޤުރުއާނުގައި ހުކުރު ނަމާދަށް އައުމަށް އެންގެވުމަށްފަހު އޭގެފަހުގެ އާޔަތުގައި ނަމާދު ނިމުމުން އަވަހަށް ﷲގެ ޙަޟުރަތުން ރޯދި ހޯދުމަށް އަވަސް ވެގަތުމަށް  ﷲ އަންގަވާފައި އޮތް މިބަސްފުޅުގެ ސަބަބުން ހުކުރުގެ ފަހު ސުއްނަތް ނެތްކަމަށް ބައެއް މީހުންނަށް ހީވާތީ، ހުކުރުގެ ފަހު ސުއްނަތަށް ބާރު އަޅުއްވާފައި ޙަދީޘުގައި އައިސްފައި ވަނީއެވެ. މިބުނެވުނު އާޔަތުގައި ﷲ ވަޙީކުރަށްވާފައި ވެއެވެ. فَإِذَا قُضِيَتِ الصَّلَاةُ فَانتَشِرُوا فِي الْأَرْضِ وَابْتَغُوا مِن فَضْلِ اللَّـهِ  ([17]) (ޔަޢުނީ: ހުކުރު ނަމާދުކޮށް ނިމުމުން، ﷲގެ ޙަޟުރަތުން ރޯދި ހޯދުމަށް އެދި މަސައްކަތް ކުރުމަށް ތިޔަބައިމީހުން މިސްކިތުން ނިކުމެ ބިމުގެ ކަންކޮޅުތަކަށް ފެތުރިގަންނާށެވެ.)

ޙަޤީޤަތުގައި ހުކުރުގެ އިހު ސުއްނަތުގެ ވާހަކައަށް ބާރު އެޅުމެއްނެތި ފަހު ސުއްނަތަށް ބާރު އަޅުއްވާފައި ވަނީ މިސަބަބާ ހުރެއެވެ. އެއީ ފަހު ސުއްނަތާމެދު މީސްތަކުން އިހުމާލުވެ ފަރުވާކުޑަކޮށްލާނެތީއެވެ. އެއީ ނެތް އެއްޗެއްކަމުގައި ދެކި އެއާ ދުރުހެލިވެގަންނާނެތީއެވެ. ހަމައެއާއެކު މެންދުރު ނަމާދުގެ ފަހު ސުއްނަތާ ޚިލާފަށް ހުކުރުގެ ފަހު ސުއްނަތް ކުރުން މޮޅުއިތުރު ވެގެންވަނީ ގޭގައިކަން ބަޔާންކުރުމަށްވެސް މެއެވެ. އެހެންކަމުން މިސުއްނަތުގެ ވާހަކަ ބަޔާން ކުރަށްވަން ޖެހުނީއެވެ. ނަމަވެސް އިހު ސުއްނަތުގެ ވާހަކަ ވަކީން މިގޮތަށް ބަޔާންކުރާކަށް ނުޖެހެއެވެ. އަދި ކީތްތޯއެވެ؟ މިގޮތަށް މިއިޙްތިމާލު އޮތުމާއި ގުޅިގެން ހުކުރުގެ ފަހުސުންނަތާއި ބެހޭގޮތުން މިގޮތަށް ޤައުލިއްޔަ ޙަދީޘާއި ފިޢުލިއްޔަ ޙަދީޘު ބަޔާންވެފައި އޮތުމުން ބަލަންޖެހެނީ އިހުސުންނަތް އޮތްކަމުގެ ހެއްކަކަށެވެ. ފަހަރެއްގައިވެސް މިދަލީލުތަކުން އިހުސުންނަތް ނުވާކަމަށް ބަލައިގެން ނުވާނެއެވެ. މިއީ އިމާމު ބުޚާރީއާއި ތިރްމިޛީ ފަދަ ބޭފުޅުން ހުކުރުގެ އިހުސުއްނަތާއި ފަހު ސުއްނަތުގެ ވާހަކަ ގެންނަވައި އެއަށް ބާބު ގެންނެވުމުގެ ސަބަބެއްވެސްމެއެވެ. އިމާމު ތިރްމިޛީ ބާބު ގެންނަވާފައިވަނީ މިފަދައިންނެވެ. “بَابُ مَا جَاءَ فِي الصَّلاَةِ قَبْلَ الْجُمُعَةِ وَبَعْدَهَا” (މާނައީ: ހުކުރުގެ ކުރިންނާއި ހުކުރުގެ ފަހުން ސުއްނަތް ކުރުމާމެދު އައިސްފައިވާ ދަލީލަތަކުގެ ބާބު) އަދި ތިރްމިޛީވެސް ހުކުރުގެ ފަހު ސުއްނަތުގެ ވާހަކަ ދެއްކެވުމަށްފަހު ދެން ގެންނަވާފައިވަނީ ހުުކުރުގެ ކުރިންނާއި ފަހުން އަޞްޙާބު ބޭކަލުން ސުއްނަތް ކުރަށްވާ ކަން ބަޔާންވެގެންވާ ރިވާޔަތްތަކެވެ. ހަމައެއާއެކު އެކަލޭގެފާނު ދެން ވިދާޅުވެފައިވަނީ މިއާމެދު ދަންނަބޭކަލުންގެ ރައުޔާއި ފަތުވާއެވެ.

ކޮންމެއަކަސް ހުކުރުގެ އިހުސުއްނަތް ނެތްކަމަށް ބުނާ މީހުން ބުނަނީ ގެ ދުވަސްވަރުގައި ހުކުރަށް ބަންގި ދެވެނީ ކީރިތި ރަސޫލާ މިންބަރަށް އަރާވަޑައިގަތުމުން ކަމަށް ވާއިރު އޭގެ ފަހުން ރަވާތިބު ސުއްނަތް ކުރުމެއް ނޯންނަކަމީ އެންމެން އެއްބަސް މައްސަލައެކެވެ. އޭގެ ޖަވާބުގައި ބުނެވޭނީ ވަގުތު ވަނުމުން ހުކުރުގެ އިހު ސުއްނަތް ކުރެވިދާނެ ކަމާއި ޚުދް ކީރިތި رَسُولُ اللَّهِ صلّى الله عليه وسلّم ވަޑައިގަންނަވަނީ ސުއްނަތް ކުރަށްވައިގެން ކަމެކެވެ. މިވާހަކަ ކުރީގައި ބަޔާންވެ ހިނގައްޖެއެވެ. އަނެއްކޮޅުން ޢުޘްމާނުގެފާނުންގެ ދައުރުގައި ހުކުރަށް ދެ ބަންގި ދެވެން ފެށުމާއެކު ތިޔަ އުފެދޭ ސުވާލު ހިނގައްޖެ ކަމަށެވެ. އެއީ ފުރަތަމަ ބަންގި ގޮވެނީ މެންދުރު ވަގުތު ވަނުމުން ކަމަށްވާއިރު ނަމާދަށް އަންނަ މީހުންނަށް އެއޮތީ ސުއްނަތް ކުރުމުގެ ވަގުތު ލިބިފައެވެ. ދެން އިމާމު މީހާ މިންބަރަށް އަރަންދެން އެމީހުންނަށް ސުއްނަތް ކުރެވޭނެ ކަމަށެވެ. އަނެއްކޮޅުން މިގޮތަށް ހުކުރު ދުވަހު ސުއްނަތް ކުރުމެއް ނޯންނަކަމަށް އެއްވެސް ކަހަލަ ޙަދީޘެއް އައިސްފައި ނެތް ޙާލު ތަފާތު އެތަކެއް ގޮތަކުން މިސުއްނަތް ކުރުން އައުލާކަމަށް ހެކިލިބޭއިރު އެއާ އިންކާރު ކުރުމަކީ ޙައިރާންވާންޖެހޭ ކަމެކެވެ. ކޮންމެއަކަސް މިތާގައި ޙައިރާންވާންޖެހޭ އަނެއް ކަމަކީ ހުކުރުގެ އިހުސުންނަތް ނުވާކަމަށް ބުނެ އެންމެ ޞައްޙަ، އެންމެ ޙައްޤުކަންބޮޑު ގޮތަކީ ހުކުރުގެ އިހުސުންނަތް ނުކުރުން ކަމުގައި ހަދަންއުޅުމެވެ. މިކަމަށް ދަލީލުކުރާ ކުޑަވެސް ހެއްކެއް ދަލީލެއް ފެންނާކަށް ނެތެވެ. އަދި އެއްވެސް ޞައްޙަ ހަދީޘަކުން މިކަން ޘާބިތުވާކަށްވެސް ނެތެވެ. وَاللَّهُ أَعْلَمُ.

____________________________________

[1] ސޫރަތުއްނަޖްމި (38) 

[2] ރިވާކުރެއްވީ އިމާމު އަޙްމަދެވެ. އަދި ހަ އިމާމުންގެ ތެރެއިން އިމާމު ބުޚާރީ ފިޔައި އަނެއް ފަސް އިމާމުންނެވެ. އިމާމު ނަސާއީ ރިވާކުރަށްވާފައިވާ ރިވާޔަތުގައި އެއީ ފަރުޟު ފަސް ނަމާދުގެ އިސްފަހުގައި ކުރެވޭ ރަވާތިބު ސުއްނަތްކަމާއި އެރަކްޢަތްތަކަކީ ކޮބައިކަން ސާފުކޮށް ބަޔާންވެގެން ވެއެވެ.

[3] ރިވާކުރެއްވީ އިމާމު މުސްލިމެވެ.

[4] ރިވާކުރެއްވީ އިމާމު މުސްލިމެވެ.

[5] ރިވާކުރެއްވީ އިމާމު މުސްލިމެވެ.

[6] ރިވާކުރެއްވީ އިމާމު އަޙްމަދާއި ތިރުމިޛީއާއި އަބޫދާއޫދާއި އިބްނު މާޖާއެވެ. ތިރުމިޛީ ވިދާޅުވަނީ މިއީ ޞައްޙަ ޙަސަން ޙަދީޘެއް ކަމަށެވެ.

[7] ރިވާކުރެއްވީ އިމާމު އަޙްމަދާއި ހަ އިމާމުންގެ ތެރެއިން މުސްލިމު ފިޔަވައި އަނެއް ފަސް އިމާމުންނެވެ.

[8] ރިވާކުރެއްވީ އިމާމު އަޙްމަދާއި ތިރްމިޛީއާއި އިބްނު މާޖާއާއި ޙާކިމެވެ.

[9] ރިވާކުރެއްވީ އިމާމު އަޙްމަދާއި ތިރްމިޛީއެވެ.

[10] ރިވާކުރެއްވީ އިމާމު އަޙްމަދާއި ހަ އިމާމުންނެވެ. މިއީ ތިރުމިޛީގައި ބަޔާންވެގެންވާ ލަފްޒެވެ.

[11] ރިވާކުރެއްވީ އިމާމު އަޙްމަދެވެ. އަދި މުސްލިމާއި ތިރުމިޛީއާއި އަބޫދާއޫދާއި އިބްނުމާޖާއެވެ.

[12] ރިވާކުރެއްވީ އިމާމު މާލިކާއި ޝާފިޢީއާއި އަޙްމަދާއި ހަ އިމާމުންނެވެ. މިތާގައި މިވަނީ އިމާމު ބުޚާރީ ގެންނެވި ރިވާޔަތުގައި އޮތް ގޮތަށެވެ.

[13] މިވާހަކަ މިއަށް ވުރެން ތަފްޞީލުކޮށް ބުޚާރީގެ ޝަރަޙަ “ފަތުޙުލްބާރީ”ގެ “بَاب اَلصَّلاَة بَعْدَ اَلْجُمُعَة وَقَبْلهَا” މިބާބުގައި އިބްނު ޙަޖަރު ބަޔާންކުރަށްވާފައި ވެއެވެ.

[14] މިރިވާޔަތް އިމާމު ޝާފިޢީއާއި އަޙްމަދާއި އަދި ބުޚާރީއާއި މުސްލިމުގެ އިތުރުން އަނެއް ހަތަރު އިމާމުންވެސް ރިވާ ކުރަށްވާފައި ވެއެވެ. މިއީ ބުޚާރީގެ ރިވާޔަތެވެ. އަދި ބުޚާރީ ދެގޮތަކަށް މިރިވާޔަތް ގެންނަވާފައި ވެއެވެ. އިމާމު މުސްލިމުވެސް ދެމަގަކުން ގެންނަވާފައި ވެއެވެ. 

[15] މިވާހަކަ މިއަށް ވުރެން ތަފްޞީލުކޮށް ބުޚާރީގެ ޝަރަޙަ “ފަތުޙުލްބާރީ”ގެ “بَاب اَلصَّلاَة بَعْدَ اَلْجُمُعَة وَقَبْلهَا” މިބާބުގައި އިބްނު ޙަޖަރު ބަޔާންކުރަށްވާފައި ވެއެވެ.

[16] މިގޮތަށް ކީރިތި ރަސޫލާއާއި އަޞްޙާބު ބޭކަލުން ކަންތައް ކުރަށްވާފައިވާކަން ސާބުތުވާ ވަރަށް ގިނަ ދަލީލުތައް ޞައްޙަމަގުން ސާބުތުވެފައި ވެއެވެ. މީގެ ބައެއް ދަލީލުތައް މިފޮތުގައިވެސް ބަޔާންވެ ހިނގައްޖެއެވެ. 

[17] ސޫރަތުލްޖުމުޢާ (10)  

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment