000 “ދިވެހި އަންހެނަކު ބަންގާޅުގައި ރަހީނު ކުރި މައްސަލައެއް، ފުލުހުންނާއި ޖެންޑަރ މިނިސްޓުރީ ގުޅިގެން ބަލަނީ” މިއީ ދާދިފަހުން ނޫސްތަކުގެ ފަލަ ސުރުޚީއަށް އެރި ޚަބަރެކެވެ. ޚަބަރު ފެނިފައި އަވަސް އަވަހަށް ކިޔައިލެވުނެވެ. ޙައިރާންކަން ލިބުނެވެ. ހިތަށް ވެސް ނާރާ ފެންވަރަށް ދިވެހި ބައެއް އަންހެން ކުދީންގެ ހާލަތު ވެއްޓުމުންނެވެ. މިއީ ލޯބީގައި ދީވާނާވުން ބާވައެވެ؟ ބިދޭސީންނާއި ދިވެހީންގެ ލޯބީގެ ވާހަކަ ވަރަށް ގިނައިން އިވެއެވެ. ގުޅިގެން އުޅޭތަން ވެސް ފެނެއެވެ. ކައިވެނިކުރާ ވާހަކަ ވެސް އަޑު…
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

“ދިވެހި އަންހެނަކު ބަންގާޅުގައި ރަހީނު ކުރި މައްސަލައެއް، ފުލުހުންނާއި ޖެންޑަރ މިނިސްޓުރީ ގުޅިގެން ބަލަނީ” މިއީ ދާދިފަހުން ނޫސްތަކުގެ ފަލަ ސުރުޚީއަށް އެރި ޚަބަރެކެވެ. ޚަބަރު ފެނިފައި އަވަސް އަވަހަށް ކިޔައިލެވުނެވެ. ޙައިރާންކަން ލިބުނެވެ. ހިތަށް ވެސް ނާރާ ފެންވަރަށް ދިވެހި ބައެއް އަންހެން ކުދީންގެ ހާލަތު ވެއްޓުމުންނެވެ. މިއީ ލޯބީގައި ދީވާނާވުން ބާވައެވެ؟

ބިދޭސީންނާއި ދިވެހީންގެ ލޯބީގެ ވާހަކަ ވަރަށް ގިނައިން އިވެއެވެ. ގުޅިގެން އުޅޭތަން ވެސް ފެނެއެވެ. ކައިވެނިކުރާ ވާހަކަ ވެސް އަޑު އަހަމެވެ. ހުޅުމާލޭގެ އަތިރިމަތީގައި ބަންގާޅީ ފިރިހެނަކާއި ދިވެހި އަންހެނަކު، ރެޑުބުލް ހިފައިގެން، ވިނަގަނޑުމަތީގައި، އިރުއޮއްސޭ މަންޒަރު ބަލަން ތިބިތަން ވެސް ދުށީމެވެ. އެހެންނަމަވެސް މި ހާލަތަށް މިކަން ހިނގައިދާނޭ ކަމަކަށް ހިޔެއް ނުކުރަމެވެ.

އެ ޚަބަރު ކިޔައިލުމުން އެންމެ ފުރަތަމަ ހައިރާންކަމެއް ލިބުނީ، އެ އަންހެން ކުއްޖާގެ އުމުރު ފެނިފައެވެ. އެންމެ 19 އަހަރެވެ. ދެން ހައިރާންކަން ލިބުނީ، ރާއްޖެއަށް ވަޒީފާއަދާކުރަން އައިސްހުރި ބަންގާޅީއެއް ހޯދަން، އޭނާ ބަންގާޅަށް ދިޔަ ކަމަށް އޮތުމުންނެވެ. މަސްތުވާތަކެތީގެ މައްސަލައެއްގައި އެ މީހާ ޑީޕޯޓުކޮށްލުމުން، އޭނާގެ އެހީތެރިކަމާއި ލޯތްބަށް ސަލާންޖަހަން އެ ޤައުމަށް ދިޔުމުންނެވެ. އެންމެފަހުން އެ ކުއްޖާއަށް ކަންތައް ދިމާވި ގޮތުން ދެރަވެސް ވިއެވެ.

އެ ޚަބަރުން އެނގުނު ގޮތުގައި، އެއީ ދެ ލޯބިވެރީންނެވެ. ކައިވެނި ނުކުރި ނަމަވެސް، އެ ދެ މީހުންނަށް ވަނީ ދަރިއަކު ވެސް ލިބިފައެވެ. އެ ހާލަތުގައި ހުއްޓާ، ފިރިހެންމީހާ ޑީޕޯޓުކޮށްލުމުން އަންހެންކުއްޖާއަށް ކެތްނުވީއެވެ. ލޯބިވެރިޔާ ހޯދަން ފުރައިގެން ވެސް ދިޔައީއެވެ. އެހެނަސް ކަން ހިނގީ ކޮންފަދަ ހިތާމަވެރި ގޮތަކަށް ހެއްޔެވެ؟ ފިރިހެންމީހާގެ ޢާއިލާއިން، އެ ދެ މައިން ރަހީނުކުރީއެވެ.

ފެމެލީ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން، ފާއިތުވި އަހަރު (2015 ވަނަ އަހަރު) 44 އަންހެނުން ބިދޭސީންނާ ވަނީ ކައިވެނިކޮށްފައެވެ. ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ދިވެހި އަންހެންކުދީންނާ، ބައެއް ފަހަރު އެ މީހުންނަށްވުރެ އުމުރުން ދުވަސްވެފައި ތިބޭ އަންހެނުންނާ ކައިވެނި ކުރަނީ، އެ ވެރީންގެ އަމިއްލަ އެޖެންޑާއެއް އޮތީމައެވެ. ދިވެހިރާއްޖޭގައި އުޅެލަން ފަސޭހައަކަށެވެ. ދާންވީމާ، ވަރިކޮށްލާފައި ދާންވީއެވެ. ރާއްޖޭގައި  އިންވެސްޓުކުރަން ފަސޭހައަކަށް ނުވަތަ ވިސާ ހޯދަން ފަސޭހައަކަށް ވެސް މި ފަދަ ކައިވެނި އެބަ ކުރެވެއެވެ.

ބިދޭސީންނާ ކައިވެނިކުރަނީ ހަމައެކަނި އަންހެނުންނެއް ނޫނެވެ. ފިރިހެނުންވެސް މި ފަދަ ކައިވެނިކުރާ އަދަދު މަދެއްނޫނެވެ. މިދިޔަ އަހަރު އެކަނި ވެސް، 61 ފިރިހެނުންވަނީ ބިދޭސީ އަންހެނުންނާ ކައިވެނިކޮށްފައެވެ. ރިސޯޓުތަކުގައި މަސައްކަތްކުރާ ޒުވާން ކުދީން، ޔޫރަޕް އަންހެނުންނާ ކައިވެނިކުރުން އަންނަނީ އިތުރުވަމުންނެވެ. އުމުރުން ތަންކޮޅެއް ދުވަސްވެލާފައި ތިބޭ ފިރިހެނުން، އަވަށްޓެރި ޤައުމުތަކަށް ގޮސް ޒުވާން އަންހެން ކުދީންނާ އިނުން ވެސް އެއީ ޢާންމުވަމުން އަންނަ ކަމެކެވެ.

ބިދޭސީ ދިވެހި ކައިވެނިތަކަށް ދަރީން ލިބި، އެ ކުދީން އެތިބަ އަންނަނީ ބޮޑެތިވަމުންނެވެ. އެއްފަޅި ދިވެހިލެއާ ގުޅިފައި އޮތްއިރު، އަނެއް ފަޅި ކޮންމެވެސް އެހެން ޤައުމަކާ ގުޅިގެންނެވެ. މި ކަންކަމުގެ ނަތީޖާ ނިކުމެދާނެ ގޮތަކާމެދު ވިސްނައިލުމަކީ މުހިންމު ކަމެކެވެ. ނޭނގި ތިބެ، ނުވަތަ އެނގި ތިބެ ނަމަވެސް، ދިވެހީންގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބޭރު ބަޔެއްގެ ނުފޫޒު ފޯރުވޭނެ ފުރުސަތެއް ހޯދައިދެވެނީއެވެ. ދެކުނު ޕެސިފިކް ކަނޑުގައި އޮންނަ ފިޖީއަށް ކަންދިމާވިގޮތާމެދު ވިސްނައިލުމުން، މިކަމުގެ ނުރައްކާތެރިކަން އިހުސާސް ކުރެވޭނެއެވެ.

އަށް ލައްކަ ފަންސާސް ހާހެއްހައި މީހުން ދިރިއުޅޭ، ފިޖީގެ ރައްޔިތުންނަކީ، އުފަލާއި މިނިވަންކަމާއެކު ދިރިއުޅެމުން އައި ބަޔެކެވެ. ޤައުމުގެ ތަރައްޤީގައި މިނިވަންކަމާއެކު ބަސްބުނެ، ހީވާގިކަމާއެކު މަސައްކަތްކުރަމުން އައި ބަޔެކެވެ. އެހެންނަމަވެސް މިހާރު އެ ޤައުމުގެ ހާލަތުވަނީ، އެފުށް މިފުށަށް ޖެހިފައެވެ. އެތައް ބަޣާވާތެއް ހިނގައިފިއެވެ. ސަބަބަކީ ކޮބައިތޯއެވެ؟ ބިދޭސީންނާ ކައިވެނިކޮށް ދަރީން ހޯދުމުން، އެކަމުގެ ހިތި ނަތީޖާ، އެ ޤައުމަށް ތަޖުރިބާކުރަން ޖެހުނީއެވެ. ބިދޭސީންނާ ކައިވެނިކޮށްގެން ލިބުނު ދަރީން ބޮޑެތިވުމުން، އެހެނިހެން ޤައުމުތަކުގެ ބާރު އެޤައުމަށް ހިންގަން ފެށީއެވެ. މި ދެންނެވި ފަދަ ދަރީންގެ އެހީތެރިކަމާއެކުގައެވެ. އެޤައުމުގެ އިސްމަގާމުތަކުގައި މިއަދު ތިބީ، ބިދޭސީންގެ ދަރިންނެވެ. ނަސްލީ ތަފާތުކުރުން އިތުރުވެ، ޤައުމީ ލޯތްބި ވަނީ، ނެތް އެއްޗަކަށް ވެފައެވެ.

މި ކަހަލަ ކަންކަމާމެދު ދިވެހިން މިހާރަށްވުރެ ފުންކޮށް ވިސްނާން އެބަ ޖެހެއެވެ. ބިދޭސީންނާ ކައިވެނި ކުރުމަކީ ދީނީ ނަޒަރަކުން ވިސްނާއިރު މައްސަލައެއް ނޫނެވެ. މުސްލިމެއްކަމަށްވާ ނަމައެވެ. އެހެންނަމަވެސް ޤައުމީ ނަޒަރަކުން ވިސްނާއިރު ބިދޭސީންނާ ކައިވެނިކުރުމަކީ އެއްވެސް ހާލެއްގައި ރަނގަޅު ކަމެއް ނޫނެވެ. އެހެނިހެން ޤައުމުތަކުގެ ދަރިފަސްކޮޅެއް މި ޤައުމުގައި އާބާދުވުމުގެ ފުރުސަތު ދިނުމަކީ އަމުދުން ރަނގަޅުކަމެއް ނޫނެވެ. ޤައުމަށް ޓަކައެވެ. ޤައުމީ މަސްލަޙަތަށް ޓަކައެވެ. ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލަށް ޓަކައެވެ. އަންނަން އޮތް ޖީލުގެ ހަމަޖެހުމަށް ޓަކައި ވެސް މެއެވެ.

_________________________________

About the author
1 Comment
  1. އެނޮނީމަސް

    ކިޔުންތެރިއެއް
    މުޙައްމަދު ޤާސިމް ފަދަ ލިޔުންތެރިއެއްގެ ލިޔުއްވުންތައް މަދުމަދުން ނަމަވެސް މިސައިޓުން ކިޔަން ލިބޭތީ ޝުކުރާއި ތަހުނިޔާ ދަންނަވަމެވެ. ފާޅުކުރައްވާފައިވާ މައިގަނޑު ޚިޔާލަށް އަޅުގަނޑަށް މުޅިން ތާއީދު ނުކުރެވޭ ވާހަކަ ހިތާމަޔާއެކު ދަންނަވަމެވެ. ފިޖީއާ ގުޅޭ ގޮތުން މުޙައްމަދު ލިޔުއްވާފައި އެބައޮތެވެ. "... ބިދޭސީންނާއި ކައިވެނިކޮށްގެން ދަރީން ހޯދުމުން އެކަމުގެ ހިތި ނަތީޖާ އެގައުމަށް ތަޖުރިބާކުރަން ޖެހުނީއެވެ." މިއީ ހަގީގަތާ ޚިލާފު މައުލޫމާތެކެވެ.ފިޖީގައި މައްސަލައަކަށްވީ އިނގިރޭސީން އެތާނގައި ވެރިކަން ކުރި ޒަމާނުގައި އެތާނގެ އުށްދަނޑި ދަނޑުތަކުގައި މަސައްކަތްކުރަން ގެނައި އިންޑިއާ މަސައްކަތްތެރީން އިންޑިއާ މީހުންނާ އިނުމުގެ މައްސަލައެވެ. އަދި އޭގެ ސަބަބުން މިއަދު އިންޑިޔާ ދަރިކޮޅު މީހުންނަކީ ގައުމުގެ އާބާދީގެ 37 އިން ސައްތަ ހައިކަށްހައިވަރު ހިއްސާ ކުރާ އެނަސްލުގެ މީހުންނަށް ވާކަމެވެ. ނަސްލީ މައްސުނިވުމެއް އޮތް ނަމަ މިއީ މައްސަލަޔަކަށް ވާނެ ކަމެއް ނޫނެވެ. ނަމަވެސް ހަގީގަތަކީ ފިޖީ މީހުން ބުރަކޮށް މަސައްކަތްކުރަން ބޭނުން ނުވާ ކަމެވެ. ތަނުގެ އިގްތިސާދު ބުރަވެފައި އޮތީ އިންޑިޔާ މީހުންނާއި އެމީހުންގެ މަސައްކަތްތެރިކަމުގެ މައްޗަށް ކަމެވެ. މަޒުމޫނުގައި ޤާސިމްގެ ނުކުތާއަކަށް ވާންވީ، އަޅުގަނޑު ދެކޭ ގޮތުގައި، ބިދޭސީ/ވޭސީ ކައިވެނިތަކެއް ނޫނެވެ. އެއީ ރާއްޖޭގައި ކުރެވޭ ކައިވެނިތަކުގެ ނިސްބަތުން ވަރަށް މަދު އަދަދެކެވެ. ބިދޭސީ/ވޭސީ ކައިވެނިތަކަކީ ކޮންމެ ތަނެއްގައި ކޮންމެ ޒަމާނަކުވެސް ހިނގަމުންދާ ކަމެކެވެ. އެވޭލާގައި ދިވެހިރާއްޖެ އަންނަ ބޭރުގެ ނައުޒޯނގު ފަހަރުގެ ބިދޭސީން ދިވެހިންނާއި އިނދެހަނދާކަމީ އިބްނުބަޠޫތާއާއި ޕިރާޑްގެ ލިޔުންތަކުން ވެސް އެނގި ސާބިތުވާ ކަމެކެވެ. މިފަދަ ކައިވެނިތަކުގެ ސަބަބުން ދިވެހިލޭ ވީ މު މުއްސަންޖެވެ. މިއީ ވާރުތައިގެ އިލްމުވެސް ބުނެދޭ ހަގީގަތެކެވެ. މުޙައްމަދު (އެހެން މައުޟޫޢެއްގެ ދަށުން ނަމަވެސް) މައްސަލައެއްގެ ގޮތުގައި ފާހަގަކުރައްވަންވީ ރާއްޖޭގައި ބިދޭސީ މަސައްކަތްތެރީން ގިނަވުމުގެ މައްސަލައެވެ. އެމީހުން ކޮށް އުޅޭ ބައެއް ކަހަލަ މަސައްކަތްތައް ކުރާނެ ދިވެހީން ނުވާ މައްސަލައެވެ. އެމަސައްކަތްތައް ކުރާނެ ދިވެހީން ވަޒީފާގެ ބާޒާރަށް ނެރުން އެއީ ދިވެހި ސަރުކާރާއި ވަޒީފާ ދެއްވާ ފަރާތްތަކުން މިއަދު ކޮންމެހެން ވެސް ކުރިމަތިލައްވަން ޖެހިފައި އޮތް ގައުމީ ވާޖިބެކެވެ.

    (0)(0)
Leave Comment