000ﷲ ގެ ސިފަފުޅުތައް ބަޔާން ކޮށްދެއްވަމުން ކީރިތި ޤުރްއާނުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވައިފައި ވެއެވެ. “اللَّهއީ، އެކަލާނގެ ފިޔަވައި حقވެގެން އަޅުކަމެއް ވެވޭ إلهއަކުނުވާ ރަސްކަލާނގެއެވެ. ދިރިދެމިވޮޑިގެންވާ، دائمއަށް قائمވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. އަވަހާރަފުޅު އައުމެއް އަދި، އަވަހާރަފުޅު ލެއްޕެވުމެއްވެސް އެކަލާނގެއަކަށް ނުވެއެވެ. އުޑުތަކުގައި ވާހައި އެއްޗަކާއި، އަދި، ބިމުގައި ވާހައި އެއްޗެއް މިލްކުވެގެންވަނީ އެކަލާނގެއަށެވެ. އެކަލާނގެ إذنފުޅާ ނުލައި އެކަލާނގެ حضرةގައި شفاعة ތެރިވާނޭ މީހަކީ ކާކުހެއްޔެވެ؟ އެއުރެންގެ ކުރިން (އެބަހީ: خلقތަކުންގެ…
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

ﷲ ގެ ސިފަފުޅުތައް ބަޔާން ކޮށްދެއްވަމުން ކީރިތި ޤުރްއާނުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވައިފައި ވެއެވެ.

اللَّهއީ، އެކަލާނގެ ފިޔަވައި حقވެގެން އަޅުކަމެއް ވެވޭ إلهއަކުނުވާ ރަސްކަލާނގެއެވެ. ދިރިދެމިވޮޑިގެންވާ، دائمއަށް قائمވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. އަވަހާރަފުޅު އައުމެއް އަދި، އަވަހާރަފުޅު ލެއްޕެވުމެއްވެސް އެކަލާނގެއަކަށް ނުވެއެވެ. އުޑުތަކުގައި ވާހައި އެއްޗަކާއި، އަދި، ބިމުގައި ވާހައި އެއްޗެއް މިލްކުވެގެންވަނީ އެކަލާނގެއަށެވެ. އެކަލާނގެ إذنފުޅާ ނުލައި އެކަލާނގެ حضرةގައި شفاعة ތެރިވާނޭ މީހަކީ ކާކުހެއްޔެވެ؟ އެއުރެންގެ ކުރިން (އެބަހީ: خلقތަކުންގެ ކުރިން) އިސްވެގޮސްފައިވާހައި ކަމަކާއި، އެއުރެންގެ ފަހުން ވާނޭހައި ކަމެއްވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި، އެކަލާނގެ علمފުޅުގެ ތެރެއިން އެކަލާނގެ އިރާދަކުރެއްވިކަމެއް ފިޔަވައި، އެއްވެސް އެއްޗެއް އެއުރެންނަކަށް އެނގިގެނެއް ނުވެއެވެ. އެކަލާނގެ كرسى، އުޑުތަކާއި، ބިމުގެ އެންމެހައި ކަންކޮޅުތަކަށް ތަނަވަސް ވެގެންވެއެވެ. އެ އުޑުތަކާއި، ބިން، ރައްކާތެރި ކުރައްވައި ހިފެހެއްޓެވުމަށް އެކަލާނގެ حضرةއަކަށް ކުޑަވެސް ބުރަކަމެއް ނުވެއެވެ. އަދި، އެކަލާނގެއީ، އެންމެ މަތިވެރި އެންމެ މާތް ރަސްކަލާނގެއެވެ.” (އަލްބަޤަރާ ސޫރަތުގެ 255 ވަނަ އާޔަތުގެ ތަރުޖަމާ)

اللَّهއީ، ހަތް އުޑު ހެއްދެވި ރަސްކަލާނގެއެވެ. އަދި ބިމުންވެސް އެފަދަމެއެވެ. (އެބަހީ: އެކަލާނގެ ހަތް ބިން ހެއްދެވިއެވެ.) އެތަންތާނގައި އެކަލާނގެ أمرފުޅު ހިނގަހިނގާ ހުރެތެވެ. ހަމަކަށަވަރުން اللَّهއީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެކަމާއި، ހަމަކަށަވަރުން، اللَّهގެ علمފުޅު، ހުރިހާ އެއްޗެއްގެ ވަށައިގެންވާކަން ތިޔަބައިމީހުންނަށް އެނގުމަށްޓަކައެވެ.” (އައްޠަލާޤް ސޫރަތުގެ 12 ވަނަ އާޔަތް)

މި އާޔަތްތައް މިހެން ފެންނާން ހުރުމާއެކުވެސް ބައެއް މީހުންނަކަށް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ފެށުމެއް، ނިމުމެއް ނެތް މަތިވެރިވަންތަކަމާއި، ބާރުވެރިވަންތަކަން ފުރިހަމައަށް ފަހުމު ކުރެވިފައެއް ނޯވެއެވެ. ވުމާއެކު މި އާޔަތްތަކުގައި ބަޔާން ވެގެންވާ ފަދަ ގޮތަކަށް ﷲ އާ މެދު ވިސްނާކަށްވެސް ނޭނގެއެވެ. އެފަދަ މީސް މީހުން ތިބެނީ އެމީހުން އަމިއްލައަށް އުފައްދައިގެން އުޅޭ ޚުރާފާތުގެ ތެރޭގައި ހައްޔަރު ވެފައެވެ. އެމީހުން ދެކޭ ގޮތުގައި ﷲ އަކީ މާ މަތީގައި، މާ ދުރުގައި ވޮޑިގެންވާ ކަލެކެވެ. ދުނިޔޭގެ ކަންކަމާއި ބެހިބޮޑިގަތުމަކީ ނާދިރު ޙާލަތެއްގައި މެނުވީ ﷲ ކުރައްވާ ކަމެއް ނޫނެވެ. މިފަދަ މީސްމީހުންގެ ހަނި ވިސްނުމުގެ ވާހަކަ ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ އަލްޙައްޖް ސޫރަތުގެ 74 ވަނަ އާޔަތުގައި މި ފަދައިން ބަޔާން ކުރައްވައިފައެވެ. “اللَّهއަށް قدرކުރުން حقވެގެންވާ ގޮތުގައި، އެއުރެން އެކަލާނގެއަށް قدرއެއް ނުކުރެތެވެ. ހަމަކަށަވަރުން، اللَّهއީ، ބާރުވެރިވަންތަ، عزيزވަންތަ ރަސްކަލާނގެކަން ކަށަވަރެވެ.”

އީމާންކަމުގެ ޗޭނުގެ އެންމެ ފުރަތަމަ ބޮޅަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ބާރުވެރިވަންތަކަމުގެ ޙައްދެއް ނެތްކަން ފުރިހަމައަށް ދެނެގަތުމެވެ. ތިމާމެންގެ މެދުގައި ﷲ ވޮޑިގެންވާ ކަމަށް ފުރިހަމަ މުއުމިނުން އަބަދުވެސް ގަބޫލު ކުރާނެއެވެ. ޚުރާފާތާއި، ވަހުމުތަކުން އެބައިމީހުން ދުރުހެލިވާނެއެވެ. އެބައިމީހުން ބުނާނެއެވެ. ” އަދި ތިމަންމެންގެ ތެރެއިން جاهلކަންބޮޑު މީހާ، اللَّهއާމެދު حقން އެއްކިބާވެ، ހައްދުފަހަނަޅައިފައިވާ ބަސްބުނާކަމުގައިވިއެވެ.”

މުއުމިނުން ﷲ އަށް އީމާން ވާނީ ކީރިތި ޤުރްއާނުގައި އަންގަވައިފައިވާ ގޮތަށެވެ. މި ދުނިޔޭގައި ލައްވައިފައިވާ ހެކިތަކާއި، އާޚިރަތުގެ ހެކިތައް އެމީހުން ދިރާސާކޮށް ބަލާނެއެވެ. އެމީހުން ﷲ ގެ ކުޅަދުންވަންތަކަމާއި، ބާރުވެރިވަންތަކަން ދެނެގަންނާނީ އެ ހެކިތަކުގެ އަލީގައެވެ.

އެހެން ނަމަވެސް ﷲ އާ މެދު ފަރުވާ ކުޑަކޮށް، ﷲ ގެ ކުޅަދުންވަންތަކަމާއި، ބާރުވެރިވަންތަކަން ހަނދާން ނައްތައިލައި، ދުނިޔޭގައި އެކަލާނގެ ލައްވައިފައިވާ މަޚުލޫޤުންނަށް ސަމާލުކަން ދޭން ފަށައިފިނަމަ، ޚާއްޞަކޮށް މުޞީބާތުގެ ވަގުތުގައި، އެމީހުންގެ މައްޗަށް ނުފޫޒު ފޯރުވާން ފަށްޓާނީ ޚުރާފާތެވެ. މި ނުރައްކާތެރި ޙާލަތުގެ ވާހަކަ ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ އާލްޢިމްރާން ސޫރަތުގެ 154 ވަނަ އާޔަތުގައި މިފަދައިން ބަޔާން ކުރައްވައިފައެވެ. “ދެން، އެ ހިތާމަޔަށްފަހު ތިޔަބައިމީހުންގެ ތެރެއިން ބަޔަކަށްޖެހޭ މަޑު ނިންޖެއްގެ ގޮތުގައި، ތިޔަބައިމީހުންގެ މައްޗަށް އެކަލާނގެ އަމާންކަން ބާވައިލެއްވިއެވެ. އަނެއްބަޔަކަށް އެއުރެންގެ އަމިއްލަ نفسތަކުން ހިތާމަވެރިކަން ލިއްބައިފިކަން ކަށަވަރެވެ. اللَّهއާމެދު އެއުރެން حق ނޫންގޮތްތައް ހީކުރެތެވެ. (އެއީ) ޖާހިލީ ޒަމާނުގެ ހީކުރުމެވެ. އެއުރެން ބުނެތެވެ. ކަންތަކުގެ ތެރެއިން (އެބަހީ: نصرދެއްވުންފަދަ ކަންތަކުގެ ތެރެއިން) އެއްވެސްކަމެއް ތިމަންމެންނަށް ވޭތޯއެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ހުރިހާކަމެއްމެ މިލްކުވެގެންވަނީ اللَّهއަށެވެ. ކަލޭގެފާނަށް އެއުރެން ފާޅުނުކުރާ ކަންތައް، އެއުރެންގެ ހިތްތަކުގައި ވަންހަނާ ކުރެތެވެ.”

މުއުމިނަކު މިފަދަ ކަތި ފިޔަވަޅެއް އަޅާކަށް ބޭނުމެއް ނުވާނެއެވެ. އެހެންވީމާ އޭނާ އަބަދުވެސް މަސައްކަތް ކުރާނީ ޖާހިލިއްޔަތުގެ ތެރެއަށް ނުގޮސް ވޭތޯއެވެ. ޖާހިލިއްޔަ ޒަމާނުގެ ވިސްނުމުން ދުރުހެލި ވެވޭތޯއެވެ. އޭނާ އިސްލާމްދީން މަތީ ދެމި ހުންނާނީ ކީރިތި ޤުރްއާނުގައި އަންގަވައިފައިވާ ހަމަތަކުގެ މަތީގައި ސާބިތުވެ ހުރެގެންނެވެ. (ހާރޫން ޔަޙްޔާގެ ލިޔުއްވުމެއްގެ ތަރުޖަމާ)

About the author
Leave Comment