ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
(21 ޑިސެންބަރ 2015 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
މާތް ﷲ ރުއްސުންލެއްވި ޢާއިޝާ (ރަޟިޔަﷲ ޢަންހާ)ގެ އަރިހުން ރިވާވެގެންވެއެވެ. "ކީރިތި ރަސޫލާ އަށް އިޚުތިޔާރު ލިބިވަޑައިގެން 2 ކަމެއް ހުށހެޅިއްޖެ ނަމަ، ފާފައެއް ކަމުގައި ނުވާހާ ހިނދަކު އެކަލޭގެފާނު ޚިޔާރުކުރައްވަނީ އޭގެ ތެރެއިން އެންމެ ލުއި ފަސޭހަ ގޮތެވެ."
ދީނުގެ ޙުކުމްތަކެއް ހަމަ އެކަނި ޙަދީޘެއްގެ މާނަ ބަލައިލައިގެނެއް ނޭގޭނެ ކަމަށް ޤަބޫލުކުރާންޖެހެއެވެ. އަޅުގަނޑުމެންގެ ތެރޭގައި ގިނަ އިޚުތިލާފުތައް އުފެދިފައި ހުރީ ކީރިތި ރަސޫލާގެ ޙަދީޘްފުޅުތަކުގެ (އަމުރުފުޅުތަކާއި އިރުޝާދުތަކުގެ) ޙާލަތަށް ރިޢާޔަތްކުރެއްވުމެއްނެތި، ބައެއް ޢިލްމުވެރީން ހަމައެކަނި ޙަދީޘްފުޅުތަކުގެ މާނައަށް ބައްލަވައިގެން ކަންކަން ނިންމަވާތީއެވެ. ކުރީގެ ބޮޑެތިބޮޑެތި އިމާމުން މި ފަދަ މައްސަލަތަކުގެ ރައުޔު ނެރުއްވައިފައިވާނީ ޤުރުއާނާއި ޙަދީޘަށް ބައްލަވައިގެން އެ އާޔަތެއް ބާވައިލެއްވި ސަބަބާއި، ރަސޫލާގެ ޙަދީޘްފުޅެއް ޙަދީޘްކުރެއްވި ޙާލަތަށް ރިޢާޔަތްކުރައްވައިގެން ކަން ކަށަވަރެވެ. އެ ފަދަ ބޮޑެތި އިމާމުންނަކީ (މިސާލަކަށް އެކި މަޛުހަބުތަކުގެ އިމާމުންނަކީ) ވަރަށް ތެދުވެރި ދީންވެރި ޢިލްމުވެރީންނެވެ. ވީމާ އެކި މަޛުހަބުތަކުގައި ހުންނަ ފަރުޢީ ޚިލާފުތަކަކީ ވެސް މަޞްލަޙަތާއި ޙާލަތަށް ރިޢާޔަތްކުރައްވައިގެން ދީނުގެ ޙައްޤުގައި ނެރުއްވައިފައި ހުންނަ ރައުޔު ކަމަށް އަޅުގަނޑުމެން ޤަބޫލުކުރާންޖެހެއެވެ. ވީމާ އެކި އިމާމުން ނެރުއްވައިވައިވާ ރައުޔުތަކުގައި ފަރުޢީ ޚިލާފުތައް ހުއްޓަސް އެއީ އެކަމާ އަޅުގަނޑުމެން ދެ ބަސްވެ އަރައިރުންވާންވީ ކަމެއްނޫނެވެ. ކަމެއް ކުރަންވީ ގޮތުގެ ތަފުޞީލެއް ރަސޫލާ ނުދެއްވައި އަދި އެކަމެއް ތަރުތީބުކުރާންވީ ގޮތާމެދު ވަކި ގޮތަކަށް އިރުޝާދު ދެއްވައިފައި ނުވާނަމަ، އެކަމުގެ ދާއިރާ ފުޅާވެގެންވާކަމަށް ދަލީލުލިބެއެވެ. އިޚުތިލާފަކީ ރަޙުމަތެކޭ ބުނާނީ އެހެންވެއެވެ. މިސާލަކަށް ބިސްމީގެ ވާހަކަ ދައްކައިލަމާތޯއެވެ؟

އަލްއިމާމުއްޝާފިޢީ ރަޙިމަހުﷲ ވިދާޅުވަނީ އަޑުހަރުކޮށް ކިޔަވާ ނަމާދުގައި އަޑުހަރުކޮށް، އެ ނޫން ނަމާދުތަކުގައި ސިއްރުން ބިސްމިކިޔަންވާނެ ކަމުގައެވެ. އެއް ރިވާޔަތެއްގައިވާ ގޮތުން ޢުމަރުގެފާނާއި ޢަލީގެފާނާއި ޢައްމާރުބްނި ޔާސިރު ވިދާޅުވަނީ، ސިއްރިއްޔަ ނަމާދެއްގައި ވިޔަސް ޖަހުރިއްޔަ ނަމާދެއްގައި ވިޔަސް ސިއްރުން ނޫނީ ބިސްމިއެއް ނުކިޔޭނެ ކަމުގައެވެ. އަހުލުބައިތުންކުރެ ފިޤުހުވެރީންގެ ޖަމާޢަލެއްގެ ބޭކަލުން ވިދާޅުވަނީ ހުރިހާ ނަމާދެއްގައި ވެސް ބިސްމި ކިޔާންވާނީ އަޑުހަރުކޮށެވެ. އިމާމު މާލިކުގެ ފާނުގެ ކިބައިން ރވާވެފައިވާ އެއް ރިވާޔަތެއްގައި ވާ ގޮތުން އަޑުހަރުކޮށްވެސް ސިއްރުން ވިޔަސް ބިސްމި އެއް ނުކިޔޭނެއެވެ.

މިކަމުގައި ފާހަގަކޮށްލާންޖެހޭ ކަމަކީ މިއިން ކޮންމެ ބޭކަލަކުވެސް އެ ބޭކަލެއްގެ ރައުޔު ނެރުއްވައިފައިވާނީ އެ ބޭކަލަކަށް ފެނިވަޑައިގަތް ހެކިތަކެއްގެ އަލީގައި ނުހަނު އިޚުލާޞްތެރިކަމާއެކު ދީނަށްޓަކައިކަމެވެ. ވީމާ މި ރައުޔުތަކުގެ ތެރެއިން އެމީހަކު އެއްވެސް ތަޢާއްޞުބެއްނެތި އިޚުލާޞްތެރިކަމާއެކު ބުރަވި ރައުޔަކީ، އަޅުގަނޑު ބުރާވާ ގޮތްކަމަށް ނުވިޔަސް އެއީ ތިމާގެ އަނެއް އަޚާ ކާފިރުކޮށް ފަސާދައުފައްދަންޖެހޭނެ ކަމެއްނޫނެވެ. މިއިން އެއްވެސް ގޮތަކީ ގޯސް ގޮތެކޭ އަޅުގަނޑުމެންނަކަށް ނުބުނެވޭނެއެވެ. މި ފަދަ ޙާލަތުގައިވެސް ދީނުގައި އޮންނަ އުޚުއްވަތްތެރިކަމާއި މުސާވާތުގެ ރީތި އުޞޫލު ދަމަހައްޓާންޖެހޭނެ އެވެ. އަދި ދީނުގެ މައިގަނޑު އަސާސް ކަމުގައިވާ މަޞްލަޙަތަށް އިސްކަންދޭންޖެހޭނެމެއެވެ.

ކީރިތި ރަސޫލާގެ އަރިހުން އެކި ކަންކަމާ މެދު ސުވާލު ދެންނެވުމުން ގިނަ ފަހަރަށް ޖަވާބު ދެއްވައިފައި ހުއްޓައި ފެންނަނީ އެ ސުވާލު ދަންނަވާ މީހާ އެ ސުވާލެއް ދަންނަވާ ޙާލަތަކަށް ރިޢާޔަތްކުރައްވައިގެންނެވެ. މިސާލެއް ދަންނަވަންތޯއެވެ؟ ކީރިތި މާތް ނަބިއްޔާ(صلى الله عليه وسلم)ގެ އަރިހުގައި މީހަކު އެއް ދުވަހަކު ސުވާލެއް ދެންނެވިއެވެ. އެންމެ މާތްކަން ބޮޑީ ކޮން ޢަމަލެއްތޯއެވެ؟ ޙަދީޘްކުރެއްވި އެވެ. “ﷲ ގެ މަގުގައި ޖިހާދުކުރުމެވެ.” އެހެން މީހަކު ހަމަ މި ސުވާލު ދެންނެވުމުން އިތުރު އެކަލޭގެފާނު (صلى الله عليه وسلم) ޙާދީޘްކުރެއްވި އެވެ. “(އެއީ) މައިންބަފައިންނަށް ހެޔޮކޮށް ހިތުމެވެ.” އަދި އެހެން މީހަކު ހަމަ މި ސުވާލު ދެންނެވުމުން އިތުރު އެކަލޭގެފާނު (صلى الله عليه وسلم) ޙަދީޘްކުރެއްވި އެވެ. “މީސްތަކުންނަށް އުނދަގޫކުރުމުން ދުރުހެލިވުމެވެ.” އަދިވެސް އެހެން މީހަކު ހަމަ މި ސުވާލު ދެންނެވުމުން އިތުރު އެކަލޭގެފާނު (صلى الله عليه وسلم) ޙަދީޘްކުރެއްވި އެވެ. “އެންމެ މާތްކަން ބޮޑު ޢަމަލަކީ ފަޤީރުންނަށް ޞަދަޤާތްކުރުމެވެ.”

މި ޙާދިސާއަށް ވިސްނައިލުމުން އެނގެނީ، އެ ސުވާލު ދަންނަވާ މީހާއަށް ނިސްބަތްކޮށް އޭނާއަށް ޖަވާބުދެއްވައިފައިވާކަމާއި މި ދެނެންވުނު ހުރިހާ ޢަމަލަކީ ވެސް ހަމަ އެންމެ ހެޔޮ ޢަމަލުކަމެވެ. ފިނޑި މީހާގެ ފިޑިކަމާ ހަނގުރާމަކުރުމަށްޓަކައި އޭނާގެ ފިނޑިކަމާ ހަގުރާމަކުރުމަށް އިރުޝާދުދެއްވީއެވެ. ތިމާގެކަމުގެ ގުޅުންކުޑަ އަދި މައިންބަފައިންނަށް ހެޔޮކޮށް ހިތުން ކުޑަ މީހަކަށް އެ އަންގަވަނީ މައިންބަފައިންނަށް ހެޔޮކްށް ހިތުމަށެވެ. އެ މީހެއްގެ ފަރާތުން މީސްތަކުންނަށް އުނދަގޫ ފޯރާ މީހަކަށް އެ އަންގަވަނީ އެކަން ނުކުރުމަށެވެ. އަދި ދަހި މީހަކަށް އެ އަންގަވަނީ ދަހިވެތިކަމުގެ ނުބައިކަމުން ސަލާމަތްވުމަށްޓަކައި ޞަދަޤާތް ދިނުމަށެވެ. މިއީ މިފަދަ ޙަދީޘްފުޅުތަކުން އަލްޙާފިޡު އިބްނި ޙަޖަރު ނަންގަވާ މަނައެވެ. ވީމާ ސުންނަތުން ސާބިތުވާ އެންމެ ހެޔޮ ޢަމަލަކީ މިވެނިކަމެކޭ، އެވެނިކަމެއް ނޫނޭ އަޅުގަނޑުމެންނަށް ބުނެވޭނެތޯ އެވެ!!

ކީރިތި ރަސޫލާ(صلى الله عليه وسلم)ގެ ގިނަ ޙަދީޘުފުޅުތައް ހުންނަނީ ސަބަބާއި ޙާލަތަށް ރިޢާޔަތްކުރައްވައިފައި ކަން ދޭހަވާ އެހެން މިސާލެއް ދަންނަވައިލާނަމެވެ. އަލްއިމާމުލްބުޚާރީ ރިވާކުރައްވައިފައިވެއެވެ. “އުޟުޙިޔާއަށް ކަތިލެވޭ ތަކެތީގެ މަހުގެ ތެރޭން އެއްވެސް މިންވަރެއް ތިން ދުވަހަށްވުރެ ދިގު މުއްދަކަތަށް ރައްކާކޮށްފައި ބެހެއްޓުން އެއް އަހަރަކު ކީރިތި ނަބިއްޔާ (صلى الله عليه وسلم) މަނާކުރެއްވި އެވެ. ދެން އެއަހަރު ނިމި އަނެއް އަހަރު އައުމުން އެފަދަ ތަކެތި، ފަހަށް ރައްކާކޮށްފައި ބެހެއްޓުމމާމެދު މީހުން ވާހަކަދައްކާން ފަށައިފިއެވެ. މި ގޮތަށް މިކަމާމާމެދު ވާހަކަދެއްކި މީހުންނާ މުޚާޠަބުކުރައްވައި ނަބިއްޔާ (صلى الله عليه وسلم) ޙަދީޘްކުރެއްވި އެވެ. ތިޔަބައި މީހުން ހިތުހުރި ވަރަކަށް ކެޔަސް އަދި ފަހަށް ރައްކާކުރިޔަސް އެންމެ ރަނގަޅެވެ. ތިޔަބައިމީހުންނަށް މި ދިޔަ އަހަރު ތިމަން ކަލޭގެފާނު އެކަން މަނާކުރެއްވީ އެއީ މީސްތަކުންނަށް ދިމާވި ތަދުމަޑުކަމުގެ އަހަރެއް ކަމުގައިވާތީ އެވެ. ވީމާ ތިމަން ކަލޭގެފާނުގެ ޤަޞްތަކަށްވީ އެކަމުގައި ތިޔަބައިމީހުން ފަޤީރުންނަށް އެހީތެރިވުމެވެ.”

އެހެން މިސާލަކަށް ބަލާއިރު، ގަޔަށް ޖަހާ ސެންޓްގައި އަލްކަޙޫލްގެ މާއްދާއެއް ކަމަށްވާ އިސްފިރޭޓު ހިމެނޭތީ އެއީ ނަޖިހެއްކަމަށް ޤަބޫލުކުރާ ބަޔަކު އެބަ އުޅެއެވެ. އެއީ އެބައިމީހުންގެ ރައުޔެވެ. ޙަރާމްކުރެއްވިގެންވާ ރާއަށް އަސަރުފޯރުވާ ސަބަބަކީ އަލްކަޙޫލްގެ މާއްދާކަމަށް އެ މީހުން ޤަބޫލުކުރާތީއެވެ. މިއީ ދީނަށް އިޙުތިރާމްކުރުމުގެ ގޮތުން ނުވަތަ ބޮޑަށް ރައްކާތެރިވުމުގެ ގޮތުން އެ މީހުން ޢަމަލުކުރާ ގޮތެވެ. އެއީ މައްސަލައެއް ކަމަކަށް އަޅުގަނޑު ނުދެކެމެވެ. ނަމަވެސް މައްސަލައަކަށް ވަނީ މި ގޮތް ޤަބޫލު ނުކޮށް ސެންޓަކީ ނަޖިހެއް ނޫންކަމަށް ބަލައިގެން ސެންޓުޖަހައިގެން މިސްކިތަށް އަރާ މީހުން ކާފިރުކުރާ ހިސާބަށް ބައެއް މީހުން ގެންދާތީއެވެ. އަލްކަޙޫލް ހުންނަ ސެންޓް އެއީ ނަޖިހެއް ކަމަށް ބަލާ ބަޔަކު އެ ގޮތަށް ބައްލަވަނީ ވެސް އަޞްލަކަށް ބައްލަވައިގެން ހަމަ ދީނަށްޓަކައެވެ. ހަމައެފަދައިން ސެންޓަކީ ނަޖިހެއް ނޫންކަމަށް ދެކޭ މީހުން އެ ގޮތަށް ބަލަނީ ވެސް ޖެއްސުމަކަށް ނޫނެވެ. އަޞްލެއްގެ މައްޗަށެވެ. މިބައިމީހުންނަށް ސާބިތުވެފައިވަނީ ކަމީރުވެފައިވާ ކާނާގެ ބާވަތްތަކަށް އަސަރުފޯރުވާ އެއްޗަކީވެސް މި އިސްފިރޭޓުގެ މާއްދާ ކަމަށް ވެފައި މިއީ ޙަލާލު އެއްޗެއްކަން އެ މީހުން ދަންނާތީއެވެ. މިސާލަކަށް ފުށްގަނޑު ކަމީރުކޮށްގެން ފިހާ ޕާނާއި ބަނަހާއި ޒިލޭބީ ފަދަ ތަކެތި އެއްވެސް މީހަކު ނަޖިސް އެއްޗެއްކަމަކަށް ނުބަލައެވެ. އަދި ޙަރާމް ކޮންމެ އެއްޗަކީ ނަޖިހެއްނޫންކަމަށާއި ކޮންމެ ނަޖިހަކީ މާއްދީ ނަޖިހެއް ނޫންކަން އެ މީހުންނަށް އެނެގޭތީ އެވެ.

މާފުކުރައްވާށެވެ! މިދައްކަނީ އަޅުގަނޑުގެ އިސްކޮޅަށްވުރެ މާ އުސް ވާހަކައެއްކަން ވެސް އެނގެއެވެ. އެއްވެސް ޙާލެއްގައި އަޅުގަނޑު ފަތުވާއެއް ދެނީކީ ނޫނެވެ. އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންގެ ސަމާލުކަމަށް ގެނެވޭތޯ މި އުޅެނީ އެކި އިމާމުވެރި ބޭކަލުން ދެއްވައިވައިވާ ރައުޔު ތަފާތު ވިޔަސް އެއީ މައްސަލައެއް ނޫނޭ ދަންނަވައިލުމެވެ. އަދި ޙަދީޘެއްގެ މާނައަށް އެކަނި ބައްލަވައިގެން ކަންކަމުގެ ފަތުވާ ނެރެ ޚިޔާލުފާޅުކުރުމަކީ އިސްލާމްދީނުގެ އޮތް ލުއިފަސޭހަކަމާއި މަޞްލަޙަތަށް އިސްކަންދިނުމުގެ އަސާސްތަކާ ޚިލާފުވެދާނެކަމެކޭ ދަންނަވައިލުންވެސްމެއެވެ.

(ނުނިމޭ)

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.