ދުނިޔޭގައި އެތެރޭގެ ދަރަނި އެންމެ ބޮޑު ގައުމަކީ އެމެރިކާއެވެ. އެއީ 19.5 ޓްރިލިއަން ޑޮލަރެވެ. އެހެން ނަމަވެސް ޖީޑީޕީގެ ނިސްބަތުން ޖުމްލަ ދަރަނީގެ މިންވަރު ބަލާނަމަ އެމެރިކާއަށްވުރެ މާ ހާލު ދެރަ ގައުމުތައް ދުނިޔޭގައި އެބަހުއްޓެވެ. ޖީޑީޕީގެ ނިސްބަތުން ދަރަނި ބޮޑުވާ ނިސްބަތް ބޮޑުވީ ވަރަކަށް ދަރަނި ހަމަޖެއްސުމުގެ މަސައްކަތް އުނދަގޫ ވާނެއެވެ. ތިރީގައި މިވަނީ ވޯލްޑް އިކޮނޮމިކް ފޯރަމުން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ދުނިޔޭގެ އެންމެ ދަރަނި ބޮޑު 20 ގައުމެވެ.   20.…

ދުނިޔޭގައި އެތެރޭގެ ދަރަނި އެންމެ ބޮޑު ގައުމަކީ އެމެރިކާއެވެ. އެއީ 19.5 ޓްރިލިއަން ޑޮލަރެވެ. އެހެން ނަމަވެސް ޖީޑީޕީގެ ނިސްބަތުން ޖުމްލަ ދަރަނީގެ މިންވަރު ބަލާނަމަ އެމެރިކާއަށްވުރެ މާ ހާލު ދެރަ ގައުމުތައް ދުނިޔޭގައި އެބަހުއްޓެވެ. ޖީޑީޕީގެ ނިސްބަތުން ދަރަނި ބޮޑުވާ ނިސްބަތް ބޮޑުވީ ވަރަކަށް ދަރަނި ހަމަޖެއްސުމުގެ މަސައްކަތް އުނދަގޫ ވާނެއެވެ. ތިރީގައި މިވަނީ ވޯލްޑް އިކޮނޮމިކް ފޯރަމުން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ދުނިޔޭގެ އެންމެ ދަރަނި ބޮޑު 20 ގައުމެވެ.

 

20. ކެނެޑާ – 89.1 އިންސައްތަ

މާލީ ހާާލަތު މި ވަގުތު މާ ރަނގަޅު ނޫން ކަމަށް ބެލެވިފައިވާ ކެނެޑާގައި ދަރަނީގެ ނިސްބަތް މި ވަނީ އެންމެ ނުރައްކާތެރި މިންވަރު ކަމަށް ކަނޑައަޅާފައިވާ 90 އިންސައްތަޔާ ވަރަށް ބޮޑަށް ކައިރި ވެފައެވެ. މާހިރުން ލަފާ ކުރާ ގޮތުގައި މިހައި ބޮޑު ދަރަންޏެއް އޮތުމުގެ ސަބަބުން ގައުމުގެ އުފެއްދުންތެރި ކަމަށް ނުބައި އަސަރުތަކެއް ކުރާނެއެވެ. އަދި ކުރިއަށް ދެތިން އަހަރެއްގެ ތެރޭގައި އިގްތިސާދީ މަޅިއެއްގައި ބެދުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

 

19. މިސުރު –  89.2 އިންސައްތަ

އަރަބި ދުނިޔޭގައި ފެށުނު އިސްލާހީ ހަރަކާތްތަކުގެ ކުރީންވެސް މސުުރުގައި ވަނީ ސިޔާސީ އެތައް ތޫފާނެއް އުފެދިފައެވެ. ނަތީޖާއެއްގެ ގޮތުން ގައުމުގެ އިގްތިސާދު އޮތީ ދެރަވަރު ހާލަތެއްގައެވެ. މިހާރު އޮތް ސަރުކާރުން ގެންދަނީ ދަރަނި ފޫބެއްދުމަށްޓަކައި ދަރަންޏަށް ފައިސާ ނަގަމުންނެވެ. އެކި ގޮތްގޮތަށް ނަގާ ޓެކްސް އިތުރުކޮށް، ގައުމުގެ ސިޔާސީ ކަންތައްތަކަށް އިސްލާހީ ބަދަލުތަކެއް ގެންނަމުން ދިޔަ ނަމަވެސް މިހާރުވެސް ދަރަނީގެ ނިސްބަތް އޮތީ ކަންބޮޑު ވާން ޖެހޭ ފަދަ މިންވަރެއްގައެވެ.

 

18. އިނގިރޭސިވިލާތް – 90.1 އިންސައްތަ

އިނގިރޭސިވިލާތުގެ ޚަޒާނާގެ ކުރީގެ ވެރިޔާ ޖޯޖް އޮސްބޯރން އެޅުއްވި އިސްލާހީ ފިޔަވަޅުތަކާއެކުވެސް އިނގިރޭސިވިލާތުގެ އިގްތިސާދު ހިފެހެއްޓޭ ގޮތެއް ނުވިއެވެ. 2010 ވަނަ އަހަރު ދަރަނީގެ ނިސްބަތް އޮތީ 78.4 އިންސައްތައިގައެވެ. 2014/2015 ގައި މި އޮތީ 90.1 އިންސައްތައަށް އަރައިފައެވެ. އެހެންނަމަވެސް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ދަރަނީގެ ނިސްބަތް ވަރަށް ބޮޑަށް ކުޑަ ވެގެން ދާނޭ ކަމަށް ވަނީ ބެލެވިފައެވެ.

 

17. އައިސްލޭންޑް – 90.2 އިންސައްތަ

2007 ވަނަ އަހަރު އައިސްލޭންޑްގެ ދަރަނީގެ ނިސްބަތް އޮތީ 28.5 އިންސައްތައިގައެވެ. އެހެންނަމަވެސް 2008-2011 ގައި އައިސްލޭންޑަށް އިގްތިސާދީ މައްސަލަގަނޑަކާ ކުރިމަތިލާން ޖެހުނެވެ. އޭގެ ތެރޭގައި ގައުމުގެ ބޮޑެތި ބޭންކުތައް ދަރަނިވެރި ހާލަތަކަށް ވެއްޓުން ހިމެނެއެވެ. ނަތީޖާއެއްގެ ގޮތުން އައިސްލޭންޑަށް ޖެހުނީ އައިއެމްއެފުންނާއި ބައެއް ގައުމުތަކުން ދަރަންޏަށް އެތައް ބިލިއަން ޑޮލަރެއް ނަގާށެވެ. އެ ގައުމުތަކުގެ ތެރޭގައި ޖަރުމަނުވިލާތާއި އިނގިރޭސިވިލާތް ހިމެނެއެވެ. އެންމެ ފަހުން ގޮސް 2014/2015 ގައި ދަރަނީގެ ނިސްބަތް 90.2 އިންސައްތައަށް ވެއްޓުނީއެވެ.

 

16. ބާރބަޑޯސް – 92 އިންސައްތަ

ބާރބަޑޯސްގެ ތާރީޚަށް ބަލާއިރު ގައުމުގެ ދަރަނި މަޑުމަޑުން އިރުވަމުން ދާތާ އެތައް އަހަރެއް ވެއްޖެއެވެ. ޕަބްލިކް ސެކްޓަރުގެ ވަޒީފާތައް މަދު ކުރުމުގެ ސަބަބުން ފަތުރުވެރިކަމާއި ގައުމުގައި ބޭރުގެ ފައިސާ ހުންނަ ބޭންކު ތަކުގެ ކުރިއެރުން ވަރަށް ބޮޑަށް ލަސްވާން ފެށުމާއެކު ދަރަނި އިތުރުވަމުން ގޮސް 92 އިންސައްތައަށް އެރީއެވެ.

 

15. ސްޕެއިން – 93.8 އިންސައްތަ

ސްޕެއިންގެ އިގްތިސާދު މިހާރު އޮތް ގޮތަށް ބަލާއިރު ރަނގަޅު ވެގެން ހިނގައިދާނޭ ކަމުގެ ނިޝާންތަކެއް ފެންނާން ހުރި ނަމަވެސް 2008 ވަނަ އަހަރު ރިއަލްް އެސްޓޭޓް ވިޔަފާރިއަށް އެރި ލޮޅުމުގެ ސަބަބުން ގައުމު ވަރަށް ބޮޑަށް ދަރަނިވެރި ވިއެވެ. 2007 ވަނަ އަހަރު ސްޕެއިންގެ ދަރަނީގެ ނިސްބަތް އޮތީ 36 އިންސައްތައިގައެވެ. 2014/2015 ގައި މި ނިސްބަތް ވަނީ 93.8 އިންސައްތަ އަށް އަރައިފައެވެ.

 

14. ފަރަންސޭސިވިލާތް – 93.9 އިންސައްތަ

ހީނަރުވެފައިވާ އިގްތިސާދަކާއެކު ގައުުމުގެ ކުރިއެރުން މަޑު ޖެހުމުގެ ސަބަބުން ފަރަންސޭސިވިލާތުގެ ދަރަނީގެ ނިސްބަތް ވަނީ ވަރަށް މައްޗަށް ގޮސްފައެވެ. މާހިރުން ލަފާ ކުރާ ގޮތުގައި މި ވެއްޓުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ފަރަންސޭސިވިލާތުގެ މުގާބިލުކަން ކުޑަވުމާއި ވަޒީފާ ނެތް މީހުން ގިނަވުން ހިމެނެއެވެ. މީގެ އިތުރަށް ސަރުކާރުގެ ޚަރަދުވެސް ވަނީ އިންތިހާއަށް ބޮޑު ވުމަކީވެސް އެއް ސަބަބު ކަމަށް ވަނީ ބެލެވިފައެވެ.

 

13. ކޭޕް ވަރޑް – 95 އިންސައްތަ

މިއީ އެފްރިކާގެ ގައުމެކެވެ. ވޭތުވެ ދިޔަ އަހަރުތަކުގައި ފަތުރުވެރިކަމުން ލިބުނު އާމްދަނީ އިތުރު ވެފައި ވިޔަސް، ގައުމުގައި ގުދުރަތީ ވަސީލަތްްތައް މަދު ވުމާއި، ރައްޔިތުންނަށް ހިލޭ ކޮށްދޭ ކަންތައްތައް ގިނަ ވުމުގެ ސަބަބުން ދަރަނި ވަނީ ބޮޑު ވެފައެވެ. އިގްތިސާދާ ބެހޭ ވަޒީރު މިހާރު ގެންދަވަނީ ސަރުކާރުގެ ޚަރަދު ކުޑަ ކުރުމާއި، ޓެކްސްގެ އާމްދަނީ އިތުރު ކުރެވޭނޭ ގޮތްތަކެއް ހޯއްދަވަމުންނެވެ.

 

12. ބެލްޖިއަމް – 99.8 އިންސައްތަ

ބެލްޖިއަމަށް އިގްތިސާދީ ދާއިރާގައި ދީފައިވާ ވަަނަމަކީ “ޔޫރަޕްގެ ބަލިމީހާ” އެވެ. 2008 ވަނަ މުޅި ދުނިޔެއަށް ކުރިމަތިވީ އިގްތިސާދީ ކާރިސާއަށް ފަހު، ނެލްޖިއަމުން ވަނީ ދަރަންޏަށް ވަރަށް ގިނަ ޢަދަދަކަށް ފައިސާ ނަގާފައެވެ. 2014/2015 ގެ ތަފާސް ހިސާބުތަކަށް ބަލާއިރު ދަރަނީގެ ނިސްބަތް އޮތީ 99.8 އިންސައްތައިގައެވެ. ޑެކްސިއާ ބޭންކް ބެލްޖިއަމް ސަރުކާރަށް ގަތުން ފަދަ ޚަރަދު ބޮޑު ފިޔަވަޅުތައް އެޅުމުގެ ސަބަބުން ލިބުނު ގެއްލުމުން އަދިވެސް ބެލްޖިއަމަކަށް އަރައެއް ނުގަނެވެއެވެ.

 

11. ސިންގަޕޫރު – 103.8 އިންސައްތަ

ސިންގަޕޫރުގެ ދަރަނީގެ ނިސްބަތް ވަރަށް ބޮޑު ނަމަވެސް، ގައުމުގެ އިގްތިސާދީ ހާލަތު އޮތީ ވަރަށް ރަނގަޅު ފެންވަރެއްގައެވެ. ސިންގަޕޫރުގެ ދަރަންޏަކީ މުޅީންވެސް އެތެރޭގެ ދަރަންޏެވެ. ގައުމުން ބޭރުގެ އެއްވެސް ފަރާތަކަށް ސިންގަޕޫރު ދަރައެއް ނެތެވެ. އެހެންވީމާ ދަރަނި ހަމަޖެއްސުމަކީ ދަތި ކަމަކަށް ވެފައެއް ނެތެވެ.

 

10. އެމެރިކާ – 104.5 އިންސައްތަ

އެމެރިކާގެ ދަރަނީގެ ނިސްބަތް ބޮޑު ވެފައިވާ ސަބަބުތަކުގެ ތެރޭގައި ބޭންކުތަކަށް އެހީވުމާއި، ރައްޔިތުންނަށް ހިލޭ ފޯރުކޮށްދޭ ޚިދުމަތްތައް އެކަށިގެންވާ ވަރަށްވުރެ ގިނަ ވުމާއި، ޖޯޖް ޑަބްލިޔޫ ބުޝް ގެ ވެރިކަމުގައި ބައެއް ޓެކްސްތައް ކަނޑައި، ކުޑަ ކުރުމާއި، ޚަރަދު ބޮޑު ހަނގުރާމަތަކެއް ކުރުން ހިމެނެއެވެ. އެމެރިކާ ގިނައިން ދަރާފައި ވަނީ އެހެން ގައުމުތަކަށާއި މުއައްސަސާތަކަށެވެ. ދަރަނީގެ ނިސްބަތް 2014/2015 ވަނަ އަހަރު 104.5 އިންސައްތައިގައި އޮތް ނަމަވެސް މިއީ ހަމަޖެއްސިދާނޭ ދަރަންޏެއް ކަމަށް މާހިރުން ވިދާޅުވެއެވެ.

 

9. ބޫޓާން – 110.7 އިންސައްތަ

ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ބޫޓާނުން ވަނީ ދަރަންޏަށް ވަރަށް ގިނަ އަދެއްގެ ފައިސާ ނަގައިފައެވެ. ސަރުކާރުން ހިންގާ ކަރަންޓުގެ މަޝްރޫޢުތަކަށް ޚަރަދު ކުރާށާއި ގައުމުގެ ފަގީރުކަން ކުޑަ ކުރެވޭތޯ ކުރާ މަސައްކަތަށް ޚަރަދު ކުރުމަށްޓަކައި ދަރަންޏަށް ފައިސާ ނަގަމުން ދިޔައީއެވެ. ބޫޓާނުން އުއްމީދު ކުރަނީ ކަރަންޓުގެ މަޝްރޫޢުތަކުގެ ސަބަބުންް ދަރަނި އަދާ ކުރެވޭ ވަރުގެ އާމްދަނީއެއް ލިބޭނޭ ކަމަށެވެ.

 

8. ސައިޕްރަސް – 112 އިންސައްތަ

2012-2013 ގައި ސައިޕްރަސް އަށް ދިމާވީ އިގްތިސާދީ ދަތިތަކާއި، ސަރުކާރުގެ ބޮންޑު ރޭޓު ހެޔޮ ކުރުމުގެ ސަަބަބުން ދަރަނީގެ ނިސްބަތް ބިރުވެރި ދަރަޖައަކަށް ވެއްޓިގެން ދިޔައެވެ. ވޭތުވެ ދިޔަ ދެތިން އަހަރެއްގެ ތެރޭގައި ސައިޕްރަސްގެ ދަރަނީގެ ނިސްބަތް ވަނީ ޔޫރަޕުގެ އެވަރެޖް ނިސްބަތަށްވުރެ މާ މައްޗަށް އަރައިފައެވެ. ސައިޕްރަސްގެ އިގްތިސާދު ރަނގަޅު ވަމުން އަންނާތީ، ދަރަނީގެ ނިސްބަތް މަޑުމަޑުން ދަށަށް ދާ ކަމަށް މާހިރުން ވަނީ ވިދާޅުވެފައެވެ.

 

7. އަޔަރލެންޑް – 122.8 އިންސައްތަ

2008 ވަނަ އަހަރު ކުރިމަތިވީ އިގްތިސާދީ ދަތިތަކުގެ ސަބަބުން އަޔަރލެންޑަށްވެސް ވަރަށް ނުބައި އަސަރުތަކެއް ކުރިއެވެ. އެހެންވީމާާ ގައުމުގެ އިގްތިސާދު ހަމަޖެއްސުމަށްޓަކައި ދަރަންޏަށް ފައިސާ ހޯދުމާއެކުވެސް ޓެކްސް ރޭޓު ބޮޑު ކުރާކަށް ސަރުކާރުން ބޭނުމެއް ނުވިއެވެ. ނަތީޖާއެއްގެ ގޮތުން އިގްތިސާދު ވެއްޓި ދަރަނީގެ ނިސްބަތް އިސާހިތަކު 122.8 އިންސައްތައަށް އަރައިގެން ހިނގައްޖެއެވެ. އެހެންނަމަވެސް 2016 ވަނަ އަހަރުގެ ނިޔަލަށް 99 އިންސައްތައަށް ކުޑަ ވެގެން ދާނޭ ކަމަށް ވަނީ ލަފާ ކުރެވިފައެވެ. މިއީ ނިސްބަތުން ބަލާއިރު އެންމެ ރަނގަޅު މިންވަރެއް ކަމަށް މާހިރުން ވިދާޅުވެއެވެ.

 

6. ޕޯޗުގަލް – 128.8 އިންސައްތަ

މިއީވެސް 2008 ވަނަ އަހަރު ދުނިޔެއަށް ކުރިމަތިވީ އިގްތިސާދީ ދަތިތަކުގެ ސަބަބުން ވަރަށް ބޮޑަށް ގެއްލުންވީ އެއް ގައުމެވެ. ގައުމު ހަމަ މަގަށް އެޅުވުމުގެ ގޮތުން ދަރަންޏަށް ފައިސާ ހޯދަން ސަރުކާރަށް މަޖުބޫރު ވީއެވެ. 128.8 އިންސައްތައަކީ އަރައިގަންނާން ފަސޭހަ ނިސްބަތެއް ނޫނެވެ.

 

5. އިޓާލީވިލާތް – 132.5 އިންސައްތަ

2008 ވަނަ އަހަރު ދުނިޔޭގެ އިގްތިސާދު ފުން ވަޅުގަނޑަކަށް ވެއްޓުނު އިރުވެސް އިޓާލީވިލާތުގެ ދަރަނީގެ ނިސްބަތް އޮތީ 100 އިންސައްތައިން މަތީގައެވެ. 1990 ގެ އަހަރުތަކާއި 2000 ގެ އަހަރުތަކުގައިވެސް އޮތް ހާލަތަކީ މިއީއެވެ. ދެން ކުރިމަތިވީ 2008 ގެ މުސބާތެވެ. އެޔާއެކު ދަރަނި 132.5 އިންސައްތައަށް އެރީއެވެ. މާހިރުން ވިދާޅުވާ ގޮތުގައި އިޓާލީވިލާތަށް އުއްމީދެއް އެބައޮތެވެ. 2017 ވަނަ އަހަރުން ފެށިގެން ދަރަނީގެ ނިސްބަތް ކުޑަ ވަމުން ދާނޭ ކަމުގެ ނިޝާންތައް ދަނީ ފެންނަމުންނެވެ.

 

4. ޖެމެއިކާ – 138.9 އިންސައްތަ

2008 ވަަނަ އަހަރުގެ އިގްތިސާދީ މައްސަލަގަނޑު ކުރިމަތިވީއިރު ޖެމެއިކާ އޮތީ އެ ގައުމަށް 1990 ގެ އަހަރުތަކާއި 2000 ގެ އަހަރުތަކުގެ ތެރޭގައި ކުރިމަތިވީ އިގްތިސާދީ ދަތި ހާާލަތުން އަރައިގަތުމުގެ މަގުމަތީގައެވެ. 2008 ގެ ސަބަބުން ރިހޭ ފައި މައްޗަށް ފޮއި ވެއްޓި، ދަރަނީގެ ނިސްބަތް 138.9 އިންސައްތައަށް އަރައިގެން ދިޔައީއެވެ. އެހެންނަމަވެސް ދަރަނީގެ ބޮޑު ބައެއް އޮތީ 2008 ގެ ކުރީގެ މުއްދަތުގެ ތެރޭގައެވެ. ދަރަނީގެ ތެރޭގައި ގައުމުގެ ބޭންކުތަކުން ލިބުނު ގެއްލުމާއި، ފެން ކުންފުންޏާއި އެއަރލައިން (ޖެމެއިކަން އެއަރ) އިން ލިބުނު ގެއްލުން ހިމެނެއެވެ.

 

3. ލުބްނާން – 139.7 އިންސައްތަ

ބަނގުރޫޓު ވުމާ ގާތަށް ގޮސްފައިވާ ލުބްނާނުގެ ދަރަނީގެ ނިސްބަތް މިހައި ބޮޑު ވެގެން ދިޔައީ ވަރަށް ގިނަ ސަބަބުތަކަކާ ހެދިއެވެ. އަވަށްޓެރި ސޫރިޔާއާ ދެމެދު އުފެދުނު ދެކޮޅުވެރިކަމުގެ ސަބަބުން ޖީޑީޕީގެ 15 އިންސައްތަަ ދަރަނިވެރި ވިއެވެ. ގަލްފުގެ އެހެން ގައުމުތަކުން ލުބްނާނުގައި އިންވެސްޓް ކުރުން މަދު ކޮށްލިއެވެ. ކޮރަޕްޝަން އިންތިހާއަށް އެރިއެވެ. ފައިސާއަށް އެދެވޭ ހައްލެއް ގެނެވޭ ގޮތެއް ނުވިއެވެ.

 

2. ގްރީސް – 173.8 އިންސައްތަ

ދަރަނީގެ ސަބަބުން ބޯ ހިއްލައި ނުލެވިގެން އުޅޭ ގްރީސް އިގްތިސާދީ ދަތިކަަމުގައި އޮންނަތާ އެތައް އަހަރެއް ވެއްޖެއެވެ. މި ދިޔަ އަހަރު އެކަނިވެސް ގްރީކުން ވަނީ ލޯން އަނބުރައި ދެއްކުމުގެ ގޮތުން އައިއެމްއެފަށް 10 ބިލިއަން ޑޮލަރު ދައްކާފައެވެ. 2015 ވަނަަ އަހަރުގެ ޖޫން މަހު ދައްކަން ޖެހޭ މުއްދަތުގެ ތެރޭގައި ފައިސާ ނުދެއްކުމުގެ ސަބަބުން އިތުރަށް 1.7 ބިލިއަން ޑޮލަރު ދައްކަން ޖެހުނެވެ. ކުރިމަގުވެސް އޮތީ ރަނގަޅަކަށް ނޫނެވެ. މާހިރުން ލަފާ ކުރާ ގޮތުގައި 2020 ވަނަ އަހަރުގެ ނިޔަލަށް ދަރަނީގެ ނިސްބަތް 180 އިންސައްތައަށް އަރާނެއެވެ.

 

1.      ޖަޕާން – 243.2 އިންސައްތަ

20 އަހަރު ވާންދެން ދިގު ދެމިގެން ދިޔަ އިގްތިސާދީ މައްސަލަތަކާއި، މައްސަލަތައް ހައްލު ކުރަން ސަރުކާރުން އެޅި ފިޔަވަޅުތަކުން އެދެވޭ ނަތީޖާއެއް ނުނުކުތުމުގެ ސަބަބުން ގައުމުގެ ދަރަނީގެ ހާލަތު ވަނީ ނާޒުކު ފައްތަރެއްގައެވެ. ސިންގަޕޫރެކޭ އެއް ގޮތަށް ޖަޕާނުގެ ދަރަނީގެ ބޮޑު ބަޔަކީ އެތެރޭގެ ދަރަންޏެވެ. ވުމާއެކު ހަމަޔަކަށް އެޅުވުމަކީ ދަތި ކަމަކަށް ނުވާނެއެވެ. މީގެ އިތުރަށް ބޮޑު ވަޒީރުގެ އިސްލާހީ މަސައްްކަތްޕުޅުގެ ސަބަބުން ޖަޕާނަށް އަރައިގަނެވިދާނޭ ކަމަށް ބެލެވެއެވެ.

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment