000“ބަދުރުގެ މައިދާނުން – ހަނގރާމައާއި ޝަހީދުން” މި ނަމުގައި ރާއްޖޭގެ މަޝްހޫރު ލިޔުންތެރިއެއް ކަމުގައިވާ ޢަބްދުﷲ ފާރޫޤް ޙަސަން ފޮތެއް ނެރުއްވައިފިއެވެ. 316 ސަފުހާގެ މި މައުޟޫއުގައި މިހައިތަނަށް ދިވެހި ބަހުން ލިޔެފައިވާ އެންމެ ފުރިހަމަ ފޮތެވެ. ރަނގަޅު ދިރާސާއަކާއެކު ލިޔުއްވައިފައިވާ މި ފޮތުގެ ފުރަތަމަ ބައިގައި ވަނީ ބަދުރު ހަނގުރާމަ ކުރަން ޖެހުނު ސަބަބެވެ. ނުވަތަ އެ ހަނގުރާމަޔާ ހަމައަށް މުސްލިމުން ދާން ޖެހުނު ސަބަބުތަކެވެ. ދެވަނަ ބައިގައި ވަނީ ހަނގުރާމނައިގެ ޝަހީދުވީ ބޭކަލުންގެ ވާހަކައެވެ.…
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

“ބަދުރުގެ މައިދާނުން – ހަނގރާމައާއި ޝަހީދުން” މި ނަމުގައި ރާއްޖޭގެ މަޝްހޫރު ލިޔުންތެރިއެއް ކަމުގައިވާ ޢަބްދުﷲ ފާރޫޤް ޙަސަން ފޮތެއް ނެރުއްވައިފިއެވެ. 316 ސަފުހާގެ މި މައުޟޫއުގައި މިހައިތަނަށް ދިވެހި ބަހުން ލިޔެފައިވާ އެންމެ ފުރިހަމަ ފޮތެވެ. ރަނގަޅު ދިރާސާއަކާއެކު ލިޔުއްވައިފައިވާ މި ފޮތުގެ ފުރަތަމަ ބައިގައި ވަނީ ބަދުރު ހަނގުރާމަ ކުރަން ޖެހުނު ސަބަބެވެ. ނުވަތަ އެ ހަނގުރާމަޔާ ހަމައަށް މުސްލިމުން ދާން ޖެހުނު ސަބަބުތަކެވެ. ދެވަނަ ބައިގައި ވަނީ ހަނގުރާމނައިގެ ޝަހީދުވީ ބޭކަލުންގެ ވާހަކައެވެ.

މުޙައްމަދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ރިސާލަތު ފެށިގެން އައުމާއެކު މުޝްރިކުންގެ ދުއްތުރާ ޖެހުނު ގޮތާއި، ދުއްތުރާތައް ބޮޑު ވެގެން ގޮސް އެކި މަރުހަލާގައި އެކަލޭގެފާނު އެޅުއްވި ފިޔަވަޅުތަކާއި، އެ ފިޔަވަޅުތައް އެޅުއްވި ގޮތް ފަހުމު ކުރަން ފަސޭހަ ގޮތަކަށް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

އިސްލާމް ދީނަކީ ކަނޑީގެ ބާރުގައި ދުނިޔެއަށް ފެތުރި ދީނެއް ކަމަށް ހުޅަނގުގެ އޮރިއެންޓަލިސްޓުން ބުނެއެވެ. އަދި މުސްލިމުން މަގުފޭރުނު ކަމަށްވެސް ބުނެއުޅެއެވެ. ފާރޫޤުގެ މި ފޮތުގައި ވަނީ މި ދެ ނުކުތާގެ މައްޗަށްވެސް އަލިއަޅުއްވައިފައެވެ. ތުހުމަތުގެ ދޮގުކަން ވަރަށް ރީތިކޮށް ސާބިތުކޮށް ދެއްވައިފައެވެ.

އިސްލާމް ދީނުގައި ޖިހާދު ކުރުން އޮންނަ ގޮތާއި، ހަނގުރާމައިގެ އުސޫލުތައް އޮންނަ ގޮތް މި ފޮތުން ސާފު ވާނެއެވެ. މީގެ އިތުރަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ހަޔާތްޕުޅުގައި ހިނގާފައިވާ ހަނގުރާމަތަކުގެ ސަބަބުތަކާއި، އިސްލާމް ދީން ސުލްހައާއި އަމާންކަމަށް ބާރު އަޅާ މިންވަރުވެސް މި ފޮތުގައި ބަޔާން ކުރައްވައިފައި ވެއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އިސްލާމީ ރިސާލަތާއިގެން ވަޑައިގަތުމާއެކު މައްކާގެ މުޝްރިކުންގެ އިސް މީސްމީހުން އެކަލޭގެފާނާ ދެކޮޅު ހެދިއެވެ. އެތައް ސަބަބަކާ ހުރެއެވެ. އެއް ސަބަބަކީ އެބައިމީހުންގެ ހައިބަތު ކުޑަ ވުމުގެ އިހުސާސް ކުރެވޭ ގޮތް ވުމެވެ. އެންމެހައި އިންސާނުން ހަމަހަމަ ކަމުގައި އެކަލޭގެފާނު ވިދާޅުވާން ފެއްޓެވީމާ އެކަން ގަބޫލު ކުރާން ދަތި ވުމެވެ. އެއީ ނިކަމެތި ފަގީރުންނަކީ ކުނިބުނި ކަމުގައި ބަލަމުން އައި ޒަމާނެކެވެ.

ބޮޑެތި މީހުން ދެކޮޅުވެރިވީ ކަމުގައި ވިޔަސް ފަގީރުންނާއި ނިކަމެތީން ގެންދިޔައީ ރަސޫލުﷲ ޢަލައިހި ވަސައްލަމް އަށް ކިޔަމަން ގަންނަމުންނެވެ. އިސްލާމީ ރިސާލަތުގެ ފުރިހަމަކަން އެ މީހުންނަށް ވަރަށް ރީތިކޮށް ގަބޫލު ކުރެވެއެވެ.

ނަތީޖާއެއްގެ ގޮތުން މުޝްރިކުންގެ އަނިޔާވެރިކަން އެއް ދުވަހުން އަނެއް ދުވަހަށް ދިޔައީ ބޮޑު ވަމުންނެވެ. އެހެން ނަމަވެސް މާތް ސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަންގަވަމުން ގެންދެވީ ކެތްތެރި ވާށެވެ. ﷲ ގެ އަމުރުފުޅު ނާންނަނީސް ފިޔަވަޅެއް އަޅުއްވާކަށް އެކަލޭގެފާނު ހުއްދައެއް ނުދެއްވައެވެ. ހަނގުރާމަ ފެށްޓެވީ އިސްވެ ހަނގުރާމަ ކުރާ މީހުނާ ހަނގުރާމަ ކުރެއްވުމުގެ އަމުރުފުޅު ބާވައިލެއްވީމައެވެ.

މި ފޮތުގައި ފާރޫޤް ލިޔުއްވައިފައި ވެއެވެ. “މައްކާގެ މުޝްރިކުން އިސްލާމީ ދަޢުވަތަށް ހުރަސް އެޅިއެވެ. މުސްލިމުންނަށް އަނިޔާވެރިވެ، އިސްލާމްދީނުގެ ނަބިއްޔާ ޝަހީދު ކޮށްލަން ރޭވުންތައް ރޭވިއެވެ. ނަތީޖާއެއްގެ ގޮތުން، މުސްލިމުން ރަށް ދޫކޮށްލައި މަދީނާގައި އަމިއްލަ ވަޒަނެއް ގާއިމު ކުރިއެވެ. ނަމަވެސް، މުޝްރިކުން އެ ދައުލަތަކަށް އިޢުތިރާފެއް ނުވިއެވެ. އެ ދައުލަތް ނައްތައިލުމަށްޓަކައި ޢަދާވާތްތެރިކަމާއެކު ބާރުގެ ބޭނުން ކުރަމުން ގެންދިޔައެވެ. ބައިނަލްއަޤްވާމީ ހުރިހާ ހަމަތަކަކާ ޚިލާފަށް، އެ ދައުލަތުގެ ސަރަޙައްދުގެ ޙުރުމަތް ކަނޑަމުން ގެންދިޔައެވެ. އެ ދައުލަތާ ދެކޮޅަށް ހަނގުރާމަ އިޢުލާނު ކުރިއެވެ. ބަދުރުގެ ހަނގުރާމައިގެ މުޤައްދިމާއަކީ އެއީއެވެ.”

ބަދުރު ހަނގުރާމައަކީ އިސްލާމީ ތާރީޚުގައި ވަރަށް ފާހަގަ ކުރެވޭ ހަނގުރާމައެކެވެ. އެއީ މުސްްލިމުންގެ ލަޝްކަރުގައި މަލާއިކަތުން ހަނގުރާމަ ކުރެއްވި ކަމަށް ވާރިދު ވެފައިވާ ހަނގުރާމައެކެވެ. މުސްލިމުންގެ ދުޝްމިނުންގެ ވެރިންގެ ބަޔަކު މަރުވީ ހަނގުރާމައެކެވެ. އެންމެ ބޮޑު ދުޝްމިނުންގެ ތެރޭގައި ހިމެނޭ އަބޫ ޖަހުލު ގަތުލުވީ މި ހަނގުރާމައިގައެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މާފު ކުރެއްވުމުގެ މާތް ސިފަފުޅު ފުރިހަމަ ގޮތެއްގައި ދުނިޔެއަށް ފެނިގެން ދިޔައީ މި ހަނގުރާމައިގެ އަސީރުންނާ މެދު ކަންތައް ކުރެއްވި ރީތި ގޮތުންނެވެ. އެއީ އަދި އަދަށް ދާންދެން މުސްލިމުންނާއި ޣައިރު މުސްލިމުންވެސް ހިތްތިރިކަމުގެ ނަމޫނާއެއްގެ ގޮތުގައި ދެކޭ ޢަފޫޢާއްމެކެވެ. އާރާއި ބާރާއެކު ހުންނަވައި އެޅުއްވި ހިތްވަރުފުޅު ގަދަ ފިޔަވަޅެކެވެ.

ބަދުރު ހަނގުރާމައިގެ އެއް ނަތީޖާއަކީ ހިތްތައް އާސްމާނަށް އުފުލިފައިވާ ޖައްބާރު މުޝްރިކުންގެ ބޮޑާކަން ވެއްޔާ މޮޑެވިގެން ދިއުމެވެ. އެމީހުންގެ ހަގީގީ ހައިސިއްޔަތާއި ސޫރަ ރީތިކޮށް ފެނިގެން ދިއުމެވެ. ކިބުރުވެރިކަމުގައި އަރައި ތިބި ބޮޑުންގެ ނިކަމެތިކަން އާއްމުންނަށް ކަޝްފު ވެގެން ދިއުމެވެ.

ހަމައެޔާއެކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި އެކަލޭގެފާނުގެ ހިތްވަރުފުޅު ގަދަ ފަހުލަވާނުންގެ ކުޅަދާނަ ކަމާއި، އެ ކަލޭގެފާނުގެ ޙިކުމަތާއި ރޭއްވެވުމުގެ މޮޅުކަމާއި އަސްކަރީ ކޮމާންޑަރެއްގެ ހައިސިއްޔަތުން އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ މޮޅުކަން ހާމަ ވެގެން ދިޔަ ހަނގުރާމައަކަށްވެސް ބަދުރު ހަނގުރާމަ ވެގެން ދިޔައެވެ.

ދިރާސާ ކޮށްގެން އެކި މަވްޟޫޢުތަކަށް ފޮތް ލިޔުމަކީ ދިވެހިންގެ ތެރޭގައި އެހައި އާއްމު ކަމެއް ނޫނެވެ. އެހެންނަމަވެސް ފާާރޫޤް ގެންދަވަނީ ދިރާސާ ކުރައްވައިގެން ފޮތް ލިޔުއްވަމުންނެވެ. މިއީ އޭގެ ތެރެއިން އެއް ފޮތެވެ. ބަދުރު ހަނގުރާމަޔާ ބެހޭ ގޮތުން މި ފެންވަރުގައި، މިހައި ތަފުސީލުކޮށް، ދިވެހި ބަހުން މިހައިތަނަކަށް ފޮތެއް ލިޔެވިފައެއް ނެތެވެ. މިއީ ފާރޫޤް ލިޔުއްވި ފޮތްތަކުގެ ތެރެއިން ޢިބާރާތް ކުރުން އެންމެ ރީތި އެއް ފޮތެވެ.

މި ފޮތް މިހާރު ފޮތް ފިހާރަތަކުން ލިބޭން އެބަހުއްޓެވެ.

 

 

About the author
Leave Comment