000ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާވަށު އަޒީ) އެކި ތަންތަނާ އެކި ކަންކަމާ ބެހޭ ގޮތުން ނުވަތަ އެތަންތަނާ ގުޅުވައިގެން ތަފާތު ވާހަކަތައް ތުންތުންމަތީން ދެކެވި، ވާރިދުވެފައިވެއެވެ. މިއިން އެއްވެސް ވާހަކައަކީ ތެދެއްކަން ސާބިތުކުރެވޭނޭ އެއްވެސް ހެތްކެއް ނެތެވެ. ނަމަވެސް އެފަދަ ވާހަކަތައް ކިޔައި އަޑުއަހައިލުމުން ދިވެހީންގެ ސަގާފަތުގެ ތެރެއިން ގިނަ ކަންކަން ހާމަވެއެވެ. މިވާހަކަތައް ޝާއިޢުކުރާން އަޅުގަނޑު ގަސްތުކުރީ ދިވެހިންގެ އިހުގެ ސަގާފަތާއި އާދަކާދައަށް މިކަމުން ކުޑަ ނަމަވެސް އަލިކަމެއް ލިބޭނޭ ކަމުގެ އުންމީދުގައެވެ. މި ސިލްސިލާގެ…
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާވަށު އަޒީ)

އެކި ތަންތަނާ އެކި ކަންކަމާ ބެހޭ ގޮތުން ނުވަތަ އެތަންތަނާ ގުޅުވައިގެން ތަފާތު ވާހަކަތައް ތުންތުންމަތީން ދެކެވި، ވާރިދުވެފައިވެއެވެ. މިއިން އެއްވެސް ވާހަކައަކީ ތެދެއްކަން ސާބިތުކުރެވޭނޭ އެއްވެސް ހެތްކެއް ނެތެވެ. ނަމަވެސް އެފަދަ ވާހަކަތައް ކިޔައި އަޑުއަހައިލުމުން ދިވެހީންގެ ސަގާފަތުގެ ތެރެއިން ގިނަ ކަންކަން ހާމަވެއެވެ. މިވާހަކަތައް ޝާއިޢުކުރާން އަޅުގަނޑު ގަސްތުކުރީ ދިވެހިންގެ އިހުގެ ސަގާފަތާއި އާދަކާދައަށް މިކަމުން ކުޑަ ނަމަވެސް އަލިކަމެއް ލިބޭނޭ ކަމުގެ އުންމީދުގައެވެ.

މި ސިލްސިލާގެ ދަށުން އަޅުގަނޑު މި ފަހަރު މި ލިޔަނީ އުތީމު ގަނޑުވަރު (ބޮޑުތަކުރުފާނުގެ ޅަފަތުގެ ޙަޔާތްޕުޅުގައި ދިރިއުޅުއްވި، އެ ތަކުރުފާނުގެ މައިފުނަގެކޮޅު)ގެ ކަރާމާތްތެރި ކަމާ ގުޅުވައިގެން ދައްކައި އުޅޭ ވާހަކަތަކުގެ ތެރެއިން އެއް ވާހަކައެވެ. މި ވާހަކަ އަޅުގަނޑަށް ކިޔައިދެއްވީ އުތީމު އަލްފާޟިލް ޢަބްދުއްރަޙީމް ޢަބްދުއްރަޙުމާނެވެ. އެހެންނަމަވެސް މި ވާހަކަ މި ގެނެސްދެނީ އޭނާގެ ޢިބާރާތަކުންނޫނެވެ. އޭނާ ދެއްކެވި ވާހަކަތައް އަޅުގަނޑު އަމިއްލަޔަށް ޢިބާރާތްކޮށްގެންނެވެ.

* * * * *

އުތީމު ބޮޑުމާލޫދަށް ކެޔޮ ހޯދާން އުޅެއުޅެ، ދޮންކެޔޮ ލިބޭ ގޮތެއް ނުވިއެވެ. އުތީމަކީ ވެސް ދަނޑުވެރި ރަށަކަށް ނުވާ ފަދައިން އެ ރަށު ކައިރީގައި އޮންނަ ދިއްދޫއަކީ ވެސް މާ ގިނަ ބާވަތްބާވަތުގެ ގަސްގަހާގެހި ހައްދާ ރަށެއް ނޫނެވެ. ކަންދިމާވި ގޮތުން ދުރު ރަށްރަށަށް ކެޔޮ ހޯދާން ދަތުރުކުރާކަށް މޫސުން ތަނެއް ނުދިނެވެ. އެހެންކަމުން ދޮންކެޔޮ ނުހިމަނައި ބޮޑުކެއިމުގެ ކަންތައް ކުރިޔަށް ގެންދާން ނިންމި އެވެ. ދޮންކެޔޮ ނެތުމަކީ ބޮޑުކެއިމަށް ލިބޭނެ އުނިކަމެއް ކަމަށް ވިޔަސްވެހެވެ.

އާދައިގެ މަތީން މަޣުރިބު ނަމާދުން ބައިބައިގެން އެކި ގޭގެއިން ކެއިން އަޅައިގެން (ބޮޑު ކެއިން ތައްޔާރުކޮށް އެކި ކަންވާރުތަކާއި ބޮޑުމަލާފަތުގައި) ކެއިންތައް ހަރުގެޔަށް ގެންގޮސްފިއެވެ. ދޮންކެޔޮ ނުލިބުމުގެ ހިތްދަތިކަމާއެކުގައެވެ. ބޮޑުކެއިން ކާންފަށާނީ ޢިޝާނަމާދުން ބައިބައިގެން ކަމަށް ވާތީ، އެ ރަށު ދޮންއާދަނު (އަޞްލު ނަމެއް ނޫން) ވެސް ޢިޝާ ނަމާދުކޮށްލައިގެން ގިނަ މީހުން މިސްކިތުން ނުފައިބަނީސް، ގަނޑުވަރާ ދިމާ އަތިރިމައްޗަށް ފޭބީ ކުޑަކަމަކު ޤަޟާޙަޖަތެއް ކޮށްލާށެވެ. އޭނާއަށް ފެނުނީ ބޮޑު ދޮންކެޔޮގަނޑެއް އެދިމާ އަތިރިމަތީގައި (ދެފަސް ބެދުނު ހިސާބުގައި) އޮއްވައެވެ. މޫދުން ލެއްގި އެއްޗެއްކަމުގެ އެއްވެސް ނިޝާނެއް ނެތެވެ. އެއްވެސް ހަޑިކަމެއް ނުތާހިރުކަމެއް ނެތެވެ. އެއީ މީހަކު ގެނެސް ރަށަށް ބާލައިފައި އޮއް އެއްޗެއް ކަމެއް ވެސް ނޭނގެއެވެ. ރަށަށް އިތުރު އުޅަނދެއް ނުވެސް އާދެއެވެ.

ކެޔޮ ނުލިބިގެން އުޅެނިކޮށް ބޮޑު ކެޔޮގަނޑެއް ލިބުމަކީ ވަރަށް ބޮޑު ރަޙުމަތެއް ކަމުގައި ބަލައި ކެޔޮ ގަނޑު ކޮނޑަށް ލައިގެން ގެންދިޔައީ މާލޫދު ހަރުގެޔަށެވެ. އޭރު ހަރުގެޔަށް މީހުންތައް ޖަމާވެއްޖެއެވެ. ކާކަށް ނުފަށައެވެ.

ކެޔޮގަނޑު ފެނުމުން އެންމެންގެ މޫނުމައްޗަށް ހިނިތުންވުން ވެރިވިއެވެ. އާދަނާ ކޮންތާކުން ގެނައި ބޮޑު ކެޔޮގަނޑެއްހޭ ވެސް މީސްމީހުން ސުވާލުކުރެއެވެ. މިއިން ސުވާލަކަށް އާދަނު ޖަވާބެއް ނުދީ، ކެޔޮގަނޑުގެ އަރިތަށް ކޮށައިލައި ވައްތައް ވަކިކޮށް އެންމެންނަށް ބަހައިލި އިރު، ހަރުގޭގައި ތިބި އެންމެންނަށް ކޮންމެ މީހަކަށް ދޮންހެޔޮވަކެއް ލިބިއްޖެއެވެ. އާދަނު ވެސް ހިމަނައިގެންނެވެ. މިކަން ވީ ގޮތް ރަށު މީހުންނަށް އާދަނު ފަހުން ކިޔައިދިނުމުން އެންމެން ވެސް ގަބޫލުކުރީ އެއީ އުތީމު ގަނޑުވަރުގެ ކަރާމާތްތެރިކަމުގެ ސަބަބުން މާތް ﷲ ދެއްވި ޚާއްޞަ ޢިނާޔަތެއް ކަމަށެވެ.

އެ ކެޔޮގަނޑުން ދޮންކެޔޮވަކެއް ކެއި(ކަމަށް ބުނާ) މީހަކު އަދިވެސް އެރަށުގައި ދިރި ދުނިޔޭގައި އެބަހުއްޓެވެ. މިއީ ވެސް އުތީމު ގަނޑުވަރާ ގުޅުވައިގެން ތުންތުންމަތީން ދެކެވޭ ވާހަކައެކެވެ. މިފަދަ އެތައް ވާހަކައެއް އަދިވެސް އެބަހުއްޓެވެ.

——————————–


 

About the author
Leave Comment