ވިސްނުމުގެ އުނިކަން:        އާދެ! ސައްޔިދުނާ އިބްރާހީމް ޢަލައިހިއްސަލާމް ނަމުރޫދަށް ވިސްނާދެއްވުމުގެ ގޮތުން އޭނާގެ ސުވާލަކަށް ޖަވާބުދެއްވާ: ”އަޅު ހައްދަވައި ގެންގުޅުއްވަވާ އިލާހުއީ ދިރުއްވަވައި، މަރުގަންނަވާ އިލާހުއެވެ.“ މިހެން ވިދާޅުވުމުން އެކަލޭގެ ވިސްނުމަށްއައީ ދޫކޮށްލުމާއި ޤަތުލުކުރުމުގެ މާނައެވެ. މިހެންކަމުން ދެމީހަކަށް ގޮވައިގެނެސް އެކަކު ޤަތުލުކޮށް އަނެކަކު ދޫކޮށްލާފައި ބުންޏެވެ: ”އަހުރެންވެސް މަރަމެވެ. އަދި ދިރުވަމެވެ.“ މިއީ އޭނާގެ ވިސްނުމުގެ އުނިކަމެވެ.        އަޅުގަނޑު ތައުޙީދުގެ ޢަޤީދާގެތެރެއިން ސުވާލާއި ޖަވާބުގައި ”ﷲ ވޮޑިގެންވުމަށް ވަކިތަނެއް، އަދި ވަކިފަރާތެއްނުވެއެވެ.“ މިހެން…

ވިސްނުމުގެ އުނިކަން:

       އާދެ! ސައްޔިދުނާ އިބްރާހީމް ޢަލައިހިއްސަލާމް ނަމުރޫދަށް ވިސްނާދެއްވުމުގެ ގޮތުން އޭނާގެ ސުވާލަކަށް ޖަވާބުދެއްވާ: ”އަޅު ހައްދަވައި ގެންގުޅުއްވަވާ އިލާހުއީ ދިރުއްވަވައި، މަރުގަންނަވާ އިލާހުއެވެ.“ މިހެން ވިދާޅުވުމުން އެކަލޭގެ ވިސްނުމަށްއައީ ދޫކޮށްލުމާއި ޤަތުލުކުރުމުގެ މާނައެވެ. މިހެންކަމުން ދެމީހަކަށް ގޮވައިގެނެސް އެކަކު ޤަތުލުކޮށް އަނެކަކު ދޫކޮށްލާފައި ބުންޏެވެ: ”އަހުރެންވެސް މަރަމެވެ. އަދި ދިރުވަމެވެ.“ މިއީ އޭނާގެ ވިސްނުމުގެ އުނިކަމެވެ.

       އަޅުގަނޑު ތައުޙީދުގެ ޢަޤީދާގެތެރެއިން ސުވާލާއި ޖަވާބުގައި ”ﷲ ވޮޑިގެންވުމަށް ވަކިތަނެއް، އަދި ވަކިފަރާތެއްނުވެއެވެ.“ މިހެން ލިއުމުން އަޅުގަނޑު ”ﷲ ހުރިހައިތަނެއްގައި ވޮޑިގެންވެއެވެ.“ މިހެން ބުނިކަމަށްހަދައި އޮޅުވާލުމަކީ އޮޅުމެކެވެ.

       ބައްލަވާށެވެ! މިސާލުތައް ދެވެނީ ވިސްނައިގަތުމުގެ ފަސޭހައަށްޓަކައެވެ. މިސާލަކަށް، އަޅުގަނޑުމެންގެ ތެރެއިން އަޚެއްގެ ކައިރީން: ”ރާއްޖޭގެ ތަޚުތުގައި އިންނެވީ ކާކުތޯ؟“ މި ސުވާލުވެވުމުން އެއަޚާ ޖަވާބުގައި: ”ރާއްޖޭގެ ތަޚުތުގައި އިންނެވީ މިވެނި ބެއިފުޅެކެވެ.“ ، މިއިން ސުވާލުކުރިމީހާއާއި ޖަވާބުދިންމީހާއާއި އަދި އަޑުއަހަންތިބި މީހުންކުރެ އެކަކުވެސް ”ތަޚުތުގައި އަރައި އިށީނުން“ މިމާނަ ނުނަގައެވެ. އަދި ޚިޔާލުވެސް ނުކުރެއެވެ. ކޮންމެ މީހަކުވެސް ވަގުތުން ވިސްނައިގަންނަނީ ރާއްޖޭގެ ވެރިކަމުގެ އާރާއިބާރު ހުރިހައިގޮތަކުން ވަނީ މިވެނި ބެއިފުޅަކަށްކަމެވެ. ”ތަޚުތުގައި އިންނެވީ“ މިއީ ރަސްކަމަށް އިސްވެވަޑައިގަތުމުގެ މާނާގައި ބޭނުންކުރާ ގޮތެވެ. މިހެންކަމުން، ”ތަޚުތުގައިއިންނެވި ރަދުންގެ ވިދާޅުބަސްފުޅެވެ“ މިގޮތަށް ބޭނުންކުރެވެއެވެ. ފަހަރެއްގައިވެސް ތަޚުތުގައި އަރާ އިށީނދެވަޑައިގަތުމުގެ މާނަ މިއިންނުނަގައެވެ.

       އާދެ! ޢަޡުމަތާއި ކިބުރިޔާވަންތަވެރިކަމުގެ ޙިޖާބުގައި ނިވައިވެވޮޑިގެންވާ ގަދަ ކީރިތިވަންތަ ޖައްލަ ރައްބީ ފެށުމެއް ނިމުމެއްނެތި އަމިއްލަ ނަފްސުފުޅަށް އެއްކައުވަންތަވެވޮޑިގެންވާކަމީ އަހުލުއްސުންނަތި ވަލްޖަމާޢަތުގެ ޢަޤީދާއެވެ. އެއްވެސްއެއްޗެއް ޚަލްޤު ނުކުރައްވަނީސް އެއިލާހު ވޮޑިގެންވެއެވެ. ވޮޑިގެންވުމީ އެއިލާހުގެ ނަފުސިއްޔަ ސިފަފުޅެކެވެ. ޚާލިޤުވަންތަ ޖައްލަ ރައްބީ ޚަލްޤުތަކުން އުފެއްދެވުމަށް އިރާދަކުރައްވައި، ފުރިހަމަ ޢާލަމުލް މަލަކޫތު ޤާއިމުކުރައްވައި، އެއިގެދަށުން ޢާލަމުލް ޢަލަވީ ޤާއިމުކުރެއްވިއެވެ. ދެން ސިފުލީ ޢާލަމު އުފެއްދެވުމަށް އިރާދަކުރައްވަވައި އުޑާއި ބިން، އިރު ހަނދާއި ތަރިތައް، އަދި ދެމެދުގައި ވާހައި ތަކެއްޗެއް ހައްދަވައި ފުރާފުރިހަމަކުރެއްވުމުން އެއެންމެހައިތަކެތިވީ އެއިލާހުގެ އަމުރުފުޅަށް ބޭނުންވެފައެވެ. މިހެނީ، އެއިލާހުގެ އިޒުނަފުޅާއިނުލައި އެކައްޗަކަށްވެސް ޙަރަކާތްތެރިވެވޭކަށް ނެތެވެ. ވީމާ، الله سبحانه وتعالى އެއިލާހުގެ ޙިކުމަތްވަންތަކަމުން ލައްވަވާފައިވާ ނިޒާމުގެމަތިން އަމުރާއި ނަހީގެ ޙުކުމްފުޅު ޢަރުޝީގެ މަތިން އިއްވަވާކަން އެންގެވިއެވެ. އެހެން ޢިބާރަތަކުން ދަންނަވަނީނަމަ، އެންމެހާ މަޚުލޫޤާތްތައްވަނީ އެއިލާހުގެ މިލްކުގައިކަން އެންގެވިއެވެ. ޠާހާ ސޫރަތުގެ (5 އާއި 6 ވަނަ) އާޔަތަށް ބައްލަވާށެވެ! ﴿ ٱلرَّحۡمَٰنُ عَلَى ٱلۡعَرۡشِ ٱسۡتَوَىٰ ۝ لَهُۥ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِ وَمَا بَيۡنَهُمَا وَمَا تَحۡتَ ٱلثَّرَىٰ ۝ ﴾ (ޔަޢުނީ: ރަޙްމާނުވަންތަ އިލާހު ޢަރުޝީގެ މައްޗަށް އިސްތަވާވެވޮޑިގެންނެވިއެވެ. އުޑުގައި ވާހައިތަކެއްޗާއި، އަދި ބިމުގައި ވާހައިތަކެއްޗާއި، އަދި އެދެމެދުގައި ވާހައިތަކެއްޗާއި، އަދި ތަޙްތައްޘަރާގައި ވާތަކެތި މިލްކުވެގެންވަނީ ހަމައެކަނި އެއިލާހުއަށެވެ.)

މިހެންކަމުން، އެއިލާހުގެ މަތިވެރިކަމާއި މާތްކަމުގެ ޝާނާއި އެކަށޭނެގޮތުން އަބަދުވެސް އެއިލާހުގެ ނިސްބަތްވެވެނީ ޢާލަމުލް ޢަލަވީއާއި ޢާލަމުލް މަލަކޫތަށެވެ. އެއްވެސް އާޔަތެއް އަދި އެއްވެސް ޙަދީސެއް ޚާލިޤުވަންތަ ޖައްލަ ރައްބީ ވަކިތަނެއްގައި ވަކިފަރާތެއްގައި އެއިލާހުގެ ނަފްސުފުޅުން ވޮޑިގެންވާކަން ސާބިތުކުރެއްވުމަށްޓަކައި ބާވައިލެއްވިގެން އަދި ރިވާވެގެން އައިސްފައިނުވެއެވެ. މިއީ ޚައިރުލްޤުރޫނުން ފެށިގެން މިއަދާހަމައަށް އަހްލުއްސުންނަތި ވަލްޖަމާޢަތުގައި ހިނގަމުންއަންނަ ޢަޤީދާއެވެ.

ގޯސް ޢަޤީދާ:

       ގޯސް ޢަޤީދާއަކީ، ޢަރުޝިފުޅު އެއީ الله سبحانه وتعالى ގެ މުސްތަޤައްރުކަމުގެ ޢަޤީދާއެވެ. މިއީ، އިސްލާމްދީން އައުމުގެ މާކުރީގައި ޔަހޫދީންގެ ޢަޤީދާއެވެ. الله سبحانه وتعالى އިންސާނީ ޞޫރާގައިވާކަމަށާއި އެއިލާހަށް ދެއަތާއި، ދެފަޔާއި، ދެލޮލާއި ވާކަމުގެ ޢަޤީދާއެވެ. ހިޖުރައިން ސާދަވަނަ ޤަރުނުން ފެށިގެން އިސްލާމީ އުއްމަތުގައި އަލަށް ތަޢާރަފުވެގެން ހިނގަންފެށި ”ލާމަޒުހަބިއްޔަތު“ ގެ ބިދުޢަ ވަރަށް ހަލުއިކަމާއިއެކު މުޅިޢާލަމަށް ފެތުރި، އެމީހުން އިޚުތިޔާރުކޮށްގެން އުޅެނީ ތަޖްސީމާއި ތަޝްބީހުގެ ބާޠިލު ޢަޤީދާއެވެ.

       الله سبحانه وتعالى ޙައްޤު ހާމަކުރައްވައި، ޙައްޤަށް ތަބަޢަވުމުގެ ތައުފީޤު އަޅަމެންނަށް ދެއްވަވާށި! އަދި ބާޠިލް އަޅަމެންނަށް ހާމަކޮށްދެއްވަވައި، އެއިން އަޅަމެން ދުރުކުރައްވައި ރައްކާތެރިކުރައްވައި، ސަލާމަތް ކުރައްވާށި! އާމީން!

********

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment