ދުވަސްވަރަކީ އަޅުގަނޑުގެ އެންމެ ޒުވާން ދުވަސްވަރެވެ. އަޅުގަނޑުގެ ނަސީބު ރަނގަޅު ކަމުން އެދުވަސްވަރު އަޅުގަނޑަށް އުޅެން ދިމާވެފައިވަނީ ސްރީލަންކާގައެވެ. އޭރުގެ ނަމުން ނަމަ ސިލޯނުގައެވެ. އެދުވަސްވަރު އެތާނގައި ތިބި ރާއްޖޭގެ ދިވެހި ކުދިން ކޮޅަކަށް ދިވެހި ކިޔަވާދިނުމަށްޓަކައެވެ. އެކުދިން ކިޔަވަން ޖެހޭ ދެވަނަ ބަހެއްގެ ގޮތުގަ އެވެ. އަޅުގަނޑަށް ކިޔަވާ ދޭން ޖެހިފައިވަނީ، ކޭރީ ކޮލެޖުގައި ތިބި ދިވެހި ދަރިވަރުންނަށާއި ވެސްލީ ކޮލެޖުގައި ތިބި ދިވެހި ދަރިވަރުންނަށެވެ. އެދުވަސްވަރު ސިލޯނު މީހުންނަށް އަންނަ ޚާއްސަ މުނާސަބަތުތަކުގައި އޭރު…

ދުވަސްވަރަކީ އަޅުގަނޑުގެ އެންމެ ޒުވާން ދުވަސްވަރެވެ. އަޅުގަނޑުގެ ނަސީބު ރަނގަޅު ކަމުން އެދުވަސްވަރު އަޅުގަނޑަށް އުޅެން ދިމާވެފައިވަނީ ސްރީލަންކާގައެވެ. އޭރުގެ ނަމުން ނަމަ ސިލޯނުގައެވެ. އެދުވަސްވަރު އެތާނގައި ތިބި ރާއްޖޭގެ ދިވެހި ކުދިން ކޮޅަކަށް ދިވެހި ކިޔަވާދިނުމަށްޓަކައެވެ.

އެކުދިން ކިޔަވަން ޖެހޭ ދެވަނަ ބަހެއްގެ ގޮތުގަ އެވެ. އަޅުގަނޑަށް ކިޔަވާ ދޭން ޖެހިފައިވަނީ، ކޭރީ ކޮލެޖުގައި ތިބި ދިވެހި ދަރިވަރުންނަށާއި ވެސްލީ ކޮލެޖުގައި ތިބި ދިވެހި ދަރިވަރުންނަށެވެ.

އެދުވަސްވަރު ސިލޯނު މީހުންނަށް އަންނަ ޚާއްސަ މުނާސަބަތުތަކުގައި އޭރު އެތާނގައި ތިބި ދިވެހިން ވެސް ބައިވެރިވަމުން ދެ އެވެ. މިގޮތުން އައި އެންމެ ޚާއްސަ އެއް ދުވަހަކަށް ވީ ހިންދި ފިލްމެއް ކަމުގައިވާ ކޯހެނޫރު އިސްތިހާރުކުރަން ދިލިޕް ކުމާރު ސިލޯނަށް އައި ދުވަހެވެ.

ހިންދީ ފިލްމް ސްޓާރަކު ހަމަ ލޮލުން ދެކިލުމަށްޓަކައި އެދުވަހު އުޅެވުނު ގޮތް ހަނދާންވީމާ ހިތަށްއަރަ އެވެ. މީހަކު އެއްވެސް ރޮނގަކުން މަޝްހޫރު ވެއްޖިއްޔާ އޭނާއަށް މީހުން ޤަދަރުކުރާ ވަރެއް ދޯ އެވެ! އޭނާއަށް އަނގައިން ނުބުނެވުނު ނަމަވެސް ބައްދަލެއް ނުވެވުނަސް ހަމައެކަނި ދެކިލަން ވެސް މީހުން ބޭނުންވާ ވަރެއް ދޯ އެވެ!

