ﷲ ގެ ރަސޫލާ މޫސާ ޢަލައިހިއްސަލާމް އުފަންވެވަޑައިގަތީ މިސުރަށެވެ. ގާތްގަނޑަކަށް ތިރީހަކަށް އަހަރު ވާންދެން ދިރިއުޅުއްވީވެސް މިސުރުގައެވެ. އޭގެ ފަހުން ދިމާވީ ސަބަބުތަކާ ހުރެ މިސުރު ދޫކުރައްވައި ނުކުމެ ވަޑައިގެން ދިގު ދަތުރުފުޅެއް ފެށްޓެވިއެވެ. އެންމެ ފަހުން ވަޑައިގެން މަޑު ކުރެއްވީ މަދްޔަނުގައެވެ. އެއީ ސޫރިޔާގެ ރަށެކެވެ. މަދްޔަނުގެ ރަށް ބޭރުގައި، ގަހެއްގެ ހިޔަލުގައި، އަރާމު ކުރައްވާން އޮންނަވަނިކޮށް ވަރަށް ޝައުގުވެރި ކުރުވަނިވި ހާދިސާއެއް ހިނގިއެވެ. މި ވާހަކަ ކީރިިތި ޤުރްއާނުގެ އަލްޤަޞަޞް ސޫރަތުގައި ބަޔާންކޮށް ދެއްވައިފައި…

ﷲ ގެ ރަސޫލާ މޫސާ ޢަލައިހިއްސަލާމް އުފަންވެވަޑައިގަތީ މިސުރަށެވެ. ގާތްގަނޑަކަށް ތިރީހަކަށް އަހަރު ވާންދެން ދިރިއުޅުއްވީވެސް މިސުރުގައެވެ. އޭގެ ފަހުން ދިމާވީ ސަބަބުތަކާ ހުރެ މިސުރު ދޫކުރައްވައި ނުކުމެ ވަޑައިގެން ދިގު ދަތުރުފުޅެއް ފެށްޓެވިއެވެ. އެންމެ ފަހުން ވަޑައިގެން މަޑު ކުރެއްވީ މަދްޔަނުގައެވެ. އެއީ ސޫރިޔާގެ ރަށެކެވެ. މަދްޔަނުގެ ރަށް ބޭރުގައި، ގަހެއްގެ ހިޔަލުގައި، އަރާމު ކުރައްވާން އޮންނަވަނިކޮށް ވަރަށް ޝައުގުވެރި ކުރުވަނިވި ހާދިސާއެއް ހިނގިއެވެ. މި ވާހަކަ ކީރިިތި ޤުރްއާނުގެ އަލްޤަޞަޞް ސޫރަތުގައި ބަޔާންކޮށް ދެއްވައިފައި ވެއެވެ.

“އަދި އެކަލޭގެފާނު މަދްޔަނުގެ ފެންވަޅުގެ ކައިރިޔަށް ވަޑައިގެންނެވި ހިނދު، މީސްތަކުންގެ ތެރެއިން ގިނަ ބަޔަކު (އެއުރެންގެ ޖަނަވާރުތަކަށް) ފެން ދެނިކޮށް އެކަލޭގެފާނު އެކަލޭގެފާނު ދެކެވަޑައިގެންނެވިއެވެ. އަދި އެއުރެންނާ ތަންކޮޅެއް ދުރުގައި ދެ އަންހެނަކު ތިބެގެން (އެއުރެންގެ ޖަނަވާރުތައް) ދުރަށް ޖައްސާތީ ދެކެވަޑައިގެންނެވިއެވެ. (އެ ހިނދު) އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަ ދެ މީހުން ތިޔަހެން ހަދަނީ ކީއްވެގެން ހެއްޔެވެ؟ އެ ދެ އަންހެނުން ދެންނެވިއެވެ. ޖަނަވާރުތައް ހުއިހައްޕާ މީހުން (އެއުރެންގެ ޖަނަވާރުތަކަށް ފެންދީ) ދުރަށް ހިނގައްޖައުމަށް ދާނދެން، ތިމަންމެންގެ ޖަނަވާރަށް ތިމަންމެންނަކަށް ފެނެއް ނުދެވޭނެތެވެ. އަދި އަހުރެމެންގެ ބައްޕައަކީ (އެ ފަދަ ކަމެއް ކުރެއްވޭ ވަރަށްވުރެ) އުމުރުން ދުވަސް ވެފައިވާ މުސްކުޅި އެކެވެ. ފަހެ، އެކަލޭގެފާނު (އެ ދެ އަންހެނުންގެ ޖަނަވާރުތަކަށްޓަކައި) އެ ދެ އަންހެނުންނަށް ފެން ދެއްވިއެވެ. ދެން އެކަލޭގެފާނު އެނބުރި (ގަހެއްގެ) ހިޔަލަށް ވަޑައިގަތެވެ. ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރި ރަސްކަލާކޮ! އިބަރަސްކަލާނގެ މި އަޅާއަށް ދެއްވި ކޮންމެ ހެވަކަށް ހަމަ ކަށަވަރުން، މި އަޅާ ވަނީ ބޭނުން ވެގެންނެވެ. ފަހެ، އެ ދެ އަންހެނުން ކުރެ އެކަކު ލަދުރަކި ގޮތެއްގައި ހިނގާފައި އެކަލޭގެފާނު އަރިހަށް އައިސް ދެންނެވިއެވެ. ހަމަކަށަވަރުން، ތިމަންގެ ބައްޕާ ކަލޭގެފާނަށް އެބަ ގޮވަައިލައްވައެވެ. (އެއީ) ކަލޭގެފާނު ތިމަންމެންނަށް ފެން ދެއްވި ކަމުގެ މައްޗަށް އުޖޫރައެއް ދެއްވުމަށްޓަކައެވެ. ފަހެ، އެކަލޭގެފާނު އެކަލޭގެފާނުގެ އަރިހަށް (އެ ބަހީ: އެ ދެ އަންހެން ކުދިންގެ ބައްޕާގެ އަރިހަށް) ވަޑައިގެން އެކަލޭގެފާނުގެ ވާހަކަ ކިޔައި ދެއްވި ހިނދު، އެކަލޭގެފާނު (އެ ބަހީ: އެ ދެ އަންހެން ކުދިންގެ ބައްޕާ) ވިދާޅުވިއެވެ. ކަލޭގެފާނު ބިރުފުޅު ނުގަންނާށެވެ! އަނިޔާވެރިވީ މީހުންގެ ކިބައިން ކަލޭގެފާނު ސަލާމަތްވެ ވަޑައިގެންފީމުއެވެ. އެ ދެ އަންހެނުން ކުރެ އެކަކު ދެންނެވިއެވެ. އޭ ބައްޕާއެވެ! އޭނާއަށް ނޯކިރީއެއް ދެއްވާފައި ބަހައްޓަވާށެވެ! ހަމަ ކަށަވަރުން، ކަލޭގެފާނު ނޯކަރެއް ކަމުގައި ބަހައްޓަވަން އެންމެ ރަނގަޅު މީހަކީ، ގައި ބާރު ހުރި އަމާނާތްތެރިޔެކެވެ.” (އަލްޤަޞަޞް ސޫރަތުގެ 23 ވަނަ އާޔަތުން ފެށިގެން 26 ވަނަ އާޔަތުގެ ނިޔަލަށް)

މި ވާހަކައިގައި ބަޔާން ކުރައްވައިފައިވާ ގޮތުގައި މޫސާ ޢަލައިހިއްސަލާމް މަދްޔަނުގައި (އެ ދެ އަންހެން ކުދިންގެ ގޭގައި) ގާތްގަނޑަކަށް އަށް އަހަރު ވާންދެން ހުންނެވިއެވެ. އެ ކުދިންގެ ބައްޕަ (ޝުޢައިބުގެފާނު) އޭގެ ތެރެއިން އެއް ކުއްޖަކުގެ ކާވެނި މޫސާ ޢަލައިހިއްސަލާމާ ކޮށް ދެއްވިއެވެ. އަށް އަހަރު ފަހުން މޫސާ ޢަލައިހިއްސަލާމް މަދްޔަނު ދޫކުރައްވައި އެނބުރި އެކަލޭގެފާނުގެ އުފަން ރަށް، މިސުރަށް ވަޑައިގަތެވެ.

އެ ދެ އަންހެން ކުދިން މޫސާ ޢަލައިހިއްސަލާމްގެ ވާހަކަ ބައްޕައަށް ދެންނެވި އިރު ފާހަގަ ކުރި ދެ ސިފައަކީ މި ދުނިޔޭގެ ކާމިޔާބީއަށްޓަކައި އޮތް އެންމެ ފުރިހަމަ ރަހަފަތެވެ. އެއީ ދެ ނުކުތާއެއްގެ މައްޗަށް އެކުލެވޭ ރަހަފަތެކެވެ. އަމާާނާތްތެރިކަމާއި ބުރަ މަސައްކަތެވެ. އަމާނާތްތެރި ކަމުގެ ސަބަބުން މީހާ، މުޖުތަމަޢުގައި އިތުބާރު ހިފޭ މީހަކަށް ވެދެއެވެ. ބުރަ މަސައްކަތް ކުރާން ޖެހިލުން ނުވާ މީހާ އޭނާގެ ހުރިހައި ވަގުތެއް މަސައްކަތަށް ތަޚުސީސު ކޮށްފާނެއެވެ.

ބާރު ހުރުމާއި އަމާނާތްތެރި ވުމަކީ އިންސާނެއްގެ ކިބައިގައި ހުރުން އެންމެ އެދެވޭ ސިފަތަކުގެ ތެރެއިން ދެ ސިފައެވެ. “ބާރު” މި ބަހުން ސިފަކޮށް ދެނީ ޖިސްމާނީ ބާރެވެ. “އަމާނާތްތެރިކަން” މި ބަހުން ސިފަކޮށް ދެނީ ރޫޙާނީ ބާރެވެ. މި ދެ ސިފަޔަކީވެސް މުހިއްމު ދެ ސިފައެވެ. މި ދެ ސިފަ ލިބިގެންފި މީހަކީ ދަހަނާ އަޅައި ފުރިހަމަ ވެގެންފި މީހެކެވެ. މި ސިފައިގެ ސަބަބުން އިންސާނާ މި ދުނިޔޭގައި ފުރިހަމަ ކާމިޔާބީ ލިބޭ މީހަކަށް ވެދެއެވެ.

ބުއްދިވެރި ބަހެއްގައި އޮވެއެވެ. “ކަލާނގެ އެހީތެރިވެ ވޮޑިގެން ވަނީ ޚުދު އަމިއްލަ ނަފްސަށް އެހީވާ މީހަކަށެވެ.” އަމިއްލަ ނަފްސަށް އެހީވުމަކީ ކޮބައިތޯއެވެ؟ އޭގެ މާނައަކީ މި ދެންނެވުނު ރީތި ދެ ސިފަ ލިބިގަތުމެވެ. އެއީ އަމާނާތްތެރިކަމާއި ބުރަ މަސައްކަތެވެ. (މަވްލާނާ ވަޙީދުއްދީން ޚާންގެ ލިޔުއްވުމެއްގެ ތަރުޖަމާ)

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment