ފަޟީލަތުލް އުސްތާޛުއް ޝައިޚު މުޙައްމަދު ޖަމީލު ދީދީ (ރަޙިމަހުﷲ) ގެ މި ލިޔުން ނަކަލުކޮށްފައި މިވަނީ، 21 ސެޕްޓެންބަރު 1981 (ހޯމަ) ދުވަހުގެ ”ހަވީރު” ނޫހުންނެވެ. _____________________________________ އަޅުގަނޑުމެން ކުޑައިރު، އާދެ! ވަކިޢުމުރަކަށް ގޮސް ދުވަސްވެފައިވާ މީހުންގެ ވާހަކަ ގިނައިން ފެށޭނީ މިގޮތަށެވެ. ކުޑައިރުގެ ވާހަކައިންނެވެ. އެކަން، އެހެންވުމުގެ ސިއްރަކީ، ފަހެކޮބައިބާވައެވެ! އަޅުގަނޑަށް ވިސްނިފައި އޮންނަ ގޮތުގައި އެއީ، އިންސާނާގެ ކިބައިގައި ހުންނަ ގޮތެކެވެ. އުމުރުން ދުވަސްވެ މުސްކުޅި ވީމާ ވެސް އަލުން ކުއްޖަކަށް ވާހިތްވެއެވެ.…

 

ފަޟީލަތުލް އުސްތާޛުއް ޝައިޚު މުޙައްމަދު ޖަމީލު ދީދީ (ރަޙިމަހުﷲ) ގެ މި ލިޔުން ނަކަލުކޮށްފައި މިވަނީ، 21 ސެޕްޓެންބަރު 1981 (ހޯމަ) ދުވަހުގެ ”ހަވީރު” ނޫހުންނެވެ.

_____________________________________

އަޅުގަނޑުމެން ކުޑައިރު، އާދެ! ވަކިޢުމުރަކަށް ގޮސް ދުވަސްވެފައިވާ މީހުންގެ ވާހަކަ ގިނައިން ފެށޭނީ މިގޮތަށެވެ. ކުޑައިރުގެ ވާހަކައިންނެވެ. އެކަން، އެހެންވުމުގެ ސިއްރަކީ، ފަހެކޮބައިބާވައެވެ! އަޅުގަނޑަށް ވިސްނިފައި އޮންނަ ގޮތުގައި އެއީ، އިންސާނާގެ ކިބައިގައި ހުންނަ ގޮތެކެވެ. އުމުރުން ދުވަސްވެ މުސްކުޅި ވީމާ ވެސް އަލުން ކުއްޖަކަށް ވާހިތްވެއެވެ. ޒުވާނަކަށް ވާހިތްވެއެވެ. ކުރިބެލުމަށްވުރެން ބޮޑަށް ފަސްބަލާލާ ހިތްވެއެވެ. ފަސްދީ ދިޔަ، ޒަމާނުގެ އުފާތަކާއި، ހިތާމަތަކާއި، ހަނދާންތަކުގެތެރެއަށް މާ ދާހިތްވެއެވެ. އެގޮތުގެމަތީން އަޅުގަނޑަށް ވެސް މިއަދު މިފެށެނީ ކުޑައިރުގެ ވާހަކައަކުންނެވެ.

އަޅުގަނޑުމެން ކުޑައިރު ކުޅޭކުޅިވަރެކެވެ. ގުނބޯނެއްޓުމޭ ކިޔާ ކުޅިވަރެކެވެ. މިކަން ކުރާގޮތް ދަންނަވައިލާ ހިތްވެއެވެ.

ގުނބޯލަކީ ތޯއެވެ! އެއީ ކުޑަކުޑަ ދިރޭ އެއްޗެކެވެ. ނުވަތަ ދިރޭ އެއްޗެހީގެތެރެއިން ކުޑަކުޑަ އެއްޗެކެވެ. އޭތީގެ ދިރިއުޅުން ހުންނަނީ ހިރަފުހުގެތެރޭގައެވެ. ހިރަފުސް ހުންނަ ތަންތާ، ބިތުބުޑުގައި، ހަރުކޮނެގެން އޭތި އުޅެއެވެ. އެކަހަލަތަނެއް ހާވައިލުމުން ގުނބޯ ފެނިދާނެއެވެ.މި ކަހަލަ ތާކުންގުނބޯލެއް، ނުވަތަ ދެތިން ގުނބޯ ލެއްނަގާ، ދޮލަނގަކަށްވެލިކޮޅެއް އަޅައި، އެ ވެލިކޮޅުގައި ގުނބޯ ބައިނދައިގެން، އޭގެ ވަށައިގެން އިނގިލިކުރިން ރޮނގުއަޅާން ފަށައިފިނަމަ، ވަރަށް ރީތި ނެށުމެއް، އޭތި ނަށައެވެ. ބައެއްފަހަރަށް ކުރިޔަށް ޖެހިލައެވެ. ބައެއްފަހަރަށް ފަހަތަށް ޖެހިލައެވެ. އަރިއަރިއަށްވެސް ޖެހެއެވެ. މިއީ ފޫހިފިލުވުމުގެ ގޮތުން ބައެއް ކުދީން ކުޅޭ ކުޅިވަރެކެވެ. މިކުޅިވަރަށް ގުނބޯ ނެއްޓުމޭ ކިޔައެވެ.

މިކުޅިވަރު ކުޅޭއިރު ކިޔާ ބަންޖެއް އޮވެއެވެ. އެކަހަލަ އެއްޗެއްސަކީ އަޅުގަނޑުމެން ދިވެހީންގެ ތެރޭގައި ގިނަ ފަހަރަށް ލިޔެ ޤަރާރުވެވިފައިވާ އެއްޗެއްސަށް ނުވާތީ، އެކިމީހުން ކިޔައި އުޅޭނީ އެކިގޮތަށެވެ. އަކުރުތަކާއި ފިލިތައް ހިސާބަކަށް ތަފާތު ވެފައި ހުރެއެވެ. ނަމަވެސް މާނައާއި މަޤުޞަދު އޮންނަނީ އެއްގޮތަކަށެވެ.

މިދެންނެވި ބަނދި އަޅުގަނޑަށް ދަސްވެފައި އޮތީ މިގޮތަށެވެ. ”ގުނބޯލޯ! ގުނބޯލޯ! ނަށަން ނަށަން ތެދުވަޅޭ! ފުއްޕިހަކުރު ބޯންތެދުވެ! އާލިބާސް ލާން ތެދުވެ!” ނަށާން ތެދުވާށޭ ބުނާ ބުނުމެކެވެ. މީރު ބުއިމަކާއި، ރީތި ހެދުމެއް ދޭން ބުނާ ބުއިމެކެވެ. މިބުނުން އަހައިގެން ގުނބޯ ނަށައިގަނެއެވެ. ތެޅިފޮށި ނަށަމުން ގެންދެއެވެ.

ހަމަ މިމާނައިގެ މަތީން، އިހުގެ، ޅެންވެރިޔަކު ކިޔުއްވާފައި އޮންނަ ރައިވަރެއްގައި އޮވެއެވެ.

”އޭ ބަލަ ގުނބޯލާ! ށޭނަށާ ނެންޏާ ނަށާ، ދޭންބުނި އާލިބާހާ، ދޭނެޔެ ނުހަކުރެއް ހިލާ، ގޮނިފޫކޮޅު ފާރުވިޔަސް، ހޭދުނިޔޭން ވަކިވިޔަސް”

އާދެ! މިއީ ގުނބޯ ނެއްޓުމާބެހޭ ބަންޖާއި ރައިވަރެވެ. މީގައި، ހިފައިގެން، ތިމާމެންނޫން އެހެން މީހުންނަކީ ގުނބޯތަކެއް ކަމުގައި ހަދައިގެން އުޅޭ ބަޔަކީ، އިސްތިޢުމާރޭ ކިޔުނު ކަންތަކުގެ މީހުންނެވެ.

އިސްތިޢުމާރޭ މިދެންނެވި ބަސް އަޅުގަނޑު ބޭނުން ކުރަނީ އޭގެ އެންމެ ފުޅާ ގޮޅީގެތެރެއަށް ލައިގެންނެވެ. ފިކުރާއި ވިސްނުމާއި އާދަކާދައާއި ޘަޤާފަތާއި މިކަހަލަ ހުރިހާކަމެއްގެ އިސްތިޢުމާރު ހިމެނޭ ގޮތުގައެވެ. މިގޮތުގެ މަތީން ވިސްނުން ހިންގަމުންދާއިރު ވަރަށްބޮޑަށް އަޅުގަނޑު ފާހަގަކުރާ ކަމެއް އޮވެއެވެ. އެއީ ފަހަކަށް އައިސް އަޅުގަނޑުމެންގެ ތެރެއިން ބަޔެއްގެތެރޭގައި އުފެދިގެން އުޅޭ ނެށުމެކެވެ. ދެ ޖިންސުގެ ދެމީހުން އޮޅުލައިގެން ތިބެ ނަށާ ނެށުމެކެވެ. އަޅުގަނޑު ދެކޭގޮތުގައި އެއީ ފުރިހަމަ މާނައިގެ ގުނބޯނެއްޓުމެކެވެ.

ބައެއް މީހުން ބުނާތީ އަހަމެވެ. އެއީ ގުނބޯލެއް ނޫންތޯއެވެ! އުފާލިބިގަތުމެއް ނޫންތޯއެވެ! މިޔްޒިކުގެ ހަމައަށް ހަރަކާތްތެރިވުމެވެ. ކިހައިރީތި ފަންނެއް ތޯއެވެ! ތެދުފުޅެކެވެ. އެއީ އުފަލެކެވެ. ފަންނެކެވެ. ނަމަވެސް ހަމައެކަނި އުފަލަކަށް ވުމުގެ އިތުރަށް، ހަމައެހެންމެ ފަންނަކަށް ވުމުގެ އިތުރަށް، އެއީ ވަރަށް ނުބައި އަދި ވަރަށް ހުތުރު ބޭނުންތަކެއް ފުއްދުން އޭގައި ފޮރުވިފައިވާ ކަމެކެވެ. އެކަމުގެ ހެކި ދެކަމަކުން ލިބެއެވެ. އެއްކަމަކީ ވާހާ ފަނޑު އައްޔެއްގެތެރޭގައި ނަށާން ބޭނުންވާކަމެވެ. އަނެއްކަމަކީ ދެޖިންސު ދެމީހުން އޮޅުލައިގަނެގެން، މެޔާއިމޭ، ބަނޑާއިބަނޑު ޖައްސައިފިއްތައިގެންތިބެ ނަށާން ބޭނުންވާކަމެވެ. މިދެޝަރުޠު އޮތުމާއެކު، އެގޮތަށް ނަށާ ނެށުމުން އެއްވެސް ރަނގަޅު ނަތީޖާއެއް ނުއުފެދޭނެއެވެ. މިނެށުމަށް އަޅުގަނޑުމެން ކިޔާހިތްވާ ނަމަކީ މިއެވެ. ގުނބޯ ނެއްޓުމެވެ.

އާދޭހެވެ! މިދެންނެވި ބާވަތުގެ ނެށުމަކީ، އަޅުގަނޑުމެން މުޅީން ހުއްޓާލަން ވެފައިވާ ކަމެކެވެ. ހުއްޓުވާން ވެފައިވާ ކަމެކެވެ.

____________________________

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
1 Comment
  1. އެނޮނީމަސް

    ކިއުންތެރިއެއް
    ކޮންމެ ބަޔަކަށް ވެސް އެހެން ބައެއްގެ ކަންކަން މިވަނީ ހެއްވާ ކަންކަމަށް. އެހެން ނޫންތޯ؟

    (1)(1)
Leave Comment