އިލާހީ ހިދާޔަތު، ބައެއްގެ ކުރިމައްޗަށް ހުށަހަޅާލެވުމުން، އެބައިމީހުން، މިހިދާޔަތް ބަލައިގަންނާނޭ ގޮތުގެ މައްޗަށް ބަލައި، މީސްތަކުން ބަހާލެވޭ ބައިތަކުގެ ތެރެއިން، ފުރަތަމަ ބައި، އާދެ، އިލާހީ ހިދާޔަތް ގަބޫލުކުރާ ތަޤުވާވެރި މުއުމިނުންގެ ވާހަކައާއި އެމީހުންގެ ބައެއް ޚާއްސަ ސިފަތައް، އަލްބަޤަރާ ސޫރަތުގެ ފުރަތަމަ ފަސް އާޔަތުގައި ބަޔާން ކުރެވި ހިނގައްޖެއެވެ. ދެން ހަވަނަ އާޔަތާއި ހަތްވަނަ އާޔަތުގައި ބަޔާން ކުރެވިފައި އޮތީ އެހިދާޔަތަށް އިންކާރު ކުރާ މީހުންގެ ވާހަކަ އެވެ. މި ދެ އާޔަތުގެ މައްޗަށް ބަލައިލަމާތޯ…

އިލާހީ ހިދާޔަތު، ބައެއްގެ ކުރިމައްޗަށް ހުށަހަޅާލެވުމުން، އެބައިމީހުން، މިހިދާޔަތް ބަލައިގަންނާނޭ ގޮތުގެ މައްޗަށް ބަލައި، މީސްތަކުން ބަހާލެވޭ ބައިތަކުގެ ތެރެއިން، ފުރަތަމަ ބައި، އާދެ، އިލާހީ ހިދާޔަތް ގަބޫލުކުރާ ތަޤުވާވެރި މުއުމިނުންގެ ވާހަކައާއި އެމީހުންގެ ބައެއް ޚާއްސަ ސިފަތައް، އަލްބަޤަރާ ސޫރަތުގެ ފުރަތަމަ ފަސް އާޔަތުގައި ބަޔާން ކުރެވި ހިނގައްޖެއެވެ. ދެން ހަވަނަ އާޔަތާއި ހަތްވަނަ އާޔަތުގައި ބަޔާން ކުރެވިފައި އޮތީ އެހިދާޔަތަށް އިންކާރު ކުރާ މީހުންގެ ވާހަކަ އެވެ. މި ދެ އާޔަތުގެ މައްޗަށް ބަލައިލަމާތޯ އެވެ. އެންމެ ފުރަތަމަ ދެ އާޔަތުގެ މާނައިގެ ތަރުޖަމާއެއް ހުށަހަޅާލާނަމެވެ.

إِنَّ الَّذِينَ كَفَرُوا سَوَاءٌ عَلَيْهِمْ أَأَنذَرْتَهُمْ أَمْ لَمْ تُنذِرْهُمْ لَا يُؤْمِنُونَ

ހަމަކަށަވަރުން، ‘ކާފިރު’ ވި މީސްތަކުން، އެމީހުންނަށް، ކަލޭގެފާނު (މުހައްމަދުގެފާނު)، އިންޒާރު ކުރެއްވިޔަސް ނޫނީ އިންޒާރު ނުކުރެއްވިޔަސް، އެމީހުންގެ ކައިރީގައި، (މިކަން)، ހަމަހަމަ ވެގެން ވެއެވެ. އެހެނީ އެމީހުންނެއް އީމާނެއް ނުވާނެ އެވެ.

خَتَمَ اللَّـهُ عَلَىٰ قُلُوبِهِمْ وَعَلَىٰ سَمْعِهِمْ ۖ وَعَلَىٰ أَبْصَارِهِمْ غِشَاوَةٌ ۖ وَلَهُمْ عَذَابٌ عَظِيمٌ

 

އެމީހުންގެ ހިތްތަކުގައްޔާއި އަދި އެމީހުންގެ އިވުމުގައި (އެބަހީ، ކަންފަތްތަކުގައި)، (މާތް)ﷲ ސިއްކަ ޖެއްސެވިއެވެ. އަދި އެމީހުންގެ ލޯމަތީގައި ފަރުދާއެއް ވެއެވެ. އެމީހުންނަށް ބޮޑުވެގެންވާ އަޒާބު ހުއްޓެވެ.

ކުރިންވެސް ނަންގަނެވިދިޔަ ފަދައިން، މިދެއާޔަތުގައި އިޝާރަތް ކުރެވެނީ އިލާހީ ހިދާޔަތު، އެމީހުންގެ ކުރިމައްޗަށް ހުށަހަޅާލެވުމުން، އެކަމަށް އިންކާރު ކުރާމީހުންގެ ވާހަކައެވެ. އެމީހުން ސިފަކުރެވިފައިވަނީ ‘ކާފިރުން’ގެ، ގޮތުގައެވެ. އެމީހުންގެ ކުރިމައްޗަށް، ކުރީގެ ފަސް އާޔަތުގައި ނަންގަނެވިދިޔަ އިލާހީ ހިދާޔަތުގެ ވާހަކަ ހުށަހަޅާލައި، ހެވާ ނުބައަކީ އޮތް އެއްޗެއްކަމާއި އިލާހީ އަޚުލާގީ މިންގަނޑުތަކާއި އެއްގޮތްވާ ގޮތުގެ މަތިން އިންސާނާގެ އަމަލުތައް ބަހައްޓަން ޖެހޭނޭކަމާއި، އަދި އުޚްރަވީ ހަޔާތެއް އޮތްކަމާއި އިންސާނާ އޭނާގެ އަމަލުތަކުގެ ނަތީޖާއާއި އެދުވަހުން ކުރިމަތިލާން ޖެހޭނޭ ކަމުގެ ވާހަކަތައް އެމީހުންނާ ދައްކައި އެކަމުން އެމީހުންގެ ހިތްތައް ބިރުވެތިކުރަން މަސައްކަތް ކުރިކަމުގައިވިޔަސް ނުވަތަ އެމަސައްކަތް ނުކުރިކަމުގައި ވިޔަސް، އެމީހުން އެވާހަކަތަކެއް ގަބޫލެއް ނުކުރާނެއެވެ.

ދެން ހަތްވަނަ އާޔަތުގައި ކާފިރުވީ މީހުން، އިލާހީ ހިދާޔަތު އިންކާރު ކުރަނީ ކީއްވެގެން ކަމާއި މެދު އިޝާރަތް ކުރެވިފައިވެއެވެ. އެމީހުން ވަނީ އެމީހުން ތިބި ގޮތުގައި ތިބެން ކަނޑައަޅައި ނިންމާފައެވެ. އެނޫން އެހެން ގޮތަކަށް އެމީހުންގެ އުޅުން ބަދަލު ކުރާކަށް އެމީހުން ބޭނުމެއް ނުވެއެވެ. މިކަމަށް އިޝާރަތް ކުރެވިފައިވަނީ އެމީހުންގެ ވިސްނުމުގެ ވަސީލަތްތަކުގައި، އާދެ، ހިތާއި، އިވުމުގައި، ސިއްކަޖެހި ބަންދުކުރެވިފައިވާކަމާއި އަދި އެމީހުންގެ ފެނުންވެސް ފަރުދާކުރެވިފައިކަން ބަޔާންކޮށް ދެމުންނެވެ. އާދެ، އެމީހުންގެ އުޅުން ބަދަލު ކުރުމާބެހޭ އެއްވެސް ވާހަކައެއް އަޑުއަހައި އެކަމާ ދޭތެރޭ ވިސްނާކަށް އެމީހުން ބޭނުމެއް ނޫނެވެ. އެހެންވެ، މިކަމުގެ ހިތި ނަތީޖާއާއި އާޚިރަތް ދުވަހު އެމީހުން ކުރިމަތިލާން ޖެހޭނޭކަން ބަޔާންކޮށް ހަތްވަނަ އާޔަތް ނިންމާލެވިފައި ވެއެވެ.

މިދެއާޔަތް އިތުރަށް ވިސްނައި ފަހުމްކޮށް ގަތުމަށްޓަކައި މިދެއާޔަތުގައި ހިމެނޭ ބައެއް މުހިއްމު ލަފްޒުތަކާއި އިބާރާތްތަކުގެ މައްޗަށް އިތުރަށް ބަލައިލާން ޖެހެއެވެ. އެއްމެ ފުރަތަމަ ‘ކާފިރު’ ގެ މާނައިގެ މައްޗަށެވެ. ދެން އިންޒާރު ކުރުމާއި ނުކުރުން އެމީހުންގެ ކުރިމަތީގައި ހަމަހަމަ ވެގެންވަނީ ކީއްވެގެން ކަމުގެ މައްޗަށެވެ. އަދި އެއަށްފަހު، އެމީހުންގެ ހިތްތަކުގައްޔާއި އަދި އިވުމުގައި ސިއްކަޖެހުމުގެ މާނައަކީ ކޮބައިކަމާއި އަދި އެމީހުންގެ ލޯމަތީ ފަރުދާއެއް ވުމުގެ މާނައިގެ މައްޗަށްވެސް ބަލައިލާން ޖެހެއެވެ.

ހަވަނަ އާޔަތް ފެށިފައިވަނީ  إِنَّ الَّذِينَ كَفَرُوا  “ހަމަކަށަވަރުން، ‘ކާފިރު’ ވި މީސްތަކުން”، މިހެންނެވެ. މިއާޔަތުގައިވާ كفروا، ‘އެމީހުން ކާފިރުވެއްޖެ’ މިލަފްޒު ނެގިފައިވަނީ كُفْر މިލަފްޒުންނެވެ. ‘ކުފްރު’ގެ ލަފްޒީ މާނައަކީ ‘ފޮރުވުން’ ނުވަތަ ‘ފޮހެލުން’ މިއެވެ. ‘ކަފަރަ’ ގެ ލަފްޒީ މާނައަކީ ‘އޭނާ ފޮރުވައިފި’ ނުވަތަ ‘އޭނާ ފޮހެލައިފި’ މިއެވެ’. އަރަބި ބަހުގައި ރޭނގަޑު ސިފަކޮށްދިނުމުގެ ގޮތުން ރޭގަނޑަށް ‘ކާފިރޭ’ ކިޔެއެވެ. ރޭގަނޑުގެ އަނދިރިކަން އެހެން އެއްޗެހި ‘ފޮރުވާލާ’ތީއެވެ. އަދި ހަމަ އެހެންމެ، ދަނޑުވެރިޔާއަށް ވެސް އަރަބި ބަހުގައި ‘ކާފިރު’ އޭ ކިޔެއެވެ. އޭނާ، ގޮވާން ކުރުމަށްޓަކައި، ބިމުގައި އޮށް އިންދައި، އެއޮށަށް ފަސްއަޅައި ވަޅުލައި ފޮރުވާލާތީއެވެ.

ދަނޑުވެރިޔާގެ މާނައިގައި، ‘ކުއްފާރު’، ކީރިތި ޤުރްއާނުގައިވެސް ބޭނުން ކުރެވިފައި ވެއެވެ. އަލްޙަދީދު ސޫރަތުގެ 20ވަނަ އާޔަތުގައެވެ. ދުނިޔަވީ ހަޔާތުގެ އުފަލާއި އަރާމަކީ ވަގުތީ ކަމެއްކަމުގެ މިސާލު ދައްކަމުން މިއާޔަތުގައި ބަޔާންކުރެވިފައި ވެއެވެ. “… كَمَثَلِ غَيْثٍ أَعْجَبَ الْكُفَّارَ نَبَاتُهُ ثُمَّ يَهِيجُ فَتَرَاهُ مُصْفَرًّا ثُمَّ يَكُونُ حُطَامًا ۖ (ދުނިޔަވީ ހަޔާތުގެ އުފަލާ އަރާމުގެ މިސާލު، އުޑުން އޮހޭ) ވާރޭ ފެނުގެ މިސާލު ފަދައެވެ. އެފެނުން ފެންލިބި ހެދޭ ގަސްގަހާއި ގޮވާން، ‘ކާފިރުންނަށް’، (އެބަހީ، ދަނޑުވެރިންނަށް) އުފަލާއި ހިތް ހަމަޖެހުން ގެނެސްދެއެވެ. ދެން އެގަސްތައް (ހެދި ބޮޑުވެ ފުރިހަމަވުމަށް ފަހު) ހިކި ދެއެވެ. ދެން އެގަސްތައް ފެންނަނީ (ދޮންވެ) ރީނދޫކުލައިގައި ވާތަނެވެ. އަދި އެއަށްފަހު އެގަސްތައް ކުދިކުދިވެ (ހިރަފުހަށްވެ، ނެތި) ދެއެވެ…”

ދެން ‘ކުފްރު’، ފޮރުވުމާއި’ ‘ފޮހެލުމު’ގެ ހިއްސީ މާނައިން، ‘ހައްގުބަސް’، ނުވަތަ ‘ކަމެއްގެ ހަގީގަތް އެނގިހުރެ އިންކާރު ކުރުމު’ގެ މައުނަވީ މާނައިގައި ބޭނުން ކުރެވުނެވެ. އަދި، މިފަދަ ގޮތެއްގައި ކަމެއް އިންކާރު ކުރާ މީހާއަށް ‘ކާފިރު’ އޭ ކިޔުނެވެ. މަތީގައި ނަންގަނެވިފައިވާ އަލްބަޤަރާ ސޫރަތުގެ 6ވަނަ އާޔަތުގައި ‘ކަފަރޫ’ ބޭނުން ކުރެވިފައިވަނީ މިދެންނެވި މައުނަވީ މާނައިގައެވެ. އާދެ، إِنَّ الَّذِينَ كَفَرُوا  ގެ މާނައަކީ ‘ހަމަކަށަވަރުން، ހައްގު ބަސް، އިންކާރު ކުރާމީހުން…” މިއެވެ. މިތަނުގައި ‘ހައްގު ބަސް’ އިޝާރަތް ކުރެވެނީ މާތްﷲ ވޮޑިގެންވުމަށާއި އަދި އެކަލާނގެ ދައްކަވާފައިވާ އިލާހީ ތެދުމަގަށާއި އަދި އާޚިރަތްދުވަސް ފަދަ ކަންކަމަށެވެ. ކާފިރުވީ މީހުންނަކީ މިކަންކަމަށް އިންކާރު ކުރާ މީހުންނެވެ.

ދެން އޮތީ ހައްގަށް އިންކާރު ކުރާ މިފަދަ މީހުންގެ ކައިރީގައި ‘އިންޒާރު ކުރުމާއި ނުކުރުން ހަމަހަމަ ވެގެންވާ ކަމެވެ (سَوَاءٌ عَلَيْهِمْ أَأَنذَرْتَهُمْ أَمْ لَمْ تُنذِرْهُمْ). އިންޒާރުގެ މާނައަކީ ކަމެއްގެ ވާހަކަ ކިޔައިދިނުމާއި އަދި އެކަމާ ގުޅިފައިވާ ބިރުވެރިކަމާއި ނުރައްކާ އަންގައިދިނުމެވެ. ބައެއްގެ އުޅުން އިސްލާހުކޮށް ވަކި ހަމަތަކެއްގެ މަތީގައި އެމީހުންގެ އުޅުން ބަހައްޓާތޯއެވެ. މިތަނުގައި އެވާހަކަ އަކުން އިންޒާރު ދިނުމަށް ނުވަތަ ނުދިނުމަށް އިޝާރަތް ކުރެވެނީ އިސްވެ ދިޔަ ފުރަތަމަ ފަސް އާޔަތުގައި އިޝާރަތް ކުރެވިދިޔަ އިލާހީ ހިދާޔަތުގެ ވާހަކައެވެ. މާތްﷲއަށް އީމާންވެ، އުޚްރަވީ ހަޔާތުގެ ކާމިޔާބަށް އެދި، ދުނިޔޭގައި ހެޔޮއަމަލު ކުރުމުގެ ވާހަކައެވެ. އަދި، އިލާހީ ހިދާޔަތަށް ފުރަގަސްދީ އެހިދާޔަތުގެ އަލީގައި ދުނިޔެވީ ހަޔާތް ވޭތުކޮށް ނުލެވިއްޖެނަމަ، އާޚިރަތުގައި ހުރި ގެއްލުމާއި ހަލާކުގެ ވާހަކައެވެ. މިއާޔަތުގައި ބަޔާން ކޮށްދީފައިވަނީ ހައްގަށް އިންކާރު ކުރާ މީހުން، އެމީހުންގެ ކައިރީގައި އިލާހީ ހިދާޔަތުގެ މިވާހަކަތައް ދައްކައި އާޚިރަތް ދުވަހު ކުރިމަތިވެދާނެ ބިރާއި ނުރައްކަލުގެ ވާހަކަ ކިޔައިދީ ހެދުމާއި ނުހެދުން ހަމަހަމަ ވެގެން ވާކަމެވެ. އެހެނީ، އާޔަތް ނިންމާލަމުން ބުނެދެވިފައިވާ ގޮތުން، އެމީހުން އީމާނެއް ނުވާނެއެވެ (فهم لا يؤمنون). އިލާހީ ހިދާޔަތު، އެމީހުން، ގަބޫލެއް ނުކުރާނެއެވެ.

އިލާހީ ހިދާޔަތުގެ މަގަށް ފުރަގަސްދީ، އެމީހުން އީމާން ނުވުމުގެ ސަބަބަކީ އެމީހުން ތިބީ މާކުރިއްސުރެންވެސް އެމީހުންގެގޮތް ދޫނުކުރަން ނިންމައިގެން ކަމަށްވާތީއެވެ. އެމީހުން ތިބީ އެމީހުން ގަބޫލުކުރާ އެމީހުންގެ ހަޔާތުގެ އަގުތަކުގައި ހިފަހައްޓައިގެން ކަމަށްވާތީއެވެ. މިއަގުތައް ހުއްޓިފައި އޮތީ ހަމައެކަނި ދުނިޔަވީ އުފަލާއި ހިތް ހަމަޖެހުން ހޯދުމުގެ މައްޗަށެވެ. މުދަލާ ފައިސާ ހޯދުމާއި ހަނގުރާމަ ކުރުމާއި ރާބުއިމާއި ޖިންސީ އަރާމާއި ލައްޒަތުގެ އުފާތައް ލިބިގަތުމުގެ މައްޗަށެވެ. އަރަބި މުޝްރިކުންގެ ހަޔާތުގެ އަގުތައް ކީރިތި ޤުރްއާނުންނާއި އަދި އަރަބި ޖާހިލީ ޅެންތަކުން ސާފުވާން އެބައޮތެވެ. ކީރިތި ޤުރްއާނުގެ އައްތަކާޘުރު ސޫރަތުގެ ފުރަތަމަ ދެއާޔަތަށް ބައްލަވާލައްވާށެވެ. ” أَلْهَاكُمُ التَّكَاثُرُ ﴿١ حَتَّىٰ زُرْتُمُ الْمَقَابِرَ ” ، ‘ކަލޭމެން ޣާފިލުކޮށްލާފައިވަނީ (މުދަލާއި ފައިސާ، ދުނިޔަވީ ހަޔާތުގެ ޒީނަތްތެރިކަންތައްތައް، އެކަކު އަނެކަކަށްވުރެ) ގިނަކުރަން އުޅުމެވެ. ކަލޭމެން ކަށްވަޅުތަކަށް ދާންދެނެވެ.” މިދެއާޔަތެވެ. އަދި މީގެ އިތުރުން، އެމީހުންގެ ހަޔާތުގެ އަގުތަކުގެ ވާހަކަ އަރަބި ޖާހިލީ ޅެންވެރިޔަކު ކަމުގައިވާ ޠަރަފާ ބިން އަލްޢަބްދު މިފަދައިން ބަޔާން ކޮށްދީފައި ވެއެވެ.


 1. ألا أيهذا اللائمي أحضر الوغى وأن أشهد اللذات هل أنت مخلدي؟
 2. وإن كنت لا تسطيع دفع منيتي             فدعني أبادرها بما ملكت يدي
 3. ولو لا ثلاث هن من عيشة الفتى وجدك لم أحفل متى ما قام عودي
 4. فمنهن سبق العاذلات بشربة كميت متى ما تعل بالماء تزبد
 5. وكري إذا نادى المضاف مجنبا             كسيد الفضاء نبهته المتورد
 6. وتقصير يوم الدجن والدجن معجب ببهكنة تحت الخباء المعمد


 1. އޭ، އަހަރެން، ހަނގުރާމާއިގައި ބައިވެރިވެ، (ހަނގުރާމަ ކުރުމަށާއި) އަދި (ހަޔާތުގެ) އުފާތައް ލިބިގަތުމާއި މެދު (ނުރުހި)، އަހަރެން ބަދަނާމު ކުރާމީހާއެވެ! ކަލޭ، އަހަރެން އެކަން ކުޅައުން މަނާކުރަން ތިއުޅެނީ، ކަލެއަށް، (ދުނިޔޭގައި) އަހަރެން އަބަދަށްޓަކައި ދިރިދަމަހަށްޓައި ބެހެއްޓޭނޭތީ ހެއްޔެވެ؟
 2. އަހަރެންގެ މަރުވުން، އެއީ ކަލެއަށް ހިފެހެއްޓޭނޭ ކަމަކަށް ނުވާއިރު، (ދުނިޔަވީ) އުފާތައް ލިބިގަތުމަށްޓަކައި އަހަރެންގެ އަތުގައި އޮތް ހުރިހާ އެއްޗެއް ހޭދަކޮށް، އެކަން ލިބިގަތުމަށް އަވަސްވެގަންނަން އަހަރެން ދޫކޮށްލާށެވެ.
 3. ކަލޭގެ ނަސީބު ގަންދީ ބުނަމެވެ. ދިރިހުރުމުން، ޒުވާނާއަށް ލިބިގަނެވޭނޭ މަޖަލުގެ މި ތިންކަންތައް ލިބެން ނެތްނަމަ، އަހަރެން (މަރަށް ހާޒިރުވެ) މަރުވާތަން ދެކެން އައިސްތިބި މީހުން، (އަހަރެން ދިރިހުންނާނެ ކަމުގެ އުއްމީދު ކަނޑާލައި) ތެދުވެ ދިޔަޔަސް އަހަރެންގެ ފަރުވާލެއް ނެތެވެ. (މި ބަޔާން ކުރާ ތިން ކަންތައް ނުވާނަމަ، މަރުވިޔަސް އަހަރެންގެ ފަރުވާލެއް ނެތެވެ.)
 4. އެކަންކަމުގެ ތެރެއިން ވެއެވެ. (އަހަރެން) ބަދުނާމުކޮށް (އެކަން ހުއްޓުވާފާނެ މީހުން) ހޭލުމުގެ ކުރިން، އެއަށް ސާފުފެން އަޅާލުމުން ފޮނުއަރާ، ކަޅުރަތް ކުލައިގެ، ރާ ބުއިމެވެ.
 5. އަދި، ސަލާމަތްކޮށް ދިނުން އެދި (ހާލުގައި ޖެހިފައިވާ) މީހަކު ގޮވާލުމުން، އަލްޣަޟާއޭ ކިޔުނު ގަސް ހެދިފައިވާ (ވަލު ތެރޭ)ގައި އުޅޭ މިނިކާވަގެއް ދުވެފަދާ ފަދައިން، އޭގެ މުލަށްދަނޑީގައި ކުޑަ ލެނބުމެއްވާ އަހެއްމަތީ (އެމީހާގެ ކައިރިއަށް) ދިޔުން (އެތިންކަމުގެ ތެރެއިން ހިމެނެ)އެވެ.
 6. އަދި އުޑުމަތި ބަނަދުވަހެއްގައި – ބަނަދުވަސް ދުވަސް ހިތްގައިމެވެ – މަސްޖަހާލައިފައިވާ ރީތި އަންހެން ކުއްޖަކުގޮވައިގެން އުފުލިފައިވާ ޓެންޓެއްގެ ތެރޭގައި ދުވަސް ކުރުކޮށްލުމުވެ.

އާދެ، ކުރީގައި ނަންގަނެވުނު އައްތަކާޘުރު ސޫރަތުގެ ދެއާޔަތާއި މިބައިތުކޮޅުގައި، އަރަބި މުޝްރިކުންގެ ހަޔާތުގެ އަގުތައް ޚުލާސާކޮށް ބަޔާންކުރެވިފައި ވެއެވެ. އެމީހުންގެ ހަޔާތުގެ ފަލްސަފާގެ މައްޗަށް މިދެތަނުގައި އަލިއަޅުވާލެވިފައި ވެއެވެ. އެމީހުން ދުނިޔޭގައި ދިރިތިބުމަށް އެދުންވެރިކޮށް ބާރުއަޅައިދޭ ކަންކަމަކީ ކޮބައިކަން ބަޔާންކޮށްދީފައި ވެއެވެ. އެއީ މުދަލާއި ފައިސާ ހޯދުމާއި ރާބުއިމާއި ތަޅާފޮޅައި ހަނގުރާމަ ކުރުމާއި އަދި ޖިންސީ އަރާމާއި ލައްޒަތު ލިބިގަތުމެވެ. މިބައިމީހުންނަކީ ކޮންމެ ވާހަކައެއް ދެއްކިނަމަވެސް، އެމީހުންގެ މިގޮތް ބަދަލުކުރަން ބޭނުންނުވާ މީހުންނެވެ. އެވާހަކައަކީ ހައްގު ބަސްކަމުގައި އެމީހުންނަށް ގަބޫލު ކުރެވުނަސް ވެހެވެ. ދުނިޔަވީ ހަޔާތަކީ ވަގުތީ ކަމެއްކަމާއި، ދުނިޔަވީ ހަޔާތް ނިމޭނޭ ކަމާއި އަދި އުޚުރަވީ ހަޔާތެއް އޮންނާނޭކަމާއި އުޚުރަވީ ހަޔާތުގެ ކާމިޔާބީ ލިބުން އޮތީ ދުނިޔަވީ ހަޔާތުގައި އިލާހީ ހިދާޔަތުގެ އަގުތައް ބަލައިގަނެ، އިލާހީ އަޚުލާގީ މިންގަނޑެއްގެ މަތީގައި ދުނިޔަވީ ހަޔާތް ވޭތުކޮށްލެވިގެންކަން ހަނދާންކޮށްދެވުނަސް އެކަން ބަލައެއް ނުގަނެވެއެވެ. އެހެނީ އެމީހުންވަނީ ދުނިޔަވީ އުފަލާއި އަރާމުގެ އަވާގައިޖެހި ދުނީޔޭގެ އުފަލާއި މަޖާ ހޯދުމުގެ އެދުމުގެ ތެރެއަށް މާވަރުގަދައަށް ވަދެވިފައެވެ. އަދި މިކަން ދޫކޮށްލާ ހިތެއް އެމީހުން ނުވެއެވެ. އެހެންވެ، މިފަދަ މީސްމީހުންގެ ކައިރީގައި، ތެދުމަގުގެ ވާހަކަ ދެއްކުމާއި ނުދެއްކުން ހަމަހަމަ ވެގެން ވެއެވެ. އެމީހުން އީމާނެއް ނުވާނެއެވެ. އެމީހުން، އެމީހުންގެ ގޮތެއް ދުލެއް ނުކުރާނެއެވެ.

 

ދެން ހަތްވަނަ އާޔަތުގައި ހައްގަށް އިންކާރު ކުރާމީހުން، އިލާހީ ހިދާޔަތް ބަލައިގަނެ އީމާން ނުވާނީ ކީއްވެގެންކަން، ބަޔާން ކޮށްދެވިފައި ވެއެވެ. خَتَمَ اللَّـهُ عَلَىٰ قُلُوبِهِمْ وَعَلَىٰ سَمْعِهِمْ ۖ وَعَلَىٰ أَبْصَارِهِمْ غِشَاوَةٌ ۖ ، ‘އެމީހުންގެ ހިތްތަކު ގައްޔާއި އަދި އެމީހުންގެ އިވުމުގައި (އެބަހީ، ކަންފަތް ތަކުގައި)، (މާތް)ﷲ ސިއްކަ ޖެއްސެވިއެވެ، އަދި އެމީހުންގެ ލޯމަތީގައި ފަރުދާއެއް ވެއެވެ.’  މިފަދައިން ބަޔާން ކުރެވިގެންނެވެ.  މިއިން އިޝާރަތް ކުރެވެނީ އެމީހުންގެ ގޮތުގައި އެމީހުން ހިފަހައްޓައިގެން ތިބިލެއް ވަރުގަދަ ކަމެވެ. އާދެ، ދުނިޔަވީ މަޖަލާއި އުފަލުގެ ތެރެއަށް ގެނބި، އެހެން އެއްވެސް ގޮތަކާއި މެދު ވިސްނާލުމުގެ ބޭނުމެއް، އެދުމެއް، ނެތް ކަމެވެ. މިކަން އިތުރަށް ސާފުވެދިޔުމަށްޓަކައި، މިއާޔަތުގައި ބަޔާން ކުރެވިފައިވާ ހިތްތަކުގައްޔާއި އަދި އިވުމުގައި ސިއްކަޖެއްސެވުމާއި އަދި ފެނުމުގައި ފަރުދާއެޅިފައި ވުމުގެ މާނައިގެ މައްޗަށް ވިސްނުމުގެ ނަޒަރެއް ހިންގާލަމާތޯއެވެ.

ختم ގެ ލަފްޒީ މާނައަކީ ސިއްކަ ޖަހައި ރަގަޅަށް ބަންދުކުރުމެވެ. މިސާލަކަށް ސިޓީއެއް އުރައަކަށްލައި ސިއްކަޖަހައި ބަންދުކުރުމެވެ. އެފަދައިން ސިޓީ ބަންދު ކުރެވިފައިވާ ހާލު، އެސިޓީއަށް ވާސިލުވެވޭނޭ އެއްވެސް ގޮތެއް ނޯވެއެވެ. ހިތުގައްޔާއި އަދި ކަންފަތުގައި ސިއްކަޖެހުމޭ ބުނުމުގެ މާނައަކީ ހިތާއި ކަންފަތް ރަގަޅަށް ބަންދުކުރުމެވެ. މީގެ މުރާދަކީ ހިތާއި އަދި ކަންފަތަށް ހައްގުބަސް ވާސިލު ވެވޭނޭ ގޮތެއް ނެތުމެވެ. މާނައަކީ، ކާފިރުން، އާދެ، ހައްގުބަސް އިންކާރު ކުރާ މީހުން، ހައްގު ބަސް އަޑު އަހައި އެއާ ދޭތެރޭ ވިސްނައި ފިކުރު ކުރުމުގެ އެއްވެސް އެދުމެއް، ބޭނުމެއް، އެމީހުންގެ ނެތުމެވެ. ސަބަބަކީ، އެމީހުން ތިބި ގޮތުގައި ތިބުމުގެ އެދުން މާބޮޑުކަމެވެ. އެހެންވެ، އެއްވެސް އެހެން ގޮތެއްގެ ވާހަކަ އަޑު އަހައި އެއާ ދޭތެރޭ ފިކުރު ކުރުމުގެ ބޭނުމެއް އޮތް ކަމަކަށް އެމީހުން ނުދެކެއެވެ. އެވާހަކައަކީ އިލާހީ ހިދާޔަތުގެ ވާހަކަ ކަމަށްވިޔަސް، ވެހެވެ. ހަމަ އެހެންމެ، އެމީހުންގެ ފެނުމުގައި، އާދެ، ލޯމަތީގައި ވަނީ ފަރުދާއެއް އެޅިފައެވެ. މީގެ މުރާދަކީ، ހައްގު މަގަށް އެމީހުން ލަންބުވައި، އެމަގަށް ގެންގޮސްފާނޭ ކިތައްމެ މަންޒަރެއް އެމީހުންގެ ކުރިމަތިން ފެންނަން އޮތަސް މިއިން ކަމަކުން އިބުރަތް ލިބިގަނެ، އެކަންކަމާ ދޭތެރޭ ވިސްނާކަށް އެމީހުން ބޭނުމެއް ނުވެއެވެ. މިސާލަކަށް ކީރިތި ޤުރްއާނުގައި ތަބީއަތުގެ އެކިއެކި މަންޒަރުތަކުން އިބުރަތް ލިބިގަތުމަށް އަރަބި ކަރައިގެ މުޝްރިކުންނަށް ގޮވާލެވިފައި ވެއެވެ. އެމީހުން ގެންގުޅޭ ޖަމަލުގެ މައްޗަށް ނަޒަރު ހިންގައި އެޖަމަލު އުފެދިފައިވަނީ ކިހިނެއްކަމާ މެދު ވިސްނައި ފިކުރު ކޮށްގެންނެވެ. އެމީހުންގެ ވަށައިގެންވާ ފަރުބަދަތައް ކޮޅަށް ޖެހިފައިވާ ގޮތުގެ މައްޗަށް ނަޒަރު ހިންގައި އެކަމާ ދޭތެރޭ ވެސް ވިސްނައި ފިކުރުކޮށް ގެންނެވެ. އަދި، އެމީހުންގެ ކުރިމަތީ ފެންނަން އޮންނަ ހަނަފަސް ސަހަރާ ބިން، ވާރޭ ވެހުމަށް ފަހު ދިރި، އެބިމުގައި ގަސްފަޅައި ހެދޭ ގޮތް ބަލައި އެކަމުގެ މައްޗަށް ވެސް ވިސްނައި ފިކުރުކޮށްގެންނެވެ. މިއިން ކޮންމެ މަންޒަރަކީވެސް، ކީރިތި ޤުރުއާނުގެ ނަޒަރުގައި، އިބުރަތުން ފުރިގެންވާ މަންޒަރެކެވެ. ވިސްނާ ފިކުރު ކުރާ މީހަކަށް، ޚާލިގުވަންތަ ފަރާތެއްވާކަން ދައްކުވައިދޭ މަންޒަރެކެވެ. ނަމަވެސް، ކާފިރުން، އާދެ، ހައްގުބަސް އިންކާރު ކުރާ މީހުން، އެމީހުންގެ ނަޒަރު ހުއްޓިފައިވަނީ ހަމަ އެކަނި ދުނިޔޭގެ މަޖަލާއި އުފާ ހޯދުމުގެ މައްޗަށް ކަމުން، އެފަދަ ތަބީއީ މަންޒަރު ތަކުން އިބުރަތް ހާސިލު ކުރެވޭ ގޮތެއް ނުވެއެވެ. އެހެންވެ، އެމީހުންނަށް އެފަދަ މަންޒަރެއް ފެނުނުކަމުގައި ވިޔަސް، އެއިން އިބުރަތެއް ލިބިގަނެވޭނޭ ގޮތެއް ނުވެއެވެ. އެމީހުންގެ ފެނުމުގައި، ލޯމަތީގައި، ފަރުދާއެއް އެޅިފައިވާ ކަހަލައެވެ.

މިއާޔަތުގައި، އާދެ، ހަތްވަނަ އާޔަތުގައި، އެމީހުންގެ ހިތްތަކު ގައްޔާއި ކަންފަތްތަކުގައި ސިއްކަޖެހުން، ނިސްބަތް ކުރެވިފައިވަނީ މާތްﷲ އަށެވެ. އާދެ، މިއާޔަތުގައި ވަނީ މާތްﷲ އެމީހުންގެ ހިތްތަކުގައްޔާއި އަދި ކަންފަތްތަކުގައި ސިއްކަޖެއްސެވިކަމެވެ. މީގެ މުރާދަކީ، މަތީގައި އިޝާރަތް ކުރެވި ދިޔަ ފަދައިން،  އެމީހުން ހައްގު ބަހުގެ އަޑު ނޭހީ، އަދި އެއާ ދޭތެރޭ ވިސްނައި ފިކުރުކޮށް ނުހެދީ، އަދި ހައްގު ބަހާ ހަމައަށް ވާސިލުވެވޭނޭ މަންޒުރު ފެނިފައިވެސް ހައްގު މަގު ނުލިނުގަނެ، ތިބެވުނީ އެމީހުންގެ އަމަލުތައް ހުރި ގޮތުގެ ސަބަބުންނެވެ. ދުނިޔަވީ އުފާތައް ހޯދުމުގެ އެދުން ބޮޑުވެފައި އެކަމުގައި މަޝްޣޫލުވެ ތިބިލެއް ބޮޑުކަމުންނެވެ. އަދި، އެހެންވެ، އެހެން ކަމަކާއި ދޭތެރޭ ވިސްނާނޭ ޖާގައެއް އެމީހުންގެ ހިތްތަކުގައި ނުވުމުންނެވެ. އިލާހީ ހިދާޔަތުގެ މަގަށް ގެންގޮސްދޭނޭ ވިސްނުމަކުން ވިސްނުމުގެ އެކަށޭނެކަން އެމީހުންގެ ކިބައިން އެމީހުން ވަނީ ނިގުޅައިގެންފައެވެ. މިފަދަ ގޮތެއްގައި އެ އެކަށޭނަކަން ނިގުޅައިގެންފައި ވުމުން، އަރަބި ބަހުގައި، އެކަން މާތްﷲއަށް ނިސްބަތްކޮށް ބުނެވެނީއެވެ. ފަހަރެއްގައިވެސް ހައްގު ބަސް ނުވިސްނުމުގެ ސަބަބަކީ މާތްﷲ އެމީހުންގެ ހިތްތަކުގައްޔާއި ކަންފަތްތަކުގައި ސިއްކަ ޖައްސަވައި ބަންދުކުރައްވައި އަދި އެމީހުންގެ ލޯތައްމަތީ ފަރުދާ އެޅުއްވުމުގެ ސަބަބަކުންނޫނެވެ. އެކަން އެހެންވީ އެމީހުން އެގޮތް އެދުމުންނެވެ. އެމީހުން އެގޮތް އިޚްތިޔާރު ކުރުމުގެ ސަބަބުންނެވެ.

މީގެ މިސާލެއް، ދުންފަތުގެ އިސްތިއުމާލު ކުރާ މީހެއްގެ ކިބައިން ފެނިދާނެއެވެ. އެފަދަ މީހަކަށް، އޭނާ ވިސްނަން އުޅެފިނަމަ، ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ސިއްހަތަށް ގެއްލުން ހުރި ކަމެއްކަން އެނގި ގަނެވިދާނެއެވެ. ދުންފަތުގައި ވިހަ އެތައް މާއްދާއެއް އެކުލެވިގެންވާކަން އޭނާއަށް ހޯދައިގަނެވިދާނެތީއެވެ. އަދި، އޭނާ އަޑު އަހަން ބޭނުންނަމަ، އެކިއެކި ޚަބަރު ފަތުރާ ވަސީލަތްތަކުން ދުންފަތް އިސްތިއުމާލު ކުރުމުގެ ގެއްލުމުގެ ވާހަކަތަކުގެ އަޑު އިވޭނެއެވެ. ހަމަ އެހެންމެ އޭނާ ބަލަން ބޭނުން ނަމަ، އެކަމުގައި ހުރި ގެއްލުމުގެ މަންޒަރުތައް ވެސް ފެންނާން އެބަހުއްޓެވެ. މިސާލަކަށް، ސިގިރޭޓު ފޮށްޓެއް ގަންނައިރު ޚުދް އެފޮށީގައިވެސް އެކަމުގެ ގެއްލުން ދައްކުވައިދޭ މަންޒަރުތައް ފެންނަން ހުރެއެވެ. ނަމަވެސް މިއިން އެއްވެސް ކަމަކީ އޭނާ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވާލަން ހިތްވަރުދީ ބާރު އަޅައިދޭ ކަމަކަށް ނުވެއެވެ. އޭނާގެ ހިތައް އެކަމުގެ ގެއްލުމުގެ ވާހަކަތައް ނުވިސްނޭ ކަހަލައެވެ. އޭނާގެ ކަންފަތައް އެވާހަކަތަކުގެ އަޑުނީވޭ ކަހަލައެވެ. އަދި އޭނާގެ ލޮލަށް އެކަމުގެ ގެއްލުމާ ބެހޭ މަންޒަރުތައް ނުފެންނަ ކަހަލައެވެ. އެއީ އޭނާ އެކަން ވިސްނައި އެނގިގަންނަން ބޭނުންނުވާތީއެވެ. އަދި އެކަން އަޑުއަހައި ދެކެންވެސް ބޭނުން ނުވާތީ އެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމުގެ އެދުން އެއަށްވުރެ މާބޮޑީ މައެވެ. އެހެންވެ، އެވާހަކަތައް އަޑު އެހުމުން އޭނާގެ ހިތާއި ކަންފަތް ވަނީ މާތްﷲ ސިއްކަޖައްސަވައި ބަންދުކޮށްފަޔޭ ބުނެވިދާނެއެވެ. އަދި އޭނާގެ ލޯމަތީ އެކަން ދުށުމަށް ހުރަސްއަޅާ ފަރުދާއެއް އެބަ އޮތޭވެސް ބުނެވިދާނެއެވެ.

މިއާޔަތް ނިންމާލެވިފައިވަނީ ހައްގު ބަސް އިންކާރު ކުރާމީހުންނަށް ވަރުގަދަ އިންޒާރެއްގެ އަޑު އިއްވާލަމުންނެވެ. އާދެ، އެމީހުންނަށް ބޮޑުވެގެންވާ އަޒާބެއްވާކަމުގެ ވާހަކަ ބަޔާން ކުރަމުންނެވެ. އެމީހުންގެ އަމަލުތަކުގެ ނަތީޖާއާއި ކުރިމަތިލާން ޖެހޭނޭކަމާއި، އެމީހުންގެ އުޅުން އިސްލާހު ނުކޮށްފިނަމަ، އާޚިރަތުގައި ހިތި ނަތީޖާއަކާ ކުރިމަތިލާން ޖެހޭނޭކަމުގެ އިންޒާރެވެ.

_____________________________

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
1 Comment
 1. ފާއިޒް

  މިލިޔުން ކިޔާލުމުން ކުރިން ޤުރުއާނުގެ ތަރުޖަމާ ކިޔަމުންދާއިރު ހިތަށް އަންނަ ސުވާލެއްގެ ޖަވާބު ވަރަށް ފުރިހަމަކޮށް ލިބިއްޖެ.خَتَمَ اللَّـهُ عَلَىٰ قُلُوبِهِمْ وَعَلَىٰ سَمْعِهِمْ ۖ وَعَلَىٰ أَبْصَارِهِمْ غِشَاوَةٌ ۖ وَلَهُمْ عَذَابٌ عَظِيمٌ އެމީހުންގެ ހިތްތަކުގައްޔާއި އަދި އެމީހުންގެ އިވުމުގައި (އެބަހީ، ކަންފަތްތަކުގައި)، (މާތް)ﷲ ސިއްކަ ޖެއްސެވިއެވެ. އަދި އެމީހުންގެ ލޯމަތީގައި ފަރުދާއެއް ވެއެވެ. އެމީހުންނަށް ބޮޑުވެގެންވާ އަޒާބު ހުއްޓެވެ.ﷲ އެބައިމީހުންގެ ލޯތައްމަތީގައި ފަރުދާ އަޅުއްވައި ކަންފަތްތަކާ ހިތްތަށް ބަންދުކުރައްވާ ސިއްކަ ޖައްސަވާވާހަކަ އޮވެފަ އެއުރެންނަށް ބޮޑުވެގެންވާ ޢަޛާބުހުރިވާހަކަ އޮތުމުން ހިތުގައި މި އާޔަތާ ބެހޭގޮތުން އުފެދުނު ހުރިހާ ސުވާލެއްގެ ޖަވާބު ލިބިއްޖެއެވެ. މިކަމުން އަޅުގަނޑަށް އެނގުނީ ހަމައެކަނި ޤުރްއާނުގެ ދިވެހިތަރުޖަމާ ކިޔާލުމުން ނިމެން ނެތްކަމާ، އެއަށްވުރެ ފުޅާކޮށް ޢިލްމުވެރިން ލިޔުއްވާ ތަފްޞީރު ލިޔުއްވުންތަކުން އެފަދަ ސުވާލުތަކުގެ ޖަވާބު ފުރިހަމައަށް ލިބިގަތުމަށް މަސައްކަތް ކުރަންވެއްޖެކަމެވެ. ވީމާ ބަޤަރާ ސޫރަތުގެމައްޗަށް ބައްލަވާލައްވައި ލިޔުއްވަމުން ގެންދަވާކަމަށްޓަކައި ލިޔުންތެރިޔާއަށް ޝުކުރުދަންނަވަން.

  (0)(0)
Leave Comment