ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ އަރަބިކަރާގެ ހޫނުގަދަ  ސަހަރާގައި ދަތުރުކުރަމުންދިޔަ އަސްވާރަކު، އެއް ސަހަރުން އަނެއް ސަހަރަށް ދިޔަ ދަތުރެއްގައި، މަގުއޮޅި ވަރުބަލިވެ ފެންބޮވައިގެންފައިވާ މީހަކާ ދިމާވިއެވެ. ވަރުބަލިވެ ހަށިގަނޑުން ފެންމަދުވުމުގެ ސަބަބުން އޭނާއަށް ހިނގެނީ ވެސް ވަރަށް ދަތިހާލުގައެވެ. މީނާގެ ހާލު ވިސްނިގެން، އަސްމަތީގައި އިން މީހާ، ހިނގާމީހާއާއި ކައިރިކޮށްލާފައި އޭނާއަށް ފެންދީފިއެވެ. ފެންދީފައި އޭނާގެ ގައިގައި ވަރުޖެހިލަންދެން އަސްމަތީގައި މަޑުމަޑުން އިނެވެ. ކުޑައިރުކޮޅަކުން ފައިމަގުގައި އުޅޭމީހާ ކަމަކު ބޭނުންވެފައި، ނަމަވެސް އެދެން ނުކެރިފައި ހުރިކަހަލަ…

ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ

އަރަބިކަރާގެ ހޫނުގަދަ  ސަހަރާގައި ދަތުރުކުރަމުންދިޔަ އަސްވާރަކު، އެއް ސަހަރުން އަނެއް ސަހަރަށް ދިޔަ ދަތުރެއްގައި، މަގުއޮޅި ވަރުބަލިވެ ފެންބޮވައިގެންފައިވާ މީހަކާ ދިމާވިއެވެ. ވަރުބަލިވެ ހަށިގަނޑުން ފެންމަދުވުމުގެ ސަބަބުން އޭނާއަށް ހިނގެނީ ވެސް ވަރަށް ދަތިހާލުގައެވެ.

މީނާގެ ހާލު ވިސްނިގެން، އަސްމަތީގައި އިން މީހާ، ހިނގާމީހާއާއި ކައިރިކޮށްލާފައި އޭނާއަށް ފެންދީފިއެވެ. ފެންދީފައި އޭނާގެ ގައިގައި ވަރުޖެހިލަންދެން އަސްމަތީގައި މަޑުމަޑުން އިނެވެ. ކުޑައިރުކޮޅަކުން ފައިމަގުގައި އުޅޭމީހާ ކަމަކު ބޭނުންވެފައި، ނަމަވެސް އެދެން ނުކެރިފައި ހުރިކަހަލަ އިހުސާސެއް ވެގެން އަހައިލިއެވެ. ” ތިޔަހުރީ  އަސްމަތީގައި އަހަންނާއެކީގައި ދަތުރުކުރާހިތުން ހެއްޔެވެ، ބޭނުންނަމަ ހިޔާވައްސެއް ފެންނަންދެން ދެމީހުން އެކީގައި ދަތުރުކުރަމާހެއްޔެވެ” ؟ މިހެން ބުނެ އަހަށް ސަވާރުވާން  އިޝާރާތް ކޮށްލައިފިއެވެ. އެމީހާ  އާނ އެކޭބުނެ، އަސްވާރުގެ ހިތްހެޔޮކަމަށް ތައުރީފުކޮށް ފަށްފަށުން ޝުކުރުކޮށް އަހަށް އަރަން އުޅެއުޅެ  އެރުނުކަމަކަށް ނުވިއެވެ. ވަރަށް ލަދުން ހުރެ، ތިމަންނައަކީ ތިޔަކަހަލަ ހުޝިޔާރު އަސްވާރެއް ނޫނޭ ބުނެފައި އެހީތެރިކަމަށް އެދެފިއެވެ.

މިހެން ބުނުމުން އަސްވާރު، އޭނާގެ އަހުން ފައިބައި އަނެއްމީހާއަށް އެހީތެރިވެދީފިއެވެ. ހަމަ އަހަށް އަރުވައިދިނުމުން، ކުރިޔަށް ޖެހިލާފައި ލަގަނުގައި ހިފައި ތަޅުވާލައިފައި އަނގައިން ފާޑެއްގެ އަޑެއްނެރެ ދެ ފުންނާބުން އަހުގެ ދެކޮލީގައި ޖަހައި ކަޑަބޮއް ޖަހާފައި އަސްދުއްވާލައިފިއެވެ! މީނާއަކީ ވަރަށް ހުނަރުވެރި އަސްވާރެއްކަން  އެއްވެސް ޝައްކެއްނެތި ހާމަވިއެވެ!

މި ދިމާވީ ފޭރޭ މީހަކާ ކަމާއި މިހާރު މިޖެހުނީ އޭނާގެ ހީލަތްތެރި މަޅިއެއްގައިކަން ވިސްނުމުން، އަސްފޭރިގެން މީހާއަށް މުޚާތަބުކޮށް ވަރަށް ބާރަށް ގޮވަން ފަށައިފިއެވެ! ” އޭތް! އޭތް! ތިމަންނާ މި ބުނަންއުޅޭ އެއްޗެއް އަޑުއަހައިބަލާށެވެ!  ކުޑަ އިރުކޮޅަކަށް މިކޮޅަށް އެނބުރި ބަލާށެވެ!” މި ހިތްހެޔޮ މަޑުމައިތިރި މީހާގެ އަޑުގައި އާދަޔާ ޚިލާފު ނިއަނެތި ގޮތެއް ހުރިކަމަށް ގަބޫލުކުރެވިގެން އަސް ފޭރުނުމީހާ އަހުގެ ދުވެލި  ކުޑަކަޮން  މަޑުކޮށްލައި، އެނބުރި ބަލައިލައިފިއެވެ. އަދި އަޑުފޯރާ ހިސާބަށް މަޑުމަޑުން ޖެހިލައިފިއެވެ!    މީގެ ކުރިން މީނާގެ މަކަރުގައި ޖެހިގެން ރުޅިއައިސް ހަޅޭއްލަވައި ހަޑިހުތުރު އެއްޗެތި ގޮވާމީހުންނާއި މި ހިތްހެތޮ މީހާގެ ގޮވުމުގައި ވަރަށް ތަފާތުގޮތެއް ހުރިކަމަށް ވިސްނިގެން، ބުނަން ތިޔަ އުޅެނީ ކީކޭތޯ އަހައިފިއެވެ!

އަހުގެ ވެރިމީހާ މިހާރު ބިންމަތީގައި ހުރެ މަޑުމަޑުން ކުރިޔަށް ޖެހިލަމުން ބުންޏެވެ ” އަހަރެންގެ އަސް ފޭރިގަންނަން ކަލޭ ދެންމެ ކަންތައްކުރި މަކަރުވެރި ގޮތުގެ ވާހަކަ އާންމުންގެތެރޭގައި ނުދެއްކުމަށް އަހަރެން ނަސޭހަތްތެރިވަމެވެ! ”

” އެއީ ކީއްވެހެއްޔެވެ؟ ކަލޭ، މި ސަހަރާގެ ހޫނުގައި، ހަނަފަސް ވެލީގައި ފެންބޮވައިގަނެގެން ދެތިން ދުވަސްތެރޭގައި މަރުވާނެކަން އެނގޭއިރުވެސް ކަލޭ ކަންބޮޑުވަނީ ކަލޭގެ އަބުރަށް ހެއްޔެވެ. ކަލޭގެ އަސް އަހަރެން ފޭރިގެންކަން މީހުންނަށް އެނގޭއިރު ކަލޭ އޮންނާނީ މަރުވެ ސަހަރާގެ އަވިން ހިކި ހަރުދަނޑިވެފައެވެ!”

އޭނާގެ  ހިނގުން ހުއްޓާލައި ފޭރޭމީހާއަށް ބުންޏެވެ. ” ނޫނެކެވެ! އަހަންނަށް މިންވަރުކުރެއްވި ގޮތަކާމެދު އެއްވެސް ޝަކުވާއެއް ނެތެވެ. އަހަރެން ކަންބޮޑުވަނީ، ކަލޭގެ މަކަރުވެރި ހީލަތްތެރިކަން މީހުންނަށް ކިޔައިދިނުމުން، އެކަކު އަނެކަކަށް އަޅާލައި، އެކަކު އަނެކަކަށް ކުރާ ހަމްދަރުދީ އާއި ނިކަމެތިންނަށް އޮންނަން ޖެހޭ ކުލުނު، މީހުންގެ ހިތުން ފިލައިފާނެތީއެވެ! ތިޔަކަހަލަ މީހެއްގެ މަޅީގައި ޖެހިދާނެކަމުގެ ބިރުގައި ނިކަމެއްޗަކަށް ފެންފޮދެއް ދޭންވެސް، އެހީތެރިވެވެން އޮތް މީހުން އެކަކު އަނެކަކަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލުންވެސް ހުއްޓައިލަފާނެތީއެވެ! އަހަރެން ކަންބޮޑުވަނީ އަހަރެންގެ އަބުރާއި އަހަރެންގެ ނަން ހަޑިވެދާނެތީއެއްނޫނެވެ.  ހެޔޮމީހުން އެމީހުންގެ ދީލަތިކަން ނިކަމެތީންނަށް ފޯރުކޮށްދޭން ޖެހިލުންވެދާނެތީއެވެ! “

________________________________________

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment