000އާދެ! މައްކާގެ މުޝްރިކުން ރަސޫލުﷲ ‘ ގެ ޞުޙުބަތުން ދަރިވަރުނުވަނީސް ކާހިނެކޭ، ޅެންވެރިއެކޭ، މޮޔައެކޭ ކިޔާހެދިއެވެ. މިއީ މީސްތަކުންގެ ހިތުގައި ނަފުރަތްތެރިކަން އުފެއްދުމުގެގޮތުންނެވެ. ނަމަވެސް އެއިގެތެރެއިން ޞުޙުބަތުން ދަރިވަރުވުމުގެ ނަޞީބުލިބިވަޑައިގެންނެވި ބެއިކަލުންނަށް ވަގުތުން އެއީ ގޯސްކަން އެނގިވަޑައިގެންފިއެވެ. ދަންނާށެވެ! މާތްވެގެންވާ އިސްލާމްދީނުގައި ޤުރްއާނާއި ސުންނަތުގެ ރައްކަލަށްޓަކައި އެނަޤުލުވެގެން ހިނގަމުންއައިސްފައިވަނީ އެމަތީގައި ރަސޫލުﷲ ‘ އާއި މިތުރު އަޞްޙާބުން ތިއްބެވިގޮތްމަތީގައެވެ. އެއީ ޞުޙުބަތުން ދަރިވަރުވުމުގެ އުޞޫލެވެ. މާތް ﷲ ރުއްސުންލެއްވި އަޞްޙާބުން، ޞުޙުބަތުން ދަރިވަރުވުމުގެ އުޞޫލުން، ޤުރްއާނާއި ސުންނަތަށް…
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

އާދެ! މައްކާގެ މުޝްރިކުން ރަސޫލުﷲ ‘ ގެ ޞުޙުބަތުން ދަރިވަރުނުވަނީސް ކާހިނެކޭ، ޅެންވެރިއެކޭ، މޮޔައެކޭ ކިޔާހެދިއެވެ. މިއީ މީސްތަކުންގެ ހިތުގައި ނަފުރަތްތެރިކަން އުފެއްދުމުގެގޮތުންނެވެ. ނަމަވެސް އެއިގެތެރެއިން ޞުޙުބަތުން ދަރިވަރުވުމުގެ ނަޞީބުލިބިވަޑައިގެންނެވި ބެއިކަލުންނަށް ވަގުތުން އެއީ ގޯސްކަން އެނގިވަޑައިގެންފިއެވެ.

ދަންނާށެވެ! މާތްވެގެންވާ އިސްލާމްދީނުގައި ޤުރްއާނާއި ސުންނަތުގެ ރައްކަލަށްޓަކައި އެނަޤުލުވެގެން ހިނގަމުންއައިސްފައިވަނީ އެމަތީގައި ރަސޫލުﷲ ‘ އާއި މިތުރު އަޞްޙާބުން ތިއްބެވިގޮތްމަތީގައެވެ. އެއީ ޞުޙުބަތުން ދަރިވަރުވުމުގެ އުޞޫލެވެ. މާތް ﷲ ރުއްސުންލެއްވި އަޞްޙާބުން، ޞުޙުބަތުން ދަރިވަރުވުމުގެ އުޞޫލުން، ޤުރްއާނާއި ސުންނަތަށް ތަބަޢަވެވަޑައިގެންނެވިއެވެ. ދެން ﷲ ރަޙްމަތްލެއްވި ތާބިޢިއްޔަ ބެއިކަލުން ޤުރްއާނާއި ސުންނަތަށް ތަބަޢަވެވަޑައިގެންނެވީ ﷲ ރުއްސުންލެއްވި އަޞްޙާބުންނަށް ޞުޙުބަތުން ދަރިވަރުވެވަޑައިގެންނެވެ. ދެން ﷲ ރަޙްމަތްލެއްވި ތަބުޢުއްތާބިޢިއްޔަ ބެއިކަލުން ޤުރްއާނާއި ސުންނަތަށް ތަބަޢަވެވަޑައިގެންނެވީ ﷲ ރަޙްމަތްލެއްވި ތާބިޢިއްޔަ ބެއިކަލުންނަށް ޞުޙުބަތުން ދަރިވަރުވެވަޑައިގެންނެވެ. މިއީ ޚައިރުލްޤުރޫނުގައި ޤުރްއާނާއި ސުންނަތުގެ ރައްކަލަށްޓަކައި ޤާއިމުވެ ހިނގަމުންއަންނަ އުޞޫލެވެ.

އާދެ! ޚައިރުލްޤުރޫނުގައި ޢަޤީދާއާއި، ބިދުޢައިގެ ފިތުނައުފެދުމުން މިއުޞޫލު ހިފަހައްޓާލެއްވި މުޖުތަހިދުންނާއި މުޤައްލިދުންގެ ޖަމާޢަތަކީ އަހުލުއްސުންނަތި ވަލްޖަމާޢަތި އެވެ. މިޖަމާޢަތުގެ އިސްސަފުގައި ތިއްބެވި މުޖުތަހިދުންގެ ނަންފުޅުތަކުން މަޒުހަބުގެ ނަންތައް މަޝްހޫރުވިއެވެ. މިމަޒުހަބުތައް ވެގެންދިޔައީ ޤުރްއާނާއި ސުންނަތް ރައްކާތެރިކުރުމުގެ ކިއްލާތަކަށެވެ. އަދި މިމަޒުހަބުތަކުގައި ޤުރްއާނާއި ސުންނަތަށް ތަބަޢަވުން ނަޤުލުވެގެން ހިނގަންފެށީ އެމަތީގައި ރަސޫލުﷲ ‘ އާއި މިތުރު އަޞްޙާބުން ތިއްބެވި އުޞޫލުކަމަށްވާ ޞުޙުބަތުން ދަރިވަރުވުމުގެ އުޞޫލުންނެވެ. މިހެންކަމުން، ސާދަސަތޭކަ އަހަރުވީއިރުވެސް ޤުރްއާނާއި ސުންނަތްވަނީ ތަޙުރީފުގެ ނުރައްކަލުން ސަލާމަތްވެ ރައްކާތެރިވެފައެވެ. މިއީ މެންދުރުގެ އިރުފަދައިން އިސްލާމީ ތާރީޚުގައި ފެންނަންހުރި ޙަޤީޤަތެކެވެ.

ބައްލަވާށެވެ! ހިޖުރައިން ސާދަވަނަ ޤަރުނުގައި ޞުޙުބަތުން ދަރިވަރުވުމުގެ އުޞޫލު ނައްތާލުމަށްޓަކައި އަލަށް ތަޢާރަފުވެގެން އިސްލާމީ އުއްމަތުގައި ވަރަށް ހަލުއިކަމާއިއެކު ފެތުރެންފެށީ ލާމަޒުހަބިއްޔަތުގެ ނުރައްކާތެރިކަން ބޮޑު ބިދުޢައެވެ. ހިޖުރައިން މިފަނަރަވަނަ ޤަރުނުގައި ޞުޙުބަތުން ދަރިވަރުވުމުގެ އުޞޫލުގައި ހިފަހައްޓައިގެން މަޒުހަބުތަކުގެ ކިއްލާތަކުގައި ރައްކާތެރިވެގެންވާ މީހުންނަކީ ޤުބޫރީންނެވެ. ޞޫފީންނެވެ. އަހުލުއްސުންނަތި ވަލްޖަމާޢަތުން ބޭރުވެގެންވާ މީހުންނެވެ. މިއައި ބަދަލަށް ވިސްނަވާލައްވާށެވެ! މިހާރު އަހުލުއްސުންނަތި ވަލްޖަމާޢަތިއަކީ ނެޓްގެ އަހުލުވެރިންނެވެ. ޙަދީޘުގެ ޞައްޙަކަމާއި ބަލިކަން ބަލަންޖެހެނީ ފެހިކުލައިންނާއި ރަތްކުލައިންނެވެ. ދެން މީގެ އެއްޤަރުނުގެ ފަހުން އަންނަމީހުންގެ ޙާލާއިމެދު ވިސްނަވާށެވެ!

އާދެ! ކުއްލިއަކަށް ވާހަކައެއް ހަނދާންވެއްޖެއެވެ. މީހަކު އޭނާގެ ދަރިފުޅު ފާޚާނާތެރޭގައި ”طَلَعَ الْبَدْرُ عَلَيْنَا“ މިޅެން ކިޔާއަޑުއިވިގެން އެކުއްޖާ ފާޚާނާއިންނެރެފައި ތަޅަންފަށައިފިއެވެ. އަންހެނުން ތަޅަނީ ކީއްވެގެންހޭ އެހީމާ ޖަވާބުގައި ބުނަނީ އޭނާ ފާޚާނާތެރޭގައި ޤުރްއާން ކިޔެވީތީކަމަށެވެ. ދެން އަންހެނުން ދަރިފުޅުކުރެން އެއީތެދެއްހޭ، ކަލޭ ފާޚާނާތެރޭގައި ޤުރްއާން ކިޔެވިންހޭ ސުވާލުކުރުމުން އެކުއްޖާ ބުންޏެވެ. ”އަޅުގަނޑު ކީ طَلَعَ الْبَدْرُ عَلَيْنَا މިޅެމެވެ.“ އަންހެނުން ފިރިމީހާއާއި ދިމާލަށް ބުންޏެވެ. ”އެއީ ޅެމެކެވެ. ޤުރްއާނެއް ނޫނެވެ.“ އެހިނދު ފިރިމީހާ ބުންޏެވެ. ”އަހުރެން ނަމާދުގައި މިކިޔަވާތާ ވިހިއަހަރު ވެއްޖެއެވެ.“ ބައްލަވާށެވެ! ލާމަޒުހަބުން އަންގަނީ މިފެންވަރުގެ މީހުންވެސް ކުރީގެ ބޮޑެތި އިމާމުވެރިބެއިކަލުންގެ ބަސްފުޅު ޞައްޙަ ޙަދީޘާއި ޚިލާފުވެއްޖެއީމުން ދޫކޮށްލުމަށެވެ. ދެން އަންގަނީ ޞައްޙަ ޙަދީޘު ދަނެގަތުމަށްޓަކައި ނެޓުން ބެލުމަށެވެ. ފެހިކުލަ ވެއްޖެއްޔާ ޞައްޙައެވެ. ރަތްކުލަ ވެއްޖެއްޔާ ބަލި ޙަދީޘެކެވެ. މުށިކުލަ ވެއްޖެއްޔާ މައުޤޫފުއެވެ.

އަޅުގަނޑުގެ ޢިއްޒަތްތެރި ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ޤުރްއާނާއި ސުންނަތް ތަޙުރީފުކޮށްލުމަށްޓަކައި މިއަކަށްވުރެން ފަސޭހަ މަގެއްވޭތޯއެވެ!!؟

الله سبحانه وتعالى މިބޮޑު ފިތުނައިން އިސްލާމީ ދިވެހި އުއްމަތް ސަލާމަތްކުރައްވައި ރައްކާތެރިކުރައްވާށި! آمــين!

About the author
5 Comments
  1. މުޙައްމަދު ނަޝީދު އާދަމް

    މި ލޔުމަކީ ވަރަށް ރަގަޅު މެސެޖެއް ދެއްވުމަށްޓަކައި ލިޔުންތެރިޔާ (އައްޝައިޚް އިދްރީސް ޙުސައިން) ކުރައްވާފައި ވާ މަސައްކަތެއް ކަމަށް ހީކުރަމެވެ. ނަމަވެސް ބައެއް ބޭބޭފުޅުންނަށް ކަންތައް ބައެއް ފަހަރަށް ކުރެއްވޭ ފަދައިން ވަރަށް ޖަޒްބާތުގައި ޝުޢޫރުތައް ފަތްފުށްތަކަށް އޮއްސާލައްވާ އިރު އެ ފަދަ ބޭފުޅުން ގެ ކިބައިން އަޑު އެހުން އުދަގޫ ބައެއް ވާހަކަ އަޅުގަޑުމެންނާ ހިސާބަށް ފޯރާ އުޞޫލުން މި ލިޔުމުގައި ވެސް އެފަދަ ނުކުތާ ތަކެއް އެބަ ހުއްޓެވެ. އެ ފަދައިން ފާހަގަ ކުރެވޭ ދެ ކަމަކަށް އިޝާރަތް ކުރިޔަ ދެއްވާށެވެ.

    * މާތް رسول الله صلى الله عليه و سلّم ބަސްފުޅާ ޚިލާފު ވެއްޖެ ނަމަ ކިތަންމެ ބޮޑު އިމާމެއްގެ ބަސް ވެސް ދޫކޮށްލަން ޖެހޭނެއެވެ. ފިޤްހު ޢިލްމު ގެ ހުރިހާ އިމާމުން އަމުރު ކުރައްވަނީ ވެސް އެފަދައިން ކަންތައް ކުރުމަށެވެ. އެއީ ލިޔުންތެރިޔާ ތިޔަ ވިދާޅުވާ "ލާމަޒްހަބުން" އަންގާ ކަމެއް ނޫނެވެ. އެއީ ޢިލްމީ ހަމަތައް ނިޔާ ކުރާ ރަގަޅު އަދި ޞައްޙަ ގޮތެވެ. މާތް رسول الله صلى الله عليه و سلّم ބަސްފުޅާ ޚިލާފު ވެއްޖެ ނަމަ ކިތަންމެ ބޮޑު އިމާމެއްގެ ބަސް ވެސް ދޫކޮށްލަން ޖެހޭނެއެވެ. އެއީ އެއް ވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ.

    * "قبوريّون" ގެ ލަގަބު ދެވިފައި ވަނީ ފިޤްހީ މަޒްހަބުތަކުގެ އަހުލު ވެރިންނަކަށް ނޫނެވެ. "ޤުބޫރިއްޔޫން" އަކީ އަވަހާރަ ވެފައި ވާ ބައެއް ޞާލިޙުންނަށް ނުވަތަ ޞާލިޙުން ކަމަށް ބެލެވޭ ބައެއް ބޭބޭފުޅުން ގެ ޒިޔާރްތަކަށް ގޮސް އެ މައްޔިތުންނަށް ދުޢާ ކޮށް އަދި އެ މައްޔިތުންނަށް ޤުރުބާން ކޮށް އަދިވެސް އެތައް ބިދްޢީ ޢަމަލުތައް ކުރަމުން ދާ ޖާހިލުންނަށެވެ.

    ޝައިޚު އިދްރީސް ޙުސައިން ގެ މި ލިޔުމުގައި ވަރަށް ރަގަޅު މެސެޖެއް ދެއްވުމަށް މަސައްކަތް ކުރައްވާފައި ވާކަން ފާހަގަ ކޮށް އެ މެސެޖަށް އެއްވެސް ހިފެހެއްޓުމެއް ނެތި ތާއީދު ކުރަމެވެ. އަޅުގަޑަށް ވިސްނުނު ގޮތުގައި އެ މެސެޖަކީ ފިޤްހީ މަޒްހަބު ތަކަކީ އިސްލާމީ އުއްމަތު ގެ އަގުހުރި ޢިލްމީ ތަރިކައިގެ ބަޔަކަށް ވާ އިރު އެއީ އުގެނުމާއި އުގަންނައިދިނުމުގެ ތެރޭގައި ރައްކާތެރިކަމާ އެކު ޙިމާޔަތް ކުރެވެން ޖެހޭ ޢިލްމީ ތުރާޘެއް ކަމުގައި ބަލައިގަނެ ތަޢައްޞުބުން ދުރހެލިވެ ތިބެ މަޒްހަބު ތަކުގެ ފިޤްހީ މުއްސަދި ކަމުގެ ބޭނުން އަޅުގަޑުމެން ހެޔޮ ގޮތުގައި ހިފަން ޖެހޭނެއެވެ. އަޅުގަޑަށް މި ވިސްނުނީ ރަގަޅަށް ބާވައެވެ؟؟؟

    (1)(0)
  2. މުޙައްމަދު ނަޝީދު އާދަމް

    އިމާމު އަބޫ ޙަނީފާ ވިދާޅު ވަނީ ޙަދީޘް ޞައްޙަ ނަމަ ތިމަންކަލޭގެފާނު ގެ މަޒްހަބަކީ އެއީ އެވެ.
    ( إذا صح الحديث فهو مذهبي ) . ( ابن عابدين في " الحاشية " 1 / 63 )

    (1)(0)
  3. މުޙައްމަދު ނަޝީދު އާދަމް

    އަދިވެސް އިމާމު އަބޫ ޙަނީފާ ވިދާޅު ވަނީ "ކީރިތ ޤުރްއާނާ ނުވަތަ މާތް ނަބަވީ ޙަދީޘަކާ ތިމަން ކަލޭގެފާނުގެ ބަސް ތަފާތު ވެ ޚިލާފު ވެއްޖެ ނަމަ ތިމަން ކަލޭގެފާނު ގެ ބަސް ތިޔަބައިމީހުން ދޫ ކޮށްލާހުށިކަމެވެ!!!"
    " إذا قلت قولا يخالف كتاب الله تعالى وخبر الرسول صلى الله عليه وسلم فاتركوا قولي" ( الفلاني في الإيقاظ ص 50 ).

    (1)(0)
  4. މުޙައްމަދު ނަޝީދު އާދަމް

    އިމާމު ޝާފިޢީ ވެސް ވިދާޅު ވަނީ ޙަދީޘް ޞައްޙަ ނަމަ ތިމަންކަލޭގެފާނު ގެ މަޒްހަބަކީ އެއީ އެވެ.
    إذا صح الحديث فهو مذهبي (المجموع للنووي 1 / 63)

    (1)(0)
  5. މުޙައްމަދު ނަޝީދު އާދަމް

    އަދި މިއީ ވެސް އިމާމު ޝާފިޢީ ވިދާޅު ވެފައިވާ ބަސް ފުޅެއްގެ މާނައި ގެ ތަރުޖަމާ އެވެ:
    ޞައްޙަމަގުން އަހަރެމެންނާ ހިސާބަށް އައިސްފައިވާ ނަބަވީ ބަސްފުޅަކާ އަހަރެންގެ ބަހެއް ފުށުއަރާ ޚިލާފު ވެއްޖެ ނަމަ އަހަރެން ގެ ހަމަބުއްދި ނެތިގެން ގޮސްފި ކަން ތިޔަބައިމީހުން ދަންނާށެވެ.
    إذا رأيتموني أقول قولا وقد صح عن النبي صلى الله عليه وسلم خلافه فاعلموا أن عقلي قد ذهب
    (ابن عساكر بسند صحيح عن الإمام الشافعى 15 / 10 / 1)

    (3)(0)
Leave Comment