ޔޫ.ކޭ.ހައިކޮމިޝަނަރއާއި ވައިސްއެޑްމިރަލް ބިގްސް މާލެއަށް ކުރެއްވި ޒިޔާރަތް (”ޒަމާނު” ގެ ސްޓާފް ރިޕޯޓަރ) ޢިއްޒަތްތެރި މެހުމާނުންނަށް މަރުހަބާ ދެންނެވުމަށްޓަކައި ފުރަމާލެވަނީ ތައްޔާރުގައެވެ. އިންތިޒާރުކުރެވޭ ގަޑި މަޑުމަޑުން އަންނަނީ ކައިރިވަމުންނެވެ. ”ގެމްބިއާ” މާލޭ ބަދަރަށް 1958މ އަހަރުގެ މާރޗުން 5 ވަނަ ދުވަހުގެ ހިތްގައިމު ހެދުންކޮޅެވެ. ކަޑުގެ ލޮނުގަޑު ދެފަރާތަށް ކަފަމުން އައިސް ދުވަހުގެ 8.30 ގައި އިގިރޭސި ރާނީގެ ”ގެމްބިއާ” މާލޭގެ ބަދަރަށް ނަގިލި ވައްޓާލައިފިއެވެ. ދެފަރާތުން ބަދަލުކުރެވުނު ސަލާމުގެ ބަޑިތަކަށްފަހު ދިވެހި ދައުލަތުގެ މީރުބަޙުރާއި މަޙްކަމަތުލް…

ޔޫ.ކޭ.ހައިކޮމިޝަނަރއާއި ވައިސްއެޑްމިރަލް ބިގްސް

މާލެއަށް ކުރެއްވި ޒިޔާރަތް

(”ޒަމާނު” ގެ ސްޓާފް ރިޕޯޓަރ)

ޢިއްޒަތްތެރި މެހުމާނުންނަށް މަރުހަބާ ދެންނެވުމަށްޓަކައި ފުރަމާލެވަނީ ތައްޔާރުގައެވެ. އިންތިޒާރުކުރެވޭ ގަޑި މަޑުމަޑުން އަންނަނީ ކައިރިވަމުންނެވެ.


”ގެމްބިއާ” މާލޭ ބަދަރަށް

1958މ އަހަރުގެ މާރޗުން 5 ވަނަ ދުވަހުގެ ހިތްގައިމު ހެދުންކޮޅެވެ. ކަޑުގެ ލޮނުގަޑު ދެފަރާތަށް ކަފަމުން އައިސް ދުވަހުގެ 8.30 ގައި އިގިރޭސި ރާނީގެ ”ގެމްބިއާ” މާލޭގެ ބަދަރަށް ނަގިލި ވައްޓާލައިފިއެވެ. ދެފަރާތުން ބަދަލުކުރެވުނު ސަލާމުގެ ބަޑިތަކަށްފަހު ދިވެހި ދައުލަތުގެ މީރުބަޙުރާއި މަޙްކަމަތުލް ޚާރިޖިއްޔާގެ ވަކީލު މަނަވަރަށް ވަޑައިގެންފިއެވެ. މާގިނައިރުތަކެއްނުވެ މީރުބަހުރު ދޯނި އެބުރި އަތުވެއްޖެއެވެ…


ފައިބާވަޑައިގަތުން

ޢިއްޒަތްތެރި މެހުމާނުންކަމުގައިވާ، ޔޫ.ކޭ.ހައިކޮމިޝަނަރއާއި، އިސްޓް އިންޑީޒްގެ ސީ.އިން.ސީ ފާލަންމައްޗަށް ފައިބާވަޑައިގަތީ 9.35 ގައެވެ. އޭގެއިތުރަށް މީގެކުރިންވެސް ދެފަހަރަކު މާލެއަށް ޒިޔާރަތްކުރެއްވި މިސްޓަރ އީސްޓްވެސް ވަޑައިގަތެވެ. އެބޭފުޅުންނާއި ބައްދަލުކުރެއްވުމަށް ފާލަންމަތީގައި ތިއްބެވީ ވަޒީރުލްއަޢުޒަމާއި، ވަޒީރުލްއަޢުޒަމްގެ ނާއިބާއި، ވަޒީރުލްމަޢާރިފާއި، ފަޑިޔާރުމަނިކުފާނާއި މުނިސިޕަލްޓީގެ ރައީސްއާއި އަދި ދިވެހިދައުލަތުގެ ރެޕްރެޒެންޓެޓިވްއެވެ. ފާލަންމަތީގައި ތިއްބެވި ބޭފުޅުން ތަޢާރަފުކޮށްދެއްވީ ރެޕްރެޒެންޓެޓިވްއެވެ.

ޔޫ.ކޭ.ހައިކޮމިޝަނަރ، ފާލަމުގެ އިރުމަތީކޮޅަށް ވަޑައިގަތުމުން ސިފައިންގެ ބޭނުގައި ދިވެހީންގެ ޤައުމީ ސަލާމް ކުޅެވުނެވެ.

އެއަށްފަހު، ހައިކޮމިޝަނަރ، މިސްޓަރ، އޭ.އެފް.މޯރލީ، ގާރޑް އޮފް އޮނަރ އިނިސްޕެކްޓް ކުރެއްވިއެވެ.


މެހުމާނުން ރަދުންގެ އަރިހުގައި

ޢިއްޒަތްތެރި މެހުމާނުން ރެޕްރެޒެންޓެޓިވްގެ އަރިއަހުގައި ދެންވަޑައިގަތީ ގަޑުވަރަށެވެ.

ދަތުރަށް އަރާވަޑައިގަންނަވާ ދޮރޯށީގެ އުތުރުފަރާތުގައި ދުވަހުގެ މުނާސަބަތުގައި ތައްޔާރުކޮށްފައިވާ ގިޑިގެއެއް ހުއްޓެވެ. އިބްރާހީމީ މައިދާނުގެތެރެއިން އެބޭފުޅުން ވަޑައިގަތްއިރު ދެފަރާތުން ލިބެމުންދިޔައީ ވަރަށްވެސް ހޫނު ތަރުޙީބެކެވެ. އިގިރޭސި ދިދައާއި ދިވެހި ދިދަތައް ހޫރުވާން އެއްވެތިބީ މާލޭގެ މަދަރުސާތަކުގެ އެތައް ޠާލިބުންތަކެކެވެ.

ހިއްތަން ދޮރޯށިން އެބޭފުޅުންނާއި ބައްދަލުކުރެއްވީ، މަޙްކަމަތުލްކާރިޖިއްޔާގެ ވަކީލު އަލްފާޟިލް ޢަބްދުއްސައްތާރު މޫސާ ދީދީއެވެ. އޭނާއާއެކުގައި މެހުމާނުން ދެން ވަޑައިގަތީ މަތިގެއަށެވެ. އެވަގުތު މަތިގޭގައި ކީރިތި މަހާރަދުންނާއި، ޞ.ސ. ފަޟީލަތުއްޝައިޚު އިބްރާހީމް ރުޝްދީއާއި، ޞ.ސ. އަލްއުސްތާޛު އަޙްމަދު ކާމިލު ދީދީއާއި، ޞ.ސ. އަންނަބީލު އިބްރާހީމް ފަރީދު ދީދީއާއި، ޞ.ސ. އަންނަބީލު އިބްރާހީމް ޙަސަން ދީދީއާއި، ޞ.ސ. އަލްފާޟިލު ފާރޫޤު އިސްމާޢީލާއި، ޞ.ސ. އަލްފާޟިލް ޢަދުނާން ޙުސައިން ތިއްބެވިއެވެ. އަދި މީގެއިތުރަށް، ސިފައިންގެ އޮފިސަރަކާއި، މާބަޑޭރިމަނިކުފާނުވެސް ތިއްބެވިއެވެ.


ވަޒީރުލްއަޢުޒަމާ ބައްދަލުކުރެއްވުން

10.15 ގައި ހައިކޮމިޝަނަރގެ ޕާރޓީ މުލީއާގެއަށް ވަޑައިގަތެވެ. ދިވެހި ދައުލަތުގެ ވަޒީރުލްއަޢުޒަމާއި ރަސްމީ ގޮތުން ބައްދަލުވެވަޑައިގަތުމަށްޓަކައެވެ. ވަޒީރުލްއަޢުޒަމްގެ ނާއިބާއި، ވަޒީރުލްއަޢުޒަމްގެ ޚާއްޞަ ސެކްރެޓަރީއާއި، ރެޕްރެޒެންޓެޓިވްއާއި، އަދި މަޙްކަމަތުލްޚާރިޖިއްޔާގެ ވަކީލުވެސް މުލީއާގޭގައި ތިއްބެވިއެވެ.

ސީ.އިން.ސީ.އާއި، ހައިކޮމިޝަނަރ އެބުރި މަނަވަރަށް ވަޑައިގަތީ 10.45 ގައެވެ.


ރަދުން މަނަވަރަށް

ދިވެހިރާއްޖޭގެ ކީރިތި މަހާރަދުން އައްސުލްޠާނު މުޙައްމަދު ފަރީދުލްއައްވަލު އެޗް.އެމް.އެސް.”ގެމްބިއާ” އަށް ވަޑައިގަތީ، ރަދުންގެ ބައްތެލިކޮޅުގައި 11 ޖެހިއިރުއެވެ. މަނަވަރުގައި ގާތްގަޑަކަށް 45 މިނިޓްއެއްހާއިރު ހޭދަކުރެއްވިއެވެ. މަނަވަރުން ފައިބާވަޑައިގަތުމާއެކު 17 ބާދީގެ ސަލާމެއް ރަދުންގެ ޢިއްޒަތަށްޓަކައި، މަނަވަރުން ދިނެވެ. ރަދުން ހުންނެވީ ވަރަށްރީތި ކަޅުހެދުންކޮޅެއްގައެވެ.

– – – – – – – – – – – – – – –


މެހުމާނުންގެ ޓީމްއަކާއެކު މާލޭގެ އެކުވެރި ފުޓްބޯޅަ މެޗެއް

ހަވީރުވެގެން އައިއިރު، ރަސްމީ ބޯޅަބިން ތައްޔާރުވެފައިވަނީ މާލޭގެ ފުޓްބޯޅަ ކްލަބްގެ ޓީމްއަކާއި، މަނަވަރުގެ ޓީމްއަކާއި ދެމެދުގައި ކުޅެވޭ ފުޓްބޯޅަ މެޗްއަކަށްޓަކައެވެ. މެޗްފެށެންވީއިރުވެސް އެހެންދުވަސްދުވަހާ އާދަޔާ ޚިލާފަށް، ކުޅިބަލަން ގޮސްތިބި މީހުންގެ ޢަދަދު ގިނައެވެ.

ފެށުނުތާ މާގިނައިރުތަކެއް ނުވަނިސް މާލޭޓީމް ލަޑެއްދީފިއެވެ. މެޗްގެމައްޗަށް ވިސްނާލާއިރު ވަރަށްފޯރީ ގަދައެވެ. މީގެހެއްކަކަށް މަނަވަރުތީމުގެ ވާތްފަރާތު ބެކް ދަޑުންބޭރުގައި ހޭދަކޮށްލަންޖެހުނު ކުޑަކުޑަ ވަގުތުކޮޅު ފުދެއެވެ. ފުރަތަމަހާފް ނިމުނުއިރު މާލޭޓީމް 3 ލަޑުދީފިއެވެ. ދެވަނަ ހާފު ފެށުމާއެކުހެން މަނަވަރުގެ ޓީމުވެސް ވަރަށްޗާލު ލަޑެއް ދީފިއެވެ. މެޗްގެ ނަތީޖާއަކީ 3 ލަޑު 1 ލަޑުން މާލޭ ޓީމް މޮޅުވުމެވެ. ދުވަހުގެ ރެފްރީއަކީ، މަނަވަރު މީހެކެވެ. މިމެޗްބެއްލެވުމަށްޓަކައި ހައިކޮމިޝަނަރުގެ ދެކަބަލުންނާ ސީ.އިން.ސީ.އާ އަދި، ދިވެހި ދައުލަތުގެ ވަރަށްގިނަ ޢިއްޒަތްތެރީންވެސް ވަޑައިގަތެވެ.


ރޯޔަލްމޭރީންސްބޭންޑް

ބޯޅަ، ނިމުމާއެކުހެން ފެނިގެންދިޔައީ، ރޯޔަލްމޭރީންސް ބޭންޖެހުމުގެ ދެކޭހިތްވާ މަންޒަރެވެ. މަނަވަރު ސިފައިންގެ ކުޅަދާނަ ޙަރަކާތްތަކެވެ. ދެތިން ބޭން ކުޅުމަށްފަހު ނިންމާލީ އިގިރޭސި ޤައުމީ ސަލާމާއި ވިދިގެން އިވިގެންދިޔަ ދިވެހި ޤައުމީ ސަލާމުގެ ހިތްފަސޭހަ ރާގުންނެވެ. ބޭންޑްގެ ވަގުތުކޮޅުގައި ބޯޅަގޭ ދިދަދަޑީގައި ވިހުރުވިވިހުރުވި ހުރީ، އިގިރޭސި މަނަވަރުގެ ދިދައެވެ. ރޯޔަލް މޭރީންސް ބޭންޑްގެ ހިތްފަސޭހަ ރާގުތަކުގެ ނިމުމާއިއެކުހެން ދުވަހުގެ އިރުވެސް އޮއްސިއްޖެއެވެ.


މަނަވަރުގައި ޑިނަރއެއް

ފަނަރަވިލޭރޭގެ ހަދުވަރުގެ ރިހިދޯދިތައް އެޅިފައިވާ ކަޑުގެލޮނުގަޑު ދެފަރާތަށް ކަފަމުން، މަނަވަރާދިމާއަށް އެދާ ބައްތެއްޔަކީ މާލޭގެ ޢިއްޒަތްތެރި ބޭފުޅުންކޮޅެއް ގޮވައިގެން 7.15 ގައި ބޮޑުފާލަމުން ފުރި ބައްތެއްޔެކެވެ. މަނަވަރުގައި އޮތް ޑިނަރއެއްގައި ބައިވެރިވެވަޑައިގަތުމަށްޓަކައެވެ. ޑިނަރގައި ބައިވެރިވެވަޑައިގެންނެވީ.

(1) ޞ.ސ. ފަޟީލަތުއްޝައިޚު އިބްރާހީމް ރުޝްދިލްއަޒްހަރީ (2) ޞ.ސ. އަންނަބީލު އިބްރާހީމް ޙަސަން ދީދީ (3) ޞ.ސ. އަލްފާޟިލް ޢަދުނާން ޙުސައިން (4) އަންނަބީލް ޙަސަން ޒަރީރު (5) އަންނަބީލު ޙަސަން ޢަލީ ދީދީ (6) އަލްފާޟިލު އިބްރާހީމް ރަޝީދެވެ.


ދެން މިއަދު

6 މާރޗް 1958

  • މެންދުރުގެ ހޫނުކަން މާލޭގެތެރެއަށް ވެރިވުމުގެ ކުރިން އާދެ، ހެދުންކޮޅު އޮންނާނީ، ޕްރޮގްރާމްގެ އެންމެ މުހިންމު އައިޓަމްއެވެ. ދިވެހި ދައުލަތާއި، ޔޫ.ކޭ.ހައިކޮމިޝަނަރ މަޝްވަރާ ކުރެއްވުމެވެ. ދެން މަނަވަރުގެ މީހުން މާލޭގެ ތަންތަން ބަލާލުމެވެ.
  • މެންދުރުފަހުގެ ކޮންމެވެސް ވަގުތެއްގައި މާލޭގެ މީހުންނަށް މަނަވަރު ދެއްކުން އޮންނާނެއެވެ.
  • 00 ވާއިރު މެހުމާނުން މާލޭގެ އަންހެން ބޭފުޅުންކޮޅަކާއި ބައްދަލުކުރައްވާނެއެވެ.
  • 4 ޖަހާއިރު، ދާރުލްޢުލޫމުގައި، މެހުމާނުންގެ ޝަރަފުގައި ބޭއްވޭ ސައިފޮދެއް އޮންނާނެއެވެ. މިކަމަށްޓަކައި ދާރުލްޢުލޫމު ތައްޔާރުވެފައިވަނީ ވަރަށްވެސް ޗާލުކޮށެވެ.

މަނަވަރު ފުރާނީ، މިއަދު އިރުއޮއްސޭއިރުއެވެ.

____________________

ނޯޓު: 6 މާރޗް 1958 (ބުރާސްފަތި) ދުވަހުގެ ”ޒަމާން” ނޫހުން ނަކަލުކޮށްފައި.

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment