ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
މިހާރު ވަރަށް ގިނައިން އިވޭ އަޑެކެވެ. ވަރަށް ގޮންޖެހުންތައް ހުންނަ ވާހަކައެވެ. ގޮންޖެހުންތައް ގިނަ ވާހަކައެވެ. އެކަމަކު އަޅުގަނޑަކާ އެކަހަލަ އެއްޗެއް ދިމައެއް ނުވެއެވެ.
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page
އަޅުގަނޑާ ވެސް ބައެއް ބޭފުޅުން ދޭތެރެ ދޭރެއިން ކުރައްވާ ސުވާލެކެވެ. އޮފީސް ހިންގުމުގައި ހުރި ގޮންޖެހުންތަކަކީ ކޮބައިތޯއެވެ؟ އަޅުގަނޑުގެ ޖަވާބަކަށް އަބަދުވެސް އޮންނަނީ އެއްވެސް ގޮންޖެހުމަކާ ކުރިމަތި ނުވާ ވާހަކައެވެ. އެކަމަކު ހައިރާން ވާންޖެހޭ ކަމަކީ ގޮންޖެހުމަކާ ކުރިމަތި ނުވާ މީހެއް، ތަނެއް، ދުވަހެއް މި އުޑުބަޅުކުރެއްވި ހިސާބުގައި ނެތްކަމެވެ. އެކަމަކު އަޅުގަނޑަކާ ގޮންޖެހުމަކާ ކުރިމައްޗެއް ނުވެއެވެ. ޙައިރާންވާން ޖެހޭ ކަމަކީ މިއީ އެވެ.
މި ވާ ގޮތެއް ބަލައިލަމާ ތޯއެވެ؟ “ގޮންޖެހުން” މި ލަފުޒުގެ މާނައަށް ބަލައިލާ އިރު، މި ލަފުޒުގެ އެންމެ ޢާއްމު މާނައަކީ ވާދަކުރުމެވެ. މިސާލަކަށް: “އަހަރެން އޭނައަށް ގޮންޖަހާފައި އެކަންކުރީ. އެންމެންވެސް ނުވާނޭ ބުނެބުނެ އޮއްވައި.”
ގޮންޖެހުމުގެ މާނަ ކަމުގައި ދިވެހި ބަސް ފޮތުގައި ދެތިން މާނައެއް އޮވެއެވެ. މި ލަފުޒާ އެންމެ މާނަ ގުޅޭ ކަހަލަ ލަފުޒެއް ގޮތުގައި އިނގިރޭސިބަހުން އަޅުގަނޑަށް ފެނުނީ “ޗެލެންޖް” (Challenge) މި ލަފުޒެވެ. އެކަމަކު “ޗެލެންޖް” މި ލަފުޒުގެ ވަރަށް ގިނަ މާނަ ހުރެއެވެ. ޑިކްޝަނަރީގައި ވެސް އެތައް ބައިވަރު މާނަތައް ހުރެ އެވެ. ވަރަށް އުނދަގޫ މަސައްކަތްތަކަށް ވެސް އިނގިރޭސި ބަހުން “ޗެލެންޖް” ކިޔައިފާނެ އެވެ. އެކަމަކު އެއީ ދިވެހިބަހުން ގޮންޖެހުމެކޭ ނުކިޔޭނެއެވެ. އެއީ ދަތި އުނދަގޫ މަސައްކަތެކޭ ނުވަތަ ވަރަށް ގިނަ ހުރަސްތަކެއް އެބަ ހުއްޓޭ މިކަހަލަ ގޮތަކަށް ބުނެވިދާނެ އެވެ.
ވެގެން އުޅޭ ގޮތަކީ މިއީ އެވެ. އިނގިރޭސި ބަހުން އޮންނަ “ޗެލެންޖް” ގެ ސީދާ މާނައަކީ “ގޮންޖެހުން” ކަމަށް ބެލީމާ ވާ ގޮތެވެ. ދުނިޔޭގެ އެއްވެސް ބަހެއްގައި އެ ބަހަކުން އޮންނަ ހުރިހާ ލަފުޒަކުން ދޭހަވާ މާނަ، ހަމަ އެ ގޮތަށް ދޭހަވާ ގޮތަށް އަނެއް ބަހެއްގައި ލަފުޒެއް ނުހުންނާނެއެވެ. ލަފުޒެއް ބޭނުންކުރާންވާނީ އަދި ލަފުޒެއް ތަރުޖަމާކުރާންވާނީ އެ ލަފުޒުގެ ބަހެއްގެ ނުވަތަ އެ ތަރުޖަމާކުރާ ބަހެއްގެ ޠަބީޢާތާއި ސަގާފަތަށް ވިސްނައިގެންނޭ ޢިލްމުވެރިން ވިދާޅުވަނީ އެހެންވެގެން ކަމަށް ދެކެމެވެ. މިސާލަކަށް: އެޕްލް އަށް ދިވެހި ބަހުން ކިޔަނީ އާފަލޭ ކިޔާފައި “އެޕްލް” އޮންނަ ކޮންމެ ތަނެއްގައި “އާފަލު” ލިޔެގެން ތަރުޖަމާއެއް ނުކުރެވޭނެ އެވެ. އަދި ނޯޒް އެއީ އިނގިރޭސިބަހުން ނޭފަތަށް ކިޔާ ނަމޭ ބުނެ ނޯޒް އޮންނަ ކޮންމެ ތަނެއް “ނޭފަތް” ކަމަށް މާނައެއް ނުކުރެވޭނެ އެވެ.
ތިޔަ ބޭފުޅުންނަށް ވިސްނައިވަޑައިގަތުން ފަސޭހަކުރުމަށް ޓަކައި ދެތިން މިސާލު ދަންނަވައިލާނަމެވެ.
You are the apple of my eye.  މި ޖުމުލަ ތަރުޖަމާކުރާނީ “ކަލާއަކީ މަގޭ ލޮލުގެ އާފަލު” ކަމަށްތޯ އެވެ؟ ނޫނެކެވެ. ކަމަކު ނުދާނެ އެވެ. ބަހުގެ ޠަބީޢަތާއި ބަހުގެ ސަގާފަތް އެ ގޮތަކަށް ހުއްދައެއް ނުދެއެވެ. އެ ޖުމުލަ ތަރުޖަމާ ކުރާން ވާނީ ” ތިޔައީ މަގޭ ލޮލުގެ ކޮޔޭ” ފަދަ ގޮތަކަށެވެ.
The nose of the aeroplane ދިވެހިބަހަށް ތަރުޖަމާކުރާ އިރު ލިޔަންޖެހޭނީ މަތީންދާ ބޯޓުގެ ނޭފަތޭ ތޯއެވެ؟ ނޫނެކެވެ. ދިވެހިބަހުގެ ޠަބީޢަތާއި ސަގާފަތް ނިޔާކުރަނީ އެއީ (އެ ޙާލަތުގައި) “މަތީންދާ ބޯޓުގެ ތުންގަނޑު” ކަމުގައެވެ.
މި ފަދަ އެތައް ބައިވަރު މިސާލުތަކެއް ހިތް މައްޗަށް އެބަ އާދެއެވެ. އަދި ޚިޔާލަށް ނާންނަ މާ ގިނަ މިސާލުތައް ހުންނާނެއެވެ.
އާދެ! މި ވާގޮތް ސާފުވެވަޑައިގެންފި ނޫންތޯއެވެ؟ އިނގިރޭސި ބަހުން “ޗެލެންޖް” އޮންނަ ނުވަތަ އެ ލަފުޒު އޮންނަންވާ ކޮންމެ ތަނެއްގައި “ގޮންޖެހުން” ބޭނުންކުރެވެނީ އެވެ. އެކަމަކު ދިވެހިބަހުގެ ޠަބީޢަތާއި ސަގާފަތާއި ޙާލަތަށް ބަލާއިރު އެ ފަދަ ގިނަ “ގޮންޖެހުން”ތަކަކީ ހަގީގަތުގައި ދިވެހި ބަހުން “ގޮންޖެހުން”ތަކެއް ނޫނެވެ. އެއީ ހުރަސްތަކަކަށް ވެދާނެއެވެ. ދައްޗަކަށް ވެސް ވެދާނެ އެވެ. އުނދަގޫތަކަށް ވެސް ވެދާނެ އެވެ. އަދި ބައެއް ފަހަރު ތުރާލަކަށް ވެސް ވެދާނެ އެވެ. އަދި ބައެއް ފަހަރު ގޮންޖެހުމަކަށް ވެސް ވެދާނެ އެވެ. މިއިން ކޮންމެ ލަފުޒެއްވެސް ބަހުގެ ސަގާފަތަށް ވިސްނައިގެން އަޅުގަނޑުމެންނަށް ބޭނުންކުރެވޭނަމަ  ހަމަ ގައިމުވެސް ގޮންޖެހުންތަކާ ކުރިމަތިވާލެއް މަދުވާނެއެވެ. ގޮންޖެހުންތައް މަދުކުރެވޭނެ ގޮތަކީ މިއީ އެވެ.
——————————-

About the author
2 Comments
  1. މަންޖެ

    ޢަޒީބޭ! " ތިޔައީ މަގޭ ލޮލުގެ ގޮޔޭ" ތޯ ނުވަތަ " ތިޔައީ މަގޭ ލޮލުގެ ކޮޔޭ" ތޯ ކޮބައިތޯ ރަނގަޅުގޮތަކީ؟

    (0)(0)
  2. ޢޢޖއބ

    "މަންޖެ" ތިޔަ ހީފުޅުކުރައްވަނީ ހަމަ ރަނގަޅަށެވެ. ތިޔައީ މޮޅު "މަންޖެ"އެކެވެ. ތަހުނިޔާއެވެ!

    (0)(0)