މިހާރު ދުނިޔޭގައި ނުހަނު ބާރަށް ފެތުރެމުންދާ ނުރައްކާތެރި އެއް ބައްޔަކީ ޑެމެންޝިއާ ނުވަތަ ހަނދާން ނެތޭ ބައްޔެވެ. މިވަގުތު ދުނިޔޭގައި މިބަލީގެ 44 މިލިޔަން މީހުން އެބަ ތިބި ކަމަށް ވެއެވެ. މިކަން ރިޕޯޓް ކޮށްފައިވަނީ އަލްޒައިމާސް ޑިޒީސް އިންޓަނޭޝަނަލް ތަހުގީގީ ޓީމުންނެވެ. އަދި 2050 ވަނަ އަހަރާ ހަމަޔަށް ދާއިރު 135 މިލިޔަނަށް މިއަދަދު އަރާނެ ކަމަށް ބުނެވެ އެވެ. ރާއްޖޭގައި ވެސް މިބަލި އެބަ އުޅޭ ކަމާ މެދު ޝައްކެއް ނެތެވެ. ހަމަ އިހަކަށް…

މިހާރު ދުނިޔޭގައި ނުހަނު ބާރަށް ފެތުރެމުންދާ ނުރައްކާތެރި އެއް ބައްޔަކީ ޑެމެންޝިއާ ނުވަތަ ހަނދާން ނެތޭ ބައްޔެވެ. މިވަގުތު ދުނިޔޭގައި މިބަލީގެ 44 މިލިޔަން މީހުން އެބަ ތިބި ކަމަށް ވެއެވެ. މިކަން ރިޕޯޓް ކޮށްފައިވަނީ އަލްޒައިމާސް ޑިޒީސް އިންޓަނޭޝަނަލް ތަހުގީގީ ޓީމުންނެވެ. އަދި 2050 ވަނަ އަހަރާ ހަމަޔަށް ދާއިރު 135 މިލިޔަނަށް މިއަދަދު އަރާނެ ކަމަށް ބުނެވެ އެވެ.

ރާއްޖޭގައި ވެސް މިބަލި އެބަ އުޅޭ ކަމާ މެދު ޝައްކެއް ނެތެވެ. ހަމަ އިހަކަށް ދުވަހު އަޅުގަނޑާ ވާހަކަދެއްކި އެކުވެރިއަކު ބުންޏެވެ. “މިއަދު ވެސް ދެ ފަހަރު އަހަރެންގެ ހަނދާން އަހަންނަށް ކެހި ދީފިއެވެ.”

އަނެއް އެކުވެރިޔަކު ބުނީ “އަހަންނަށް ވެސް ތިކަން ދިމާވެ އެވެ. އެހެންވެއްޖެ ނަމަ އަހަރެން ހަދާ ގޮތަކީ ކުރިން އިން ތަނަށް އަނެއްކާވެސް ގޮސް އިރުކޮޅަކު އިނދެ ހަމަޖެހިލަނީ އެވެ. އެހެން ހެދުމުން ވަރަށް ގިނަ ފަހަރަށް ހަނދާން ނެތުނު ކަންތައް ހަނދާންވެ އެވެ”

މަޒުމޫނު ފަށަމުން ކުރިން މި ބަޔާން ކުރި ތަފާސްހިސާބަކީ އަންނަ ހަފްތާގައި ލަންޑަނުގައި ބާއްވަން އުޅޭ ޖީ.8 ޑެމެންޝިއާ ބައްދަލުވުމަށް ހުށަހަޅާ ހިސާބުތަކެއް ކަމަށް ވެއެވެ. މިބަލި ފެތުރޭލެއް އަވަސްކަމުން ލަސްތަކެއް ނުވެ ސިއްހަތާއި މުޅި މުޖުތަމައަށް ނުރައްކާތެރި ގޮންޖެހުމަކަށް ވާނޭ ކަމަށް ކަމުގެ މާހިރުން ބުނެ އެވެ.

މިކަމަށް އޮތް ރައްކާތެރިކަމަކަށް ވަނީ ރަނގަޅު ކަސްރަތެވެ. ކަސްރަތުގެ ސަބަބުން ހަނދާން ގަދަކުރެވި ސިކުނޑީގެ ސިއްހަތު ވެސް ރަނގަޅު ކުރެވެ އެވެ. މާނައަކީ ކަސްރަތުގެ ސަބަބުން މިބަލީގެ މީހުންނަށް މި ބައްޔާ އެކު ދިގު މުއްދަތަކަށް ދިރި އުޅެވިދާނެ އެވެ. ކަސްރަތުގެ ސަބަބުން ހަށިގަނޑުގައި ރަނގަޅަށް ލޭ ހިނގައި، ސިކުނޑިއަށް ރަނގަޅަށް އޮކްސިޖަން ލިބެ އެވެ. މިހެންކަމުން ދުވަސްވީ މީހުން ކަސްރަތަށް ލޯބި ކުރުމީ ކޮންމެހެން ބޭނުން ކަމެކެވެ.

އިނގިރޭސި ވިލާތުގައި މުސްކުޅިކުރެވޭ މީހުންގެ ތެރެއިން 600 އަށް ވުރެ ގިނަ މީހުން ހިމަނައިގެން ކުރި ދިރާސާއެއް ދައްކާ ގޮތުން ކަސްރަތުގެ ސަބަބަބުން ހަށިގަނޑު ރަނގަޅަށް ހަމަޖައްސާލީމާ ސިކުނޑި ވެސް ބަރާބަރަށް މަސައްކަތް ކުރާން ފަށަ އެވެ.

މުހައްގިގުން އެއްބަސްވަނީ ޑެމެންޝިއާއަށް އޮތްހާ ވެސް ހައްލަކީ ކަސްރަތު ކަމުގަ އެވެ. އޭރުން އެބައްޔާއެކު ރަނގަޅު ދިރިއުޅުމެއް އުޅެވެ އެވެ. އުމުރު ދިގު ވެސް ވޭމެ އެވެ. މިހާރު އެންމެ މުހިއްމު ކަމަކަށް އޮތީ މިކަމަށް އެންމެ ރަނގަޅުވަނީ ކޮން ބާވަތެއްގެ ކަސްރަތެއްތޯ ހޯދުމެވެ.

ހަނދާން ނެތުމަކީ އޭގެ ޒާތުގައި ނުރައްކާތެރި ކަމެއް ކަމަށް އެންމެން ވެސް ގަބޫލުކުރެ އެވެ. އެހެންކަމުން އެމީހުން ނަސޭހަތްތެރިވަނީ ދުވަސްވީ މީހުންނާ އެކުގައި އެހީތެރިވާނެ މީހުން އެމީހުން ބެލެހެއްޓުމަށެވެ. އެކި ކަންކަމަށް އެކަނި ދޫކޮށްނުލުމަށެވެ. އިނގިރޭސި ވިލާތުގެ އަލްޒައިމާސް ސޮސައިޓީގެ ޗީފް އެގްޒެކުޓިވް ޖެރެމީ ހިއުސް ބުނަނީ ޑެމެންޝިއާ ފެތުރެމުން ދާލެއް އަވަސްކަމުން މިކަން ވާން މިއުޅެނީ އިންސާނީ ނަސްލުތަކަށާއި އަދުގެ މުޖުތަމައަށް ވަރަށް ބޮޑު ގޮންޖެހުމަކަށް ކަމަށެވެ. އެހެންކަމުން އަހަރެމެން މިކަމުން ސަލާމަތް ވުމަށްޓަކައި މަސައްކަތް ކުރުމަކީ ކޮންމެހެން ބޭނުން ކަމެކެވެ.

                        ________________________________

ނޯޓު: މިލިޔުން ފުރަތަމަ ޝާއިޢު ކުރެވުނީ 10 ޑިސެމްބަރު 2013 ގައެވެ.

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment