000 (9 ޑިސެންބަރުގައި ޝާއިޢު ކުރެވުނު ބަޔާއި ގުޅޭ) މިބައި ނަގައިފައިވަނި “ފަތްތޫރަ” މަޖައްލާގެ 159 (ޖޫން 1992) ވަނަ އަދަދާއި 160 (ޖުލައި 1992) ވަނަ ޢަދަދުންނެވެ ތަޢުލީމު ދާދި ފަހަކާ ޖެހެންދެން ރާއްޖޭގައިވެސް ތަޢުލީމުގެ މައިގަނޑަކީ ކީރިތި ޤުރްއާން ކިޔެވުމާއި، ދީނީ ޢިލްމު އުނގެނުންކަމުގައި ހިމެނިފައި އޮތް ފަދައިން އަޅުގަނޑުމެންގެ ކާބަފައިންގެ ދެވަނަ ދަރިކޮޅު ކަމުގައިވާ މަލިކުގައިވެސް އެކަން އޮތީ ހަމަ އެގޮތަށެވެ. އިހުޒަމާނުގައި ރާއްޖޭގައިވެސް ކިޔަވައިދީ އުޅުނީ އެދުރުގެތަކާއި މިސްކިތްމިސްކިތުގައި ހިންގޭ ކްލާސްތަކުގައެވެ. އެނގިވަޑައިގަންނަވާނެ…
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

 (9 ޑިސެންބަރުގައި ޝާއިޢު ކުރެވުނު ބަޔާއި ގުޅޭ)

މިބައި ނަގައިފައިވަނި “ފަތްތޫރަ” މަޖައްލާގެ 159 (ޖޫން 1992) ވަނަ އަދަދާއި 160 (ޖުލައި 1992) ވަނަ ޢަދަދުންނެވެ

ތަޢުލީމު

ދާދި ފަހަކާ ޖެހެންދެން ރާއްޖޭގައިވެސް ތަޢުލީމުގެ މައިގަނޑަކީ ކީރިތި ޤުރްއާން ކިޔެވުމާއި، ދީނީ ޢިލްމު އުނގެނުންކަމުގައި ހިމެނިފައި އޮތް ފަދައިން އަޅުގަނޑުމެންގެ ކާބަފައިންގެ ދެވަނަ ދަރިކޮޅު ކަމުގައިވާ މަލިކުގައިވެސް އެކަން އޮތީ ހަމަ އެގޮތަށެވެ.

އިހުޒަމާނުގައި ރާއްޖޭގައިވެސް ކިޔަވައިދީ އުޅުނީ އެދުރުގެތަކާއި މިސްކިތްމިސްކިތުގައި ހިންގޭ ކްލާސްތަކުގައެވެ. އެނގިވަޑައިގަންނަވާނެ ފަދައިން ދިވެހި ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވުނު ރަސްމީ މަދުރަސާއަކީ އައްސުލްޠާން އިބްރާހީމް އިސްކަންދަރު 1 ސްރީ ކުލަރަންމީ ބަކައްތިރި ބަވަނަ މަހާރަދުން ހުކުރުމިސްކިތު ދޮރޯށިތެރޭގައި ހެއްދެވި މަދުރަސާއެވެ.

ހަމައެފަދައިން މަލިކުގައި ވެސް އެވޭލާ ޒަމާނުގައި ކިޔަވައިދި އުޅުނީ އެދުރުގެތަކާއި، މިސްކިތުގައި ހިންގާ ކްލާސްތަކުގައެވެ. އެ ތަންތާނގައި ކިޔަވައިދިނީ ހިލޭ ސާބަހަށެވެ. ނަމަވެސް ކޮންމެ ބުރާސްފަތި ދުވަހަކު އެދުރުގެއަށް ކާށި ގެންގޮސްދިނުމާއި، ކޮންމެ ސޫރަތެއް ނިމުމުން “މަލާފަތެއް” ގެންގޮސް ދިނުމަކީ ކުދީންގެ އާދައެކެވެ.

މިއީ، ރާއްޖޭގައި މިކަން އޮތް ގޮތެވެ. ރާއްޖޭގައިވެސް އިހުގައި ކިޔަވާކުދީންގެ އަތުން ފީއެއް ނުނަގައެވެ. ނަމަވެސް އެދުރުގެއަށް ދޮންކޭލާއި، މަހާއި، ކާށި ފަދަ ތަކެތި ގެންގޮސްދިނުމާއި، އަލިފުބާ ޖެހުމާއި، ސޫރަތް ލިޔުއްވުމާއި(ފިލިދަސްވެ ޤުރްއާން ކިޔަވަން ފެށުން) ކޮންމެ ސޫރަތެއް ނިމުމުން “މަލާފަތް” ނުވަތަ ފަރިވަޅު ގެންގޮސްދިނުމަކީ މިރާއްޖޭގައި އޮތް ކަމެކެވެ. ޚުދް އަޅުގަނޑުވެސް އެދުރުގެއަށް ޞޫރަތް ލިޔުއްވި މަލާފަތް ގެންގޮސްދިނީމެވެ. އާދެ، މިއީ އެއް ޢާއިލާގެ ދެގޮފި އެއްގޮތަކަށް ޙިއްސާ ކުރަމުން އައި އެއްޘަގާފަތެކެވެ.

ރާއްޖެއެކޭ އެއްފަދައިން އިހުގައި މަލިކުގައިވެސް ޤުރްއާން ކިޔަވަނީ ފިލާގައި ލިޔެގެންނެވެ. ފިލާ ހިތުދަސްކުރަމުން ގެންގޮސް ޚަތިމުކުރަނީއެވެ. އެދުރުގެތައް ނުވަތަ މިސްކިތުގެ ކްލާސްތައް ނިމުމުން ޢަރަބިބަހާއި، ހިސާބު ޢިލްމާއި، ނިޔަމިކަމާއި، ކީރިތި ޤުރްއާނުގެ ތަފްސީރާއި، ޙަދީޘް އުނގެނުމަށް ޚާއްޞަ އެދުރުންގެ ގާތަށް ދެއެވެ. މިކަމުގައިވެސް ދަންނަވަންޖެހެނީ މިއީ ރާއްޖޭގެ ގޮތެއް ކަމުގައެވެ. ޚުދް އަޅުގަނޑުވެސް އެދުރުގެ ނިމުމަށްފަހު އިސްވެ ދެންނެވި ބާވަތުގެ ޢިލްމުތައް އުނގެނުމަށް ޚާއްޞަ އެދުރުންގެ ގާތަށް ދިޔައީމެވެ.

މަލިކުގައި އެދުރުންނަށް މުސާރަ ދޭން ފެށުނީ ރާއްޖެއާ މުޅިން ވަކިވެ ކަންނަންނޫރުގެ ދަށަށް ދިޔުމަށް ފަހުގައެވެ. އެދުވަސްވަރުން ފެށިގެން މިސްކިތްތަކާ ގުޅިފައިވާ ކްލާސްތަކުގެ މުދައްރިސުންނަށް މިސްކިތު ފަންޑުން މުސާރައެއް ދެވެއެވެ. މިސްކިތު ފަންޑަށް ފައިސާ ލިބޭ ގޮތް މަލިކުގެ ދީނީ ކަންތައްތަކާ ބެހޭ ބައިގައި ވަނީ ބަޔާން ކުރެވި ފައެވެ.

އެދުވަސްވަރު މަލިކުމީހުން ތަޢުލީމު ޙާޞިލުކުރުމަށް ރާއްޖެއައިސް ރާއްޖޭގެ އެދުރުންނަށް ދަރިވަރުވަމުން ދިޔައެވެ. ޚާއްޞަކޮށް ދެކުނުގެ އަތޮޅުތަކަށްވެސް ޢިލްމު ޙާޞިލު ކުރަން ގޮސް އުޅުނު ކަމަށް ވެއެވެ. މިއީ ރާއްޖޭގެ އެހެނިހެން އަތޮޅުއަތޮޅު ވެސް ދެކުނަށް ކިޔަވަންދިޔަ ފަދައިން ގޮސް އުޅުނު އުޅުމެކެވެ. އެދުވަސްވަރު ދިވެހިރާއްޖޭގެ ސަރަހައްދަކީ “މަލިކައްޑޫ” ދެމެދެވެ. މަލިކަކީ ރާއްޖޭގެ އެއް އަތޮޅެވެ.

މަލިކަށް “ރަޙްމަތާއި، ބަރަކާތާއި، އަލިކަން ލިބެނީ މިކޮޅުން” ކަމަށް މަލިކު ތަކަންދުގޯތީ އިސްމާޢިލްކާކަ ބުނުއްވާފައިވަނީ ހަމަ ހެޔޮކޮށެވެ. މަލިކުމީހުން ރާއްޖެއިން އުނގެނޭ ޢިލްމުތަކުގެ ތެރޭގައި ދީނީއިލްމުގެ އިތުރަށް ބޭސްވެރިކަމާއި ފަންޑިތަވެރިކަމުގެ ހުނަރުތައް ވެސް ހިމެނެއެވެ. މިއީ އިތުރު ހެއްކާއި ދަލީލަށް ބޭނުން ކަމެއްވެސް ނޫނެވެ. އެއް ކާފައެއްގެ ދެދަރިން އެކަކު އަނެކެއްގެ ގާތުން އުނގެނުމަކީ އެއްވެސް ހާލެއްގައި ދެރަކަމެއް ނޫނެވެ. އައިބު ކަމެއް ނޫނެވެ. މިއީ މިކަން ހިނގަމުން އައިގޮތްކަން ތަކަންދުގޯތި އިސްމާޢީލްކާކަ ކިޔުއްވައިދެއްވި އަންނަނިވި ރައިވަރުތަކުންނާއި ތިރީގައި މިލިޔާ ބަނދިންވެސް ސާބިތުވެއެވެ.

   “ފާ އައީ ހުވަދުވަށް ގޮސް

    ބާފުޅަށް ހުރި ލޯބިވެރިކަ

    މާ އުޅެފާ ކަންވެރި ކަ.

      +   +

    ގޭދިޔަ ދަތުރު ދުވަށް ހުވަ

    އާހަނުވި ރަންދިޔަށް ތިރި މާ

    ސާދަ ގެނައިމެ އިސްތިރި މާ

    +   +

   އަރިއަހުން ކޮށްލާން ދުރު

   ކަރިބަސޮރު މިން ފުޅާ އިންމަ

   ވަރިތޮޅި ތޭރަ ގެނައިންމަ.”

      +    +

މިރައިވަރުތަކުން މަލިކުމީހުން ފަންޑިތަ ދަސްކުރަން ހުވަދުއަށް ގޮސް އުޅުނުކަން އެނގެއެވެ. އާދެ، ދެން މިލިޔަނީ އިސްވެ ދެންނެވި ބަންޖެވެ.

  “ކޯޑިކޮޅު ކަނިގަނޑެއްގަ

   ކީރިދައިތަ މަސްބައިބައި

   މަލާފަތެއް ބޮލު އަރުވައި

   ފެންކޫޒެއް އަތުލައިގެން

   ތިމަން ކަލެއް ފޭބި ފަހުން

   ކާން އިއްތި ދޮންކަމަނާ

   ކައިފޫވޯ ބައިފޫވޯ

   ނަހަރި ގޮނަށް ލައިފޫ ވޯ

   އުނދުޅި ބިތުގަ ލައިފޫ ވޯ

   ދުވަމުން ގޮސް ވެރެމުން ގޮސް

   ދިވެހި އަރާ ރާޢްޖެ ނިޔަމި ފޮތްކޮޅެއް ގަނެގެން

   …………………………….”

އާދެ، މިބަނދީގައި ދިވެހިރާއްޖޭގެ ނިޔަމިފޮތް ހޯދާ ވާހަކަ ސަރީޙުބަހުން  އެބަ އޮތެވެ. ތެދުފުޅެކެވެ. މަލިކަކީ ވެސް މޮޅު މާލިމީން އުފެދުނު ރަށެކެވެ. ދިވެހި އޮޑިފަހަރުގައިވެސް މަލިކުގެ މާލިމީން އުޅުއްވައިފައިވެ އެވެ. އަޅުގަނޑުގެ ނުކުތާއަކީ 1753 މ. ގެ ކުރިން މިދެބައި މީހުންނަކީ އެއްބައެއް ކަމެވެ. އެއް ޢިލްމުތަކެއް، އެއްޘަގާފަތެއް ޙިއްސާ ކުރަމުން އައި ބައެއް ކަމެވެ. ކަންނަންނޫރު މީހުން މަލިކު ހިފައި ދިވެހިރާޢްޖެއާ މަލިކު ވަކިކުރުމަށް ފަހު ވެސް އިންޑިޔާގެ ޔުނިއަން ޓެރިޓަރީއަކަށް މަލިކުވަންދެން މަލިކުމީހުން ތަޢުލީމް ހޯދީ ރާއްޖޭގައި އުފައްދާ ފޮތްތަކުން ދިވެހީންގެ ވެސް އެހީއާ އެކުގައި ކަމެވެ. މަލިކުގެ ދިރިއުޅުމަށް (ހެދުމާއި، ދީނީގޮތުން ޤަބުލުކުރާ ގޮތްތަކަށް) މިފަހަކަށް އައިސް އެންމެ ބޮޑު އިންޤިލާބެއް ގެންނެވީ އަލްފާޟިލް މަލިންގޭ ޙުސައިންދީދީ(މަލިކުގެ ބައެއް މީހުން ކިޔާ ގޮތަށް ދަންނަވާނަމަ ހިންނަވަރު ޙުސައިން ދީދީ) އެވެ.

އިންޑިޔާ ކަނޑުގެ ޤައުމުތަކަށް އިނގިރޭސީން ވެރިވުމަށް ފަހު އިންޑިޔާއާއި ޝްރީލަންކާ ފަދަ ޤައުމުތަކުގައި ތަޢުލީމުދެމުން ގެންދިޔަ ދުވަސްވަރު ރާއްޖެ ވެސް އޮތީ އެބައިމީހުންގެ “ޙިމާޔަތު” ގައެވެ. ނަމަވެސް އިނގިރޭސީން ރާއްޖޭގެ މީހުންނަށް ތަޢުލީމް ދީފައެއް ނުވެއެވެ.

އެހެންކަމާއެކު އިނގިރޭސީންގެ ދަށުގައި ދިވެހި ރަށެއްގެ ގޮތުގައި އޭރުއޮތް މަލިކާ މެދު ވެސް އެބައިމިހުން ޢަމަލުކޮށްފައިވަނީ ރާއްޖެއާމެދު ވެސް ޢަމަލުކުރި ގޮތަށެވެ. އާދެ، މަލިކުގެ ތަޢުލީމަށް މާބޮޑު ސަމާލުކަމެއް ދީފައެއް ނުވެއެވެ.

ރަސްމީ ސިފައެއްގައި މަދްރަސާއެއް ކަމުގައި ބެލެވޭފަދަ ތަނެއް މަލިކުގައި ހުޅުވުނީ 1891 މ.ގައި ކަމަށް މުވައްރިޚުން ބަޔާންކުރެއެވެ. އެއި އިނގިރޭސީންގެ ފަރާތުން މަލިކުގެ ޑިސްޕެންސަރީގައި ހުރި މިސްޓަރ އިބްރާހީމް ޚާނޭ ކިޔޭ ބޭކަލަކަށް އިތުރު މަސައްކަތެއްގެ ގޮތުގައި ކުދީންނަށް ކިޔަވައިދިނުމުގެ ކަންތައް ހަވާލު ކުރެއްވުމުންނެވެ. ކިޔަވައިދިނުމުގެ މަސައްކަތް ކުރާތީ އޭނާގެ މުސާރައަށް -/20 ރ.(ވިހި ރުފިޔާ) އިތުރުކޮށް ދެވުނެވެ. އިނގިރޭސީންގެ ދަށުން އިންޑިޔާއަށް މިނިވަންކަން ލިބުނުއިރު މިދެންނެވި ސްކޫލްގައި ހިނގަނީ ގްރޭޑް 1، 2، 3 ގެ ކްލާސްތަކެވެ. ޒަމާނުގެ ފުރޮޅުންތަކާއެކު މިސްކޫލް ތަރައްޤީވަމުން އައިސް 1961މ. ގައި މިސްކޫލް ސީނިއަރ ބޭސިކް ސްކޫލަކަށް ބަދަލުކުރެވުނެވެ. 73 –  1972 މ. ގައި ހައިސްކޫލަކަށް ބަދަލުކުރެވުނެވެ. މިސްކޫލް ނިންމާ ކުދިންނަށް ކޮންމެ އަހަރަކުވެސް މާޗްމަހުގެ ތެރޭގައި ކެރެލާގެ ބޯޑް އޮފް ސެކެންޑަރީ އެޑިއުކޭޝަނުން ބާއްވާ ސެކެންޑަރީ ސްކޫލް ލީވިން ސެޓްފިކެޓްގެ އިމްތިޙާނުގައި ބައިވެރިވެއެވެ. މިއިމްތިޙާނުން ފާސްވާކުދިންނަށް ހަމަޖެހިފައިވާ ގަވާއިދުތަކުގެ މަތިން ލަކުޑިދީބުގެ ކޮލެޖްތަކުން ޖާގަ ލިބެއެވެ.

ކޮލެޖުން ނިމޭ ކުދީންނަށް އިންޑިޔާގެ މައިކަރައިގެ ޔުނިވަރސިޓީތަކުން ޖާގަ ލިބެއެވެ. ތަންކޮޅެއް ކުރިން އިންޑިޔާ ސަރުކާރުން މަލިކަށް ޚާއްޞަ އިމްތިޔާޒެއް ދީގެން ޔުނިވަރސިޓީ ތަޢުލީމުގެ ފުރުޞަތު ދިނެވެ. ނަމަވެސް މިހާރު އެކަން އޮންނަނީ ލަކުޑިދީބަށް ލިބޭ ޖާގައިގެ ތެރެއިން ކޮލެޖް ނިންމާއިރު ލިބޭ ނަތީޖާއެއްގެ ނިސްބަތުންނެވެ. އެހެންކަމާއެކު މިހާރު މަލިކު ކުދީންގެ ކުރިމަތީގައި ޔުނިވަރސިޓީތަކުގެ ދޮރުތައް މާ ތަނަވަސް ގޮތެއްގައި ހުޅުވިފައިވެއެކޭ ދެންނެވޭކަށް ނެތެވެ.

މަލިކު ހައިސްކޫލްގެވެސް ތަޢުލީމީ ފެންވަރު މާރަނގަޅެއް ނޫނެވެ. ޚާއްޞަކޮށް އިނގިރޭސިބަހާއި ހިސާބުގެ ފެންވަރު ވަރަށް ދަށެވެ. ހައިސްކޫލް ނިމޭއިރުވެސް ރަނގަޅަށް އިނގިރޭސިބަހުން ވާހަކަދައްކާކަށް ނޭނގެއެވެ.

މަލިކަށް ދިމާވެފައިވާ ތަޢުލީމީ މައްސަލަތައް އިންސާފުވެރި ގަލަމަކުން ތަޙްލީލްކުރާއިރު ފާހަގަކުރެވޭ ނުކުތާތަކެއް އެބަހުއްޓެވެ.

އާދެ، މަލިކުގެ ގިނަ ބައްޕައިންނަކީ ދަތުރުކުރާ މީހުންނެވެ. މައިންނަކީ އިޖްތިމާޢީ ޙަރަކާތްތަކުގައި ބައިވެރިވާ، ޢާއިލާގެ ތުއްތުކުދީންގެ ކަންތައް ބަލަހައްޓާ ބައެކެވެ. އެހެންކަމާއެކު ތަންކޮޅެއް ބޮޑެތި ކުދީން ބަލަހައްޓާނެ ވަގުތެއް ނުލިބެއެވެ. ނަތީޖާއެއްގެ ގޮތުން ދިހައަހަރާއި ފަނަރަ އަހަރާ ދެމެދުގެ ކުދިން އެބައިމީހުންނަށް ލިބިފައިވާ މިނިވަންކަމުގެ ބޭނުން ފުރިހަމަޔަށް ހިފައެވެ. ގިނަ ފަހަރަށް ވަގުތު ހޭދަކޮށްލަނީ ކުޅިވަރާއި މަޖަލުގައެވެ. އަތިރިމަތީގައެވެ. ނުވަތަ އެނޫންވެސް ތަނެއްގައެވެ. ގެއަށް އަންނަނީ އިރުން އިރަށް ކައިބޮއި ހެދުމަށާއި ރޭ ނިންޖަށެވެ.

ދަރީން ސްކޫލަށް ވެއްދުމަށް ފަހު ބެލެނިވެރީން ދެކެނީ އެމީހުންގެ ވާޖިބު އަދާވީ ކަމަށެވެ. ތަޢުލީމުގައި ބަހުގެ ހުރަހެއް ނެތުމާއެކު ކުދީންނަށް ގްރޭޑް 6، 7 އާ ހަމަޔަށް ފަސޭހަކަމާއެކު ދެވެއެވެ. ނަމަވެސް އެހިސާބުން ކުރިޔަށް ދިޔުމުގައި ވަރަށް ދަތި ގޮތްތަކެއް މެދުވެރިވެއެވެ.

ހައިސްކޫލަށް ވަންނަ ކުދީންނަށް އެކުދީންގެ ބަސް ފިޔަވައި އެހެން ބަހެއް ނޭނގެއެވެ. އެހެންކަމުން ޓީޗަރުންނާއި ދަރިވަރުންނާ ދެމެދު ވަރަށް އުސް ފާރެއްލެވެއެވެ. ހަމަ އެފަދައިން ބަހަކީ ޓީޗަރުންނާއި ބެލެނިވެރީންނާ ދެމެދުގެވެސް ހުރަހެކެވެ.

އާދެ، މިއީ އެއްފަރާތެއްގެ ވާހަކައެވެ. ދެން އަނެއް ފަރާތުގެ ވާހަކަ އައްސަވާށެވެ. މަލިކުގެ ސްކޫލްތަކުގައި ތަޢުލީމް ދެނީ ސަރުކާރުގެ ޚަރަދުގައި ހިލެއެވެ. މުދައްރިސުންގެ އިތުރަށް ޓެކްސްޓްފޮތްވެސް ދެނީ ހިލެއެވެ. ނަމަވެސް އިނގިރޭސި ބަހާއި ހިސާބު ފަދަ މާއްދާތައް ކިޔަވައިދޭނެ ޤާބިލް މުދައްރިސުންނެއް ނުލިބެއެވެ. މަލިކުމީހުން ބުނާ ގޮތުގައި “ލަކުޑިދީބަށް ރަނގަޅު މުދައްރިސަކު ލިބިއްޖެ ނަމަ އެމީހަކު ބަހަޢްޓަނީ ކަވަރައްދޫގައެވެ. އޮފިސަރުންގެ ބޭފުޅުންނަށް ކިޔަވައިއަރުވައިދިނުމަށެވެ.” އަހަރުގެ ފަހުކޮޅަށް ދާއިރުވެސް ޓެކްސް ފޮތްތައް ހަމަޔަކަށް ނުލިބެއެވެ.

އަޅުގަނޑުމެން މަލިކުގައި ތިއްބައި މި މައްސަލަ ވަރަށް ބޮޑުވިއެވެ. ކިޔަވާކުދީންގެ މުޒާހަރާތައް ބޭއްވުނެވެ. ފުރަތަމަ މުޒާހަރާ އޮތީ

 20 ސެޕްޓެމްބަރ  1990 ގައެވެ. އޭގެ ފަހުން އައިލެންޑް ކައުންސިލްގެ ފަރާތުން ރަށުގެ ރައްޔިތުންނާ ބައްދަލުކުރިއެވެ. ރަށުގެ ޢާންމު ރައްޔިތުން ޑެޕިއުޓީ ކަލެކްޓަރގެ އޮފީސް(ރަށުގައި ހުންނަ އެންމެ އިސް އޮފީސް) ކުރިމަތީގައި ޖާދައެއް (އިށީނދެގެން ތިބެ ކުރާ މުޒާހަރާއެއް) ބޭއްވިއެވެ.

ކޮންމެއަކަސް މިކަންތައް ހިމެނުނީ އަޅުގަނޑުމެންނަށް ވަރަށް އާ ކަމަކަށެވެ. މަޖާ ކަމަކަށެވެ. އެހެންކަމާއެކު މުޒާހަރާކުރި ކުދިން ކިޔަމުން ގެންދިޔަ ބަނދިތައް އަޅުގަނޑު ނޯޓްކުރީމެވެ. ތިރީގައި މިވަނީ މިދެންނެވި ބަނދިތަކެވެ.

     “ވިދްޔާރަތީ އަތްކަމް

     (ކިޔަވާކުދިންގެ އެކުވެރިކަން)

     “ވިދްޔާރަތީ ސަމަރަމް

     (ކިޔަވާކުދީންގެ މުޒާހަރާ)

     ފޮތެއް ނެތޭ މާސްޓަރެއް ނެތޭ

     ކިޔަވާނޭ ގޮތެއް ނެތޭ

     ފޮތް ގެންނަން ކަބަރުލީމަ

     އިސްކޯލަށް ގެނެސްދިނީ

     ކަޅުދެއްޔާއި ހުދު ކަރުދާސް

    ކުއް ކުއް ކުއް ކުއްތަޅައިފި

    އީ.އޯ. ހައު ކުއްތަޅައިފި

    ހަނޑޫ ކައިފަ ނީއުކައިފި

    ފިޔޮއްތަކަށް ހުތްޖަހައިފި

    ވޭތިވެއްޖެ ވޭތިވެއްޖެ

    ތިންމަސް ހަމަ ވޭތިވެއްޖެ

    ކިޔަވާކަށް ފޮތެއް ނެތޭ

    އާސްޖެހިއްޖެ އާސްޖެހިއްޖެ

    އިމްތިޙާން އާސްޖެހިއްޖެ

    މިޔަކީ ހަމަ ކޮންގޮތެއްތަ

    ބުނެބަލަގާ ބުނެބަލަގާ

    އަފްސަރުނޭ ބުނެބަލަގާ

   ނޯޓް: އީ.އޯ އަކީ އެޑިއުކޭޝަން އޮފިސަރެވެ. ހުތް ޖެހުމަކީ މަކަރު ހެދުމެވެ.

   +     +      +

   ކިޔަވައިދޭ މީހެއް ނެތް

   ކިޔަވާނޭ އެއްޗެއް ނެތް

   ބެލުމަށް ހަމަ މީހެއް ނެތް

   މަލިކުގައި މީހެއް ނެތް

   ވޭތވެ ދިޔަ ތިން އަހަރުގެ

   މަލުދަރިންގެ ރިކޯޑްތައް

   ހޯދާނެމު ހޯދާނެމު

   އަދިވެސް ހަމަ ހޯދާނެމު

   މާދަމު ދަރިކޮޅު ކުރިޔަށް އަރުވަން

   މައިބަފައިނޭ ކާކަމެނޭ

   އެކުގައި މިއިންގެ ރަނގަޅު ކުރުމަށް

   ހިތްވަރުލައިގެން އާނާށޭ

   މިކަންތަކުގެ މިނިވަންކަން

  ލިބުމައިހުރެ މިގޮތް މައްޗަށް

  މިއަހަރު ހަމަ ދިޔަނަމަވެސް

  ކާމިޔާބު ނުވެހުއްޓައި މިހަޅުތާލެއް ނުނިވާނަން

  +    +     +

  ބަދަލުވެގެން ދިޔަ ހެޑްކައި

  އީ.އޯ. ކަމު އިއްތައިގެން

  ލޮލަކަށް ހަމަ ނުފެނޭތާ

  މަލިކު ދަރިންނެއް ނުފެނޭތާ.

  އެސް.އެލް.ސީ. އިމްތިޙާން

  ގަދަވާތީ ފެނިފެނިފާ

  ދެރަކުރުމަށް ހިތުގަލައިފި

  ބަލަ އީ.އޯ. ނުވާނެޔޭ

  އެހެނަކުން ނުވާނެޔޭ

  މަލިކު ދަރީންނަށް ނުފޮނުވީ

  އީ.އޯ. ހައު ފޮތް ނުފޮނުވީ

  ބަލަ ބަލަ ބަލަ އީ.އޯ.ޔާ

  މަލިކުދަރިން ހިތްވަރުގައި

  ފޮތްވެސް ހަމަ ގެންނާނެން

  އަހައިލައިފި އަހައިލައިފި

  މާރކްތައް އަހައިލައިފި

  އަހައިލަފަ ބުނެލައިފި

  އީ.ޑީ. ހަމަ ބުނެލައިފި

  ގެންނާނެން ގެންނާނެން

  ފޮތްތަކާއި ޓީޗަރުތައް

  ނަމަވެސް ހަމަ ނުފޮނުވުނޯ

  އީ.ޑީ. ހާލަށް ނުފޮނުވުނޯ

  ފޮތާއި ޓީޗަރ ނުފޮނުވުނޯ.

  ކާކަމެންނޭ ދާތަމެންނޭ

  އީ.އޯ. ހައު ކުނިތަޅައިފި

  މަލިކަށް އާސް ކުނިތަޅައިފި

  +   +    +

  ފިނޑި، ފިނޑި، ފިނޑި، ފިނޑި ލީޑަރ

  ބުނެ،ބުނެ، ބުނެ، ބުނެ، އުންޏޯ

  ފޮތާއި މާސްޓަރައި ގެންނާނެން

  މަސް އެތަކެއް ވެއްޖެ މިހެން

  ވީ ކަމެއް ހަރާމޯ

  ތިން ކުދީންގެ އިސްކޯލަށް

  ކަން އާއިރު ރަށު އެންމެން

  ރަށުކުދީންގެ އިސްކޯލަށް

  އަޅާލާނެ މީހެއް ނެތް

  މައިބަފައިނޭ  ބުނެބަލައުގަ

  ފައި ބެލީމެ ފައިބެލީމެ އީޑީ ހައު ފައިބެލީމެ

  މަލިކަށް އައިސް ފައިބެލީމެ

  އަހަރެމެން އެތަނަށް ގޮސްފައި

  ފޮތް ވާހަކަ ބުނިއިރުގައި

  އަހަރެމެން ގާތު ބުނީ

  ދާގޮތަށް ބަލައިފާނެން

  އާނަ ނަވަށް އަރުވާނެން

  މިހެން ކިޔައި ބަހައްޓައިފައި

  އަދު މިދިޔައީ ކޮންތާކަށް

  ނުއުޅެހެރޭ ނުއުޅެހެރޭ

  ހިތް ހައްލަން ނުއުޅެހެރޭ

  +   +    +

މިއީ 20 ސެޕްޓެމްބަރ 1990 އިން ފެށިގެން 26 ސެޕްޓެމްބަރު  1990 އާ ހަމަޔަށް ދެމިގެން ދިޔަ މުޒާހަރާތަކުގައި ކިޔަވާ ކުދިން ކިޔައިފައިވާ ބަނދިތަކެވެ. މިބަނދީގައި ތިންކުދީންގެ އިސްކޯލޭ ބުނެފައި އެވަނީ ނަވޯދިޔާ ސްކޫލަށެވެ. އެހެން ސްކޫލްތަކާ ނިސްބަތްކުރާއިރު އެތާނގައި މަލިކު ކުދީން މަދުކަމުންނެވެ. މިހިސާބަށް ދިޔައިރު މަލިކުގެ ހުރިހާ ސްކުލްތަކެއްވަނީ ކިޔަވާ ކުދީންގެ ފަރާތުން ބަންދުކޮށްފައެވެ.

ސެޕްޓެމްބަރ މަހުގެ 26 ވަނަ ދުވަހަކީ މައްސަލަ ހަމަޖެއްސެވުމަށް ލަކުޑިދީބު ސަރުކާރުގެ ވެރިން މަލިކަށް ވަޑައިގަތް ދުވަހެވެ. އެދުވަހުގެ ހެލިކޮޕްޓަރުގައި ވަޑައިގަތީ ލަކުޑިދީބުގެ ކަލެކްޓަރ ކަމް ޑިވެލޮޕްމެންޓް އޮފިސަރ މިސް ނައިނީ ޖެއިޝީލަން އާއި، ޑިރެކްޓަރ އޮފް އެޑިއުކޭޝަން މިސްޓަރ ޖީ.ޑީ. ޝަރުމާ (މަލިކު ކުދީން ކިޔާ ގޮތުގައި އީ.ޑީ. ހައު) އާއި، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަލްއަޚް ޤަމަރު އަޙްމަދެވެ.

އެދުވަހު ކިޔަވާކުދީން ތިބީ ވަކީން ބޮޑަށް ހޫނުވެފައެވެ. އެދަވަހުގެ ބަނދިތައްވެސް ހުރީ މަލިޔާޅަމްބަހާއި ހިންދީ ބަހަށް ބަދަލުވެފައެވެ. ތިރީގައި މިވަނީ އޭގެ ތެރެއިން ދެބަންޛެއްގެ ތަރުޖަމާއެވެ.

+    +     +

ކިޔަވާކުދީންގެ އެކުވެރިކަން ޒިންދާބާދު

ކިޔަވާކުދީންގެ މުޒާހަރާ ޒިންދާބާދު

ކިޔަވާކުދީންނާ ކުޅެފިއްޔާ

އެކުޅި މިކުޅި އަލިފާންކުޅިޔަށް ވާނޭ

މިއަކީ ކޮން އިންސާފެއް

މިއަކީ ކޮން ހަމައެއް

ބުނެބަލަގާ ބުނެބަލަގާ ސަރުކާރާ

ކިޔަވާ ކުދީންގެ ބޭނުންތައް

ފުއްދައިނުދިނިއްޔާ

ކިޔަވާކުދީންގެ ޖަމްޢިއްޔާ މައިތިރިވާނީ

އެމީހުންގެ އެދުންތައް ޙާޞިލުކޮށްފައޭ.

+    +    +

އިރާއި ހަނދު ދެމިގެންވާހާ ހިނދަކު

ކިޔަވާ ކުދީންގެ ނަން ދެމި އޮންނާނެއެވެ.

ކުރިޔަށާއި ފަހަތަށާއި މައްޗަށާއި ތިރިޔަށް ބަލާބަލާށެވެ.

އެންމެކުރީގައިވަނީ ކިޔަވާކުދިންނެވެ.

ފޮތްތައް ނުލިބޭހާ ހިނދެއްގައި

އަހަރެމެން ހިމޭނަކުން ނުތިބޭނޫއެވެ.

އަހަރެމެން މިތިބީ ހަނގުރާމަކުރުމަށްވެސް ހުވާކޮށްގެންނެވެ.

އެންމެންވެސް ދެކޭށެވެ. އަހަރެމެން މިތިބީ ކިޔަވަން ތައްޔާރަށެވެ.

+    +     +

ދުވަހަކި ވަރަށް ހޫނުގަދަ ދުވަހެކެވެ. އަޅުގަނޑާއި ސޯދާ ދެމިހުންތިބީ ރީތި ގޭގައި(މަލިކުގެ ގެސްޓްހައުސް ޑާކު ބަނގަލާ) އަޅުގަނޑުމެން ތިބޭ ކޮޓަރީގައެވެ. ލަކުޑިދީބުގެ ވެރިންވެސް ތިއްބެވީ އެގޭގައެވެ. އެހެންކަމާއެކު ކިޔަވާކުދިން ވަނީ އެގެ ވަށާލާފައެވެ. ރީތިގެއިން އެއްވެސް މީހަކު ބޭރަށް ނުކުތަކަ ނުދެއެވެ. ކަވަރައްދޫން ވަޑައިގަތް ތިންބޭފުޅުންގެ ފަރިއްކޮޅު ހަމަޖެހިފައި އޮތީ ދާދި ކައިރިގައި ހުރި ޓޫރިސްޓްހަޓް ގައެވެ. ނަމަވެސް ކިޔަވާކުދިން އެބޭފުޅުން ފަރިއްކޮޅަށް ވަޑައިގަތަވެސް ނުދިނެވެ. އިރުމެދުން ލެނބިފަހުން ދެފަރާތުން އެއްބަސްވުމަކަށް އާދެވި އެބޭފުޅުންނަށް ފަރިއްކޮޅަށް ވަޑައިގެންނެވިއްޖެއެވެ. އަޅުގަނޑާއި ސޯދާ ދެމީހުންނަށްވެސް ކާއެތިކޮޅެއް ލިބޭގޮތް ވެއްޖެއެވެ.

އެދުވަހުގެ ހަވީރު މިސް ނައިނީ ޖެއިޝީލަން އާއި މިސްޓަރ ޖީ.ޑީ. ޝަރުމާ ފުރާވަޑައިގެންފިއެވެ. އެބޭފުޅުން ފުރާވަޑައިގަތުމުގެ ކުރީގައި ލަކުޑިދީބުގެ ޗާޕްޚާނާގެ މަލިކުގޮފީގައި ޓެކްސްފޮތް ޗާޕްކުރުމުގެ މަސައްކަތް ފެށިއްޖެއެވެ. ލަކުޑިދީބުގެ ޗާޕްޚާނާގެ މަލިކު ގޮތްޕަކީ އެޗާޕްޚާނާގެ “ތާނަ މަރުކަޒެ”ވެ. އެތާނގައި ހުންނަނީ ވަރަށް އާދައިގެ ލެޓަރޕްރެސް މެޝިންތަކެކެވެ. ދިވެހި ބަހާއި، މަލިޔާޅަމްބަހާއި، އިނގިރޭސިބަހުން އެކުރު އެތުރެން ހުރެއެވެ. ނަމަވެސް ލެޓަރު ޕްރެހުން ޗާޕްކުރާއިރު ފޮޓޯޖެހުން ފަދަ ކަންކަމަށް ހަދަންޖެހޭ ބްލޮކް ހެދޭކަށް ނުހުރެއެވެ. އެހެންކަމާއެކު އެތާނގައި ޓެކްސްފޮތެއް ޗާޕުކުރެވޭނީ ހޭންޑްއައުޓެއްގެ ފެންވަރުގައެވެ. ކޮންމެއަކަސް އަޅުގަނޑުމެން މަލިކުން ފުރިއިރުވެސް ވަރަށް ފޯރިއާއެކު ޗާޕުގެ މަސައްކަތް ކުރިޔަށް ދެއެވެ. އޭރު އަދި މުދައްރިސުންނެއް ނާދެއެވެ.

ލަކުޑިދީބުގެ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަލްއަޚް ޤަމަރު އަޙްމަދު މަލިކުގައި މަޑުކޮށްލެއްވީއެވެ. އޭނާއަކީ އަޅުގަނޑުމެންގެ އެކުވެރި ކޭ.ޖީ. މުޙަންމަދާއެކުގައި ކިޔަވާވިދާޅުވާން އުޅުއްވި ބޭފުޅެކެވެ. ވުމާއެކު އަޅުގަނޑުމެންނަށްވެސް އޭނާއާ ރައްޓެހިވުމުގެ އުފާ ލިބުނެވެ. އަލްއަޚް ޤަމަރު އަހްމަދަކީ ދީންވެރި، ހިތްޕުޅުތިރި، އަޚްލާޤް ރަނގަޅު ބޭފުޅެކެވެ.

އިސްވެދިޔަ ބަޔާންތަކުގައި އެވަނީ އަޅުގަނޑުމެން އެހި އަޑުތަކާއި އަޅުގަނޑުމެންނަށް ފެނުނު ފެނުންތަކެވެ. މަލިކުގައި ތަޢުލީމީ ކަންތައް ހުރިނެތް ގޮތާމެދު އިތުރު އެއްޗެއް ބުނުމުގެ ބޭނުމެއް އޮތްކަމަކަށް އަޅުގަނޑެއް ނުދެކެމެވެ. މިބަޔާންތަކުން ނަތީޖާއެއް ނެރުއްވުން އަޅުގަނޑު ދޫކޮށްލާނީ މިވާހަކަތައް ވިދާޅުވާ ބޭފުޅުންގެ ތަނަވަސް ސިކުނޑިފުޅުތަކަށެވެ.

                           (ނުނިމޭ)

About the author
Leave Comment