000މިދިޔަ ސެޕްޓެންބަރު މަހު މެދެއްހައި ހިސާބުގައި އަޅުގަނޑު އަލިދީދީ އާއި ބައްދަލުކޮށްލުމަށްޓަކައި އޭނާ އެންމެ ފަހުން ހުންނެވުމަށް ކުއްޔަށް ހިއްޕެވި ހ.އާމުލި ކިޔާ ގެޔަށް ދިޔައީމެވެ. ގަޑިޔަކީ ކުޑަމެންދުރެއްހައި އިރެވެ. އަލިދީދީ އަކީ އަޅުގަނޑެކޭ އެއްފަދައިން “ލިޔުންތެރިންގެ ގުޅުމުގެ” މުއައްސިސެކެވެ. އަޅުގަނޑުމެން ދެމީހުންގެ މުސްކުޅި އާއިލީ ގުޅުމެއް ވެސް އޮތުމާއެކު އެދުވަހުގެ ބައްދަލުވުން ވެގެން ދިޔައީ ސަޔަކާއެކު ދިގު ލައިގެން ދިޔަ ވަރަށް ވެސް އެކުވެރި އުފާވެރި ބައްދަލުވުމަކަށެވެ. އަލިދީދީ އަކީ ދިވެހީންގެ ތެރޭން މަދުން ނޫނީ…
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

މިދިޔަ ސެޕްޓެންބަރު މަހު މެދެއްހައި ހިސާބުގައި އަޅުގަނޑު އަލިދީދީ އާއި ބައްދަލުކޮށްލުމަށްޓަކައި އޭނާ އެންމެ ފަހުން ހުންނެވުމަށް ކުއްޔަށް ހިއްޕެވި ހ.އާމުލި ކިޔާ ގެޔަށް ދިޔައީމެވެ. ގަޑިޔަކީ ކުޑަމެންދުރެއްހައި އިރެވެ. އަލިދީދީ އަކީ އަޅުގަނޑެކޭ އެއްފަދައިން “ލިޔުންތެރިންގެ ގުޅުމުގެ” މުއައްސިސެކެވެ. އަޅުގަނޑުމެން ދެމީހުންގެ މުސްކުޅި އާއިލީ ގުޅުމެއް ވެސް އޮތުމާއެކު އެދުވަހުގެ ބައްދަލުވުން ވެގެން ދިޔައީ ސަޔަކާއެކު ދިގު ލައިގެން ދިޔަ ވަރަށް ވެސް އެކުވެރި އުފާވެރި ބައްދަލުވުމަކަށެވެ.

އަލިދީދީ އަކީ ދިވެހީންގެ ތެރޭން މަދުން ނޫނީ ނުފެންނަ ފަދަ ޖަވާހިރެކެވެ. އެއީ ތަފާތު އުމުރުގެ މީހުންނާ ގުޅޭ ރައްޓެހި މިޒާޖެއްގެ ވެރިއެކެވެ. އޭނާ ވަނީ ރައްޔިތުންގެ ޚާއްސަ މަޖިލިހުގައި މާޅޮސް މަޑުލު އުތުރުބުރި ތަމްސީލުކުރައްވާފައެވެ. ސަރުކާރުގެ މަގާމުތަކެއް ނުފުރުއްވި ނަމަވެސް އެއީ އަބަދުވެސް ދިވެހި ސިޔާސީ ޖައްވަށް ދުރުމީ އަޅުއްވައި ބައްލަވައި ފިކުރާއި ޚިޔާލު ފާޅުކުރައްވައި ހެއްދެވި ބޭފުޅެކެވެ. މީގެ އަނދިރި ހިޔަނި އޭނާގެ ހަޔާތްޕުޅަށް އެކިއެކި ފަހަރުމަތިން އެޅުނު ކަމުގައި ވިޔަސް އޭނާގެ ގަލަންކޮޅެއް، މިނިވަން ޚިޔާލެއް “އަނދަގޮނޑިއެއް” ނުޖެހުނެވެ. މިކަން އޭނާގެ “ޖަލުގެ ދުނިޔެ” ވިދާޅުވާ ބޭބޭފުޅުންނަށް ވަންހަނާވެގެން ނުވާނެއެވެ.

އަޅުގަނޑު ދެކެން ފެށިއިރު އަލިދީދީ އުޅުއްވަނީ ދިރިއުޅުއްވުމުގެ މަސައްކަތަކަށް ވަޑާންގެއެއް ހިންގަވާށެވެ. އެކިއެކި ފަހަރުމަތިން އޭނާއާ ދެކެވުނު ވާހަކަތަކުން ވިސްނޭ ގޮތުގައި ތެދުއިވަޑާމަކީ އޭނާގެ ޚާއްސަ ޝައުގުވެރިކަމެއް އެކަމަށް އޮތް މަސައްކަތެކެވެ. ބޭރުން ތައްޔާރީ ފަރުނީޗަރު ރާއްޖެއަށް ގެނެވެން ފެށުމުގެ ކުރިން ރާއްޖޭގައި ތެދުއިވަޑާން ކުރާ މީހުން ގޮނޑި، މޭޒު، އެނދު، އަލަމާރި، ކަފޭރާ ފަދަ ތަކެތި ޖަހައި އުޅުނު މިންގަނޑުތަކާއި ވައްތަރުތައް އޭނާ ވަރަށް ރަނގަޅަށް ދެނެވަޑައިގަންނަވައެވެ. އަދި އެފަދަ ތަކެތި އޭނާ އަމިއްލަޔަށް ވެސް ޖައްސަވަން ދެނެވަޑައިގަންނަވާ ކަމަށްވެއެވެ. މީގެ އިތުރަށް ވަރަށް ރީތިކޮށް މަހާނަގާ ހައްދަވަންވެސް އޭނާ ދެނެވަޑައިގަންނަވައެވެ. އަދި ހަމަ އެހެންމެ ދިވެހި ހުރިހާ ވައްތަރެއްގެ ކެޔޮޅުކަން ވެސް ދެނެވަޑައިގަންނަވައެވެ. ގަސްހެއްދުމަށް އޭނާގެ ޚާއްސަ ލޯތްބެއް އޮތެވެ. އެއްވެސް ތަނަކުން ރީތި ބަގީޗާ ގަހެއް ނުވަތަ މާގަހެއް ފެނިވަޑައިގެންފި ނަމަ ގޯތީގައި ތަން އޮތް މިންވަރަކުން އެގަހަށް އޭނާގެ ބަގީޗާއިން ޖާގަ ދެއްވުން އުފާފުޅަކަށް ވެފައި އޮތެވެ. މީގެ އިތުރަށް ކާބޯތަކެއްޗަށް ބޭނުން ހިފޭ ގަސްގަސްވެސް ހައްދަވައި އުޅުއްވިއެވެ. ގަސްގަހާގެހީގެ އަސްލު އަހުލުވެރި ބިންތަކާއި އިލްމީ ނަންތައް ވެސް ހޯއްދަވައި ދަސްފުޅުކުރައްވައި އުޅުއްވިއެވެ.

ގަސްގަހާގެހީގެ ބަގީޗާ ފިޔަވައި ދިވެހި އަދަބީ ބަގީޗާއަށް އޮތް އޭނާގެ ޝައުގާއި ލޯބި ވެސް ވަކިން ސަހަލެކޭ ނުދެންނެވޭނެއެވެ. އެއީ ހިނގާ ދުލެއްގެ ވެރިއެކެވެ. ޝާއިރެކެވެ. ފޮތްތެރިއެކެވެ. ފޮތްލިޔުންތެރިއެކެވެ. ލިޔުއްވި ފޮތްފޮތުގެ ތެރޭގައި  “ދިވެހި ލަކުޑި”،  “ކަނޑު ފަޅުގެ ރޯދި” ފަދަ ވަރަށް ބޭނުންތެރި އިލްމީ ފޮތްތައް ވެސް ހިމެނެއެވެ. ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން އޭނާ އަށް ވަނީ ދައުލަތުން ހިތްވަރު ދިނުމުގެ އިނާމު ދެއްވާފައެވެ.

އަލިދީދީ އަކީ ދިވެހި މުޖުތަމިއު ފަޚުރުވެރިވާން ޖެހޭ ފަދަ ނާދިރު ހުނަރުވެރި ދިވެހި ދަރިއެކެވެ.  އޭނާއަކީ އޭނާގެ ދިރި ދުނިޔޭގައި ތިއްބެވި ތޭރަ ބޭފުޅުން ވެސް ފަޚުރުވެރިވެ ވަޑައިގަންނަވާނޭ ބައްޕައެކެވެ. އޭނާ ވިދާޅުވާ ގޮތުގައި “އަހަރެންގެ ކޮންމެ ކުއްޖަކީވެސް ކުއްޖެކެވެ. ކޮންމެ ކުއްޖަކު ވެސް ދިރިއުޅެވޭނެ ކޮންމެވެސް މަސައްކަތެއް ދަންނާނެއެވެ. އެމަސައްކަތުން އެކުއްޖަކަށް ކައިބޮއި އުޅެވޭނެއެވެ.” އެހެން ކަމުން އަލިދީދީ އާ މެދު ދަންނަވަން ޖެހެނީ އެއީ ފުރިހަމަ ތަރުބަވީ ބައްޕައެއް ކަމަށެވެ.

އަޅުގަނޑު އަލިދީދީއަށް ޒިޔާރަތްކޮށްފި ނަމަ އޭނާ ލިޔުއްވި ފޮތެއް ނޫން ނަމަ އެހެންވެސް ކޮންމެވެސް އަދަބީ ހަދިޔާއެއް ދެއްވުމީ އޭނާގެ އުފާފުޅަކަށް ވެވަޑައިގެންފައި އޮތް ކަމެކެވެ. މިގޮތުން މިދިޔަ ސެޕްޓެންބަރު މަހުގެ ބައްދަލުވުމުގައި އޭނާ އަޅުގަނޑަށް ދެއްވީ ވަރަށް ވެސް  ތަދު ހަދިޔާއެކެވެ. އެއީ 1337ހ.( މީލާދީން 1919 ވަނަ އަހަރު) ގައި ރާއްޖެއަށް ޖެހުނު މަޝްހޫރު “ބޮޑުވިއްސާރައިގެ” ވާހަކަ ހިމެނޭ ރައިވަރުގެ ސިލްސިލާއެކެވެ. ރައިވަރުވެރިޔަކީ މާޅޮސް މަޑުލު ރަސްގެތީމު އަނދިރި އީސައެވެ. އަޅުގަނޑު އަހާ އުޅޭ ގޮތުގައި އަދި އަލިދީދީވެސް ވިދާޅުވާ ގޮތުގައި އަނދިރި އީސަގެ އެދުރަކީ ޙުސައިން ޞަލާޙުއްދީނެވެ. މިއަށް ވުރެ އިތުރު ކުރު ތަފުސީލެއް ވެސް އަލިދީދީ ދެއްވިއެވެ. އެވާހަކަ ކޮޅަކީ މިއެވެ. “އަނދިރި އީސައަށް ކިޔަވައިދެއްވަން ޞަލާޙުއްދީނު ފެއްޓެވީ ޞަލާހުއްދީނުގެ ބައްޕަ ބޮޑުގަލު މޫސާ ދީދީގެ އެދިވަޑައިގަތުމަކަށެވެ. އެދުވަހު ލޯފަން މީހުންނަށް ކިޔަވައިދިނުމަކީ ޚާއްސަ ފަންނެއް ކަމަށް ޞަލާޙުއްދީނު އޭނާ ބައްޕަ އަރިހުގައި ވިދާޅުވިކަމަށް ވެއެވެ. ޞަލާޙުއްދީނު އަރިހުން ކިޔަވަން އަނދިރި އީސަ މާލޭގައި ހުންނެވި ކަމަށް ވަނީ ހަމަސް ދުވަހުގެ މުއްދަތަކަށެވެ.ދެން އޭނާ އެނބުރި ދުރުވީ އޭނާގެ އުފަން ރަށަށެވެ”

މި މުހިންމު ވާހަކަކޮޅު އަނދިރި އީސަގެ ރައިވަރަށް އަލިދީދީ ލިޔުއްވި ތައާރަފުގެ ވާހަކަ ކޮޅުގައި ނުގެންނެވީ ކީއްވެތޯ އެހުމުން އޭނާ ވިދާޅުވީ މީ ހަމައެކަނި އަހާފައި އޮތް ވާހަކައަކަށް ވެފައި ކަމަކީ އިތުރަށް ހޯދާ ބަލަން ޖެހިފައި އޮތް ކަމަކަށް ވާތީ އެވާހަކަ ކޮޅު އިހަށް ނުލިޔުއްވާ ދޫކޮށްލެއްވީ ކަމަށެވެ. އަލިދީދީގެ މިވާހަކަކޮޅުން އަޅުގަނޑަށް ވިސްނުނީ އޭނާގެ ސިކުނޑިފުޅަކީ ތޯތޯއެއްގެ މައްޗަށް ބުރަވުމެއް ނެތް، އިލްމީ ސިކުނޑިފުޅެއް ކަމަށެވެ. ކޮންމެއަކަސް އަނދިރި އީސަގެ ޅެން، ރައިވަރުގެ އެދުރަކީ ޞަލާޙުއްދީނު ކަމެއް އެނގޭކަށް ނެތެވެ.

ޞަލާޙުއްދީނަކީ ރައިވަރުވެރިއެއް ނޫނޭ ދެންނެވުމަކީ ދިވެހި ޅެންވެރިކަމުގެ މިޒަމާނުގެ ބައްޕަޔަށް ކުރެވޭ ބޭއިންސާފެއް ނުވަތަ ބޭއިހުތިރާމެއް ކަމަކަށް ނުދެކެވެ. އެއީ ހަގީގަތެވެ.

މިދަނޑިވަޅުގައި އަޅުގަނޑުގެ ދުޢާއަކީ އަލިދީދީގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރެއްވުމެވެ. އޭނާގެ ލޮބުވެތި އާއިލާއަށް ކެތްތެރިކަން ދެއްވުމެވެ. އާއިލާގެ އެންމެ ބޭފުޅުންނަށް ހިތުގެ ލޯތްބާއެކު ތައުޒިޔާ ދެންނެވުމުގެ މާތްކަން ލިބިގަންނަވަމެވެ.

މިވޭތުވެ ދިޔަ ހަފުތާތެރޭގައި އަޅުގަނޑު އުޅެން ޖެހުނީ ރާއްޖެއިން ބޭރުގައި ކަމަށްވެފައި، މިލިޔުމާ އެކުއެކުހެން އަލިދީދީގެ ނަމުގައި  މިސައިޓުގައި އަޅުގަނޑު ޖަހަން ބޭނުންވާ މުހިންމު ލިޔުމެއް (އަނދިރި އީސަގެ “ބޮޑުވިއްސާރަ ރައިވަރު”) އޮތީ މާލޭގައި ރައްކާވެފައި ކަމަށްވާތީ،  މިލިޔުން ޝާއިޢުކުރުން އުއްމީދުކޮށްގެން ހުރި ވަރަށްވުރެ މާ ލަސްވެއްޖެއެވެ. އަޅުގަނޑު ހިތުން މުހިންމު ކަމެއް ލަސްވެފައިވެސް ކުރުން އަމުދުން ނުކޮށްދޫކޮށްލުމަށް ވުރެ ރަނގަޅެވެ. އެގޮތުން ލޮބުވެތި އަޚެއްގެ ހަނދާނުގައި މިވާހަކަކޮޅު ލިޔެލީއެވެ.

(އިރާދަކުރެއްވިއްޔާ މާލަސްތަކެއްނުވެ، ”ބޮޑުވިއްސާރަ ރައިވަރު” މިސައިޓުގައި ޝާއިޢު ކުރެވޭނެއެވެ.)

                        —————————————————–

About the author
Leave Comment