ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
މީގެ އަށްސަތޭކަ އެތައް އަހަރެއްގެ ކުރީއްސުރެ ދިވެހީން މި އަންނަނީ އިސްލާމީ އުޞުލުތައް ދަމަހައްޓަމުންނެވެ. އިސްލާމް ދީނަށް ތަބާވެ އެ ދީނުގެ ޝިޢާރުތައް ނަގަހައްޓަމުންނެވެ. ﷲ ގެ އުލޫހިއްޔަތާއި ރުބޫބިއްޔަތަށް ފުރިހަމަޔަށް އީމާންވެގެންނެވެ. ތާރީޚުން ފެންނަން އޮތީ ވެސް ދިވެހީންނަކީ އިސްލާމް ދީނަށް ލޯބިކުރާ ބަޔެއްކަމުގައެވެ.

 ފުންކޮށް ވިސްނައިފި އެއްވެސް މީހަކަށް ވަންހަނާވެގެން ނުވާނޭ ފަދައިން މުޅި އިސްލާމް ދީން ބިނާވެފައިވަނީ ޞުލްޙަމަސަލަސްކަމާއި އަމާންކަމުގެ މައްޗަށެވެ. ފަރުދީ އަދި އިޖުތިމާޢީ މަޞްލަޙަތުގެ މައްޗަށެވެ. މުޅި ޝަރީޢާގެ މަޤާޞިދު ބިނާވެފައިވަނީ މި އަސާސްގެ މަތީގައެވެ. އާދޭހެވެ! އެއްވެސް ޝައްކެއް ނެތް ގޮތުގައި “އިސްލާމީ ޝަރީޢާގެ މަޤްޞަދަކީ ދެ ދުނިޔޭގެ ބާއްޖަވެރިކަން އިންސާނާއަށް ހޯދައިދިނުމެވެ. އެހެންކަމުން މި ޝަރީޢާ އައިސްފައި ވަނީ އިންސާނާގެ މަޞްލަޙަތު ރައްކާތެރިކޮށްދިނުމަށެވެ. ދުނިޔެމަތީގައި އިންސާނާއަށް ހިތްހަމަޖެހުމާއި ފައިދާއާއި ލާބަހުރި އެންމެހައި ކަންކަމަށް މަގުފަހިކޮށްދިނުމާއެކު، ގެއްލުން ހުރި އެންމެހައި ކަންތައްތަކުން އިންސާނާ ސަލާމަތް ކޮށްދިނުމަށެވެ.” (ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ).  މި އަސާސްގެ މައްޗަށް ރިޢާޔަތްކޮށް އެއްޗެއް ދަންނަވާނަމަ މުޅި އިސްލާމީ ޝަރީޢާގެ މައިގަނޑު މަޤްޞަދަކީ އިންސާނީ މަޞްލަޙަތުތައް ޙިމާޔަތްކުރުން ކަން އެއްވެސް އޮޅުމެއް ނެތި ހާމަވެއެވެ. އެހެންކަމުން މަޞްލަޙަތަކީ ކޮބައިކަން ދެނެގަތުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. މަޞްލަޙަތަކީ އެންމެ ސާދާކޮށް ދަންނަވާނަމަ އެއީ އެންމެ ލާބަހުރި ގޮތެވެ. ނުވަތަ ފައިދާހުރި ގޮތެވެ. ނުވަތަ ބޭނުންވާ ގޮތެވެ. ޝައުޤުހުރި ގޮތެވެ. އިނގިރޭސިބަހުން މި ލަފުޒުގެ މާނައެއް ކަމަށް ބުނަނީ interest  ނުވަތަ benefit ކަމުގައެވެ. އަނެއް މާނައަކީ peace  އެވެ. އަމާންކަމެވެ. މިއިން ކޮންމެ މާނައަކީވެސް ޙަލަތަށް (ކޮންޓެކްސްޓަށް) ބަލައިގެން ކުރެވޭނެ މާނައެވެ. “މަޞްލަޙަތު” މި ލަފުޒަކީ ދިވެހި މުޖްތަމަޢުގައި ނުވަތަ ދިވެހި އަދަބިއްޔާތުގައި ކިތަންމެ ގިނައިން ބޭނުންކުރާ ލަފުޒެއް ނަމަވެސް މި ލަފުޒަށް އަދި ދިވެހި ބަސްފޮތުން ޖާގަ ލިބިފައެއް ނެތެވެ. އެހެންކަމުން އެ ލަފުޒުގެ މާނަ ދެނެގަތުމަށް ރުޖޫޢަވާންޖެހެނީ އެހެން ފޮތްތަކަށެވެ. ޢަރަބި-އިނގިރޭސި ޑިކްޝަނަރީތަކުގައި މި ލަފުޒު މާނަކޮށްފައި ހުންނަނީ ކުރިންވެސް ދެންނެވި ފަދައިން “ފައިދާ ހުރި ގޮތް”ކަމުގައެވެ. “އެންމެ ލާބަހުރި ގޮތް” ކަމުގައެވެ. ނުވަތަ “އެންމެ ބޭނުންވާ ގޮތް” ކަމުގައެވެ.
 މުޅި އިސްލާމީ ޝަރީޢާ ބާވައިލެއްވީ ހިތްތަކުގެ ބަލިތަކަށް ތެދު މަގެއް ކަމުގައްޔާއި މުއުމިނުންނަށް ތެދުމަގާއި ރަޙުމަތެއްކަމުގައެވެ ” يَا أَيُّهَا النَّاسُ قَدْ جَاءتْكُم مَّوْعِظَةٌ مِّن رَّبِّكُمْ وَشِفَاء لِّمَا فِي الصُّدُورِ وَهُدًى وَرَحْمَةٌ لِّلْمُؤْمِنِينَ ”  (سورة يونس 57) . އެހެންކަމުން އިސްލާމީ ޝަރީޢާ ބިނާވެފައިވަނީ އިންސާނީ މަޞްލަޙަތުގެ މައްޗަށްކަމާ މެދަކު ޝައްކެއް ނެތެވެ. 
الإمام ابن القيم  ވިދާޅުވެފައިވާ ގޮތުގައި މަޞްލަޙަތަކީ ހިތްހަމަޖެހުމާއި ލައްޛަތެވެ. އަދި ނިޢުމަތާއި އުފާވެރިކަމެވެ. އަދި އެފަދަ ކަންކަމަށް މަގުފަހިކޮށްދޭ ކަންކަމެވެ. އާދެ! ” المصلحة هى اللذّة والنّعيم وما يقضى إليه”    އެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި ނިޢުމަތާއި އުފާވެރިކަމާއި ހިތްހަމަޖެހުން ލިބޭނީ ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބިގެންނެވެ. ހަމައެކަނި ދުނިޔޭގެ ވަގުތީ އުފާ ލިބުނަސް އެއީ (ޙަޤީޤީ) ހިތްހަމަ ޖެހުމެއް ކަމަށް ނުވާނެ އެވެ. އެހެންކަމުން ޙަޤީޤީ މަޞްލަޙަތަކީ ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމެވެ. މަޞްލަޙަތުގެ މުރާދަކީ ދީނާއި ދުނިޔޭގެ މަޞްލަޙަތެވެ.
ކަންހުރީ މިހެންކަމުގައި ވާއިރު މިއަސާސާ ޚިލާފުވާ ގޮތަށް ކަންކުރުމަކީ ހަމަ އެއްވެސް މީހެއްގެ މައްޗަށް ހުއްދަވެގެންވާނެ ކަމެއް ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. އެހެނީ ޢަދައިގެ މައް މީހަކު އޭނާގެ އާދައިގެ ވިސްނުމަކުން ވިސްނިޔަސް އެއްވެސް ކަމެއްގެ މަޤުޞަދު ޙާޞިލުނުވާ ގޮތަކަށް އެއްވެސް ކަމެއް ކުރުމަކީ ހުއްދަވެގެންވާނެ ގޮތެއް ނޫނެވެ. ދީނުގެ ކަންކަމުގައި އަޅުގަނޑުމެންގެ ތެރޭގައި ޚިލާﷲު އުފެދިގެން ނުވާނެ ކަންކަމުގައި ވެސް ކުދިކުދި ރަށްރަށުގެ އަހުލުވެރީންގެ މެދުގައި ބައިބައިވުން އުފެދި ފިތުނަފަސާދައަށް މަގުފަހިވެފައި އެބަހުއްޓެވެ. މިއީ ހިތާމަހުރިކަމެކެވެ. މިސާލަކަށް ނަމާދުގައި އަލްޙަމްދާއި ސޫރަތް ކިޔާވާއިރު ބިސްމި ކިޔުމާއި ނުކިޔުމާއި ބާރަށް ކިޔުމާއި ސިއްރުން ކިޔުމުގެ މައްސަލައެވެ. ފަތިސް ނަމާދުގައި ޤުނޫތު ކިޔުމުގެ މައްސަލައެވެ. މޭމަތީގައި ޙަރަމް ބަނުމާއި ފޫޅާއި ކަކުލާއި ދެމެދުގައި ޙަރަމް ބަނުމާއި ފޫޅުންތިރީގައި ޙަރަމްބަނުމުގެ މައްސަލައެވެ. ދެން މިހެން ގޮސް މިފަދަ ކުދިކުރި މައްސަލަތައް ބިޔަ ބޮޑެތި ފަރުބަދަތަކަށް ހަދައިގެން ބައެއް މީހުން އެބައުޅެއެވެ. މި މައްސަލައިގައި ތިމާ ޤަބޫލުކުރާ ގޮތަށް ކަންކުރާ މީހާއަށް ސަނާ ކިޔައި އަނެކާ ކާފިރުކުރެވޭތަން އާދެއެވެ. ހަޤީޤަތުގައި މިއީ މިއިން އެއްވެސް ކަމަކުން ނުތަނަވަސްކަމެއް ހަމަ ނުޖެހުމެއް އުފެދިގެން ނުވާނެއެވެ. މިއިން ކޮންމެ ކަމެއްގައިވެސް އިސްލާމް ދީނުގެ މައިގަނޑު މަޤުޞަދުތަކުގެ މަތީން ހަނދާން ނައްތާލައިގެން ނުވާނެ އެވެ.   އިސްލާމް ދީނުގެ އަނެއް އަސާސަކީ ލުއި ފަސޭހަކަމެވެ. މާތް ﷲ ވަޙީކުރައްވައިވެއެވެ. ” يُرِيدُ اللّهُ بِكُمُ الْيُسْرَ وَلاَ يُرِيدُ بِكُمُ الْعُسْرَ ” (“اللَّه، ތިޔަބައިމީހުންނަށް ލުއިފަސޭހަގޮތް އިރާދަކުރައްވަތެވެ. އަދި ދަތި އުނދަގޫގޮތް ތިޔަބައިމީހުންނަކަށް އިރާދައެއް ނުކުރައްވަތެވެ. “) (سورة البقرة:185) އަދި މިފަދައިންވެސް ވަޙީކުރައްވައިފައިވެއެވެ. “لاَ يُكَلِّفُ اللّهُ نَفْسًا إِلاَّ وُسْعَهَا لَهَا مَا كَسَبَتْ وَعَلَيْهَا مَا اكْتَسَبَتْ رَبَّنَا لاَ تُؤَاخِذْنَا إِن نَّسِينَا أَوْ أَخْطَأْنَا رَبَّنَا وَلاَ تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِن قَبْلِنَا رَبَّنَا وَلاَ تُحَمِّلْنَا مَا لاَ طَاقَةَ لَنَا بِهِ” (“اللَّه، އެއްވެސް نفسއަކަށް، އެ نفسއަކަށް ކުޅަދާނަވެގެންވާ ކަމަކަށް މެނުވީ تكليفއެއް ނުޖައްސަވައެވެ. އެ نفسއެއް ހޯދި ހެޔޮކަމެއް (ގެ ثواب) އެ نفسއަކަށް ވެއެވެ. އަދި، އެ نفسއެއް ހޯދި ނުބައިކަމެއް (ގެ عقاب) އެ نفسއެއްގެ މައްޗަށްވެއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެން ހަނދާންނެތިއްޖެނަމަ، ނުވަތަ، قصدއެއްނެތި އަޅަމެންނަށް ކުށެއް ވެވިއްޖެނަމަ (އެކަމަށް) އަޅަމެންނަށް عقوبات ނުދެއްވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ކުރިންތިބި މީހުންނަށް އުފުލުމަށް ޖެއްސެވިފަދަ ބުރަކަމެއް އަޅަމެން އުފުލުމަށް ނުޖައްސަވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް އެކަމަކަށް ކުޅަދާނަވެގެން ނުވާކަމެއް އުފުލުމަށް އަޅަމެންނަށް ނުޖައްސަވާނދޭވެ!”) (سورة البقرة:286). އަދިވެސ ވަޙީކުރައްވައިފައިވެއެވެ. “وَمَا جَعَلَ عَلَيْكُمْ فِي الدِّينِ مِنْ حَرَجٍ ” (“އަދި دينގައި އުނދަގޫވެގެންވާ ދަތިކަމެއް އެކަލާނގެ ތިޔަބައިމީހުންގެ މައްޗަކަށް ނުލައްވަތެވެ.”) (سورة الحجّ:78) ޞަޙީޙުލްބުޚާރީގައި ބަޔާންކުރައްވައިފައިވާ ގޮތުން މީސްތަކުންގެ މައްޗަށް ލުއިކުރެއްވުމާއި ފަސޭހަކުރެއްވުމަށް އިތުރު މާތް ނަބިއްޔާ (ޞައްލަﷲ ޢަލައިހި ވަސައްލަމް) ލޯބިކުރައްވައެވެ. އަބޫ މޫސާ އަލްއަޝްޢަރީގެ ކިބައިން ރިވާވެގެންވާ ގޮތުގައި އެކަލޭގެ ފާނާއި މުޢާޛު އިބްނި ޖަބަލް، ޔަމަން ކަރައަށް ފޮނުއްވި ހިނދު ޙަދީޘްކުރެއްވި އެވެ. “ތިޔަބައި މީހުން (މީސްތަކުންނަށް) ފަސޭހަކުރާށެވެ! ދަތި ނުކުރާށެވެ! އަދި އުފާވެރިކަމުގެ ޚަބަރުދޭށެވެ! އަދި ނަފުރަތު ނޫފައްދާށެވެ!” މާތް ﷲ ރުއްސުންލެއްވި ޢާއިޝާ (ރަޟިޔަﷲ ޢަންހާ)ގެ އަރިހުން ރިވާވެގެންވެއެވެ. “ކީރިތި ރަސޫލާ އަށް އިޚުތިޔާރު ލިބިވަޑައިގެން 2 ކަމެއް ހުށހެޅިއްޖެ ނަމަ، ފާފައެއް ކަމުގައި ނުވާހާ ހިނދަކު އެކަލޭގެފާނު ޚިޔާރުކުރައްވަނީ އޭގެ ތެރެއިން އެންމެ ލުއި ފަސޭހަ ގޮތެވެ.”(ނުނިމޭ)

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.