އަޙްމަދު ނާފިޢު / ބ.ދަރަވަންދޫ ” ހޭލަނީ ބަލަމުންނެ ވައިބަރު، ރޭނިދީ ކެނޑުމުންނެ ވައިބަރު،  ހޭހުރީ ހުރުމުންނެ ވައިބަރު، ރޭދުވާލު އޮތީ މި ވައިބަރު، މިންޖުވިއްޔާ މީ ކަލާކޯ؟ ކޮންމެހެންވެސް މާތްކަލާކޯ؟ ”  މިއީ ދިވެހި އަދަބީ އުސްތާޛު އާދަމް ނަޞީރު އިބްރާހީމް ހައްދަވާފައިވާ މި ދިވެހި މުޖުތަމަޢަށް ވަރަށް އަގުހުރި މެސެޖުތަކެއް ފޯރުކޮށްދީފައިވާ ލަވައެކެވެ. ތެދެކެވެ. ވައިބަރަކީ ފޯނުން އެކަކު އަނެކަކާއި މުޢާމަލާތު ކުރުމަށް ގެންގުޅޭ ވަސީލަތެކެވެ. މި ވަސީލަތުގެ ބޭނުން ހެޔޮގޮތުގައިި ހިފުމުގެ ބަދަލުގައި…

 އަޙްމަދު ނާފިޢު / ބ.ދަރަވަންދޫ

” ހޭލަނީ ބަލަމުންނެ ވައިބަރު، ރޭނިދީ ކެނޑުމުންނެ ވައިބަރު،  ހޭހުރީ ހުރުމުންނެ ވައިބަރު، ރޭދުވާލު އޮތީ މި ވައިބަރު، މިންޖުވިއްޔާ މީ ކަލާކޯ؟ ކޮންމެހެންވެސް މާތްކަލާކޯ؟ ”  މިއީ ދިވެހި އަދަބީ އުސްތާޛު އާދަމް ނަޞީރު އިބްރާހީމް ހައްދަވާފައިވާ މި ދިވެހި މުޖުތަމަޢަށް ވަރަށް އަގުހުރި މެސެޖުތަކެއް ފޯރުކޮށްދީފައިވާ ލަވައެކެވެ. ތެދެކެވެ. ވައިބަރަކީ ފޯނުން އެކަކު އަނެކަކާއި މުޢާމަލާތު ކުރުމަށް ގެންގުޅޭ ވަސީލަތެކެވެ. މި ވަސީލަތުގެ ބޭނުން ހެޔޮގޮތުގައިި ހިފުމުގެ ބަދަލުގައި ވައިބަރަށް ދެވި ހިފުމުން މުޖުތަމަޢުގައި ދިމާވާ މައްސަލަތައް ވަކި މަދެއް ނޫނެވެ. އެހެންކަމުން މިލިޔުމުގައި ވައިބަރު ދެވި ހިފުމުން މުޖުތަމަޢުގައި ދިމާވާ މިފަދަ ބައެއް މައްސަލަތަކަށް ނަޒަރު ހިންގާލާނަމެވެ.

އިންޓަރނެޓްގައި އެކަކު އަނެކަކަށް މުޢާމަލާތުކުރުމަށް ބޭނުންކުރާ އެންމެ ޢާއްމު ވަސީލަތްތަކަކީ ފޭސްބުކާއި، ވައިބަރު، ޓްވިޓަރ އަދި މިހާރު މަޤްބޫލުކަން ހޯދަމުން އަންނަ ޓެލެގްރާމް އެވެ. މި ހުރިހާ ވަސީީލަތްތަކަކުންވެސް ހިފަނީ ހަމަ އެއް ބޭނުންތަކަކެވެ. ކުރެވެނީވެސް ހަމަ އެއްކަހަލަ ކަންތައްތަކެކެވެ. މިގޮތުން ޢާއްމުންގެ މަޤްބޫލުކަން އެންމެ ފުރިހަމައަށް ހޯދާފައިވާ އެއް ވަސީީލަތަކީ ފޭސްބުކެވެ. ނަމަވެސް މިހާރަކަށް އައިސް އެންމެ ބާރުލާފައި އިވޭ އެއް އަޑަކީ ވައިބަރުގެ ވާހަކަ އެވެ.

އަޅުގަނޑުމެންގެ މ ިދިވެހި މުޖުތަމަޢަށް ބަލައިލާއިރު ފޯނުން ވައިބަރުގައި ޖެހި ދުވާލު ގިނަ ވަގުތުތައް އެކަމަށް ހުސްކޮށްލާ މީހުންވެސް މިއަދު ވަކި މަދެއް ނޫނެވެ. ގިނަފަހަރަށް ވައިބަރުގައި ޖެހި ތިމާ އަދާކުރަން ޖެހޭ ވާޖިބުތަކާއި ޒިންމާތަކުގެ މަތިން ހަނދާނެއް ނުހުރެއެވެ. މިސްކިތަށް ނަމާދަށް އެރިޔަސް ކައިރީގައި ފޯނު އޮވެއެވެ. އަދި ނަމާދުކޮށް ނިމިގެން މިސްކިތްތެރޭގައިވެސް ފޯނުން ވައިބަރަށް ނުވަތަ ފޭސްބުކަށް ވަދެ ނުރަގަނޅު އާދަތައް ކުރަމުންދާ މީހުން މަދުން ނަމަވެސް ފެނެއެވެ. އަދި ހަމަ މިގޮތަށް ދަރިއަކު ބަލިވެގެން ނުވަތަ އަނބިމީހާ ގޮވައިގެން ހޮސްޕިޓަލަކަށް ނުވަތަ ކުލިނިކަކަށް ދިޔައަސް ފެންނަނީ ހަމަ މިފަދަ މަންޒަރުތަކެވެ. މަދަރުސާތަކާއި ކޮލެޖްތަކުގައިވެސް ޓީޗަރު ކިޔަވަމުންދާ ގަޑީގައިވެސް ގިނަ ފަހަރަށް ތިބެވެނީ ވައިބަރު ނުވަތަ ފޭސްބުކަށް ވަދެ ކޮންމެވެސް މީހަކަށް ޗެޓްކޮށްލާށެވެ. ގިނަ ފަހަރަށް ޓީޗަރު ދޭ ފިލާވަޅުތައް ހަނދާންނެތި ގެނައި ފޮތްތައް މޭޒުމައްޗަށް އުކާލައި ގެއަށް ދެވޭ ތަން ފެނެއެވެ. މިހެންވުމުން ކިޔެވުމަށް ދޭންޖެހޭ ސަމާލުކަން ދަރިވަރުންނަށް ނުދެވި ޓީޗަރު ރުޅިދުރުވެގެން އެދަރިވަރަކާމެދު ހިތްހަމަ ނުޖެހޭ ފަހަރުވެސް އާދެއެވެ. ހަމައެހެންމެ ކޮލެޖަށް ނުވަތަ ސްކޫލަށް ހިނގާފައިދާއިރު ފޯނުން ވައިބަރަށް ނުވަތަ ފޭސްބުކަށް ވަދެ ޗެޓްކުރަމުން ދާނަމަ ގިނަފަހަރަށް ދެވެނީ ކޮންދިމާއަކަށްކަން ނޭނގި މަގުއޮޅި އެހެން ދިމާއަކަށް މިސްރާބު ޖެހި، އެކްސިޑެންޓްވެ ފުރާނައަށް ނުރައްކާވެދާ ފަހަރުވެސް އާދެއެވެ. އޭގެ ބަދަލުގައި މިފަދަ މުހިންމު ކަންކަމުގައި މަސްއޫލުވެ އުޅޭއިރު ފޯނުން ފޭސްބުކަށް ނުވަތަ ވައިބަރަށް ވަނުން މަދުކޮށް މިކަމުން މިންޖުވާން ޖެހެއެވެ. ލިބޭ ހުސްވަގުތުތަކުގައާއި އެނޫންވެސް މުހިންމު ކަންކަމުގައި ވައިބަރުގެ ބޭނުން ހިފުން މާރަނގަޅެވެ.

ޔުނިވަރސިޓީތަކުގެ އިތުރުން ބައެއްފަހަރު އަޅުގަނޑުމެން އޮފީހުގެ މަސައްކަތުގެ މާހައުލުގައި އުޅޭއިރު ފޯނުން ވައިބަރަށް ވަދެ ޑިއުޓީގަޑީގެ ބޮޑުބައި ދުއްވާލައިފިނަމަ އޮފީހުގެ މަސައްކަތްތަކަށް ބުރޫ އަރައެވެ. މިސާލަކަށް އޮފީހެއްގެ ކައުންޓަރުގައި ޑިއުޓީގައި އިންނަ ކުއްޖާ  އޮފީހަށް ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ސަމާލުކަން ނުދީ ފޯނުން ވައިބަރަށް ވަދެ އުޅެން ވެއްޖެނަމަ ގިނަ ފަހަރަށް ހެދޭނީ ބޮޑު ގޯހެކެވެ. ދޭންޖެހޭ ޚިދުމަތް ނުދެވި ނުބައި ތަނެއްގައި ސޮއިކުރާ ފަހުން ނުވަތަ ގެނައި ސިޓީ ހަނދާންނެތިގެން ވީދާލެވޭ ފަހުން ޚިދުމަތް ހޯދަން އަންނަ ފަރާތްތަކުން އެޝަކުވާ ކުރުމުން ތިމާގެ ވަޒީފާ ގެއްލުމަކީ ވެސް ހަމަ ވެދާނެ ކަމެކެވެ.

މީގެއިތުރުން ތިމާ ވަޒީފާގައި ބުރަކޮށް އުޅެމުން ފޯނުން ތިމާއަށް ނޭނގި ފޮޓޯއެއް ނެގި އޮޅިގެން ނުދަންނަ މީހަކަށް ވައިބަރު ކޮށްލެވިއްޖެނަމަ ތިމާ ރަކިވެ ސިހިގެން ދެއެވެ. އަދި ތިމާ ކުރާ މަސައްކަތްތަކަށް ބުރޫއަރައި އެ މަސައްކަތް ހުއްޓި ވައިބަރަށް ސަމާލުކަން ދެވެއެވެ. މީގެ ބަދަލުގައި މަސައްކަތްކުރާ ގަޑިތަކުގައި ފޯނުން ވައިބަރަށް ވަނުމުގެ ބަދަލުގައި މުހިންމުކަމެއް ޖެހިގެން ނޫނީ ފޯނުން ވައިބަރަށް ނުވަނުން ރަނގަޅެވެ.

އަމިއްލަ ދިރިއުޅުމުގައިވެސް ކަންތައްތައް ހުރީ ހަމަ މިގޮތަށެވެ. ގޭތެރޭގައި އުޅޭއިރުވެސް ވައިބަރުގައި ޖެހި ގިނަ ފަހަރަށް ދަރިން މަތިން ހަނދާނެތޭ ފަހަރުވެސް އާދެއެވެ. ފޯނުން މީހުންނަށް ލޯބީގެ މެސެޖުތައް ފޮނުވުމާއި މަޖާ ވާހަކަ ދެއްކުމުގައެވެ. ގިނަފަހަރަށް ފިރިމީހާ ގެއަށް އަންނައިރުވެސް ކެޓްލޮގުގައި ހުންނަ މެސެޖުތައ ފޮހެނުލެވެއެވެ. ގޭތެރޭ ދެން ޖެހެނީ ބޮޑު ތޫފާނެކެވެ. ކައިވެނީގެ މަގާމު ހަނދާން ނެތި ދެއެވެ. ވައިބަރުގަ ކަނޑުމަތި އަޅައި ޢާއިލާ ރޫޅެން ދިމާވެއެވެ.

ގޭތެރެއިން ބޭރަށް ނިކުމެ ކެފޭއަކަށް ނުވަތަ ރެސްޓޯރެންޓަކަށް ނަޒަރު ހިންގައިލިޔަސް ފެންނަނީ ހަމަ މި ފަދަ މަންޒަރުތަކެވެ. ތިން ހަތަރު މީހުންވެގެން ކޮފީއަކަށް ދިޔަޔަސް އެކަކު އަނެކަކަށް ވާހަކަ ދައްކާ ހީނސަމާސާ ކުރުމުގެ ބަދަލުގައި ކޮންމެ މީހަކުވެސް އިންނަނީ ފޯނުން ކެޓްލޮގަށް ވަދެ އެހެން މީހަކާ ޗެޓްކުރާށެވެ. ކޮފީއަށް ނުވަތަ ރެސްޓޯރެންޓަށް ދަނީ އާއިލާ ނުވަތަ ރައްޓެހިންނާއި ގުޅުން ބަދަހިކޮށް ވާހަކަ ދައްކާލާށެވެ. ނަމަވެސް މިއަދު މިވަނީ މިކަންވެސް ވައިބަރު ދެވީގައި ޖެހިފައެވެ. މިގޮތަށް މިކަންކަން އާއްމުވެގެންދާނަމަ މާމަ ގޮވައިގެން ކާފަ ރެސްޓޯރެންޓަށް ވަދެ ކާއެއްޗެއްސަށް އޯޑަރު ދިނުމަށްފަހު ކާފަ ފޯނުން ކެޓްލޮގު އަވައިގައި ޖެހި ހަނދާންނެތިގެން މާމަ ރެސްޓޯރެންޓްގައި ބައިންދާފައި ދިއުން ފަދަ ކަންކަން ހިނގުން ގާތެވެ. އަދި ވައިބަރު ދެވި ހިފުމުން ކިރުމައިން ޅަދައިރިންގެ މަތިން ވެސް ހަނދާން ނެތިދާނެއެވެ.

އެހެންކަމުން ކޮންމެ މީހަކުވެސް ބަލަންވީ ފޯނުން ވައިބަރަށް ނުވަތަ ފޭސްބުކަށް ވަނުމުގައި އިންތަކެއްގައި ދެމި ތިބުމަށް މިންތަކެއް ކަނޑައެޅޭތޯއެވެ. މުހިންމު ކަންކަމުގައި އުޅޭއިރު ވައިބަރުގައި އުޅުން އާއްމު ކަމަކަށް ނުވަތަ ދާއިމީ ކަމަކަށް ނުހަދާ ވޭތޯއެވެ. ދާއިމީކޮށް ކުރެވި އާާއްމުކަމަކަށް މިކަން ވެއްޖެނަމަ ވައިބަރު ދެވިހިފުން ގާތެވެ. ވީމާ، މިކަމުން މިންޖުވުމަށް މަސައްކަތް ކުރުން ރަނގަޅެވެ. އޭރުން ތިބާއަށް ދިރިއުޅުމުގައި އެންމެންގެ ލޯތްބާއި އިހުތިރާމް މިހާރަށްވުރެ ބޮޑަށް ލިބިގެންދާނެކަން ކަށަވަރެވެ.

________________________

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
1 Comment
  1. އެނޮނީމަސް

    މި ސައިޓުން އަހުމަދު ނާފިއުގެ ދެ ތިން ލިޔުމެއް ކިޔައި ލެވިއްޖެ. އަޅުގަނޑުގެ ނަސޭހަތެއް އެބަ އޮތް. މިފަދަ ސައިޓެއްގައި ލިޔުއްވުމުގެ ކުރިން އަދި އަމިއްލަފުޅަށް ލިޔުންތެރިކަމުގެ ހުނަރުގެ ތެރެއަށް ވެންނެވުން މުހިންމުކަމުގައި ދެކެން. މިއީ ހަމަ ހެޔޮ ހިތުން ބުނި ބަހެއް.

    (0)(0)
Leave Comment