ހުކުރު ނަމާދުގައި ދެވޭ ދެބަންގީގެ ވާހަކަ:           ޝައްކެއްނެތެވެ. އިރުމެދުޖެހޭ ވަގުތާއި ބެހޭގޮތުން ޞައްޙަ ޙަދީޘުތަކުގައި ބަޔާންވެގެންވަނީ އެއީ ﷲގެ ކޯފާއާއި ޢަޛާބުގެ ގޮވަތި ކަމުގައިވާ ނަރަކަ އަންދާލެވޭ ވަގުތު ކަމުގައެވެ. މާތް ﷲ ރުއްސުންލެއްވި ޢަމުރުބްނި ޢަބަޘާ ގެކިބައިން ރިވާވެގެންވާ ރިވާޔަތެއްގައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. رَسُولُ اللَّهِ صلّى الله عليه وسلّم އަރިހުން ނަމާދާއި ބެހޭގޮތުން އަޅުގަޑު ސުވާލު ދެންނެވުމުން ޙަދީޘު ކުރެއްވިއެވެ. “އިރުމެދުޖެހޭއިރު ނަމާދު ނުކުރާށެވެ. އެހެނީ އެއީ ނަރަކަ ރޯކޮށްލެވޭ…


ހުކުރު ނަމާދުގައި ދެވޭ ދެބަންގީގެ ވާހަކަ:          

ޝައްކެއްނެތެވެ. އިރުމެދުޖެހޭ ވަގުތާއި ބެހޭގޮތުން ޞައްޙަ ޙަދީޘުތަކުގައި ބަޔާންވެގެންވަނީ އެއީ ﷲގެ ކޯފާއާއި ޢަޛާބުގެ ގޮވަތި ކަމުގައިވާ ނަރަކަ އަންދާލެވޭ ވަގުތު ކަމުގައެވެ. މާތް ﷲ ރުއްސުންލެއްވި ޢަމުރުބްނި ޢަބަޘާ ގެކިބައިން ރިވާވެގެންވާ ރިވާޔަތެއްގައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. رَسُولُ اللَّهِ صلّى الله عليه وسلّم އަރިހުން ނަމާދާއި ބެހޭގޮތުން އަޅުގަޑު ސުވާލު ދެންނެވުމުން ޙަދީޘު ކުރެއްވިއެވެ. “އިރުމެދުޖެހޭއިރު ނަމާދު ނުކުރާށެވެ. އެހެނީ އެއީ ނަރަކަ ރޯކޮށްލެވޭ ވަގުތެވެ.”([1]) މިރިވާޔަތުގައި ވަކިދުވަހެއް އިސްތިސްނާ ކުރައްވާފައެއް ނެތެވެ. ނަމަވެސް އަބޫދާވޫދުގައި ﷲރުއްސުންލެއްވި އަބޫޤަތާދާގެ ކިބައިން ރިވާވެގެންވެއެވެ. “كَانَ النَّبِىُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَرِهَ الصَّلاَةَ نِصْفَ النَّهَارِ حَتَّى تَزُولَ الشَّمْسُ إِلاَّ يَوْمُ الْجُمُعَةِ وَقَالَ : إِنَّ جَهَنَّمَ تُسْجَرُ إِلاَّ يَوْمُ الْجُمُعَةِ”([2]) (ޔަޢުނީ: رَسُولُ اللَّهِ صلّى الله عليه وسلّم އިރުމެދުޖެހޭ ވަޤުތު އިރުމެދުން ފިލުމަށްފަހުމެނުވީ ނަމާދު ކުރެއްވުމަށް ރުހިވަޑައި ނުގަންނަވަތެވެ. ހުކުރު ދުވަސް ފިޔަވައެވެ. އެދުވަހާމެދު ޙަދީޘުކުރަށްވާފައި ވެއެވެ. ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކު ޖަހަންނަމައިގެ ހުޅުގަނޑު ރޯކޮށްލެވެއެވެ.) އާދެ! ﷲ ސުބްޙާނަހޫ ވަތަޢާލާ ކަނޑައެޅިގެން ހުކުރު ދުވަސް ހުކުރު ނަމާދު ވަޤުތާއި ހަމަޔަށް އަޅުކަމަށްޓަކައި ޚާއްޞަ ކުރައްވާފައި ވާކަން މިޙަދީޘުން ވަރަށް ފުރިހަމަޔަށް ހާމަވެގެންދެއެވެ. އަދި ހުކުރު ދުވަހުގެ ފުރަތަމަ ސާޢަތުން ފެށިގެން ސަވާބާއި ދަރުމައިގެ ތަފާތު ދަރަޖަތަކުން އެދުވަހުގެ ސާޢަތްތައް ފުރާލެވިފައިވާކަންވެސް ކުރީގައި ބަޔާންވެދިޔަ ޙަދީޘުތަކުން ވަރަށް ރަނގަޅަށް ސާފުވެގެން ދެއެވެ.  އަދި ޚުދު رَسُولُ اللَّهِ صلّى الله عليه وسلّم އިރުމެދުޖެހޭ ވަގުތު ނުބައްލަވާ ގަނޑުވަރުގައި އިންނަވައިގެން ނަމާދުކުރައްވާ އުޅުއްވާކަން މިޙަދީޘުން އެބަސާބިތުވެއެވެ. އެއީ އެކަލޭގެފާނު ހުކުރުކުރެއްވުމަށް ނިކުމެވަޑައިގަންނަވަންދެނެވެ. އެހެންކަމުން ﷲ  ރުއްސުންލެއްވި އަޞްހާބުބޭކަލުން ހުކުރު ނަމާދަށް އިންތިހާއަށް ބޮޑަށް ފަރުވާތެރިވެ ވަޑައިގަންނަވަތެވެ. އެބެއިކަލުންގެ މިފަރުވާތެރިކަމާއިހުރެ رَسُولُ اللَّهِ صلّى الله عليه وسلّم ގެ ޙަޔާތްޕުޅުގައި އެހެނިހެން ނަމާދުތަކަށް ވަޤުތުވަދެއްޖެކަމުގެ އިޢުލާނާއެކު ނަމާދަށް ގޮވުމަށްޓަކައި ގޮވާލެވޭ ބަންގި ހުކުރުދުވަހު ހުކުރު ނަމާދަށް ގޮވާނުލެވެއެވެ. ހުކުރު ދުވަހު އިރުމެދުން ފިލުމަށްފަހު رَسُولُ اللَّهِ صلّى الله عليه وسلّم އަޅުކަމުގައި މަޝްޣޫލުވެ ވަޑައިގެން ގަނޑުވަރުގައި އިންނެވުމަށްފަހު އެކަލޭގެފާނުންގެ މިސްކިތްކޮޅަށް ވަޑައިގެން މިންބަރުކޮޅުގައި އިށީދެ ވަޑައިގަތުމާއެކު މާތް ﷲ ރުއްސުންލެއްވި ބިލާލުގެފާނު ވަޑައިގެން މިސްކިތުގެ ދޮރުކޮޅުމަތީ ހުންނަވައިގެން ހުކުރު ނަމާދު ފެށިއްޖެ ކަމުގެ އިޢުލާން ކުރައްވައި ހުކުރުނަމާދަށް ބަންގިދެއްވަތެވެ. އޭރު ހުރިހާ އަޞްޙާބު ބޭކަލުން މިސްކިތަށް ވަޑައިގެން ތިއްބަވަތެވެ. އަދި އެބެއިކަލުންގެ ފަރާތުން ހުކުރު ނަމާދަށް އޮތް އަހުމިއްޔަތުކަމާއި ފަރުވާތެރިކަން ބޮޑުކަމާއި އެކަން އެގޮތަށް ދެމިއޮތުމުގެ ސަބަބުން، رَسُولُ اللَّهِ صلّى الله عليه وسلّم ގެ ދުވަސްވަރުގައްޔާއި މާތް ﷲ ރުއްސުންލެއްވި އަބޫބަކުރުއް ޞިއްދީޤާއި ޢުމަރު އިބްނުލް ޚައްޠާބްގެ ދުވަސްވަރުގައި މެންދުރު ނަމާދުގެ ވަޤުތު ވަދެފި ކަމުގެ އިޢުލާން ވަކިން ކުރެއްވުމެއްނެތި، ވަގުތު ވަދެއްޖެކަމާއި ހުކުރު ނަމާދު ފެށޭ ކަމުގެ އިޢުލާނު، އެކުއެކީ ކުރެވި، ދެކަމަށް އެއްބަންގިން ފުއްދާލެވެއެވެ. އަދި މާތް ﷲ ރުއްސުންލެއްވި ޢުމަރުގެފާނުގެ ދުވަސްވަރު މީސްތަކުން ހުކުރަށް އައުމަށް ލަސްވާތީ އެކަން ހަނދުމަކޮށްދިނުމުގެގޮތުން މީހަކު މަގުމައްޗަށް ނުކުމެ الصَّلاةُ الْجَامِعَة މިފަދައިން ގޮވާ އިޢުލާން ކުރައްވަތެވެ.ނަމަވެސް މާތްﷲ ރުއްސުންލެއްވި ޢުޘްމާނު އިބްނު ޢައްފާން ޛިއްނޫރައިނިގެ ދުވަސްވަރު މަދީނާގައި މީސްތަކުންގެ ބައިބޯވެ، އެބައިމީހުންގެ މަސައްކަތްތައް ގިނަވެ އިންތިހާއަށް މަޝްޣޫލުވުމުގެ ސަބަބުން ހުކުދުވަހުގެ ފުރަތަމަ ކޮޅުގެ ސާޢަތްތަކަށް ސަމާލުކަން ދިނުމުގެ މީސްތަކުން ފަރުވާކުޑަވެ، އެކަމުގައި ހީނަރުކަން އަންނާން ފެށުމުން، ހުކުރަށް ފަށައިގަތުމަށް އޮންނަ އިޢުލާނާއި ވަގުތުވަތްކަމުގެ އިޢުލާނާއި ދެކަމަށް ވަކިވަކިން އިޢުލާންކޮށް ވަގުތު ވަދެއްޖެކަން މީސްތަކުން އެންގުމުގެ ގޮތުން ހުކުރުގެ ފުރަތަމަ ބަންގި ހަމަޖެހިގެން ދިޔައެވެ. އަދި ފަރުޟު ފަސްނަމާދަށް ގޮވާލެވޭ ބަންގި، ހުކުރު ނަމާދަށްވެސް ގޮވުމަށް ސައްޔިދުނާ ޢުޘްމާނުބްނި ޢައްފާނު އަމުރު ކުރެއްވިއެވެ. އެހިސާބުން ހުކުރުގެ ދެބަންގި ފެށިގެން ދިޔައެވެ. އަދި މިކަން ފެށިގެން އައީ އެއްވެސް އަޞްޙާބު ބޭކަލެއްގެ އިންކާރު ކުރެއްވުމެއް ނެތިއެވެ. އެހެންކަމުން އުންމަތުގެ އިޖުމާޢުއިން ހުކުރު ނަމާދުގެ ދެބަންގި މަޝްރޫޢުވެގެން އައިސް މިއަދާ ހަމައަށް މިއަންނަނީ އިސްލާމީ އުއްމަތުގައި އެއްވެސް އިޚްތިލާފެއްނެތި މިކަމަށް ޢަމަލުކުރެވެމުންނެވެ.

ކަންމިހެން އޮތުމާއެކު މިހާރު އަޅުގަޑުމެންގެ ތެރޭގައި ޢަމަލު ކުރެވެމުން މިދާގޮތަކީ، އާދެ! ހުކުރު ނަމާދަށް ދެބަންގި ގޮވުމަކީ ފަހަރެއްގައިވެސް رَسُولُ اللَّهِ صلّى الله عليه وسلّم ގެ ސުންނަތާއި ޚިލާފު ބިދުޢައެކޭ ބުނެވޭނެ ކުޑަވެސް ޖާގައެއް ނެތެވެ. ކުރީގައި ބަޔާންވެ ގޮސްފައިވާ ފަދައިން، “އަލްޚުލަފާއުއް ރާޝިދޫން” އާދެ! ﷲ އެބޭކަލުންނަށް ރުއްސުންލެއްވި ހަތަރު ޚަލީފާއިންގެ ކިބައިން ސާބިތުވެއްޖެ ކޮންމެ ކަމަކީ ސުންނަތެކެވެ. رَسُولُ اللَّهِ صلّى الله عليه وسلّم ގެ ސުންނަތަށް ޢަމަލު ކުރުމުގެ ގޮތުން އަޅުގަނޑުމެންނަށް އޮތީ އެބެއިކަލުންގެ ގޮތުގައި ހިފުމެވެ. އިތުރު އެކަލޭގެފާނު އެކަމަށް އިރުޝާދު ދެއްވަމުން މިފަދައިން ވިދާޅުވެފައި ވެއެވެ. عَلَيْكُمْ بِسُنَّتِي وَسُنَّةِ الْخُلَفَاءِ الرَّاشِدِينَ الْمَهْدِيِّينَ عَضُّوا عَلَيْهَا بِالنَّوَاجِذِ([3]) (މާނައީ: ތިޔަބައިމީހުންގެ މައްޗަށް ތިމަން ރަސޫލާގެ ސުއްނަތުގައި ހިފުން ލާޒިމުވެގެން ވެއެވެ. އަދި ތެދުމަގު ލިބިވަޑައިގެން ތިއްބެވި ހަތަރު ޚަލީފާއިންގެ ސުއްނަތުގައިވެސް ހިފުން ލާޒިމުވެގެން ވެއެވެ. މީގައި ތިޔަބައިމީހުން ބާރަށް ހިފާހުށިކަމެވެ.)

އަދި މިކަމަކީ ހަމައެކަނި ތިންވަނަ ޚަލީފާގެ ޢުޘްމާނު އިބްނު ޢައްފާންގެ ޢަމަލަކަށްވެސް ނުވެއެވެ. އެދުވަސްވަރު ތިއްބެވި ހުރިހާ އަޞްޙާބު ބޭކަލުންގެ ޢަމަލުވެސް މެއެވެ. އެބޭކަލުންގެ އިޖްމާޢުއިން ސާބިތުވާ ކަމެއްމެއެވެ. ޢުޘްމާނު ޛިއްނޫރައިން މިކަމަށް އަމުރު ކުރެއްވުމުން ހުކުރު މިސްކިތުގެ ޖަމާޢަތް ދޫކޮށްލައްވާފައި ވަޑައިގެން ގޭގައި ހުކުރު ކުރެއްވުމަށް ޤަޞްދުކުރެއްވި ހަމަ އެއްވެސް ބޭކަލަކު އަޞްޙާބު ބޭކަލުންގެ ތެރޭގައިވެސް އަދި ތާބިޢީ ބޭކަލުންގެ ތެރެއަކުވެސް ނޫޅުއްވައެވެ. އެއެންމެހައި ބޭކަލުންގެ އިއްތިފާޤުން އެދުވަހުން ފެށިގެން މިއަދާހަމައަށް އިސްލާމީ އުއްމަތުގައި މިއަންނަނީ ދެބަންގީގެ ޢަމަލު ހިނގަމުންނެވެ. އެހެންކަމުން ވަކީންތަނެއް ޢައްޔަން ކުރައްވައިގެން رَسُولُ اللَّهِ صلّى الله عليه وسلّم ގެ ސުންނަތަށް ޢަމަލުކުރެއްވުމުގެ ގޮތުން އެއްބަންގި ގޮވައި ނަމާދު ކުރެއްވި ޞަޙާބީއެއް ނުވަތަ ތާބިޢީއެއްވެސް ނުވެއެވެ. އަދި އެއިރުންފެށިގެން މިއަދާއިހަމަޔަށް ދެޙަރަމުންކުރެ ޙަރަމެއްގައި އެއްބަންގި ގޮވައިގެން ހުކުރު ކުރެއްވިކަން ސާބިތުވާކަށް ވެސް ނެތެވެ. ވީއިރު ﷲ ރުއްސުންލެއްވި ޢުޘްމާނުބްނި ޢައްފާނުގެ ޚިލާފަތުން ފެށިގެން މުޅި އިސްލާމީ އުންމަތް އެމައްސަލައަކަށް އިޖުމާޢުވެފައިވާ މައްސަލައަކާ ޚިލާފަށް ތެދުވެ، رَسُولُ اللَّهِ صلّى الله عليه وسلّم ގެ ސުންނަތަށް ޢަމަލުކުރާށޭ ބުނެ އެނަމުގައި ބަޔަކުމީހުން މިއަދު އެއްބަންގި ގޮވައިގެން ހުކުރު ކުރަން އުޅޭނަމަ އެކަންވެގެންދާނީ ކަޑައެޅިގެން ބޮޑު ފިތުނައަކަށެވެ. ސުއްނަތާ ޚިލާފަށް ކުރެވޭ ކަމަކަށެވެ. އާދެ! ބިދުޢަކަށްވެގެންދާނީ އެފަދަޢަމަލެކެވެ.

ނިކަން ބައްލަވާށެވެ! މާތް ﷲ ރުއްސުންލެއްވި އައްސާއިބް އިބްނު ޔަޒީދުގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “كَانَ النِّدَاءُ يَوْمَ الْجُمُعَةِ أَوَّلُهُ إِذَا جَلَسَ اْلإِمَامُ عَلَى الْمِنْبَرِ عَلَى عَهْدِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَأَبِي بَكْرٍ وَعُمَرَ رَضِيَ اللَّهُ عَنْهُمَا فَلَمَّا كَانَ عُثْمَانُ رَضِيَ اللَّهُ عَنْهُ وَكَثُرَ النَّاسُ زَادَ النِّدَاءَ الثَّالِثَ عَلَى الزَّوْرَاءِ”([4]) (ޔަޢުނީ: رَسُولُ اللَّهِ صلّى الله عليه وسلّم ގެ ޙަޔާތްޕުޅުގައި ވެސް އަދި ﷲ ރުއްސުންލެއްވި އަބޫބަކުރާއި ޢުމަރާއި މިދެބޭކަލުންގެ ޚިލާފަތުގައި ވެސް ހުކުރު ނަމާދު ގޮވުން އައި ފުރަތަމަ ބަންގިއަކީ އިމާމާ މިންބަރުގައި އިށީނުމުންދެވޭ ބަންގިއެވެ. ދެންފަހެ ﷲ ރުއްސުންލެއްވި ޢުޘްމާނުގެ ޚިލާފަތުގައި މީސްތަކުން ގިނަވުމާހުރެ ތިންވަނަ ބަންގި އިތުރު ކުރަށްވައި، އެބަންގި ބާޒާރުމަތީގައި ހުރި އުސް ޢިމާރަތެއްގެ މަތީގައި ގޮވުމަށް އެކަލޭގެފާނު އެންގެވިއެވެ.)([5]) މިރިވާޔަތުގައި ތިންވަނަ ބަންގިއޭ އައިސްފައި އެވަނީ ކުރީގައި ގޮވެމުންއައި ބަންގިއާއި ޤަމަތެވެ. އެއީ ޤަމަތަށް ބަންގީގެ ނަމުން ނަންދެވިފައިވާތީއެވެ. މިގޮތުން އިސްލާމީ އުއްމަތަށް ތިންވަނަ ބަންގި ވުޖޫދަށް އައީއެވެ. މިތާނގައި ޢުޘްމާނުގެފާނު  އިތުރު ކުރެއްވި މިބަންގިއަށް ތިންވަނަ ބަންގިއޭ ބުނެވުނު ކަމުގައި ވިއަސް  އަޞްލުގައި މިހާރުގައި އޮންނަ ފުރަތަމަ ބަންގިއަކީ އެކަލޭގެފާނު އިތުރު ކުރެއްވި ބަންގިއެވެ.

ކޮންމެއަކަސް ހުކުރު ދުވަހުގެ މެންދުރު ވަގުތު ވުމުން ހުކުރަށް އައުމަށް ގޮވުމާއި އިމާމު މީހާ މިންބަރަށް އެރުމުން ހުކުރުގެ ފެށިއްޖެކަން އަންގައި އެކަމަށް ގޮވުމާއި ޚުޠުބާ ނިމި ނަމާދަށް ފަށަންވުމުން ނަމާދަށް ގޮވުމުގެ ގޮތުން ޤަމަތް ދިނުމާއި މިކަންކަމަކީ رَسُولُ اللَّهِ صلّى الله عليه وسلّم ގެ މިތުރު އަޞްޙާބުންގެ އިޖުމާޢުއިން ސާބިތުވެ އިސްލާމީ އުންމަތުގައި އެއާމެދު ކުޑަވެސް ދެބަސްވެރިވުމެއްނެތި މިހާތަނަށް ހިނގަމުން އައިސްފައިވާ އެންމެ ޞައްޙަ އަދި އެންމެ ޙައްޤުކަންބޮޑު ގޮތެވެ. އެހެންކަމުން ވަގުތު ވަދެއްޖެކަމުގެ އިޢުލާނާއެކު ހުކުރު ނަމާދަށް ދެވޭ ބަންގި ދިނުމުން މެންދުރު ނަމާދުގެ ވަގުތަށް ކަނޑައެޅިފައި އޮންނަ ސުންނަތް އަދާކުރަންވީއެވެ. މިކަމުގެ ދަލީލުތައް ބަޔާންވެ ހިނގައްޖެއެވެ. އެއިރުން ނަބަވީ އަގުމާތްވި އިރުޝާދުގައި ބަޔާންވެގެންވާ “بَيْنَ كُلِّ أَذَانَيْنِ صَلاَةٌ”([6]) (ޔަޢުނީ: ކޮންމެ ދެބަންގިއެއްގެ ދެމެދުގައި ސުއްނަތް ނަމާދެއް ކުރުން އޮވެއެވެ.) މި ޙަދީޘަށްވެސް ޢަމަލު ވެވުނީއެވެ. އަދި  ހުކުރުގެ ކުރީ މިސުއްނަތް ކުރުމީ ހަތަރު މަޛްހަބުގެ އިމާމުން އިއްތިިފާޤުވެ ވަޑައިގަންނަވާ ކަމެކެވެ. وَاللَّهُ أَعْلَمُ ! (އެންމެ ޞައްޙަގޮތް ބޮޑަށް އެނގިވޮޑިގަންނަވާނީ ﷲ އަށެވެ.)


މަޣުރިބު ނަމާދާއި ޢިޝާ ނަމާދުގެ އިހު ސުއްނަތް:             

ފަރުޟު ނަމާދުގެ އިސްފަހުގައި ކުރެވޭ ރަވާތިބު ސުއްނަތްތަކުގެ ތެރެއިން މަޣުރިބު ނަމާދާއި ޢިޝާ ނަމާދުގެ ކުރީގައި ކުރުމަށް އޮންނަ ދެރަކްޢަތް ނަމާދަކީވެސް ރަވާތިބު ސުއްނަތުގެ ތެރޭގައި ހިމެނޭ ރަކްޢަތްތަކެވެ.

ކުރީގައި ވެސް ބުނެވުނު ފަދައިން ސުއްނަތް ކިޔަނީ رَسُولُ اللَّهِ صلّى الله عليه وسلّم ގެ އަރިހުން އެކަލޭގެފާނުގެ ޢަމަލު ފުޅަކުން ނުވަތަ އެކަލޭގެފާނުގެ ބަސްފުޅަކުން ނުވަތަ އެކަލޭގެފާނުންގެ އަރިހުގައި އަޞްޙާބު ބޭކަލަކު ކުރަށްވާ ޢަމަލަކުން ސާބިތުވާ ކަންކަމެވެ. އެބަހީ މިތިން މަގުން ކުރެ ކޮންމެވެސް އެއް މަގަކުން ކަމެއް ސާބިތު ވެއްޖެނަމަ އެއީ ރަސޫލު ސުއްނަތެކެވެ.

މަޣުރިބު ނަމާދުގެ އިހު ސުއްނަތަށް ބަލާއިރު އިމާމު މާލިކާއި ޝާފިޢީއާއި އަޙްމަދާއި ދީނުގެ ގިނަ ދަންނަބޭކަލުންގެ މަޛްހަބަކީ އެއީ ސުއްނަތެއް ކަމަށެވެ. އަޞްޙާބު ބޭކަލުންނާއި ތާބިޢީންގެ ތެރެއިން ބައެއް ބޭކަލުން މިގޮތަށް މަޣުރިބު ނަމާދު ކުރިން ސުއްނަތް ކުރަށްވަތެވެ. އިމާމު އަބޫ ޙަނީފާއާއި އެނޫންވެސް ބައެއް ދަންނަބޭކަލުންގެ މަޛްހަބަކީ މިއީ ރަވާތިބު ސުއްނަތެއް ނޫންކަމަށެވެ. ހަތަރު ޚަލީފާއިން ޢަމަލު އޮތީވެސް މިގޮތުގައި ކަމަށް އިމާމު ނަވަވީ ވިދާޅުވެފައި ވެއެވެ. ޝާފިޢީ މަޛްހަބުގެ ބައެއް ބޭކަލުންވެސް މިގޮތަށް ތަރުޖީޙު ދެއްވަތެވެ.

މީގެ ދަލީލުތަކަށް ބަލާއިރު މިސުއްނަތް ނުކުރުމާ ބެހޭގޮތުން، މަޣުރިބު ނަމާދުގެ ވަގުތުގެ ކުޑަކަމުގެ ވާހަކަ ފިޔަވައި، އެހެން އެއްވެސް ޙުއްޖަތެއް އެކޮޅުގެ ޢިލްމުވެރިން ބަޔާންކުރަށްވާފައި ނޯވެއެވެ. އަނެއްކޮޅުގެ ދަލީލުތަކަށް ބަލާއިރު ވަރަށް ސާފު ދަލީލުތައް ފެންނާން އެބަހުއްޓެވެ. އެއީ ޤައުލިއްޔަ ޙަދީޘާއި ތަޤްރީރެވެ. މިދެވައްތަރުން ވެސް މިއީ ސުއްނަތެއްކަން ސާބިތުވާން އެބަ އޮވެއެވެ. އެހިންކަމުން މަޣުރިބު ނަމާދުގެ އިހު ސުއްނަތަކީ ކަނޑައެޅިގެން ސުއްނަތެކެވެ. ދެރަކްޢަތްވެސް ކުރެވިދާނެއެވެ. އަދި އެއަށްވުރެން ގިނައިންވެސް ކުރެވިދާނެއެވެ. ތިރީގައި އެކަމުގެ ބައެއް ދަލީލުތައް ހާމަކޮށްލާނަމެވެ.

(ހ) އެތަކެއް އަޞްޙާބު ބޭކަލުންގެ ކިބައިން އިމާމު ޝާފިޢީއާއި ބުޚާރީ ރިވާކުރަށްވާފައި ވެއެވެ. “كَانَ الْمُؤَذِّنُ إِذَا أَذَّنَ قَامَ نَاسٌ مِنْ أَصْحَابِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَبْتَدِرُونَ السَّوَارِيَ حَتَّى يَخْرُجَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَهُمْ كَذَلِكَ يُصَلُّونَ الرَّكْعَتَيْنِ قَبْلَ الْمَغْرِبِ وَلَمْ يَكُنْ بَيْنَ اْلأَذَانِ وَاْلإِقَامَةِ شَيْءٌ”([7])  (މާނައީ: ބަންގިގޮވާ މީހާ ބަންގި ގޮވައިނިމުމުން، ކީރިތި رَسُولُ اللَّهِ صلّى الله عليه وسلّم އަޞްޙާބުންގެ ތެރެއިން އެތަކެއް ބޭކަލުން އަވަހަށް ތެދުވެ ވަޑައިގެން ތަނބުތަކާ ދިމާއަށް މިސްރާބު ޖައްސަވަތެވެ. އަދި ކީރިތި رَسُولُ اللَّهِ صلّى الله عليه وسلّم ވަޑައިގަންނަވަންދެން ނަމާދުކޮށް ހައްދަވަތެވެ. އެހެންކަމުން އެބޭކަލުން މަޣުރިބު ނަމާދުގެ ކުރިން ދެރަކްޢަތް ކުރަށްވަތެވެ. އަދި ބަންގިއާއި ޤަމަތާ ދެމެދު އެހެންކަމެއް ނޯވެއެވެ.)

(ށ) އަދިވެސް އަނަސްގެފާނުންގެ ކިބައިން މިފަދައިން ރިވާވެގެން ވެއެވެ. “كُنَّا نُصَلِّي عَلَى عَهْدِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ رَكْعَتَيْنِ بَعْدَ غُرُوبِ الشَّمْسِ قَبْلَ صَلاَةِ الْمَغْرِبِ فَقُلْتُ لَهُ أَكَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ صَلاَّهُمَا قَالَ كَانَ يَرَانَا نُصَلِّيهِمَا فَلَمْ يَأْمُرْنَا وَلَمْ يَنْهَنَا”([8]) އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ. رَسُولُ اللَّهِ صلّى الله عليه وسلّم ގެ ދުވަސްވަރުގައި ތިމަންމެން  އިރު އޮއްސުމުން، މަޣުރިބު ނަމާދުގެ ކުރިން ސުއްނަތް ދެރަކްޢަތް ކުރަމެވެ. ރާވީ ވިދާޅުވަނީ ތިމަން އަނަސަށް ދެންނެވީމެވެ. ލޮބުވެތި رَسُولُ اللَّهِ صلّى الله عليه وسلّم ތިޔަ ދެރަކްޢަތް ކުރަށްވާތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. އެކަލޭގެފާނު ތިމަންމެން ނަމާދު ކުރާންތައް ބަލަހައްޓަވައިގެން ހުންނަވަތެވެ. އެދެރަކްޢަތް ކުރުމަށް ތިމަންމެނަށް ނާންގަވަތެވެ. އަދި ނުކުރާށޭ ވިދާޅެއްވެސް ނުވަތެވެ.

(ނ) އަދިވެސް މާތް ﷲ ރުއްސުންލެއްވި ޢަބްދު ﷲ އިބްނު މުޣައްފަލްގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ بَيْنَ كُلِّ أَذَانَيْنِ صَلاَةٌ لِمَنْ شَاءَ”([9]) (މާނައީ: رَسُولُ اللَّهِ صلّى الله عليه وسلّم ޙަދީޘުކުރެއްވިއެވެ. ކޮންމެ ބަންގިއަކާއި ޤަމަތެއްގެ ދެމެދުގައި ސުއްނަތް ނަމާދެއް ކުރުން ވެއެވެ. އެއީ އެމީހަކު ބޭނުން ނަމައެވެ.) މިނޫނަސް މިފަދަ އެތަކެއް ރިވާޔަތެއް މަޣުރިބު ނަމާދުގެ ކުރީން ދެރަކްޢަތާއި އެނޫންވެސް ބޭނުން ޢަދަދެއްގެ ރަކްޢަތް ކުރުމަށް ވާރިދުވެގެން އައިސްފައިވެއެވެ. ބައެއް ރިވާޔަތުގައި އެކަލޭގެފާނު މިފަދައިން ތިންފަހަރު  މަތިން ޙަދީޘު ކުރެއްވުމަށްފަހު ވިދާޅުވިއެވެ. އެކަމަކު ބޭނުން މީހަކަށެވެ.([10])

ޢިޝާ ނަމާދުގެ އިހު ސުއްނަތަކީވެސް މަޣުރިބު ނަމާދުގެ އިހު ސުއްނަތް ފަދަ ސުއްނަތެކެވެ. އަދި މިއީވެސް ދަންނަބޭކަލުން އެކަމާ ބަޙުޘު ކުރަށްވާފައި މައްސަލައެކެވެ.

ދީނުގެ ގިނަ ދަންނަބޭކަލުންގެ މަޛްހަބަކީ ޢިޝާ ނަމާދުގެ އިހު ސުއްނަތް ކުރުމީ ސުއްނަތެއް ކަމަށެވެ. އެއީ ހަތަރު މަޛްހަބުގެ އިމާމުންނެވެ. ނަމަވެސް ޒަވާހިރީން ވިދާޅުވަނީ އެއީ ސުއްނަތެއް ނޫން ކަމަށެވެ. އެބޭކަލުންގެ ޙުއްޖަތަކީ ޢިޝާގެ ކުރިން رَسُولُ اللَّهِ صلّى الله عليه وسلّم މިސުއްނަތް ކުރަށްވާފައި ނެތުމެވެ. ޖުމްހޫރުންގެ ދަލީލަކީ رَسُولُ اللَّهِ صلّى الله عليه وسلّم އަންގަވާފައި އޮންނަ ޢާއްމު ޤަވާޢިދެވެ. އެއީ ކޮންމެ ދެބަންގިއެއްގެ ދެމެދުގައި ސުއްނަތް ނަމާދެއް އޮތުމެވެ.

ތިރީގައި މިވަނީ މާތް ﷲ ރުއްސުންލެއްވި ޢަބްދު ﷲ އިބްނުއްޒުބައިރުގެ ކިބައިން ރިވާކުރަށްވާފައިވާ ޙަދީޘަކާއި ޢަބްދު ﷲ އިބްނުލް މުޣައްފަލް ރިވާކުރަށްފައިވާ ޙަދީޘެކެވެ. ޢަބްދު ﷲ އިބްނުއް ޒުބައިރުގެ ރިވާޔަތުގައި رَسُولُ اللَّهِ صلّى الله عليه وسلّم ގެ ޙަދީޘުފުޅު މިފަދައިން ރިވާ ކުރަށްވާފައި ވެއެވެ. “مَا مِنْ صَلاَةٍ مَفْرُوضَةٍ إِلاَّ وَبَيْنَ يَدَيْهَا رَكْعَتَانِ” (މާނައީ: އެއްވެސް ފަރުޟު ނަމާދެއްގެ ކުރީގައި ސުއްނަތުގެ  ގޮތުގައި ދެރަކްޢަތް ނަމާދު ކުރުން ނޯންނަ ފަރުޟެއް ނުވެއެވެ.) އަދި އިބުނުލް މުޣައްފަލްގެ ރިވާޔަތުގައި މިފަދައިން އައިސްފައި ވެއެވެ. “بَيْن كُلِّ أَذَانَيْنِ صَلاَةٌ”([11]) (މާނައީ: ކޮންމެ ބަންގިއަކާއި ޤަމަތެއްގެ ދެމެދުގައި ސުއްނަތް ނަމާދެއް ކުރުން ވެއެވެ.) މިޙަދީޘުގެ ބައެއް ރިވާޔަތުގައި އައިސްފައި ވަނީ އެކަލޭގެފާނު މިފަދައިން ތިން ފަހަރުމަތިން  ޙަދީޘު ކުރެއްވުމަށްފަހު ދެން ޙަދީޘު ކުރަށްވަނީ “ބޭނުން މީހަކަށެވެ.” އަދި އަނެއްބައި ރިވާޔަތުގައި އަންނަނީ “ފަރުޟު ނަމާދުގެ އިތުރުން” މިހެންނެވެ.([12])


ނިންމުން:

ބަޔާންވެ ދިޔައީ ޙައްޤުގޮތް ބަޔާން ކުރުމުގެ ނިޔަތުގައި އަޅުގަނޑު އެކުލަވާލި ބައެއް މައްސަލަތަކާ ބެހޭ ޚުލާޞާއެކެވެ.މިފޮތަކީ  މިހާރަކަށް އައިސް ދަލީލުގެ ގޮތުން ދަށް، މަދު ޢިލްމުވެރިން ކޮޅެއް ވިދާޅުވެފައިވާ ބަސްފުޅުތައް ބޮޑުކޮށްލައިގެން ބަޔަކު މީހުން ވާހަކަ ދައްކައި މީސްތަކުންގެ މެދުގައި ފިތުނަ އުފެދޭފަދަ ގޮތަކަށް ދީނުގެ މައްސަލަތައް ހާމަކުރަމުންދާތީ އެކަމާމެދު ޙައްޤު ގޮތް ބުނެލުމުގެ ގޮތުން އެކުލަވާލަން އަޅުގަނޑު ޤަޞްދުކުރި ކުޑަފޮތެކެވެ.

އަޅުގަނޑުގެ ދުޢާއަކީ މާތް الله سُبْحَانََهُ وَتَعَالَى  އަޅުގަނޑުމެންނަށް ކަންކަމުގެ ޙައްޤުގޮތް ހާމަކޮށް ދެއްވައި، ޙައްޤަށް ތަބަޢަވުމުގެ ހެޔޮ ތައުފީޤު ދެއްވުމެވެ. އަދި ބާޠިލު ގޮތްތަކުން އަޅުގަނޑުމެން ސަލާމަތް ކުރަށްވައި އެފަދަ ގޮތްތައް އަޅުގަނޑުމެންނަށް އެނގުމުގެ ތައުފީޤު ދެއްވުމެވެ.

وَصَلَّى اللَّهُ عَلَى سَيِّدِنَا مُحَمَّدٍ خَاتَمِ الأَنْبِيَاءِ وَالْمُرْسَلِينَ وَعَلَى آلِهِ وَصَحَابَتِهِ أَجْمَعِينَ. وَالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ. آمِينَ !

 

 

 

 

[1] މިޙަދީޘު ރިވާކުރެއްވީ އިމާމު މުސްލިމެވެ. މިޙަދީޘުގެ މާނައެއް ކަމުގައި ބައެއް ޢިލްމުވެރިން ވިދާޅުވަނީ އެއީ ނަރަކަ އެންމެ ހޫނުގަދަވާ ވަގުތު ކަމަށެވެ.

[2] މިޙަދީޘު އަބޫ ޤަތާދާއާއި އަބޫ ހުރައިރާއާއި އަބޫ ސަޢީދާއި މިތިން ބޭކަލުންގެ ކިބައިންވެސް ރިވާވެގެން ވެއެވެ. މިޙަދީޘު ގެންނަވާފައި ވަނީ އިމާމު އަބޫ ދާއޫދެވެ. އެކަލޭގެފާނު ވިދާޅުވަނީ މިއީ މުރްސަލް ރިވާޔަތެއް ކަމަށެވެ. އަދި އިމާމު އަލްބައިހަޤީވެސް މިރިވާޔަތް އަބޫހުރައިރާގެ އަރިހުން ރިވާކުރެއްވިއެވެ.

[3] ރިވާކުރެއްވީ އިމާމު އަޙްމަދާއި ތިރުމިޛީއާއި އަބޫދާއޫދާއި އިބްނު  މާޖާއެވެ. ތިރްމިޛީ ވިދާޅުވީ މިއީ ޞައްޙަ ޙަސަން ޙަދީޘެއް ކަމަށެވެ.

[4] މިޙަދީޘު ރިވާކުރެއްވީ އިމާމު ޝާފިޢީއާއި އަޙަމްދާއި ބުޚާރީއާއި ތިރްމިޛީއާއި އަބޫދާދޫއެވެ.

[5] މިތާގައި ތިންވަނަ ބަންގީގެ މުރާދަކީ ދެބަންގިއާއި ޤަމަތެވެ. އެހެންކަމުން ނަމާދުގެ ވަގުތު ވަނުމުން ފުރަތަމަ ބަންގި ގޮވައި، އިމާމާ މިންބަރަށް އެރުމުން ދެވަނަ ބަންގި ގޮވަން ފެށުނެވެ. އަދި އެހެން ނަމާދުތަކެކޭ ވެސް އެއްފަދައިން ޖަމާޢަތް ފެށުމަށްޓަކައި ޤަމަތް ދެވެއެވެ. މިއީ ޙަދީޘުގައި ބަޔާންކުރަށްވާފައިވާ ތިން ބަންގިއެވެ. އިމާމު ޝާފިޢީ އަލްމުސްނަދުގައި ގެންނަވާފައިވާ ރިވާޔަތުގައި އޮންނަނީ ޢުޘްމާނުގެ އިތުރު ކުރެއްވި ބަންގިއަކީ ފުރަތަމަ ކަމަށެވެ. އެދެރިވާޔަތުގައި އަންނަނީ  ހަމަ އެއްވާހަކައެކެވެ. އެއީ މެންދުރު ނަމާދުގެ ވަގުތު ޖެހުމުން ދެމުންދާ ބަންގިއެވެ.

[6] ރިވާކުރެއްވީ އިމާމު ޝާފިޢީއާއި އަޙްމަދާއި ދާރިމީއާއި 6 އިމާނުންނެވެ.

[7] ރިވާކުރެއްވީ އިމާމު ޝާފިޢީއާއި އިމާމު ބުޚާރީއެވެ.

[8] ރިވާކުރެއްވީ އިމާމު ޝާފިޢީއާއި އިމާމު އަޙްމަދާއި މުސްލިމެވެ.

[9] ރިވާކުރެއްވީ އިމާމު ޝާފިޢީއާއި އަޙްމަދާއި ހަ އިމާމުންނެވެ.

[10] މިގޮތަށް ރިވާކުރަށްވާފައިވަނީ އިމާމު އަޙްމަދާއި ނަސާއީއާއި އިބްނު މާޖާއެވެ.

[11] މިރިވާޔަތް އިމާމު ޝާފިޢީއާއި އަޙްމަދާއި އަދި ބުޚާރީއާއި މުސްލިމުގެ އިތުރުން އަނެއް ހަތަރު އިމާމުންވެސް ރިވާ ކުރަށްވާފައި ވެއެވެ. މިއީ ބުޚާރީގެ ރިވާޔަތެވެ. އަދި ބުޚާރީ ދެގޮތަކަށް މިރިވާޔަތް ގެންނަވާފައި ވެއެވެ. އިމާމު މުސްލިމުވެސް ދެމަގަކުން ގެންނަވާފައި ވެއެވެ.

[12] މިވާހަކަ މިއަށް ވުރެން ތަފްޞީލުކޮށް ބުޚާރީގެ ޝަރަޙަ “ފަތުޙުލްބާރީ”ގެ “بَاب اَلصَّلاَة بَعْدَ اَلْجُمُعَة وَقَبْلهَا” މިބާބުގައި އިބްނު ޙަޖަރު ބަޔާންކުރަށްވާފައި ވެއެވެ.

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment