ލިޔުންތެރިންގެ ގުޅުމުގެ އެއް މުއައްސިސް ހ. ނަވާގަން އަލްފާޟިލް ޢަލީ މޫސާ ދީދީ އަވަހާރަ ވެއްޖެއެވެ. އޭނާ އަވަހާރަވީ ހިތްޕުޅުގެ އާލާސްކަންފުޅަކަށް ފަރުވާދެވެމުންދަނިކޮށް މިއަދު އިރުއޮއްސި 6.30 ހާއިރު ކޮޅުނބުގެ ލަންކާ ހޮސްޕިޓަލުގައެވެ. އަލްފާޟިލް ޢަލީ މޫސާ ދީދީއަކީ، ލިޔުންތެރިއެކެވެ. ޅެންވެރިއެކެވެ. ނޫސްވެރިއެކެވެ. ތަފާތު ފަންނުގެ މަސައްކަތްތައް ދެނެވަޑައިގަންނަވާ ފަންނު ވެރިއެކެވެ. މަސްވެރިކަމަށް ލޯބިކުރެއްވި ބޭފުޅެކެވެ. ޢަލީ މޫސާ ދީދީ، ލިޔުންތެރިކަމުގެ މަސައްކަތް ފަށްޓަވާފައި ވަނީ 1957 ގައެވެ. އެންމެ ފުރަތަމަ ލިޔުއްވަން ފެއްޓެވީ “ވިޔަފާރިމިއަދު” ގެ…

ލިޔުންތެރިންގެ ގުޅުމުގެ އެއް މުއައްސިސް ހ. ނަވާގަން އަލްފާޟިލް ޢަލީ މޫސާ ދީދީ އަވަހާރަ ވެއްޖެއެވެ. އޭނާ އަވަހާރަވީ ހިތްޕުޅުގެ އާލާސްކަންފުޅަކަށް ފަރުވާދެވެމުންދަނިކޮށް މިއަދު އިރުއޮއްސި 6.30 ހާއިރު ކޮޅުނބުގެ ލަންކާ ހޮސްޕިޓަލުގައެވެ.

އަލްފާޟިލް ޢަލީ މޫސާ ދީދީއަކީ، ލިޔުންތެރިއެކެވެ. ޅެންވެރިއެކެވެ. ނޫސްވެރިއެކެވެ. ތަފާތު ފަންނުގެ މަސައްކަތްތައް ދެނެވަޑައިގަންނަވާ ފަންނު ވެރިއެކެވެ. މަސްވެރިކަމަށް ލޯބިކުރެއްވި ބޭފުޅެކެވެ.

ޢަލީ މޫސާ ދީދީ، ލިޔުންތެރިކަމުގެ މަސައްކަތް ފަށްޓަވާފައި ވަނީ 1957 ގައެވެ. އެންމެ ފުރަތަމަ ލިޔުއްވަން ފެއްޓެވީ “ވިޔަފާރިމިއަދު” ގެ ރިޕޯޓަރެއްގެ ގޮތުންނެވެ. އެއަށްފަހު ރާއްޖޭގައި ނުކުތް ގިނަ ނޫސް މަޖައްލާތަކަށް އޭނާ ލިޔުއްވާފައިވެއެވެ. އަދި “ހިޔަމަ ނޫސް އޭޖެންސީ” ގެ ނަމުގައި އޭނާގެ މަސްއޫލުވެރިކަމުގެ ދަށުގައި ނޫސް އޭޖެންސީއެއް ހިންގަވަމުން ގެންދަވާފައި ވެއެވެ. ރާއްޖޭގެ ނޫސްވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި 5 ޖޫން 1993 ގައި ބޭއްވުނު ހަފުލާގައި ” ނޫސްވެރިކަން ދެމެހެއްޓުމުގެ ޚިދުމަތުގެ ރަންގަލަން ” ޢަލީ މޫސާ ދީދީއަށް ވަނީ ލިބިވަޑައިގެންފައެވެ.

wp_20161219_00_04_39_pro-2ދިވެހި އަދަބިއްޔާތުގެ ތަފާތު ފަންނުތަކުގައި ކުރައްވާފައި ޚިދުމަތުގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުން، ދިވެހި އަދަބިއްޔާތަށް ޚިދުމަތްކުރުމުގެ ދާއިރާއިން ދިވެހިބަހަށް ޚިދުމަތްކުރުމުގެ ރޮނގުން އާންމު ޚިދުމަތަށް ހިތްވަރު ދިނުމުގެ އިނާމު 2007 ވަނަ އަހަރު ސަރުކާރުން ވަނީ ޢަލީ މޫސާ ދީދީއަށް އަރުވައިފައެވެ.

އަދަބީ ތަފާތު މުބާރާތްތަކުން އޭނާ ހޯއްދަވާފައިވާ ކާމިޔާބީތަކުގެތެރޭގައި ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން 1985 ވަނަ އަހަރު އާންމުކޮށް ހުޅުވައިލި ވާހަކަދެއްކުމުގެ މުބާރާތުން 1 ވަނަ ހޯއްދެވުމާއި 1991 ވަނަ އަހަރު ބޭއްވި ރާއްޖޭގެ 8 ވަނަ ވާހަކަލިޔުމުގެ މުބާރާތުގެ ކުރުވާހަކަ ލިޔުމުގެ ބައިން 3 ވަނަ ހޯއްދެވުމާއި 1992 ވަނަ އަހަރު، ދިވެހިރާއްޖޭގެ 4 ވަނަ ޅެންވެރީންގެ ދުވަހުގެ މުނާސަބަތުގައި ހުޅުވައިލި ޅެން ހުށަހެޅުމުގެ މުބާރާތުން 1 ވަނަ ހޯއްދެވުމާއި 1994 ވަނަ އަހަރު ފާހަގަކުރި ދިވެހިރާއްޖޭގެ 6 ވަނަ ޅެންވެރީންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ވާހަކަޅެން މުބާރާތުން 1 ވަނަ ހޯއްދެވުމާއި 1996 ވަނަ  އަހަރު ބޭއްވި ދިވެހިރާއްޖޭގެ 12 ވަނަ ޅެންހެދުމުގެ މުބާރާތުގެ ޅެމާއި ބަނދީގެ ބައިން 1 ވަނަ ހޯއްދެވުމާއި 2002 ވަނަ އަހަރު ބޭއްވި ރާއްޖޭގެ 18 ވަނަ ފޮތް އެކުލަވައިލިޔުމުގެ ޤައުމީ މުބާރާތުން 1 ވަނަ ހޯއްދެވުމާއި ފޮތް އެކުލަވައި ލިޔުމުގެ 19 ވަނަ ޤައުމީ މުބާރާތުން 3 ވަނަ ހޯއްދެވުން ފާހަގަކޮށްލެވެއެވެ.

wp_20161218_19_56_01_pro-2ޢަލީ މޫސާ ދީދީ ވަނީ، ގިނަ ފޮތްތަކެއް ލިޔުއްވައި ޝާއިޢު ކުރައްވައިފައެވެ. އޭގެތެރޭގައި “އޮޅުވާލި” ، “އޮއްސާލި” އަދި “އުފުރާލި” ގެ ނަމުގައި ޝާއިޢު ކުރައްވާފައިވާ 3 ޅެން ފޮތާއި “ކަނޑުފަޅުގެ ރޯދި” ، “ދިވެހި ލަކުޑި” ، “ދިވެހި ހިޔާވަހި” ، “ޤާނޫނު އެނގުން” އަދި “ޤާނޫނު އެނގުން” ފަދަ ނަންނަމުގައި އެކުލަވައިލެއްވި ފޮތްތައް ފާހަގަ ކުރެވެއެވެ.

އަލްފާޟިލް ޢަލީ މޫސާ ދީދީ ވަނީ، ޤައުމީ ޚިދުމަތާއި އިޖުތިމާއީ ޚިދުމަތުގެ ތަފާތު ދާއިރާތަކުގައި ވެސް ގިނަ ޚިދުމަތްތަކެއް ކުރައްވައިފައެވެ. އެގޮތުން، 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއާ ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ހަމަލައިގެތެރޭގައި ކޮށްދެއްވި ޤައުމީ ޚިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ސަރުކާރުންވަނީ، ޢަލީ މޫސާ ދީދީއަށް  ޝަރަފުގެ ހަނދާނީ ލިޔުމާއި 3 ނޮވެންބަރުގެ އައްޑަނަ އަރުވައިފައެވެ.

ޢަލީ މޫސާ ދީދީ ވަނީ، 7 އޮގަސްޓް 1982 ން 28 ޖޫން 1995 ށް ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ރ. އަތޮޅު މެންބަރުކަން ކުރައްވައިފައެވެ. އަދި ކުރީގެ ރައީސް، އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް އެކުލަވައިލެއްވި ރައީސުލްޖުމްހޫރިއްޔާގެ މަޝްވަރާ މަޖިލީހުގެ މެންބަރުކަން، 21 ޖަނަވަރީ 1990 ން 6 ޖަނަވަރީ 1997 ށް ކުރައްވާފައެވެ.

އަލްފާޟިލް ޢަލީ މޫސާ ދީދީ، ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ، 25 އޮކްޓޫބަރު 1943 ގައެވެ. އަވަހާރަވީ އިރު އުމުރުފުޅަކީ، 73 އަހަރެވެ. އޭނާ ވަނީ، 5 ބޭފުޅުންނާ ކައިވެނި ބައްލަވައިގެންފައެވެ. އޭގެތެރެއިން 4 ބޭފުޅުންނަށް 11 ފިރިހެން ބޭފުޅުންނާއި 6 އަންހެން ބޭފުޅުން ލިބިވަޑައިގެންފައި ވެއެވެ. އަވަހާރަވީއިރު، އަނބިކަނބަލަކާއި 9 ފިރިހެން ބޭފުޅުންނާއި 4 އަންހެން ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ.

ޢަލީ މޫސާ ދީދީއަކީ، ވަރަށް ގިނަބައެއްގެ އެކުވެރި ރަހުމަތްތެރިއެކެވެ. އަދި އެކުވެރިންނާއި ރަހުމަތްތެރިންނަށް މެހުމާންދާރީ އަދާކުރެއްވުމުގައި ވަރަށް އޯގާތެރި ދީލަތި ބޭފުޅެކެވެ.

މި ހިތާމަވެރި ދަނޑިވަޅުގައި ޢަލީ މޫސާ ދީދީގެ ޢާއިލާއަށް ޖަމްޢިއްޔާގެ ވެރިންނާއި، އެންމެހައި މެންބަރުންގެ ނަމުގައި ތަޢުޒިޔާ ދަންނަވަމެވެ. މާތް ﷲ އޭނާގެ ފުރާނައަށް ސުވަރުގޭގެ ނިޢުމަތް މިންވަރު ކުރައްވާށިއެވެ! އަދި އޭނާގެ ޢާއިލާއަށް ކެތްތެރިކަމާއި ހިތްވަރު ދެއްވާށިއެވެ!

އަލްފާޟިލް ޢަލީ މޫސާ ދީދީ އަވަހާރަވުމުގެ ހިތާމައިގައި މި  ޑިސެންބަރު މަހުގެ 24 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް މި ސައިޓުގައިވަނީ ތައުޒިޔާގެ ދަފުތަރެއް ހުޅުވިފައެވެ

ތައުޒިޔާ ލިޔުއްވަން ބޭނުން ބޭފުޅުން ތިރީގައިވާ ޚިޔާލު ގޮޅީގައި ލިޔުއްވުމަށް ދެންނެވީމެވެ.

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
6 Comments
 1. ޢަބްދުﷲ މުޞްލިޙް (މުންކޮ)

  މަާތް ﷲ ޢިރާދަފުޅުގައި ނިޔާ ކަނޑައަޅުއްވާފައިވާ ވަގުތު ޖެހުމުން ކޮންމެ މީހަކު ވެސް މި ފަނާކުރުވަނިވި މަންޒިލްދޫކޮށް ޖެހޭނީ އެކަލާނގެ ހަޒްރަތަށް ދާށެވެ. މާތް ﷲ މަރުޙޫމް ޢަލީ މޫސާ ދީދީ ގެ ފާފަ ފުއްސަވާ، މަރުޙޫމްގެ ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ.

