އިލާހީ ހިދާޔަތު ބައެއްގެ ކުރިމައްޗަށް ހުށަހަޅާލެވުމުން، އެމީހުން މިހިދާޔަތް ބަލައިގަންނާނޭ ގޮތުގެ މައްޗަށް ބަލައި، މީސްތަކުން ބަހާލެވޭ ބައިތަކުގެ ތެރެއިން، ފުރަތަމަ  ދެބައި، އާދެ، އިލާހީ ހިދާޔަތް ގަބޫލުކުރާ ތަޤުވާވެރި މުއުމިނުންގެ ވާހަކައާއި، އެވާހަކަތައް އިންކާރުކޮށް، އެވާހަކަތަކަށް ފުރަގަސްދޭ މީހުންގެ ވާހަކަ ހިމެނޭ ދެބައި، އަލްބަޤަރާސޫރަތުގެ ފުރަތަމަ ހަތް އާޔަތުގައި ބަޔާންވެ ހިނގައްޖެއެވެ. ދެން އަށްވަނަ އާޔަތުން ފެށިގެން ވިހިވަނަ އާޔަތުގެ ނިޔަލަށް ބަޔާންކުރެވިފައިވަނީ، އެމީހުންގެ ކުރިމައްޗަށް އިލާހީ ހިދާޔަތުގެ ވާހަކަ ހުށަހަޅާލެވުމުން، އެކަން ގަބޫލު ކުރާކަމަށް…

އިލާހީ ހިދާޔަތު ބައެއްގެ ކުރިމައްޗަށް ހުށަހަޅާލެވުމުން، އެމީހުން މިހިދާޔަތް ބަލައިގަންނާނޭ ގޮތުގެ މައްޗަށް ބަލައި، މީސްތަކުން ބަހާލެވޭ ބައިތަކުގެ ތެރެއިން، ފުރަތަމަ  ދެބައި، އާދެ، އިލާހީ ހިދާޔަތް ގަބޫލުކުރާ ތަޤުވާވެރި މުއުމިނުންގެ ވާހަކައާއި، އެވާހަކަތައް އިންކާރުކޮށް، އެވާހަކަތަކަށް ފުރަގަސްދޭ މީހުންގެ ވާހަކަ ހިމެނޭ ދެބައި، އަލްބަޤަރާސޫރަތުގެ ފުރަތަމަ ހަތް އާޔަތުގައި ބަޔާންވެ ހިނގައްޖެއެވެ. ދެން އަށްވަނަ އާޔަތުން ފެށިގެން ވިހިވަނަ އާޔަތުގެ ނިޔަލަށް ބަޔާންކުރެވިފައިވަނީ، އެމީހުންގެ ކުރިމައްޗަށް އިލާހީ ހިދާޔަތުގެ ވާހަކަ ހުށަހަޅާލެވުމުން، އެކަން ގަބޫލު ކުރާކަމަށް އެމީހުންގެ ދުލު ކުރިން ދައުވާކުރި ކަމުގައިވިޔަސް އެމީހުންގެ ހިތުގެ އަޑިން އެކަން ގަބޫލު ނުކުރާ މީހުންގެ ވާހަކައެވެ. ހައްގުގެމަގު ޚިޔާރުކުރުމަށް އެމީހުންގެ ހިތް ނޭދުނުކަމުގައި ވިޔަސް، ހައްގުގެ މަގު އިންކާރުކުރި ކާފިރުން ފަދައިން ފާޅުގޮތެއްގައި އެކަމާ ދެކޮޅު ހެދުމުގެ ޖުރުއަތެއް، އާދެ، ހިތްވަރާއި ކެރުމެއް މިބައިމީހުންގެ ނެތެވެ. އަދި، އެހެންވެ، މިހުށަހަޅާލަން ގަސްދު ކުރާ އާޔަތްތަކުގައި ބަޔާން ކުރެވިފައިވާ ފަދައިން، އެމީހުން ބޭރު ފުށުން ދައްކަމުން އައީ އެމީހުންނަކީ އީމާންވެގެން ތިބި ބައެއް ކަމުގައެވެ. އެމީހުންގެ އެތެރެފުށް އެގޮތާއި މުޅިން ދިމާ އިދިކޮޅުވިޔަސް ވެހެވެ. އިސްލާމީ ތާރީޚުގައި މިބައި މީހުން ފާހަގަ ކުރެވިފައިވަނީ މުނާފިގުންގެ ގޮތުގައެވެ. ދެފުށް ދެގޮތް މީހުންގެ ގޮތުގައެވެ.

ނިފާގުކަމުގެ ބައްޔަކީ ވަކި ޒަމާނަކަށް ނޫނީ ވަކި ތަނަކަށް ޚާއްސަވެގެންވާ ކަމެއް ނޫނެވެ. ހުރިހާ ޒާމާނެއްގައްޔާއި އަދި ހުރިހާ ތަނެއްގައިހެން ފެނި އަދި ފެންނަމުންދާ ކަމެކެވެ. މިއާޔަތްތައް ބާވާލެއްވުނު ދުވަސްވަރު މަދީނާގައިއޮތް މުސްލިމުންގެ ޖަމާއަތުގެ ތެރޭގައިވެސް ނިފާގުކަން އޮތީ ފާޅުވެފައެވެ. އަދި މިއާޔަތްތައް، މަދީނާގެ މުނާފިގުންނަށް ރައްދުވެއެވެ. މިއާޔަތްތައް ވިސްނައި ފަހުމުކޮށްގަތުމަށްޓަކައި މަދީނާގެ މުސްލިމު މުޖުތަމައުގެ ތެރޭގައި ނިފާގުކަން ފާޅުވެގެން ދިޔަގޮތް ދެނެގަތުން މުހިއްމެވެ.

އިސްލާމް ދީން ފާޅުވުމުގެ ކުރިން، މަދީނާގެ އަހުލުވެރިން ނިސްބަތްވަނީ މައިގަނޑު އަރަބި ދެ ގަބީލާ އަކަށެވެ. އައުސު ވަންހައާއި ޚަޒްރަޖު ވަންހަ އަށެވެ. ސަލާމާއި ސަލަވާތް ލެއްވި ކީރިތި ރަސޫލާއަށް ނަސްރު ދެއްވި އަންސާރިއްޔަ ބޭކަލުންގެ ތެރޭގައި އައުސުވަންހައިގެ ބޭކަލުންނާއި އަދި ޚަޒްރަޖު ވަންހައިގެ ބޭކަލުންވެސް ހިމެނެއެވެ. މިބޭކަލުން، ސަލާމާއި ސަލަވާތް ލެއްވި ކީރިތި ރަސޫލާއަށް މަދީނާއަށް ހިޖުރަކުރެއްވުމަށް ދައުވަތު އެރުވިއެވެ. އަދި އެކަލޭގެފާނު އެދައުވަތު ގަބޫލުފުޅު ކުރައްވައި، އެކަލޭގެފާނު މަދީނާއަށް ހިޖުރަކުރެއްވިއެވެ. އަދި މައްކާއިން އެކަލޭގެފާނަށް ތަބާވި އެހެން މުސްލިމުންވެސް މަދީނާއަށް ހިޖުރަކުރިއެވެ.

ސަލާމާއި ސަލަވާތް ލެއްވި ކީރިތި ރަސޫލާ މަދީނާއަށް ހިޖުރަ ކުރެއްވުމަށްފަހު، އެއްމެ ފުރަތަމަ ކުރެއްވި ކަންތައްތަކުގެ ތެރޭގައި މުސްލިމުންނާއި މަދީނާގެ ޣައިރު މުސްލުމުންނާއި ދެމެދު މުއާހަދާ ކުރައްވައި ސުލްހަ ގާއިމު ކުރެއްވިއެވެ. މަދީނާގެ މުސްލިމުންގެ ތެރޭގައި ހިމެނުނީ މައްކާއިން މަދީނާއަށް ހިޖުރަކުރި މުސްލިމުން، އާދެ، މުހާޖިރިއްޔަ މުސްލިމުންނާއި، މަދީނާގެ އަހުލުވެރިންކަމުގައި ހިމެނޭ އަންސާރިއްޔަ މުސްލިމުންނެވެ. މަދީނާގެ ޣައިރު މުސްލިމުންގެ ތެރޭގައި އަރަބި މުޝްރިކުންގެ ގަބީލާތަކާއި އަދި ނަސާރާއިންގެ ގަބީލާތަކާއި އަދި ޔަހޫދީ ގަބީލާތައްވެސް ހިމެނެއެވެ. މިއެއްބަސްވެވުނު މުއާހަދާގައި ކޮންމެ ޖަމާއަތަކަށްވެސް އެޖަމާއަތެއްގެ ދީނީ މިނިވަންކަން ލިބިގެންވާކަމާއި އަދި އެމީހުންގެ ތެރޭގައި ހަމަނުޖެހުން އުފެދިއްޖެނަމަ ކޮންމެ ޖަމާއަތެއްގެ ބަޔަކުވެސް އަމިއްލައަށް އެކަން ހައްލުކުރުމާއި، އެކަން އެމީހުންގެ ތެރޭގައި ހައްލު ނުކުރެވިއްޖެނަމަ، އެކަން ހައްލު ކުރުމަށްޓަކައި ސަލާމާއި ސަލަވާތްލެއްވި ކީރިތި ރަސާލާގެ ކުރިފުޅު މައްޗަށް ހުށަހަޅަން ޖެހޭނޭކަންވެސް ހިމެނެއެވެ. އަދި މީގެ އިތުރުން، އެއްވެސް ބަޔަކު މަދީނާއަށް، ހަމަލާދޭން އަތުވެއްޖެނަމަ މަދީނާގެ ހުރިހާ ޖަމާއަތެއްގެ މީހުންވެސް އެކަތިގަނޑަކަށްވެ އެބަޔަކާއި ކުރިމަތިލައި ހަނގުރާމަ ކުރުންވެސް ހިމެނެއެވެ.   މިމުއާހަދާ  ތާރީޚުގައި މަޝްހޫރުވެފައިވަނީ ‘މަދީނާގެ ގާނޫނު އަސާސީ’ގެ ނަމުންނެވެ. އަދި މީގެ ސަބަބުން، ސަލާމާއި ސަލަވާތްލެއްވި ކީރިތި ރަސޫލާ، މަދީނާގެ ވެރިޔަކަށް ވެވަޑައިގަތެވެ. އަދި އިސްލާމީ ދައުލަތެއްވެސް ގާއިމުވެގެން ދިޔައެވެ.

މުސްލިމުންގެ ތެރޭގައި ނިފާގުގެ ބަލިމަޑުކަން އެއްމެ ފުރަތަމަ ފާޅުވެގެން ދިޔައީ ސަލާމާއި ސަލަވާތް ލެއްވި ކީރިތި ރަސޫލާގެ ޒައާމަތުގެ ދަށުގައި އިސްލާމީ ދައުލަތް ގާއިމުކުރެވުމަށްފަހު އެވެ. ނިފާގު އަލިފާންގަނޑުގެ ހުޅު ރޯވުމަށް މެދުވެރި ކުރުވި ސަބަބަކީ އިސްލާމީ ދައުލަތް ގާއިމު ކުރެވި، މުސްލިމުންނަށް ކާމިޔާބީ ލިބި، މުސްލިމުންގެ ބާރު މަދީނާގައި ވަރުގަދަވާން ފެށުމެވެ. އަދި މިކަމާ ދޭތެރޭ މަދީނާގެ ބައެއް މީސްމީހުން ހިތްހަމަ ނުޖެހުމެވެ.

މަދީނާގައި އިސްލާމީ ދައުލަތެއް ގާއިމު ކުރެވުނު އިރު، އެމީހުން ހިމެނުނީ މަދީނާގައި އެދުވަސްވަރު ދިރިއުޅުނު ޖަމާއަތްތަކުގެ ތެރެއިން އިގުތިސާދީގޮތުން އެންމެ ނިކަމެތި ޖަމާއަތަށެވެ. މުސްލިމުންގެ ބޮޑުބައެއް، އާދެ، މުހާޖިރިއްޔަ ބޭކަލުން، ދިރިއުޅޭނޭ ތަނެއް، ދިރިއުޅޭނޭ ގޮތެއް، ނެތެވެ. މިކަމަށް ވަގުތީ ހައްލެއްގެ ގޮތުން، ސަލާމާއި ސަލަވާތް ލެއްވި ކީރީތި ރަސޫލާ އިޚުވަތުގެ މުއައްސަސާ ގާއިމު ކުރެއްވިއެވެ. މުހާޖިރިއްޔަ ބޭކަލުންނާއި އަންސާރިއްޔަ ބޭކަލުންގެ މެދުގައި އިޚުވަތްތެރިކަން ގާއިމު ކުރެއްވިއެވެ. އަދި މި އިޚުވަތުގެ މުއައްސަސާގެ ދަށުން ކޮންމެ އަންސާރިއްޔަ ބޭކަލަކާއި މުހާޖިރިއްޔަ ބޭކަލެއް ހަވާލުކުރައްވައި އަޚެއްފަދައިން ބައްލަވައި ގެންގުޅުއްވުން ހަމަޖެއްސެވިއެވެ. މިކަމުން، ހިޖުރައިން ފުރަތަމަ އަހަރު މުސްލިމުންގެ އިގުތިސާދީ ހާލަތު އޮތް ދަށުދަރަޖަ ތަސައްވުރު ކޮށްލެވޭނެއެވެ.

ހިޖުރައިން ދެވަނަ އަހަރަށް އެޅި އަދި އެއަހަރުގެ ރަމަޟާން މަހު މައްކާގެ މުޝްރިކުންނާއި ބަދުރު ހަނގުރާމަ ކުރެވި މިހަނގުރާމައިގައި މުސްލިމުންނަށް ކާމިޔާބު ލިބުނެވެ. އަދި މިކާމިޔާބީއާއި ވިދިގެން މުސްލިމުންނަކީވެސް އަރަބީންގެ ތެރޭގައި ބާރެއް ކަމުގައި ބެލެވެން ފެށިއެވެ. މިހިސާބުން ފެށިގެން މަދީނާގެ ބައެއް މީސްމީހުން ހިތްހަމަ ނުޖެހުނެވެ. އެމީހުންގެ ތެރޭގައި އިސް މީހެއްގެ ގޮތުން ހުރީ ޚަޒްރަޖުވަންހައިގެ މީހެއް ކަމަށްވާ އަބްދުﷲ ބިން ސަލޫލު އޭ ކިޔުނު މީހެކެވެ.

އަބްދުﷲ ބިން ސަލޫލަކީ އިސްލާމް ދީން ފާޅުވުމުގެ ކުރިން، މަދީނާގެ ޒައީމުންގެ ތެރޭގައި ހިމެނުނު ޒައީމެކެވެ. އަދި، މަދީނާގެ ވެރިކަން މީނާއާއި ހަވާލުކުރުމަށް، މަދީނާގެ އަހުލުވެރިން އެއިރު އޮތީ ނިންމާފައެވެ. ނަމަވެސް، އިސްލާމް ދީން ފާޅުވެ، މަދީނާގައި އިސްލާމް ދީން ފެތުރި، އަދި ސަލާމާއި ސަލަވާތް ލެއްވި ކީރިތި ރަސޫލާ މަދީނާއަށް ހިޖުރަ ކުރައްވައި އެކަލޭގެފާނުގެ ޒައާމަތުގެ ދަށުގައި އިސްލާމީ ދައުލަތެއް ގާއިމު ކުރެވުމުން، އަބްދުﷲބިން ސަލޫލަށް ލިބެން އޮތް ވެރިކަން ގެއްލިގެން ދިޔައީއެވެ. އަދި، ބަދުރު ހަނގުރާމާއިގައި މުސްލިމުންނަށް ކާމިޔާބު ލިބުމާއި ގުޅިގެން މީނާއަށް އެނގި ވިސްނުނީ މުސްލިމުންގެ ބާރު އެހާ ފަސޭހައިން ނެތިގެން ނުދާނޭ ކަމެވެ. އެހެންވެ، ހިތުގެ ނުރުހުމާއެކުވެސް އޭނާ އިސްލާމްވެ، ބޭރުފުށުން މުސްލިމެއްގެ ގޮތުގައި އުޅެންފެށީއެވެ. އަދި، މީނާއަށް ތާއީދު ކުރާ ބައަކުވެސް މިގޮތުގައި އުޅެން ފެށިއެވެ. އަދި، މުސްލިމުންގެ ގޮތުގައި ތިބެ މުސްލިމުންނަށް ގެއްލުން ދިނުމަށް މިމުނާފިގުންގެ ޖަމާއަތުން ކަންތައްތައް ކުރަމުން ގެންދިޔައެވެ. މިމީހުންގެ ގެއްލުން ދިނުން އެންމެ ފާޅުގޮތެއްގައި ފެނިގެން ދިޔަ އެއްދުވަހަކީ އުހުދު ހަނގުރާމާއިގެ ދުވަހުއެވެ. އަބްދުﷲ ބިން ސަލޫލާއި އޭނާގެ ޖަމާއަތުގައި ހިމެނުނު 250ވަރަކަށް މީހުން، މުސްލިމުންގެ ލަޝްކަރުން ވަކިވެގެން ދިޔައެވެ. މައްކާގެ މުޝްރިކުންގެ ފަރާތުން މަދީނާއަށް ނުރައްކާތެރިކަން ކުރިމަތިވެފައިވަނިކޮށް، އެމީހުންނާ ހަނގުރާމަކުރުމަށް އުޒުރުވެރިވެ، އެކަމުން ރެކިގަންނަމުންނެވެ. ކޮންމެ އަކަސް އަލްބަގަރާ ސޫރަތުގެ 13ވަނަ އާޔަތުން ފެށިގެން 20ވަނަ އާޔަތުގެ ނިޔަލަށް އައިސްފައި ވާހަކަތައް އެންމެ ފުރަތަމަ ނިސްބަތްވަނީ މަދީނާގައި އުޅުނު އަބްދުﷲ ބިން ސަލޫލުގެ މުނާފިގު ޖަމާއަތުގެ މީހުންނަށެވެ.

މުނާފިގުންގެ ވާހަކަ ބަޔާންކޮށްދޭ މިބައިގައި ހިމެނޭ ތޭރަ އާޔަތުގައި ތިން ނުކުތާއެއް ފާހަގަ ކުރެވިފައިވެއެވެ. އެންމެ ފުރަތަމަ، އަށްވަނަ އާޔަތުން ފެށިގެން ދިހަވަނަ އާޔަތުގެ ނިޔަލަށް، އެމީހުންގެ ހާލަތު ބަޔާން ކޮށްދެވިފައިވެއެވެ. ދެން އެގާރަވަނަ އާޔަތުން ފެށިގެން ސޯޅަ ވަނަ އާޔަތުގެ ނިޔަލަށް އެމީހުންގެ ބައެއް ސިފަތައް ނަންގަނެވިފައިވެއެވެ. އަދި އެއަށްފަހު، ސަތާރަ ވަނަ އާޔަތުން ފެށިގެން ވިހިވަނަ އާޔަތުގެ ނިޔަލަށް އެމީހުންގެ ހާލަތު އިތުރަށް ސާފުކޮށްދިނުމުގެ ގޮތުން ދެމިސާލެއް ގެނެސް ދެވިފައިވެއެވެ. ދެން މިއާޔަތްތަކުގެ މާނައަށާއި އޭގެ ތަފްސީރުގެ މައްޗަށް ބަލައިލަމާތޯއެވެ. އެންމެ ފުރަތަމަ އަށްވަނަ އާޔަތުން ފެށިގެން ދިހަވަނަ އާޔަތުގެ ނިޔަލަށެވެ.

8   ومن الناس من يقول آمنا بالله وباليوم الآخر وما هم بمؤمنين

އަދި މީސްތަކުންގެ ތެރޭގައި ތިމަންމެން މިތިބީ (މާތް)ﷲއަށާއި އާޚިރަތް ދުވަހަށް އީމާންވެގެންނޭ (ދުލުކުރިން) ބުނެއުޅޭ ބަޔަކުވެސް އުޅެއެވެ. އެމީހުންނަކީ (ފަހަރެއްގައި ވެސް) އީމާންވެގެންވާ (މީހުންގެ ތެރޭގައި ހިމެނޭ) ބައެއް ނޫނެވެ.

9   يخادعون الله والذي آمنوا وما يخدعون إلا أنفسهم وما يشعرون

(އެމީހުން ހިތުން)، އެމީހުން، (މާތް) ﷲއަށާއި އަދި އީމާންވީ މީހުންނަށް (އެމީހުންގެ ހަގީގަތް ފޮރުވައި) އޮޅުވާލަނީ އެވެ. (ނަމަވެސް) އެމީހުން، އެމީހުންގެ އަމިއްލަ ނަފްސު ނޫންބަޔަކަށް (މި ކަމެއް) އޮޅުވައެއް ނުލެވެއެވެ. އަދި (އެއްމެ ކުޑަވެގެން، މިކަން އޮޅުވާ ނުލެވޭކަން) އެމީހުންނަކަށް ނުވެސް އެނގޭ މެއެވެ.

10  في قلوبهم مرض فزادهم الله مرضا ولهم عذاب أليم بما كانوا يكذبون

އެމީހުންގެ ހިތްތަކުގައި ބަލިމަޑުކަމެއް ވެއެވެ. އަދި، (މާތް)ﷲ، އެމީހުންގެ ބަލިމަޑުކަން އިތުރު(ވާނޭ ގޮތް މެދުވެރި) ކުރެއްވިއެވެ. އަދި، އެމީހުން އެކަންކަން ދޮގުކޮށް އުޅުނު އުޅުމުގެ ސަބަބުން، އެމީހުންނަށް، ވޭން ދެނިވި އަޒާބެއް(އާޚިރަތް ދުވަހުން ލިބޭ) ހުއްޓެވެ.

_____________________


 

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment