ހެންވޭރު ނަވާގަން ޢަލީ މޫސާދީދީ ގިނަ މީހުންނަށް އެނގެނީ ދިވެހި އަދަބިއްޔާތައް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ލިޔުންތެރިއެއްގެ ގޮތުގައެވެ. އޭނާ އަކީ ނޫސްވެރިއެކެވެ. ޅެންވެރިއެކެވެ. ވަޑާންކުރުމުގެ ފަންނުވެރިއެކެވެ. ހިންގުންތެރި މަސައްކަތްތެރިއެކެވެ. އޭނާ އަކީ ދިވެހިރާއްޖޭގެ ލިޔުންތެރިންގެ ޖަމްޢިއްޔާ “ލިޔުންތެރިންގެ ގުޅުމު”ގެ އެއް މުއައްސިސް ވެސް މެއެވެ. ނަމަވެސް އަޅުގަނޑު ލިޔެލެވޭތޯ މިއުޅެނީ ޢަލީ މޫސާދީދީގެ އަދަބީ ޚިދުމަތްތަކުގެ ވާހަކައެއް ނޫނެވެ. އަދި މަސައްކަތްތެރިކަމުގެ ވާހަކައެއްވެސް ނުމެ ނޫންމެއެވެ. އޭނާގެ ރަޙްމަތްތެރިން އޭނާ ސިފަ ކުރައްވަނީ ވަފާތެރި އެކުވެރިއެއްގެ…

ހެންވޭރު ނަވާގަން ޢަލީ މޫސާދީދީ ގިނަ މީހުންނަށް އެނގެނީ ދިވެހި އަދަބިއްޔާތައް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ލިޔުންތެރިއެއްގެ ގޮތުގައެވެ. އޭނާ އަކީ ނޫސްވެރިއެކެވެ. ޅެންވެރިއެކެވެ. ވަޑާންކުރުމުގެ ފަންނުވެރިއެކެވެ. ހިންގުންތެރި މަސައްކަތްތެރިއެކެވެ. އޭނާ އަކީ ދިވެހިރާއްޖޭގެ ލިޔުންތެރިންގެ ޖަމްޢިއްޔާ “ލިޔުންތެރިންގެ ގުޅުމު”ގެ އެއް މުއައްސިސް ވެސް މެއެވެ. ނަމަވެސް އަޅުގަނޑު ލިޔެލެވޭތޯ މިއުޅެނީ ޢަލީ މޫސާދީދީގެ އަދަބީ ޚިދުމަތްތަކުގެ ވާހަކައެއް ނޫނެވެ. އަދި މަސައްކަތްތެރިކަމުގެ ވާހަކައެއްވެސް ނުމެ ނޫންމެއެވެ.

އޭނާގެ ރަޙްމަތްތެރިން އޭނާ ސިފަ ކުރައްވަނީ ވަފާތެރި އެކުވެރިއެއްގެ ގޮތުގައެވެ. ދީލަތި ކަމުގެ ނަމޫނާއެެއްގެ ގޮތުގައެވެ. ޢަލީ މޫސާދީދީއަކީ ރަޙްމަތްތެރިންނަށް ވަފާތެރި އެކުވެރިއެއްކަން، އަޅުގަނޑުގެ ބައްޕަ އަޅުގަނޑަށް ކުރެއްވި ވަޞިއްޔަތަކުން އެންމެ ފުރަތަމަ ދުވަހުވެސް އެނގުނެވެ. “ދަރިފުޅާއެވެ. ބައްޕަ ހާލުގައި ޖެހުނު ދުވަހު ބައްޕައަށް އަޅާލެއްވީ ޢަލީ މޫސާދީދީ އެވެ. އެހެންވީމާ ދަރިފުޅުމެން އެކަން ދަންނަން ޖެހޭނެއެވެ. ޢަލީ މޫސާދީދީގެ ދެކަނބަލުންނާއި އެގޭ ކުދިންނަށް ވަރަށް ހެޔޮކޮަށް ހިތާށެވެ.” ބައްޕަ ބުނުއްވިއެވެ.

ބައްޕަގެ މި ވަޞިއްޔަތް އަޅުގަނޑު އަބަދުވެސް ހަނދާނުގައި ހުރެއެވެ. މި ވަޞިއްޔަތް ބައްޕަ އަޅުގަނޑަށް ކުރެއްވީ މާލޭގައި މަދަރުސީ ތަޢުލީމު ފެށުމަށް ނަވާގަންގައި އަޅުގަނޑު ބެހެއްޓެވުމަށް ފަހުގައެވެ. އޭރު ބައްޕަވެސް ހުންނެވީ އެގޭގައެވެ. ބައްޕަ އެގެއިން ބަދަލުވެލެއްވީ ކައިވެންޏެއް ކުރައްވައިގެންނެވެ. އެހެން ކަމުން ހެންވޭރު ނަވާގަން އަކީ އަޅުގަނޑުގެ ހަޔާތާ ވަރަށް ގުޅުންހުރި ގެއެކެވެ. އަޅުގަނޑުގެ މާލޭގެ ތަޢުލީމީ ޙަޔާތުން ފެށިގެން ގޮސް އަމިއްލަ ދިރިއުޅުމުގެ ހަޔާތެއް ފެށުމާ ހަމައަށް އުޅުނީ އެގޭގައެވެ. އެހެން ކަމުން ޢަލީ މޫސާދީދީ އަކީ އަޅުގަނޑުގެ ބައްޕައެއް ގެ ގޮތުގައި އެތައް ދުވަހަކު ފެނިފައިވާ ބޭފުޅެކެވެ. ޢަލީ މޫސާދީދީއަށް “ޢަލީ މޫސާދީދީ” އެނަމުން މުޚާތަބު ކުރަން އަޅުގަނޑަށް ވަރަށް އުދަނގުލެވެ. ސަބަބަކީ އަޅުގަނޑު ޢަލީ މޫސާދީދީ އަށް މުޚާތަބު ކުރާ ނަމަކީ އެއީ ކަމަށް ނުވާތީއެވެ. އަޅުގަނޑު މުޚާތަބު ކުރަނީ “އައިންތު ބައްޕަ”ގެ ނަމުން ކަމަށްވާތީއެވެ. އެގޭ އެހެން ކުދިން މައްސަލަ ޖައްސާތީ އެކުދިން ގާތު އެކުދިންގެ ނަން ކިޔާފައި ބައްޕަ ކިޔަމެވެ.

ޢަލީ މޫސާ ދީދީއަކީ ދަރިން ތަރުބިއްޔަތު ކުރެއްވުމުގައި މިހައި ތަނަށް އަޅުގަނޑަށް ފެނިފައި ނުވާފަދަ ހަރުދަނާ ލޮބުވެތި ބައްޕައެެކެވެ. ޢަލީ މޫސާދީދީ އަށް ތިން ބަނޑަށް ނުވަ ފިރިހެން ބޭފުޅުންނާއި ހަތަރު އަންހެން ބޭފުޅުން ލިބިވަޑައިގެންފައި ވެއެވެ. އެ ހުރިހާ ބޭފުޅުންނަކީވެސް ހަރުދަނާ މުޖުތަމައަށް ނަމޫނާ ދަރިންތަކެކެވެ.  

މުޅި ދިވެހި ޤައުމު އެ ދަރިއަކަށްޓަކައި ފަޚުރުވެރިވާ ކުރީގެ ޑިފެންސް މިނިސްޓަރ މޫސާ ޢަލީ ޖަލީލަކީ ޢަލީ މޫސާ ދީދީގެ އެންމެ ދޮށީ ދަރިކަލުންނެވެ. މޫސާ ޢަލީ ޖަލީލަކީ 1988 ގެ ނޮވެމްބަރު ތިނެއްގެ ޢުދުވާނީ ހަމަލާއިން ދިވެހި ޤައުމުގެ ދިފާޢުކުރެއްވުމަށް ބިރެއްނެތި ދުޝްމަނުންގެ ކުރިމައްޗަށް ނުކުންނެވި ޤައުމީ ބަޠަލެކެވެ. ދިވެހި ދަރިން އަބަދުމެ ނަމޫނާ ލިބިގަންނަން ޖެހޭނެ ރިވެތި ނަމޫނާއެއް ދެއްކެވި ބަޠަލެކެެވެ. މިފަދަ ބަޠަލުން އަޅުގަނޑުމެންނަށް ފެނިގެން ދަނީ ދަރިންނަށް ދެވިފައިވާ ހަރުދަނާ ތަރުބިއްޔަތަކުން ކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ.

ޢަލީ މޫސާދީދީ އަކީ ދަރިން ތަރުބިއްޔަތު ކުރުމުގައި ނަމޫނާ ބައްޕައެއް ކަމަށް އަޅުގަނޑަށް މި ދަންނަވަނީ އަޅުގަނޑަށް އެ މަންޒަރު ފެނި ތަޖުރިބާ ކުރެވިފައި ވާތީއެވެ. ޢަލީ މޫސާދީގެ ދަރިންނާ އެގޭގައި އުޅޭ ހުރިހާ ކުދިންވެސް އުޅެން ޖެހޭނީ ކަނޑައެޅިފައިވާ ވަކި އުޞޫލަކަށެވެ. ކަނޑައެޅިފައިވާ އުޞޫލާ ޚިލާފު ވާނަމަ އަދަބު ލިބޭނެކަން ހުރިހާ ކުދިންނަށްވެސް އެނގޭނެއެވެ. ގިނަ ފަހަރަށް އަދަބު ލިބޭ ކަހަލަ، ކަނޑައެޅިފައިވާ އުޞޫލުތަކާ ޚިލާފަށް އުޅެވެނީ ފިރިހެން ކުދިންނަށެވެ. އެފަދަ ކަމެއް ކުރެވޭ ފަހަރަކީ އަދަބު ލިބޭނެ ފަހަރެއްކަން އެކުދިންނަށްވެސް އެނގޭނެއެވެ. ބައެއް ފަހަރަށް ބިންމަތީ ކަކޫ ޖައްސާފައި ވަކި އިރެއް ވާންދެން ބަހައްޓަވައިފާނެއެވެ. އަނެއްބައި ފަހަރު ގޮނޑިއެއްގައި ވަކި އިރެއް ވަންދެން ނުތެދުވެ އިންނަން ޖެހިދާނެވެ. މިފަދަ އަދަބުތައް ދިނުމުން އެކުދިންވެސް އެއަދަބަށް ތަބާވެގެން ތިބޭނެއެވެ. އެ އަދަބަށް ތަބާ ނުވެއްޖެނަމަ އަނެއްކާ އަދަބު ލިބޭނެއެވެ.

ޢަލީ މޫސާދީދީ އަކީ ވަރަށް ހިންގުންތެރި މަސައްކަތްތެރިއެކެވެ. ވަޑާމުގެ މަސައްކަތްތަކާ އެެހެނިހެން މަސައްކަތްޕުޅުތައް ކުރެއްވުމުގައި އަތްގާތް ކޮށްދިނުމަށް ކުދިން ބައިތިއްބަވާނެއެވެ. އަދި ޢަމަލީ ގޮތުންވެސް ކުދިން މަސައްކަތް ތަކުގައި ބައިވެރިކުރައްވައެވެ. ނަތީޖާއަކަށް ވަނީ އެކުދިންނަށް އެމަސައްކަތްތައް ބައްޕަ ކުރެއްވި ގޮތަށް ފަރުވާތެރިކަމާއެކު ކުރަން ދަސްވުމެވެ. ޢަލީ މޫސާދީދީގެ ގިނަ ކުދިންނަކީ ވަރަށް މަސައްކަތްތެރި ކުދިންނެވެ.

 މަސައްކަތްތެރިކަމަށް ބޭނުންކުރާ އެންމެ ފަހުގެ އާލާތްތައް އެގޭގައި ހުންނާނެއެވެ. މަސައްކަތްތައް ނިންމުމަށްފަހު އެތަކެތިވެސް ހުންނަން ޖެހޭނީ ކަނޑައެޅިފައިވާ ބޯޑުތަކާއި ތަންތަނުގައެވެ. ނެތިއްޖެނަމަ ސުވާލު އަންނާނެކަށް ހުރިހާއެންމެންނަށްވެސް އެނގޭނެއެވެ.

ބައެއް ފަހަރަށް ލިބޭ އަދަބު ތަކުގެ ތެރޭގައި ކުއްޖާއަށް އެކަންކަމުގެ ތެރެއިން މަސައްކަތްތެރިކަން ދަސްވާކަހަލަ އަދަބުތައްވެސް ދެއްވައެވެ. ނަވާގަން އަކީ މަސައްކަތްތެރި ގެއަކަށް ވުމުން އޭރު އޮފީސްތަކުގައި ބޭނުންކުރާ އެއްތެޔޮ ފުރި ގޮނޑި ހަދަން ވަރަށް ގިނައިން އެގެޔަށް ގެންގޮސްފައި ހުރެއެވެ. އަދަބެއްގެ ގޮތުން ގޮނޑީގައި އެއްތެޔޮ ފުރަންވެސް ކުދިނަަށް ޖެހެއެވެ. ނަތީޖާއަކީ ކުދިންނަށް އެމަސައްކަތް އެންމެ ރަނގަޅަށް ކުރަން ދަސްވުމެވެ.

ކުދިން ގޭތެރޭގައި މަޖާކޮށް ސަކަރާތް ޖަހާ އުޅެނިކޮށް ބައްޕަ ގެއަށް ވަޑައިގެންފިނަމަ ކުއްލިއަކަށް ގޭތެރޭގެ އަޑުމަޑުވާނެއެވެ. އަޅުގަނޑުވެސް އޭރު ޢަލީ މޫސާދީދީ ނުވަތަ އައިންތު ބައްޕަ ދެކެ ވަރަށް ބިރުގަނެވެ. ދުވަހަކުވެސް އަޅުގަނޑު އިސްވެ އައިންތު ބައްޕައަށް އެއްޗެއް ނުދަންނަވަމެވެ. އެއްވެސް ކަމަކާ އަޅުގަނޑުދެކެ ދުވަހަކުވެސް ކޯފާވެ އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. ކޮންމެ އެއްޗެއްވެސް ވިދާޅުވަނީ ވަރަށް އޯގާތެރިކަމާއެކުގައެވެ.

އަޅުގަނޑު ކިޔަވަން އެގޭގައި ހުރިއިރު އަޅުގަނޑުގެ ދައްތައެއް މާލެއައިސް އެގޭގައި ހުރެލަން ބޭނުންވާތީ އަނބިކަނބަލުން މެދުވެރިކޮށް ޢަލީ މޫސާ ދީދީއަށް އެވާހަކަ ދެންނެވުމުން ވިދާޅުވި ބަސްފުޅުވެސް ވަރަށް ހަނދާނުގައި ހުރެއެވެ. ޢަލީ މޫސާދީދީ ވިދާޅުވިއެވެ. “މޫނިސާ އަށް އަބަދުވެސް މިގޭގައި ހުރެވޭނެއެވެ. އަދި މޫނިސާ ބަހައްޓަން ބޭނުންވާ މީހަކަށްވެސް ހުރެވޭނެ އެވެ.”

އަޅުގަނޑު ނޫސްވެރިކަމަށް ޝައުޤުވެރިވީވެސް ހަޤީގަތުގައި ނަވާގަންގައި އަޅުގަނޑު ކިޔަވަން ހުރި ދުވަސްވަރުގައެވެ. އޭރު ރާއްޖޭގައި ނުކުންނަ ހަވީރު ނޫހާއި އާފަތިސް ނޫސް ބަރާބަރަށް ކޮންމެ ދުވަހަކު އެގެއަށް ގެންނާނެއެވެ. އެެހެންކަމުން ނޫސްކިޔުމުގެ ޝައުޤުވެރިކަން އިތުރުވެ ނޫސްވެރިކަމަށް ވެސް ޝައުޤުވެރިވިއެެވެ. ނަތީޖާއަކަށްވީ ސްކޫލުގައި ހިންގި ނޫސްވެރިކަމުގެ ކޯހެއްގައި ބައިވެރިވެ އެކަމުގެ ހުނަރުވެސް ހޯދަން މަސައްކަތް ކުރެވުމެވެ.

ޢަލީ މޫސާދީދީ އަކީ ހޮބީއެއްގެ ގޮތުން މަސްވެރިކަން ނުވަތަ ކެޔޮޅުކަމު ވަޑައިގަންނަވާ ބޭފުޅެކެވެ. އެހެންކަމުން އެގޭގައި އަޅުގަނޑުމެން އުޅުނު ދުވަސްވަރު އަބަދުވެސް ތާޒާ ފަރުމަސް ކާން ލިބެއެވެ. ފަރުމަހަކީ އަޅުގަނޑަށްވެސް ވަރަށް މީރު އެއްޗަކަށް ވިއެވެ. ހޮބީއެއްގެ ގޮތުގައި ގަސް އިންދަވަން ފެށްޓެވީ ތަންކޮޅެއް ފަހުންނެވެ. ގަސް އިންދަވަން ފެށްޓެވިފަހުން އަޅުގަނޑަށް އެގެއަށް ދެވޭ ދުވަސްދުވަހު ގޭގައި އުޅުއްވާނަމަ އެގަސްތަކާ ބެހޭގޮތުން ވާހަކަ ދައްކަވާނެއެވެ. ކުރިން އައިންތު ބައްޕަދެކެ ގަތްބިރު ފަހުން ވަނީ ފިލައި ގޮސްފައެވެ. ދަންނަވަން ބޭނުންވާ ވާހަކައެއް އަމިއްލައަށް ވެސް ފަހުން ދަންނަވަމެވެ.

ދަރިންނާއި ޅީދަރިންނާއި ދަނބިދަރިންނާއި އަދި ޚާއްޞަ ގޮތެއްގައި ކާފަދަރިންނަށް ލޯބި ދެއްވުމުގައި ޢަލީ މޫސާދިދީ ވަރެއް ނުހުންނާނެއެވެ. ގާތުގައި ނޫޅޭ ކާފަދަރިން ބަންދު ދުވަސްދުވަހު ނަވާގަންއަށް ގެންނަވާ ކުދިންގެ ގުޅުންބަދަހި ކުރެއްވުމަށް ވަރަށް މަސައްކަތް ކުރައްވައެވެ. އެެހެންކަމުން ފަހުން އެކި ތަންތަނުގައި ކުދިން އުޅެން ޖެހުނަސް އެކުދިންގެ މެދުގައި އޮތީ ވަރަށް ގާތް ގުޅުމެއް އުފެދިފައެވެ. ޢަލީ މޫސާދީދީގެ ދެކަނބަލުންގެ އޯގާތެރިކަމުގެ ވާހަކަ ޅީދަރިންވެސް ދައްކައެވެ. މިހާރުވެސް ކޮންމެ ހޮނިހިރު ދުވަހަކީ ނަވާގަންގެ “ފެމެލީ ގެދަރިންގ” އޮންނަ ދުވަހެވެ. އެދުވަހު ހުރިހާ ކުދިން އެގެއަށް ޖަމާވާނެއެވެ. އެދުވަހު އެގެއަށް ދިއުމަށް އަޅުގަނޑަށްވެސް އޮަންނަނީ ދައުވަތު ދެއްވާފައެވެ.

ހަޤީގަތުގައި އަޅުގަނޑަށް ދިރިއުޅުމުގެ ގިނަކަންކަން ދަސްވެފައިވަނީ ނަވާގަންގައި އަޅުގަނޑު ކިޔަވަން ހުރި ދުވަސްވަރުއެވެ. އެއީ ދުވަހަކުވެސް އަޅުގަނޑުގެ ހަނދާނުން ފިލައިގެން ދާނެ ދުވަސްތަކެއް ނޫނެވެ.

އަޅުގަނޑުމެންވެސް މިހާރު ކުރަން ޖެހިފައިވާ އެންމެ މުހިންމު ކަމަކީ ދަރިން ތަރުބިއްޔަތު ކުރުމެވެ. ދަރިންތަރުބިއްޔަތު ކުރުމުގައި ވަކި އުޞޫލުތަކެއް ހިފަހައްޓަން ޖެހޭނެ ކަން މިހާރު އަޅުގަނޑުމެނަށްވެސް ވިސްނެއެވެ. އުޞޫލުތަކާ ޚިލާފު ވުމުން ކުދިންނަށް އަދަބުވެސް ދޭންޖެހޭނެކަން ޤަބޫލުކުރެވެއެވެ. ވަކި އުޞޫލުތަކެއް ހިފަހައްޓައިގެން ނޫނީ ހެޔޮގޮތުގައި ތަރުބިއްޔަތު ނުކުރެވޭނެކަން ޢަލީ މޫސާދިދީ ވަނީ ދައްކުވައިދީފއެވެ. ދަރިންދެކެ ހަގީގީ ލޯބި ވުމަކީ ކޮންމެ ކަމެއް ވަރިހަމަކޮށް ދޫކޮށްލުން ނޫންކަންވެސް ޢަލީ މޫސާދީދީގެ ފަރާތުން އަޅުގަނޑުމެންނަށް ވަނީ ދަސްވެފައެވެ.

ޢަލީ މޫސާދީދީ އަޅުގަނޑުމެންނާ ވަކިވެ ދިޔަ ކަމުގައި ވިއަސް އޭނާގެ ޒިކުރާ ތާއަބަދުމެ ދެމިހުންނާނެ ހަރުދަނާ ނަމޫނާ ދަރިންތަކެއް މިދުނިޔެއަށް ވަނީ ދޫކުރައްވައިފައެވެ. އެދަރިން އެކަން ކުރާނެެއެވެ. އަޅުގަނޑުމެން އެކަން ކުރާނަމެވެ.

ޢަލީ މޫސާދީދީގެ ފުރާނަ ފުޅަށް ހެޔޮ ރަޙްމަތް ލައްވާ ސުވަރުގޭގެ ދާއިމީ ނިޢުމަތް ލައްވާށިއެވެ. އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން.

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
    Leave Comment