އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ
ކީރިތި މާތް ރަސޫލާ ސައްޔިދިނާ މުޙަންމަދު ޞައްލަﷲ ޢަލައިހި މަސައްލަމަ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް ތާރީޚަކާމެދު ތާރީޚު ޢިލްމުވެރިންގެ މެދުގައި ޚިލާފެއް ހުރިކަމަށް އެނގިފައިވެ އެވެ.  އެ ރޭގެ ތާރީޚުގެ މައްޗަށް މުއައްރިޚުންގެ މެދުގައި ޚިލާފު އުފެދުނު ފަދައިން، އެ  ރޭގެ ޛިކުރާ އާކުރުމާއި، އެ ރޭ ފާހަގަ ކުރުމުގެ ގޮތުން ޚާއްޞަ އެއްވެސް ކަމެއް ކުރުމުގެ ޝަރުޢީ ޙުކުމާމެދު ދަންނަބޭކަލުންގެ މެދުގައި  ޚިލާފުތަކެއް ހުންނަކަމަށް ވެއެވެ. އެހެންކަމުން އެ ކަންކަމުގެ ހަމަ ނަހަމަ ކަނޑަ އެޅުއްވުން ދީނުގެ މުޢުތަބަރު ދަންނަ ބޭކަލުންގެ މައްޗަށް ދޫކޮށްލާފައި، މި މައުޟޫޢުގައި އަޅުގަނޑުގެ އިސްކޮޅުކާ ދިމާއިން  ފަށައިގަންނަމެވެ.


އަޅުގަނޑު ގަސްތުކޮށްގެން މި އުޅެނީ،  ރަބީޢުލް އައްވަލު މަހުގެ 12 ވިލޭރޭ ދިވެހިން ފާހަގަ ކުރަމުން އައިގޮތުގެ މައްޗަށް ކުޑަ ނަމަވެސް އެއްޗެއް ދަންނަވާލަން ކަމަށެވެ. މުޅި ރާއްޖޭގެ މައްޗަށް އެކުލެވޭ ދިރާސާއެއްގެ ގޮތަކު ނޫނެވެ. އަޅުގަނޑު  ކުޑަ އިރު އުފަން ރަށުން، ފެނުނު ފެނުމުގެ މައްޗަށެވެ.  ކަން ކޮންމެ ހެނެއް އޮތަސް މި ކަމަކީ، ދިވެހިންގެ ތާރީޚާއި ސަގާފަތާއި އާދަކައިދައިގެ ބަޔަކަށްވާތީ އެވެ. 
ބާރަޔަށް ތައްޔާރުވުން:ބާރަޔަށް ތައްޔާރު ވުމަކީ ބާރަ ވިލޭރެއަށް ތައްޔާރު ވުމެވެ. ބޮޑު މާލޫދަށް ތައްޔާރުވުމެވެ. އެކަމަށްޓަކާ ވަރަށް ދުރާލައި ތައްޔާރުވެއެވެ. ދިރިއުޅުމަށްޓަކައި އާމްދަނީ ހޯދުމަށް ދުރު ރަށްރަށުގައި މަސައްކަތްކުރާ މީހުން  ރަބީޢުލް އައްވަލުމަހަށް ހަނދުބަލަންވާއިރަށް، ރަށަށް އަންނާނެއެވެ. މި އައުމަށް ކިޔަނީ ބާރަޔަށް ރަށަށް އައުމެވެ. ދުރު ރަށްރަށުގައި ވަޒީފާ އަދާކުރަން ތިބި ފިރިހެނުން ރަށަށް އައިސް، ގެދޮރު ފޮޅައި ސާފުކޮށް އާބާތުރަ ފިލުވާނެއެވެ. ހަމަ އެހެންމެ  މާލޫދަކީ، ބޮޑެތި ކެއްކުންތަކެއް ކަންކަންކަން ޖެހޭ ގޮތަށް އިންތިޒާމު ކުރެވިފައިވާ ކަމަކަށްވާތީ ކެއްކުމަށް ބޭނުންވާ ހުރިހާ ސާމާނެއް ހޯދައި، ދުރާލައި ތައްޔާރު ވާނެއެވެ. ދިރި ދަވިއްގަނދު އަސޭ މިރުހެވެ. ކުކުޅު ހަވާދަށް ބޭނުންވާ ތަކެއްޗެވެ. ޕާޕަރާއި، ކުކުޅުބިހާއި ސަޓަނި ހަދާނެ ސާމާނެވެ. ދޮންކޭލެވެ. ބޮޑެތި ތެލިތަކެވެ. މަލާފަތެވެ. މަލާފަތް ހަލާކުވެފައި ހުރިއްޔާ ރީތި ކުރާނެ އެވެ. ނުވަތަ އާ މަލާފަތެއް ލިޔުއްވާނެ އެވެ. ބާރަޔަށް މާލެ ދިޔުން:ބާރަޔަށް މާލެ ދިޔުމަކީ، ބާރަ މާލޫދަށް ބޭނުންވާ ތަކެތި ހޯދުމަށްޓަކައި މާލެއަށް ކުރާ ދަތުރެކެވެ. މި ކަމަށް ދޯނި ފަހަރު ތައްޔާރު ވެއެވެ. ނެވިންނާއި އޮޑިވެރިންނެވެ. ފަޅުވެރިންނާއި، ދަތުރުވެރިންނެވެ. ގޭގޭގެ ޚަރަދު ބަދަރު ބަލަހައްޓަންޖެހިފައިވާ، ބަލަދުވެރިންނެވެ. މުޅި އަހަރު ދުވަހުގެ ތެރޭގައި މީރު ކާއެއްޗެއްގެ،  ރީތި ހެދުމެއްގެ އުފާވެރިކަން އިޙްސާސް ކުރެވޭނެ ނަސީބު ލިބިފައި ނުވާ ކުޑަ ކުދީންނެވެ. މި ތައްޔާރީތަކުގައި ގޭތެރޭގެ ބަޔަކީ މިއެވެ. މަންމައާއި ބައްޕަ، ނުވަތަ ގޭގެ މަސްއޫލުވެރީން މަސައްކަތް ކުރާނީ ވިއްކަން  މާލެ ގެންދާނެ އެއްޗެހި އެއްތަން ކުރެވޭތޯ އެވެ. ކުރުނބަޔާއި، ކާއްޓެވެ. ބަނބުކޭލާއި ފަތްކޭލެވެ. ފަންތޮށްޓާއި އުނބު ދަރެވެ. ފަލަމަޑީގެ ބާވަތްތަކާއި ދަނޑުފަނގުގެ ތަފާތު ނަފާ އެވެ.  ފަތްޕިލާވެެއްޔެވެ. މޭވާއާއި ތަރުކާރީ އެވެ.  އެޒަމާނުގައި މާލޭގެ ދަރުމާރު ކޭޓަކީ، އިހާ ގޮނޑިއެއް ހިކި ފަނެއް ގެނަޔަސް ވިކޭ ތަނެކެވެ. މާލޭގެ މީހުންވެސް އޭރު އާންމުކޮށް ކައްކައި އުޅެނީ ދަރުއުނދުނުގައި ކަމަށްވާތީ އެވެ.   ފުރަން އޮންނަ ރޭގެ ރޭގަނޑު ކެއުމަށް ފަހު، ކޮންމެ ގެއެއްގައިހެން، ބޮޑު އަށިމަތީގައި، ޚާއްޞަ މަޖިލީހެއް އޮވެއެވެ. އެއީ މާލޫދަށް ގަންނާނެ ތަކެތީގެ ލިސްޓު ފާސްކުރުމުގެ މަޖީލީހެވެ. ކެއްކުމަށް ބޭނުންވާ ސާމާނެވެ. ކުދީންނަށް ބޭނުންވާ ހެދުމާއި އަންނައުނެވެ. އެޒަމާނުގައި އާންމުކޮށް ކުއްޖަކަށް ހެދުމެއް ލިބެނީ ބޮޑު މާލޫދަށް، ނޫނީ ޢީދަކަށެވެ. އެހެން ނޫނީ ގިނަ ކުދީން  ތިބެނީ ކިރިޔާ ފިނދުމަސްގަނޑު ނިވާވާވަރުގެ ސޯޓުކޮޅަކުން ނިވާވިތަނެއް ނިވާވި ގޮތަކަށް ނިވާކޮށްގެންނެވެ.  ރަނގަޅަށް ކާންބޯން ނުލިބޭތީއާއި، ތަފާތު ވައިރަލް ރޯގާތަކުގެ ސަބަބުން، ކަސްއަޅައި ގައިގެ އެތަން މިތާނގައި ތިން ހަތަރު ރޯ ފާރުގަނޑުން މެހިބުރަބުރައި ނެތް ކުއްޖަކު މަދުވާނެ އެވެ. ބާރަޔަށް މާލެ ދިޔަދޯނި ލެފުން: ބާރަޔަށް މާލެ ދިޔަ ދޯނި ރަށަށް ލަފާ ދުވަހަކީ ވެސް ބޮޑު ދުވަހެކެވެ. ދޯނި އަންނާނެ ދުވަސް އޮންނަނީ ދުރާލައި ތަޖުރިބާއިން ލަފާކުރެވި ފައެވެ. އެހެންކަމުން އެ ދުވަހަށް އިރު އެރީއްސުރެން އަތިރިމަތީގައި ކުރުކާލި ކަނޑަކަނޑާ ތިބޭ އެއްބަޔަކީ ކުޑަ ކުދީންނެވެ. ދޯނި ލަފާ ވަގުތަށް މުޅި ރަށުގެ ހުރިހާ ކުދިންހެން އެތަނަށް ޖަމާވެ ތިބެ އެވެ. އެކުދީންނަށް މިއީ ވަރަށް ބޮޑު ދުވަހެކެވެ.  ޢީދު ދުވަހެކެވެ. ކުކުޅު ރިހަ ކާންލިބޭ ދުވަސް ކައިރިވާތީ އެވެ. އެ އޮޑިން އާ  ހެދުމެއް ގެންނާތީ އެވެ. ލަންދޭސީ މެޓާ ލިބޭނެތީ އެވެ. ހަނދާން އެބަހުއްޓެވެ. އަޅުގަނޑުގެ ބައްޕަ  މާލޭން ދުރުވި ފަހަރެކެވެ. ހަނދާން ވާގޮތުން އޭރު އަޅުގަނޑުގެ އުމުރުން ވާނީ، ހައެއްކަ އަށެއްކަ އަހަރެވެ. ބޭނުންވާ އެއްޗެއް ނުލިބިއްޖެއްޔާ ބޮޑާ ހާކާ އުމުރު ދޮގެއްތޯ އެވެ؟ އެހެންކަމުން ކުރިމަތިވި މައްސަލަ ބައްޕަ ހައްލު ކުރެއްވި ގޮތުން އެޒަމާނުގެ ރަށްފުށު ކުއްޖެއްގެ އާންމު މައުލޫމާތު ހުންނަ ފެންވަރު ހާމަ ވެއެވެ. އެފަހަރު ކަން ދިމާވި ގޮތުން ބައްޕަޔަށް މެޓާ ނުގެންނެވުނީތާ އެވެ. މެޓާ ކޮބައިތޯ އަޅުގަނޑު ބައްޕައަށް ސުވާލެއް ނަންގަނެލީމާ ކުއްލި ގޮތަކަށް ބުނުއްވި އެވެ.  އަނހާނ! ދަރިފުޅާ އެވެ. މި ފަހަރު ދިމާވީ ވަރަށް ދެރަގޮތެކެވެ. ބައްޕަމެން މާލެ ދިޔަ ދުވަހުގެ ކުރީ ދުވަހު މެޓާ ހިލާ މީހާ މަރުވެއްޖެއެވެ. މާލޫދަށް ބައިބެހުން:ބައިބެހުމަކީ،  މާލޫދަށްޓަކައި ވަމުންދާ ތައްޔާރީތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ބައިބަހަނީ، މާލޫދާބެހޭ އެކި އިންތިޒާމުތަކުގައި އެއްމެން އެއް ހަމަޔަކުން ބައިވެރި ކުރުވުމަށްޓަކަ އެވެ.  ބައިބަހަނީ، މާލޫދު ކިޔުމަށް ހޭދަވާ ގާތްގަނޑަކަށް ދެތިން ދުވަހުގެ ތެރޭގައި މާލޫދު ހަރުގެޔަށް ގެންދަންޖެހޭނެ ކަމަށް ކަނޑައަޅާ ކޭމުގެ ނިސްބަތުން މުޅި ރައްޔިތުންނެވެ. މި ގޮތަށް ބައިބަހާލާއިރު، ކޭމެއް ތައްޔާރު ކުރުމަށް އެކުލަވައިލެވޭ ބައެއްގައި ދުރު ތަފާތު ދެތިން ގެއެއްގެ މީހުން ހިމެނިފައި އޮވެ އެވެ. މިކަންކަން އެކަށަ އަޅައި ބަލަހައްޓާނީ ރަށު އޮފީހުންނެވެ.
މާލޫދުގެ ދުން:މާލޫދު ކިޔަމުންދާ ވަގުތު، މާލޫދު ހަރުގެ ތެރެ އޮންނާނީ  ވަރަށް ވަަސްމީރު ކޮށްފައެވެ. ވަސް މީރު ކުރުމަށް ކުރެވޭ އެއްކަމަކީ، ދުން އެޅުމެވެ. ދުންއަޅަނީ  އެކަމަށްތައްޔާރު ކުރާ ޚާއްޞަ ކުނޑިޔަކުންނެވެ.  މި ކުނޑިޔަކީ، ގޮށް ކުޅަނދުރާއި، އުނިމަލާއި، ކުމުންޒާންޏާއި، ހަބަރާއި  އަދި އެނޫންވެސް ތަފާތުގެ މީރުވަސް ދުވާތަކެތި ހިމަނައިގެން، އުފައްދާފައިވާ ވަރަށް މީރު މާތް ވަހެއް ހުންނަ  އެއްޗެކެވެ. މި ތަކެތި  ދަގަނޑު ވަނެއްގައި ތަޅައި ކުނޑިކޮށްގެން ކޮންމެ މާލޫދަކަށް ވަކިން ތައްޔާރު ކުރެވެ އެވެ. މި ކުނޑިތައްޔާރު ކުރުމަށްފަހު، ދޮންކެޔޮ ނުވަތަ ހަކުރު ލައިގެން ކުނޑިތައް މޮޑެލައެވެ. އެހެން ހަދަނީ  އަލިފާނުގައި އެ ގިނަ އިރު އަނދަ އަނދާ ހުރުމަށްޓަކަ އެވެ.  މާލޫދު މަސައްކަތުގެ ބަހުރުވައިގައި، ދުމޭ ކިޔަނީ މި ތަކެތި އަންދައިގެން ބުރާ ދުމަށް އެކަންޏެއް ނޫނެވެ. އެމީހުންގެ މަފުހޫމުގައި ދުމަކީ، މި ކުނޑިތަކެވެ. ނުވަތަ މި ކުނޑިޔާ ކޮންކޭލާ އެއްކޮށް މޮޑެގެން ގުޅަވާށާ ގުޅަވަރުތަކެވެ.  ދުންތެޅުމޭ ކިޔަނީ މި ކުނޑި އުފެއްދުމަށް ބޭނުންކުރާ ތަކެތި ވަނަށް  އަޅަައިގެން ތަޅާތެޅުމަށެވެ. ދުން އެޅުމަކީ، ދުންކިބަލަށް އަލިފާން އެޅުމަށް ފަހު، މި ކުނޑި ދުންކިބަލަށް އެޅުމެވެ. ދުންކިބަލަކީ، ލިޔެ ލާޖަހައިގެން އޭގެ ބޭރު ލަކުޑިން ހަދާފައި ހުންނަ ވަރަށް ޒީނަތްތެރި އެއްޗެކެވެ. މި ބޭނުން ކުރަނީ ސިލުނބެއް ބޭނުން ކުރާ ފަދައިންނެވެ. އަލިފާން އަޅައިގެން ގެންގުޅޭށެވެ.  ތައްޔާރު ކޮށްފައި ހުންނަނީ އެތެރެއަށް އަލިފާން އަޅައިގެން ގެންގުޅެވޭ ގޮތަށެވެ. ދުންއެޅުމަށްޓަކައި މި ދުންކިބަލުގެ ތެރެޔަށް ނާށި އަނގުރު އަޅައެވެ. އެއަށްފަހު ”ދުން” އަޅައެވެ. 18 ވަނަ ޤަރުނުގެ ތެރޭގައި ރާއްޖޭގައި އުޅުނު ބުންބާ މީހުން ބުނާ ކަމަށްވެ އެވެ. ރަޖަބު، ރަބީޢުލް އައްވަލު މަހުގައި ރާއްޖެއާ ކައިރިވާ އިރު،  ތިމަންމެންގެ ނާފަހަރަށް ވެސް އެކަން އެނގެ އެވެ. ކަނޑު ދަތުރު ކުރަމުން ދާއިރު، ވައިދަށުން ރާއްޖޭގެ ހަތަރު ދަންފަށަށް ކައިރިވާއިރު، ނޭފަތުގައި ޖެހޭ މީރު ދުންވަހުން، މި ކައިރިވެވެނީ ދިވެހި ރާއްޖެ އާކަން، ތިމަންމެން ދެނެގަންނަމު އެވެ.
ކެޔޮ ދޮންކުރަންލުން:ރަބީޢުލް އައްވަލު މަހު 8 ވަނަ ދުވަހަކީ، ކެޔޮ ދޮންކުރަންލާ ދުވަހެވެ. ކެޔޮ ދޮންކުރުމަށްޓަކައި، ކޮންމެ ގެޔަކުންވެސް ކެޔޮ ގަނޑެއް ކަނޑާނެއެވެ. ކެޔޮ ދޮންކުރުމަށްޓަކައި، އުނަގަނޑާ ހަމަވާތާ ފުންމިނުގައި ބޮޑު ހަތަރެސްކަން ވަޅެއް ކޮންނާނެއެވެ. މި ވަޅުގެ އެއްކޮޅުން މެދަށް ވާ ހިސާބުގައި ގާތްގަނޑަކަށް އެއްފޫޓު އެއްފޫޓުގެ ތަންކޮޅެއް ފުންކޮށްލާނެއެވެ. މި ތަނަށް ކިޔަނީ ދުންވަޅެވެ. ކެޔޮދޮންކުރަން ހަދާ ގޮތަކީ، މި ކޮނެވުނު ބޮޑު ވަޅަށް ކެޔޮގަނޑުތައް ލަނީއެވެ. އާންމުކޮށް ހަދާ ގޮތަކީ، ވަޅުގެ ހުރަހަށް ދުމައްޓެއްގައި އޮށި ބަހައްޓާ ބީދައިން، ހުރަސް އޮށި ބަހައްޓާފައި، ކެޔޮ ގަނޑުތައް އެ އޮށި ތަކުގައި އެލުވަނީ އެވެ. މި ގޮތަށް އެލުވައިފައި، ކުޑަ ބޮނބި ގަނޑަކަށް ކިހުޅި އަޅައިފައި، އެ ރޯކޮށްލައިފައި ދުންވަޅުގައި ބަހައްޓާނެއެވެ. ދެން އެވީ ވަޅުމަތީ ކެޔޮ ފަތްނަމަވެސް  އެއްޗެއް ފަތުރާށެވެ. ފަސްއެޅީމައި އެތެރެޔަށް ވެލި ފޭބިޔަ ނުދިނުމަށެވެ.  ވަޅުން ބޭރަށް ވައި ނިކުމެ ވައި ދައުރުވިޔަ ނުދިނުމަށްޓަކަ އެވެ. މި ގޮތަށް ތިންދުވަސް ވަންދެން ކެޔޮ ގަނޑުތައް ވަޅުގައި ބަހައްޓާފައި، ނަގާއިރު، ހުންނާނީ ދޮންވެ ފައްކާވެފަ އެވެ. ދޮންކެޔޮ ނަގާނީ ރަބީޢުލް އައްވަލުމަހު 11 ވަނަ ދުވަހު އެވެ. މާލޫދުގެ މަސައްކަތު މީހުންނާއި ޅެންވެރިން:މާލޫދު މަސައްކަތްތަކުގެ ތެރޭގައި ހަރުގެ އެޅުމާއި، ކޭންބުއިމުގެ ކަންކަން ބެލެހެއްޓުމާއި، އެހެނިހެން އިންތިޒާމުތައް ހިމެނެއެވެ. މި ކަމަށްޓަކައި ރަށުގެ ޒުވާނުންގެތެރޭން ބަޔަކު ހޮވާލެވެއެވެ. މި މީހުންނަށް ކިޔަނީ މަސައްކަތު މީހުންނެވެ. މި މީހުންގެ މައްޗަށް ވެރިޔަކު، އިސްކުރެވިފައި ހުރެ އެވެ. މާލޫދު މަސައްކަތުގެ ބަހުރުވައިގައި ޅެންވެރިންނަކީ، ޅެން ހަދާ މީހުނެއް ނޫނެވެ. ޝާޢިރުންނެއް ނޫނެވެ. ޅެންވެރިންނަކީ، މާލޫދު ކިޔާމީހުންނެވެ. މާލޫދު ޅެންތައް ރީތި ރާގުރާގަށް އެމީހުން ކިޔާލަނީ ވަރަށް ފަންނީ ގޮތެއްގަ އެވެ.  ޖޯޝީ ގޮތެއްގަ އެވެ. މާލޫދުގެ އިދާރީ އިންތިޒާމުތައް ހަމަޖައްސަމުން ދާއިރު މި ދެބައި ވެސް އޮންނާނީ ކަނޑަ އެޅި ނިމިފަ އެވެ.
މާލޫދަށް ކައްކާ ދުވަސް:ރަބީޢުލް އައްވަލުމަހުގެ އެގާރަ ވަނަ ދުވަހަކީ، މާލޫދަށް ކައްކާ ދުވަހެވެ. މި ދުވަހު ހެނދުނު ސައިބޮއިގެން، ކޮންމެ ގެޔަކުންވެސް، އެގެއެއްގެ މީހުން ގުޅިފައިވާ ބައިގެ ކެއްކުން ހަމަޖެހިފައި އޮތް ގެޔަކަށް ދާނެއެވެ.  މި ގޮތަށް ބައިބަހާލީމާ ނުފުދުންތެރިކަމުގެ ތެރޭން ފުދުންތެރިކަން ލިބެއެވެ. ނުރައްޓެހި ކަމުގެ ތެރޭން ރައްޓެހިކަން ފަހިވެ އެވެ. އެކަހެރި ކަމުގެ ތެރޭން ޖަމާޢަތުގެ ދައުރު ލިބެ އެވެ. އެގޭގައި ނެތް ބޮޑު ތެލި މި ގޭން ލިބެއެވެ. މި ގޭގައި ނެތް ސީނު ތަށި އެގޭން ލިބެ އެވެ. އަންހެންވެރިންގެ ކެއްކުމުގެ މަސައްކަތުގައި ޙަރަކާތްތެރިވާ އިރު، ދޮންކެޔޮ ވަޅުތައް މަތިނަގައި ދޮންކެޔޮ ގަނޑުތައް ގޭތެރޭގައި އެލުވުމުގެ މަސައްކަތުގައި ފިރިހެނުންކުރެ ބަޔަކު އުޅޭނެ އެވެ.  ހާ ހިފުމާއި، ހާކަތިލުމުގެ މަސައްކަތް ވެސް ކުރިޔަށް ދާނެއެވެ. މުޅި ރަށުތެރޭގައި އެއް އަޑަކަށް އޮންނާނީ ކުކުޅުހާލުގެ ކުޑާހުގެ އަޑެވެ. ބަކަރި ނޫނަކަސް އެދުވަހަކީ، ހާވެސް އެއްފުޅަފަށް ވުރެ ގިނަ ފުޅަށް މަތިންދާ ދުވަހެކެވެ. ތަފާތަކީ އުދުހިފައި ދާކަމެވެ. މިޔަތޫނު މަސްވަޅިތަކަށް ފިލަން، ދުވާ ދުވުމެވެ.  މަރަށް ބިރުން އުދުހޭ އުދުހުމެވެ. އެކަމަކު، ކުދިވެރީންނާއި، ރަށުގެ އެތައް ބަޔެއްގެ މަސައްކަތުން، މި ހަނގުރާމަ ކާމިޔާބު ކުރެ އެވެ. އެންމެ އަސަރު ކުރާ ދަނޑިވަޅަކީ، ކަތިލާފައި ދޫކޮށްލާ ހާ ބައެއް ފަހަރަށް ނޭވައި ހޮޅިން ވަކި ނުވެހުރި ބައިގެ އެހީގައި އުދުހި ގަންނަ ވަގުތެވެ. ފުރާނައިގެ ދެބައިކުޅަ އެއްބައި ހިފައިގެން، ރޮމުން ހޭރެމުން ބަޗައިގަނެވޭތޯ ދުވާ މަންޒަރެވެ. ކޮންމެއަކަސް އެންމެން އެކުވެގެން ފޯރީގައި ފަށާ މި މަސައްކަތުގެ ސަބަބުން ވަރަށް ވަރުގަދަ އިޖުތިމާޢީ ރޫޙެއް އުފެދި ކުލުވެރިކަން ދިރިފައި ވަނިކޮށް ފެނިފައި ވެއެވެ.  އެކަން ތަޖުރިބާ ކުރެވިފައިވެއެވެ. އެއްބަޔަކު އަނެއް ބަޔަކަށް އެނގިދެނިވެ ފަރިތަވެގެން ދެއެވެ. ތަޢާރުފުވެ އެވެ. ބީރަށްޓެހިކަން ކެނޑިދެ އެވެ. ދުރުކަން ގާތްކުރެ އެވެ. ހިލޭމީހުންގެ ނަންތައް ތިމާގެކަމުގެ ނަންތަކަށް ބަދަލުވެއެވެ. މާލޫދެއް ނިމޭއިރު، އިތުރަށް ވަރަށްގިނަ ބޭބެމެންނާއި ދައްތަމެން ލިބެ އެވެ. މިއީ އިޖުތިމާޢީ ގޮތުން އަށަގެންފައި ވަނިކޮށް ފެނުނު ކަމެކެވެ.  މާލޫދު ހަރުގެ އެޅުން:މާލޫދަށް ކައްކާ ދުވަހަކީ،  ނުވަތަ ރަބީޢުއް އައްވަލު މަހުގެ 11 ވަނަ ދުވަހަކީ، މާލޫދު ހަރުގެ އަޅާ ދުވަހެވެ. މާލޫދު ހަރުގެ އަކީ، މާލޫދު ކިޔުމަށް ތައްޔާރު ކުރާ ގެ އެވެ.  މި ގެ ތައްޔާރު ކުރުމަކީ ވަރަށް ފަންނީކޮށް ވަރަށް އަބުއިކޮށް ކުރާ މަސައްކަތެކެވެ. މި މަސައްކަތް ކުރަނީ މާލޫދު މަސައްކަތު މީހުންނެވެ.  ހަރުގެ އެޅުމަށްޓަކައި، މަސައްކަތުގެ މީހުން ހެނދުނުގެ ވަކި ވަގުތަކަށް ރަށްމެދަށް  ޖަމާވާނެ އެވެ. އެތަނުގައި މަޝްވަރާ ކުރުމަށްފަހު، ހޯދާންވާ ތަކެތި ކަނޑައަޅާނެއެވެ. އެއަށް ފަހު، އެކި މަސައްކަތަށް އެކި މީހުން ބައިބަހައިލާނެއެވެ. އެކި ކަންކަން އެކި މީހުންނާ ހަވާލުކުރާނެއެވެ. އެއްބަޔަކު ދާނީ މުޑި ކަނޑަން ވަލުތެރެއަށެވެ. ހަރުގެ އަޅަނީ ބޯކެޔޮ މުޑިންނެވެ. އެމީހުންގެ މަސައްކަތަކީ، ހަރުގެއަޅަން ބޭނުންވާ ބޯކެޔޮ މުޑި ވަލުތެރޭން ކަނޑައި ގޮފިޖަހައި އޮމާންކޮށްގެން ގެނައުމެވެ. އަނެއް ބަޔަކު ދާނީ، ފަންކަނޑާށެވެ. އަނެއްބަޔަކު ހަވާލު ވާނީ ހަރުގެ ވަސްމީރު ކުރުމާއި، ކުރެހުމުގެ (ޑެކަރޭޓުކުރުމުގެ) މަސައްކަތާއެވެ. އެމީހުންގެ ފުރަތަމަ މަސައްކަތަކީ މާބިނުމެވެ. އުނިމަލާއި ހުވަނދު މަލެވެ. ވަރަށް ގިނަ ކަށިމާވެސް ކަނޑައިގެން ގެންނާނެއެވެ. ގާތްގަނޑަކަށް މެންދުރުން އަނބުރާ 3 ޖަހާއިރު، ހަރުގެ އެޅުމުގެ މަސައްކަތް އޮންނާނީ ކުޑައަޑިވެފައެވެ. އެހާ ހިސާބުން ދެން އޮންނާނީ މުޅި އެ ހިސާބު ރީތި ކުރުމުގެ މަސައްކަތެވެ. މަގުތައް ވެސް އޮންނާނީ ކުނިކަހައި އޮމާން ކުރެވިފަ އެވެ. ހަނި ގޯޅިތަކަށް ދަންދެން މުޅި ރަށްވެސް ހީވާނީ، ރީތިކަމާ ސާފުކަމުގެ އަޖައިބެއް ހެންނެވެ. ހަރުގެ ދޮށް ސާފުކުރަނީ މަސައްކަތު މީހުން ކަމުގައި ވިޔަސް، ރަށުތެރެ ސާފު ކުރަނީ ގޭގޭ މީހުންނެވެ. ހަރުގޭގެ ޒީނަތްތެރިކަން:ކުރިންވެސް ދަންނަވައިލި ފަދައިން ހަރުގެ އެޅުމަކީ ވަރަށް ފަންނީ މަސައްކަތެކެވެ. ރީތިކޮށް ކުރާ މަސައްކަތެކެވެ. ހަރުގެއަކީ ބަލައިލާން ވަރަށް ރީތި ހިތްގައިމު ބިނާ އެކެވެ. އަޖައިބެއްފަދަ އަތުމަސައްކަތް އެތަނުން ފެންނާނެއެވެ. ދިވެހި ރުކުގެ ރޯ ބޮންތި ފަނާއި، އާދައިގެ ފަނުން އެތަނުގެ ބޭރު ބިތްތަކުގައި އެކުލަވައިފައިވާ ވިޔުންތަކަކީ، ދިވެހި އަތްތެރި މަސައްކަތުގެ ނަމޫނާއެކެވެ. އެތެރެއަށް ބަލާއިރު، އެތެރޭގެ ޒީނަތްތެރިކަމުގެ އެންމެ ޚާއްޞަ އެކައްޗަކީ،  މުޅި ހަރުގޭގެ އެތެރޭން ބިތްތަކުގައި ދަމައިފައިވާ ފޮތިގަނޑުތަކެވެ.  މި ފޮތިގަނޑުތަކުގެ ދެ ބާވަތެއް ވެއެވެ. އެއްބާވަތަކީ،  ވަށައިގެން ބިތްތަކުގެ އެތެރޭގައި ދަމައިފައިވާ ފޮތިގަނޑުތަކެވެ.  މި ފޮތިގަނޑަށް ކިޔަނީ، މާފޭލި ގަނޑެވެ. މިއީ ވަރަށް ދިގު ފޮތިގަނޑެކެވެ. ވަރަށް ފަންނީ ކުރެހުންތަކެއް ހުންނަ ފޮތި ގަނޑެކެވެ. މާލޭ ހުކުރު މިސްކިތާއި ޢީދު މިސްކިތުގެ އެތެރޭ މަތިވަޑާންގަނޑުގައި އެހެރަ ފަދަ ޢަރަބި ލިޔުމަކުން، ކީރިތި ޤުރުއާނުގެ އާޔަތްތައް މި ފޮތިގަނޑުތަކުގައި ލިޔެފައި ހުރެއެވެ.  ކީތިރި ރަސޫލާއާއި، ހަތަރު ޚަލީފާއިންގެ  ނަންފުޅުތައް ވެސް ލިޔެފައި ހުރެއެވެ.  މި ފޮތިގަނޑު ހުންނަނީ، ހަރުގޭގެ ސައިޒާ ގުޅޭގޮތަށް  ހަތަރުކަނަށް ފެތޭގޮތަށް، ކުރެހުންތަކާއި ލިޔުންތައް އަތުރާފަ އެވެ.  މާ ފޭލިގަނޑުގެ އިތުރަށް، ހަރުގޭން ފެންނަ އަނެއް ޒީނަތަކީ، ފަންގިފިލާގައި ދަމާފައި  އޮންނަ ސަނދުވާތަކެވެ. ސަނދުވާއަކީ ވަރަށް ރީތި ވަކި ކަހަލަ ޒަޚްރަފީ ކުރެހުންތަކެއް ހުންނަ ފޮތިގަނޑުތަކެކެވެ.  މި ސަނދުވާތައް ދަމައިފައި ހުންނަނީ ގާތްގަނޑަކަށް އެއްފޫޓު އެއްފޫޓުން ގޮޅި އެޅޭގޮތަށް ހިމަ ނަނުތަކެއް ދަމައިފައި އޭގެ މަތިންނެވެ. މިއީވެސް ބަލައިލަން ވަރަށް ރީތި ފަންނީ މަންޒަރެކެވެ.  ހަރުގޭގެ ބިންމަތީގައި އޮންނާނީ ކުނާ ފަތުރާފަ އެވެ. އެހެންނަމަވެސް، މުޅި ހަރުގެ ކަހަލަ ގޮތަކަށް އޮންނަނީ ހުވަނދުމަލާއި، އުނިމަލާއި، ކަށިމަލުން ކުރެހުން އަޅަފައިފައެވެ. ވަކި ތަރުތީބަކުން، ވަރަން ފަންނީ އެތުރުމަކުން އަތުރާފައިވާ މި މާތައް އިރު އޮއްސިގެން އަންނަ އިރު ފޮޅެން ފަށާނެއެވެ. އޭރު ހަރުގެތެރެ އޮންނާނީ ހުހަށެވެ. މީހުން އަރައެއް ނޫޅޭނެ އެވެ. ހަރުގޭތެރޭން ދުރަށް ފަތުރާ  މީރު ވަހަކީ، ވަރަށް މާތް އިޙްސާސްތަކެއް އުފައްދާ ރޫޙާނީ ހުވަނދެކެވެ. ހަރުގެ ދޮށަށް ދިޔުން:އިރު އޮއްސެމުން ދާއިރު، ރަށުގެ ދުވަސްވީ ފިރިހެނުން  ކާފަ ދަރިން ގޮވައިގެން، ހަރުގެ ދައްކާލުމަށް ހަރުގެ ދޮށަށް ދާނެ އެވެ. ބާރަ ތޭރަ އަހަރުގެ ކުދިން،  ފެންްވަރާ ނަލަހެދިގެން، އާ ހެދުން ލައިގެން އަމިއްލަޔަށް ގޮސް ހަރުގެ ދޮށުގައި ތިބޭނެ އެވެ. އެކުދިންނަށް މިއީ ވަރަށް  ބޮޑު އުފަލެކެވެ. ނަމަވެސް  ދިވެހިންގެ އާދަކާދަ ނިޔާ ކުރާގޮތުން، އަންހެނުންނަކީ، ހުކުރު ދުވަހުގެ ހުކުރުވަގުތާއި، އަދި ބާރަ ވިލޭރޭވެސް ގޭން ބޭރަށް ނިކުމެ  އުޅޭނެ ބައެއް ނޫނެވެ. މާލޫދު ކޭން:ކޭމަކީ  މާލޫދު ހަރުގެޔަށް އަރާ މީހުންނަށް ކާއެއްޗެހި އަޅައިގެން ގެންދާ މަލާފަތެވެ. މި މަލާފަތުގައި ހުންނަންވާ ތަކެތީގެ ލިސްޓެއް ކުރިން އޮންނަނީ ލިބިފަ އެވެ. ދެބާވަތެއްގެ ކޭމެއް ހުރެ އެވެ. އެއީ ކުކުޅާ ކޭމާއި، ރިހަތް ބޭކެވެ.  މާލޫދު ފަށަނީ ކުކުޅުލާ ކޭމުންނެވެ. މި ކޭމުގައި ކުކުޅު އޮންނާނީ މުޅި ކުކުޅަށެވެ. މިކުކުޅު އޮންނާނީ ރުއްވަކައިން ބަނދެފައެވެ.  ހަރުގެއަށް އަރާމީހުންގެ ތެރޭން ކޭމެއްގެ ދޮށަށް ހައެއްކަ މީހުން، ނުވަތަ ހަތްމީހުންވަރު،  ލެފޭނެ އެވެ. އެމީހުން ކާނީ މި ކުކުޅުގެ އެއްބަ އެވެ. އަނެއްބައި ދޫކޮށްލާފައި އޮންނަނީ ގޭ މީހުންނަށެވެ. އެޒަމާނުގެ ހާލަތު ހުންނަ ގޮތުން މި ބައި ނޫނީ އިތުރު ކުކުޅެއް ނުވަތަ މަސްކޮޅެއް ވިޔަސް ގެޔަކު ނޯންނާނެއެވެ. ރިހަބަތް ކޭމުގައި ވެސް ތިން ހަތަރު ވައްތަރެއްގެ ރިހަ ހުންނާނެ އެވެ. އިތުރަށް ރިހާކުރާއި، ތެލުލި މިރުހާއި އަސާރައާއި، އަދި ބައެއް ރަށްރަށުގައި މޭޓާގަނޑު ފަދަ އެއްޗެހި ވެސް ހުރެ އެވެ. ދެބާވަތު ކޭމުގައިވެސް ލައްކަ ސާމާނު ހުރެއޭ ބުނަމުން މި ތަފުސީލު ކުރުކޮށްލަމެވެ.
ކޭން އަޅަން ގޮވުން:ބާރަވިލޭރެއަށް އިރު އޮއްސޭއިރު، މުޅި ރަށުތެރެވެފައި އޮންނަނީ، ޚުޝޫޢާއި، ތަވާޟުޢުވެރިކަމުގެ ރޫޙާނީ މައިދާނަކަށެވެ. ގިނަ ގޭގޭގައި ރޭޑިޔޯ ވެސް ނުހުޅުވާނެ އެވެ. މުޅި ރަށް އޮންނަނީ ހިމޭންވެފަ އެވެ. ހިމުން ދޮންވެލީގެ ރީތި މަގުތަކާއި، ވައިރޯޅި ހަދިޔާ ކުރާ މީރު ހުވަނދުވަހާއި، އަޑެއް ބަޑެއް ނެތް ފަޒާއިން  ނަފުސަށް ކުރުވާނީ، ބަރަކާތާއި، ކަރާމާތުގެ ފުން އިޙްސާސްތަކެކެވެ. ބާރަށް ވާހަކަ ދައްކާލައި އުޅޭނީ ވެސް  މަދު މީހެކެވެ. ރަށުގެ މުޅި ވެށި މި ގޮތަށް ބަދަލުވެފައިވާތީ، ކުޑަ ކުދީންނަށްވެސް އެރޭ އިޙްސާސް ކުރެވެނީ މި ފަދަ ހިމޭންކަމާއި، މާތްކަމުގެ ޖަޒުބާތުތަކެކެވެ. މި ދެންނެވި ހިމޭންކަން ފޫވައްޓާލާ އަޑަކީ، ކޭން އަޅަން ގޮވާ އަޑެވެ. ކޭން އަޅަން ގޮވުމަކީ، މަލާފަތަށް ކާއެއްޗެހި އަޅައި ތައްޔާރު ކުރުމަށް ގޮވުމެވެ. މި ގޮވުމަކީ، މަސައްކަތު މީހުން ރަށުތެރޭ ހިނގައި ކުރާ އިޢުލާނެކެވެ. އެ ދުވަސްވަރަކީ ރަށްރަށުގައި ކަރަންޓުގެ އަލިކަންވެސް އޮތް ދުވަސް ވަރެއް ނޫނެވެ. އެހެންކަމުން މަސައްކަތު މީހުންގެ ތެރޭން މީހަކު އިސްވެ ހިނގާ މިހިނގުމުގައި ވަރަށް އަލިގަދަ ޓޯޗެއް ގެންގުޅޭނެއެވެ. ކޭން އަޅަން ގޮވަނީ އަންނަނިވި ޢިބާރާތުންނެވެ. ފިސާރި ގަދަ އަޑަކުންނެވެ. ”ކޭން އަޅަން ގޮވަނީ.. އަށްގަނޑު އަށްބިލެތް ހުންނަންވާނެ، ބިލެތުގައި ހުނި ޖަހަންވާނެ، ތުންފުއްސެއް އޮންނަންވާނެ”މިއީ ކޭން އަޅަން ގޮވާ ޢިބާރާތެވެ. ބައެއެް ރަށްރަށުގައި ލަވަލަވައަށް ރާގު ރާގަށް ވެސް މި ފަދަ އިޢުލާނުތައް ކުރާކަމަށް ވެއެވެ. ހަރުގެޔަށް ގޮވުން:ދެނަމާދު ދޭތެރޭ ވަގުތުގައި ކޭން އަޅަން ގޮވުމާއެކު، މީހުންތައް ކޭން އަޅައި ހަރުގެޔަށް ގެންދަން ފަށާނެއެވެ. ކޭން އެޅުމަކީ، މަލާފަތުގެ އެތެރޭގައިވާ ތަށީގައި ކާސާމާނު ތަރުތީބުކޮށް، ކޭން ތައްޔާރު ކުރުމެވެ. މިއީވެސް ވަރަށް ފަންނީ ކަމެކެވެ. ވަރަށް ރީތި ކޮށް އަތުރާ އެތުރުމެކެވެ. މި ކަންތައްތައް ކުރިޔަށް ގޮސްގޮސް އޮއްވައި ހަރުގެޔަށް ދާން ގޮވާ އަޑު އިވެންފަށައިފާނެއެވެ. މިއީ ވެސް މަސައްކަތު މީހުން ރަށުތެރޭގައި ހިނގައި ކުރާ އިޢުލާނެކެވެ. މި އިޢުލާނު ތިން ފަހަރެއްގެ މަތިން ކުރާނެއެވެ. ފުރަތަމަ ފަހަރު ޢިޝާނަމާދުގެ ކުރިންނެވެ. ދެވަނަ ފަހަރު ޢިޝާނަމާދުން ސަލާމް ދިނުމުންނެވެ. ތިންވަނަ އިޢުލާނު ކުރާނީ، ޢިޝާނަމާދުން ގެޔަށް ދެވޭހައި އިރުވުމުންެނެވެ. ހަރުގެއަށް ގޮވުމުގައި ބޭނުންކުރާ ވަކި ޢިބާރާތެއް އޮވެއެވެ. ފުރަތަމަ ދެ ފަހަރު މި ޢިބާރާތް ބޭނުން ކުރަނީ އެއްގޮތަކަށެވެ. ”ބޭކަލުންނޭ ހަރުގެޔަށް ދުރުވަން ކިޔަނީ” މި ގޮތަށެވެ. ނަމަވެސް، ތިންވަނަ ފަހަރު ތަފާތެއް ހުރެ އެވެ. ތިން ވަނަ ފަހަރު އަންނަނީ މަސައްކަތު މީހުންގެ ބޮޑު ޖަމާޢަތެކެވެ. މި ފަހަރު މީގެ ތެރޭން އިސްވެ ހުންނަ މީހާ، ” ބޭކަލުންނޭ ހަރުގެޔަށް ދުރުވަން ކިޔަނީ” އޭ ގޮވާލުމުން ފަހަތުން ދެންތިބި އެންމެން، ކުޑަދޫ ވިއްސައިގެންދާ ފަދަ ކުއްލި ގަދަ އަޑަކުން ”ބަލައި އައިއްސައި ދަނީ” މިހެން ގޮވައިލައެވެ. މިއީ ހަރުގެޔަށް ދިޔުމަށް ކުރެވޭ އެންމެ ފަހުގެ އިޢުލާނެވެ.  މާތުރަ، ޅެންވެރިންނަކީ ވަރަށް ޤަދަރުވެރި ބަޔެކެވެ. މިތާނަގައި ބަލައި އައިސާ ދަނީއޭ މި ބުނާ ވާހަކަ ގުޅިފައިވަނީ ޅެންވެރިންނާ މެދު ހިތޭ ކަމޭ ހިތުމަކާ އެވެ. އެމީހުންގެ ގާތަށް ބިލެތް ދަފި ހިފައިގެން މަސައްކަތު ހަރު މީހަކު ދާނެ އެވެ. ގޮސް ހަރުގެއަށް ދުރުވުމަށް ނަންގަންނާނެ އެވެ. މި ކަން ހިނގަނީ ތިންވަނަ އިޢުލާނުގެ ތެރޭގައެވެ. އެހެންވީމާ، ބަލައި އައިއްސައި ދަނީ އޭ އެބުނާ ބުނުމުގެ މުރާދަކީ، ޅެންވެރިން ބަލައި އައިއްސައި ދާ ދިޔުމުގެ ވާހަކަ އެވެ.
ހަރުގެ ތެރެ:ލަސްތަކެއް ނުވެ ހަރުގެއަށް މީހުން އަރައި ފުރިދާނެ އެވެ. ހަރުގޭގެ އެއްކޮޅުގައި ޅެންވެރިންތިބޭނެ އެވެ. ޅެންވެރިންގެ ގޮތުގައި ގާތްގަނޑަކަށް، 10ވަރަކަށް މީހުން ތިބެއެވެ. ހަރުގެއަށް މީހުން ހަމަ ވުމަކީ، ރަށުގެ ބޮޑެތި ފިރިހެނުންކުރެ މި ފަދަ މަޖިލީސްތަކަށް ހާޒިރުވެ އުޅެވޭފަދަ އެންމެން ހާޒިރުވުމެވެ. މުދިންބެއާއި ކަތީބާއި ކުޑަކަތީބާއި، އަތޮޅުވެރީން ވެސްމެ އެވެ. ފެނާ އެރުން:ހަރުގޭ އިންތިޒާމުގެ ވެރިޔަކީ، މަސައްކަތު މީހުންގެ އިސްވެރިޔާ އެވެ. ހަރުގެ ހަރަކާތްތެރި ކުރުވާނީ އޭނާ އެވެ. މީހުން އަރައި ހަމަޖެހިއްޖެ ކަމަށް އޭނާ އަށް ވިސްނުމުން މަސައްކަތު މީހުންގެ ރޭވުންތެރިކަމުގެ ތެރޭން ކޭންތަކަށް މީހުން ހަމަޖައްސާލައެވެ. އެއަށްފަހު، ލޯތަށްޓަކާ ފެންކުރައެއް ހިފައިގެން މަސައްކަތު މީހުން ހަރުގެއަށް އަރާނެއެވެ. މި އަރާ އެރުމަށް ކިޔަނީ ފެނާ އެރުމެވެ. އެންމެ އިސްކޮށް ހުންނާނީ މަސައްތަކު މީހުންގެ ވެރިޔާ އެވެ. އޭނާ އެންމެ ފުރަތަމަ ވެސް ގޮސް އިސް ޅެންވެރިޔާގެ އަތް ދޮއްވާނެ އެވެ. އެއަށް ފަހު މަސައްކަތު އެހެން މީހުން ދެނެްތިބި މީހުންގެ އަތްދޮއްވާނެ އެވެ. އިސްކޭމުގެ މަތިނެގުން:އިސްކޭމަކީ، ޅެންވެރީންތިބޭ ކޭމެވެ. ޅެެންވެރިންގެ އިސްމީހާ އެކޭމެއްގައި އިން ކޭމެވެ. އެންމެން އަތްދޮއްވައި ނިމުމުން، މަސައްކަތު އިސްމީހާ އިސްކޭމުގެ ތުން މޮހައިލާނެއެވެ. އެއަށް ފަހު، މަތިގަނޑުގައި ދެފަރާތުން ހިފައި މަލާފަތުގެ ދެކޮލީގައި، ދެ އަތްތިލައިން ބާރަށް ޖަހާލުމާއެކު މަތިގަނޑު ނަގާނެ އެވެ. މި އަޑަށް އެހެން ކޭންތަކުގެ ވެސް މަތިތައް ނަގަންފަށައިފާނެ އެވެ. ބިލެތް ބެހުން:ހަރުގެ ތެރޭގައި ކެއުން ކުރިޔަށް ދާއިރު، މަސައްކަތު މީހުން ބިލެތް ބަހަމުން ދާނެއެވެ. ނަމަވެސް ކައި ނިމުނަސް އެއްވެސް މީހަކު، ދުފައެއް ނުހަދާނެއެވެ. ދުފާނީ ހަރުގެއިން ފައިބައިފަ އެވެ. އަތްދޮއްވުން:ކައި ނިމުމުން އަނެއްކާވެސް މަސައްކަތުމީހުން ލޮއިތަށިތަކާއި، ފެންކުރާތައް ހިފައިގެން ހަރުގެއަށް އަރާނެއެވެ. ކުރީ ފަހަރުގެ ތަރުތީބުން މި ފަހަރުވެސް އިސްސަފު އިސްވާނެ އެވެ. އެއަށް ފަހު އެންމެން އަތްދޮއްވައި ތުންދޮވެ، ނިމިދާނެ އެވެ. އެއާ އެކު މަލާފަތްތަކުގެ މަތިއަޅައި، ތުން ބަނދެލެވޭނެ އެވެ. ޞަލަވާތް ފާތިޙާ:މި ހާހިސާބުން އިސްސަފުގައި ހުރި ބައެއް މަލާފަތް ތިރިޔަށް ޖައްސައިލައި އެއްފަރާތްކޮށްލާނެ އެވެ. ޅެންވެރިން ތިބި ހިސާބު ހަރުގޭ ކޮޅުން ޖާގަ ހަދައިލައިފާނެއެވެ. އި ސާހިތަކު، އެމީހުންގެ ކުރިމަތީގައި ވަރަށް ކުރެހުން ނަލަ ޒީނަތްތެރި ފޮތިގަނޑެއް ފަތުރައި، އޭގެމަތީ  ބާލީސްތަކެއް އަތުރައިފާނެ، އެވެ.  އޭގެމަތީ  މާލޫދު ފޮތްތައް ބަހައްޓައިލައިފާނެ  އެވެ.  ދުންކިބާ ގެނެސް މެދުގައި ބަހައްޓާފައިނެއެވެ. އެހާ ހިސާބުން ޞަލަވާތް ފާތިޙާ ފެށުނީ އެވެ. މާލޫދުފެށުން: އިމާމާ ޞަލަވާތް ފެށުމުން ދެންތިބި އެންމެން ވެސް ޞަލަވާތުގައި ބައިވެރިވާނެ އެވެ. ޞަލަވާތް ނިމުމުން، މާލޫދު ޅެންވެރިންގެ ބަހުން ނަމަ ދެން އޮންނާނީ  “لقد جاء” އެވެ.  އެ އަށް ފަހު ޅެން ޞަލަވާތް ކިޔުމެވެ. ޅެން ޞަލަވާތަކީ، ޅެންބަހުން އޮންނަ ޞަލަވާތެކެވެ. އެންމެ ވައްތަރީ އިބްރާހީމު ޞަލަވާތާ އެވެ. މި އަށްފަހު، މާލޫދުގެ ފުރަތަމަ ބުރި ބުނުން އޮންނާނެ އެވެ. މިއީ ޢަރަބި ބަހުން އޮންނަ ލިޔުމެކެވެ. މީގައި އޮންނަނީ ކީރިތި ރަސޫލާގެ ސީރަތެވެ.بشهر ފެށުން:މި ހިސާބުން ދެން އޮންނާނީ، بشهر ފެށުމެވެ. މިއީ ޢަރަބި ޅެމެކެވެ. ބާރަވިލޭރޭ ކިޔާ މާލޫދުގެ ފުރަތަމަ ޅެމެވެ. އިސް ޅެންވެރިޔާ މި ޅެން ފަށަނީ، ވަރަށް ރީތި ރާގަކަށް ތޫނު އަޑަކުންނެވެ.بشهر ربيع قد بد ى نوره الأعلى          فيا حب ذا بد را بذا ك الحمى يجلى 
މި ބައިތުގައި އެކުލެވޭ މާނާ:ރަބީޢުގެ މައްސަރެއް މަތިވެރި ފެށިއްޖެޔޭ އަލިއެ ނޫރުފުޅުން                      ޙަބީބާ ހަނދު ފަދައެ،  ލޮބުވެތިކަމާ ރަޙްމަތުގެ  ޒާތުފުޅުންމި ހިސާބުން މާލޫދު ފެށުނީ އެވެ. އެއްބަޔަކު މާލޫދު އަޑު އަހަން ހަރުގޭގައި މަޑު ކޮށްލާނެއެވެ. އަނެއް ބަޔަކު ކޭންތައް ހިފައިގެން ގެޔަށް ދާނެ އެވެ. މާލޫދު ދެބައިކުރުންމާލޫދު ކުރިޔަށް ދަނީ މައިގަނޑު ދެ ބައެއް ހިމެނޭ ގޮތުންނެވެ. އެއީ ޅެމުގެ ބަޔަކާއި، ނަޘްރުގެ ބަޔެކެވެ. ކޮންމެ ޅެންބައެއް ނިމިގެން ނަޘްރުގެ ބައެއް އޮވެ އެވެ. މި ބައި ކިޔުމަށް މާލޫދު ބުނުމޭ ކިޔައެވެ. ކުރިންވެސް ދަންނަ ވާލި ފަދައިން، މިބައިގައި ކިޔަނީ ކީރިތި ރަސޫލާގެ މާތް ސީރަތެވެ. އެކަލޭގެ ފާނުގެ ޠާހިރު ނަސަބުފުޅުން ފެށިގެންނެވެ. ބައްޕާފުޅާއި މައިކަމަނާގެ ކައިވެނި ފުޅާއި، އާލާސްވެ އިންނެވުމާ މި ފަދަ ވާހަކަ ތަކެވެ. މި ހެން ގޮސް ”ولد النبي” ”މާތް ނަބިއްޔާ ދުނިޔޭގެ އަލިކަން ދެކެވަޑައިގެންފި އެވެ.” މި ހިސާބަށް ކިޔާފައި އެންމެން ކޮޅަށް ތެދުވެ އެވެ. އަދި އޭރު މީރުވަސް ދުވާ ހުވަނދެއް ގެނެސްފައި ހުރެ އެވެ. އެންމެން މި ހުވަނދު ލައެވެ. އެނގިފައިވާ ގޮތުގައި، މި ހިސާބުން ކޮށްޅަށް ތެދުވާ ތެދުވުމަކީ، ލޮބުވެތި ރަސޫލާއަށް ކަމޭ އިޙްތިރާމު އަދާކުރުމުގެ މާނައިގައި ކުރާ ކަމެކެވެ. އެކަލޭގެފާނުގެ ދުނިޔޭގެ އަލިކަން ދެވަޑައިގަތް ވާހަކަ ޚަބަރެއްގެ ގޮތުގައި ލިބުމުން އެކަމާ އުފާކުރުމާއި، އެކަލޭގެ ފާނަށް ކަމޭ ހިތުން ރަމްޒު ކުރުމަށެވެ. މާލޫދު ދެބައި ކޮށްފައި އާންމުކޮށް ކިޔަނީ އެފަދަ ވާހަކަތައް ހުންނަ ޅެމެވެ. މި ހުރިހާ ޅެމެއްވެސް ހުންނަނީ ޢަރަބި ބަހުންނެވެ. މާތުރަ، ތޮއްޑޫގައި ފަޟީލަތުއްޝައިޚު އަލްމަރުޙޫމު ޢަބްދުﷲ ފަހުމީދީދީލްއަޒުހަރީ، ހުންނެވި އަހަރު، ބާރަވިލޭރޭގެ މާލޫދު ދެބައިކުރުމުގައި ކީކަމަށްވަނީ، ދެބައިކުރާ ވަގުތު ކިޔުމަށް އެމަނިކުފާނު ހެއްދެވި ޅެމެއެއްކަމަށްވެއެވެ.  އޭގެ ފަހުން ތޮއްޑޫގައި މާލޫދު ކީހައި ދުވަހު ދެބައިކުރާ ވަގުތު ކިޔައި އުޅުނީ މި ޅެންކަމަށް ވެއެވެ. ”ޞަލަވާތްތަކާ ގިނަ ގުނަ ވެދުން ސަލާމޭ              ކައު މުޞްޠަފާ ޔަށަ ފަށްފަށުން ސަލާމޭ  ވޮޑި ތިޔަ ގަތީ ދޭހަށް އިތުރު ކަމައިގެން،               ކޮޑިގެން    ނުދާނޭ ސާފު ތެދުމަގައިގެން، 
މާލޫދުގެ ރިހި:މާލޫދު ނިމުމުން ހަރުގެ ރޫޅަން ޖެހެ އެވެ. ބިތްތައް ނައްޓަން ޖެހެއެވެ.  ކެޔޮ ކޭވަރު އެނގޭނީ ބިތުފަންގި ނެގީމާ ނޫންތޯ އެވެ. އެކަމަކު ހަރުގެ ރޫޅެނީ ވަކި ކަމެއް ޙާސިލުވުމުންނެވެ.ކޮންމެ އަހެއްގެ ވެސް، ރަބީޢުލް އައްވަލު 12އިން ފެށިގެން ކުރިޔަށް އޮތް އަހަރުގެ ރަބީޢުލް އައްވަލު 12 އާ ދެމެދު ރަށުގައި ކާވަނި ކުރި މީހުންގެ ރެކޯޑު މަސައްކަތު މީހުން ހޯދައި ބަލަހައްޓާނެ އެވެ. އެމީހުންގެ އަތުން ކޮންމެވެސް އުޖޫރައެއް ނުލިބި ހަރުގެ ރޫޅުމަކީ މަސައްކަތު މީހުން ކުރާނެ ކަމެއް ނޫނެވެ. މި ނަގާ އުޖޫރަޔަށް ކިޔަނީ ”ރިހ” އެވެ. ރިއްސަކީ ކޮންމެހެން އަދާ ކުރަންޖެހޭ އެއްޗެކެވެ. އާންމުކޮށް ރިހީގެ ގޮތުގައި ނަގައި އުޅެނީ މީހަކު އަތުން 2 ރުފިޔާ ނޫނީ ފަސް ރުފިޔާ އެވެ. މާލޫދުގެ އަދަބުތައް:މި ތާނގައި އަދަބޭ މި ދެންނެވީ އޭގެ  އެންމެ ވޭންހުރި މާނައިގަ އެވެ. މާލޫދައި ގުޅިގެން އަދަބު ލިބޭ ދެ ބާވަތެއް މީހުން ތިބެ އެވެ. އެއް ބަޔަކީ، ރިހި އަދާ ކުރުމަށް އިންކާރު ކުރާ މީހުންނެވެ. ރިހި ނުދިން މީހުންނެވެ. މި ފަދަ މީހާގެ އަދަބަކީ، ވިދިގެން އަންނަ އަހަރުގެ މާލޫދުގައި ހަރުގެއަށް އެރީމައި، މަސައްކަތު މީހުން އޭނާގެ އަތް ދޮއްވައި ނުދިނުމެވެ. އެރޭ ހަރުގޭން ކައިގެން އަތްދޮންނަށް އޭނާ ދާންޖެހޭނީ ގެޔަށެވެ. މާލޫދުގައި އަދަބު ލިބޭ ދެވަނަ ބަޔަކީ، ނުވަތަ ދެވަނަ މީހަކީ، އަޚުލާޤީ އިންތައް ފަހަނަ އަޅާ މަސައްކަތު މީހާ އެވެ. ޅެންވެރީންނަށް ޚާއްޞަ ފަތިހު ކޭމެއް އޮންނާނެ އެވެ. މި ކޭން ކައްކާ ގެޔަށް ގޮސް ކޭން ގެނައުމާއި، ކަންކަން ބެލެހެއްޓުމަކީ، މަސައްކަތު މީހުންގެ ކަމެކެވެ. މި ކަމުގެ ތެރޭގައި މަސައްކަތު މީހަކު، އޭން ގެއެއްގެ ތެރޭން ހުއްދަ ނޫން ދިމާޔަކަށް ލޮލާއި އަތްފައި ހިންގައިފިކަން އެނގިއްޖެ ނަމަ، އެކަމުގެ އަދަބު އެމީހަކަށް އޮވެ އެވެ. މި އަދަބު ކަނޑަ އަޅަނީވެސް، މި ކަން ދެނެގަންނަނީވެސް މަސައްކަތު މީހުންނެވެ. ނުވަތަ އާދަ ކާދަ އެވެ. މި ފަދަ މީހެއްގެ އަދަބަކީ، ހަރުގެ ރޫޅާ ދުވަހު ހަރުގޭގައި އަޅާފައިވާ ކުނާތައް އޮޅައިފައި ރަށް މެދަށްނެރެ ކުނާ ބޮނޑިން ތެޅުމެވެ. އާދަޔާ ޚިލާފު އަދަބެއް:އިސްވެ ދަންނަވާ ލެވުނީ އާދަކާދައިގެ ތެރޭން ވާރުތަވާ ދެކަމެކެވެ. އަޅުގަނޑުގެ ހަނދާނުގައި އަދި ވަރަށް ތަފާތު އަދަބެއް ވެސް މާލޫދާ ގުޅިގެން މީހަކަށް ދެވުނެވެ. އެ ފަހަރަކީ، ބޭރު ރަށެއްގެ ބަޔަކަށް ދަޢުވަތު ދީގެން މާލޫދަށް ގެނައި ފަހަރެކެވެ. ރަށު ފިހާރަތަކުގައި ޕާޕަރު ވަރަށް މަދެވެ. މި ކަން އެނގިގެން އެއްބަޔަކު މާކުރިން އެހުރި ޕާޕަރުކޮޅު ގަނެ ހުސްކޮށްފި އެވެ. ބާރަޔަށް މާލެ ދިޔަ ދޯންޏަށްވެސް އާދެވުނީ ހަނދާންނެތި ޕާޕަރު ނުލަ އެވެ. އެހެންކަމުން މި ކަމުގައި މަޞްލަޙަތު އިސްކުރަންޖެހިއްޖެ އެވެ. ކިތަންމެ ފަގީރު މީހާވެސް އެގޭން ހަރުގެޔަށް އެރުވޭ ކޭން މޮޅު ކޭމަކަށް ހެދޭތޯ ބަލާނެ ވިއްޔާ އެވެ.  ބޭ ކޮރަސް ކޭން ކޮރު ނުވެ ވޭތޯ ބެލުމަކީ، އެންމެ އާދައިގެ  ކޮންެމެ މީހަކުވެސް ސާމާލުކަން ދޭނެ ކަމެކެވެ.  ކޮންމެޔަކަސް ރަށު އޮފީހުން ނިންމީ އެއް ވެސް ކޭމަކަށް ޕާޕަރު ނުލާށެވެ. ނަމަވެސް 12 ވިލޭރޭގެ އެއްކޭމަކު ޕާޕަރު ފެނިއްޖެ އެވެ. މައްސަލަ ގޯސްވީތާ އެވެ. ވަގުތުން މި ކަންކުރި ގޭގެ އިސް މީހާ 3 ދުވަހަށް ގޭ ބަންދު ކޮށްފިއެވެ. މި ކަމާގުޅިގެން އަދި އަދަށްވެސް ޕާޕަރަށް ތޮއްޑޫގެ ދުވަސްވީ މީހުން ކިޔައި އުޅެނީ ގޭބަންދެވެ.
ނިންމާލުން:އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި މި ކަހަލަ ވާހަކަތައް ލިޔެލުމުން، ދިވެހިންގެ އާދަ ކާދައިގެ މަޢުލޫމާތުތަކެއް އެބަ ލިބެ އެވެ. އުޅުމާއި ގުޅުމުގެ ހަމަތަކެއް އެބަ ފެނެ އެވެ. އަޅުގަނޑުމެންގެ ކާބަފައިންގެ އިޖުތިމާޢީ ވެއްޓާއި ގަބޫލުކުރުންތަކާއި އުޅުންތެރިކަން ހުރި ނެތް ގޮތް އެބަ އެނގެ އެވެ. މި ކަންކަމުގެ އިތުރަށް ހަމަ އެކަނި  ދިވެހި ބަހުގެ ވަޅު ޖެހިފައިވާ އެވޭލާ ރީތި  ބަސްތަކެއް ދަސްވިޔަސް އެއީ ވަކިން ކުޑަ ފައިދާއެއް ތޯ އެވެ! މި މަޒުމޫނު ވިދާޅުވެގެން ނުވަތަ ކިޔައިގެން، ފަހުގެ ޖީލުގެ ކުއްޖަކަށް މި ކަންކަން ޙާޞިލުވެއްޖެ ނަމަ އަޅުގަނޑުގެ މި މަސައްކަތުގެ އަގު ބަރާބަރަށް ފުރިހަމަޔަށް ލިބުނީ އެވެ! ————————-

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
4 Comments
 1. ޙަސަން ޝާކިރު މުޙައްމަދު

  ވަރަށް ޝައުޤުވެރިކަމާއެލި ކިޔައިލެވުނު ލިޔުމެއް. ދިވެހި ސަޤާފަތާއި އާދަކާދަތަކުގެ ރީތި ކުލަ ފިލްމެއް ބަލައިލެވުނުފަދަ. މި މަންޒަރުތައް އަލުން ކުޅުވައިގެން، ޓީވީ ޕްރޮގްރާމެއް (ސަޤާފީ ފިލްމެއް) އުފައްދާނެ ބަޔަކުވާނެ ނަމަ ކޮންފަދަތޯ؟ އަޚް އާދަމް ނަޞީރުގެ މި މަސައްކަތަށް ތާރީފާއި ޝުކުރު ޙައްޤު. ފަށްފަށުން ދަރުމަހުރި.

  (1)(0)
 2. އިބުރާހީމް ހުސެން މަނިކު

  ވަރަށް ވެސް ބުގިސްކޮށް ރީތިކޮށް ލިޔެވިފައިވާ ހަނދާނާއި ތާރީޚަށްޓަކައި ވެސް ބޭނުންތެރި ލިޔުމެކެވެ. މިއަގުހުރި ލިޔުން ދޫކުރެއްވީތީ ނަސީރަށް ފަށްފަށުން ޝުކުރުދަންނަވަމެވެ. ކުޑަކުޑަ ކުށެއް ފާހަގަކޮށްލިޔަސް ހިތްބުރަ ނުކުރައްވާނެ ކަމަށް ހީކުރަމެވެ. މާލޭގައި ބުންބާމީހުން ނުވަތަ ވޯރާވިޔަފާރިވެރީން ވިޔަފާރިއަޅައިގެން ތިބެން ފެށީ 1860 ހައިކަށްހައި ތަނުން ފެށިގެންނެވެ. އެއީ 19 ވަނަ ގަރުނުތެރެއެވެ. އެހެންކަމުން "18 ވަނަ ގަރުނުގެ ތެރޭގައި ރާއްޖޭގައި އުޅުނު ބުންބާމީހުން" މިގޮތަަށް ލިޔުއްވައިފައި އޮތް ތަން 19 ވަނަ ގަރުނުގެ ތެރޭގައި ރާއްޖޭގައި އުޅުނު ބުންބާމީހުން" މިގޮތަށް އިސްލާހުކޮށްލަވަނިކޮށް ރަނގަޅުވާނެއެވެ.

  (0)(0)
 3. ދަރިވަރު

  ލިޔުމުގެ މޮޅުކަމާއި ލިޔުމުން ލިބުނު މަޢުލޫމާތުގެ ގިނަކަމާ މެދު ސުވާލެއް ވެސް ނޫފެދެއެވެ. އެކަމަކުވެސް އަޅުގަނޑުގެ ސުވާލެއް އެބަ އޮތެވެ: "...ބަލައި އައިއްސައި ދަނީ" މި ތަނުގައި /އައިއްސައި/ މިއީ ހަމަ ޞައްޙަ ގޮތަކީތޯއެވެ؟ ނުވަތަ މިއީ ވެސް "ފައްސަތޭކަ" ކިޔާ ގޮތަށް ކިއިފައި އޮތް އޮތުމެއްތޯއެވެ؟ އަޅުގަނޑަށް އާދަވެފައިވަނީ "އައިސްފައި؛ ގޮސްފައި" މި ގޮތަށް ލިޔުމަށެވެ. ކިޔައި އުޅެނީ މުޅިއަކުން މި ގޮތަކަށް ނޫނެވެ. ޞައްޙައީ ކޮން ގޮތެއް ކަން ވިދާޅުވެދެއްވިއްޔާ ވަރަށް ހެޔޮފުޅެވެ.

  (0)(0)
 4. އިބުރާހީމް ހުސެން މަނިކު

  "އައިއްސާ ގޮއްސާ" މިއީ ވާހަކަ ދެއްކުމުގައި އާންމުކޮށް ބޭނުންކޮށް އުޅޭ ގޮތެއް ނޫންތޯއެވެ؟ އަދި މިއީ ދިވެހި ބަހުގެ ބައެއް އުސްތާޒުންގެ ލިޔުއްވުންތަކުން ވެސް ފެންނަން ހުރި ގޮތެއް ނޫންތޯއެވެ؟ މިސާލަކަށް ބޮނޑުފެންވަޅުގޭ ސީދީ ލިޔުއްވި "މާމަކުނުދޫ ބޮޑުއީސަގެ ވާހަކަ" އިގެ 96 ވަނަ ފަތްފުށް ބައްލަވާލައްވާށެވެ. "ހޭޅީ ގަސްތެރެއަށް ވަދެ ހާޖިތަށް ގޮއްސާ..." މިހެން ލިޔުއްވާފައި އޮއްވާ ފެނިވަޑައިގަންނަވާނެއެވެ. އެހެން ކަމުން ދަންނަވަން ޖެހެނީ "އައިއްސާ ގޮއްސާ" މިއީ ކުށް ގޮތްގޮތްކަމަށް ކަނޑައެޅޭނެ ތަނެއް އޮތް ހެން ހީނުވާ ވާހަކައެވެ. މިވެބްސައިޓަކީ ދިވެހި އަދަބީ ވެބްސައިޓަކަށް ވުމާއެކު މިޒާތުގެ އޮޅުންތައް ފިލުއްވުން އެދި ލިޔުއްވާ ލިޔުއްވުންތަކަށް އަޅުގަނޑުމެން މަރުހަބާ ދަންނަވާކަން މި ދަނޑިވަޅުގައި އުފަލާއެކު ފާހަގަކުރަމެވެ.

  (1)(0)