  (2)(0)
 2. ޙަސަން ޝާކިރު މުޙައްމަދު

  އަލްފާޟިލް ޢަލީ މޫސާ ދީދީ ވަރަށް ކުރީއްސުރެ ވެސް އަޅުގަނޑު ދަންނަމެވެ. ފުރަތަމަ ދަންނަނީ މަސައްކަތްތެރިއެއްގެ ގޮތުގައެވެ. ގަލޮޅު ދަނޑުގެ ތަފާތު މަސައްކަތްތައް ކުރުވުމުގައި އިސް ބޭފުޅެއްގެ ގޮތުގައި އުޅުއްވާތީއެވެ. އޭނާގެ ގެ ހ. ނަވާގަންގައިވެސް ތަފާތު މަސައްކަތްތައް ހިންގަވާތީއެވެ. އެއަށްފަހު އަޅުގަނޑަށްވެސް އަދަބީ ކަންކަމުގައި އުޅެވެން ފެށުމާއެކު އަދަބީ ތަފާތު ފަންނުތަކުގެ ތަޖުރިބާކާރު މޮޅު ބޭފުޅެއްގެ ގޮތުގައި ޢަލިދީ ފާހަގަކުރެވެންފެށިއެވެ. އަދަބީ މުބާރާތްތަކުގެ އިނާމުތައް ގެންދަވާތަން ފެންނަން ފެށިއެވެ.
  ދެން އައީ އެހެން ދައުރެކެވެ. ލިޔުންތެރީންގެ ގުޅުން އުފެއްދުމުގެ ހަރަކާތްތައް ފެށުނު ދުވަސްވަރެވެ. ހެންވޭރު އާމުލީގޭގައި އެކަމުގެ ނުރަސްމީ ބައްދަލުވުންތައް ބޭއްވެންފެށި ދުވަސްވަރެވެ. ބައްދަލުވުންތަކުގެ އިސް ސަފުން ޢަލިދީ ވެސް ފެންނަމުން ދިޔައެވެ. އެ ހިސާބުން ގުޅުން ބަދަހިވިއެވެ. ނަވާގަންއަށް ދިއުމުގެ ދައުވަތު ލިބެން ފެށިއެވެ. ޢަލިދީގެ ދީލަތި ސުފުރާގައި އިށީނުމުގެ ފުރުސަތު އެތައް ފަހަރަކު ލިބުނެވެ. ދައުވަތު އޮންނަނީ އަބަދުވެސް ކުރިޔަށް ދެއްވާފައެވެ. އަމިއްލަފުޅަށް ޚަރަދު ކުރައްވައިގެން ފޮތްތައް ނެރުއްވައި ހަދިޔާ ކުރައްވަމުން ގެންދެވި ލިސްޓުގައި އަޅުގަނޑު ވެސް ހިމެނުއްވިއެވެ. އަދި ކުދިންނަށް ދެއްވަން ''އެކަށީގެންވާ'' ފޮތްފޮތުގެ ކޮޕީ ކުދިންނަށް ވެސް ދެއްވައެވެ. އަމިއްލަފުޅަށް ދަރަޖަ ކުރައްވައިފައެވެ.
  އެއްފަހަރަކު އަޅުގަނޑުގެ ދަރިފުޅަކަށް އިސްކޫލަށް ގެންދަން ވަކިކަހަލަ ގަހެއް ހޯދަން ޖެހުނެވެ. ޢަލިދީއަކީ ގަސްހެއްދެވުމުގެ ތަޖުބާކާރަކަށްވެސް ވުމާއެކު އެކަހަލަ ގަހެއް ލިބޭތޯ ދަންނަވައިލީމެވެ. އެވަގުތު އޭގެ ގަހެއް އެގެއަކު ނެތެވެ. ނަމަވެސް ޖެހިގެން އައި ދުވަހު ކޮންމެވެސް ތަނަކުން އޭގެ ގަހެއް ހޯއްދަވައިގެން ގެނެސްދެއްވިއެވެ. ބަދަލެއް ބޭނުންފުޅެއް ނުކުރެއްވިއެވެ.
  ޢަލިދީގެ ފުރާނަފުޅަށް ފުއްސެވުމާއި ރުއްސެވުން މިންވަރު ކުރައްވާށިއެވެ. އާއިލާއަށް ހެޔޮ ނަސީބާއި ކެތްތެރިކަން އިތުރުކުރައްވާށިއެވެ.

  (1)(1)
 3. އެނޮނީމަސް

  އަލީ ދީދީ އަކީ، ރައްޓެހި ނޫނަކަސް، ކުރިއްސުރެންވެސް ދަންނަ ބޭފުޅެކެވެ. އަލީދީދީގެ އެއް ބޭފުޅަކީ އަޅުގަނޑުމެންގެ އިސްކޫލު ދައުރުގެ ރަހުމަތްތެރި ޒަމީލަކަށް ވުމުން، އެބޭފުޅާއާއެކީ، އިސްކޫލު ދުވަސްވަރު، ފިލާވަޅުގެ މަސައްކަތް ކުރާށާއި އަދި ބައެއް ކުޅިވަރު ކުޅެން، އެގެއަށް ގޮސް އުޅުނީމެވެ. އެދުވަސް ވަރަކީ އަލީދީދީއަށް ގޭގައި މަޑުކުރައްވަން ޖެހިވަޑައިގެންފައި އޮތް ދުވަސްވަރެކެވެ. ނަމަވެސް ވަރަށް އަވަދިނެތި ވަޑާމުގެ މަސައްކަތް ކުރައްވަން އުޅުއްވާތީ ފެނުނެވެ.
  އަލީދީދީއަށް މާތްﷲ ހެޔޮރަހުމަތް ލައްވައި ސުވަރުގޭގެ ދަރުމަ މިންވަރުކުރައްވާށި، އަލީދީދީގެ އާއިލާއަށް ކެތްތެރިކަން ދެއްވާށި، އާމީން.

  (1)(0)
 4. ޢަބްދުﷲ ނަޢީމު އިބްރާހީމް

  ޢަލީ މޫސާ ދީދީއަކީ ޒަމާންވީ އެކުވެރިއެކެވެ. އުމުރުގެ ތަފާތު ހުރި ކަމުގައި ވިޔަސް އެކަމެއް ނުދައްކަވައެވެ. ސަމާސާ ކުރެއްވުމާއި، ނަސޭހަތް ދެއްވުމާއި، އެކުވެރިކަން ދެމެހެއްޓެވުމުގައި އެންމެ ފަހު ދުވަހާ ހަމަޔަށް ހުންނެވިއެވެ. ސްރީ ލަންކާއަށް ފުރާވަޑައިގަތުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން ބައްދަލުވެ، ސައި ބޮއި، ޚިޔާލު ބަދަލުކޮށް ހެދުނެވެ. އޭނާ އަވަހާރަވީ ޚަބަރު ވެގެން ދިޔައީ "ގަބު ވާ ކަހަލަ" ޚަބަރަކަށެވެ. ހިތާމަވެރި ޚަބަރަކަށެވެ. އެކަމަކު އެއީ ދުނިޔޭގައި މި އުޅޭ އަދި އުޅޭނޭ ކޮންމެ މީހަކަށްވެސް ކުރިމަތިލާން ޖެހޭނޭ ކަމެކެވެ. މާތް ﷲ އޭނާގެ ފުރާނައަށް ސުވަރުގޭގެ ނިޢުމަތް މިންވަރު ކުރައްވާށިއެވެ! އޭނާގެ ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ! އާމީން.

  (0)(0)
 5. އެނޮނީމަސް

  ޢަލީ މޫސާ ދީދީއަށް ސުވަްރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރައްވާށިއެވެ! އަދި ޢާއިލާއަށް ކެންތެރިކަން ދެއްވާށިއެވެ! އާމީން

  (0)(0)
Leave Comment