ފަޟީލަތުލް އުސްތާޛުއް ޝައިޚު މުޙައްމަދު ޖަމީލު ދީދީ (ރަޙިމަހުﷲ) ގެ މި ލިޔުން ނަކަލުކޮށްފައި މިވަނީ، 9 ނޮވެންބަރު 1981 (ހޯމަ) ދުވަހުގެ ”ހަވީރު” ނޫހުންނެވެ. _______________________ ދަސްކޮށްދެއްވަންވީ ކޮންފަރާތަކުން ކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. ދަސްކުރާންވީ ފަރާތް އެނގެއެވެ. އެއީ އަޅުގަނޑުމެންނެވެ. މިހެން ދަންނަވައިލައިފައި ހުއްޓާލަމެވެ. ވަކިފަރާތަކަށް ވަކިބަޔަކަށް ރައްދުކުރެވޭ ބަހަކަށް ވެދާނެތީ ބިރުންނެވެ. އަޅުގަނޑުމެންނަށް ދަސްކޮށްދެއްވަން އަދި އަޅުގަނޑުމެން ދަސްކުރާންވީ ކަމަކީ ކޮބައިތޯއެވެ. އެއްކަމެއް ދެކަމެއް ނޫނެވެ. ހަތްތަރި ހާސް ކަންތަކެވެ. އެހުރިހާކަމެއްގެ ވާހަކަ ”…

ފަޟީލަތުލް އުސްތާޛުއް ޝައިޚު މުޙައްމަދު ޖަމީލު ދީދީ (ރަޙިމަހުﷲ) ގެ މި ލިޔުން ނަކަލުކޮށްފައި މިވަނީ، 9 ނޮވެންބަރު 1981 (ހޯމަ) ދުވަހުގެ ”ހަވީރު” ނޫހުންނެވެ.

_______________________

ދަސްކޮށްދެއްވަންވީ ކޮންފަރާތަކުން ކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. ދަސްކުރާންވީ ފަރާތް އެނގެއެވެ. އެއީ އަޅުގަނޑުމެންނެވެ. މިހެން ދަންނަވައިލައިފައި ހުއްޓާލަމެވެ. ވަކިފަރާތަކަށް ވަކިބަޔަކަށް ރައްދުކުރެވޭ ބަހަކަށް ވެދާނެތީ ބިރުންނެވެ.

އަޅުގަނޑުމެންނަށް ދަސްކޮށްދެއްވަން އަދި އަޅުގަނޑުމެން ދަސްކުރާންވީ ކަމަކީ ކޮބައިތޯއެވެ. އެއްކަމެއް ދެކަމެއް ނޫނެވެ. ހަތްތަރި ހާސް ކަންތަކެވެ. އެހުރިހާކަމެއްގެ ވާހަކަ ” ކިތާބުއްނީލު” ފަދަ ބޮޑު ފޮތެއްގައި ވެސް ނުލިޔެވޭނެކަން ކަށަވަރެވެ. އެހެންކަމާއެކު ދެތިންކަމެއްގެ ވާހަކަ ފާހަގަކޮށްލައި ދަންނަވައިލަމެވެ. މިކަހަލަކަންތައް ފާހަގަކޮށް ލިޔުމުގައި އަޅުގަނޑުގެ ވަރަށް ބޮޑު ބޭނުމެއް އެބައޮތެވެ. އެއީ ކޮންމެވެސް ބަޔަކަށް އެއީ ތެދެކޭ ހީވެގެން ކޮންމެވެސް މިންވަރެއްގެ އިޖާބައެއް ލިބުނެވެ. ވަކިފަރާތަކަށް، ވަކިބަޔަކަށް މަލާމާތެއް ކުޑައިމީސްބަހެއް ރައްދުކުރުމެއް ނޫނެވެ.

އާދޭހެވެ! އަޅުގަނޑުމެންނަށް ދަސްކޮށްދެއްވާން އަދި އަޅުގަނޑުމެން ދަސްކުރާން އޮތް އެއްކަމަކީ ޖާފަތްތަކަށް ގޮސް އުޅޭ އުޅުމުގައި ކަންތައްކުރާންވީ ގޮތެވެ. އުޅޭންވީ ގޮތެވެ. ޖާފަތޭ މިދެންނެވީ އެތައް ބާވަތެއްގެ ޖާފަތް ހިމެނޭ ގޮތަށެވެ. މިހާރު އަޅުގަނޑުމެން ތަފާތު ނަންކިޔާ ތަފާތު ޕާޓީތަކަށް، ޖާފަތޭ ކިއުން އަޅުގަނޑު ދެކެނީ އެންމެ ރަނގަޅުކަމުގައެވެ.

އެފަދަ ތަންތަނަށް ގޮސް އުޅޭއުޅުމުގައި އެކަށީގެން ނުވާގޮތަށް މިހާރަކަށް އައިސް ފެންނަމުން ދަނީ ވަރަށް ބޮޑަށެވެ. ވަރަށް ގިނައިންނެވެ. އެހެންވާންވީ ސަބަބެއް އަޅުގަނޑަކަށް ނޭނގެއެވެ. ބޭރު ތަންތަނަށް ގޮސް ބޭރު ތަންތާ އެކަހަލަ ކަންތައް ހުންނަ ގޮތް ދެކެފައިތިބި މިހާރަކު މަދެއް ނޫނެވެ. އަޅުގަނޑުމެންގެ ތެރޭގައި މިހާރު ވަރަށް ގިނަ އަދަދެއްގެ ބޭރުމީހުން އެބައުޅެއެވެ. އެބައިމީހުންގެ ކުރިމަތީގައި އޮރިޔާން ވުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ވަރަށް ހުތުރު ކަމެކެވެ. ހަމައެކަނި ބޭރުބަހަކުން އެމީހުންނާ އަނގައިން ބުނާން އެނގުނަސް، އަދި ނުފެދެއެވެ.

މިދެންނެވި ކަހަލަ އެއްވުންތަކުގައި އޮންނަ އެންމެ އިސް ބޭނުމެއްކަމުގައި އަޅުގަނޑު ދެކެނީ އެކަކު އަނެކަކަށް ފެނިދެނިވެ ރައްޓެހިވެ އުޅުމެވެ. ހަމައެކަނި އެތަނަކަށް އެއްކުރެވިފައިހުރި ކާތަކެތި ކަހައިލައި ތިމާގެ އުނގަށް އަޅައިލުމެއް ނޫނެވެ. ތައްޔާރުކުރި ފަރާތުގެ ކުށް ހޯދުމެއްވެސް ނޫނެވެ. އެހެންކަމުން.


  • އަނެކުންނަށް އުނދަގޫވާގޮތަށް ގައިގޯޅިވެ ކޮއްޕައި ފިއްތައި އުޅުމަކީ ހުތުރު ކަމެކެވެ.
  • ކާތަކެތި އަޅާފައި ހުންނަ ތަށިތައްޓަށް ދެމީހުން ދޭތެރެއިން އަތްބާނައި ތަކެތި ނެގުމަކީ ވަރަށް ހުތުރު ކަމެކެވެ.
  • އެތިކޮޅު ހުސްކޮށްލާ އުސޫލު އިސްކުރުމަކީ ހުތުރު ކަމެކެވެ.
  • ކާން ހުންނަ ތަކެއްޗާމެދު ފާޑުކިޔައި އުޅުމަކީ ވެސް ހުތުރު ކަމެކެވެ.

މިބާވަތުގެ ކަންތައްތަކާމެދު ސަމާލުވެ، އަބުރުވެރި ބަނިޔާދަން ސިފަޔަކަށް ކަންތައްކުރާން އަޅުގަނޑުމެން ދަސްކުރާން ވެއްޖެއެވެ. ދަސްކޮށްގެން އެގޮތް އާދަ ކުރާން ވެއްޖެއެވެ.

އަޅުގަނޑުމެންނަށް ދަސްކޮށްދެއްވާންވީ، އަދި އަޅުގަނޑުމެން ދަސްކުރާންވީ އަނެއްކަމަކީ ގޭގެއަށް ވަދެ އުޅުމުގެ ގޮތްތަކެވެ.

ތިމާނޫން އެހެން މީހުންގެ ގޭގެއަށް ތިމާ ވަދެއުޅުމުގެ ބޭނުމަކީ ކޮބައިތޯއެވެ. އެކުވެރިކަން ދެމެހެއްޓުމެވެ. އަނެކުންނަށް އުނދަގޫކުރުމެއް ނޫނެވެ. އެހެންކަމުން….


  • ނިދާވަގުތު، ކާވަގުތު ގޭގެއަށް ވަކިކަމެއްނެތި ގޮސް އުޅުމަކީ ރީތި ގޮތެއް ނޫނެވެ.
  • ގޭގެއަށް ވަދެ އުޅުމުގައި، ވަދެގެން، އެދާގޮތަށް ގޮސް އެންމެ އެތެރެއަށް ވަދެ އުޅުމަކީ، ރީތި ގޮތެއް ނޫނެވެ.
  • ލައްޕާފައިހުރި ދޮރެއް ތަޅުނުލައި ހުއްޓަސް އަމިއްލައަށް ހުޅުވައިލައި ވަދެގެން ދިއުމަކީ ރީތިގޮތެއް ނޫނެވެ.

އަޅުގަނޑުމެން ދަސްކުރާން އޮތް އަނެއްކަމަކީ، ބަލިވެއުޅޭ މީހުންނަށް ގޮވައިލާން ދިއުމެވެ. ބަލިވެއުޅޭ މީހަކަށް ގޮވައިލައި ބައްދަލުވާން ދާ މީހުން ފޫހިފިލުވާން އަނގަތަޅާން، ބިޑި ސުއްޓާ ސިނގިރެޓް ބޯން ތިބޭތަނަކީ ބަލިމީހާ އޮތް ކޮޓަރިކަމަށް ވެއްޖެނަމަ ބަލިވެއުޅޭ މީހާއަށް ވަރަށްބޮޑު އުނދަގުލެއް ވެދާނެއެވެ. އެހެންކަމުން ރީތި ގޮތަކީ،


  • ބަލިވެއުޅޭ މީހާއާއި ބައްދަލުކޮށް ހާލުއަހުވާލު އަހައި އަވަސް ޝިފާއަކަށް އެދުމަށްފަހު، އަވަހަށް ”ވަކިވެލުމެވެ.”
  • އަޅުގަނޑުވެސް، އެހެން ބައްދަލުވުމަކަށްޓަކައި ވަކިވެލަމެވެ.

_____________________

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment