000  ފަޟީލަތުލް އުސްތާޛުއްޝައިޚް މުޙައްމަދު ޖަމީލު (ރަޙިމަހުﷲ) ގެ މި ލިޔުން ނަކަލުކޮށްފައި މިވަނީ، 2 ޖޫން 1981 (އަންގާރަ) ދުވަހުގެ ”ހަވީރު” ނޫހުންނެވެ. ____________________ ކިތަންމެ ދެރަ ނަސަބަކުން އައިސްހުރި ކިތަންމެ ފަކީރު، ކިތަންމެ ނިކަމެއްޗަކަށްވެސް އެމީހެއްގެ އަބުރާއި ޢިއްޒަތް އޮންނާނެއެވެ. އެއަށް ޢިއްޒަތުއްނަފްސު ކިއިދާނެއެވެ. ކަރާމަތޭވެސް ކިއިދާނެއެވެ. ކޮންމެ އިންސާނަކީވެސް އަބުރުވެރިއެކެވެ. ނުވަތަ އަބުރެއްގެ ވެރިއެކެވެ. ޢިއްޒަތެއްގެ ވެރިއެކެވެ. ތިމާގެ އަމިއްލަ އަބުރާއި ޢިއްޒަތާމެދު އެހެން މީހުން ގަދަރުކޮށް ކަމޭހިތާންވާނެ ފަދައިން އެހެން މީހުންގެ…
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

 

wp_20161210_00_32_20_pro-2

ފަޟީލަތުލް އުސްތާޛުއްޝައިޚް މުޙައްމަދު ޖަމީލު (ރަޙިމަހުﷲ) ގެ މި ލިޔުން ނަކަލުކޮށްފައި މިވަނީ، 2 ޖޫން 1981 (އަންގާރަ) ދުވަހުގެ ”ހަވީރު” ނޫހުންނެވެ.

____________________

ކިތަންމެ ދެރަ ނަސަބަކުން އައިސްހުރި ކިތަންމެ ފަކީރު، ކިތަންމެ ނިކަމެއްޗަކަށްވެސް އެމީހެއްގެ އަބުރާއި ޢިއްޒަތް އޮންނާނެއެވެ. އެއަށް ޢިއްޒަތުއްނަފްސު ކިއިދާނެއެވެ. ކަރާމަތޭވެސް ކިއިދާނެއެވެ.

ކޮންމެ އިންސާނަކީވެސް އަބުރުވެރިއެކެވެ. ނުވަތަ އަބުރެއްގެ ވެރިއެކެވެ. ޢިއްޒަތެއްގެ ވެރިއެކެވެ. ތިމާގެ އަމިއްލަ އަބުރާއި ޢިއްޒަތާމެދު އެހެން މީހުން ގަދަރުކޮށް ކަމޭހިތާންވާނެ ފަދައިން އެހެން މީހުންގެ އަބުރާއި ޢިއްޒަތަށް ތިމާ ގަދަރުކޮށް، ކަމޭހިތާން ވާނެއެވެ.

މިކަމަކީ އިންސާނާގެ ޙައްޤުތަކުގެތެރެއިން ހިމެނޭކަމަކަށް ވާނެކަން ކަށަވަރެވެ. އިންސާނަކު، އިންސާނަކަށް ވީތީ ލިބުނު ޙައްޤުތަކެއް އޮންނަކަން ކަށަވަރެވެ. ދާދިފަހަކަށް އައިސް އެކުވެރި އުންމަތްތައް ނުވަތަ ޔޫ.އެން.ގެ ފަރާތުން އެކަމާމެދު ޚާއްޞަ ސަމާލުކަމެއް ދެއްވައި 1948މ ވަނަ އަހަރުގެ ފަހުކޮޅުގައި އެކަމާބެހޭ ޚާއްޞަ ލިޔުމެއް ލިޔެ، އެލިޔުން ދުނިޔޭގެ އެންމެންނަށް އެނގޭގޮތަށް ފައުޅުކޮށް ނެރެ، އަންގާފައިވެއެވެ. އެކަމާބެހޭ ގޮތުން، ޚާއްޞަގޮތެއްގައި ފާހަގަކުރާ ދުވަހެއް ހަމަޖައްސަވާފައިވެއެވެ. އެދުވަހަކީ ކޮންމެ އަހަރަކު ޑިސެންބަރުން 10 ވަނަ ދުވަހެވެ.

މިދެންނެވި ލިޔުމުގެ އެންމެފުރަތަމަ މާއްދާ ބުނާގޮތުން، އެންމެހައި އިންސާނުން މިދުނިޔެއަށް އުފަންވަނީ މިނިވަނުންގެ ގޮތުގައެވެ. ކަރާމަތްތެރިކަމާއި ޙައްޤުތަކުގައި އެންމެން ހަމަހަމަ ވެގެންވާ ގޮތުގައެވެ.

މިދެންނެވި ލިޔުން ފާސްކުރި ދުވަހު، 8 މެންބަރަކު އުޒުރުވެރިވެ ވޯޓެއް ނުދެއްވައެވެ. އޭގެ ތެރެއިން އެކަކީ ރަޝިޔާއެވެ. އަނެކަކީ ދެކުނު އެފްރިކާއެވެ. މިދެބައި މީހުން ވޯޓުނުދީ ތިބުމުގެ ސަބަބު ތަފާތެވެ. އެއްބަޔަކު ވޯޓު ނުދިނީ މިލްކުވެރިކަމުގެ ޙައްޤު އޮންނާތީއެވެ. މިދެންނެވި ލިޔުމުގައި އޮންނަ ކަރާމަތަކީ، ތިމާގެ، ނުވަތަ ތިމާމެންގެ އަބުރާއި ޢިއްޒަތެވެ. އެއީ އިންސާނަކަށްވީތީ، ތިމާއަށް ލިބިފައިވާ ޙައްޤެކެވެ. ތިމާމެންނަށް ލިބިފައިވާ ޙައްޤެކެވެ. އެކަމުގެ މައްޗަށް ތިމާ ރައްކައުތެރިވާން ޖެހޭނެއެވެ. ހަމައެފަދައިން އަނެކުންވެސް ރައްކައުތެރިވާން ޖެހޭނެއެވެ.

މިދެންނެވި، އިންސާނީ ކަރާމަތުގެ ކަންތައް މާކުރިން އަޅުގަނޑުމެންގެ މާތް ދީން ދަސްކޮށްދީފައި ވެއެވެ. ކީރިތި ޤުރްއާންގެ ބަނީ އިސްރާއީލް ސޫރަތުގެ 70 ވަނަ އާޔަތުގައި އެއޮންނަ ” وَلَقَدْ كَرَّمْنَا بَنِي آدَمَ ” ” ހަމަކަށަވަރުން ތިމަންސުވާމީންގެ އާދަމުގެ ދަރީން މާތް ކުރެއްވީމެވެ.” މި ބަސްފުޅުގައި އެވަނީ އެކަރާމަތުގެ ވާހަކަކަން ކަށަވަރެވެ.

ސަލާމާއި ޞަލަވާތްލެއްވި ކައުއިތުރު ރަސޫލާ އެކަމާ ބެހޭ ގޮތުން ވިދާޅުވެ ހަދީސް ކުރައްވާފައިވަނީ ފަހެ ކީކޭތޯއެވެ. ”ތިޔަބައި މީހުންގެ ފުރާނައާއި މުދަލާއި އަބުރު ހުރުމަތްތެރިވެގެން ވެއެވެ.” މަޤްޞަދަކީ އެއިން އެއްވެސް އެއްޗަކަށް، ޣަޞްބުން އަތްލައި، ޙުރުމަތް ކަނޑައި ހަދައިގެން ނުވާނެއެވެ.

ދީނީ ހަމައިން ބަލައިލިއަސް ކޮންމެ އިންސާނަކަށްވެސް، ތިމާގެ އަމިއްލަ އަބުރާއި ޢިއްޒަތާއި ކަރާމަތާއި އެއީ ލިބިގެންވާ ޙައްޤެކެވެ. ނުވަތަ ޙައްޤުތަކެކެވެ.

އެކިވަކި މީހުންނަށް އެޙައްޤު ލިބިގެންވާ ފަދައިން އުންމަތްތަކަށްވެސް އެޙައްޤު ލިބިގެންވެއެވެ. ކޮންމެ އުންމަތަކަށްވެސް، އެއީ މީސްކޮޅު ކިތަންމެ މަދު ތަނަވަސްކަމުގެ ގޮތުން ކިތަންމެ ދެރަ އުންމަތެއްކަމުގައި ވިޔަސް، އެބައެއްގެ އަމިއްލަ އަބުރާއި ޢިއްޒަތެއް އޮންނާނެއެވެ. އެއަށް ނިކަމެތިކޮށްހިތައި އިހާނަތްތެރިވުމަކީ އެކަކުވެސް ކޮންގެންވާނެ ކަމެއް ނޫނެވެ. އެއީ ދެކޮޅުވެރިވުމެކެވެ. ގަޔަށްބޮލަށް އެރުމެކެވެ.

ކޮންމެބަޔަކުވެސް ކަމޭހިތައި ރައްކައުތެރިކޮށް ބަލަހައްޓައިގެން އުޅޭ ކަންތައްތަކެއް ވެއެވެ. ހަމައެފަދަ ތަންތަންވެސް ހުރެއެވެ. އެއިން އެއްކަމެއް ނުވަތަ އެއިންތަނެއްގެ ޙުރުމަތް ކަނޑައިފުމަކީ އެބައެއްގެ އަމިއްލަ އަބުރާއި ކަރާމަތަށް އަރައިގަތުމެވެ.

މިހަމައިގެމަތީން ބައެއްކަންތަކާމެދު ވިސްނާލަމާތޯއެވެ. ހިންދީންގެ ފައްޅިއަކަށް އަރައި އެތާ، ގެރިޔެއްކަތިލައި އެގެރީގެ ލޭ، ފައްޅީގެތެރެއަށް އޮހޮރައި ހެދުމަކީ ކޮށްގެންވާނެކަމެއް ނޫނެވެ. އެހެނީ އެއީ، ހިންދީންގެ މުޤައްދަސް ތަނެކެވެ. ގެރިއަކީ އެބައިމީހުންގެ އިލާހެކެވެ. އެހެންކަމުން އެތަނާއި ތަކެތީގެ ޙުރުމަތް ކަނޑައިފުމަކީ، އެބައިމީހުންގެ ކަރާމަތަށް އަރައިގަތުމެވެ.

ހަމައެފަދައިންމެ ހިންދީންގެ ބަޔަކު މުސްލިމުން އަޅުކަންކުރަން ހަދާފައިހުންނަ މިސްކިތަކަށް އަރައި، މިސްކިތްތެރެއަށް ނުތާހިރުކޮށް ހަދައިގެން ނުވާނެއެވެ. ގެރިބަކަރި ފަދަ ޖަނަވާރު ހިފައިގެން އެތަނަށް އަރައި އެތަކެތި ނިދާތަނަކަށް ހަދައިގެން ނުވާނެއެވެ. އަސްމަތީގައި ތިބެގެން މިސްކިތަށް އަރައި، އަސްތަބީލާއަކަށް އެތަން ހަދައިގެން ނުވާނެއެވެ. އެއީ އެބައިމީހުންގެ ކަރާމަތަށް އަރައިގަތުމެކެވެ.

މިބާވަތުގެ ކިތަންމެ ކަމެކެވެ. ބަނގުރާއާއި އޫރުމަހާއި މިއީ މުސްލިމުންނަށް މަނާ ތަކެއްޗެވެ. ރާބުއިމަކީ ޙަރާމްކަމެކެވެ. އޫރުމަސް ކެއުމަކީ، ޙަރާމް ކަމެކެވެ. މިކަން މިހެން އޮއްވައި ސަތޭކައިން ސަތޭކަ މުސްލިމުން އުޅޭ އިސްލާމީ އުންމަތެއްގެ މީހަކަށް ނުވަތަ ބަޔަކަށް ރާފުޅިއެއް، ނުވަތަ އޫރުމަސްދަޅެއް ހަދިޔާކުރުމަކީ ކޮށްގެންވާނެކަމެއް ނޫނެވެ. ކޮންމެ މީހަކު ކުޅަޔަސް އެއީ އެއުންމަތަކަށް ރައްދުކުރި އިހާނަތަކަށް ވާނެއެވެ. އެއީ އެއުންމަތުގެ ކަރާމަތަށް އަރައިގަތުމަކަށް ވާނެއެވެ.

ހަމައެފަދައިން އެކަހަލަ އިސްލާމީ އުންމަތެއްގެތެރޭގައި ރޯބަރަހަނާ އޮރިޔާން ހާލުގައި އުޅުމަކީ ވެސް ކޮށްގެންވާނެކަމެއް ނޫނެކެވެ. އެއީ އެއުންމަތެއްގެ ކަރާމަތަށް ފައިން އެރުމެކެވެ. އަދި އަމުދުން އެކަމާ ބެހޭ ގަވާއިދުތަކާއި ޤާނޫނުތައް އެތަނެއްގެ ވެރިކަމުގެ ފަރާތުން، އިޢުލާނު ކުރައްވައި އަންގަވާފައި އޮއްވާ އެފަދަ ގޮތްގޮތަށް އުޅުމަކީ، އެތަނެއްގެ ޤާނޫނަށް ފައިން އެރުމެވެ. އަޅުގަނޑުމެންގެ ޤާނޫނުލް ޢުޤޫބާތު ބުނާގޮތުގައި ކުށަކަށް ވެދާ ފަދަ ކަމެއް ބަޔަކުމީހުން ކުރާއިރު އެކަމަށް ބާރު އަޅައި އެބަޔަކު ލައްވައި އެކަންތައް ކުރާ ބަޔަކުވެސް ކުށުގައި ބައިވެރިވުމުގެ ގޮތުން ކުށްވެރިވެއެވެ.

އާދޭހެވެ! ކޮންމެ މީހެއްގެ ވެސް ކޮންމެ ބައެއްގެ ވެސް ކޮންމެ އުންމަތެއްގެ ވެސް އަމިއްލަ އަބުރާއި ޢިއްޒަތް އޮންނާނެއެވެ. ކަރާމަތެއް އޮންނާނެއެވެ. އެކަންކަމަށް، ފައިންއަރައި އިހާނަތްތެރިވުމަކީ ކިތަންމެ ގާތް އެކުވެރިއަކުވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. ކޮށްފިނަމަ އެކުވެރިކަން ނެތީއެވެ.

__________________________

About the author
Leave Comment