000 މިބައި ނަގާފައިވަނީ “ފަތްތޫރަ” މަޖައްލާގެ 155 (ފެބުރުވަރީ 1992) ވަނަ ޢަދަދާއި  156(މާރިޗު 1992) ވަނަ ޢަދަދުންނެވެ. (4 ނޮވެންބަރު 2016 ގައި ޝާއިޢު ކުރެވުނު ބަޔާ ގުޅޭ) ޒަމާން ބަދަލުވަމުންދާ ދިޔުމުގައި ރާއްޖޭގައިވެސް މިހާރު ވަނީ އުނދޯލީގައި ތިބެ ނާނާއާއި ބަންޖާއި އުނދޯލި މަތީ ރައިވަރު ކިޔައިގެން ކުދީން ނިންދެވުމުގެ އާދަ އަޅުގަނޑުމެންނާ އަލްވަދާޢު ކިޔާފައޭ ދެންނެވިދާނެއެވެ. ނަމަވެސް އިހު ޒަމާނުގައި ރާއްޖޭގެ އަންހެނުން ކުދީން ނިންދަވައި އުޅުނީ އުނދޯލީގައި ތިބެ ބަންޖާއި އެކިއެކި ނާނާއާއި…
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

 މިބައި ނަގާފައިވަނީ “ފަތްތޫރަ” މަޖައްލާގެ 155 (ފެބުރުވަރީ 1992) ވަނަ ޢަދަދާއި  156(މާރިޗު 1992) ވަނަ ޢަދަދުންނެވެ.

(4 ނޮވެންބަރު 2016 ގައި ޝާއިޢު ކުރެވުނު ބަޔާ ގުޅޭ)

ޒަމާން ބަދަލުވަމުންދާ ދިޔުމުގައި ރާއްޖޭގައިވެސް މިހާރު ވަނީ އުނދޯލީގައި ތިބެ ނާނާއާއި ބަންޖާއި އުނދޯލި މަތީ ރައިވަރު ކިޔައިގެން ކުދީން ނިންދެވުމުގެ އާދަ އަޅުގަނޑުމެންނާ އަލްވަދާޢު ކިޔާފައޭ ދެންނެވިދާނެއެވެ. ނަމަވެސް އިހު ޒަމާނުގައި ރާއްޖޭގެ އަންހެނުން ކުދީން ނިންދަވައި އުޅުނީ އުނދޯލީގައި ތިބެ ބަންޖާއި އެކިއެކި ނާނާއާއި އުނދޯލިމަތީ ރައިވަރު ކިޔައިގެންނެވެ. އަޅުގަނޑުމެންގެ އަޚުންކަމުގައިވާ މަލިކުމީހުންގެ ތެރޭގައިވެސް އިހުގައި އެކަން އޮތީ ހަމަ އެގޮތަށެވެ. ރާއްޖެއާ އެއްވެސް ތަފާތެއް ނެތެވެ. އެދުވަސްވަރު މަލިކުމީހުން ދަރީން ނިންދެވުމަށް ކިޔައިއުޅުނު ބަނދިތަކަށް ވިސްނާލިޔަސް މަލިކަކީ ދިވެހިރާއްޖެއާ ވަކިނުކުރެވޭނެ ރާއްޖޭގެ ބައެއްކަމާއި، މަލިކު މީހުންނަކީ ދިވެހީންކަން އޮޅުމެއްނެތި ސާބިތުވެއެވެ. އާދެ، މިދެބައިމީހުންނަކީ އެއް އިޙްސާސްތަކަކާއި، އެއް ޝުޢޫރުތަކެއް އެއްގޮތަކަށް ޙިއްޞާކުރި ބައެއްކަން އޮޅުމެއްނެތި ބަޔާންވެއެވެ. އެޝުޢޫރުތައް ފާޅުކޮށް އުޅުނީ އެއްބަސްތަކަކުންކަން އެނގި ހާމަވެއެވެ. އެނގިވަޑައިގަންނަވާނެ ފަދައިން ބަންޖަކީ ދިވެހި ޅެމުގެ އެންމެ މުސްކުޅި ބާވަތެވެ.

އިންސާނީ އެއްބައެއްވަންތަކަން ސާބިތުކުރުމަށްޓަކައި ޅެމުގެ މުސްކުޅި ލިޓްރޭޗަރުގެ އަހަންމިއްޔަތަކީ އިންސާނީ އިލްމުތަކާ ބެހޭ ގޮތުން ޚިޔާލު ކުރައްވާ އެއްވެސް ބޭފުޅަކަށް ވަންހަނާވެފައިވާނޭ ކަމެއް ނޫނެވެ. އެހެންކަމުން އަޅުގަނޑު މަލިކުމީހުންގެ އާދަކާދަޔާ ބެހޭ ގޮތުން ލިޔަމުން މިގެންދާ ސިލްސިލާގައި ދެން އަލިއަޅުވައިލަން ގަސްދުކުރަނީ މަލިކުމީހުން ދަރިން ނިންދެވުމަށް އުނދޯލީގައި ކިޔައި އުޅުނު ބައެއް ބަނދިތަކުގެ މައްޗަށެވެ.


  1. ދާންދާން ދާންވެގެން

ހައްދުންމަތި ދާން ވެގެން

ތިލަދުންމަތި ދާން ވެގެން

ތާންތާން ތާރަވެރިން

ހެއްމަ ހެއްމަ ރާޅުވެރިން

މޫދުގައި ހުރި ދެރާވެރިން

ކައިފޫވޯ ބޮއިފޫވޯ

އުނދުޅި ބިތުގަ ލައިފޫވޯ

ނާށި ގޮނަށް ލައިފޫވޯ

ތައް ކުޅަނދުރު ބޯ މައްތިން

އުމަރު ބަނޑު ކޮޓޮސްވެ ލަގާ

ބަނޑުއޮޑި އާނަން ނަދުރަކު ބުންޏޭ

+   +   +


  1. ދާން ދާން ދާން ވެގެން

ހައްދުއްމަތި ދާން ވެގެން

ތިލަދުންމަތި ދާން ވެގެން

އުނގު ބަންނަން ފިޔޮހި ނެތޯ

އެފިޔޮހިގަނޑު ލާން ގޮތަކު

އައިއްޔާއީ ނައިއްޔާއީ

މަދޭނަމޭ އަހުގައްޔޭ ބަހުގައްޔޭ

އެދުރުއީސަ ބަހުގައްޔޭ

ކައިފާނޭ ބޮއިފާނޭ

ކޮންރަށަކަށް ދާން ބެންދި ނަވެއްތޯ

ކޮން އެއްޗެއް އަރުވަމުތޯ

ހީމަބީމަ އަރުވައިގެން ހުރެ ދަނިކޮށް

ފާތުމާބީ ނަގުލަންދާށި ތިރި ވަޑިޔާ

އޭ ދެނެގެން ބޭ ދެނެގެން

ދިޔާ ހަކުރު ބާގަ ދިނޯ

ކަރުހަކުރު ދޮޅިއްސަ ދިނޯ

ވަޅޯމަހުން ގަނޑެއް ދިނޯ

ބަލައިލިތާ އިރެއް ނެތޯ

އިރު ހުއްޓޭ ބިރު ހުއްޓޭ

ދާދި ކޮކާ އަވިކޮޅެކޯ

ފުޅައްމަތިން ތިއްކަރެކޯ

ގަނޑުވަރުދޮށު ނޮޔަށް ދަމާލީމާ

ދޭތި ދެތާ ވަޅުލައިފައި

ހިނެވިންފައި ބިނެވިން ފައި

ދަށުން ހިނގައި ބާސްކިރައި ބޮނޑިބަންދައި

އަވަދިވެގެން ބަވަދި ވެގެން

ދިރުނބާކޮޅު ހޭވަތު ގައި

އަތްލާނޭ ވަތެއްނެތޯ ފައިލާނޭ ވަތެއް ނެތޯ

ކުންޏަށް ދިޔަ އަންހެނުންނޯ

މުޅަ ކަށިކެޔޮ ބިނދެ ބިނދެގެން

އަރާއިރަށް ދެތަށިއަރައި ދުނިޔެ ބަލައި

ކާފަރުތަކުނޭ ރިޔައު ކަފުނޭ

ކޮންމެ ފަތިހަކު ކޮންމެ ހެނދުނަކު

ބުޅިތުންބަގެ ގޯއްޗަށް

ރަވަރަވާ ބާނަން ދާންޑަ އަޅޭ

އިރުވަރަކައި ބިރުވަރަކައި

ހަންދަލަކުން ބޯނާ ޑޯޑު

ޑުންގެ މަގުން އޮށި ބިނދެގެން

ކޮށާރުތެރެ ވަދެ މިއޮތީ

ކާކުހޭ؟ ބަފާ މަޔޭ

+   +   +


  1. ކޯޑިކޮޅު ކަށިގަނޑެއްގަ

ކީރީދައިތަ މަސްބައިބައި

މަލާފަތެއް ބޮލު އަރުވައި

ފެން ކޫޒެއް އަތުލައި ގެން

ތިމަން ކަލެއް ފޭބި ފަހުން

ކާން އިއްތި ދޮންކަމަނާ

ކައިފޫވޯ ބޮއިފޫވޯ

ނާށި ގޮނަށް ލައިފޫ ވޯ

އުނދުޅި ބިތުގަ ލައިފޫ ވޯ

ދުވަމުންގޮސް ވެރެމުން ގޮސް

ދިވެހިއަރާ ރާއްޖޭގެ ނިޔަމިފޮތްކޮޅެއް ގަނެގެން

ކޯފި ކޯފި ޖެހޭތީ ވެ

ނާ ފިތިއްޖެ ދެލޯ ޔޯ

އެރުވި މިރުސް ވަށަފަރޯ

ޙަސަންރަސްގެ އަލި ދެލޮލަށް ދެއްވި

ރަންމަޑިތިލަ އެއްތެއުގަނޑު

ޖަހަނި ނަގަނި ހިފައި ތަންމަތި ބޮނޑި

ބޯލަ މަސްކަނޑާ ކަތިވަޅި

ނިތުން ތެއު ފެލާ ކަތިވަޅި

ތުއްކޮ މަރަން ތުއްކަތުވަޅި

+   +   +


  1. އޭ ސިލުނބޭ މީސިލުނބޭ

ރުކަށް އަރަން ގަތް ސިލުނބޭ

ދުރުނބާޔަށް ލޯ ސިލުނބޭ

ކޮޅުފަހަށް ދަގަނޑު ސިލުނބޭ

ރަންމެ ރަންމެ ރަން އެދެއްގަ

ރަން ކަންނެޔޮ ލައިފައްޔޯ

ރަން އުރައިން ފަހައިފައްޔޯ

ގުޑިޔާބާ ނިންދައްޔޯ

ފިރިހެންކޮޅު ދޮއްވައްޔޯ

ރިޔައު ފެހީ ހަދުވަހު ނޯ

ކުނބު ނެގީ ބާރައިން ނޯ

އަތުން ދަނޑި ކޮތާކު ތަ ކޯ

ހޫނު ކަހަފަތި ކަޅުކަހަފަތި

އެބިން ދަމާ ރުއްމަގު ނޯ

މިބިން ދަމާ ރުއްމަގު ނޯ

ތަކުރު ގޯއްޗަށް އެއްރިނދަފޫ

ނުނިދިއްޔަކާ ބަންޑާރައެއް ނުދޭނެޔޯ

+   +   +


  1. އަތިރިމަތީ ކުދިރުއް ތެރެ

އެތް ހިނދި ހިނދި ރާ ހިނދިހިނދި

އެންމެ ގެނައި ރާބައްޖެއް

ދެދަރި ތެދުވެ ބޮއިލައްޕޯ

އެގަތް ލަދުން މިގަތް ލަދުން ދުވެފައި ގޮސް

ތޭވަރާތު  މަގު ގެޔަށޯ

ނާކަ ކެޔަސް ހޭ ނާރައި

ބުޅާ ކެޔަސް ހޭނާރައި

މަސްއޮޑިޔަކު ތިން ޅަ ކުދިން

ދޯނި ގެނެސް އަވަށަށް ލައި

ރާވެރިޔަކު ފިންދަނޑި ކޮޅު

މައުގަނޑުކޮޅު ބަދީގެ ކޮޅު

އުނގުޅިގަތީ ކޮން ނަޖިހެއްހޭ

ފާނާދާ އޮރި މަހެއްތަ

ބޯދަށަށް ލިބުނު ފައްޗެއް

ބުނެފައި ދިޔަ ނަސޭހަތެއް

ޔަން ބަނދެފޫ ދެރިޔަނުގާ

ވިއްކަތޭ އުޔަށް ކަފަޔަށް

ދަރިނުހުރެ މަޔަށް ބަފަޔަށް

އޮތް އޮޅު އޮތް ނަގޫ ދަމައި

ނަގުލުން ވޭ ބޯ މަތުރައި

ހޭނަކަތްވެރިން މެދުގައި

އެކަމެއް ނޯ މިކަމެއް ނޯ

ބިބީ ގޮސް ހުރެ ބަލާނދޭ

އޭނާ އެރުވި ތަނަށް މާ

ރިޔަން ކަންދޭން އާއިމާ…

+   +   +


  1. ދޫނިފުޅޭ ދޫނިފުޅޭ

ދޫނިފުޅުގެ ތިން މައިނޭ

ރޭގަނޑަށް ނައުދަށު ނިދައި ކައި

ދުވާލަށް ފަރުހިލައި ކައި

އިރަކު ހަނާޅި ގޮދަން ކައި

އަދި އޭތި މަދުކަމަށް ލައި

ބޭރުން އުކުނޑިބުކުނޑި ހޮވައި ކައި

ވެލިކުލައިގެ ދައްކާން މާ

ދޫނިފުޅު ބާނި ނަށަމާ

+   +   +


  1. އާނާނޭ އާނާނޭ މިދަރި ބައްޕަ އާނާނޭ

އައިސްފައި ގޮވާ ލާނޭ

ދަރިފު އުރައި ގަންނާނޭ

ދެއަތަށް ދެ ލުނބޯ ދޭނޭ

ލުނބޯ މަދުވެ ނުހިފާނޭ

ލުނބޯގަސް ދޮށަށް ދާނޭ

ދޮންވެ ލުނބޯ އަޅުވާނޭ

ރޯވެ ލުނބޯ އުފުރާނޭ

އުފުރުމަކުން ސަނދު ބަލަޔޯ

އެ ކޮއްޓަށް ނުވަންނަން ކޯ

މި ކޮއްޓަށް ނުވަންނަން ކޯ

ކޮޅު ކޮއްޓަށް ވަންނަން ކޯ

އިނގިލި ކަނޑައި ބަންނަން ކޯ

ކެލާ ފެނުން ދޮންނަން ކޯ

ނައުދޮށު އޮތް ލޮންޗި ވަކެއް

އަރައި ކުނބުކުރީ އޮވެގެން

އަރަބިކަރާ ހީވެ ރޮނީޔޯ

+   +   +


  1. މިދަރި ބައްޕަ އާނާނޭ

އާނަ އިރުން ގެންނާނޭ

ދޮންކުސަބަރި ގެންނާނޭ

ގެނެސްފައި ގޮވާލާނޭ

ދަރިފުޅޯ ގޮވައިލާނޭ

ދަރިފުޅު އުރައިގަންނާނޭ

ދެއަތަށް ދެލުނބޯ ދޭން

ލުނބޯ މަދުވެ ނުހިފާނޭ

ލުނބޯގަސް ދޮށަށް ދާނޭ

ދޮންވެ ލުނބޯ އަޅުވާނޭ

ރޯވެ ލުނބޯ އުފުރާނޭ

އުފުރުމަކުން ސަނދުބަލަޔޯ

ވަޅުދޮރު އޮތް ގައު މައްޗަށް

ފުންމައިގެންގޮސް އެރި ދަރިފޫ

މިހިރީ އަފާ ހެޔޮ ދަރިފޫ

+   +   +


  1. ބޯއް ބޯއް ބޮއްތަލާ

ދެފަނިކާ ފެން ބޮކާ

އޮޑިވަތު ދިޔަ ހިއްކައިގެން

ބޯލަ ގެނައި މަސްފޮއްޗެއް

ބޯލަޔަށް ނުދީ ކައިގެން

ބޯލަ ހޯދަން އަރައިއަރައި ބަން

+   +   +

މީގެ ތެރެއިން ބައެއް ބަނދިތަކަކީ މަލިކުގެ އިތުރަށް ރާއްޖޭގެ އެހެނިހެން އަތޮޅުތަކުގައި ވެސް ބޭނުންކުރާ ބަނދިތަކެވެ. މިސާލެއްގެ ގޮތުން ދަންނަވާނަމަ “ބޯއްބޯއް ބޮއްތަލާ” ފަދަ ބަނދިތަކަކީ ދިވެހީންގެ އެންމެންހެން ދަންނަ ބަނދިތަކެވެ. ދެން ހުރީ މަލިކުގެ ޝާޢިރުންގެ އުފެއްދުންތަކެވެ. މިދެބައިމެ ފެތިފައިހުރީ އެއް ހަމަތަކަކަށެވެ. އެއްވެސް ތަފާތެއް ނެތެވެ.

ދިވެހީންގެ އަމިއްލަ ކުޅިވަރުތަކަކީ މަލިކުމީހުންގެވެސް އަމިއްލަ ކުޅިވަރުތަކެވެ. ރާއްޖޭގެ ބައެއް އަތޮޅުތަކުގައިވެސް އެއަތޮޅުތަކަށް ޚާއްޞަ ކުޅިވަރުތައް ހުންނަ ފަދައިން މަލިކު މީހުންގެވެސް އަމިއްލަ ކުޅިވަރުތަކެއްވެސް ހުރެއެވެ. ބައެއް ކުޅިވަރުތަކުގެ ހަމައެކަނި ނަން ހިސާބަކަށް ރާއްޖެއާ ތަފާތުވެފައިވެސް އެބަހުއްޓެވެ. މިސާލަކަށް އަޅުގަނޑުމެން މިކިޔާ “ގަނޑުފިއްލާ” އަށް މަލިކުމީހުން ކިޔައި އުޅެނީ “ހެލިލަބެއަ” ނުވަތަ “ބަތްގަނޑެއްތާ” އެވެ. ކުޑަކުދީންކުޅޭ ކުޅިވަރުތަކުގެ ތެރެއިން “ބަތްކައްކަކައްކާ” ފަދަ ބައެއް ކުޅިވަރާއި، ބޮޑެތިމީހުންގެ ކުޅިވަރުތަކުގެތެރެއިން ތާރަޖެހުން، ބެރުޖެހުން، ދޯނިޖެހުން ފަދަ ކުޅިވަރުތަކުގެ ނަމުގައިވެސް ތަފާތެއް ނެތެވެ.

ތިރީގައި މިވަނީ މަލިކުގައި ކުޅޭ ކުޅިވަރުތަކުގެ ނަންތަކެވެ.


  1. ފުނައޮށް ކުޅުން (އަންހެންކުދީންގެ ކުޅިވަރެއް)
  2. ކުރިކިއްލާ (އަންހެންކުދީންގެ ކުޅިވަރެއް)
  3. އޮއްޓުކުޅުން (ފިރިހެންކުދީންގެ ކުޅިވަރެއް)
  4. މައްތަގޮނޑި ކުޅުން (އަންހެންކުދީންގެ ކުޅިވަރެއް)
  5. އޮށްކޮޅައިލައި (ދެޖިންސުގެ ކުދިންވެސް ކުޅޭ ކުޅިވަރެއް)
  6. އުޑިންބުޑިން (ތުއްތުކުދީންގެ ކުޅިވަރެއް)
  7. ތަށިބަރި (ދެ ޖިންސުގެ ކުދިންވެސް ކުޅޭ ކުޅިވަރެއް)
  8. ފަންގަނޑު/މާރުގަނޑަށް ބާރުޖައްސައިލަ (ފިރިހެންކުދީންގެ ކުޅިވަރެއް)
  9. ފޯލި (ފިރިހެންކުދީންގެ ކުޅިވަރެއް)
  10. ހިއްލާބޮނޑި (ފިރިހެންކުދީންގެ ކުޅިވަރެއް)
  • ނޮޅި (އަންހެންކުދީންނާއި ފިރިހެންކުދީންގެ ކުޅިވަރެއް)
  1. މައިނޮޅި (އަންހެންކުދީންނާއި ފިރިހެންކުދީންގެ ކުޅިވަރެއް)
  2. ކޮއްޓުކޮއްޓު (އަންހެންކުދީންގެ ކުޅިވަރެއް)
  3. ތަރުކިދަމާ ނާނަކަޓާ (ފިރިހެންކުދީންގެ ކުޅިވަރެއް)
  4. ހޯދަން ބަޔޯ/ތުބީސް (އަންހެންކުދީންނާއި ފިރިހެންކުދީންގެ ކުޅިވަރެއް)
  5. ބަތްގަނޑެއްތާ (އަންހެންކުދީންނާއި ފިރިހެންކުދީންގެ ކުޅިވަރެއް)
  6. އެއްލަންގަނޑަ (އަންހެންކުދީންނާއި ފިރިހެންކުދީންގެ ކުޅިވަރެއް)
  7. ނާކައަރުވަން (ކުޑަ އަންހެންކުދީންނާއި ކުޑަފިރިހެންކުދީންގެ ކުޅިވަރެއް)
  8. ކޮޅަށްހުރި މީހެއް ވަރަވަރައި (ފިރިހެންކުދީންގެ ކުޅިވަރެއް)
  9. ވެލާ (ފިރިހެންކުދީންގެ ކުޅިވަރެއް)
  10. ހާބުކުޅުން (ފިރިހެންކުދީންގެ ކުޅިވަރެއް)
  11. ހެލިލަބެއަ (އަންހެންކުދީންނާއި ފިރިހެންކުދީންގެ ކުޅިވަރެއް)
  12. އުޑިންބުޑިން (އަންހެންކުދީންނާއި ފިރިހެންކުދީންގެ ކުޅިވަރެއް)
  13. އެގޮނބުތަކުރު މިގޮނބަށްލާން (ފިރިހެންކުދީން ކުޅޭ ކުޅިވަރެއް)
  14. ދަނޑިކުޅުން (ފިރިހެނުންގެ ކުޅިވަރެއް)
  15. ތާރަޖެހުން (ފިރިހެނުންގެ ކުޅިވަރެއް)
  16. ބެރުޖެހުން (ފިރިހެނުންގެ ކުޅިވަރެއް)
  17. ދޯނިޖެހުން (ފިރިހެންކުދީންގެ ކުޅިވަރެއް)
  18. އޮޑިއޮޑި ކުޅުން (ފިރިހެންކުދީންގެ ކުޅިވަރެއް)
  19. ބަތްކައްކަކައްކާ (ކުޑަ އަންހެންކުދީންގެ ކުޅިވަރެއް)
  20. ބޮކާބޮކާ
  21. އެކޯމިކޯ އެކެދަލިކޯ (ތުއްތުކުދީން ހެއްވަން ކުޅޭ ކުޅިވަރެއް)

 އަޅުގަނޑުމެންނަށް މަލިކުގައި ހޭދަކުރެވުނު އެއްމަސްދުވަހުގެ މުއްދަތުގައި މިކުޅިވަރުތަކުގެ ތެރެއިން މާ ގިނަ ކުޅިވަރުތަކެއް ކުޅޭގޮތް ލިޔެލެވޭނެ ފުރުޞަތެއް ނުލިބުނެވެ.

ނަމަވެސް އަޅުގަނޑުމެންގެ އެކުވެރި އެފް.ޖީ. މުޙަންމަދުގެ ވާގިވެރިކަމާއެކު މީގެ ތެރެއިން ވަރަށް ގިނަ ކުޅިވަރުތައް ކުޅޭ ތަން ބެލުމުގެ ފުރުޞަތު ލިބުނެވެ. މަލިކާ ބެހޭ ގޮތުން ވީހާވެސް ގިނަ މަޢުލޫމާތު ހޯއްދެވުމުގެ ދަހިވެތިކަމުގައި ތިއްބެވި އަޚުންނާއި އުޚުތުންގެ އަރިހުން ވަރަށް ބޮޑަށް މާފުއެދެމެވެ. އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުމެންނަށް ލިބުނު ފުރުޞަތަށް ނިސްބަތްކުރާއިރު އަޅުގަނޑުމެން އެނބުރިއައީ ހުސްއަތަކާ ނޫނެވެ. މަލިކުގެ އަޚުންނާއި އުޚުތުންގެ މާދަރީ ބަހަށް އެހީތެރިކަމުގެ އަތެއް ދިއްކުރުމަށް ފަހުގައެވެ. ދިވެހި އަޚުންނާއި އުޚުތުންގެ އަރިހަށް މަލިކާ ބެހޭ ގޮތުން ކޮންމެވެސް ވަރެއްގެ މަޢުލޫމާތުގެ ހަދިޔާއެއް ހުށަހެޅުމުގެ އެކަށޭނަކަމައިގެންނެވެ.

އާދެ، ކޮންމެއަކަސް މިދެވެނީ މައުޟޫޢާ ތަންކޮޅެއް ފެއަށެވެ. އެހެންކަމުން މިސްރާބު ސީދާކޮށްލުމަށް އަވަސްވެގަންނަމެވެ. އާދެ، ތިރީގައި މިދަންނަވަނީ މަލިކުގެ ބައެއް ކުޅިވަރުތައް ކުޅޭ ގޮތެވެ.


  1. ފުނައޮށް ކުޅުން

މީ ހަރުވެފައި ހުންނަ ފުނައޮށް ރީތިކޮށް މަށައި އޭގައި ކުލަޖައްސައިގެން އެއިން ކުޅޭ ކުޅިވަރަކަށް ކިޔާ ނަމެކެވެ. މިކުޅިވަރު ކުޅެނީ އަޅުގަނޑުމެން ފަސްއޮށް ކުޅޭ ގޮތަށެވެ. ރާއްޖޭގައިވެސް ފުނައޮށުގެ ބޭނުންކޮށްގެން ފަސްއޮށް ކުޅެއުޅުނެވެ. މިހާރުވެސް އަރިއަތޮޅާއި ހައްދުންމަތީގެ ބައެއް ރަށްރަށުގައި ފުނަ އޮށުން ފަސްއޮށް ކުޅެއެވެ.


  1. ކުރިކިއްލާ: މިއީ ވެސް ފަސްއޮށް ކުޅުމެކެވެ. ކުރިކިއްލާ ކުޅޭއިރު ފަސްއޮށް ކުޅެނީ ހަމަ އަޅުގަނޑުމެންވެސް މިހާރު މިބޭނުން މިކުރާ ފަސްއޮށުންނެވެ. މަލިކު މީހުން ބުނާ ގޮތުގައި ކުރިކިއްލައަކީ ވަށްކޮށް ގްލާސްގައި ހައްދާފައި ހުންނަ އެއްޗެކެވެ. އެއީ މަލިކުގައި ހަދާ އެއްޗެއް ނޫނެވެ. ދަތުރުން ގެންނަ އެއްޗެކެވެ. މި ސިލްސިލާގައި ކުރީންވެސް ދެންނެވިފައިވާނޭ ފަދައިން މަލިކު މީހުން އިންޑިޔާއަށް ވެސް ކިޔަނީ ދަތުރެވެ. ދަތުރުން ގެންނަ އެއްޗެކޭ ބުނުމުން އޭގެ މާނަޔަކީ އިންޑިޔާއިން ގެންނަ އެއްޗެކެވެ. ދަތުރުކުއްޖެކޭ ބުނެފިނަމަ އެބުނީ އިންޑިޔާ ކުއްޖެކެވެ
  1. އޮއްޓުކުޅުން: މިއީ ރުކުފަތީގެ ފޫޓެއް ހުންނަވަރުގެ ހަތަރެތިކޮޅުން ކުޅޭ ކުޅިވަރެކެވެ. އަތިރިމަތީގައި ތެތްވެލިގަނޑުގައި ނުވަތަ ދޮންވެލިގަނޑު ކޮނެގެން ތެތްވެލި ނަގައިގެން ޕްލެޓްފޯމެއް ވައްތަރަށް އިންޗިއެއް ދެ އިންޗިއެއްގެ އުސްމިނުގައި ތަނެއް ހަދަނީއެވެ. އެތާނގައި ގޮޅިހަމަވާ ގޮތަށް ރޮނގުއެޅުމުން ކުޅޭތަން ތައްޔާރުވީއެވެ. ދެންކުރާ ކަމަކީ ފަންވަތުން ކުޅިހެދުމެވެ. މިކުޅި ތައްޔާރުކުރަނީ ފަސޭހައިން ވެލިގަނޑަށް ހަރާލެވޭ ގޮތަށެވެ.

މިކުޅިވަރަކީ ދެމީހުން ނުވަތަ ހަތަރު މިހުން ވެގެން ކުޅޭ ކުޅިވަރެކެވެ. ދޮންވެލިން އުސްކޮށްހަދައި ގޮޅިގޮޅިޔަށް ބައިކޮށްފައި އޮންނަ ތަނުގެ އެމީހަކާ ވީ ފަރާތެއްގެ ފުރަތަމަ ގެވަޅަށް ކުޅި ހަރާލާފައި ދެން ހަދަންވާ ގޮތަކީ އެއްކަލަ ފަތިކޮޅުގައި އެއްއަތުން ހިފަހައްޓައިފައި އަނެއް އަތުން ޖަހައި ފަތިކޮޅުތައް ފުރޮޅޭ ގޮތަށް ދޮންވެލިގަނޑު މައްޗަށް ހަތަރެތިކޮޅު ވައްޓައިލަނީއެވެ. އޭގެ ތެރެއިން ފަތިކޮޅެއް އުއްޑުން ޖެހިއްޖެނަމަ އެމީހަކަށް ކުޅެން ފެށުނީއެވެ. އެއްފަތިކޮޅު އުއްޑުންޖެހެންދެން ކުޅިވަރުގެ ކޮންމެ ބައިވެރިޔަކުވެސް މަސައްކަތް ކުރިޔަށް ގެންދަންވާނެއެވެ.

އެމީހަކަށް ކުޅެން ފެށުމަށް ފަހު ދެން ފަތިކޮޅުތައް އުއްޑުން ޖެހޭގޮތަށް ވައްޓާލެވޭ ކޮންމެ ފަހަރަކަށް އެމީހަކަށް އުއްޑުން ޖެހުނު ކޮންމެ އެތިކޮޅެއްގެ އަދަދަށް އެމީހަކަށް ޕޮއިންޓް ލިބޭނެއެވެ. ކޮންމެ ޕޮއިންޓެއް ލިބުމުން އެއްކަލަ ވެލިގަނޑަށް ހަރައިލައިފައިހުރި ކުޅި ކޮންމެ ޕޮއިންޓަކަށް ގޮޅިޔަކަށް (ގެވަޅަކަށް) މައްޗަށް ޖައްސަމުން ގޮސް މެދުގައި އޮންނަ ގެ ވަޅަށް އެންމެ ފުރަތަމަ ކުޅިގެންދެވޭ މީހަކީ މޮޅުވާ މީހާއެވެ.


  1. މައްތަގޮނޑި: މިކުޅިވަރު ކުޅެނީ ރާއްޖޭގެ މީހުން އޮށްވަޅު ކުޅޭއިރު ބޭނުންކުރާ އޮށްވަޅުގޮނޑިއާ އެއްގޮތަށް އޮށްވަޅުގޮނޑީގެ ދެކޮޅުގައި ހުންނަ ބޮޑު ދެވަޅުނުލައި ހަދައިފައި ހުންނަ ގޮނޑިއެއްގައެވެ. މިގޮނޑީގައި އޮށްވަޅުގޮނޑީގައި ހުންނަ ގޮތަށް ވަޅު ހުރެއެވެ. ފަރާތެއްގައި ހުންނަނީ ހަތްވަޅެވެ. މުޅިއެކު ސާދަވަޅެވެ. މިކުޅިވަރު ކުޅެނީ ދެމީހުން ނުވަތަ ހަތަރު މީހުން ވެގެންނެވެ. ދެމީހުން ކުޅޭއިރު އެމީހަކާވީ ފަރާތެއްގެ ހަތްވަޅު އެމީހަކަށެވެ. ހަތަރުމީހުން ކުޅޭއިރު ތިބޭނީ ގޮނޑިއެއްގެ ދެފަރާތުގައި ދެމީހުން، ދެކޮޅުގައި ދެމީހުންނެވެ. ދެކޮޅުގައި ތިބޭ ދެމީހުންނަށް އެމީހަކާ އެންމެ ކައިރިޔަށް(އެމީހަކުވީ ކޮޅަށް ހުންނަ) ހަތަރު ވަޅެވެ. ދެފަރާތުގައި ތިބޭ ދެމީހުންނަށް ކޮންމެ މީހަކަށް ތިން ވަޅެވެ.

މިކުޅިވަރު ކުޅެނީ ބޮލިންނެވެ. ހުދުކުލައިގެ ރީތި ކުދިކުދި، ބޮލި ހޮވައިގެންނެވެ. ކޮންމެ ވަޅަކަށް ލަނީ ހަތަރު ބޮއްޔެވެ. ކުޅެން ފަށަނީ މައްތަގޮނޑީގެ ކޮންމެވެސް އެއްކޮޅަކުންނެވެ. އޮށްވަޅު ކުޅޭއިރު ހަދާގޮތަށް ފަށާވަޅުގައި އޮންނަ ހަތަރުބޮލި ނަގައިފައި ދެން ހުންނަ ވަޅުތަކަށް ވަޅަކަށް ބޮއްޔެއްލަމުން ގެންދަނީއެވެ. މިގޮތަށް ގެންދާއިރު ކުޅޭމީހާ މަކަރެއް ނުހަދާނަމަ އެމީހަކު ހިނދޭނީ އެމީހަކު ކުޅެން ފުރަތަމަ ފެށި ވަޅަށެވެ. މާލޭގައި މިކިޔާ ހިނދުމަށް އެމީހުން ކިޔަނީ ނިދިވުމެވެ. މިބަސް ރާއްޖޭގެ ބައެއް އަތޮޅުތަކުގައި އަދި އެހެން ގޮތަކަށްވެސް ބޭނުން ކުރެއެވެ. ޏ.ފުވައްމުލަކުގައި ކިޔަނީ އިނދުމެވެ.

ފުރަތަމަ ފެށި މީހާ ހިނދުމުން ދެން ޖެހިގެން އިންމީހާ ކުޅެން ފަށަނީއެވެ.


  1. އޮށްކޮޅައިލައި: މިއީވެސް އަތިރިމަތީގައި ދެމީހުންނަށް ނުވަތަ ހަތަރު މީހުން ކުޅޭ ކުޅިވަރެކެވެ. މިކުޅިވަރު ކުޅޭ ގޮތަކީ ކުޅޭ ހަތަރު މީހުންގެ މެދުގައި ދޮންވެލިފުންޏެއް ޖެހުމަށް ފަހު، ކުޅޭ މީހުންކުރެ އެކަކު ފަސްފުނީގައި ފަސްއޮށެއް ނުވަތަ ފުނައޮށެއް ވަޅުލަނީ އެވެ. މިއޮށް ވަޅުލަނީ އެހެން މީހުންނަށް ނޭނގޭ ގޮތަށެވެ. ވަޅުލައި ނިމުމުން އެމީހަކަށް އެއޮށް އޮންނާނެހެން ހީވާ ދިމާއެއްގައި “އަތްއަޅަނީ” އެވެ. އެމީހަކު އަތްއެޅި ދިމާއެއް ކޮންނައިރު އޮށް އޮވެއްޖެނަމަ އަނެއްކާ އެމީހަކު ކުޅެންވީއެވެ.
  1. އުޑިންބިން: މިއީވެސް އަތިރިމަތިގައި ކުޅޭ ކުޅިވަރެކެވެ. އުޑިންބުޑިން ކުޅެނީވެސް ދެމީހުން ނުވަތަ ހަތަރު މީހުންވެގެންނެވެ. ކުޅޭ މީހުންގެ އަތްތިލަ ބިންމަތީގައި ބަންޑުން ބާއްވައިފައި ކުޅެން ފަށާމީހާ އޭނާގެ އަތުގެ ޝަހާދަތް އިނގިލި ނޫން އެހެން އިނގިލިތައް ލައްޕާލައި ބިންމަތީގައި އަތްބާއްވައިގެން ތިބޭ ކުދިންގެ އިނގިލިތައް ޖައްސަމުން “އުޑިން ބުޑިން، ބޮށިވެ ލަކުޑަ ފަނަށް ނަގައިލައިފި ޗޯރަ ޗޮއް’ މިހެން ކިޔަމުންގޮސް “ޗޮއް” މިތަންކޮޅު ކިޔާއިރު އިނގިލި ޖެއްސޭ އަތް އުއްޑުން ޖަހަނީއެވެ. މިހެންގޮސް ދެއަތް އުއްޑުން ޖެހޭ މީހަކު ކުޅިވަރުން ވަކިވަނީއެވެ.
  1. ތަށިބަރި އެރުވުން: މިއީ ކުޅޭ މީހުން ދެބަޔަކަށް ބަހާލައިގެން ކުޅޭ ކުޅިވަރެކެވެ. މިއީ ހަތަރެސްކަނަށް (ކޮޑިކޮށް) ހަދައިފައި ހުންނަ ލަކުޑިކޮޅުތަކެއް ނުވަތަ ނާށިތަކެއް ބަރިޔަކަށް އަރުވައިގެން ކުޅޭ ކުޅިވަރެކެވެ. މިކުޅޭއިރު އެންމެ މަދުވެގެން ހަތަރު ނާށްޓަށްވުރެ ގިނަ ނާށި ނުވަތަ ލަކުޑިކޮޅުތައް ބޭނުންވެއެވެ. ދެން ބޭނުންވަނީ ބޯޅައެކެވެ.

މިކުޅިވަރު ކުޅޭ ގޮތަކީ ކުޅޭ މީހުންގެ އެއްބަޔަކު އެއްކަލަ ނާށިތައް ނުވަތަ ލަކުޑިކޮޅުތައް ބަރިޔަކަށް މަތިމައްޗަށް އަރުވަނީއެވެ. އޭގެ ފަހުގައި ކުޅޭ މީހުން އެ “ތަށިބަރި”އާ ދެ މީޓަރެއްހާ ހިސާބު ދުރުގައި ތިބެފައި ބޯޅައިން ޖަހައި “ތަށިބަރި” ވަރައިލަނީއެވެ. އޭރު ކުޅޭ ދެބައިން އަނެއްބައި މީހުން ތިބޭނީ ތަށިބަރި ކައިރީގައި ބޯޅަ އަތުލަން ތައްޔާރަށެވެ. އެމީހުންގެ އަތުގައި ބޯޅަ ޖެހިއްޖެ ނަމަ މަސައްކަތް ކުރާނީ ބޯޅަ އެއްލި ބައިގެ މީހެއްގެ ގައިގައި ބޯޅައިން ޖެހޭތޯއެވެ. ބޯޅަ އެއްލި ބައިގެ މީހުން ކުރެ މީހެއްގެ ގައިގައި ބޯޅައިން ޖެހިއްޖެ ނަމަ އެބަޔަކު ނުބައިވީއެވެ. ބޯޅަ އެއްލި މީހުން މަސައްކަތް ކުރާނީ ބޯޅައިން ނުޖެހި އަލުން “ތަށިބަރި” އެރުވޭތޯއެވެ. ތަށިބަރި އަރުވާނެ ފުރުޞަތެއް ނުލިބި ނުބައިވެއްޖެ ނަމަ އަނެއްބަޔަކު “ތަށިބަރި”އަރުވަން ދާންވީއެވެ.


  1. މައިނޮޅި: މިކުޅިވަރަކީ ވެސް ގިނަ މީހުންތަކެއް ދެބަޔަށް ބެހިގެން ކުޅޭ ކުޅިވަރެކެވެ. ކުޅިވަރު ކުޅެނީ އަތިރިމަތީގައި ޖާގަ އޮތް ހުސް ބިމެއްގައެވެ. އެންމެ ފުރަތަމަ ބޮޑުކޮށް ހަތަރެސްކަން ގޮޅިޔަކަށް ވާ ގޮތަށް ރޮނގު އަޅަނީއެވެ. އޭގެ ފަހުގައި އެގޮޅި ދިގަށް މެދުން ދެބައިކޮށްލަނީއެވެ. ދެން ކުޅިވަރުގައި ބައިވެރިވާ މީހުންގެ ޢަދަދަށް ހުސް ރޮނގު އަޅައި ގޮޅިގޮޅިޔަށް ބައިކޮށްލަނީއެވެ. މިގޮތަށް ހުރަހަށް އަޅާ ކޮންމެ ރޮނގަކީ ނޮޅިއެކެވެ.

ދެން ފުރަތަމަ ނޮޅިޔަށް ދާނެ ބަޔަކު ޤުރުޢަތުން ހޮވަނީއެވެ. ޤުރުޢަތުން ހޮވޭ ބައިގެ މީހުން ނޮޅިޔަށް ގޮސް ހަމަޖެހިގެން ތިބޭއިރު އެކަކު ހުންނާނީ ދިގަށް އެޅި ރޮނގުގައެވެ. އެމީހާއަށް ކިޔާނީ “މައިނޮޅި” މީހާއެވެ. ދެން ތިބި މީހުން ކޮންމެ މީހަކު ހުރަސް ރޮނގުގައެވެ. މައިނޮޅި މީހާއަށް ހަރަކާތްތެރިވެވޭނީ ދިގު ރޮނގުގައެވެ. ދެންތިބި މީހުން އެމީހަކު ހުރި ހުސް ރޮނގެއްގައެވެ.

ދެން އަނެއް ބައި މީހުން ދާނީ ނޮޅިޔަށް އަރާށެވެ. ފުރަތަމަ އަރާމީހާ ގޮސް ނޮޅީގައި ހުންނަ “މައިނޮޅި” މީހާގެ އަތުގައި އަތުން ޖެހުމުން ކުޅިވަރު ފެށުނީއެވެ. އަރާބައި މީހުން މަސައްކަތްކުރާނީ ނޮޅީގައި ތިބި މީހުންގެ އަތުގައި ނުޖެހި އެއްކޮޅުން އަރައިގެން ގޮސް އަނެއް ކޮޅުން އެންމެ ފަހު ނޮޅިޔަށް ދެވުމުން އެނޮޅިން ވެލިމުށެއް ނަގައިގެން އަނެއްކާވެސް މީހެއްގެ އަތުގައި ނުޖެހި އެރިކޮޅުން ފައިބައިގެން އައުމަށެވެ. މިގޮތަށް ފޭބުމަށް ކިޔަނީ ބަތްހިފައިގެން ފޭބުމެވެ. އެގޮތަށް ފޭބިއްޖެ ނަމަ އެބަޔަކު މޮޅުވީއެވެ. އަނެއް ބަޔަކު ނޮޅިޔަށް އަރަން ދާންވީއެވެ.


  1. ކޮއްޓު ކޮއްޓު: މިއީ އަންހެންކުދީންގެ ކުޅިވަރެކެވެ. މިކުޅިވަރު ކުޅެނީ ރާއްޖޭގެ އަންހެންކުދީން މުށިކުޅޭ ގޮތަށެވެ.
  1. ހޯދަން ބަޔޯ/ތުބީސް: މިކުޅިވަރަކީ ވެސް ރާއްޖޭގެ ކުޑަކުދީންވެސް ކުޅޭ ކުޅިވަރެކެވެ. މިކުޅިވަރު ކުޅެނީ އަޅުގަނޑުމެން ފީކޯތް ކުޅޭ ގޮތަށެވެ.
  • ހެލިލަބެޔާ/ބަތްގަނޑެއްތާ: މިކުޅިވަރަކީ އަޅުގަނޑުމެން ރާއްޖޭގައި ކުޅޭ ގަނޑުފިއްލާ އެވެ. މަލިކުކުދިންވެސް ގަނޑު އަޅަނީ ރާއްޖޭގައިވެސް ގަނޑުއަޅާ ގޮތަށެވެ. ގަނޑު އަޅައި ނިމުމުން އަނެއް ބައިގެ ކުދީން އައިސް އަޅުގަނޑުމެން ގަނޑަށް ގޮވާ ގޮތަށް ގޮވައެވެ. މަލިކުމީހުން ގަނޑަށް ގޮވާއިރު ފުރަތަމަ ބުނަނީ “ހެލިލަބެޔާ” މިހެންނެވެ. މިހެން ބުނުމުން ގަނޑު ހެލޭނެއެވެ. ދެން “ސައިކުރާ ހިންދާލަ ބަލަ” މިހެން ބުނުމުން ގަނޑުދަށުގައި އޮތް ކުއްޖާ އަޑުއިވޭ ވަރަށް ނޭފަތް އެތެރެއަށް ދަމައިލާނެއެވެ. މިގޮތަށް އެކި ހަރަކާތް ކުރުވާނެއެވެ. ގަނޑަށް ގޮވާއިރު ރާއްޖޭގެ ކުދިންވެސް ބައެއް ހެއްވާ ޢިބާރާތް ބޭނުންކުރާ ފަދައިން މަލިކު ކުދިންވެސް އެކަހަލަ ޢިބާރާތް ބޭނުންކުރެއެވެ. މިސާލަކުން “ފޮޑިފުޅަކުން ޖަހައިލަބަލަ” މިހެންވެސް ބުނެފާނެއެވެ.

މިގޮތަށް އެކި ހަރަކާތް ކުރަމުން ގޮސް ގަނޑުދަށުގއި އޮތީ ކާކުކަން ޔަގީންވީމާ ކިޔަނީ “ބަތްގަނޑެއްތާ ކެވޭނީ މާކަނާ ބޮލުމަތިން ދާނެ ދެން މަނު ދާނި ބޮނބިދާނި (މިވެނި ގޭގެ މިވެނި ކުއްޖާ) މިހެން ބުނުމުން ގަނޑު ދަށުގައި އޮތީ އެކުއްޖާ ކަމުގައިވާ ނަމަ އެކުއްޖާ ތެދުވާނެއެވެ. އޭރުން އަނެއް ބަޔަކު ގަނޑު އަޅަން ދާންވީއެވެ. އަޅުގަނޑުމެންނާ މަލިކުމީހުންނާ ތަފާތުވަނީ ހަމަ އެކަނި ގަނޑަށް ގޮވާ ޢިބާރާތެވެ. އެނގިވަޑައިގަންނަވާނެ ފަދައިން ދިވެހިރާއްޖޭގައި ގަނޑަށް ގޮވާއިރު ކިޔަނީ “ގަނޑުހެލޭ ގަނޑު ހެލޭ ގަނޑުހެލިހެލި ފުއްޓަތްކޯ ތުނބުޅިއަމާ ފެންބަތްކާން (މިވެނި ގޭގެ މިވެނި ކުއްޖާ) ތެދުވޭ” މިފަދައިންނެވެ.


  1. ހާބަކުޅުން: ހާބަކީ ފިރިހެން ކުދިން ކުޅޭ ކުޅިވަރެކެވެ. މިއީ އަޅުގަނޑުމެން ކިޔައިއުޅޭ ފިހިގަނޑު ބުމަރު ޖެހުމެވެ. މަލިކު މީހުންވެސް ހާބަށް ބުމަރޭވެސް ކިޔައެވެ. ފިހިގަނޑު ބުމަރު ޖަހަނީ އަޅުގަނޑުމެންވެސް ޖަހައިއުޅޭ ގޮތަށެވެ.

އާދެ، އަޅުގަނޑުމެންނަށް ކުޅޭ ގޮތް ނޯޓުކުރެވުނު ކުޅިވަރުތައް މިހާތަނަށް ނިމުނީއެވެ. މަލިކުގައި ކުޅޭ ހުރިހާ ކުޅިވަރެއް ކުޅޭ ގޮތް ނުލިޔެވުނުކަމަށްޓަކައި އަޅުގަނޑުމެން ހިތާމަކޮށް މިސިލްސިލާ ބައްލަވާ ފަރާތްޕުޅުތަކުން މާފު އެދެމުއެވެ.

-ނުނިމޭ-


 

About the author
Leave Comment