ދިލިޕް ކުމާރު ސިލޯނަށް އަންނަ ބޯޓު އެއާޕޯޓަށް ތިރިކޮށްލިއިރު އެހިސާބުގައި މީހުންގަނޑު ރަކަރަކަ ޖަހަނީ އެވެ. ފުލުހުން އެމީހުން ހަމަޖައްސަން ކެނޑިނޭޅި މަސައްކަތް ކުރަމުން ގެންދިޔަ އެވެ. އޭނާ ބޯޓުން ފައިބައިގެން ރަށުތެރެއަށް ދިޔުމަށްޓަކައި މާފަތި އަޅުވައި ޒީނަތްތެރި ކުރެވިފައިވާ ކާރު ވަށާލާފައިވާ މީހުންގަނޑު އަޑު ގަދަކުރަމުން ގެންދެ އެވެ. އޭނާއަށް ތަރުހީބު ދިނުމަށްޓަކަ އެވެ. އަންހެން ކުދިންތައް ވެސް އޮޓޯގްރާފް ފޮތްތައް ހިފައިގެން ދުވަނީ އެވެ.

މިއަދު އޭނާ ނުވަދިހައިގެ އަހަރުތައް ގުނަމުން ގެންދިޔަ ނަމަވެސް އޭރު އެއީ ތިރީހަކަށް އަހަރުގެ ޒުވާނެކެވެ. އޭނާ ފައިބައިގެން އައިސް އަރަންވީ ކާރު މިތާނގައި އޮއްވާ އެހެން ދޮރަކުން އެތެރެއަށް ވަދެ އެހެން ކާރެއްގައި އޭނާ ހިނގައްޖެ އެވެ.

ދެން އަވަސްވީ ރޭގެ ޓިކެޓް ނެގުމަށެވެ. އަޅުގަނޑު އުޅުނީ ބޮރެއްލާގައި ކަމުން އަޅުގަނޑު ދިޔައީ އެހިސާބުގެ ތިއޭޓަރަކަށެވެ. އޭނާ ވަރަށް ގިނަ ތިއޭޓަރުތަކަށް އެރޭ ޒިޔާރަތް ކުރާނެކަން އެނގެއެވެ. އެއީ ހައްތާވެސް ކޯހެނޫރު ދައްކާ ތަންތަނެވެ.

ކޮންމެއަކަސް އަޅުގަނޑުމެން ތިއޭޓަރުގައި އެ ފިލްމް ބަލަން ތިއްބާ ކުއްލިއަކަށް އަލި ކޮށްލާފައި ސްކްރީނުން އިއުލާނެއް ދައްކާލައިފި އެވެ. “ދިލިޕް ކުމާރު މި ތިއޭޓަރަށް ޒިޔާރަތްކޮށްފި” މި އިބާރާތެވެ. އެންމެން ބަލަބަލާ ތިއްބާ އޭނާ ވަދެގެން އެހެރަ އަންނަނީ އެވެ. އޭނާގެ ހަށިފާރަވެރިންނަށް އޮބި އޮންނަމުން ނޯންނަމުން ކަހަލަ ގޮތަކަށް އައިސް އިސްޓޭޖަށް ހުއްޓި ސިލޯނުން އޭނާއަށް ލިބުނު ތަރުހީބަށް ޝުކުރު އަދާކުރި އެވެ. އޭނާ ބުނެލި އެވެ. މިވަރުގެ ކުރައުޑްއަކާ އަދި ބައްދަލެއް ނުވެ އެވެ. އެހެން ވާނެކަން ވެސް އެނގެއެވެ. އެއަށް ފަހު ދެތިން އެއްޗެއް ބުނެލާފައި ކުއްލިއަކަށް ބުންޏެވެ. މިތާނގައި މާ ގިނައިރު މިހެން ހުރެވޭކަށް ނެތެވެ. ކައިލާޝްނަގަރުގެ ބޮޑުވަޒީރު މަގޭ އަންހެނުން ގެންދަން އެއޮއް އަންނަނީ އެވެ. އަހަންނަށް އަންހެނުން ސަލާމަތްކުރަން އެބަ ޖެހެ އެވެ.

ދެން މުޅި ތިއޭޓަރު އަނދިރި ވެއްޖެ އެވެ. އަލިވިއިރު ސްކްރީނުން ފެންނަނީ ދިލިޕް ކުމާރު ވަރަށް ބާރަށް އަހުގައި ކައިލާޝްނަގަރުގެ ބޮޑުވަޒީރު ފަހަތުން ދުއްވާފައި ދަނިކޮށެވެ.

މަޝްހޫރު މީހުންގެ ނުފޫޒު ގަދަކަން މި ހާދިސާ ގުޅިގެން ހިތަށް ވަނީމާ ހިތަށްއެރި އެވެ. ކޮންމެ މީހަކަށް ވެސް އެމީހެއްގެ ރޮނގުން މިހިސާބަށް ދެވުނީމާ “މުޅި ދުނިޔެ” މިއޮންނަނީ އޭނާގެ ފަހަތުގައި ދޯ އެވެ!

                              -ނިމުނީ-

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment