އައްޝައިޚު ޙުސައިން ރަޝީދު އަޙްމަދު عَنْ أَبِي هُرَيْرَةَ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ نَعَى لِلنَّاسِ النَّجَاشِيَ فِي الْيَوْمِ الَّذِي مَاتَ فِيهِ فَخَرَجَ بِهِمْ إِلَى الْمُصَلَّى وَكَبَّرَ أَرْبَعَ تَكْبِيرَاتٍ ތަރުޖަމާ:  މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރާގެ ކިބައިން ރިވާވެގެން ވެއެވެ. ހަބްޝުކުރައިގެ ރަސްގެފާނު ނަޖާޝީ އަވަހާރަވުމުން رَسُولُ اللَّهِ j އެކަމުގެ ޚަބަރު މީސްތަކުންނަށް ދެއްވިއެވެ. އަދި މީސްތަކުންނާއިގެން ޢީދު ގާހަށް (ސަހަރާއަށް) ނިކުމެވަޑައިގެން…

އައްޝައިޚު ޙުސައިން ރަޝީދު އަޙްމަދު

عَنْ أَبِي هُرَيْرَةَ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ نَعَى لِلنَّاسِ النَّجَاشِيَ فِي الْيَوْمِ الَّذِي مَاتَ فِيهِ فَخَرَجَ بِهِمْ إِلَى الْمُصَلَّى وَكَبَّرَ أَرْبَعَ تَكْبِيرَاتٍ

ތަރުޖަމާ: 

މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރާގެ ކިބައިން ރިވާވެގެން ވެއެވެ. ހަބްޝުކުރައިގެ ރަސްގެފާނު ނަޖާޝީ އަވަހާރަވުމުން رَسُولُ اللَّهِ j އެކަމުގެ ޚަބަރު މީސްތަކުންނަށް ދެއްވިއެވެ. އަދި މީސްތަކުންނާއިގެން ޢީދު ގާހަށް (ސަހަރާއަށް) ނިކުމެވަޑައިގެން އެއުރެންނާއިގެން ކަށު ނަމާދު ކުރެއްވިއެވެ. އޭގައި ވިދާޅުވީ ހަތަރު ތަކްބީރެވެ.

ރިވާޔަތް:

މިއީ އިމާމު މުސްލިމު ރިވާކުރެއްވި ޙަދީޘެކެވެ. މިޙަދީޘު އިމާމު މާލިކާއި ޝާފިޢީއާއި އަޙްމަދުވެސް ރިވާކުރަށްވާފައި ވެއެވެ. އަދި މިއީ ހަ އިމާމުންގެ އިއްތިފާޤުން ނެރުއްވާފައިވާ ޙަދީޘެކެވެ.

ޙަދީޘުގެ ޝަރަޙަ: 

(1) ކަށުނަމާދު:

މިޙަދީޘުން ސާބިތުވާ އެއްކަމަކީ މައްޔިތާގެ މައްޗަށް ކަށު ނަމާދު ކުރުމެވެ. ދީނުގެ ދަންނަބޭކަލުން އިޖްމާވެ ވަޑައިގަންނަވާ ގޮތުން މިނަމާދަކީ ކިފާޔަތުގެ ފަރުޟެކެވެ. އިމާމު ނަވަވީ ވިދާޅުވެފައި ވަނީ، އަހަރެމެން ޝާފިޢީ މަޛްހަބުގެ އިމާމުންގެ އަރިހުގައި ޞައްޙަ ބަސްފުޅަކީ އެންމެ ފިރިހެނަކު މިނަމާދު ކުރިނަމަވެސް ނަމާދުގެ ފަރުޟުކަން ކެނޑިގެން ދާކަމަށެވެ.

(2) ހަތަރު ތަކްބީރު:

އަހަރެމެންނާއި ޖުމްހޫރު ދަންނަބޭކަލުންގެ މަޛްހަބަކީ ކަށު ނަމާދުގައި އޮންނަނީ ހަތަރު ތަކްބީރު ކަމެވެ. މިއީ ޝާފިޢީގެ ފާނުން މިކަމުގައި ޙުއްޖަތް ނަންގަވާ އެއް ދަލީލެވެ. މިއާ އިދިކޮޅަށް ހުރީ ބައެއް އަޞްޙާބު ބޭކަލުންގެ ކިބައިން އައިސްފައި ހުރި ޢަމަލުފުޅުތަކެވެ. ތާބިޢީންގެ ދުވަސްވަރުގައި ދަންނަބޭކަލުންވަނީ ކަށުނަމާދުގެ ހަތަރު ތަކްބީރުގެ މައްޗަށް އިޖްމާ ވެފައެވެ. އެހެންކަމުން މުޙައްޤިޤު ޢިލްމުވެރިން ވިދާޅުވަނީ ހަތަރު ތަކްބީރަށް އިތުރު ކުރުމަކީ ޝާޛު ޢަމަލެއް ކަމަށާއި އެފަދަ އިމާމަކަށް ތަބާވެގެން ނުވާނެ ކަމަށެވެ. އިމާމު މާލިކާއި އަބޫ ޙަނީފާ ވިދާޅުވަނީ އިމާމާއާ ވަކިވެ، އަމިއްލައަށް ސަލާމް ދިނުމަށެވެ. އިމާމު ޝާފިޢީގެ ފަތުވާދެވޭ އެންމެ ޞައްޙަ މަޛްހަބަކީ އިމާމާއަށް ތަވާވެގެން ނުވާނެ ކަމަށާއި ނަމަވެސް، ސަލާމް ނުދީ އޭނާގެ އިންތިޒާރުގައި ހުރުން ރަނގަޅު ކަމަށެވެ. ބައެއް ރިވާޔަތުގައި އަންނަނީ ތަބާވެއްޖެނަމަ ނަމާދު ބާޠިލްވާނެ ކަމަށެވެ. އިމާމު އަޙްމަދުގެ ޞައްޙަ މަޛްހަބަކީ ތަބާވުމަކުން މައްސަލައެއް ނެތްކަމަށާއި މޮޅުގޮތަކީ ތަބާނުވުން ކަމަށެވެ.

(3) ޣައިބަށް ކަށު ނަމާދު ކުރުން:

މިޙަދީޘުން ސާބިތުވާ އަނެއް ކަމަކީ ޣައިބަށް ކަށު ނަމާދު ކުރުމުގެ މައްސަލައެވެ. އިމާމު ޝާފިޢީއާއި އެނޫން އެތަކެއް ޢިލްމުވެރިން ވިދާޅުވަނީ ޣައިބަށް ކަށު ނަމާދު ކުރުމަކީ ދީނުގައި މަޝްރޫޢުވެގެންވާ ކަމެއް ކަމަށެވެ. މިމައްސަލާގައި ދަންނަބޭކަލުންގެ އަރިހުގައި ތިން ރައުޔެއް އައިސްފައި ވެއެވެ.

(ހ) ފުރަތަމަ ރައުޔަކީ ޣައިބަށް ކަށުނަމާދު ކުރުމަކީ ސުއްނަތެއް ކަމެވެ. ޙާފިޒު އިބްނު ޙަޖަރާއި އިމާމު ނަވަވީ ވިދާޅުވާ ގޮތުގައި ދީނުގެ އިހާއި ފަހުގެ ގިނަ ދަންނަބޭކަލުންގެ މަޛްހަބަކީ މިއީއެވެ. އަދި އިމާމު ޝާފިޢީއާއި އިމާމު އަޙްމަދުގެ މަޛްހަބަކީ ވެސް މިއީއެވެ. (ށ) ދެވަން ރައުޔަކީ ޣައިބަށް ކަށު ނަމާދު ކުރުމަކީ ސުއްނަތެއް ނޫން ކަމަށެވެ. މިއީ އިމާމް އަބޫޙަނީފާއާއި އިމާމު މާލިކުގެ ރައުޔެވެ. (ނ) ތިންވަނަ ރައުޔަކީ އެރަށެއްގައި މުސްލިމެއްގެ މައްޗަށް ކަށުނަމާދު ނުކުރެވޭ މީހެއްގެ މައްޗަށް އަނެއް ރަށެއްގައި ތިބި މުސްލިމުން ކަށުނަމާދު ކުރުމީ ފަރުޟު ކިފާޔަތެއް ކަމަށެވެ. މިއީ އިމާމު އަޙްމަދުގެ ދެވަނަ ބަސްފުޅެވެ. ޙަންބަލީ މަޛްހަބުގެ ދެއިމާމުން ކަމުގައިވާ އިމާމު އިބްނު ތައިމިޔާއާއި އިމާމު އިބްނު ޤައްޔިމުގެ ބުރަވެ ވަޑައިގަންނަވަނީ އިމާމު އަޙްމަދުގެ މިރައުޔަށެވެ. އެހެނަސް ޙަންބަލީ މަޛްހަބުގެ އަޞްލު މަޛްހަބަކީ ޝާފިޢީގެ ފާނުންގެ މަޛްހަބެވެ.

މިތިން ބަސްފުޅަށް ވެސް ދަލީލު ލިބެނީ އެންމެ ޙަދީޘަކުންނެވެ. އެއީ މިބާބުގައި ބަޔާންވެގެންވާ ނަޖާޝީގެ މައްޗަށް ނަމާދު ކުރެވުނު ޙަދީޘެވެ. މިޙަދީޘުގައި އަންނަ ފަދައިން، ނަޖާޝީ ހަބަޝާގައި އަވަހާރަވެގެން رَسُولُ اللَّهِ j އަޞްޙާބު ބެއިކަލުންނާއެކު ނަޖާޝީގެ މައްޗަށް ކަށުނަމާދު ކުރެއްވީ ޣައިބަށެވެ. އިމާމު ބުޚާރީއާއި މުސްލިމާއި އެނޫންވެސް މުޙައްދިޘުން ރިވާކުރެއްވި ޙަދީޘެއްގައި ވެއެވެ. އިތުރު އެކަލޭގެފާނު މިފަދައިން ޙަދީޘުކުރަށްވާފައި ވެއެވެ. ]قَدْ تُوُفِّيَ الْيَوْمَ رَجُلٌ صَالِحٌ مِنَ الْحَبَش[ މިއަދު ޙަބުޝުކަރައަށް ﷲގެ ޞާލިޙު އަޅަކު މަރުވެއްޖެއެވެ. ]فَقُومُوا فَصَلُّوا عَلَى أَخِيكُمْ فَصَلَّى عَلَيْهِ النَّبِيُّ صَلَّى اللَّه عَلَيْهِ وَسَلَّمَ وَصَحَابَتُهُ[ އެހެންކަމުން ތިޔަބައިމީހުންގެ އަޚާގެ މައްޗަށް ކަށުނަމާދު ކުރާށެވެ. މިހެންވިދާޅުވެ އިތުރު އެކަލޭގެފާނު އަޞްޙާބުބޭކަލުންނާއެކު ނަޖާޝީގެ މައްޗަށް ޣައިބަށް ކަށު ނަމާދު ކުރެއްވިއެވެ. އަދިވެސް އިމާމު ތިރުމިޛީ ރިވާކުރެއްވި ޙަދީޘެއްގައި ވެއެވެ. ]قَالَ لَنَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِنَّ أَخَاكُمْ النَّجَاشِيَّ قَدْ مَاتَ فَقُومُوا فَصَلُّوا عَلَيْهِ قَالَ فَقُمْنَا فَصَفَفْنَا كَمَا يُصَفُّ عَلَى الْمَيِّتِ وَصَلَّيْنَا عَلَيْهِ كَمَا يُصَلَّى عَلَى الْمَيِّتِ[ މާނައީ: އިތުރު އެކަލޭގެފާނު ޙަދީޘުކުރެއްވިއެވެ. ތިޔަބައިމީހުންގެ އަޚު ނަޖާޝީ އަވަހާރަވެއްޖެއެވެ. ވުމާއެކު އެމަނިކުފާނުގެ މައްޗަށް އަވަހަށް ތެދުވެ ނަމާދު ކުރާށެވެ. ދެން އަހަރެމެން ގޮސް ކަށުނަމާދަށް ސަފުތައް ހަދާފަދައިން ސަފުތައް ހަދައި، ޢާއްމު މައްޔިތާގެ މައްޗަށް ކަށުނަމާދު ކުރާ ފަދައިން އެމަނިކުފާނުގެ މައްޗަށް ނަމާދުކުރީމެވެ. މިއެވެ.

އިމާމު އިބްނު ޙަޖަރު ފަތުޙުލްބާރީގައި ވިދާޅުވެފައި ވެއެވެ. މައްޔިތާގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުމުގެ މަޝްރޫޢިއްޔަތަކީ މިޙަދީޘުގެ އަލީގައި ޢިލްމުވެރިން ސާބިތުކުރަށްވާ ކަމެކެވެ. މިގޮތަށް ވިދާޅުވަނީ އިމާމު ޝާފިޢީއާއި އަޙްމަދާއި ސަލަފުގެ ގިނަ ޖުމްހޫރު ދަންނަބޭކަލުންނެވެ. އަދިވެސް އިމާމު އިބްނު ޙަޒްމު މިފަދައިން ވިދާޅުވެފައި ވެއެވެ. މިއީ އަޞްޙާބު ބެއިކަލުންގެ ތެރެއިން އެއްވެސް ބޭކަލަކު އެކަމާ އިންކާރު ކުރަށްވާފައި އޮތް މައްސަލައެއް ނޫނެވެ.

ދެން އިމާމު އިބްނު ޙަޖަރު އިމާމު ޝާފިޢީގެ އަރިހުން މިފަދައިން ނަގުލުކުރައްވާފައި ވެއެވެ. ކަށުނަމާދު ކުރުމަކީ މައްޔިތާއަށްޓަކައި ކުރެވޭ ދުޢާއެކެވެ. އެމީހާ ކަފުންކުރެވިފައި އޮންނައިރު އޭނާގެ މައްޗަށް ކަށުނަމާދުކޮށް ދުޢާކުރެވެއެވެ. އެހެންކަމަށްވާއިރު އޭނާ ދުރުގައި އޮތްއިރު ނުވަތަ ކަފުންކުރެވި ކުރިމަތީގައި ހުރި ކަށްވަޅެއްގައި ވަޅުލެވިފައި އޮންނައިރު އޭނާއަށް ދުޢާނުކުރެވޭންވީ ސަބަބެއް ނެތެވެ. އަދި ނަޖާޝީގެ މައްޗަށް رَسُولُ اللَّهِ j އާއި އެންމެހާ އަޞްޙާބުބެއިކަލުން ނަމާދުކުރައްވާފައިވާ ކަމީ މިގޮތަށް ދުޢާކުރުމީ ސުއްނަތެއްކަމުގެ ސާފު ހެއްކެކެވެ. އަދި ނަޖާޝީގެ މައްޗަށް އެހެންބަޔަކު ނަމާދު ކޮށްފައި ނުވާކަމުގެ ވާހަކައަކީ އެއްވެސް ހެއްކެއްނެތި ކުރެވޭ ހުސް ދަޢުވާތަކެކެވެ. މިހެނީ ނަޖާޝީފަދަ ނުފޫޒުގަދަ ރަސްކަލަކު ޤައުމެއްގައި އިސްލާމްވެ ވަޑައިގެން ހުންނަވާއިރު އޭނާނޫން ބަޔަކު އެތާގައި މުސްލިމުންގެ ގޮތުގައި ނެތްވާހަކައަކީ ޤަބޫލުކުރަން ދަތި ވާހަކައެކެވެ. އެހެންކަމަށްވާނަމަ އެފަދަ ބަޔަކު ތިބޭނީ އޭނާގެ މައްޗަށް ފާޅުގައި ނޫންނަމަ ސިއްރުގައިވިއަސް ނަމާދުކޮށްފައެވެ.

އަބޫދާއޫދުގެ ޝަރަޙަ ޢައުނުލްމަޢުބޫދުގެ މުޞައްނިފު ޢައްލާމާ ޝަމްސުލް ޙައްޤު ޢަޒީމު އާބާދީ ލިއުއްވާފައި ވެއެވެ. رَسُولُ اللَّهِ jގެ އަރިހުން ކަށު ނަމާދު ކުރުމުގެ ތިން ގޮތެއް ސާބިތުވެފައި ވެއެވެ. އެތިން ގޮތުގެ ތެރެއިން އަސްލު ގޮތަކީ މައްޔިތާ ކަފުންކޮށްފައި ކުރިމަތީގައި ބާއްވައިގެންތިބެ އޭނާއަށްޓަކައި ދުޢާކުރުމެވެ. މިއީ ޢާއްމުކޮށް ސާބިތުވާން އޮންނަ ގޮތެވެ. ދެވަނަ ގޮތަކީ މީހާ ވަޅުލެވުމަށް ފަހު އޭނާގެ މައްޗަށް ނަމާދު ނުކޮށްހުރި މީހަކު ނަމަ މަހާނަކައިރިއަށް ގޮސް ނަމާދު ކުރުމެވެ. މިގޮތަށް ވެސް رَسُولُ اللَّهِ j ކިތަންމެ ބަޔެއްގެ މައްޗަށް ނަމާދުކުރައްވާފައި ވެއެވެ. ތިންވަނަ ގޮތަކީ އެމީހާ ކުރިމަތީގައި ނެތި އަދި މަހާނަ ކައިރިއަށް ނުދެވި ދުރުގައި ނުވަތަ އެހެން ރަށެއްގައި އޮތްވައި އެމީހާގެ މައްޗަށް ނަމާދު ކުރުމެވެ. މިކަން ސާބިތުވަނީ އެތަކެއް ޞައްޙަ ޙަދީޘަކުން، ނަޖާޝީގެ މައްޗަށް އިތުރު އެކަލޭގެފާނު ކުރެއްވި ނަމާދުންނާއި އަޞްޙާބުބެއިކަލުންގެ ޢަމަލުފުޅުންނެވެ. މީގެ އިތުރުން މުޢާވިޔާ އިބްނުލްމުޒްނީގެ މައްޗަށް ވެސް ކީރިތި ރަސޫލާވަނީ ޣައިބަށް ނަމާދު ކުރައްވާފައެވެ. މިރިވާޔަތުގެ ސަނަދު ޟަޢީފު ކަމުގައި ވިޔަސް ޙާފިޒު އިބްނު ޙަޖަރު ވިދާޅުވަނީ ގިނަ މަގުތައް އެއްކޮށްލުމުން އެސަނަދު ގަދަ ސަނަދަކާ ހަމައަށް ވާޞިލުވާ ކަމަށެވެ. ހަމައެހެންމެ އެނޫން މުރްސަލް ރިވާޔަތްތަކުން ޒައިދު އިބްނު ޙާރިޘާއާއި ޖަޢުފަރު އިބްނު އަބީޠާލިބް ގެމައްޗަށްވެސް ކީރިތި ރަސޫލާ ޣައިބަށް ކަށުނަމާދު ކުރައްވާފައިވާ ކަމަށް ރިވާވެގެން ވެއެވެ. މިޙަދީޘުތަކާމެދު އިތުރު ތަފްޞީލު އިބްނު ޙަޖަރު އަލްޚުލާޞާއާއި އަލްމީޒާނާއި އަލްއިޞާބާ މިފޮތްތަކުގައި ލިއުއްވާފައި ވެއެވެ. އަދިވެސް ޢައްލާމާ ޢަޒީމު އާބާދީ ވިދާޅުވެފައި ވެއެވެ. މިބަޔާންވެދިޔަ ރިވާޔަތްތަކާމެދު މުޙައްދިޘުންގެ އަރިހުގައި ތަފާތު ރައުޔު އޮތްކަމުގައި ވިއަސް ނަޖާޝީގެ ހަދީޘުން އެޙަދީޘުތަކަށް ގަދަކަންލިބި ޙުއްޖަތް ގަދަވާކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ.

އަދިވެސް ޢައުނުލްމަޢުބޫދުގައި މިފަދައިން ލިއުއްވާފައި ވެއެވެ. އިމާމު ޚައްޠާބީ ވިދާޅުވާ ގޮތުގައި ދީނުގެ ބައެއް ޢިލްމުވެރިންގެ އަރިހުގައި ޣައިބަށް ކަށުނަމާދު ކުރުމަކީ މަކުރޫހަ ކަމެކެވެ. އެބޭކަލުން ދެކެވަޑައިގަންނަވަނީ މިއީ ކީރިތި ރަސޫލާއަށް ޚާއްޞަ ކަމެއް ކަމަށެވެ. އެއީ އެވަގުތު އިތުރު އެކަލޭފާނުންގެ ލޯފުޅަށް މާތް ﷲ ނަޖާޝީ ދައްކަވާފައި ވާތީއެވެ. ދެން އަލްޚައްޠާބީ ވިދާޅުވިއެވެ. މިއީ މިބޭކަލުން ކުރަށްވާ ބާޠިލް ތައުވީލެކެވެ. އެހެނީ رَسُولُ اللَّهِ jގެ އަރިހުން ޝަރުޢީ ކަމެއް އެންމެ ފަހަރަކު ސާބިތުވި ކަމުގައި ވިއަސް އެކަން އަހަރެމެންގެ މައްޗަށް ޝަރުޢުކުރެވުނީއެވެ. އެއަށް ތަބާވެ އެއަށް ޢަމަލުކުރުމީ އަހަރެމެންނަށް އޮތް އެންމެ މޮޅު ނަމޫނާއެވެ. އަދި މިކަން އެކަލޭގެފާނަށް ޚާއްޞަކަމެކޭ ބުނާމީހަކަށް ޖެހޭނީ އެކަމުގެ ދަލީލު ދައްކާށެވެ. رَسُولُ اللَّهِ j ކަނޑައެޅިގެން މީސްތަކުންނާއިގެން ނަމާދުކުރާ މައިދާނަށް ވަޑައިގެން އެމީހުންނާއިއެކު އެކަލޭގެފާނު ނަމާދު ކުރެއްވިކަމީ، މިކަމަކީ ޝަރުޢުކުރެވިގެންވާ ކަމެއްކަމަށް ސާފުވެ ބަޔާންވާންއޮތް ހެއްކެކެވެ. ހަމައެއާއެކު އަޞްޙާބު ބޭކަލުންނަށްވެސް އިތުރު އެކަލޭގެފާނު ނަޖީޝީއަށް ނަމާދު ކުރުމަށް ދިއުމަށް އަމުރު ކުރެއްވިއެވެ. އެހެންކަމުން މިއާ އިދިކޮޅަށް ކުރެވޭ ތައުވީލުތަކަކީ ބާޠިލް ތައުވީލުތައްކަމީ ޝައްކެއްއޮތް ކަމެއް ނޫނެވެ. އިމާމު ޝައުކާނީ ނައިލުލްއައުޠާރް ގައި ވިދާޅުވެފައި ވެއެވެ. ޣައިބަށް ކަށުނަމާދުކުރުމަށް އިންކާރު ކުރަށްވާ ޢިލްމުވެރިންގެ ކިބައިގައި އެބޭކަލުން އެކަމަށް އުޒުރުވެރިވުން ނޫން އިތުރު މާބޮޑު ޙުއްޖަތެއް ނެތްކަމަށް ތިމަން ދެކެމެވެ.

ޢައްލާމާ ޢަޒީމު އާބާދީގެ ވާހަކަފުޅު ނިންމާލައްވަމުން ޢައުނުލްމަޢުބޫދުގައި އޭނާ ވިދާޅުވެފައި ވެއެވެ. ޣައިބަށް ކަށުނަމާދު ކުރުމަކީ ސުއްނަތެއް ކަމުގައި ވިއަސް އެރަށެއްގައި މީހެއްގެ މައްޗަށް ޙާޟިރުގައި ބަޔަކުމީހުން ކަށުނަމާދު ކުރުމަށްފަހު ދެން އެރަށުގައި އެމީހުން އެމީހާގެ މައްޗަށް ޣައިބަށް ކަށުނަމާދުކުރުމީ އޮންނަ ކަމެއް ނޫނެވެ. އަދި މިއީ އެއްވެސް ދަންނަބޭކަލަކު ވިދާޅުވެފައިވާ ކަމެއްވެސް ނޫނެވެ.

އެހެންކަމުން ޚުލާޞާއެއްގެ ގޮތުގައި އަޅުގަނޑަށް ބުނެވޭނީ ދީނުގެ ބައެއް ޢިލްމުވެރިން ޚިލާފުވެ ވަޑައިގަތްކަމުގައި ވިއަސް މައްޔިތާގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުމީ ސުއްނަތެއް ކަމެކެވެ. ދީނުގެ އެހާރާއި މިހާރުގެ ގިނަ ދަންނަބޭކަލުންގެ ރައުޔަކީ މިއީއެވެ. މިގޮތަށް ކަށުނަމާދު ކުރާނީ މައްޔިތާގައި ޢާއިލާގެ މީހުން ނުވަތަ ކަމާބެހޭ ފަރާތަކުން އެކަމަށް ބޭނުން ވީމައެވެ. (މުތަރްޖިމް)

(4) ކީރިތި ރަސޫލާއަށް ލިބިވަޑައިގަތް މުޢުޖިޒާތް: 

މިޙަދީޘުން ސާބިތުވާ އަނެއް ކަމަކީ ކީރިތި ރަސޫލާއަށް މިކަމުގައި ލިބިވަޑައިގަތް މުޢުޖިޒާތެވެ. އެއީ ނަޖާޝީ އަވަހާރަ ވުމާއެކު ވަގުތުން، މާތް ﷲ އިތުރު އެކަލޭގެފާނަށް އެކަން އެންގެވުމެވެ.

(5) ކަށު ނަމާދަށް އިޢުލާން ކުރުން:

މިޙަދީޘުން ސާބިތުވާ އަނެއް ކަމަކީ ކަށު ނަމާދަށް އިޢުލާން ކުރުމަކީ ސުއްނަތެއް ކަމެވެ. މިގޮތުން ޖާހިލިއްޔަ ޒަމާނުގައި އޮތްގޮތަށް ރޮއި ހިތާމަކުރުމަށް ގޮވާލައި އިޢުލާންކޮށްގެން ނުވާނެއެވެ. މީގެ ބޭނުމަކީ ހަމައެކަނި ކަށުކަމާކެމީގައި ބައިވެރިވުމަށާއި ނަމާދު ކުރުމަށް ގޮވުމެވެ. މިޒަމާނުގައި މީޑިޔާއިން ގޮވާ ގޮވުމަކީ މިކަމުގައި އޮތް އެންމެ މޮޅުގޮތެވެ

(6) މިސްކިތުގައި ކަށު ނަމާދު ކުރުން:

މިޙަދީޘުން ސާބިތުވާ އަނެއް ކަމެއް ކަމަށް އިމާމު އަބޫ ޙަނީފާ ވިދާޅުވަނީ ކަށު ނަމާދު ކުރުން އޮންނަނީ ޢީދު ގާހުގައި ކަމެވެ. އެކަލޭގެފާނު ވިދާޅުވެފައިވަނީ އެއްގޮތަކަށްވެސް ކަށުނަމާދު މިސްކިތުގައި ކޮށްގެންނުވާނެކަމަށެވެ. އަހަރެމެންނާއި ޖުމްހޫރު ދަންނަބޭކަލުންގެ މަޛްހަބަކީ މިސްކިތުގައިވެސް ކަށު ނަމާދު ކުރުން ހުއްދަ ވެގެންވާ ކަމަށެވެ. އަހަރެމެންގެ ދަލީލަކީ ސަހްލު އިބްނު ބައިޟާގެ ޙަދީޘެވެ. އެކަލޭގެފާނު އަވަހާރަވެގެން رَسُولُ اللَّهِ j އެކަލޭގެފާނުންގެ މައްޗަށް ކަށުނަމާދު ކުރެއްވީ މިސްކިތުގައެވެ. މިވާހަކަ މުސްތަޤިއްލު ބާބަކަށް އިމާމު މުސްލިމު ގެންނަވާފައި ވެއެވެ. އަދި ނަޖާޝީއަށާއި އެނޫން ބޭކަލުންނަށް ކީރިތި ރަސޫލާ ޢީދު ގާހުގައި ނަމާދު ކުރަށްވާފައިވަނީ ނަމާދަށް އައި މީހުން ގިނަކަމާ ހުރެއެވެ.

(7) ކަށު ނަމާދުގައި ހަތަރު ތަކްބީރު:

މިޙަދީޘުން ސާބިތުވާ އަނެއް ކަމަކީ ކަށު ނަމާދުގައި އޮންނަނީ ހަތަރު ތަކްބީރު ކަމެވެ. މިޙަދީޘުގައި ވަރަށް ސާފުކޮށް އެކަލޭގެފާނު ވިދާޅުވީ ހަތަރު ތަކްބީރުކަމުގައި އައިސްފައި ވެއެވެ. އަދި އިބްނު ޢައްބާސްގެ ރިވާޔަތުގައިވެސް ވަނީ އިތުރު އެކަލޭގެފާނު ހަތަރު ތަކްބީރު ވިދާޅުވި ކަމަށެވެ. ނަމަވެސް ޒައިދު އިބްނު އަރްޤަމްގެ ރިވާޔަތުގައި އަންނަނީ ފަސް ތަކްބީރު ވިދާޅުވި ކަމަށެވެ. އިމާމު ޤާޟީ ޢިޔާޟު ވިދާޅުވެފައި ވެއެވެ. މިމައްސަލާގައި ޙަދީޘުތަކަށް ބަލާއިރު ތަފާތު ރިވާޔަތްތައް އައިސްފައި ވެއެވެ. މިގޮތުން އިބްނު އަބީ ޚައިޘަމާގެ ރިވާޔަތުގައި އަންނަނީ رَسُولُ اللَّهِ j ހަތަރު ތަކްބީރާއި ފަސް ތަކްބީރާއި ހަ ތަކްބީރާއި ހަތް ތަކްބީރާއި އަށް ތަކްބީރާއި މިގޮތަށް ތަކްބީރު ވިދާޅުވާ ކަމަށާއި ނަޖާޝީ އަވަހާރަވުމަށް ފަހު ދެން ވިދާޅުވަނީ ހަތަރު ތަކްބީރު ކަމަށެވެ. އަދި އިތުރު އެކަލޭގެފާނު ސުވަރުގެ ވަޑައިގަންނަވަންދެން ވެސް ޢަމަލު ކުރެއްވީ ހަތަރު ތަކްބީރަށް ކަމަށެވެ. މިގޮތުން އަޞްޙާބު ބޭކަލުންގެ މެދުގައި ވަނީ މިމައްސަލާގައި ޚިލާފު އުފެދިފައެވެ. އެބޭކަލުންގެ މެދުގައި ތިން ތަކްބީރުން ފެށިގެން ނުވަ ތަކްބީރާއި ދެމެދުގެ ޢަދަދަށް ޢަމަލުކުރަށްވާ ބޭކަލުން ތިއްބެވިއެވެ. މާތް ﷲ ރުއްސުންލެއްވި ޢަލީގެފާނުންގެ ކިބައިން ރިވާވެގެން ވަނީ އެކަލޭގެފާނު ބަދުރުގެ އަހުލުވެރިންގެ މައްޗަށް ހަ ތަކްބީރު ވިދާޅުވާ ކަމަށެވެ. އަދި އެހެން އަޞްޙާބު ބޭކަލުންގެ މައްޗަށް ފަސް ތަކްބީރު ވިދާޅުވާ ކަމަށެވެ. އެނޫން ބޭކަލުންގެ މައްޗަށް ހަތަރު ތަކްބީރެވެ. އިމާމު އިބްނު ޢަބްދުލް ބައްރު ވިދާޅުވެފައި ވަނީ ޢަލީގެފާނަށް ފަހުގައި އުއްމަތް ވަނީ ހަތަރު ތަކްބީރުގެ މައްޗަށް އިޖްމާވެފައި ކަމަށެވެ. އަދި މިއީ އެންމެހައި ފިޤުހުވެރިންނާއި އެންމެހައި ޒަމާންތަކެއްގެ މުފްތީންގެ ފަތުވާއެވެ. އެއީ ޞައްޙަ ޙަދީޘުން އެކަން އެގޮތަށް ސާބިތުވާތީއެވެ. އެނޫން ޢަދަދުތަކަކީ އެބޭކަލުން ވިދާޅުވާގޮތުން ޝާޛު ޢަދަދުތަކެވެ. އެއަށް ތިމަންމެން ސަމާލުކަން ދީގެން ނުވާނެ ކަމަށެވެ. ތިމަންމެންގެ މިޒަމާނުގައި އިމާމު އިބްނު އަބީ ލައިލާ ފިޔަވައި ފަސް ތަކްބީރަށް ތާއީދު ކުރަށްވާ ބޭކަލަކު އުޅުއްވާ ކަމަކަށް ނުވެއެވެ. ބައެއް ޢިލްމުވެރިން ވިދާޅުވަނީ ނަޖާޝީގެ ޙަދީޘުންވަނީ ހަތަރު ތަކްބީރަށް ވުރެން އިތުރަށް ތަކްބީރު ކިއުން މަންސޫޚު ވެފައި ކަމަށެވެ.

(8) ކަށު ނަމާދުގައި ސަލާމް ދިނުން:

ކަށު ނަމާދުގެ އަނެއް މައްސަލައަކީ ކަށު ނަމާދުގައި ސަލާމް ދިނުމެވެ. އިމާމު މުސްލިމު ގެންނެވި ރިވާޔަތްތަކުގައި ސަލާމުގެ ވާހަކަ ގެނެވިފައި ނުވެއެވެ. ނަމަވެސް އިމާމު ދާރު ޤުޠްނީ ޞައްޙަ ސަނަދުން ގެންނަވާފައިވަނީ އިތުރު އެކަލޭގެފާނު ސަލާމް ދެއްވި ކަމަށެވެ. ދީނުގެ ޢިލްމުވެރިން ވަނީ ސަލާމް ދިނުމަކީ ކަށު ނަމާދުގައި އޮންނަ ކަމެއް ކަމުގައި އިޖްމާ ވެވަޑައިގެންފައެވެ. އެހެނަސް ސަލާމް ދިނުގައި އޮންނަނީ ދެ ސަލާމްތޯ ނުވަތަ އެއް ސަލާމްތޯ އެކަމާމެދު އެބޭކަލުން ދެބަސްވެ ވަޑައިގަންނަވައެވެ. ޖުމްހޫރު ދަންނަބޭކަލުން ވިދާޅުވަނީ އޮންނަނީ އެއްސަލާމް ކަމަށެވެ. އިމާމު ޘައުރީއާއި އަބޫ ޙަނީފާއާއި ޝާފިޢީއާއި އެނޫނަސް ސަލަފުއްޞާލިޙުންގެ ޖަމާޢަތެއްގެ ބޭކަލުން ވިދާޅުވަނީ އެހެން ނަމާދުތަކުގައިވެސް ދެ ސަލާމް ދޭފަދައިން ކަށު ނަމާދުގައިވެސް ދޭނީ ދެ ސަލާމް ކަމަށެވެ. ޙަދީޘުތަކަށް ބަލާއިރު ކީރިތި ރަސޫލާ ސަލާމް ދެއްވިކަން އެނގެއެވެ. ނަމަވެސް އިތުރު އެކަލޭގެފާނު ދެއްވާފައިވަނީ އެއް ސަލާމްކަމެއް ނުވަތަ ދެ ސަލާމް ކަމެއް ޞަރީޙަ ބަސްފުޅަކުން އައިސްފައި ނުވެއެވެ. ޤިޔާސް ކުރެވޭއިރު ބުރަވެވެނީ ދެ ސަލާމަށެވެ. އެއީ އެންމެހައި ނަމާދުގައި ވެސް ދެ ސަލާމް އޮންނައިރު ސީދާ ޞަރީޙު ދަލީލެއް ނެތި އެހެން ގޮތަކަށް ބުރަނުވެވޭނަ ކަމަށްޓަކައެވެ.

(8) ސަލާމް ދިނުމުގައި އަޑު އުފުލުމާއި ނޫފުލުން:

އަނެއް މައްސަލައަކީ ސަލާމް ދޭއިރު އިމާމު މީހާ ސަލާމް ދޭނީ ބާރަށްތޯ ނުވަތަ ސިއްރުންތޯއެވެ. އިމާމު އަބޫ ޙަނީފާއާއި ޝާފިޢީއާއި ދެބޭކަލުން ވިދާޅުވަނީ އެހެން ހުރިހާ ނަމާދުތަކެކޭވެސް އެއްފަދައިން މިނަމާދުގައިވެސް ސަލާމް ދޭނީ ބާރަށް ކަމަށެވެ. އަނެއްބައި ބޭކަލުން ވިދާޅުވަނީ ސިއްރުން ކަމަށެވެ. އިމާމު މާލިކާއި އަޙްމަތުގެ އަރިހުން ދެގޮތަށް ދެ ބަސްފުޅު އައިސްފައި ވެއެވެ.

(9) ތަކްބީރު ކިއުމުގައި ދެއަތް އުފުލުން: 

އަނެއް މައްސަލައަކީ ތަކްބީރު ކިޔާއިރު ދެއަތް އުފުލާނެތޯ ނުވަތަ ނޫންތޯއެވެ؟ އިމާމު ޝާފިޢީގެ މަޛްހަބަކީ ހުރިހާ ތަކްބީރެއްގައި ދެއަތް ދެކޮނޑާ ހަމައަށް އުފުލުން އޮންނަ ކަމަށެވެ. އިމާމު އިބްނު މުންޛަރު ވިދާޅުވަނީ މިއީ ޢަބްދު ﷲ އިބްނު ޢުމަރާއި ޢުމަރު އިބްނު ޢަބްދުލް ޢަޒީޒާއި ޢަޠާއާއި ސާލިމާއި ޤައިސާއި ޒުހުރީއާއި އައުޒާޢީއާއި އަޙްމަދާއި އިސްޙާޤުގެ މަޛްހަބު ކަމަށެވެ. އަދި އިބްނު މުންޛަރުވެސް ބުރަވެ ވަޑައިގަންނަވަނީ މިގޮތަށް ޢަމަލު ކުރުން އައުލާ ކަމަށެވެ. ނަމަވެސް އިމާމު ޘައުރީއާއި އަބޫ ޙަނީފާއާއި އަޞްޙާބުއްރައުޔު ވިދާޅުވަނީ ހަށަންބަން ތަކްބީރު ފިޔަވައި އެހެން ތަކްބީރެއްގައި އަތް އުފުލުން ނޯންނަ ކަމަށެވެ. މިއީ ޢާއްމު ނަމާދުތަކުގައިވެސް މިމައްސަލާގައި އެބޭކަލުން ދެކެވަޑައިގަންނަވާ ގޮތެވެ. އިމާމު މާލިކުގެ އަރިހުން ތިން ބަސްފުޅެއް އައިސްފައި ވެއެވެ. އެއްބަސްފުޅު އަންނަނީ ޝާފިޢީއާ އެއްގޮތަށެވެ. އަނެއް ބަސްފުޅު އަންނަނީ ޙަނަފީއާ އެއްގޮތަށެވެ. އަނެއް ބަސްފުޅަކީ އެއްވެސް ޙާލަތެއްގައި އަތް ނޫފުލުމަށެވެ.

(10) ކަށު  ނަމާދަކީ ކިފާޔަތުގެ ފަރުޟެކެވެ.  

މިބާބުގެ 1583 އާއި 1584 ވަނަ ޙަދީޘާއި އެނޫން ޙަދީޘުތަކުގައި ކީރިތި ރަސޫލާގެ އަރިހުން އަމުރުފުޅު އައިސްފައިވާތީ، އިމާމު ނަވަވީ ވިދާޅުވެފައިވަނީ، މިޙަދީޘުތަކުން ކަށު ނަމާދަކީ ފަރުޟެއްކަމާއި އެއީ ކިފާޔަތުގެ ފަރުޟެއްކަން ސާބިތުވާ ކަމަށެވެ.

(11) އަންހެނުން ކަށު ނަމާދު ކުރުން:

ދީނުގެ އެންމެހައި ޢިލްމުވެރިން އެއްބަސްވެ ވަޑައިގަންނަވާ ގޮތުން ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންނަށް ވެސް ކަށުނަމާދު ކުރުން އޮވެއެވެ. އެހެންކަމުން އެއްވެސް ޚިލާފުވުމެއްނެތި ކީރިތި ރަސޫލާގެ ފަހަތްޕުޅުގައްޔާއި ހަތަރު ޚަލީފާގެ ފަހަތްޕުޅުގައި އަންހެނުންވަނީ ކަށުނަމާދު ކޮށްފައެވެ. އަދި އިމާމު މުސްލިމު ރިވާކުރަށްވާ ގޮތުގައި މާތް ﷲ ރުއްސުންލެއްވި ސަޢުދު އިބްނި އަބީ ވައްޤާޞް އަވަހާރަވުމުން އެކަލޭގެފާނު ކަށުނަމާދުގެ މައްޗަށް ކަށު ނަމާދު ކޮށްގެން ބަޤީޢަށް ގެންދަނިކޮށް ސިއްތުނާ ޢާއިޝާއާއި ކީރިތި ރަސޫލާގެ އެނޫން އަނބިއަނބިކަނބަލުންގެ އެދުންފުޅަށް މަސްޖިދުއްނަބަވީއަށްގެންދަވައިގެން އެކަނބަލުން އެކަލޭގެފާނުންގެ މައްޗަށް ކަށުނަމާދު ކުރެއްވިއެވެ.

(12) ޖަނާޒާގެ ފަހަތުން އަންހެނުން ދިއުން:

(ހ) އިމާމު ނަވަވީ ވިދާޅުވެފައި ވެއެވެ. މިޙަދީޘުގައި މިއޮތް ބަސްފުޅުގެ މުރާދަކީ މައްޔިތާ ގެންދެވޭއިރު އޭނާއާއެކު އަންހެނުން ދިއުމީ رَسُولُ اللَّهِ j މަކްރޫހަ ކުރަށްވާފައިވާ ކަމެއް ކަމަށެވެ. އަދި މިތާ މަނާވެވިގެން ވަނީ މަކްރޫހަ ތަންޒީހީއެއްގެ ގޮތުގައި ކަމަށެވެ. ކަނޑައެޅިގެން އެއީ ޙަރާމް ކަމެއް ނޫނެވެ. އަދި މަކްރޫހަ ތަޙްރީމީ އެއްވެސް ނޫނެވެ. އެއަށްފަހު ނަވަވީ ވިދާޅުވެފައި ވެއެވެ. މިޙަދީޘުގެ އަލީގައި، އަހަރެމެންގެ މަޛްހަބުގައި މިކަން ވަނީ މަކްރޫހަ ވެގެންނެވެ. ޙަރާމް ކަމެއްގެ ގޮތުގައެއް ނޫނެވެ. ޤާޟީ ޢިޔާޟު ވިދާޅުވެފައި ވެއެވެ. ޖުމްހޫރު ދަންނަބޭކަލުން މިގޮތަށް މިކަން މަކްރޫހަ ކަމެއްގެ ގޮތުގައި މަނާ ކުރަށްވައެވެ. ނަމަވެސް މަދީނާގެ ޢިލްމުވެރިން ވަނީ އެއީ ހުއްދަ ކަމެއްކަމަށް ވިދާޅުވެފައެވެ. އިމާމު މާލިކުވެސް އެކަން ހުއްދަ ކުރަށްވައެވެ. އަދި އެކަލޭގެފާނު ވިދާޅުވެފައިވާ ގޮތުން، މީހުންނާ ނުއިނދެ ތިބޭ ޒުވާން އަންހެން ކުދިންނަށް މަކްރޫހަ ވެގެން ވެއެވެ. (ނަވަވީ)

(ށ) ޞަޙީޙު ބުޚާރީގެ 1199 ވަނަ ޙަދީޘުގެ ދަށުގައި އިމާމު އިބްނު ޙަޖަރު ލިއުއްވާފައި ވެއެވެ. މިޙަދީޘުން ދޭހަވާ މާނައަކީ ޙަރާމް ކަމެއްނެތި ތިމަންމެން އަންހެނުން ޖަނާޒާގެ ފަހަތުން ދިއުން އިތުރު އެކަލޭގެފާނު މަކްރޫހަ ކުރަށްވާ ކަމަށެވެ. އެއަށްފަހު ވިދާޅުވެފައި ވަނީ، އިމާމު ޤުރްޠުބީ ވިދާޅުވެފައިވާ ގޮތުން، މިނަހީއަކީ ނަހީ ތަންޒީހީއެއް ކަމަށެވެ. ޖުމްހޫރު ދަންނަބޭކަލުންގެ ރައުޔަކީ މިއީއެވެ. އެހެނަސް އިމާމު މަލިކާއި މަދީނާގެ ޢިލްމުވެރިން ބުރަވެ ވަޑައިގަންނަވަނީ އެއީ މަކްރޫހަ ކަމެއްނެތް ހުއްދަ ކަމެއް ކަމަށެވެ. މިބޭކަލުން އެކަމުގެ ހެއްކަކަށް ގެންނަވަނީ އަބޫ ހުރައިރާގެ ކިބައިން އިމާމު އިބްނު އަބީ ޝައިބާ ނެރުއްވާފައިވާ ޙަދީޘެވެ. މިޙަދީޘު އިމާމު އިބްނު މާޖާއާއި ނަސާއީވެސް ނެރުއްވާފައި ވެއެވެ. މިޙަދީޘުގެ އެންމެހައި ރާވިންނަކީ (އިތުބާރު ހުރި) ޘިޤާ ރާވީންނެވެ. އޭގައިވަނީ، ޖަނާޒާއެއް ގެންދެވެނިކޮށް ފަހަތުން ދިޔަ އަންހެނަކު ރޯއަޑު އިވިވަޑައިގެން، ޢުމަރުގެފާނަށް ފެނިވަޑައިގެން އޭނާ ދިއުން މަނާކުރަށްވަން އުޅުއްވުމުން އިތުރު އެކަލޭގެފާނު ޙަދީޘު ކުރެއްވިއެވެ. ]دَعْهَا يَا عُمَر[ މާނައީ: އޭ ޢުމަރުއެވެ! އެކަނބުލޭގެއާ އަޅާނުލައްވާ ދޫކޮށްލައްވާށެވެ. މިއެވެ.

(ނ) އަޅުގަނޑު ދެކޭ ގޮތުގައި މިގޮތަށް ޖަނާޒާގެ ފަހަތުން އަންހެނުން ދިއުން މަކްރޫހަ ކަމެއް ކަމުގައި ކީރިތި ރަސޫލާ އިރްޝާދު ދެއްވާފައިވަނީ އެކަނބަލުންނަށް އެކަމަށް ކެތްނުކުރެވިގެން އަޑުލައި ރޮއެފާނެތީއާއި އެއީ ޝަރީޢަތުގައި މަނާވެގެންވާ ކަމަކަށް ވާތީއެވެ. ކޮންމެހެން ޖަނާޒާގެ ފަހަތުން އަންހެނުން ދިއުން މަނާވެގެން ވަނީއެއް ނޫނެވެ. އެހެންކަމުން އެގޮތަށް ނުރޯނެކަމަށް ތިމާގެ ނަފްސަށް އިތުބާރު ހިފޭ އަންހެނަކުނަމަ، އެފަދަ އަންހެނާއަށް ޖަނާޒާގެ ފަހަތުން ދިއުމީ ޝަރުޢީ އެއްވެސް ހަމައަކުން މަކްރޫހަ ވާނޭ ކަމެއް ނޫނެވެ. އިމާމު މާލިކާއި މަދީނާގެ ޢިލްމުވެރިން އެކަން ހުއްދަ ކުރަށްވަނީވެސް މިސަބަބާ ހުރެއެވެ. އެހެނަސް މައްޔިތާގެ ފަހަތުން ދަމުން ރޯން ފަށައިފިނަމަ އޭނާއަށް، އެރުއިން ޙަރާމް ވެފައި، ދިއުން މަކްރޫހަ ވެގެންވާނެއެވެ. މިޙާލަތުގައިވެސް ހުއްދަވެގެންވާކަން އިބްނު ޙަޖަރު ގެންނެވި ޙަދީޘުން ސާބިތުވެއެވެ.

(13) އަންހެނުން ޤަބުރުސްތާނަށް ޒިޔާރަތް ކުރުން:

މިތާގައި ސާބިތުވާ އަނެއް ކަމަކީ އަންހެނާ ޤަބުރުސްތާނަށް ދިއުމުގެ މައްސަލައެވެ. މިއީވެސް ދަންނަބޭކަލުންގެ މެދުގައި ޚިލާފު އުފެދިފައިވާ މައްސަލައެކެވެ. އިމާމު ނަވަވީ ވިދާޅުވެފައި ވަނީ މިމައްސަލާގައި ޢިލްމުވެރިންގެ މެދުގައި ތިން ބަސްފުޅެއް އޮތް ކަމަށެވެ. އެއް ބަސްފުޅަކީ އެއީ ޙަރާމް ކަމެއް ކަމެވެ. ދެވަނަ ބަސްފުޅަކީ މަކްރޫހަ ކަމެއް ކަމެވެ. އަނެއް ބަސްފުޅަކީ ހުއްދަ ކަމެއް ކަމެވެ.

ޙަރާމް ކަމެއް ކަމުގައި ވިދާޅުވާ ބޭކަލުން، ދަލީލެއްގެ ގޮތުގައި ގެންނަވަނީ އިމާމު ތިރްމިޛީއާއި އިބްނު މާޖާ ނެރުއްވާފައިވާ މިޙަދީޘެވެ. ]لَعَنَ زَوَّارَاتِ الْقُبُورِ[ އޭގައިވަނީ ޤަބުރުސްތާނަށް ޒިޔާރަތް ކުރާ އަންހެނުންނަށް رَسُولُ اللَّهِ j ލަޢުނަތުގެ ދުޢާ ވިދާޅުވި ކަމަށެވެ.

އަދި މިއީ ހުއްދަ ކަމެއްކަމަށް ވިދާޅުވާ ބޭކަލުން ވިދާޅުވަނީ މިޙަދީޘަކީ ކުރީގެ ޙަދީޘެއް ކަމަށާއި އިސްލާމް ދީނުގެ ކުރީކޮޅުގައި އަންހެނުންނަށާއި ފިރިހެނުންނަށް ވެސް މަހާނަތަކަށް ޒިޔާރަތް ކުރުން އޮތީ މަނާވެފައި ކަމަށެވެ. (ހ) އޭގެ ފަހުން رَسُولُ اللَّهِ j ޙަދީޘު ކުރަށްވާފައިވަނީ، ]كُنْتُ نَهَيْتُكُمْ عَنْ زِيَارَةِ الْقُبُورِ فَزُورُهَا[ ތިމަން ކަލޭގެފާނު އޮތީ ތިޔަބައިމީހުންނަށް ޤަބުރަށް ޒިޔާރަތް ކޮށްއުޅުން މަނާ ކުރަށްވާފައެވެ. ދެން މިއަދުން ފެށިގެން ތިޔަބައިމީހުން އެތަންތަނަށް ޒިޔާރަތް ކުރާށެވެ. މިއެވެ. އަދިވެސް މިބޭކަލުން ވިދާޅުވެފައި ވެއެވެ. ކީރިތި ރަސޫލާގެ އަރިހުން އައިސްފައި އޮތް މިނަހީއަކީ އެންމެންނަށް ކުރެއްވެވުނު ޢާއްމު ނަހީއެކެވެ. ހުއްދަ ކުރެވުނީވެސް އެންމެންނަށެވެ. އަންހެނުން އިސްތިސްނާ ވެފައިވާ ކަމުގެ އެއްވެސް ދަލީލެއް ފެންނާކަށް ނެތެވެ. އެއާ ޚިލާފަށް ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންނަށް ވެސް ޤަބުރުސްތާނަށް ޒިޔާރަތް ކުރުން ހުއްދަވާ ކަމުގެ ދަލީލުތައް  ފެންނާން އެބަހުއްޓެވެ. (ށ) މިގޮތުން އެއް ދަލީލަކީ މިފޮތުގެ 1535 ވަނަ ޙަދީޘަކަށް އިމާމު މުސްލިމު ގެންނެވި ޙަދީޘެވެ. އޭގައި ވަނީ ތިމާގެ ދަރިފުޅު މަރުވެގެން މަހާނަ ދޮށުގައި ރޯން އިން އަންހެނަކާ ކީރިތި ރަސޫލާއާ ބައްދަލުވެ ވަޑައިގަތް ވާހަކައާއި އިތުރު އެކަލޭގެފާނު އޭނާއަށް ރުއިން މަނާކުރެއްވި ވާހަކައެވެ. އެހިނދަކުންވެސް އަދި ފަހުންވެސް އިތުރު އެކަލޭގެފާނު އެއަންހެނާއަށް މަހާނަދޮށަށް ދިއުން މަނާކުރަށްވާފައި ނުވެއެވެ. އަދި އެހެން އަންނުންތަކަކަށް ވެސް އެކަން މަނާކުރަށްވާފައެއް ނުވެއެވެ. (ނ) އަނެއް ދަލީލަކީ މިފޮތުގެ 1618 އާއި 1619 އާއި 1625 ވަނަ ޙަދީޘެވެ. މީގައި ވަރަށް ސާފުކޮށް ޙަޟުރަތު ޢާއިޝާ ކީރިތި ރަސޫލާގެ ފަހަތްޕުޅުން ޖައްނަތުލް ބަޤީޢަށް ޒިޔާރަތް ކުރެއްވި ކަމާއި، އޭގެފަހުން އެކަމަނާއަށް ޤަބުރުސްތާނަށް ވަޑައިގެން ކިއުއްވާނެ ދުޢާފުޅެއް ކީރިތި ރަސޫލާ ދަސްކޮށް ދެއްވާފައި އެބައޮތް ވާހަކަ މިޙަދީޘުކުގައި އައިސްފައި ވެއެވެ. އަދި އިތުރު އެކަލޭގެފާނު މިފަދައިން ޙަދީޘު ކުރަށްވާފައި ވެެއެވެ. ]قَالَتْ كَيْفَ أَقُولُ يَا رَسُولَ اللَّهِ تَعْنِي إِذَا زَارَتْ الْقُبُورَ قَالَ قُولِي السَّلاَمُ عَلَى أَهْلِ الدِّيَارِ مِنَ الْمُؤْمِنِينَ وَالْمُسْلِمِينَ[ މާނައީ: އޭ ﷲގެ ރަސޫލާއެވެ! ތިމަން ޤަބުރުސްތާނަށް ޒިޔާރަށް ކުރާހިނދު ކިޔާނީ ކީކޭތޯއެވެ؟ އެހިނދު އިތުރު އެކަލޭގެފާނު ޙަދީޘު ކުރެއްވިއެވެ. ކަމަނާ މިފަދައިން ދުޢާ ވިދާޅުވާށެވެ. މިއެވެ.

އެހެންކަމުން ލަޢުނަތް ލެއްވިގެންވާ ކަމަށް އައިސްފައި މިއޮތް ޙަދީޘު، ބައެއް ބޭކަލުން މަންސޫޚު ކަމަށް ވިދާޅުވާއިރު އަނެއްބައި ބޭކަލުން އެޙަދީޘު ޚާއްޞަ ކުރަށްވަނީއެވެ. އިމާމު ތިރްމިޛީ ވިދާޅުވެފައިވަނީ ]فَلَمَّا رَخَّصَ دَخَلَ فِي رُخْصَتِهِ الرِّجَالُ وَالنِّسَاءُ[ (ދެން މިގޮތަށް މަނާކުރެއްވުމަށްފަހު ހުއްދަ ކުރެއްވި ބޭކަލުން ހުއްދަ ކުރެއްވި އިރު ހުއްދަ ކުރެއްވީ ފިރިހެނުންނަށާއި އަންހެނުންނަށެވެ.) މިއެވެ. އެހެންކަމުން، ލަޢުނަތް ލެއްވުމުގެ މާނަ ކުރަށްވަމުން، އިމާމު މުއްލާ ޢަލީ ޤާރީ ވިދާޅުވި ކަމަށް ޝައިޚު މުބާރިކްޕޫރީ ވިދާޅުވެފައި ވަނީ، ލަޢުނަތް ލައްވާފައިވާ ކަމަށް އެކަލޭގެފާނަށް ހީފުޅުވަނީ، ގިނައިން ޒިޔާތް ކުރުމުން ކަމަށެވެ. އިމާމު ޤުރްޠުބީ ވިދާޅުވެފައި ވަނީ މިލަޢުނަތަކީ މާގިނައިން ޒިޔާރަތް ކޮށްއުޅޭ އަންހެނުންނަށް ކުރެވުނު ލަޢުނަތެއް ކަމަށެވެ. އެއީ ޙަދީޘުގައި އޮތް ލަފުޒުގައިވެސް ]زَوَّارَاتِ[ މިގޮތަށް އޮތުމުންނެވެ. އެއީ އެކަނބަލުން ތިމާމެންގެ ފިރިންގެ ޙައްޤުތައް ނަގާލައިގެން އެފަދަ ތަންތަނަށް ޒިޔާރަތް ކޮށް، އަޑުލައި ރޮއި، ސެންޓުފަދަ އެއްޗެހި ލައިގެން އުޅެ ފިރިހެނުންނާ މަސްހުނިވެ އުޅެފާނެތީ އެކަންކަން ކޮށްއުޅުމަށް މަނާ ކުރެއްވީއެވެ. އެހެންކަމުން މިކަންކަމުން ދުރުހެލިވެހުރެ އަންހެނާ ޤަބުރުސްތާނަށް ޒިޔާރަތް ކުރުމަކީ މަކްރޫހަ ކަމެއްނެތި ހުއްދަވެގެންވާ ކަމެކެވެ. އަދިވެސް އިމާމު ޤުރްޠުބީ ވިދާޅުވެފައި ވެއެވެ. ޤަބުރުސްތާނަށް ޒިޔާރަތް ކުރުމަކީ މަރުހަނދާން ކުރުމަށާއި ތިމާ އިޞްލާޙުވުމަށް ކުރެވޭ ކަމެއް ކަމުގައިވީހިނދު، އެކަން އެގޮތަށް ކުރުން ފިރިހެނާ ފަދައިން އަންހެނާއަށް ވެސް ބޭނުންވާނެއެވެ. މިއެވެ.

އެއަށްފަހު ޝައިޚު މުބާރަކްޕޫރީ، ޢައްލާމާ ޝައުކާނީގެ ބަސްފުޅު މިފަދައިން ނަގުލު ކުރަށްވާފައި ވެއެވެ. ޝައިޚު ޝައުކާނީ ނައިލުލްއައުޠާރްގައި ވިދާޅުވެފައި ވެއެވެ. މިގޮތަށް މިޙަދީޘުތައް ޖަމާކޮށްގެން އަންހެނުންނަށް ޝަރުޠުތަކަކާއެކު ޒިޔާރަތް ކުރުމީ ހުއްދަކަމެއް ކަމަށް ބުނުމީ، ދަންނަބޭކަލުންގެ ބަސްފުޅުތަކުގެ ތެރެއިން އެންމެ އިތުބާރު ހިފޭ ބޭކަލުންގެ ބަސްފުޅެވެ. އަދި އެންމެ ޙައްޤު ބަސްފުޅެވެ.

(14) މަތީގައި ބަޔާންވެދިޔަ ދެ މައްސަލައިގެ ޚުލާޞާ:

މައްސަލައިގެ ޚުލާޞާއެއްގެ ގޮތުން އަޅުގަނޑު ބުނާނީ ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންވެސް ރުއިމަކާ ނުލައި މައްޔިތާ ގެންދެވޭއިރު އޭނާގެ ޖަނާޒާގެ ފަހަތުން ދިއުމީ ހުއްދަވެގެންވާ ކަމެއް ކަމަށެވެ. ހަމައެހެންމެ ފިރިހެނުންނަށް ޤަބުރުސްތާނަށް ޒިޔާރަތްކުރުން މުސްތަޙައްބުވެގެންވާ ފަދައިން އަންހެނުންނަށްވެސް ރައްކައުތެރިކަމާއެކު ޤަބުރުސްތާނަށް ޒިޔާރަތް ކޮށްއުޅުމީ މުސްތަޙައްބުވެގެންވާ ކަމެއްކަމަށެވެ. ނަމަވެސް ދަންނަބޭކަލުންގެ ޚިލާފުން ބޭރުވުމުގެގޮތުން، މާގިނަގިނައިން އަންހެނާ މިގޮތަށް ޒިޔާރަތް ނުކުރުމަށް ސަމާލުކަން ދޭންޖެހޭނެއެވެ. އަދި ޒިޔާރަތް ކުރާ އިރު އަޑުގަދަކޮށް ރުއިމާއި ފިރިހެނުންނާއި މަސްހުނިވުމާއި ހުވަނދު ލައި ޒީނަތްތެރިވެގެން ދިއުމާއި މިފަދަ ކަންކަމުން ދުރުހެލިވުމަކީ އަންހެނާއަށް ވާޖިބުވެގެންވާ، އެކަންކަމުން އޭނާ ދުރުހެލިވާންޖެހޭ ކަންކަމެވެ. وَاللَّهُ تَعَالَى أَعْلَمُ .________________________________________

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment