އަޙްމަދު ޝަފީޤް (11 ނޮވެންބަރުގައި ޝާއިޢު ކުރެވުނު ބަޔާ ގުޅޭ) މިބައި ނަގައިފައިވަނީ “ފަތްތޫރަ” މަޖައްލާގެ 151 (އޮކްޓޯބަރު 1991) ވަނަ ޢަދަދާއި 153 (ޑިސެމްބަރު 1991) ވަނަ ޢަދަދުންނެވެ. ________________________ އާދެ، 1980މ. ގެ އަހަރުތަކަށް އެޅުނުއިރު، ދިވެހި މަސައްކަތްތެރިންގެ އިތުރު އުފެއްދުންތަކެއް އެކްސްޕޯޓް މުދަލުގެ ތެރެއަށް ވައްދައިފިއެވެ. ހަމަ އެހެންމެ، ކުރީ ޒަމާނުގައި އެމުދަލުގެ ތެރޭގައި ހިމެނުނު ބައެއް ތަކެތި، ބޭރުކުރެވޭ (އެކްސްޕޯޓްކުރެވޭ) މައިގަނޑު މުދަލުގެ އިސްވަނަތަކުން ކެނޑިގެންވެސް ދިޔައެވެ. މިސާލަކަށް، ކުފުރާއާއި، ކާށްޓާއި…

އަޙްމަދު ޝަފީޤް

(11 ނޮވެންބަރުގައި ޝާއިޢު ކުރެވުނު ބަޔާ ގުޅޭ)

މިބައި ނަގައިފައިވަނީ “ފަތްތޫރަ” މަޖައްލާގެ 151 (އޮކްޓޯބަރު 1991) ވަނަ ޢަދަދާއި 153 (ޑިސެމްބަރު 1991) ވަނަ ޢަދަދުންނެވެ.

________________________

އާދެ، 1980މ. ގެ އަހަރުތަކަށް އެޅުނުއިރު، ދިވެހި މަސައްކަތްތެރިންގެ އިތުރު އުފެއްދުންތަކެއް އެކްސްޕޯޓް މުދަލުގެ ތެރެއަށް ވައްދައިފިއެވެ. ހަމަ އެހެންމެ، ކުރީ ޒަމާނުގައި އެމުދަލުގެ ތެރޭގައި ހިމެނުނު ބައެއް ތަކެތި، ބޭރުކުރެވޭ (އެކްސްޕޯޓްކުރެވޭ) މައިގަނޑު މުދަލުގެ އިސްވަނަތަކުން ކެނޑިގެންވެސް ދިޔައެވެ. މިސާލަކަށް، ކުފުރާއާއި، ކާށްޓާއި އަދި ބޮލިވެސް މެއެވެ. ކަން މިހެންވުމާ އެކު، ވަރަށް ކުރީ ޒަމާނަކުން ފެށިގެން ސަރުކާރުގެ ޚަޒާނާއިން ބޭރުކުރި، ޚާއްޞަ މުދަލުގެ ތެރޭގައި ހިމެނޭ ބައެއް ތަކެތި، ޢާންމުކޮށް އެކްސްޕޯޓް ކުރުން ދޫވެސްކޮށްލެވުނެވެ. މިސާލަކަށް މާވަހަރެވެ. ވަރަށް ކުރީ ޒަމާނެއްގައި މާވަހަރުހެން މިރާއްޖެއަށް ލަގުވާ، ތާވައްކާއްޓަކީވެސް، އެވޭލާގައި ޚަޒާނާގެ މުދަލެކެވެ. ކުރީ ޒަމާނުގައި އެތަކެތި ޚާއްޞަކުރެވިފައިވަނީ، ދިވެހި ރަސްރަނިކައުކަލުންގެ ނަންފުޅު މަތީން ބޭރު ކަރަކަރައިގެ ރަސްރަނިންނަށް ކުރެވޭ ވެދުމުގެ ތެރޭގައެވެ.

ކޮންމެއަކަސް، މަތީގައި ދެންނެވި ފަދަޔަކުން ކަންހިނގަމުންއައިސް 1980މ. އާ ހަމަޔަށް އައިއިރު އެކްސްޕޯޓް-އިމްޕޯޓްގެ މައިގަނޑު ބައިތައް ބަހާލެވިފައިވާ ގޮތް ތިރީގައި މިވަނީއެވެ.


އެކްސްޕޯޓް- އިމްޕޯޓްގެ މައިގަނޑު ބައިތައް   

އެކްސްޕޯޓް  

 1. ހިކިކަނޑުމަސް
 2. މަސްކުނޑި
 3. ލޮނުއެޅި ކަނޑުމަސް
 4. ލޮނުއެޅި ފަރުމަސް
 5. މިޔަރު އުރަހަ
 6. ފިނިކުރި ކަނޑުމަސް
 7. ދަޅުމަސް
 8. ހުއިފިލަނޑާ
 9. އިހި
 10. ތައްޔާރީ ހެދުން
 11. އެހެނިހެން ބައިތައް

   އިމްޕޯޓް

 1. އާންމުކޮށް ބޭނުންކުރާ ތަކެތި (ކާޑުގެ ތަކެތި- ތައްޔާރީ ކާބޯތަކެތި- ދުންފަތާއި ބުއިމުގެ ތަކެތި)
 2. ތެލުގެ ބާވަތްތައް (ކަރާސީނު-ޑީސަލް- ގޭސް- އަދި މިފަދަ ތަކެތި)
 3. ކެޕިޓަލް ތަކެއްޗާއި އެއަށް ބޭނުންވާ ތަކެތި (މެޝިނާއި ދަތުރުފަތުރަށް ބޭނުންވާ ތަކެތި)
 4. ތެލުގެ ބާވަތްތައް ފިޔަވައި ބަދަލެއް ގެނެސްފައި ނުވާ ތަކެތި
 5. ކެމިކަލް
 6. ސިމެންތި އަދި ޢިމާރާތްކުރާ ދަގަނޑު
 7. ކަރުދާސް

    އާދެ، އަދި މިހާތަނަށްވެސް ދިވެހިންގެ ދިރިއުޅުމުގެ މައިގަނޑުތަކެތި (ކާޑުގެ ތަކެތި، ތެލުގެ ބާވަތްތައް، އަދި ބޭހާއި މިނޫން މުހިންމު ތަކެތި) ރާއްޖެއަށް އެތެރެކޮށް ރައްޔިތުންގެ އަތްމައްޗަށް ދޫކުރަނީ ސަރުކާރުންނެވެ. ލުއި އަގުން ކޮންޓްރޯލްކޮށްގެން ހިންގޭ ސަރުކާރުގެ ވިޔަފާރިއެއްގެ ގޮތުންނެވެ.

%de%97%de%a7%de%93%de%aaމިމައުޟޫޢަށް ލިޔަމުން މިގެންދެވޭ ބަޔާނުގެ ވަރަށް ކުރީކޮޅުގައި ދަންނަވާދިޔަ ފަދައިން އެކަމަށް ފުރަތަމަ ހުޅުވާލެވުނު މަރުކަޒަކީ، “ރައްޔިތުންގެ ބޮޑު އިސްޓޯރު’ އެވެ. އެނަން ފަހުން އެމް.ޖީ.ބީ.އެސް. އަށް ބަދަލުވިއެވެ. އަދި ފަހުން އޭ.ޓީ.އޭ، ދެން އެއަށްވުރެ ފަހުން އާދެ މިހާރު އެއީ “އެސް.ޓީ.އޯ”(ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން) އެވެ.

10 ޑިސެމްބަރު 1941މ.ގައި ހުޅުވާލެވުނު ބޮޑުއިސްޓޯރު ތަރައްޤީވަމުން އައިސް އޭ.ޓީ.އޭ (މިހާރުގެ އެސް.ޓީ.އޯ) ގެ ނަމުގައި ސަރުކާރުގެ ވިޔަފާރި ހިނގާންފެށީ 1964މ. އިން ފެށިގެންނެވެ.

އެސް.ޓީ.އޯ. އެތަކެއް ޑިޕާޓްމަންޓަކަށް ބައިކުރެވިގެން، ދިވެހީންގެ ޤައުމީ އިޤްތިޞާދު ތަނަވަސް ކުރަމުން ގެންދެވެއެވެ. “ޓްރޭޑް އިންފޮމޭޝަން ޔުނިޓް” އެއް އުފެއްދުނެވެ. އިމްޕޯޓް އެކްސްޕޯޓް ތަވާޒުން ކުރެވެމުން ގެންދެވޭން ފެށީ، ދުނިޔޭގެ މިއަދުގެ ވިޔަފާރި އާއި، އިޤްތިޞާދުގެ ރޭޓް ގެންދާ ހަމަތަކަށް އެޅިގެންނެވެ. އެހެންކަމުން އިންވެސްޓްމަންޓްގެ އައު މަގުތައް ހުޅުވެމުން ދިޔައެވެ. ފެލިވަރުގެ “ޓޫނާ ކޭނިންގ ފެކްޓްރީ”  1978މ. ގައި ހިންގަން ފަށައި އަދި އޭގެ މާފަހުން އައްޑޫ ގަމުގައި ތައްޔާރީ ހެދުމުގެ ކާރުޚާނާއެއް އުފެއްދުމުގެ މަޝްރޫޢެއް ހިންގަން ފެއްޓުނެވެ. މިމަޝްރޫޢު ކުރިޔަށް ދިޔުމުގެ ތެރޭގައި އަދި މީގެ އިތުރުން “ދިވެހިމަސައްކަތްތެރި އުފެއްދުން” ކުރިއެރުވުމަށް ޤައުމީ އެކިއެކި ޕްރޮޖެކްޓްތަކާއި، އިމްރާނީ މަސައްކަތް ހިންގަން ފެށުނެވެ. އެލައިޑް އިންޝޫރެންސް ކުންފުންޏާއި، އެކިއެކި ބޭންކުގައި ޙިއްސާކޮށްފައިވެއެވެ.

އާދެ، ޤައުމީ އިޤްތިޞާދުގެ ދަނޑުގައި ދިވެހި މަސްވެރިކަން ކުރިއެރުވުމަށް މި ދަނޑިވަޅުގައި، އެހީތެރިކަމުގެ އަތެއް ދިއްކޮށްލެވުނެވެ. އޮޑިވެރިންނަށް ލޯނުގެ ގޮތުން ދިގު މުއްދަތުން ދަރަނި އަދާކުރާ ގޮތަށް އިންޖީނު ދޯނި ފަހަރު ލިބެން ފެށުނެވެ. 1990މ. އަށް އަޅައިގެންއިރު “ސެކަންޑް ޖެނެރޭޝަން މަސްދޯނި” މިނަމުގައި ޚާއްޞަ މޮޑެލަކަށް އައުމަސްދޯނި ފަހަރު އީޖާދުކުރެވިގެން ބޭނުންކުރެވޭން ފެށިއްޖެއެވެ. އަދި ހަމަ އެހެންމެ ދުވަސްކޮޅެއް ކުރިން ފެށިގެން ކަނޑުމަހާއި ފަރުމަސް ގްރޭޑްކުރެވިގެން ދުނިޔޭގެ މާރުކޭޓްތަކަށް ފޮނުވޭން ފެށުނެވެ. އޭޝިއާއާއި، އެފްރިކާއާއި، ޔޫރަޕާއި އަދި އެމެރިކާއާއި މިނޫންވެސް ޤާއްރާތަކަށެވެ.

އާދެ، މިޒަމާނުގެ އިޤްތިޞާދީ ދުނިޔޭގެ ތެރެއަށް ދިވެހިންނަށް ނުކުމެވުނީ ވައިގެ ބަނދަރުތަކެއްވެސް އުފައްދައިގެންނެވެ. އެއީ ޟަރޫރީ ކަމެކެވެ. އެހެންކަމުން ހުޅުލޭގައި އެތައް އަހަރެއް ކުރިން އާ.ރޭ.އެފް. ގެ ފަރާތުން ވަގުތީ ގޮތުން ދަގަނޑުފިލާ އެޅި ރަންވޭ، އަމިއްލަ މަސައްކަތުން ރަނގަޅަށް އިމާރާތްކޮށް އުފައްދައިގެން، އެއަރމޯލްޑިވްސްގެ ނަމުގައި ވައިގެ ފުރަތަމަ ބަނދަރު 1966މ. ގައި ހުޅުވާލެވުނީއެވެ. އަދި ފަހުން 1981 ން ފެށިގެން ބައިނަލް އަޤްވާމީ ވައިގެ ބަނދަރަކަށް ވެސް ވިއެވެ. އަދި 1979 ވަނަ އަހަރުހާ ތާނގައި (އޭގެ ކުރިން އާރ.އޭ.އެފް. ބޭނުންކޮށް ދޫކޮށްލާފައި އޮތް) ގަމުގެ ވައިގެ ބަނދަރު އަލުން އައުކޮށް ދުނިޔެއާ ގުޅުވައިލެވުނެވެ. “އައްޑޫ ޑިވެލޮޕްމަންޓް އޮތޯރިޓީ” ގެ ނަމުގައި ޚާއްޞަ މަރުކަޒެއް ހުޅުވައިލެވިގެން ފެށުނު މިކަމުގެ ތެރޭން އަނެއް ކަމަކީ، އެސް.ޓީ.އޯ.ގެ ފަރާތުން އެޅި ޞިނާޢީ ފިޔަވަޅެވެ. ސ.ގަމުގައި ޖޭ.އެސް.އެމް(އެސް.ޓީ.އޯ) އާއި “ސިލްވަރލައިން ގާމެންޓް މޯލްޑިވްސް” މިދެ ފޭރާން ފެކްޓަރީ އުފެއްދުމެވެ. މިތަނުން ކާމިޔާބުވެފައިވަނީ “ސިލްވަރލައިން” އެވެ. މިގާމެންޓް ފެކްޓަރީ ހިންގަން ފެށުނީ 1982މ. ގައެވެ.

ރަށްވެހިކަމުގެ މަގުގައި ކުރިއަރަމުން ދިޔުމަށްޓަކައި، މުވާޞަލާތުގެ ފަސޭހަތައް ހޯދުމަކީ، ނުކޮށް ފަރުނުޖެހޭ ކަމެކެވެ. އަދި ވަކީން ބޮޑަށް އިޤްތިޞާދީ ކުރިއެރުމަށް މިކަން ބޭނުންވެއެވެ. ޖަޒީރާތަކެއްގެ އަހުލުވެރިންނަށް ވާތީ، ކާބަފައިން އެވަސީލަތްތައް ލިބިގަތީ ކަނޑުމަގުންނެވެ. ޒަމާން ބަދަލުވެ ކުރިއަރަމުން ދިޔުމުގައި ރާއްޖޭގެ ދަތުރުފަތުރަށްޓަކައި، ވައިގެ މަގު ހުޅުވާ ތަނަވަސްކުރުމަކީ، މިހާރު މަޖުބޫރު ކަމަކަށް ވެއްޖެއެވެ. އެހެންކަމުން ރާއްޖޭގެ އުތުރާއި ދެކުނުގައި ވައިގެ ދަބަނދަރު ހުޅުވުނެވެ. 1985މ. ގައި ހައްދުންމަތީ ކައްދޫގައި ބަނދަރެއް، 1990މ. ވަނަ އަހަރުގެ ތެރޭގައި ތިލަދުންމަތީ ހަނިމާދޫގައި ވައިގެ ބަނދަރެކެވެ.

ރާއްޖޭގެ ވައިގެ ބަނދަރުތަކަކީ، އެހެންކަމުން ހަމައެކަނި އާމްދަނީ ހޯދުމުގެ އިތުރަށް ވަޔާއި ކަނޑުމަތީގެ އަމުނު ބެލެހެއްޓުމަށާއި، އަދި ކަނޑުގެ އިޤްތިޞާދީ ސަރަޙައްދު ދިވެހި މަސްވެރިންނަށް ރައްކާތެރިކޮށްދީ ބެލެހެއްޓުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. އެހެންކަމާއެކު، އެކަމުގެ މަންފާގެ

މަގުގެ ދާއިރާ ތަނަވަސްކޮށް ހަމަޖެއްސުމަށް އިތުރު ވަގުތާއި، ގިނަގުނަ މަސައްކަތާއި، އަދި ޢިލްމީ ކުރިއެރުންވެސް ހޯދާން ބޭނުންވެއެވެ. އަދި މިއިން ކޮންމެ ކަމަކަށް ވުރެ ބޮޑަށް ތެދުވެރިކަމާއި، ވާޖިބުއަދާކުރުމުގައި ދެމިތިބުމާއި، ޤައުމީ އެކުވެރިކަމާއި އެއްބާރުލުން ކޮންމެހެން ބޭނުންވެއެވެ.

އަޅުގަނޑު ލިޔަމުން މިދާ ލިޔުމުގެ ތެރޭގައި ރަސްމީ އެއްވުމެއްގައި ދެކެވުނު ވާހަކައެއްގެ ބަޙްޘެއްގެ ޚުލާޞާއެއް(އަޅުގަނޑުގެ މަޢުޟޫޢުގެ މިހާތަނުން) ލިޔެލަން ބޭނުމެވެ.

އާދެ، “މޯލްޑިވްސް ސެންޓަރ ފޮރ މެނޭޖްމެންޓް އެނޑް އެޑްމިނިސްޓްރޭޝަން” ގެ ފަރާތުން 1991 ގެ އޮކްޓޯބަރ މަހުގެ ތެރޭގައި ސެމިނާރެއް ބޭއްވިއެވެ. މިސެމިނާރުގެ ގްރޫޕް ލީޑަރުންގެ ތެރެއިން ޢައްޔަންކުރެވުނު މަންދޫބު(އަލްފާޟިލް ބަންދު އިބްރާހީމް ސަލީމު) އެތާނގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ.

“ތާރީޚީ ނަޒަރަކުން ބަލާއިރު ރާއްޖޭގެ ސަރުކާރުގެ ހިންގުން “ބޮޑުބަނޑޭރިގޭ” އުޞޫލުން ހިނގަމުން އައިސް ސަރުކާރުގެ އިދާރީ ބަޔަށް ފުރަތަމަ އިޞްލާޙު ގެނެވުނީ 1932 ގައި، ރާއްޖޭގެ ޤާނޫނު އަސާސީއެއް ލިބިގަތުމާ ގުޅިގެން ކަމުގައިވީއިރު، ދެވަނައަށް އައި ބޮޑުބަދަލަކީ 1958 ގައި ސަރުކާރުގެ މުވައްޒަފުންގެ މުސާރައިގެ ގޮތުގައި ކުރިން ދެވެމުން އައި އުޖޫރަ ފައިސާއާއި މުދަލުގެ ބަދަލުގައި މުޅިން ފައިސާއަށް ބަދަލުވުން. މިއީ ރަޢްޖޭގެ މަނިޓަރީ ނިޒާމުގެ ފެށުން. އޭގެ ފަހުން ސަރުކާރުގެ ހިންގުމަށް އެކި މިންވަރުގެ ބަދަލުތައް އައިސްފައިވޭ. ރާއްޖެ މިނިވަންވުމާއި ގުޅިގެންވެސް އިދާރީ ބަދަލުތަކެއް އަންނަން ފެށި. މިހާތަނުން އަޅުގަނޑު ދަންނަވަން ޖެހެނީ 1975 ވަނަ އަހަރު ސަރުކާރުގެ އިދާރީ ބައިތަކަށް ޢިޞްލާޙު ގެންނަން ޖެހިފައިވާކަން އިޙްސާސްކުރެވުމުގެ ސަބަބުން އެކްސްޕާޓެއްގެ ރިޕޯޓެއް ފުރަތަމަ ފަހަރަށް އަޅުގަނޑުމެން ދެކެން ފަށާ، އޭގެ ފަހުން، 1979ގައި ސަރުކާރު ހިންގުމުގެ ބިންގާ އިހަށްވުރެ މާހަރުދަނާ ގޮތެއްގައި އަޅުއްވަން ފެއްޓެވި. މިއާއެކު ރާއްޖޭގެ އިޤްތިޞާދީ، ތައުލީމީ އަދި އިޖްތިމާޢީ ފެންވަރު ކުރިއަރަމުންދަނީ މާހަލުއި ގޮތެއްގާ. ނަތީޖާއަކަށްވީ ސަރުކާރުގެ ޚިދްމަތް މާބޮޑަށް ފުޅާވާން ޖެހުން. ޢާންމު ރައްޔިތުންނަށް ދެވޭ ޚިދްމަތްތައް އިތުރުވުން.

ތިޔަ ބޭފުޅުންގެ ހިތްޕުޅަށް އަރާވަޑައިގަންނަވާނެ، މިސެމިނާރުގެ ބައިވެރިންގެ ފަރާތުން ވާހަކަދައްކާ މީހާ ތާރީޚާ ބެހޭ ގޮތުން ވަހަކަދައްކަނީ ކީއްވެގެން ބާވައޭ؟ ސަބަބަކީ އަޅުގަނޑުމެން މިމަޝްވަރާތައް ގެންދިޔަ ގޮތާ މެދު އެއްޗެއް ދަންނަވާލުން. އެއީ:-

  (ހ) އަޅުގަނޑުމެންގެ ސަރުކާރުގެ އިދާރީ ކަންތައްތައް ހިނގަމުން އައިސްފައިވަނީ ދުނިޔޭގެ އެހެނިހެން ޤައުމުތަކާއި ޚިލާފަށް ވަރަށް ވެސް ތަފާތުކޮށް.

  (ށ) އަޅުގަނޑުމެންގެ ސިސްޓަމަކީ އަމިއްލައަށް އުފެއްދި ރަނގަޅުވަމުން އަންނަ ސިސްޓަމެއް.

  (ނ) މިގޮތުން އަޅުގަނޑުމެންގެ ބަޙްޘުތައް ގެންދިޔައީ އަޅުގަނޑުމެންނަށް ލިބިފައިވާ ކާމިޔާބީތައް ފާހަގަކުރުމާއެކު މިކަމާ ބެހޭ ގޮތުން އަޅުގަނޑުމެންގެ

     ތެރޭގައި ހުރި އުނި ކަންތައްތައް ދެނެގަނެ އިޞްލާޙުކުރުމުގެ ރޫޙްގައި.

  (ރ) އެއްވެސް ޙާލެއްގައި އަޅުގަނޑުމެން ދުނިޔޭގެ އެހެން ޤައުމެއްގައި އޮތް ސަރުކާރު ހިންގުމުގެ ނިޒާމު ކޮޕީކުރާކަށް ޤަޞްދެއް ނުކުރަމު.”

  އާދެ، މަތީގައި ބަޔާންވެގެން ދިޔަ ވާހަކަފުޅަކީ، ޙަޤީޤީ ތެދެއްކަމަށް އަޅުގަނޑުވެސް ޤަބޫލުކުރަމެވެ. އެވާހަކަފުޅުގެ އަލީގައި ހުރެ، ދިވެހިބިމުގެ ހަތަރުބިތަށް އަޅުގަނޑުގައި ހުރި ވިސްނުމަކުން ބަލާލުމުން މިމަޢުޟޫއުގެ ދެން އޮތްބަޔާއިގެން ކުރިޔަށްދާން ގަސްތު ކުރަމެވެ.

  ކޮންމެއަކަސް އަޅުގަނޑު އަމިއްލަޔަށް ވިސްނާއިރު އަދި ލިޔެވިދިޔަ ބަޔާނަށް ބަލާއިރުވެސް، ދިވެހި ރައްޔިތުން މިނިވަން ޤައުމެއްގެ ގޮތުން ކުރިޔަށް ދެވެން އޮތް ހުރިހާ ރޮނގަކުން، (އިންފިރާދީ އަދި އިޖްތިމާޢީ މިނިވަންކަން މަތީ) ކުރިޔަށް ދާން ކޮންމެހެން ބޭނުންވެއެވެ. ކުރިއެރުމުގައި ދިވެހިންގެ އަމިއްލަ ގޮތް ހިފެހެއްޓި އޮވެގެން، ކުރިއަރަމުންދާ ޤައުމުތަކާއި ފައިހަމަކުރަމުން ދާން ވެސް ބޭނުން ވެއެވެ. ތަޢުލީމު ލިބިގެންތިބި މީހުން މިގޮތަށް ބަސްކިޔައިދެއެވެ. މިހެންކަމަށްވާއިރު އަޅުގަނޑުމެންގެ “ޤައުމީ ތަރިކަ” އަކީ ކިތަންމެ ކުޑަވެސް ގެއްލުމެއް ނުލިބޭ ގޮތަކަށް ބަލަހައްޓަމުން އަންނަން އޮތް ޖީލުގެ އަތްމައްޗަށް ރައްދުކުރަން ބޭނުންވެއެވެ. އެއަމާނަތުގެ ޚަޒާނާގައި ޤުދުރަތުން އަޅުގަނޑުމެންނަށް ހިބަކޮށްދީފައިވާ “މުދައު” ތައް އަޅުގަނޑުމެންގެ ފިކުރާއި އަތްފައިގެ ބާރުން ގެއްލިޔަ ނުދީ ކޮންމެހެންވެސް ބަލަހައްޓަން ޖެހެއެވެ. ކޮންމެ ދިވެއްސަކުހެން ދަންނާނެ ފަދައިން ދިވެހިންގެ އިޤްތިޞާދީ

ޚަޒާނާގެ ބޮޑު ބައެއް ވަނީ، ދިވެހި ސަރަޙައްދުގެ ކަނޑުގެ ތެރޭގައެވެ.މިހެން ދެންނެވުމުން އަޅުގަނޑު އިޝާރާތްކުރަނީ، މަސްވެރިކަމާއި ފަރުވެރިކަމަކަށް ނޫނެވެ. އަދި މިކަނޑުތެރޭ ހެދި ބޮޑުވެ އިތުރުވަމުންދާ ދިރުން ހުރި ސޫފާ ސޫފިތަކާ ހެދި ބޮޑުވާ އެއްޗަކަށްވެސް ނޫނެވެ. އިޝާރާތް ކުރަނީ ނޭނގުމުގެ ތެރޭން މިދިވެހިރާއްޖެ އުފެދި ފެންމައްޗަށް ހިއްކެވި ޒަމާނުން ފެށިގެން އިންސާނުން ޙަރަކާތްތެރިވެ ދަތުރުފަތުރުކޮށް އުޅުމުގައި މިއަދުގެ ދިވެހި ސަރަޙައްދުގެ ކަނޑުއަޑިޔަށް އޮހެމުން ދިޔަ ރަންރިއްސާއި، ޖަވާހިރާއި، މަޢުދަނީ އާސާރީ ބައިވަރުތަކަށެވެ. އެއީ އަގުނުކުރެވޭނެ ދިވެހި އާސާރެވެ. އަދި އެއީ ކޮންމެ ދިވެއްސެއްގެ “ވާރުތަ މުދައު” މެއެވެ.

(ނުނިމޭ)

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment