ކީރިތި ޤުރްއާނުގެ ބާރަ ވަނަ ސޫރަތަކީ ޔޫސުފް ސޫރަތެވެ. ﷲ އަންގަވައިފައިވާ ގޮތުގައި އެ ސޫރަތުގައި އެކަލާނގެ އަންގަވައި ދެއްވައިފައި ވަނީ “އެންމެ ރީތި ވާހަކަ”އެވެ. އެއީ، ބައްޕާފުޅާއި، އަދި އެއް ބައްޕާފުޅު އަޚުންނާއެކު ފަލަސްތީނުގައި ދިރިއުޅުއްވަމުން ގެންދެވި ޔޫސުފް ޢަލައިހިއްސަލާމްގެވާހަކައެވެ. ޔޫސުފް ޢަލައިހިއްސަލާމްގެ އުމުރުފުޅުން އެންމެ ބާރަ އަހަރުގައި އެކަލޭގެފާނުގެ އަޚުން، އެކަލޭގެފާނަށް ހަސަދަވެރިވެވަޑައިގެން، ޖަންގަލި ތެެރޭގައި ހުރި ހިކި ވަޅަކަށް އެކަލޭގެފާނު ވައްޓަވައިލައްވައިފިއެވެ. އެހެންނަމަވެސް ﷲ ގެ ނިޔާފުޅު އޮތީ މުޅީން އެހެން ގޮތަކަށެވެ.…

ކީރިތި ޤުރްއާނުގެ ބާރަ ވަނަ ސޫރަތަކީ ޔޫސުފް ސޫރަތެވެ. ﷲ އަންގަވައިފައިވާ ގޮތުގައި އެ ސޫރަތުގައި އެކަލާނގެ އަންގަވައި ދެއްވައިފައި ވަނީ “އެންމެ ރީތި ވާހަކަ”އެވެ. އެއީ، ބައްޕާފުޅާއި، އަދި އެއް ބައްޕާފުޅު އަޚުންނާއެކު ފަލަސްތީނުގައި ދިރިއުޅުއްވަމުން ގެންދެވި ޔޫސުފް ޢަލައިހިއްސަލާމްގެވާހަކައެވެ. ޔޫސުފް ޢަލައިހިއްސަލާމްގެ އުމުރުފުޅުން އެންމެ ބާރަ އަހަރުގައި އެކަލޭގެފާނުގެ އަޚުން، އެކަލޭގެފާނަށް ހަސަދަވެރިވެވަޑައިގެން، ޖަންގަލި ތެެރޭގައި ހުރި ހިކި ވަޅަކަށް އެކަލޭގެފާނު ވައްޓަވައިލައްވައިފިއެވެ. އެހެންނަމަވެސް ﷲ ގެ ނިޔާފުޅު އޮތީ މުޅީން އެހެން ގޮތަކަށެވެ. އެ ކަލޭގެފާނު ވައްޓަވައލެއްވުނު ވަޅުގެ ކައިރީން ދިޔަ ގާފިލާއެއްގެ ބަޔަކު، އެ ކަލޭގެފާނު ވަޅުން ނަގައި ސަލާމަތް ކޮށްފިއެވެ. އެ މީހުން އެ ކަލޭގެފާނު މިސުރަށް ގެންގޮސް ބާޒާރުގައި ނީލަން ކިޔައި ވިއްކައިލިއެވެ. އެކަލޭގެފާނަށް ފަލަސްތީނުން މިސުރަށް ވަޑައިގެންނެވުނު ގޮތަކީ މިއީއެވެ.

ބާޒާރުން ޔޫސުފު ޢަލައިހިއްސަލާމް ބައްލަވައިގަތީ މިސުރުގެ ވަޒީރެކެވެ. އޭރު މިސުރުގެ ރަސްކަމުގައި ހުންނެވީ ބުދަށް އަޅުކަން ކުރައްވާ ބޭފުޅެކެވެ. ޔޫސުފު ޢަލައިހިސައްލާމް ނިސްބަތްވެ ވަޑައިގަންނަވަނީ އިބްރާހީމް ޢަލައިހިއްސަލާމްގެ އާއިލާއަށެވެ. އިބްރާހީމް ޢަލައިހިއްސަލާމަކީ ﷲ ގެ އެއްކައުވަންތަކަމަށް އީމާން ވެވަޑައިގެން ހުންނެވި މުސްލިމެކެވެ. އަހަރުތަކެއް ފަހުން، ބޮޑުފުޅުވެ ތަސައްރަފު ފުދުނު ފަހުން، ޔޫސުފު ޢަލައިހިއްސަލާމަށް ރަސްގެފާނުގެ ފައިންޕުޅު ފެނިވަޑައިގެންފިއެވެ. ރަސްގެފާނަށް، އެކަލޭގެފާނުގެ ޝަޚްސިއްޔަތާއި، ހިކުމަތްތެރިކަން ފެނިވަޑައިގެން ހިތްޕުޅާ ހަމަ ކުރައްވައި، އެކަލޭގެފާނަށް ސަރުކާރުގެ އިސް މަގާމެއް ހަވާލު ކުރައްވައިފިއެވެ. މިހާރުގެ ގޮތަށް ދަންނަވާނަމަ އޭރު އެކަލޭގެފާނަށް ލިބިވަޑައިގެންނެވި ވަޒީފާއަކީ ދަނޑުވެރިކަމާ ބެހޭ ވަޒީރުކަމުގެ ވަޒީފާއެވެ. އާދެ، މިނިސްޓަރ އޮފް އެގްރިކަލްޗަރ ކަމުގެ ވަޒީފާއެވެ. ބައިބްލްގައި ލިޔެފައިވާާ ގޮތުން ނަމަ، ރަސްގެފާނު ވިދާޅު ވިއެވެ. “ކަލޭގެފާނު ހުންނަވާނީ އަހުރެންގެ ގަނޑުވަރުގައެވެ. އަހުރެންގެ ރައްޔިތުންނަށް ވެރިކަން ހިންގަމުންް ގެންދާނީ ކަލޭގެފާނު ވިދާޅުވާ ގޮތަކަށެވެ. އަހުރެންގެ އިސްކަމެއް އޮންނާނީ ހަމައެކަނި ތަޚުތުގެ މުޢާމަލާތްތަކުގައެވެ.” (ޖެނެސިސް 42:40)

ޔޫސުފް ޢަލައިހިއްސަލާމް ވަޒީފާޔާ ހަވާލުވެ ވަޑައިގެން ވަރަށް ރަނގަޅަށް މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރައްވަމުން ގެންދެވިއެވެ. އެ ދުވަސްވަރަކީ މިސުރާއި، މިސުރުގެ ވަށައިގެން ހުރި ރަށްރަށަށް ވަރަށް ބޮޑު ތަދުމަޑުކަމެއް ލައިގަތް ދުވަސްވަރެކެވެ. އެފަދަ ދުވަސްވަރެއްގައި ޔޫސުފް ޢަލައިހިއްސަލާމް ގެ މަސައްކަތްޕުޅުން ލިބުނު ކުރިއެރުމުގެ ސަބަބުން ރައްޔިތުން ނުހަނު ބޮޑަށް އުފާކޮށް، އެކަލޭގެފާނަކީ އެ މީހުންގެ ބަތަލެއް ކަމަށް ބަލައިގެންފިއެވެ. މި ވާހަކަ ބަޔާންކޮށް ދެއްވުމަށް ފަހު ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރެއްވިއެވެ. “ހަމަކަށަވަރުން، ތަގުވާާވެރިވެ ކެތްތެރިވާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އިހުސާންތެރިންގެ ދަރުމަ، ﷲ ގެއްލެނި ނުކުރައްވާނެތެވެ.” (ޔޫސުފް ސޫރަތުގެ 90 ވަނަ އާޔަތުން ބައެއް)

ޔޫސުފް ޢަލައިހިއްސަލާާމަށް މިފަދަ މަތިވެރި ދަރަޖަޔަކާއި މަގާމެއް ލިބިވަޑައިގަތީ ކީއްވެގެންތޯއެވެ؟ ޔޫސުފް ސޫރަތް ކިޔައި ވިސްނައިލީމާ ފެންނަ ކަންތައްތަކަކީ މިއީއެވެ.

1.     ޔޫސުފް ޢަލައިހިއްސަލާމްގެ އަޚުން އެކަލޭގެފާނާ ދެކޮޅަށް ވަރަށް ނުރައްކާތެރި ރޭވުމެއް ރާއްވަވައި، އެ މައްޗަށް އަމަލު ކުރެއްވިއެވެ. އެ ރޭވުމުގެ ބޭނުންފުޅަކީ އެކަލޭގެފާނު އަވަހާރަ ކޮށްލުމެވެ. އެހެންނަމަވެސް އެކަލޭގެފާނުގެ ހިތްޕުޅަކު ނަފުރަތުގެ ޝުޢޫރެއް ނުހިނގައެވެ. ބަދަލު ހިއްޕެވުމުގެ ޚިޔާލުފުޅެއް ނުކުރައްވައެވެ. އެ ބޭފުުޅުން މިސުރަށް ގެންނަވައި، މާފު ކުރައްވައި، ހެއުކޮށް ހިއްތެވި ގޮތް ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވައިފައި ވެއެވެ.

2.     ގާފިލާގެ މީހުން އެ ކަލޭގެފާނު މިސުރަށް ގެންގޮސް އަޅެއްގެ ގޮތުގައި ވިއްކައިލީއެވެ. އެކަލޭގެފާނު އެކަމާ ދެކޮޅު ހައްދަވައި، ގަދަ ދެއްކެވުމުގެ އެއްވެސް ކަމެއް ނުކުރައްވައެވެ. ތިމަންކަލޭގެފާނަކީވެސް އިންސާނަކީމޭ، ވިޔަފާރި މުދައްލެއްގެ ގޮތުގައި ބޭނުން ނުކުރާށެކޭ ވިދާޅެއް ނުވެއެވެ.

3.     މިސުރުގައި އުޅުއްވުމުގައި އެކަލޭގެފާނުގެ ސާހިބު މީހާއަކަށް ނުވަތަ ރަސްގެފާނަކަށް އުނދަގޫފުޅެއް ނުކުރައްވައެވެ.

4.     ބުދަށް އަޅުކަން ކުރާ ބައެއްގެ ތެރޭގައި އުޅުއްވާން ޖެހިވަޑައިގަތީމާވެސް ކެތްތެރިވެ ވަޑައިގެން ހުންނެވިއެވެ. މިސުރުގެ ރަސްގެފާނު ދެއްވި ފުރުސަތުގެ ބޭނުންފުޅު ހިއްޕަވައިގެން ކުރިއަށް ވަޑައިގަތީއެވެ.

އެކަލޭގެފާނުގެ ކާމިޔާބީގެ ސަބަބުތަކުގެ ގޮތުގައި ކީރިި ޤުރްއާނުގައްޔާއި ބައިބްލްގައި ބަޔާން ކޮށްފައިވާ ސަބަބު ތަކަކީ މިއީއެވެ.

(މަވްލާނާ ވަޙީދުއްދީން ޚާންގެ ލިޔުއްވުމެއްގެ ތަރުޖަމާ)

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment